އަދަދު 1
3

ބޭރުގައި އުޅެފައި ޝިނާނަށް ގެއަށް އާދެވުނުއިރު ހުރީ މެންދުރުން އަނބުރާ އެކެއް ޖަހާ ބޮޑުވެފަ އެވެ. މިހާރު ޝިމްލާ އިންނާނީ އޭނާގެ އިންތިޒާރުގަ އެވެ. "ޒިންދަގީ ރެސްޓޯރެންޓު"ގެ މަތީ ފަންގި ފިލާގަ އެވެ. ޝިނާނު އައި މަގުމަތީގައި ޝިމްލާއަށް ގުޅާފައި އެތަނަށް ދިޔުމަށް ވަނީ އެދިފަ އެވެ. ޝިނާން ގެއަށް އައީ ހަމަ އެންމެ ބޭނުމަކު އެވެ. އެއްޗެހި ބަދަލުކޮށްލާށެވެ. ކުޑަކޮށް ތާޒާ ވެލާށެވެ. މިއަދު މާބުރަކޮށް އުޅެން ޖެހުނު ދުވަހަކަށް ވާތީ އެވެ. ޝިމްލާގެ ވެޑިން ޑްރެސްއާއި ޕާޓީގެ ދަޢުވަތު ކާޑު ހެދުމުގެ މަސައްކަތުގައި އަވަދިނެތި އުޅެން ޖެހުމުންނެވެ.
ޖީބުން ތަޅުދަނޑި ނަގާ ތަޅަށް ޖަހައިލުމަށްފަހު އަނބުރައިލި އެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ގޭތެރެއަށް ސީދާކޮށްލެވުނު ފުރަތަމަ ނަޒަރާއެކު ޝިނާނަށް ލިބުނީ ކުއްލި ސިހުމެކެވެ. ދެލޯ ބޮޑުވި އެވެ. މޭ ތެޅިގަތެވެ. ފިޔަވަޅަށް ހުއްޓުން އެރި އެވެ. ކަޅި ހުއްޓުނެވެ. މޭޒުމަތީގައި އޮތް ކަރުދާސްގަނޑާ ދިމާއަށެވެ. އެއީ ހަމަ އޭގެ ކަރުދާހެކެވެ. އެ ކުލައެވެ. އެ ވައްތަރެވެ. އެއްވެސް ތަފާތެއް ނެތެވެ. 
އެ ކަރުދާސްގަނޑަށް ބަލަން އެތައް އިރަކު ޝިނާނަށް ހުރެވުނެވެ. އޭނާގެ ދެފަޔަށް މަޑުމަޑު ހަރާކާތެއް އަތުވެއްޖެ އެވެ. ކުރިއަށް ފިޔަވަޅެއް އެޅިއްޖެ އެވެ. ތެޅި ތެޅި އޮތް ހިތާއެކު ގޮސް އެކަރުދާސްގަނޑު ނެގި އެވެ. ކަރުދާސްގަނޑު އޮތީ ތިންފަށަށް ފަތް ޖަހާލާފަ އެވެ. އެއީ މީގެކުރިން ފެނުނު އެފަދަ ކަރުދާސްތައް ވެސް ހުރިގޮތެވެ. ޝިނާން މަޑުމަޑުން އެކަރުދާސްގަނޑު ނިއުޅައިލި އެވެ. ފެނުނީ ހަމަ ކުރީގެ ވެސް ލިޔުމެވެ. އެ ރަތް ދެއްޔެވެ. ލިޔެފައިވާ ތިންފޮޅުވަތް ކިޔައިލެވުނުއިރު، އޭނާ ވަނީ ދާހިއްލާ ފޯވެފައެވެ. ބިމުގައި ދެފައި ހަރުލަނީވެސް ކިރިޔާ އެވެ. 
ޝިނާން ހުރީ އަދިވެސް އެކަރުދާސްގަނޑަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާގެ ދެއަތް ތުރުތުރުއަޅަމުން ދިޔަ މިންވަރު އޭނާއަކަށް އިހުސާސް ކުރެވޭހެނެއް ހިއެއް ނުވެއެވެ. އޭރު އޭނާގެ ކުރިމަތީގައި ސިފަވަމުން، ކުލަޖެހެމުން ދިޔައީ އޭނާގެ މާޒީއާ ގުޅިފައިވާ ހިތި، ހަނދާންތަކެވެ. އެތައް ހާސް އަހަރަކު ދުނިޔޭގައި ހުންނަން ޖެހުނަސް ހަނދާނުން ފޮހެވިގެން ނުދާނެ ބިރުވެރި މަންޒަރުތަކެވެ. 
