0

އަތުގައި އޮތް ފައިލު ގެނެސް މޭގައި ޖައްސާ ބާރުކޮށްލުމަށްފަހު މަލްސާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ތުންފަތުގައި ކުރަހާލި ހިނިތުންވުމާއެކު މިސްރާބު ޖެހީ ކެބިންއާއި ދިމާއަށެވެ. އޭރު އޭނަގެ ހިތުގެ ތެޅުން އިންތިހާއަށް އަވަސްވެފައި ވެއެވެ. އަދި ނޭވާގެ ހިނގުން ވެސް މެއެވެ. އަތްފައި ވަނީ ފިނިވެފައެވެ. ލިބިފައިވާ ނުތަނަވަސްކަން މޫނުމަތިން ފޮރުވަން މަލްސާ މަސައްކަތްކުރިއެވެ. އޭނަ ހިނިތުންވަމުން ދިޔައީ ހާސްކަމުގެ އިހުސާސްތައް ސިއްރުކުރުމުގެ ނިޔަތުގައެވެ.

ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު އޭނަގެ ހުވަފެންތަކުގެ ރާޖާއާއި ބައްދަލުވުމަށް ކުރެވެމުން ދިޔަ އިންތިޒާރަށް ނިމުން އަންނަމުން ދިޔައެވެ. އިންޓަވިއުއަށް ވުރެން ބޮޑަށް މަލްސާއަށް ނުތަނަވަސްކަން ލިބެނީ އެސަބަބާ ހުރެއެވެ. މީގެ ކުރިން އޭނައަށް އަޝްކާން ފެނިފައިވަނީ ހަމައެކަނި ނޫސްތަކުގައި ޖަހާފައި ހުންނަ ފޮޓޯތަކާއި ޓީވީން ދައްކާފައިވާ ޚާއްސަ އިންޓަވިއު ތަކުންނެވެ. އޭރުއްސުރެން އޭނަގެ ހިތުން އަޝްކާންއަށް ވަނީ ހާއްސަ މަގާމެއް ދެވިފައެވެ. ބައްދަލުވުމަކަށް އެދި އެހިތް ވީ ބޭޤަރާރުކަމެއްގެ ތެރޭގައެވެ. މިއަދު އެފުރުސަތު ލިބިފައިވާ ހިނދު އޭނަގެ ހިތްވަނީ ނޭގޭ އިހުސާސްތަކެއްގެ ތެރޭގައި ބަނދެވިފައެވެ. ނަފުސު ވަނީ ބަޔާންކުރަން ދަތި ނުތަވަސްކަމެއްގެ ތެރޭގައި ހައްޔަރުވެފައެވެ.

މަލްސާ އައިސް ކެބިންގެ ދޮރާއި އަރާހަމަވުމާއެކު ކެބިންގެ ދޮރުގައި ވިވިއަން ޓަކިދިނެވެ. އެއަށްފަހު ކެބިންގެ ދޮރު ހުޅުވާލުމަށްފަހު ވިވިއަން އެތެރެއަށް ވަނެވެ. އަދި އެއްއަތުން ދޮރުގައި ހިފަހައްޓާލަމުން އަނެއް އަތުން މަލްސާ ގާތު އެތެރެއަށް ވަނުމަށް އަތުގެ އިޝާރާތުން ބުނެލީ ހިނިތުންވުމަކާއެކުގައެވެ.

ވިވިއަންއާއި ބަދަލުކޮށްލި ނަޒަރާއެކު އެތެރެއަށް ވަނުމަށް މަލްސާ ފިޔަވަޅުތަކެއް އަޅާލިއެވެ. އަދި އިހުނަށްވުރެން އޭނަގެ އަތުގައި އޮތް ފައިލު ގެނެސް މެޔާލާ ބޮނޑިކޮށްލެވުނެވެ. އޭރު ހިތުގެ ތެޅުން އަވަސްވަމުން ދިޔަ ކަން މަލްސާއަށް އިހުސާސް ކުރެވެމުން ދިޔައެވެ. ހިތުގެ ތެޅުމާއެކު ނޭވާ ކުރުވާން ފެށިއެވެ.

