2

ދަންވަރަށް ބޯމަތިވެގެން އައި ވިއްސާރައިގެ ތޫފާން އަލިކޮށްލީ ފަތިސް ނަމާދަށް ބަންގިވެސް ގޮވި ފަހުންނެވެ. ހުއްޓާލުމެއް ނެތި ވެހުނު ވާރޭގެ ސަބަބުން މާލޭގެ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. މަގުތަކުގައި ހެދިފައިވާ ފެން ކޯރުތައް ބަންޑުންވާން ކައިރިވެފައި ވާއިރު، މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް ވެސް ދަތިވެއި ވެއެވެ. އޭރުވެސް ޖެހެމުން ދިޔަ ވަޔަށް އެއްވެސް ބަދަލެއް އައިސްފައި ނެތެވެ. ރޯޅިތަކުގެ ބޫން އަޑުފަށްގަނޑު އެއްއަޑަކަށް ފަޒާގެ ތެރޭގައި ގުގުމާލާފައި ވާއިރު، ރޯޅިތަކުގެ ފިނިކަމާއި ވާރޭގެ ތެތްކަން އެކުވެ ފަޒާގެ ތެރެއަށް ސަވާރުވެފައިވަނީ ތެތްފިނިކަމެކެވެ. އަނދިރިކޮށްލާފައިވި ވިއްސާރަ ވިލާތައް ފޫއަޅުވާލާފައި އިރުގެ އަލިކަން ދުނިޔެއަށް ލިބޭނެ ކަމާމެދުވެސް ޝައްކެވެ.

ފޯނުގެ އެލާމުގެ އަޑާއެކު ކަންނެތްކަމާއެކު މަލްސާއަށް ލޯހުޅުވާލެވުނެވެ. އެލާމްގެ އަޑު ކަންފަތުގައި ޖެހުމުން ފަތިސް ނަމާދުގެ ވަގުތު ޖެހިއްޖެކަން އޭނައަށް ނަގައިގަނެވުނެވެ. އެހެނަސް ހަށިގަނޑަށް ވެރިވެފައިވި ވަރުބަލިކަމާއި ދާނުގެ އަރާމުކަން ދޫކޮށްލަން އޭނަގެ ޒަމީރު ފުރުސަތެއް ނުދިނެވެ. ދާނުގެ ލައްޒަތުގެ ތެރޭގައި އިރުކޮޅެއް ވަންދެން އޮވެލަން އޭނަ ބޭނުން ވިއެވެ. ނަމަވެސް، އިނބުލީސް އަތުރަމުން ދިޔަ ދަންތުރަތަކުގައި ޖެހި ތަންމަތި ދޫކޮށްނުލައިފިނަމަ ފަތިސް ނަމާދުގެ ވަގުތު ފަހަނައަޅައި ހިނގައިދާނެކަމުގެ ބިރަށް ޓަކައި މަލްސާއަށް އެންމެފަހުން މަޖުބޫރުވީ އެނދުން ތެދުވާށެވެ.

އެދުން ތެދުވެ މޯޅިއަކަށް ދެމިލުމަށްފަހު އެނދުގެ ތަންމަތި އަޅައި ރީތިކޮށްލުމާއެކު މަލްސާ އަވަސްވެގަތީ ފާޚަނާއަށް ވަނުމަށެވެ. އޭރު ވެސް ފުރާޅުގައި ބޮސްދެމުން ދިޔަ ހިމަދޮފުވާރޭގެ އަޑު ކޮޓަރިތެރެއަށް އިވިއިވި ހުއްޓެވެ. ހިސާބަކަށް ނިދިބަރުވެފައިވުމުން މަލްސާއަށް އެއަޑަށް ސަމާލުކަމެއް ނުދެވުނެވެ.

