1

ގިޔާން... މަޑުކޮށްބަލަ...'' ހަލުވިކޮށް ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ތިރިއަށް ފައިބަމުން ދިޔަ ގިޔާންއަށް މަލްސާ ގޮވާލިއެވެ. ނަމަވެސް އައިސްފައި ހުރި ރުޅީގެ ސަބަބުން މަލްސާގެ އަޑަށް ގިޔާން އިޖާބައެއް ނުދިނެވެ. އޭނަ އިހުނަށްވުރެ ފިޔަވަޅުތައް އަވަސްކޮށްލިއެވެ.

''ގިޔާން!...'' ތަންކޮޅެއް ބާރަށް މަލްސާއަށް ގޮވާލެވުނެވެ. އޭނަވެސް އަވަސްއަވަހަށް ސިޑިން ފޭބިއެވެ. ގިޔާންއާއި އެއްހަމަ ކުރެވުނީ އިމާރާތުގެ މައިދޮރުން ގިޔާން މަގަށް ނިކުންނަން އުޅެނިކޮށެވެ. ސިޑިއާއި މައިދޮރާއި ދެމެދު އޮންނަ ހިމަ ކޮރިޑޯން ދުވެލާފައި ދިޔަ މަލްސާ ހިފީ ގިޔާންގެ އަތުގައެވެ.

ފިޔަވަޅުތައް މަޑުޖައްސާލުމާއެކު މައިދޮރުގެ ތަޅުން ދޫކޮށްލި ގިޔާން ފަސްއެނބުރި މަލްސާއަށް ބަލާލިއެވެ. އެމޫނުން ރުޅިވެރިކަން މަލްސާއަށް ފެނުނެވެ. އެއާއެކު އޭނަ މަސައްތަކްކުރީ ވާހަކަދައްކައިގެން ގިޔާންގެ ރުޅިވެރިކަމަށް ހައްލެއް ގެނެސްދޭށެވެ. އެހާލަތުގައި ވަނިކޮށް ގިޔާންއަށް އިމްތިހާނަށް ދިއުމުގެ ފުރުސަތު ދޭން މަލްސާ ބޭނުމެއް ނުވިއެވެ.

''އަން، މިއޮތީ ސަތޭކަ ރުފިޔާ، ގިޔާން ބޭނުންކަމެއް ކުރޭ، ތިހެން ރުޅި ގަދަވެގެން އިމްތިހާނަށް ދިއުމުން ރަގަޅު ނަތީޖާއެއް ނުނެރެވޭނެ، ދޮންތަ ބުނީތީ ވެސް އަޑު އަހާބަލަ...'' މަލްސާ އޭނަގެ އަތުގައި އޮތް ސަތޭކަ ރުފިޔާގެ ނޯޓު ގިޔާންގެ އަތަށް ލައިދިނެވެ.

''އެއީ އޭނަގެ އަބަދު ގޮތެއްނު، އަހަރުމެން ކަމަކު ބުނެފިއްޔާ އޭނައަށް އެކަންތައް އޮންނާނީ ބޮޑު ކަމަކަށްވެފަ، އެކަމަކު ޖަމީލާއާއި އޭނަގެ ދަރި ކަމަކު ބުނުން ލަސްވާނީ، ޓަސްލާފަ އެކަމެއް ކޮށްދޭނެ... އޭނަ ދިފާޢުކޮށް ދޮންތަ ވާހަކަދައްކައިގެން ނުވާނެ...'' އައިސްފައި ހުރި ރުޅީގެ ހަސްކާ މަލްސާއަށް އަމާޒުކުރަން ގިޔާން ބޭނުމެއް ނުވިއެވެ. ހަށިފުރާ ދޫކޮށްލި ނޭވާއަށް ފަހު ނަފުސު ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ.

''ބައްޕަ ކުރީ ގޯސްކަމެއް، އެހެންވެ ބައްޕަ ދިފާޢުކޮށް ދޮންތަ ވާހަކައެއް ނުދައްކާނަން، އެކަމަކު ތިހެން ރުޅިގަދަވެގެން ގިޔާ ދާކަށް ދޮންތަ ބޭނުމެއް ނޫން، މީގެ ފަހުން ބައްޕަ ގާތު އެއްވެސް ކަމަކަށް ނޭދޭތި، ދޮންތަ މިހުރީނު، އިރާދަކުރެއްވިއްޔާ ގިޔާ ބޭނުން ކޮންކަމެއް ފުރިހަމަކޮށްދޭނަން...'' ގިޔާންއަށް ފަނޑު ހިނިތުންވުމެއް ދެމުން މަލްސާ ވާހަކަދެއްކިއެވެ. މަލްސާގެ ވާހަތަކުންވެސް ކޮއްކޮ ދެކެ ކަންބޮޑުވާ މިންވަރާއި ވާލޯބި ހާމަކޮށްދިނެވެ.

''ދޮންތަ މިހާރު ވަޒީފާއަކަށް ނުދާތީ އަހަން ނުކެރުނީ... ދެން އެހެންނޫނަސް ދޮންތަ ގާތު އަބަދު ކަންކަމުގައި އެދުމަކީ ވެސް ރަގަޅުކަމެއް ނޫނެއްނު، ދޮންތަވެސް ކުރަން ބޭނުންވާނެ ކަންތައްތައް ހުންނާނެއެއްނު...'' ގިޔާންގެ ސިކުނޑިއަށް ވެރިވެފައިވި ސިނގުރުޅިގަނޑު ފިލައި އެނަގެ އަޑަށް މޮޅިވެރިކަން ވެރިވިއެވެ. ދެބައިން އުޅެން ޖެހިފައިވާ ހާލާމެދު މާޔޫސްވެފައިވާކަން އަޑުން ހާމަކޮށްދިނެވެ. ދޮންތަގެ އުފާތައް ޤުރުބާންކޮށްގެން އޭނައަށް އަހައްމިޔަތުކަން ދޭން ގިޔާން ބޭނުމެއް ނުވެއެވެ. ދޮންތަގެ ހުވަފެންތައް އޭނައަށް ޓަކައި މަޑުޖައްސާލާކަށްވެސް މެއެެވެ. އެހެނަސް ވަގުތާއި ހާލަތު އަބަދުމެ އެދެބެއިންނަށް ފިއްތުންތަކެއް ކުރިމަތިކުރުވައެވެ.