ކެބިންއަށް ވަދެވުމާއެކު މަލްސާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ޒަމާނީ ފެންވަރަށް ހަދާފައިވާ ކެބިންގައި ހުރި އޮފުއަރަމުން ދިޔަ މުށިކުލައިގެ ބޮޑު ރޯޒްވުޑް މޭޒުގެ ފަހަތުގައި އިން އަޝްކާންގެ ތޫނު ނަޒަރު އޭނައަށް އަމާޒުވުމާއެކުގައެވެ. އެވަގުތު އެތެރެއަށް ލާން އުޅުނު ނޭވާވެސް ނޭވާހޮޅީގެ ތެރޭގައި ތާށިވެގެން ދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ. ވަށައިގެންވި ހުރިހާ މަންޒަރުތަކެއް ފުސްވެ އޭނައަށް ފެންނަން ފެށީ ހަމައެކަނި އަޝްކާންއެވެ. އާގަމައަރާފައި ހުރެވުނެވެ.

މަލްސާގެ ފުރިހަމަ ސަމާލުކަން ހުއްޓިފައިވަނީ ހަމައެކަނި އަޝްކާން އަށެވެ. އެހާ ގާތުން އެފިރިހެންވަންތަ ސޫރަ ފެނުމުން މެޔަށް ފިނިވެގެން ދިޔައެވެ. ކަޅުކަން ގަދަ ބޯ ބުމައިން ދިރުން ގެނެސްދީފައިވާ ތޫނުފިލި ދެލޮލުގައިވަނީ ސިހުރެކެވެ. ފުންކަނޑެއް ފަދަ އެދެލޮލުގެ ތެރެއަށް ގެނބިގެންދާން މަލްސާ ބޭނުން ވިއެވެ. އޭނައަށް ފެނިފައިވާ ފޮޓޯތަކުން އަޝްކާންގެ ފިރިހެންވަންތަކަމާއި ފުރިހަމަކަށް އިންސާފެއް ނުގެނެސްދެޔޭ މަލްސާގެ ހިތަށް އެރިއެވެ. ޗޮކުލެޓްކުލައިގެ އެގްޒެކެޓިވް ގޮނޑީގައި އިން ގޮތާއި، ލައިގެން ހުރި ކަޅުކުލައިގެ ސޫޓްގެ ސަބަބުން އަޝްކާންގެ ޝަހުސިއްޔަތާއި ހައިބަތު އެތައް ގުނައަކަށް އިތުރުކޮށްދެއެވެ. އޭނަ ކިޔާފައިވާ ޚިޔާލީ ވާހަކަތަކުން މަންޒަރެއް ނިއުޅިގެން އައިސް ލޯކުރިމަތިން ސިފަވަމުން ދިޔަ ކަހަލައެވެ. ހުވަފެނީ ދުނިޔެއެއްގައި އުޅެވޭހެން ހީވަނީ ވެސް އެސަބަބާ ހުރެއެވެ.