ފެންވަރައި ތާޒާވެލަންވެގެން ފެންމާގަނޑަށް ދޫކޮށްލުމާއެކު ހަށިގަނޑުގައި ބޮސްދިން ފެނުގައި އެކުލެވިގެންވި ފިނީގެ އަސަރާއެކު ހަށިގަނޑަށް ހީވީ ކުއްލި ޝޮކެއް ލިބުނުހެންނެވެ. މަލްސާއަށް ވަގުތުން ފެންމާގަނޑުގެ ދަށުން އެއްފަރާތަކަށް ޖެހިލެވުނެވެ. އޭރު ފެނުގެ ފިނިކަމުގެ އަސަރުކޮށް އޭނަ ހުރީ ހީކެރުވައިގަނެފައެވެ. ދެއަތުން ހަށިގަނޑުގައި ވަށާލެވުނީ ފިނީގެ އަސަރުން ރައްކާތެރިވުމުގެ ނިޔަތުގައެވެ. އޭރު އޭނަގެ ދެލޮލުގައިވި ނިދީގެ އަސަރު ވެސް ފިލައި މީހާގެ ދެލޯ ވެސް ހުޅުވިއްޖެއެވެ.

ފާޚަނާގައި ހޫނުފެން ނުހުންނާތީ މަލްސާއަށް ޖެހުނީ ފެންމާގަނޑުން އޮހޮރެމުން ދިޔަ ގަނޑުފެނުން ފެންވަރާށެވެ. ފެންވަރައި ނިމުނު އިރު ފިނިބޮޑުވެގެން ގޮސް މީހާ އަވަދިވާވަރު ވެއްޖެއެވެ. އަވަސްއަވަހަށް ހަށިގަނޑުގައި ތުވާލި އޮޅާލެވުނީ ފިނިން ރައްކާތެރިވުމަށެވެ.

*****

ނަމާދުން ފޭބި މަލްސާ އޭނަގެ ދޮޅިއާއި އިސްޓާކީނުތަކާއެކު މުސައްލާ އޮޅާލަމުން ގެންގޮސް ބޭއްވީ ކޮޓަރީގައި ހުރި ލިޔާ މޭޒު މަތީގައެވެ. އެއީ ވަރަށް ކުޑަ ކޮޓަރިއެކެވެ.

ކޮޓަރީގައި ހުރި މަތިމައްޗަށް ޖަހާފައިވާ އެނދާއި، އެނދާއި ކުރިމައްޗަށް ވާހެން ހުރި އަލަމާރީގެ އިތުރުން، އަލަމާރިއާ ޖެހިގެން ކަހަލަ ގޮތަކަށް ހުންނަ ރީތިވާ މޭޒުގެ ސަބަބުން ކޮޓަރީގައި އޮންނަނީ ވަރަށް ވެސް ކުޑަ ހުސް ޖާގައެކެވެ. ލިޔާ މޭޒުގެ ސަބަބުން އެޖާގަ ކޮޅު އިތުރަށް ކުޑަވެފައި ވިއެވެ. ހަމަޖެހިގެން ނޭވާލެވޭނެހާ ވަރެއް ވެސް ނުވެއެވެ. ކޮޓަރީގައި ހުންނަ ފަންކާގަނޑުން ޖެހޭ ވަޔެއް ވެސް ހަރާމުންހަރާމެވެ. އޭގެ ސަބަބުން ކޮޓަރީގައި އުދާސްކަމެއް ހަރުލާފައި ހުރެއެވެ. ވާރޭގެ ފިނިކަމުގެ އަސަރު ކޮޓަރީގައި ނުވާނަމަ ފަތިހުގެ ވަގުތުގައި ވެސް އެތަން ހީވާނީ ދޮންކޮށްފައި ހުރި އަވަނެއް ހެންނެވެ.