''އިރާދަކުރެއްވިއްޔާ ދޮންތައަށް ވަރަށް އަވަހަށް ވަޒީފާ ހަމަޖެހިގެންދާނެ، އޭރުން ހުރިހާކަމެއް ރަގަޅުވާނެ، މިވަގުތު އެހެނިހެން ކަންތަކާ މެދު ވިސްނުމުގެ ބަދަލުގައި ދޮންތަ ބޭނުމީ ގިޔާ ކިޔެވުމާއިގެން ކުރިއަށްދާން، ދޮންތަ ގިޔާއަށް ކޮށްދޭ ކަންތައްތަކަކީ ހިތުން ރުހުމުންކޮށްދޭ ކަންތައް، އެހެންނޫނަސް ދޮންތައަކީ އަމިއްލަ ކަންތައްތަކަށް އެހާ ގިނައިން ޚަރަދުކުރާ ހިތްވާ މީހެއް ވެސް ނޫން... ސޯ، ފޮގެޓް އެވްރީތިންގް، ދޮންތަ ދިން ރުފިޔާއިން ގިޔާގެ ރައްޓެހިންނާއެކު ބޭރަށް ދޭ... ދެން މީގެ ފަހުން ބައްޕަ ގާތު އެއްވެސް ކަމަކު ނޭދޭތި...'' ގިޔާންގެ ބޮލުގައި މަލްސާ ފިރުމާލަން އުޅުނު އަތުގައި ގިޔާން ހިފެހެއްޓިއެވެ. އަދި އިންޒާރުގެ ނަޒަރަކުން މަލްސާއަށް ބަލާލިއެވެ.

''ވަރަށް އިރުން އިސްތަށިގަނޑު ރީތިކުރެވުނީ...'' ގިޔާންގެ އަޑުގައިވި ސީރިޔަސްކަމުގެ ސަބަބުން މަލްސާ ގާތަށް ހިނިއައެވެ. ގިޔާންގެ އިސްތަށިގަނޑުގައި އެހެން މީހަކު އަތްލުން އެއީ މަނާ ކަމެކެވެ. ގިޔާން އިސްތަށިގަނޑުދެކެ އެވާ ލޯތްބަށް އެތައް ފަހަރަކު މަލްސާ ހަޖޫޖަހައެވެ.

''އޯލް ރައިޓް، ދެން އަވަހަށް ދޭ، ބެސްޓް އޮފް ލަކް، މޭކް ޔޯރ ސިސްޓާރ ޕްރައުޑް...'' މަލްސާ ބުނެލިއެވެ. އެއާއެކު ގިޔާން ހިނިތުންވުމެއް ދިނެވެ.

''މާޝާﷲ، ގިޔާގެ ތި ހިނިތުންވުން އަންހެންކުއްޖަކަށް ނުދެއްޗޭ، އެހެންނޫނީ ދޮންތަ ޖެހޭނީ ފައިވާން ކިބައެއް ހިފައިގެން ގިޔާގެ ފަހަތުން އަންނަ އަންހެންކުދިންތައް ފަހަން...'' މަލްސާގެ ޖުމްލައާއާއެކު ގިޔާން ލަދުގަންނަ ގޮތްވިއެވެ. ލޯހަނިކޮށްލުމަށްފަހު މަލްސާއާ ދިމާއަށް ބަލާލުމާއެކު މައިދޮރު ހުޅުވާލާފައި ބޭރަށް ނިކުތެވެ. އެވަގުތު މަލްސާއަށް ހީގަނެވުނެވެ. އޭނަ ދޮރު މައްޗަށް އަރަމުން ގެއާއި ޖެހިގެން އޮތް ގޮޅިއަށް އަޅާލި ގިޔާންއަށް ބަލަން ހުއްޓެވެ. އޭރު މަލްސާގެ ތުންފަތުގައިވި ހިނިތުންވުމާއި މޫނުގައިވި އުފާވެރިކަން މިލާމޯޅިވެއްޖެއެވެ. އަދި މަޔޫސްކަން އޭނަގެ ހިތަށް ވެރިވިއެވެ. ނަމެވެސް ހިތުގައި އުފެދިގެން އައި އުދާސްކަމުގެ ޝުޢޫރުތަކުގައި ނަފުސު ބެހިގެން ދިއުމުގެ ފުރުސަތު ދޭން މަލްސާ ބޭނުމެއް ނުވިއެވެ. އެފަދައިން ކަންތައް ވެއްޖެނަމަ ދިރިއުޅުގެ އިމްތިހާނުތަކާއި ހިތްވަރާއެކު ކުރިމައްޗެއް ނުލެވޭނެއެވެ. ހުރިހާ ފުރުސަތެއްގައި ވެސް ފެންނާނީ ނާކާމިޔާބީއެވެ.

''ހުރިހާކަމެއް ރަގަޅުވާނެ...'' ފުންނޭވާއެއް ދޫކޮށްލުމަށްފަހު މަލްސާ އޭނަގެ ނަފުސަށް ޔަޤީންކަން ދިނެވެ. އަމިއްލަ ނަފުސަށް އޮންނަ ޔަޤީންކަން ކުޑަ ހިނދުކޮޅަށްވެސް ގެއްލިގެން ދިއުމުގެ ފުރުސަތު މަލްސާ ނުދެއެވެ. ދިރިއުޅުމުގައި ދިމާވެފައިވާ އަޑިގުޑަންތަކަށް ފަހުގައި އެހާހިސާބަށް އާދެވިފައިވަނީ ނަފުސަށް އޮތް އިތުބާރާއި ކެތްތެރިކަމުގެ ސަބަބުންނެވެ.

ސިޑިއާއި ދިމާއަށް މިސްރާބު ޖަހަން އުޅުނު މަލްސާއަށް ހުއްޓެވުނީ ސިޑީގެ ފަހުގެ ހަރުފަތްތައް ގިރާކޮށްފައި ތިރިއަށް ފޭބި ހުސޭން ފެނުމުންނެވެ. ގިޔާންއާއި މެދު ބައްޕަ ކަންތައް ކުރި ގޮތާމެދު ހިތުގައި އުފެދިފައިވި އުދާސްތައް މަލްސާއަށް ބަންޑުންނުކޮށް ނުހުރެވުނެވެ.

''ބައްޕަ ކީއްވެތަ އެހެން ކަންތައް ކުރީ؟، ލާރި ދޭން ބޭނުން ނުވާނަމަ ނުދޭނަމޭ ބުނިނަމަ ނިމުނީއެއް ނޫންތަ؟، އަތުގައި ފައިސާ ހުއްޓާ ދޮގު ހެދުމުން ގިޔާގެ ހިތުގައިވެސް ޖެހޭނެއެއްނު...'' މަލްސާ، އޭނަގެ ބައްޕައާއި އަރާހަމަކުރަމުން ވާހަކަދެއްކިއެވެ. މަލްސާގެ އަޑުގައި ނުރުހުންތެރިކަމެއް ނުވެއެވެ. ވަނީ ޝަކުވާއެވެ.

''ތިބޭކާރު ވާހަކަތައް އަޑު އެހުމަށް އަހަރެން އަތަކު ވަގުތެއް ނެތް، އޮފީހުގެ ގަޑި އެބަޖެހޭ...'' ހުސޭން ފަރުވާކުޑަ ރާގަކަށް ބުނެލިއެވެ. އަދި މަލްސާއަށް އިތުރު އެއްޗެއް ނުބުނެވީސް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ނުކުމެއްޖެއެވެ. މަންޒަރު ބަލަން ހުރި މަލްސާގެ ދެލޮލުން ހިިތިކަމެއް ފެނުނެވެ.