ހަމަހޭވެރިކަން ވެގެން ދިޔައީ ވިވިއަން އައިސް މަލްސާ ގާތަށް ހުއްޓިލުމަށްފަހު ގޮވާލުމުންނެވެ. އެއާއެކު ފީނެމުން ދިޔަ ހުވަފެނުގެ ޢާލަމުން ނިކުމެ ހަޤީޤަތާ ކުރިމަތިލާން ޖެހުނެވެ. އެއާއެކު މަލްސާ ލަދު ގަންނަ ގޮތް ވިއެވެ. އޭނައަށް އައި ބަދަލުތައް ފާހަގަކުރެވި އަޝްކާން ހީކޮށްފާނެ އެއްޗަކާ މެދުގައި ފިކުރުބޮޑުވިއެވެ. އެއާއެކު މަލްސާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަދި ތުންފަތުގައި ހިނިތުންވުމެއް ކުރަހާލެވުނީ ހާސްކަމާއި ނުތަނަވަސްކަން ސިއްރުކުރާށެވެ. އަޝްކާންގެ ތޫނު ނަޒަރު އޭނައަށް ހުއްޓިފައިވާކަން ފާހަގަ ކުރެވި އެކަން ކާމިޔާބު ކުރެވިދާނެ ކަމާމެދު މަލްސާގެ ހިތުގައި ސުވާލު އުފެދުނެވެ. އޭނަ ހީކުރި ވަރަށްވުރެން ވެސް މިކަންތައް އުނދަގޫ ކަމަކަށް ވެއްޖެއެވެ. މިހާލުގައި އޭނަގެ ނަފުސު ވަނިކޮށް އިންޓަވިއު ކާމިޔާބު ކުރެވިދާނެކަމާ މެދު ހިތުގައި ޝައްކު އުފެދެން ފެށިއެވެ.

ވިވިއަންގެ އިރުޝާދުގެ ދަށުން ގޮސް މަލްސާ އިށީނީ އަޝްކާންއާއި ކުރިމައްޗަށް ވާނެހެން ހުރި ގޮނޑިއެއްގައެވެ. އޭރު މަލްސާގެ އަތްފައިގައި ވަނީ ފިނިދަލެއް ހިއްލާފައެވެ. މޭގެ ތެރޭގައި އޮތް ހިތް އިހުނަށްވުރެން ބާރަށް ތެޅެމުން ދިޔައެވެ. އަޝްކާންއާއި އެހާ ގާތުގައި ވުމުގެ ނަސީބު އޭނައަށް ލިބިދާނެ ކަމަކަށް މަލްސާ އުއްމީދެއް ވެސް ނުކުރެއެވެ. މިއަދު އެނަސީބު ލިބިފައި ވާއިރު އޭނަގެ މުޅި ނަފުސު ވަނީ ހާސްކަމެއްގެ ތެރޭގައެވެ. އިސްއުފުލާ އަޝްކާންއަށް ބަލާލުން ވެސް ދަތި ކަމަކަށް ވެއްޖެއެވެ.

އަޝްކާން އޭނަގެ އަތުގައި އޮތް ފައިލުގެ ގަނޑުތައް އުކަމުން ދިޔައެވެ. މަލްސާގެ ޕްރޮފައިލާ މެދު ޝައުޤުވެރިވާނެ އެއްވެސް ކަމެއް އޭނައަކަށް ފާހަގައެއް ނުކުރެވުނެވެ. އާދައިގެ ކުދިންނެކޭ އެއްވެސް ތަފާތެއް ނެތެވެ. އަޝްކާން އެވަގުތު ހިތްހަމަނުޖެހުނީ ވިވިއަން ދެކެއެވެ. އިންޓަވިއުއަށް ކެންޑިޑޭޓުން ހޮވަން އޭނަ ހަވާލުކުރީ ވިވިއަންއާއެވެ.

އަތުގައި އޮތް ފައިލު މޭޒުމަތީ ބާއްވަމުން އަޝްކާން ބަލާލީ މަލްސާ އަށެވެ. އެމޫނުމަތިން ފެންނަމުން ދިޔަ ހާސްކަން ފަސޭހަކަމާއެކު އަޝްކާންއަށް ދޭހަކުރެވުނެވެ. އެއީ މަލްސާއާ މެދު އަޝްކާން އިތުރަށް ފޫހިވި ސިފައެކެވެ. ކުޑަ ކަންކަމާއި ހާސްވެ ބިރުގަންނަ މީހަކަށް އޭނަގެ ސެކްރެޓަރީއަކަށް ވުމުގެ ކުފޫވެސް ހަމަނުވެއެވެ.

''ޢައިޝަތު މަލްސާ ހުސޭން...'' މޭޒުމަތީ އޮތް ފައިލަށް ދިން އަވަސް ނަޒަރާއެކު އަޝްކާން ބުނެލިއެވެ. އެއަށްފަހު އޭނަގެ ނަޒަރު އަނެއްކާ ވެސް ހުއްޓާލީ މަލްސާ އަށެވެ.