މުސައްލާ ބާއްވަމުން ކޮޓަރިން ނިކުންނަން ދިޔަ މަލްސާއަށް ހުއްޓެވުނީ ތިރީ އެނދުގައި އޮތް ނޫރާލް ފެނިފައެވެ. ނޫރާލް އަކީ މަލްސާގެ ދޮންމަންމަގެ އަންހެން ދަރިފުޅެވެ. މަލްސާއާއި އެއް އުމުރެކެވެ. ބާވީސް އަހަރެވެ. މަލްސާއާއި ނޫރާލްއާ ދެމެދު އަބަދުވެސް ނުތަނަވަސްކަމެއް އޮވެއެވެ. ވާދާވެރިކަން އޮވެއެވެ. ދޮންމަންމައާއި ނޫރާލް އޭނަ ދެކެ ފެށުނީއްސުރެން ނަފުރަތުކުރާކަން އެއީ މަލްސާ އަބަދުވެސް ދަންނަ ހަޤީޤަތެކެވެ. ބަހާއި އަމަލުން ކޮންމެ ދުވަހަކުވެސް އެކަން ސާބިތުކޮށްދޭތީއެވެ. އެހުރިހާ ކަމަކާއެކުވެސް ނޫރާލްއާ މެދު ހިތްހަމަނުޖެހުމެއް މަލްސާ ނުބާއްވައެވެ. ހިނިތުންވުމަކާއެކު ކޮންމެ ދުވަހަކު މުހާތަބު ކުރަނީ އެއްވެސް މީހަކާ މެދު ހިތްބުރަކަމެއް ބާއްވަން ބޭނުންނުވާތީއެވެ. އެފަދަ އާދަތަކަކީ މީހާގެ ނަފުސު ހަލާކުކޮށްލާ ވިޔާނުދާ ކަންތައްތަކަށް ވާތީއެވެ. މީހާގެ ހިތާއި ސިކުނޑި ފަސާދަކޮށް ނަފުރަތާއި ރުޅިވެރިކަން އުފަންކުރުވާ ނުބައި އާދައަކަށް ވާތީއެވެ. ދިރިއުޅުމުގައި އެހުރިހާ ނުބައި އާދަތަކާ ދުރުވާން މަލްސާ އަބަދު ވެސް މަސައްކަތްކުރެއެވެ. މަންމަގެ ފަރާތުން މަލްސާއަށް ލިބިފައިވާ ރަގަޅު ތަރުބިއްޔަތުގެ ބޭނުން ހިފަން އޭނަ އަބަދުވެސް މަސައްކަތްކުރެއެވެ.

ދެޚިޔާލެއްގައި ހުރި މަލްސާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނަގެ ފިޔަވަޅުތަކުގެ މިސްރާބު ބަދަލުކޮށްލީ އެނދާއި ދިމާއަށެވެ. އެނދުކައިރިއަށް ހުއްޓިލަމުން ނޫރާލްއަށް ގޮވަން މަލްސާ މަސައްކަތްކުރިއެވެ. ފަތިސް ނަމާދުގެ ވަގުތު ފަހަނައަޅައި ދާވާހަކަ ބުނަން އޭނަ ކުރިހާ މަސައްކަތެއް ދިޔައީ ފެނަށެވެ. ނޫރާލް ކަހާތަންހިރުވާވެސް ނުލިއެވެ. ނިދީގެ އާފިލުކަމުގެ ތެރެއަށް ގޮސް ހުސްވެފައެވެ. ދީނީކަންތަކާ ދުރުވުމުގެ ސަބަބުން ނޫރާލް ދުވަހަކު ވެސް ނަމާދެއް ނުކުރެއެވެ. ޤުރުއާނުން އަކުރެއްގެ މިންވަރު ވެސް ފަރިތަކަމާއެކު ކިޔަން ނޭގެއެވެ. ހެދުންއަޅަނީ ފަރަންޖީންގެ ވައްޓަފާޅިއަށެވެ. އެކަން ހުއްޓުވާނެ މީހަކު ނެތުން ވެގެން ދިޔައީ ހުޅަނގުގެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ނަކަލުކުރަން ނޫރާލްއަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. އޭގެ އިތުރުން ތިމާގެ ނެތްފެންވަރުން މުއްސަނދިކަން ގިރިޓީކޮށް ދައްކަން އެހާމެ ފޯރި ހުރެއެވެ.

ކުރިއެރުމެއް ނުލިބޭނެކަން އެނގުމުން މަލްސާ ކޮޓަރިން ނިކުންނަން ހިނގައިގަތީ ތުންފަތް އަރިއަކަށް ދަމާލާފައެވެ. އިތުރަށް ގޮވަން ހަދައިފިނަމަ ނޫރާލް އޭނައާ ދިމާއަށް އަވަގުރާނަގޮވަންވެސް ފަހެއް ނުޖެހޭނެކަން އެނގޭތީ މަލްސާ އަމާންކަން ދިނީއެވެ.