ފާއިތުވި ދެއަހަރެއްހާ ދުވަހަކީ ޝިނާންގެ ހަޔާތް އެފުށް މިފުށަށް ޖަހައިލި ދެއަހަރެއްހާ ދުވަހެވެ. އޭރު އޭނާ އަކީ ބޯ ފިކުރެއް، ޚިޔާލެއް ނެތި ، ތަނަވަސްކަމާއެކު އުފަލުގައި އުޅެމުން އައިސްފައިވާ ޒުވާނެކެވެ. ރަނގަޅު ނަތީޖާއަކާއެކު ސްކޫލް ނިންމާލުމަށްފަހު، ޝިނާން އޮފީހަކަށް ވަނީ ފަހަރެއްގައިވެސް ފައިސާގެ ދަތިކަން އިޙުސާސް ކުރެވޭތީއެއް ނޫނެވެ. ހަރުދަނާ ދިރިއުޅުމެއް އުޅެވޭނީ އަމިއްލައަށް މަސައްކަތް ކޮށްގެންކަން ވިސްނިފައި ވާތީ އެވެ. 
ޝިނާން ވަޒީފާ އަދާކުރަނީ ސަރުކާރުގެ ޒިންމާ ބޮޑު އޮފީހެއްގަ އެވެ. އޭނާއަށް ބައްޕަގެ ވިޔަފާރީގެ ތެރޭގައި ވެސް އުޅެވެން އޮތެވެ. އެހެނަސް އޭނާގެ ޚިޔާލާއި ފިކުރު ހުރީ ޢާންމު ވިސްނުމާ އެއްގޮތަކަށް ނޫނެވެ. މައިން ބަފައިންގެ މުދާވެރިކަމުގެ ތެރެއަށްވަދެ އެއިން ނަފާ ހޯދާ ޚިޔާލެއް އޭނާގެ ކިބަޔަކު ނެތެވެ. އޭނާ ބޭނުންވަނީ އަމިއްލައަށް މަސައްކަތް ކުރާށެވެ. އަމިއްލަ މަސައްކަތުން ފައިސާ އެއްކޮށްގެން މުއްސަންޖަކަށް ވާށެވެ. ބައްޕަގެ ނުރުހުމާއެކުގައި ނަމަވެސް އޭނާ ވަޒީފާ އަކަށް ވަން ސަބަބަކީ އެއީ އެވެ.
އެއީ ޝިނާން އޮފީހަށް ދާންފެށިތާ ބަރާބަރު ތިންމަސް ފުރުނު ދުވަހެވެ. އެހެނަސް އެދުވަސް ޝިނާނަށް ޚާއްސަވީ ކޮންމެހެން އެކަމާ ގުޅިގެނެއް ނޫނެވެ. އެއަށްވުރެ މާ ޚާއްޞަ ސަބަބަކާ ހުރެއެވެ. އޮފީހަށް ދިޔަ މަގުމަތީގައި ދިމާވި ކަމަކާ ގުޅިގެންނެވެ. އެއީ އެކްސިޑެންޓެކެވެ. އެހެނަސް ތަފާތު އެކްސިޑެންޓެކެވެ. މަގުމަތީގައި މި ހިނގާ ކަހަލަ ބިރުވެރި، ނުރައްކާތެރި އެކްސިޑެންޓެއް ނޫނެވެ. ޝިނާން އައީ ސައިކަލްގަ އެވެ. ދުއްވާފައި އައީ ހުއްދަކުރެވިފައިވާ ފަޅިންނެވެ. މާ ބާރު ދުވެއްޔެއްގައެއްވެސް ނޫނެވެ. 