އަޝްކާންގެ ބަރު އަޑު ކަންފަތުގައި ގުގުމާލައިގެން ދިއުމާއެކު ގައިގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔަކަމުގެ އިހުސާސް މަލްސާއަށް ކުރެވުނެވެ. ހިންދިރުވާލެވުނީ މީހާގެ ނުތަނަވަސްކަމުގެ މައްޗަށް ކުރި ހޯދުމަށެވެ. އެއަށްފަހު ހަށިފުރާ ދޫކޮށްލި ނޭވާއަށްފަހު މަލްސާ އިސްއުފުލާލިއެވެ. ދެޒުވާނުންގެ ހަތަރުކަޅި ގުޅިލާ މެހިގެން ދިޔަ ހިނދު މަލްސާގެ މެޔަށް ފިނިވާން ފެށިއެވެ. ވަގުތު ކަށި ވެސް އެހިނދުކޮޅަށްޓަކައި ހުއްޓިގެން ދިޔަ ކަހަލައެވެ. ބުނެދޭން ނޭގޭ އުފާވެރިކަމެއް މަލްސާގެ ހިތަށް ވެރިވިއެވެ.

އިންޓަވިއު ފެށިގެން ގޮސް ނިމެންދެން މާހައުލަށް ވެރިވެފައި އޮތީ ނުތަނަވަސްކަމާއި ސީރިޔަސްކަމެވެ. އަޝްކާން ސުވާލުތައް ފަށައިގަތްތާ ކުރީ ކޮޅު ސުވާލުތަކަށް ޖަވާބު ދޭން މަލްސާއަށް އުނދަގޫ ވިއެވެ. ސުވާލުތަކުގެ އަނެއްކޮޅުގައި ވަނީ ދުވަހަކުވެސް ލޮލަށް ފެނިދާނެކަމަށް އުއްމީދުކުރެވުނު ފަރާތެއް ނޫން ވިއްޔާއެވެ. ޖަވާބު ދިނުމުގައި އަޅައިގަންނަ ގޮތެއް ހުރީ އެހެންވެއެވެ. ނަމަވެސް ވަގުތާއެކު މާހައުލަށް ހޭނުމުން ސުވާލުތަކަށް ޖަވާބު ދިނުމުގައި ކޮންމެވެސް ވަރެއްގެ ފަސޭހަކަމެއް ލިބުނެވެ. ނަމަވެސް އަޝްކާގެ ތޫނު ދެލޮލުން ސަލާމަތްވާނެ ގޮތެއް މަލްސާއަކަށް ނޭގުނެވެ. އެނަޒަރު ހުއްޓޭ ކޮންމެ ފަހަރަކު ހިތުގެ ވިންދާ ކުޅެލައެވެ. އަތްފައި ފިނިވެގެން ދެއެވެ.

''ތި ދެއްވި ވަގުތަށް ޝުކުރިއްޔާ، އިންޓަވިއުގެ ނަތީޖާ އަންގަން މާދަމާ ގުޅާލާނެ...'' އޭނަ ކުރަން ބޭނުންވި ސުވާލުތައް ނިމުމާއެކު އަޝްކާން މަލްސާއަށް ބަލާލަމުން ފަނޑު ހިނިތުންވުމެއް ދިނެވެ. އެއާއެކު ބޭއިހްތިޔާރުގައި މަލްސާއަށް ވެސް ހިނިތުންވެވުނެވެ.