*****

''އޭ، މަހަރާނީ، ކަލޭ ވީ ކޮޓަރިއަށް ދާކަށް ނޫން!، ކާމޭޒުމަތީ ހުރި ތަށިތައް ނެގުމަށްފަހު ކާމޭޒު ސާފުކުރަންވީ!، އެއަށްފަހު ދާވެފައި ހުރި އަންނައުނުތައް ދޮންނަން ވީ!، އަދި މެންދުރަށް ކަލޭ ޖެހޭނެ ކައްކަންވެސް...'' މަލްސާ އެޕާރޓްމެންޓްގެ ދޮރު ހުޅުވާލަމުން އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކުގައި އިވުނީ ޖަމީލާގެެ ހަޅޭކުގެ އަޑެވެ. ޖަމީލާ އޮތީ ސޯފާގައި ދެފައި ދަމާލައިގެން ޓީވީން ދައްކަމުން ދިޔަ ހިންދީ ސިލްސިލާއެއް ބަލާށެވެ. ހިންދީ ސިލްސިލާތަކަށް ޖަމީލާ ހުންނަނީ ދެވިހިފާފައެވެ. ތާވަލު ކުރެވިފައިވާ ސިލްސިލާތައް ނުބަލާ އަރުތެރެއިން ފެންފޮދެއް ނުދެއެވެ. ލޮލަށް ނިދިވެސް ނާދެއެވެ.

ކާމޭޒު މައްޗަށް ނަޒަރެއް ދިން މަލްސާގެ މޫނަށް ފޫހިކަން ވެރިވިއެވެ. ބޭނުންކޮށްފައި ހުރި ތަށިތައް ހުރީ ހުރި ގޮތަށެވެ. އެވަރުގެ ކުޑަ ކަމެއްވެސް ދޮންމަންމައަށް ނުކުރެވެނީ ބާވައޭ މަލްސާގެ ހިތަށް އެރިއެވެ.

ގިޔާންއާއި މެދު ކަންތައް ކުރެވުނު ގޮތާ މެދު ހިތްހަމަނުޖެހިފައި ހުރި މަލްސާ، ޖަމީލާގެ އަމުރުތަކަށް ބޯލެނބުމުގެ ބަދަލުގައި ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ. އެކަން ފާހަގަކުރެވުނު ޖަމީލާ ފުންމައިގެންފައި ސޯފާއިން ތެދުވެއްޖެއެވެ.

''ކަލޭ ތިދަނީ ކޮންތާކަށްތަ؟... ކަލޭ ގާތު މަ ބުނިއެއްޗެއް އަޑެއް ނީވޭތަ؟...'' ޖަމީލާ އަޑަށް ބާރުލަމުން ބުނެލިއެވެ. ނަމަވެސް އެއަޑު އިވުނު ކަމަކަށް މަލްސާ ނުހެދިއެވެ. އޭނަ ގޮސް ވަނީ ކޮޓަރިއަށެވެ. އެއާއެކު ރުޅިއައިސްގެން ގޮސް ޖަމީލާގެ މޫނު ރަތްވިއެވެ. ދުންޖަހާފައި އޭނަ ހިނގައިގަތީ މަލްސާގެ ފަހަތުންނެވެ.

ކޮޓަރިއަށް ވަދެވުމާއެކު ބޮލުގައި އޮތް ބުރުގާ ނަގައި ރީތިވާމޭޒު މަތީގައި ބޭއްވިއެވެ. އެއަށްފަހު މަލްސާ ހިނގައިގަތީ އެނދާއި ދިމާއަށެވެ. އޭނައަށް އެނދުގައި ފޫކޮޅު ޖައްސާނުލެވެނީސް ކޮޓަރިއަށް ޖަމީލާ ވަދެއްޖެއެވެ.

''ހުރި ގޮތެއް ފޮތެއް ނެތްކަން ބަލާބަލަ، ކަލޭ ތީ ކާކުތަ މަބުނާ ގޮތާ ދެކޮޅު ހަދަން!، އޭނ!، ހަމަ މިހާރު ނިކުމެ މަ ބުނި ކަންތައް ކުރޭ، މީގެ ފަހުން މަގޭ އަމުރާ ދެކޮޅު ހަދައިފިނަމަ ކުޅި ދައްކާލާނަން!...'' އުކުޅުގައި ދެއަށް ވިއްދާލަމުން އަޑަށް ބާރުލަމުން ޖަމީލާ ބުނެލިއެވެ. އެއަށްފަހު ރުޅިވެރި ނަޒަރަކުން އޭނަ މަލްސާއަށް ބަލާލިއެވެ.

ދޮންމަންމަގެ ރުޅިވެރިކަން ފެނި މަލްސާގެ ހިތުގައި ޖެހިލުންވުމެއް އަދި ބިރުވެރިކަމެއްވެސް ނުއުފެދުނެވެ. އެއީ އަލަށް އޭނައަށް ފެނުނު މަންޒަރެއް ނޫން ވިއްޔާއެވެ. ތަކުރާރުކޮށް ފެނިފެނި ބާވެފައި ހުރި މަންޒަރުތަކެވެ. އިރުއަރައި އޮއްސެނީ ދޮންމަންމަގެ އެތައް ކުލަތަކެއް ލޮލަށް ފެނިފައެވެ. އިހުގައި އޭނަގެ ހިތުގައި ޖެހިލުންވުން އުފެދުނުކަމުގައި ވިޔަސް ވަގުތާއި ހާލަތުގެ ސަބަބުން އެހުރިހާ ކަމެއް ވަނީ ބަދަލުވެފައެވެ. އޭނައަކީ ކުރިން ދޮންމަންމަގެ ހަޅޭކުގެ އަޑުތަކަށް ސިހުނު ފުރާވަރުގެ މަލްސާއެއް ނޫނެވެ. އެއީ މިހާރު ތަސައްރަފު ފުދި ފުރާފުރިހަމަވެފައި ހުރި އަންހެނެކެވެ.

''****، ކަލޭ އަދި އެނދުގައި އަރާމުކޮށް ޖައްސާލީތަ؟...'' ޖަމީލާ ބާރަށް ހަޅޭއްލަވައިގަތެވެ.

''މިގޭގެ ހުރިހާކަމެއް އަހަރެން ކުރުން އެއީ ބުއްދިއަށް ޤަބޫލު ކުރެވޭނެކަމެއް ނޫން، އަހަރެން ނޫނަސް މިގޭގައި އިތުރު ދެއަންހެނުން އެބަތިއްބެއްނު، ރެއާ ދުވާލު ގޭތެރޭގެ ހުރިހާކަމެއް އަހަރެން ކުރަންވީ ކީއްވެތަ؟، މީގެ ކުރިން އެއްޗެއް ނުބުނީމަ އަހަންނަށް ހުރިހާކަމެއް ކުރަން ޖެއްސީ، އެކަމަކު ކަންތައް ކޮށްދޭ މީހާއަށް ނުވާ ވަރަށް މަސައްކަތްކުރަން ޖެހުނީމާ ހިމޭނަކުން ނުހުރެވޭނެ...'' މަލްސާ މިފަހަރު ގިޔާންގެ ނަސޭހަތުގައި ހިފައި ފުރަތަމަ ފަހަރަށް ޖަމީލާއަށް ރައްދުދިނެވެ. މިއަދު ހިނގި ކަންތަކަށް ފަހު އިތުރަށް ހިމޭނުން ހުންނަން މަލްސާގެ ޒަމީރު އެއްބަހެއް ނުވިއެވެ. އެނާޒުކު ވަގުތުގައި ވެސް މަލްސާ ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުގައެވެ. ދޮންމަންމައަށް ލިބެންޖެހޭ ޤަދަރަށް އުނިކަމެއް ނާންނާނެ ފަދައިންނެވެ.