*****

ކޮޓަރިން ނިކުމެވުމާއެކު މަލްސާ އަވަސްވެގަތީ އޭނަގެ އެއްބަނޑުއެއްބަފާ ކޮއްކޮ ގިޔާންއަށް ގޮވުމަށެވެ. މަލްސާއާއި ގިޔާންއާ ދެމެދު ވަނީ ހަތަރު އަހަރުގެ ތަފާތެކެވެ. މަތީ ނާސާވީގެ ފަހު ސެމިސްޓާރގައި ކިޔަވަމުން އަންނައިރު ގިޔާންގެ ހިތްއަލިކަމުގެ ސަބަބުން ކިޔެވުމަށް ވަރަށް ވެސް މޮޅެވެ. ކޮންމެ ފަހަރަކުވެސް ރަންވަނަތައް ހާސިލު ކުރެއެވެ. މިހާރު އެއީ ސްކޫލުގެ ކެޕްޓަންވެސް މެއެވެ. ކޮއްކޮގެ ކާމިޔާބީތަކުގައި ހެޔޮ ހިތަކާއިގެން ބައިވެރިވާން ހުންނަ ހަމައެކަނި ބައިވެރިޔަކީ މަލްސާއެވެ. އިތުރު އެއްވެސް ބަޔަކަށް ގިޔާންގެ ކާމިޔާބީތަކުން އުފަލެއް ނުލިބެއެވެ. ދޮންމަންމަގެ ފަރާތުން ފެންނާނީ ހަސަދަވެރިކަމެވެ. ރުޅިވެރިކަމެވެ. ބައްޕަގެ ފަރާތުން ފެންނާނީ އަބަދުވެސް ފަރުވާކުޑަކަމެވެ. ވަޒީފާއާއި ޒިންމާތަކަށް ގޮސް ހުސްވެފައިވުމުން އަމިއްލަ ދަރިންނާމެދު ވަނީ އިހުމާލުވެވިފައެވެ.

މަލްސާމެން އުޅޭ ތަނަކީ ދެކޮޓަރީގެ ކުޑަކުޑަ އެޕާރޓްމެންޓެކެވެ. ޖާގައިގެ ދަތިކަން އެހާމެ ބޮޑެވެ. ޢާއިލާގެ އެންމެނަށް ތަންކޮޅު ބަހާލި އިރު ގިޔާންއަށް ޖެހުނީ ގޭގައި ހުންނަ ކުޑަކުޑަ ގުދަންގަނޑެއްގައި ނިދާށެވެ. ކުޑަ ގޮދަޑިގަނޑަކާއި ސްޓޭންޑް ފަންކާއެއް ފިޔަވައި އިތުރުއެއްޗެއް ބަހައްޓާނެ ޖާގައެއް އެތާގައި ނޯވެއެވެ. ގިޔާންގެ އަންނައުނާއި އަދިވެސް އެހެނިހެން އެއްޗެހި ބަހައްޓަންޖެހެނީ މަލްސާމެންގެ ކޮޓަރީގައެވެ. އެކަމާއިވެސް ނޫރާލް ރުޅިއާދެއެވެ. މަލްސާއާއި ގިޔާން އެގެއަށް އައިފަހުން އޭނަގެ މިނިވަންކަމާއި ހިތްހަމަޖެހުން ގެއްލިފައިވާތީއެވެ. އޭނަ އެކަނި އުޅެމުން އައި ކޮޓަރި މަލްސާއާއި ހިއްސާކުރަން ޖެހިފައިވާތީއެވެ. އަލަމާރިން ބޮޑުބައެއް މަލްސާއާއި ގިޔާންގެ އަންނައުނުތަކަށް ހުސްކުރަން ޖެހިފައިވާތީއެވެ. މިހުރިހާ ނުރުހުންތެރިކަމެއް މަސްހުނިވެ ނޫރާލްގެ ހިތުގައި އޮންނަނީ އަބަދުމެ ރުޅިވެރިކަމެވެ. އެރުޅިވެރިކަމަށް އިތުރު ދަރުތަކެއް އަޅައި އަންދަން ހުންނަނީ ނޫރާލްގެ މަންމަ ޖަމީލާއެވެ. ޖަމީލާގެ ހިތުގައި އޭނަގެ ފިރިމީހާ ހުސޭންގެ ދަރިންނަށް އޮންނަނީ ވަރުގަދަ ދެކޮޅުވެރިކަމެކެވެ. މައްސަލަ އިތުރަށް ހޫނުވެފައިވީ މަލްސާމެންގެ މަންމަގެ މަރަށްފަހު، ޖަމީލާގެ ދެކޮޅުވެރިކަމާއެކުގައި ވެސް އެދެބެއިން ހުސޭނުގެ ހިޔާވެހިކަމުގެ ދަށަށް ގެނައުމުންނެވެ.