''ޝުކުރިއްޔާ...'' މަލްސާއަށް ރައްދުގައި ބުނެވުނެވެ. އޭރު އޭނަގެ ހިތަށް މާޔޫސްކަން ވެރިވެއްޖެއެވެ. އަޝްކާންއާއިއެކު ހޭދަކުރެވެމުން ދިޔަ ވަގުތުކޮޅަށް ނިމުން އަންނަނީކަން އެނގުމުން އުދާސްކަން ހިތަށް ވެރިވިއެވެ. ދެން ބައްދަލުވެދާނެ ކަމެއް ވެސް އެނގެނީކީ ނޫން ވިއްޔާއެވެ. ލިބިފައިވި ހާސްކަމުގެ ސަބަބުން އަޝްކާން ކުރި ސުވާލުތަކަށް ރަގަޅަށް ޖަވާބު ދެވުނުކަމެއް ވެސް ނޭގެއެވެ. މަލްސާގެ ހިތް އިތުރަށް އުދާސްކުރުވިކަމަކަށް އެކަން ވިއެވެ.

މަލްސާ ފަހު ފަހަރަށް އަޝްކާންއަށް ބަލާލިއެވެ. އަދި ގޮނޑިން ތެދުވުނީ ހިތް އެކަމާއި ދެކޮޅު ހަދަމުން ދިޔަ ހާލުގައެވެ. ވަކިވުމަށް އޭނަގެ ހިތް އިޖާބަ ދޭން ބޭނުމެއް ނުވިއެވެ. އެހެނަސް އިތުރު ގޮތެއް އޭނައަކަށް ނެތެވެ.

ވިވިއަން އައިސް މަލްސާގެ ގާތަށް ހުއްޓުމާއެކު ވިވިއަންއާއެކު މަލްސާ ހިނގައިގަތީ ކެބިންގެ ދޮރާއި ދިމާއަށެވެ. ވިވިއަން އޭނަ ނިކުންނަން ދޮރު ހުޅުވުމާއެކު މަލްސާއަށް ފަސްއެނބުރި ބަލާލެވުނީ އަޝްކާން އަށެވެ. އޭރު އަޝްކާން އިނީ އޭނަގެ ލެޕްޓޮޕަށް ގެއްލިފައެވެ. ތުންފަތުގައި ދަތްއަޅާލަމުން މަލްސާ ކެބިންއިން ނިކުތެވެ. އެއީ ވަދާޢަކަށް ވުރެން ބޮޑަށް އައު ފެށުމަކަށް ވުމަށް އެދޭ ހާލުގައެވެ.

މަލްސާއަށް ބޭރަށް ނިކުމެވޭ އިރަށް ވަދާޢުގެ ސަލާން ބަދަލުކޮށްލަމުން ވިވިއަން އަނެއްކާ ވަނީ ކެބިންއަށެވެ. މަލްސާއަށް އެވަގުތު އުދާސްކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މީގެ އިރުކޮޅެއް ކުރިން ލިބުނު ވަގުތީ އުފާވެރިކަން ގެއްލި މާޔޫސްކަން ހިތަށް ވެރިވެގެން ދިޔައެވެ. އިސްތިރިކޮށްލަމުން މަލްސާއަށް ހިނގައިގަނެވުނީ ލިފްޓާއި ދިމާއަށެވެ. ނަމަވެސް ކުޑަ ތަންކޮޅަކަށް ދެވުނުތަނާ މަލްސާ ގޮސް ލައްވީ އޭނައަށް ވުރެން އިސްކޮޅުން ދިގު ޒުވާނެއްގެ މޭގައެވެ. ލިބުނު ސިހުމާއެކު މަލްސާއަށް ކުޑަ ހަޅޭކެއްގެ އަޑު ބޭރުކޮށްލެވުނެވެ. އޭރު އޭނަގެ އަތުގައި އޮތް ފައިލު އަތުން ދޫވެ އޭގެ ތެރޭގައި ހުރި ގަނޑުތައް ބިންމައްޗަށް ފައިބައިގަތެވެ. އެދަނޑިވަޅުގައި އެޒުވާނާގެ އަތުގައި އޮތް އެންމެ މިފަހުގެ އައިފޯނު ބިންމައްޗަށް ވެއްޓި ތަޅައިގެން ދިޔަ އަޑު ވެސް އިވުނެވެ. ދެލޯބޮޑުކޮށްލަމުން މަލްސާއަށް ދެތިން ފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ. ކުށްވެރިކަމުގެ އިހުސާސް އޭނަގެ ދެލޮލުން ފެނުނެވެ. ކުރިނުބަލާ ހިނގުމުގެ ސަބަބުން ކުރިމަތިއެވީ ކުޑަވަރުގެ ހާދިސާއެއް ވެސް ނޫނެވެ. އޭނަގެ އިހުމާލުން ފުނޑުފުނޑުވެގެން އެދިޔައީ މީހެއްގެ އަގުހުރި މުދަލެކެވެ. ކުރިމަތިވެދާނެ ކަންތަކާ މެދު ވިސްނާލެވުމުން މަލްސާއަށް ހިންދިރުވާލެވުނެވެ. ފޯނުގެ އަގުދޭން އޭނަގެ އަތަކު ފައިސާއެއް ވެސް ނެތެވެ. މަލްސާގެ ދޮން މޫނުގައި ދާތިކިތައް ވިދާލިއެވެ.