''ގޮތްކުޑަ އަންހެނާ، މަގޭ އަތުން ކަލެއަށް ފިސާރި ވޭން ހުރި ބޮޑިއެއް ލިބޭނެ!...'' ޖަމީލާ ހުރީ ސިހުމެއްގެ ތެރޭގައެވެ. މަލްސާ ބުނި ޖުމްލަ އޭނައަށް ޤަބޫލުކުރަން ދަތިވެފައި ވިއެވެ. މީގެ ކުރިން އޭނަގެ ކޮންމެ އަމުރަކަށް މަލްސާ ކިޔަމަންވާނެއެވެ. ނަމަވެސް ފުރަތަމަ ފަހަރަށް އޭނަ އެދުނު ކަމެއް ބޮލާލާޖެހުމުން ޖަމީލާ ހައިރާންވެސް ވިއެވެ.

''މިދެން ކިހާ ބޮޑުވެއްޖެ ކަމެއްތަ!، ކިތައް ފަހަރު ބުނާނީ ހަޅޭއްލަވަން މިތަނަން ނުވަންނާށޭ، ނިދޭވަރެއް ނުވެޔޭ މިއެއްޗެއްގެ ހަޅޭކުގެ އާޑާ ހެދި...'' ކޮޓަރީގެ ތެރޭގައި އަޑުގަދަވެގެން ނިދިން ހޭލެވުނު ނޫރާލް އަދަބުކުޑަކަމާއެކު ޖަމީލާއާ ދިމާއަށް ހަޅޭއްލަވައިގަތެވެ. ނޫރާލްއަކީ އެއް އިރެއްގައިވެސް އޭނަގެ މަންމައަށް ޤަދަރުކުރި މީހެއް ނޫނެވެ. މަންމައާ ދިމާއަށް އަވަގުރާނަ ގޮވަންވެސް ޖެހިލުމެއް ނުވާނެއެވެ. ލިބިފައި ހުރީ ފިސާރި މޮޅު ތަރުބިއްޔަތެކެވެ.

''ކަލޭ މިކަމުގެ ތެރެއަށް ނުވަދެ އަނގަމަޑުންލައިގެން އޮވޭ...'' ޖަމީލާ ރުންކުރުވިއެވެ. އޭނަ އައިސްފައި ހުރި ރުޅީގެ ހަސްކާ ނޫރާލްއަށް އަމާޒުކޮށްލިއެވެ.

''މިހުރިހާ ކަމަކީ މިރަންޑިއާ ހެދި ވާހާ ކަންތައް، ކަލެއާއި ކަލޭގެ ހަރާންކޯރު ކޮއްކޮ މިގެއަށް އައިފަހުން ހަމަޖެހިލައިގެން ނިދޭ ވަރެއްވެސް ނުވެޔޭ، މިތަނަށް ފާވެގެން ނޫޅެ މިތަނުން ކަލޭމެން ރައްކާވާން އުޅޭ... ބަލާވެރިކަމަކަށް ވެއްޖެޔޭ!...'' ނޫރާލް އެންމެފަހުން އަވަގުރާނަ ގޮވަން ފެށިއެވެ.

''އަމާ މަރުވީމަ ކަލޭމެނަށް މިނޫން ތާކަށް އަންނަން ނޭގުނުތަ، މިހުރިހާ ދުވަހު ކަލޭމެން އުޅުނު ރާއްޖެތެރޭ ގޭގަނޑުގަ އުޅުނުނަމަ، ހަމަ އަހަރުމެންނަށް ބަލާވެރިކަން ޖައްސަން މިގެއަށް އަންނަން އެނގުނީ... ވަރަށް ގިނަ އަހަރުވަންދެން ކަލޭމެންގެ އުނދަގުލަށް ކެތްކޮށްފިން، ދެނެއް ނުވާނެ!...'' މައްސަލަގަނޑު ހޫނުވެގެން ދިޔަ ގަޑީގައި ފީކުކުޅެއްހެން މަލްސާގެ ގަޔަށް ބޮލަށް ނޫރާލް އަރައިގަތެވެ. ނޫރާލްގެ އަތްދަށުން މިނިވަންވާން މަލްސާ މަސައްކަތްކުރިއެވެ.

ދުރުގައި މަންޒަރު ބަލަން ހުރި ޖަމީލާއަށް އެންމެފަހުން ޖެހުނީ ނޫރާލްއާއި މަލްސާގެ ދެމެދަށް ވަދެ ހަޅުތާލިގަނޑަށް ނިމުމެއް ގެންނާށެވެ. މަލްސާއަށް ޒަހަމެއް ލިބިއްޖެނަމަ މަސްލަހަތު ގޯސްވެދާނެތީއެވެ. އޭރުން ހުސޭންގެ ސުވާލުތަކާއި ކުރިމަތިލާން ޖެހިދާނެއެވެ. ނުވީތާކަށް ގިޔާން ކޮށްފާނެކަމެއް އެނގެނީކީ ނޫނެވެ.

މަލްސާގެ ބޮލުން ނޫރާލް ދޫކޮށެއް ނުލިއެވެ. މަލްސާގެ ދިހުންއަރާ ބޯ ފަން އިސްތަށިގަނޑުދެކެ ވަކިން ބޮޑަށް ނޫރާލް ހަސަދަވެރިވެއެވެ. އެއްދުވަހަކު ކަތުރަކުން މަލްސާއާއި ދިމާކޮށްލަން ހަދައިގެން ގިޔާންގެ ފަރާތުން އޭނައަށް ބޮޑު ލަނޑެއް ވެސް ވަނީ ލިބިފައެވެ. އެދުވަހު އެދެމީހުންގެ ދެމެދަށް ވަން ގިޔާން ނޫރާލްގެ އަތުން ކަތުރު ހޯދައި އަތު ޖެހުނު ގޮތަކަށް ނޫރާލްގެ އިސްތަށިގަނޑު ކޮށާ ކުދިކުދިކޮށްލިއެވެ.

ޖަމީލާ އެތައް މަސައްކަތެއްކޮށްގެން މަލްސާއާއި ނޫރާލް ދުުރުކޮށްލެވުނު ހިނދު އޭނަ ހުރީ ވަރުބަލިވެފައެވެ. ދާހިތްލައި މައިނޭވާ ލެވިފައެވެ. ހަށިގަނޑުގެ ބުރަހެލިކަމުން ކިތަންމެ ކުޑަކަމެއް ކޮށްލިޔަސް ޖަމީލާ ވަރުބަލިވެއެވެ. މީހާގެ ކަންނެތްކަމާ ހުރެ ބަރުދަން އިތުރުވަމުން ގޮސް ކިރާކަށްޓަށް ނުކުޅަދާނަވާހާ ގާތާށް ދާއިރުގައިވެސް ކަސްރަތެއްކޮށްނުލައެވެ.