ގިޔާންގެ ކޮޓަރީގައި މަލްސާ ދެތިން ފަހަރަކު ޓަކިދިނެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. އޭނަ ގިޔާންއަށް ގޮވާލަމުން ދޮރުގެ ތަޅުގައި ހިފާލިއެވެ. ތަޅުނުލާ ހުރުމުން ދޮރު ހުޅުވިގެން ދިޔައެވެ.

ކޮޓަރި އޮތީ ހުސްކޮށެވެ. ހޮޅިބުރި ދިއްލާފައިވާއިރު ސްކޫލުގެ އިމްތިހާނަށް ދަސްކުރަން އުޅުނު ފޮތްތައް ގޮދަޑިމަތީގައި ވިއެވެ. ކޮޓަރިއަށް އަވަސް ނަޒަރެއް ދިން މަލްސާއަށް ގިޔާން މިސްކިތަށް ދިޔައީކަން އެނގުމުން އޭނަގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ކޮޓަރީގެ ދޮރު ލައްޕާލަމުން މަލްސާ ދެން މިސްރާބުޖެހީ ބެދިގެއާއި ދިމާއަށެވެ. ގިޔާން ނަމާދުން ފައިބައިގެން އަންނަންވާ އިރަށް ކޮފީއެއް ތައްޔާރުކޮށްލާށެވެ. މޫސުމީ މާހައުލާއި ވެސް އެކަން ގުޅޭތީއެވެ.

*****

ބަދިގެއަށް މަލްސާ ވަންއިރު ބޭނުންކޮށްފައި ހުރި ތެއްޔާއި ތަށިތައް އޮތީ ސިންކުގެ ތެރެއަށް އަޅާފައެވެ. ކާމޭޒުމަތި ވެސް ސާފުކޮށްފައި ނެތެވެ. އެއީ ދޮންމަންމަގެ އަބަދުވެސް އާދައެވެ. އަތުންފައިން ދުވަހަކު މަސައްތަކެއް ނުކުރާނެއެވެ. ގޭގެ ހުރިހާ މަސައްކަތެއް ކުރަން ޖެހެނީ މަލްސާ އަށެވެ. އެކަމާމެދު ހިތުގައި ބައެއްފަހަރު ފޫހިކަން އުފެދި ނުރުހުނުކަމުގައި ވިޔަސް މަލްސާއަށް ގޭތެރޭގެ ޒިންމާތަކަށް މޫނު އަނބުރާލެވޭކަށް ނޯވެއެވެ. މަސައްކަތް ނުކޮށްފިނަމަ ގޭތެރެ އޮންނާނީ ކުނިގޮނޑަކަށް ވެފައެވެ. ރޯފިލުވައިގެން އަނގަޔަށް ލާނެ ކާއެއްޗެއް ނުލިބޭނެއެވެ.

މަލްސާ ފުރަތަމަ ވެސް ކޮފީ ތައްޔާރުކޮށްލިއެވެ. އެއަށްފަހު ސިންކުގައި ހުރި ތެލިތަށި ދޮންނަން ސިންކާއި ކައިރިވެލިއެވެ. އެމަސައްކަތުގައި އަވަދިނެތި އުޅެނިކޮށް ގޭގެ މަރިދޮރުހުޅުވާލެވުނު އަޑަށް ފަސްއެނބުރި ބަލާލެވުނެވެ.