'' އައެމް ސޮރީ... އާރ ޔޫ އޯކޭ؟...'' ލިބިފައިވި ސިހުމާއި ހާސްކަމުގެ ސަބަބުން އެއްޗެއް ބުނަން ނުކުޅެދިފައިވަނިކޮށް މަލްސާގެ ކަންފަތުގައި އެޒުވާނާގެ އަޑު ޖެހުނެވެ. އެއަޑުގައި ރުޅިވެރިކަމެއް އަދި ނުރުހުންތެރިކަމެއް ނުވެއެވެ. އެއިހުސާސްތަކަށްވުރެން ބޮޑަށް ހާމަކޮށްދެނީ މަލްސާއާއި މެދު ކަންބޮޑުވެފައިވާ ތަނެވެ.

މަލްސާއަށް އިސްއުފުލާ ބަލާލެވުނެވެ. އޭނައަށް ފުރަތަމަވެސް ފާހަގަކުރެވުނީ އެޒުވާނާގެ އޯގާތެރި ދެލޮލެވެ. ހިތްހެޔޮކަން އެކުލެވިގެންވި ރީތި މޫނެވެ. ބޮޑަކަމެއް ނުވާ ޝަހުސިއްޔަތެވެ. މީހާއަށް ލިބިފައިވި ހާސްކަން ވެސް އެހިނދުކޮޅުގެ ތެރޭގައި ފޮހެވިގެން ދިޔައެވެ.

''ސޮރީ...'' މަލްސާއަށް އަނެއްކާ ބަލާލެވުނީ ތަޅައިގެން ގޮސްފައި އޮތް ފޯނަށެވެ. އެކަން އެޒުވާނާއަށް ފާހަގަކުރެވުމާއެކު ހިނިގަނޑެއް ޖަހާލި އަޑު އިވުނެވެ. އޭގެ ސަބަބުން މަލްސާއަށް ލިބުނީ ހައިރާންކަމެވެ. އެހާ އަގު ބޮޑު ފޯނެއް ހަލާކުވުމުން ރުޅިއައުމުގެ ބަދަލުގައި މީހަކު ހިނިތުންވިތަން އޭނައަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ.

''މަޢާފަށް އެދޭވަރުގެ ކަމެއް ނުވެއެއްނު، އަހަރެންވެސް ރަގަޅަށް ނުބަލާ ހިނގަން ހަދައިގެން މިހެން މިދިމާވީ، އެހެންނޫނަސް ފޯނު ބަދަލުކޮށްލަން އުޅެނިކޮށް މިހެން މިވީ، އިޓްސް ނޮޓް އަ ޕްލޮބްލަމް...'' އެޒުވާނާ ކުޑަކަކޫ މައްޗަށް ތިރިވަމުން އޭަނަގެ ފޯނު ނެގުމުގެ ބަދަލުގައި އަވަސްވެގަތީ ބިންމައްޗަށް ފައިބާފައި ހުރި މަލްސާގެ ފައިލުގެ ގަނޑުތައް ނެގުމަށެވެ. މަލްސާއަށް އެކަން މަނާ ނުކުރެވެނީސް އެޒުވާނާ ހުރިހާ ގަނޑުތައް ނަގައި ފައިލުގެ ތެރެއަށް ލުމަށްފަހު އޭނަގެ ފުރިހަމަ އިސްކޮޅުގެ މައްޗަށް ތެދުވުނެވެ. އަދި މަލްސާއަށް ފަރުވާތެރިކަމާއެކު ބަލާލަމުން ހިނިތުންވެލިއެވެ. އަދި އޭނަގެ އަތުގައި އޮތް ފައިލު މަލްސާއަށް ދިއްކޮށްލިއެވެ.