''ކަލޭ މިތަނުން ނިކުމޭ!...'' މަލްސާއަށް ބަލާލަމުން ޖަމީލާ ބުނެލިއެވެ. އިސްތަށިތަކުގެ ބުޑަށް ވާންވެގެން ގޮސް އުފެދިފައިވި ތަދާއެކު މަލްސާއަށް ރޮވެމުން ދިޔައެވެ. ކަރުނަތައް ފޮހެމުން މަލްސާ ކޮޓަރިން ނިކުތެވެ.

*****

ބެލްކަނީގައި ހުރި ކުޑަ ސަރަންފީ ގޮނޑީގައި އިން މަލްސާއަށް ރޮވެމުން ދިޔައެވެ. ހިތްވަރުކުރަން ބޭނުން ވިޔަސް އެފަދަ ވަގުތުތަކުގައި ކުރިމަތިލާން ޖެހޭ ބިރުވެރިކަމުން އޭނަގެ ނަފުސު ބަލިކަށިވީއެވެ. ހަމައެއާއެކު ބޮލުގައި ވެސް ވަނީ ތޫނު ރިހުމެއް އުފެދިފައެވެ. ރޮވެމުން ދިޔަ މަލްސާ ސިއްސައިގެން ދިޔައީ ފޯނުގެ ރިންގްގެ އަޑު ކަންފަތުގައި ޖެހުމުުންނެވެ. އަވަސްއަވަހަށް އުނގުގައި އޮތް ފޯނަށް ނަޒަރެއް ދެވުނެވެ. ކަރުނުން ފުސްވެފައިވި ދެލޮލުން ސްކްރީނަށް އަރާފައިވި ނަންބަރަށް ސަމާލުކަން ދިނެވެ. ގުޅަނީ ލޭންޑްލައިނަކުންނެވެ.

''ހަލޯ...'' ކަރުނަތައް ފޮހެލަމުން މަލްސާ ފޯނަށް ޖަވާބު ދިނެވެ. އަދި ހަށިފުރާ ދޫކޮށްލި ނޭވާއާއެކު އަޑުގައިވި އުދާސްކަން ފިލުވާލިއެވެ.

''ހަލޯ، އައިޝަތު މަލްސާ ހުސޭނު ތޯ؟...'' އެކޮޅުން ބުނި އަޑު އިވުނެވެ.

''ލައްބަ...'' މަލްސާ ޖަވާބު ދިނެވެ.

''މިގުޅާލީ ޑަބްލިއު ކޮމްޕެނީން، ސެކްރެޓެރީއެއްގެ ޕޮޒިޝަންއަށް ޝޯޓްލިސްޓް ކުރެވިފައި ވާތީ، މާދާމާ ނުވައެއް ޖަހާއިރު އިންޓަވިއުއަށް ދުރުވެވޭނެތޯ؟...'' އެކޮޅުން ބުންޏެވެ. މަލްސާއަށް އިރުކޮޅެއް ވަންދެން ބުނަނާނެ އެއްޗެއް ނޭގިފައި އިދެވުނެވެ. ވަޒީފާއެއް ހޯދަން ތިންމަސްދުވަހު ކުރި މަސައްކަތުގައި ކުރިއެރުމެއް ނުލިބިފައި ވަނިކޮށް ނަސީބު އަތުގައި ހިފާލުމުން އޭނައަށް ޤަބޫލުކުރަން އުނދަގޫވީއެވެ. ތުންފަތުގައި އުފާވެރިކަމުގެ ހިނިތުންވުމެއް ދުވެލި ހިނދު ހިތާމަޔާއި މޮޅިވެރިކަމުގެ ލިސާންތައް ފިލައި އުއްމީދުގެ ކުލަވަރުތަކުން މޫނު ރަންގުވެގެން ދިޔައެވެ.

މަލްސާއަށް ސަރަންފީގޮނޑިން ކޮޅަށް ތެދުވެވިއްޖެއެވެ.

''ލައްބަ...'' މަލްސާއަށް ބުނެވުނެވެ. އިންޓަވިއުގެ ވަގުތާއި އޮންނަތަނުގެ މަޢުލާތު ސާފުކޮށްދިނުމަށްފަހު އެކޮޅުން ފޯނު ބޭއްވިއެވެ. އެއާއެކު މަލްސާއަށް ފޯނު ކަންފަތާ ދުރަށް ޖައްސާލެވުނެވެ.

''ދިސް އިޒް އެ ގުޑް ސްޓާރޓް، ޑަބްލިއު ކުންފުންޏަކީ މިވަގުތު ރާއްޖޭގައި އެންމެ ކުރީގައި އުޅޭ ކުންފުނި... އެތަނުން ކޮންެމެ ޕޮޒިޝަނެއް ލިބުނަސް ރަގަޅު މުސާރައެއް ލިބޭނެ... އަނެއްކޮޅުން ވަޒީފާއެއް ނުލިބިގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެ...'' ތައުލީމީ ފެންވަރާއި ނުބައްދަލު ފުރުސަތަކަށް ވިޔަސް މަލްސާ އޭނަގެ ޒަމީރަށް ވިސްނައިދިނެވެ. އެފުރުސަތުގެ މުހިންމު ކަމެވެ.

ވިޔަފާރީގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކޮށްގެން ހަމަހުގެ ކުރު މުއްދަތަކަށް މަލްސާ ވަޒީފާއަކަށް ދިޔައެވެ. ނަމަވެސް ވަޒީފާގެ މާހައުލުން ކުރިމަތިވި ހާދިސާތަކަކަށް ފަހު އޭނައަށް މަޖުބޫރުވީ އެވަޒީފާ ދޫކޮށްލާށެވެ. އޭގެ ފަހުން ތިން މަސް ވާން ކައިރިވެފައިވާއިރު އޭނައަށް ވަޒީފާއެއް ނުލިބުނެވެ. އެތައްހާސް ތަނަކަށް އޭނަ ކުރިމަތި ލިއެވެ. އެހެނަސް ޖަވާބެއް ނުލިބުނެވެ. އެންމެ ކުޑަމިނުން އިންޓަވިއަކަށްވެސް ގުޅާނުލިއެވެ. އެތައް ދުވަހެއްގެ ދިގު އިންތިޒާރާއި، ނާއުއްމީދަށްފަހު ހިތަށް ފިނިކަމެއްގެ އިހުސާސްކުރެވުނީ ދެންމެ ލިބުނު ޚަބަރާއެކުގައެވެ. އިންޓަވިއުއާ މެދު މަލްސާގެ ހިތުގައި އެތައް އުއްމީދުތަކެއްވިއެވެ.