އައި ނައި ދިމާއެއް ނޭނގި ފެނުނީ ކުއްލިއަކަށް އައިސް ކުރިމައްޗަށް އެރިތަނެވެ. ހެސްކިޔާފައި ދެ ބުރަތްކަށް އެއްފަހަރާ ފިތާލެވުނުކަން އެއީ އެ ދުވަހުގެ ނަޞީބެވެ. އެހެންނޫންނަމަ އެއްވެސް ޝައްކެތް ނެތެވެ. އެ ފަރި ލޫޅާފަތި ހަށިގަނޑު އޮންނާނީ ޝިނާންގެ ސައިކަލުގެ އަނިޔާވެރި ފުރޮޅުތަކުގެ ދަށުވެ ޒަޚަމްވެފަ އެވެ. އޭނާ ހުރީ ރަކިވެފަ އެވެ. ލަދުން އެ ދޮން މޫނު ވަނީ ރަތްވެފަ އެވެ. އަމިއްލަ ކުށް ގަބޫލުކުރީ އެއްވެސް ޝަކުވާއެއް ނެތި އެވެ. ދެން އެހެން ނޫނަސް ކުރެވޭނީ ވެސް ކޮން ޝަކުވާއެއް ހެއްޔެވެ؟ 
"ސޮރީ." އޭނާ ހުރީ ދެއަތް ދެއަތާ ފިތަފިތަ އެވެ. މަގުހިނގާ މީހުންގެ ކަޅިތަކުން އޭނާގެ އެ ފަރި ހަށިގަނޑު ތޮރުފަމުން ގެންދާ ކަހަލަ އެވެ.
"އިޓްސް އޯކޭ." މައާފަށް އެދުނުކަން އެއީ އޭނާގެ ކިބައިގައި ހުރި މާތް ސިފައެއްކަމަށް ޝިނާނަށް ޖެހުނީ ގަބޫލުކުރާށެވެ. 
އެއީ އުމުރުން ސޯޅަ ސަތާރަ ވަރަކަށް އަހަރުގެ ކުއްޖެކެވެ. ބޮޑުވަރަކަށް ވެސް ވާނީ އަށާރަވަރަކަށް އަހަރެވެ. ނަން އަހާ ނުލެވުނު މޮޔަ ފަހުން ހީވި އެވެ. އެހެންނަމަވެސް މަގުމެދުން ބައްދަލުވި ބައްދަލުވުން އެދުވަހު ނިމިގެން ދިޔައީ ޝިނާނުގެ އަރުގައި އުފާވެރިކަމުގެ ފޮނި ރަހަ ކިތަންމެ ރަނގަޅަކަށް ވެސް ލައްވާލާފަ އެވެ. ޝިނާނަށް ލިބިފައިވަނީ އަޖައިބެއްފަދަ އުފަލެކެވެ. ހީވީ އެތައް ޒަމާނެއް ވާނަދެން ކުރަން ހިތު އަޅައިގެން އުޅުނު ކަމެއް ހާސިލުވިހެންނެވެ. 
ޖެހިގެން އައި ދުވަހު ޝިނާނަށް އޭނާ ފެނުނީ ގޭ ދޮރުމަތީގައި ހުއްޓައެވެ. ޝިނާން ފެނުމާއެކު އޭނާ ހިނިތުންވެލި އެވެ. އަތް ހޫރައިލި އެވެ. ހީވީ މާކުރިން އެކަމަށް ތައްޔާރުވެގެން ނިކުމެ ހުރިހެންނެވެ. ޝިނާނަށް ލިބުނީ ވަރަށް ބޮޑު އުފަލެކެވެ. ވަގުތުން ސައިކަލުގެ ދެބުރެތްކަށް އެއްފަހަރާ ހިފައިލެވުނެވެ. ސައިކަލު މަގުމަތީގައި ތަތްވި ކަހަލައެވެ. އޭރު އެކުއްޖާއާ ޝިނާނާ ދެމެދުގައި ހައެއްކަ ފޫޓުވެސް ނުހުންނާނެ އެވެ. 
ސައިކަލު މަޑުކޮށްލުމާއެކު އެކުއްޖާ ޝިނާނު ގާތަށް އަތުވެއްޖެ އެވެ. ހީވަނީ އެއްޗެއް ބުނަން ބޭނުންވީހެންނެވެ. 
"ކުރީދުވަހު ދިމާވި ކަންތަކާ އަދިވެސް އަހަރެން ވަރަށް ދެރަވެ ހިތާމަކުރަން. އެއީ އަހަރެން ގަސްދުގައި ކުރިކަމެއް ނޫން!" އަންހެން ކުއްޖާ ދެރަވެފައި ހުރެ ބުންޏެވެ.
"ދެން އެކަމާ އަޅާނުލާ! ކިހިނެއް ހާލު؟" ޝިނާން ބޭނުންވީ އެހެން މަޢުޟޫއަކަށް ވަންނާށެވެ.
"ރަނގަޅު! ތީނަގެ ހާލު ކިހިނެއް؟"
"ތީނައޭ؟" ޝިނާނު ގާތަށް އައީ ލާނެއް ހިންޏެކެވެ.