''ވަރަށް ބިޒީ ވަގުތެއް ވީމަ އިތުރަށް ވާހަކަދައްކަން ހުރެވޭކަށް ނެތް... ހޯޕް ޓު ސީ ޔޫ ސޫން...'' ފުރިހަމަ ހިނިތުވުމެއް މަލްސާއަށް ދެމުން އެޒުވަނާ ބުނެލިއެވެ. ހުއްޓުން އަރާފައި މަލްސާއަށް ހުރެވުނީއެވެ. އެޒުވާނާ އޭނަގެ ފޯނު ނަގައިގެން ހިނގައިގަތީ އަޝްކާންގެ ކެބިންއާއި ދިމާއަށެވެ. ފަސްއެނބުރި އެމަންޒަރު ބަލަން މަލްސާއަށް ހުރެވުނެވެ. އެޒުވާނާ ލައިގެން ހުރި ސޫޓާއި އަތުކުރީ އޮތް ބްރޭންޑެޑް ގަޑީގެ ސަބަބުން އެއީ އާދައިގެ ޒުވާނެއް ނޫންކަން އެމަދު ވަގުތުކޮޅުގެ ބައްދަލުވުމުގެ ތެރޭގައި ވެސް މަލްސާއަށް ނަގައިގަނެވުނެވެ.

*****

''އަނހާނ، ތިއައީ ދޯ... ގުޅަން އުޅެނިކޮށް ތިއައީ ވެސް... ފޯނަށް ކިހިނެއް ހަދައިގެން ތިއުޅެނީ؟...'' ކެބިންއަށް ވަން ކައްޔިސް ފެނުމާއެކު ބޮޑު ގޮނޑިން އަޝްކާން ތެދުވުނެވެ. އަދި ކައްޔިސްއަށް ދިން ސަމާލުކަމާއެކު ފުރަތަމަ ވެސް ފާހަގަކުރެވުނީ ކައްޔިސްގެ އަތުގައި އޮތް ހަލާކުވެފައިވި ފޯނެވެ.

''މީހާގެ ސަމާލުކަން އެހެން ކަންކަމަށް ދެންޏާމު މިކަހަލަ ކުދިކުދި ކަންތައް ވެސް ދިމާވާނެ... ދެންމެ ނިކުމެގެން ދިޔައީ ކީއްކުރަން އައި ކުއްޖެއްތަ؟... މިތާ ޑިޕާރޓްމެންޓަކަށް އަލަން ޖޮއިން ކުރި ކުއްޖެއްތަ އެއީ؟...'' ކައްޔިސް އޮޅުންފިލުވަން ބޭނުންވީ އޭނައާއި ބޭރުން ބައްދަލުވި ކުއްޖާއާއި ބެހޭގޮތުންނެވެ. އެސުވާލުން އަޝްކާންއަށް ލިބުނީ ހައިރާންކަމެވެ.

''ކާކު؟...'' ބުމައަރުވާލަމުން އަޝްކާން ސުވާލުކުރިއެވެ.