''އިރާދަކުރެއްވިއްޔާ ހޮވޭނެ...'' މަލްސާ އޭނަގެ ނަފުސަށް ޔަޤީންކަން ދިނެވެ. އެތެރެއަށް ވަންނަން ބޭނުންނުވާތީ މަލްސާ އަނެއްކާ ސަރަންފީގައި އިށީނެވެ. އޭރު އޭނަގެ މޮޅިވެރިކަން ފިލައި އުފާވެރިކަން ހިތަށް ވެރިވެއްޖެއެވެ. އުއްމީދީ ހިނިތުންވުމެއް ވެސް ތުންފަތާއި ކުޅެލަމުން ދިޔައެވެ.

*****

ޢަޞްރު ނަމާދުން ފޭބި މަލްސާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ފޫހިވެފައިވުމުން އޭނަ ފޯނުން ފޭސްބުކަށް ވަދެލިއެވެ. ނިއުސްފީޑަށް ސަމާލުކަން ދީގެން ހާވަމުން ދަނިކޮށް އޭނައަށް ގުޅަން ފެށީ އެކުވެރި ރޭޝަމް އެވެ. ސްކްރީނަށް އަރާފައި އިން ރޭޝަމްގެ ނަން ފެނުމާއެކު މަލްސާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. މަލްސާ އަވަސްއަވަހަށް ފޯނަށް ޖަވާބުދިނެވެ.

''ހޭއި މަލް ކޮންތާކުތަ؟...'' ފޯނު ނެގުމާއެކު އިވިގެން ދިޔައީ ރޭޝަމްގެ އަޑެވެ.

''ގޭގަ... ދެންމެ ދޯ މާލެ އާދެވުނީ؟، ރޭޝްއަށް ގުޅަށް ކަމަށޭ ހުރީ، އެކަމަކު ކުޑަ ކަމެއްގަ ލައްވާލީމަ ހަނދާން ނެތުނީ... ހަނީމޫން ކިހިނެއް ދިޔައީ؟...'' އެނދުގައި ދެފައި ވަށްކޮށްލަމުން އިށީން މަލްސާ އަހާލިއެވެ.

ރޭޝަމްއާއި މަލްސާއަކީ މަތީ ސާނަވީގެ ސްކޫލް ދައުރުން ފެށިގެން ގާތް ދެ ރަހުމަތްތެރިންނެވެ. ހަ އަހަރުދުވަސް ވީއިރުވެސް އެދެމެދުގައި އޮންނަ އެކުވެރިކަމަށް ކުޑަވެސް ބަދަލެއް އައިސްފައި ނެތެވެ.

''އާނ ދެންމެ މިއާދެވުނީ... މަލްއާއި ގިޔާއަށް ދޭން ހަދިޔާ ހިފައިގެން މިއައީ، ގެއަށް އައިސް ފޮށިތައް ހުޅުވާލައިގެން މިއުޅެނީ، ގިޔާއާ ދެމީހުން އަންނަން ވީއެއްނު؟...'' ރޭޝަމް ބުނެލިއެވެ. ގިނަދުވަސްތަކެއް ފަހުން އެކުވެރިޔާއާއި ބައްދަލުކޮށްލަން މަލްސާ ހުރީ ބޭނުން ވެފައެވެ. ހިއްސާކޮށްލަން އެތައް ވާހަކައެއް ހުރީތީއެވެ. ވަކިން ހާއްސަ ގޮތެއްގައި އިންޓަވިއުގެ ކަންތަކެވެ.

''އިރުކޮޅަކުން ދާނަން...'' މަލްސާ ބުނެލިއެވެ. އެއަށްފަހު އޭނަ ކޮޓަރިން ނިކުތީ ގިޔާންއަށް ގޮވާށެވެ. ނަމަވެސް ކޮޓަރިން ބޭރަށް އޭނަ އަޅާލި ފުރަތަމަ ފިޔަވަޅާއެކު ހުއްޓެވުނީ ބޮޑުކޮޓަރީގައި އިން މީހެއްގެ އަޑު އޭނަގެ ކަންފަތުގައި ޖެހުމުންނެވެ. ވީފޫއްސެއްގެ ބޮޑުކަމުން މަލްސާގެ މުޅި ތަބީއަތު ހަރާބުވިއެވެ. ތުންއަނބުރާލާފައި އޭނަގެ ގޮސް ގިޔާންގެ ކޮޓަރީގެ ދޮރުގައި ޓަކިދިނެވެ. އެވަގުތު އޭނައަށް ޖަމީލާ ގޮވާލި އަޑު އިވުނެވެ. ހީވީ މަލްސާގެ ހަރަކާތަކަށް ކަންފަތްހުޅުވައިގެން ސަމާލުވެ އިން ހެންނެވެ.

''މަލްސާއާ ބައްދަލުކޮށްލަން ޝުއައިބު އެބައިން އައިސް...'' ދެން ފެނުނީ މަލްސާ ބަލާ ޖަމީލާ އައިތަނެވެ. އެއާއެކު މަލްސާ އަވަސްވެގަތީ ކޮޓަރީގެ ދޮރުހުޅުވާލާފައި އެތެރެއަށް ދެމިގަނެވޭތޯއެވެ. އެއަށްފަހު ދޮރު ތަޅުލެވޭތޯއެވެ. މިދުނިޔެމަތިންވެސް އޭނަ އެންމެ ފޫހިވާ އިންސާނަކީ ޝުއައިބު އެވެ. އެސޫރަ ދެކެންވެސް އޭނަ ބޭނުމެއް ނުވެއެވެ. އެނަން އިވުނަސް ޒާތެއްގެ ރުޅިއެއް އާދެއެވެ. ޝުއައިބު އަކީ ކިހާ ވިޔާނުދާ އަހުލާޤެއް ނެތް ފިރިހެނެއްކަން އެނގޭނީ އޭނަ އަށެވެ.

''ކަލޭ ކޮން ވައްތަރަކަށްތަ ތިއުޅެނީ، ޝުއައިބު އެއީ ކަލޭ ކުރިން މަސައްކަތްކުރި ކުންފުނީގެ ބޮޑު މީހެއްނު، އެހާ ޤަދަރުވެރި މީހަކު އައީމަ ކަލެއަށް ތިނޫން ގޮތަކަށް އުޅެން ނޭގެނީތަ؟...'' ޖަމީލާ ބުނެލިއެވެ. އޭނަ އިއިސް ހިފީ މަލްސާގެ އަތުގައެވެ. އަދި މަލްސާ ގަދަ ހަދަމުން ދަނިކޮށް ބޮޑުކޮޓަރިއަށް ނެރުނެވެ. އެވަގުތު ސޯފާގައި އިން ޝުއައިބުއަށް މަލްސާ ފެންނައިރަށް ހިނިތުންވެލިއެވެ.

ހިތަށް ވެރިވި ފޫއްސެއްގެ ބޮޑުކަމުން މަލްސާ ދުރުބަލަން ފެށިއެވެ.