ބަދިގެއާއި ކާގޭގެ އިތުރުން ބޮޑުކޮޓަރި ވެސް އޮންނަނީ އިސްފަސްވެފައެވެ. އެހެންވުމުން ފަސްއެނބުރި ބަލާލުމާއެކު އެތެރެއަށް ވަން ގިޔާންއާއި މަލްސާގެ ނަޒަރު ބައްދަލުވިއެވެ. އެތެރެއަށް ވަން ގިޔާން އޭނަގެ އަތުގައި އޮތް ކުޑަ ދޮރުކައިރީ ހުރި ބިތްގަނޑުކައިރީ ބެހެއްޓިއެވެ. އޭނަގެ ސަމާލުކަން މަލްސާ ކުރަމުން ދިޔަ މަސައްކަތަށް ހުއްޓުމާއެކު ނުރުހުންތެރިކަން ފެނުނެވެ.

''ގުޑް މޯރނިންގް، ޓެސްޓްގެ ކަންތައް ކިހިނެއްތަ ދަނީ... ދޮންތަ މިހުރީ ގިޔާ އަންނަންވާއިރަށް ކޮފީ ތައްޔާރުކޮށްގެން... އަވަހަށް އިށީދޭ، ޓެސްޓަށް ދަސްކުރަމުން ދާއިރު އުނދަގޫ އެއްޗެއް ވާނަމަ ދޮންތަ ކައިރީ އަހާތި...'' ގިޔާންގެ ދެލޮލުގައިވި ނުރުހުންތެރިކަން ފާހަގަވިކަމުގައި ވިޔަސް މަލްސާ ހިނިތުންވުމަކާއެކު ވާހަކަދެއްކިއެވެ. އަދި އިސްކުރަށް ދޫކޮށްލަމުން އަތުގައި ހުރި ސައިބޯނީގެ އަސަރު ފިލުވާލަމުން ކާމޭޒުމަތީ އަތުރާފައި ހުރި ދެކޮފީ މަގަށް އިޝާރާތްކޮށްލިއެވެ. އެއަށްފަހު ކާމޭޒު ކައިރިއަށް ދިޔައެވެ.

ކޮފީގެ މީރުވަހުން މުޅިތަން އެއްވަސްކޮށްލާފައިވިއެވެ.

''ދޮންތަ ކީއްވެތަ އެމީހުން ކުރަން ޖެހޭ މަސައްކަތްތައް ތިކުރަނީ؟، ދޮންތަ ތީ މިގޭގެ ނޯކަރެއް ނޫނޭ!... އެމީހުން ބޭނުންހާ ޗަރުކޭހެއް ކުޅުމުގެ ފުރުސަތު ދީގެން ނުވާނެ، ދޮންތަ ވެސް އެއްޗެކޭ ނުބުނަތީ އެވައްތަރަށް އުޅެން ކެރެނީ!...'' މަލްސާ ކައިރިއަށް އައިސް ހުއްޓުނު ގިޔާން އޭނަގެ ނުރުހުންތެރިކަން ފާޅުކުރިއެވެ. މަލްސާއަށް ވުރެން ގިޔާން އިސްކޮޅުން ދިގުވެފައި ހަށިގަނޑުން ވަރުގަދަވުމުގެ އިތުރުން މޫނުމަތިން ހަރުވައްތަރު ޖަހާތީ ފެންނަ ބަޔަކަށް ހީވާނީ ގިޔާން އެއީ މަލްސާގެ ބޭބެ ހެންނެވެ. ގިނަ ބަޔަކަށް އެކުށްހީ އަރާފައިވެސް ވެއެވެ.

''މައި ސްވީޓް ލިޓްލް ބްރަދާރ... ދޮންތަ މިކަންތައް ނުކުރާނަމަ ވާނެ ގޮތްވެސް އިނގޭ ދޯ... އޭރުން މިގެއަށް ހީވާނީ ޒަލްޒަލާއެއް އައިސްގެން އުޅޭހެން...'' ހިނިތުންވުމަކާއެކު ގިޔާންއަށް އާދައިގެ މަތިން ވިސްނައިދޭން މަލްސާ މަސައްކަތްކުރިއެވެ.