"ކީއްވެ ތިހެނީ؟" އަންހެން ކުއްޖާ ރަކިވާގޮތްވި އެވެ. 
"ކަމެއް ނުވޭ! ތީނައޭ ބުނީމަ ހަމަ ހިނިއައީ. އެނގޭތަ؟ "ތީނަ" އެއީ ދިވެހިބަހުގައި އޮންނަ ލަފުޒެއް ނޫނޭ!"
"އެކަމަކު ކަލޭ ކިޔަން އަހަރެން ވަރަށް ފޫހިވޭ!" 
"އެހެންވީރު ނަމުން ކިޔާ! އަހަންނަށް ކިޔަނީ ޝިނާން." ޝިނާން ސަލާމަށް އަތް ދިއްކޮށްލި އެވެ. "ކޮންނަމެއް ކިޔަނީ؟"
"ޝިމްލާ!" ޝިމްލާ ހިނިތުން ވެލަމުން ޝިނާނާ ސަލާން ކޮށްލި އެވެ. 
"ވަރަށް ގާތް ރަޙުމަތްތެރިއަކަށް ޝިމްލާ ހަދަން އަހަރެން ބޭނުން." 
"ތިހެން ހަދައިދީފިއްޔާ ވަރަށް އުފާވާނެ" ޝިމްލާ ހިނިތުންވެލި އެވެ. އެވަގުތު އެ ހިނިތުންވުމުގައި ހުރި ޖާދޫގެ ބާރުން ޝިނާނުގެ އެތެރެ ހައްޓަށް ލޮޅުންއެރި އެވެ. ނާރުތަކަށް ބާރު ކުރި އެވެ. ލޭގެ ހިނގުމަށް ބަދަލުގެނުވި އެވެ.
އެދުވަހަށްފަހު ޝިމްލާއާއި ޝިނާނަކީ ގާތް ދެ އެކުވެރިންނެވެ. އެހެނަސް މި އެކުވެރިކަން އެގޮތުގައި ދެމި އޮތީ ކުޑަ ދުވަސްކޮޅަކު އެވެ. އެގުޅުން މުޅިން އެހެން ދިމާއަކަށް މިސްރާބުޖަހައިފި އެވެ. އެއީ އެންމެ ފުރަތަމަ ދުވަހުވެސް ޝިނާނު ބޭނުންވި ގޮތެވެ. އޭނާ ބޭނުންވަނީ ޝިމްލާ ގޮވައިގެން ލޯބީގެ މަގުގައި ދަތުރު ކުރާށެވެ. ލޯބީގެ ލިސްޓުގައި އެ ދެނަން ހިމަނާށެވެ. ދެތިން ހަފުތާތެރޭގައި އޭނާ އެކަން ކާމިޔާބުކޮށްފި އެވެ. ޝިމްލާގެވެސް ރުހުމާއެކުގަ އެވެ.
ޝިނާނާއި ޝިމްލާގެ ގުޅުމަށް ޝިނާންގެ މައިން ބަފައިންގެ ރުހުން ލިބުނީ ކުޑަވެސް ދެކޮޅުވެރިކަމެއް ނެތި އެވެ. ޝިމްލާގެ ކިބައިން ފެންނަމުން ދިޔަ ރިތި މާތް ސިފަތައް އެ ދެމަފިރިންގެ ހިތް ފަތަޙަކުރީ އެއްވެސް ހުރަހަކާ ނުލައެވެ. އެހެންކަމުން ޝިނާންމެންގެއަކީ ޝިމްލާގެ ވެސް ގެ ކަމުގައި ވެގެން ހިނގައްޖެ އެވެ. އޭނާ އެގެއަށް އަންނާކަށް، އެނބުރި ދާކަށް ވަކި ދުވަހެއް، ވަކި ވަގުތެއް ނޯވެ އެވެ. ޝިނާން އުޅުނަސް ނޫޅުނަސް ވެހެވެ. ޝިނާންގެ މަންމައާއެކު އޭނާ ވަގުތުތައް ހޭދަކުރަނީ އަމިއްލަ މަންމަ ކަމުގައި ދެކިގެންނެވެ. މަސައްކަތުގައި ބައިވެރިވަނީ އޭނާގެ އަމިއްލަ މަސައްކަތް ކަމުގައި ދެކިގެންނެވެ.

ކޮމެންޓް 0