ޝުއައިބުއަކީ މެދު އުމުރުގެ މީހެކެވެ. ބޮލުގައި ކަޅު އިސްތައްޓަށްވުރެން ގިނައީ ނުރައެވެ. ކުރު އިސްކޮޅެއް ލިބިފައި ވާއިރު މީހާ އެހާމެ ފަލައެވެ. އެވަރުންވެސް ޒުވާން އަންހެންކުދިންގެ ފަހަތުން ދުވުން ހުއްޓައެއް ނުލައެވެ. ތަނަކުން ރީތި ކުއްޖަކު ފެނިއްޖެނަމަ އެކުއްޖަކު ހާސިލުކުރަން ބޭނުން ވެއެވެ. ނުރުހުމުގައި ވިޔަސް މެއެވެ. ގަދަބާރު ދައްކައިގެން ވިޔަސް ހެވެވެ. ޝުއައިބުގެ ރާޑަރަށް މަލްސާ އެރީ އޭނަގެ އޮފީހާއި މަލްސާ ގުޅުނު ފަހުންނެވެ. އެދުވަހުން ފެށިގެން މަލްސާގެ ފަސްފަހަތުން ޝުއައިބު އުޅެން ފެށިއެވެ. އެންމެފަހުން ޝުއައިބުގެ އުނދަގޫ ބޮޑުވާން ފެށުމުން މަލްސާ ވަޒީފާއިން ވަކިވިއެވެ. ޝުއައިބުގެ އުނދަގުލުން ސަލަމަތްވެވޭނެ ކަމަށެވެ. ނަމަވެސް، އެހެނެއް ނުވިއެވެ. ލަދުހަޔާތެއް ނެތް އެފިރިހެނާ އެންމެފަހުން އޭނައާއި ބައްދަލުކުރަން އެގެއަށް އަންނަން ފެށީއެވެ. ފައިސާ ހުރި މީހަކަށް ވާތީ ދޮންމަންމަ އެކަމާއި ދެކޮޅެއް ނަހަދައެވެ. ޝުއައިބުގެ އަތުން ބުނި ވަރަކަށް ފައިސާ ލިބޭތީއެވެ. އެކަމާވެސް މަލްސާ ނުރުހެއެވެ. ޝުއައިބުގެ ހަޤީޤަތް އެންމެނަށް ސިއްރުކުރެވުނުކަމުގެ މޮޔަ މަލްސާއަށް ވަނީ ހީވެއެވެ.

ކުއްލިޔަކަށް އެންމެންގެ ސަމާލުކަން ހުއްޓުނީ އެޕާރޓްމެންޓްގެ ދޮރު ހުޅުވުނު އަޑަށެވެ. ޢަޞްރު ނަމާދުން ފައިބައިގެން އައި ގިޔާންއަށް ސޯފާގައި އިން ޝުއައިބު ފެނުމާއެކު އައީ އަމަށަކު ރުޅިއެއް ނޫނެވެ. ދެން އޭނަގެ ނަޒަރު ހުއްޓުނީ މަލްސާގެ އަތުގައި ހިފައިގެން ހުރި ޖަމީލާ އަށެވެ.

ގިޔާން ފެންނައިރަށް ޖަމީލާގެ މޫނުމައްޗަށް ހާސްކަން ވެރިވެއްޖެއެވެ. އޭނައަށް ޝުއައިބުއާއި އަވަސް ނަޒަރެއް ބަދަލުކޮށްލެވުނެވެ. ޝުއައިބުގެ ފަރާތުން ނުތަނަވަސްކަން ފެނުނެވެ. އޭނަ ބޮމުން ދިޔަ ސައިފޮދު އަރުތެރޭގައި ތާށިވެ ކެއްސަން ފެށިގޮތަށް މޫނު ހުދު ވެއްޖެއެވެ.

''ކަލޭ މިގެއަށް ވެއްދީ ކާކު!، ކުރީ ފަހަރުވެސް ނެރެމުން ބުނީމެއްނު މިގެއަށް އައިސްގެން ނުވާނެޔޭ... ދަމާފަ ނުނެރެނީސް ނުކުމޭ، މިފަހަރު ކަލޭގެ މައްސަލަ އަންގާނީ ޕޮލިހަށް، ބޮޑު އުނދަގުލަކަށް ވެއްޖެޔޭ... ކަލެއާ ބައްދަލުކުރަން ދޮންތަ ބޭނުންނުވާކަން ކިތައްފަހަރު ބުނެފަ އޮތީ!...'' ގިޔާން ދަތްތަކަށް ބާރުލަމުން ބުނެލިއެވެ. ޝުއައިބުގެ ސަބަބުން އޭނަގެ ދޮންތައަށް ކުރިމަތިވާ ފިއްތުންތަކާ ހުރެ ޝުއައިބު ދެކެ ގިޔާން އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ހަމައެއާއެކު ޝުއައިބުގެ ލަދުހަޔާތްކުޑަކަން ފެނިފައިިވެސް އޭނަ ހައިރާންވެއެވެ. އަމިއްލަ ދަރިފުޅުގެ އުމުރުގެ އަންހެންކުއްޖަކު ފަހަތުން ދުވާއިރު ލަދެއްވެސް ނުގަނެއެވެ.

''ބޮޑު މީހުންގެ ކަންތަކުގެ ތެރެއަށް ކުޑަކުދިން ނުވަނިއްޔާ ރަގަޅީ...'' ޖެހިލުންވުމާއިއެކުގައި ޝުއައިބު ރައްދުދިނެވެ. ގިޔާންގެ އުނދަގޫ އޭނައަށް މިހާރު ވަރަށް ބޮޑުވެއްޖެއެވެ. ގިޔާންގެ ސަބަބުން އޭނައަށް މަލްސާއާ ހަމައަށް ވާސިލު ނުވެވޭތީއެވެ. މަލްސާގެ ހަށިފާރަވެރިޔެއްހެން ގާތުގައި ގިޔާން ހުންނާތީއެވެ. ނުވީތާކަށް ކުރީ ދުވަހަކު އިމާރާތުގެ އެންމެންގެ ކުރިމަތީގައި އޭނަ ފަޟީޙަތް ކޮށްލައިފިއެވެ.

''ވަންނާނަން، އެއީ އަހަރެންގެ ދޮންތަ، ދޮންތައަށް ކުޑަމީސް ގެއްލުމެއް ދޭން މަސައްކަތްކުރާ މީހަކު ފުރަތަމަ ކުރިމަތިލާން ޖެހޭނީ އަހަންނާ...'' ގިޔާން ހިނގައިގަތީ ޝުއައިބުއާއި ދިމާއަށެވެ. އޭގެ ކުރިން މަލްސާ އެދެމެދަށް ވަދެ ގިޔާން ދުރަށް ގެންދަން އުޅުނެވެ. ކުރީ ފަހަރު އޭނައާއި އިންނަން އަހަން ޝުއައިބު އައި ދުވަހު ގިޔާން ހިންގާލި ހަޅުތާލި ތަކުރާރުވާން އޭނަ ބޭނުމެއް ނުވިއެވެ. އެދުވަހުވެސް ކަންތައް ބޮއްސުންލައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ.