''ބުރުގާއަޅައިގެން ހުރި ކުއްޖެއް، ޝާންގެ ކެބިންއަށް ކޮންމެކޮންމެ މީހަކަށް ނާދެވޭނެތީ މިސުވާލުކުރީ... އަނެއްކާ މަށަށް ސިއްރުން ޝާން ކަމެއް ކުރަނީތަ؟...'' އަޝްކާންއާއި ދިމާކޮށްލަން އުޅޭ ރާގަކަށް ކައްޔިސް ސުވާލުކުރިއެވެ. އެކަމާ އަޝްކާން ގަޔާނުވިއެވެ. އޭނަގެ މޫނުމަތިން ސީރިޔަސްކަމާއި ނުރުހުންތެރިކަން ފާޅުވިއެވެ.

''އެއީ އިންޓަވިއުއަކަށް އައި ކެންޑިޑޭޓެއް...'' އަޝްކާން ރައްދުދިނެވެ.

''ދެން ހަޤީޤަތް އޮޅުވާލަން އުޅޭނެކަމެއް ނެތޭ... ވިވިއަން!، ބުނެބަލަ މިވާ ގޮތެއް، އެއީ ކޮން ކުއްޖެއްތަ؟...'' ވިވިއަންއަށް ނިތްއެއްލަމުން ކައްޔިސް ސުވާލުރިއެވެ. ވިވިއަން ވެސް ޖަވާބު ދިނީ އަޝްކާންގެ ޖަވާބާ އެއްގޮތަށެވެ. އެއާއެކު ކައްޔިސް ޗޮކެއް ކަނޑާލިއެވެ.

''ފައިން!، އިން ޔޫ ގައިސް ސޭއި ސޯ، އައިލް ބިލީވް އިޓް، އިންޓަވިއުއަކަށް ވެއްޖެއްޔާމު އެކުއްޖާ ހޮވައްޗޭ... މުޅި އޮފީސް އޭރުން އުޖާލާވެގެންދާނެ...'' ލާނެތް ރާގަކަށް ކައްޔިސް ވާހަކަދެއްކިއެވެ. އޭނަ އައިސް އަޝްކާންއާއި އަރާހަމަކުރަމުން އަޝްކާންގެ ކޮނޑަށް އަތް ވައްޓާލިއެވެ. އެކަމާ ގަޔާނުވި އަޝްކާން، ކައްޔިސްގެ އަތް ދުރުކޮށްލިއެވެ.

''ރީތި ކަމަކީ ހުރިހާވެސް ކަމެއް ނޫން...'' އަޝްކާން ސީރިޔަސްކަމާއެކު ބުނެލިއެވެ.

''މިސްޓަރ ވާރޖިން ފިލޯސަފާރ، ލެކްޗާރ ދޭން ފަށާނީ ފަހުން... ލަންޗަށް ދަންޏާމު ހިނގާ އަވަހަށް، ގަޑިއެއްހާއިރު ފަހުން ކޯޓް ހިއަރިންގްއަކަށް ދާން އެބަޖެހޭ...'' ކައްޔިސް އޭނަގެ އަތުކުރީ އޮތް ރޮލެކްސް ގަޑިއަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ދެއެކުވެރީން އެކީގައި މިސްރާބު ޖެހީ މެންދުރުގެ ކެއުމަށް ދިއުމަށެވެ.

''ސާރ، ކޮން ކެންޑިޑޭޓެއް ތޯ ސެލެކްޓްކުރަންވީ؟...'' އަޝްކާން ދިއުމުގެ ކުރިން ވިވިއަން ސުވާލުކުރިއެވެ. އެއާއެކު ކުރިއަށް ހިނގައިގެންފައި ވެސް އަޝްކާން ހުއްޓުނެވެ. އަދި އޭނަގެ އަތުގައި އެންމެ އަވަހަށް ޖެހުނު ފައިލު ނަގާފައި ވިވިއަން އަތަށް ދިއްކޮށްލިއެވެ. އެއަށްފަހު މަޑުކުރުމެއް ނެތި އަވަސްވެގަތީ ކެބިންއިން ނިކުތުމަށެވެ.

ވިވިއަން އޭނަގެ އަތުގައި އޮތް ފައިލު ހުޅުވާލިއެވެ.

 

ކޮމެންޓް 0