''ފައިސާ އާއި ހެދި ބޫތު ކައިފަ ހުރިއްޔާ ކަލޭގެ އަންހެން ދަރި އޭނައާއި ދެވިއްޔާ މާ ރަގަޅުވާނެ، އޭރަށް ފައިސާ އޮހެމުން ދާނެއެއްނު، ކޮންމެހެން ދޮންތައަށް އުނދަގޫކުރަން އުޅޭނެކަމެއްނެތް، އެނޫރާލްއާ އޭނަގެ ކައިވެނި ކުރުވަން އުޅޭ......'' ޖަމީލާއަށް ބަލާލި ގިޔާން ބުނެލިއެވެ. މަލްސާ މަސައްކަތްކުރީ ގިޔާން ގޮވައިގެން އެތަނުން ދާށެވެ.

*****

ގިޔާން ގޮވައިގެން ގޮސް މަލްސާ ވަނީ ކޮޓަރިއަށެވެ.

''ދޮންތާ، މިކަންތައް އަހަންނަށް ފެންނަނީ ޕޮލިހަށް ރިޕޯޓުކުރަން، އޭނަގެ ކަންތައް މިހާރު މާމައްޗަށް އެދަނީ...'' ގިޔާން ބުނެލިއެވެ. އޭނަގެ ރުޅި ފިނިވާ ގޮތެއް ނުވިއެވެ.

''ގިޔާ، ހަމަޖެހިބަލަ... ދޮންތަ ކިތައް ފަހަރު ބުނާނީ ތިހެން ރުޅި އިސްނުކުރާށޭ...'' ގިޔާންއަށް ވިސްނައިދޭން މަލްސާ މަސައްކަތްކުރިއެވެ.

''ރުޅި އަންނަންޖެހޭ ވަގުތުތަކުގައި ރުޅިވެސް އިސްކުރަން ޖެހޭނެ، އޭރުން ކަންތައް ހައްލުކުރެވޭނީ، އަބަދު މަޑުމައިތިރިކަމާއެކު ކަންތައް ހައްލެއް ނުކުރެވޭނެ... މިފަހަރު ޕޮލިހަށް ރިޕޯޓުކުރާނަން...'' ގިޔާން ބުނެލިއެވެ.

''ނޫން، އޭރުން ދޮންމަންމަގެ ކަންތައް އިތުރަށް ބޮޑުވާނެ، ބައްޕައާއި ވާހަކަދައްކާނީ، ކުރީފަހަރުވެސް ބައްޕައާއި ވާހަކަދައްކައިގެން ހައްލުވިއެއްނު...'' މަލްސާގެ ޖުމްލައިން އިތުރަށް ގިޔާން ނުރުހުނެވެ. ހުސޭނަށް އެކަންތައް ހައްލުނުކުރެވޭނެކަން އޭނައަށް އެނގޭތީއެވެ.

''ބައްޕަވެސް ޝުއައިބުއާ ގަޔާ ނުވޭ، ދޮންމަންމަގެ ކުރިމަތީގައިވެސް ދެކޮޅު ހަދާފައި އޮތީ...'' މަލްސާ ބުނެލިއެވެ. ''ބައްޕައާއި ވާހަކަދައްކައިގެން ހައްލު ނުވެއްޖެނަމަ ޕޮލިހަށް އަންގާނީ...''

މަލްސާ ބުނެލިއެވެ. މަލްސާ މިފަހަރު ގަސްދުކުރީ ބައްޕައަށް ހުރިހާ ހަޤީޤަތެއް ކިޔައިދޭށެވެ. ޝުއައިބުގެ ނިޔަތުގެ މުޑުދާރުކަމާއި ހިތްނުބައިކަމެވެ. އެހަޤީޤަތް ހާމަނުކޮށް ހުރެއްޖަނަމަ މި މުސީބާތުން ސަލާމަތެއްނުވެވޭނެކަން މަލްސާއަށް އެނގުނެވެ.

މަލްސާ އެތައް ވާހަކައެއް ދައްކައިގެން ގިޔާން ހަމައަކަށް އެޅުނެވެ.

''ރޭޝް ގުޅާފަ އެގެއަށް އަންނަން ބުނި ގިޔާ ގޮވައިގެން، ގިޔާއަށް އަންގަން އުޅެނިކޮށް މިކަމެއް މި ހިނގީވެސް... މިހާރު ލަސްވެސް ވެއްޖެ، ތައްޔާރުވެގެން ހިނގާ ދޮންތައާއެކު އެގެއަށް ދާން...'' މަލްސާ އެދުނެވެ.

*****

''ޝުއައިބު ދިއުން...'' ޖަމީލާގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ޝުއައިބު ސޯފާއިން ތެދުވެއްޖެއެވެ. އާރެއްބާރެއް ނެތް އަންހެން ކުދިންގެ މައްޗަށް ބާރުފޯރުވަން ކެރުނަސް، ފިރިހެނަކާއި ކުރިމަތިލާން ޖެހުމުން ޝުއައިބު ވަނީ ފިނޑިއަކަށް ވެފައެވެ. އޭނައަށް ވުރެން ގިޔާން އުމުރުނަ ހަނގުކަމުގައި ވިޔަސް، ގިޔަން ޖާނުން ބާރުގަދަވުމުން ގިޔާން ދެކެ އޭނަ ބިރުގަނެއެވެ. ވަކިން ހާއްސަ ގޮތެއްގައި އޭނަ އެގެއިން ނެރެލަމުން އަވަށްޓެރިންގެ ކުރިމަތީގައި އޭނަ ފަޞީޙަތްކޮށްލި ދުވަހަށް ފަހުގައެވެ.

''މިކަމަށް ޖަމީލާ ވާނެ އަވަސް ހައްލެއް ހޯދަން، މަ ބޭނުން ވީހާވެސް އަވަހަކަށް މަލްސާއާއި ކައިވެނި ކުރަން...'' އެޕާރޓެމެންޓުން ނިކުންނަމުން ޝުއައިބު އެދުނެވެ. ވަގުތުން ޖަމީލާ ބޯޖަހާލިއެވެ. ބުރަހެލިކަމާއެކު ސިޑިންފައިބަމުން ދިޔަ ޝުއައިބުއަށް ބަލަން ޖަމީލާ ދޮރުކުރިމަތީ މަތީ ހުއްޓެވެ.

''ހުސް ބޮލުގެ ރިހުންތައް، ހުސޭނުވެސް މިކަމަށް އެބަހެއް ނުވޭ، ދެން ކުކުޅަށްވުރެބިސްދޮށިވެގެން އުޅޭ އެތީގެ ބަލާވެރިކަން އެހާ ބޮޑު، އެޝުއައިބުއަކީ ވެސް ފިނޑިއެއް، އެގިޔާން ބިރުދައްކާލިފަހުން އެހުންނަނީ ފިތްކަޑައިގެންދާން ކައިރިވެފަ، ފިރިހެނަކަށްވެ އެކުޑަ މީހާގެ ފެންވަރު ދައްކައިލިއްޔާ ކީއްތަ ވާނީ... އަތުގައި ލާރި ހުރިކަން އެކަނި، ސިކުނޑިއެއެް ހުރި މީހެއް ނޫން...'' ޖަމީލާ ކުދިކިޔާލިއެވެ.

ކޮމެންޓް 0