''ވަރިހަމަ!، ދޮންތަ ނުޖެހޭނެ އެމީހުނަށް ގުލާމީކޮށްދޭކަށް، ކުރިން ފަހަރު ހަޅޭއްލަވާލީމަ ތިއްބެއްނު މައިތިރިވެފަ، މިފަހަރު ވެސް އެހެން ހަދާނަން، ދޮންތަ ވެސް އެއްޗެއް ނުބުނާތީ ދޮންތަގެ ބޮލަށް ހުރިހާ އެއްޗެއް ޖަހަނީ... އެކަހަލަ ޒީލަގަދަ މީހުންނާ މުހާތަބުކުރެވޭނީ އެމީހުންގެ ބަހުރުވައިން، ދޮންތަގެ ހިތްހެޔޮކަމުގެ ބަހުރުވަ އެމީހުނަށް ދޭހައެއް ނުވާނެ...'' ކާމޭޒުދޮށުން ގޮނޑިއެއްގައި އިށީންނަމުން ގިޔާން ވާހަކަދެއްކިއެވެ. އޭނަގެ އަޑުން އެކަނިވެސް ޖަމީލާއާއި ނޫރާލްއަށް އެހިތުގައިވާ ރުޅިވެރިކަން ހާމަކޮށްދެއެވެ.

ގިޔާންއާއި މަލްސާއަކީ ތަފާތު ދެމިޒާޖެއްގެ ޒުވާނުންނެވެ. ހިތްހެޔޮމަކާއި ހިތްތިރިކަން މަލްސާއަށް ލިބިފައިވާއިރު ގިޔާންއަކީ ދިމާ އޭގެ އިދިކޮޅެވެ. ރުޅިވެރިކަމާއި ޖެހިލުން ކުޑަކަން ގިޔާންއަށް ލިބިފައި ވެއެވެ. ބުނަން ޖެހޭ ކޮންމެ އެއްޗެއްވެސް ޖެހިލުމެއް ނެތި ބުނެފާނެއެވެ. މަލްސާއާއި ދިމާކޮށްލަން ޖަމީލާއަށް ކެރުނުކަމުގައި ވިޔަސް ގިޔާންއާއި ދިމާއަށް އެއްޗެއް ބުނެލަން ޖަމީލާ ޖެހިލުންވަނީ އެހެންވެެއެވެ. ގިޔާންގެ ރުޅިވެރިކަން ފެނި އޭނަ ބިރުގަންނާތީއެވެ. ދުވަސްކޮޅަކަށް މީހާ މައިތިރިވަނީވެސް އެހެންވެއެވެ. ނަމަވެސް ޖަމީލާގެ ޒީލަގަދަކަމާއެކު އަނެއްކާވެސް މޭފުއްޕާލާފައި ފައިމައްޗަށް ކޮޅަށް ތެދުވަން މަސައްކަތްކުރެއެވެ.

''ދޮންތަ ކީއްވެތަ ހިތްހެޔޮވެގެން ތިއުޅެނީ؟، އެޖަމީލާއާއި ހުސޭނުގެ ސަބަބުން މަންމައަށް ލިބުނު ހިތްދަތިކަން ދުވަހަކުވެސް އަހަރެން ހަނދާނެއް ނުނެތޭނެ، އެމީހުން އުފަލުގައި އުޅުނުއިރު އަހަރުމެން އުޅުނީ ކޮން ހާލެއްގައި؟، އެހުސޭނަށް މިއަދު އަހަރުމެން ފެނުނަސް މިހުރިހާ ދުވަހު އޭނަ އުޅުނީ ކޮންތާކު؟... ޖަމީލާއާއެކު އުފަލުގައި އޭނަ އުޅުނީ، އަހަރުމެން މަތިން އޭނަ އެންމެ ފަހަރުވެސް ހަނދާނެއް ނުކުރި... މަންމަ މަރުވެގެން ދިޔައީވެސް އޭނައާ ހެދި، އެވަރުންވެސް ދޮންތަ ތިހުންނަނީ އެމީހުންނަށް ގުލާމީ ކޮށްދޭން...'' ގިޔާން ވާހަކަދެއްކިއެވެ. ހުސޭންއާއި މުހާތަބުކުރާއިރު ގިޔާން އަބަދުވެސް ބޭނުންކުރަނީ ނަމެވެ. އޭނަގެ ނަޒަރުގައި އޭނަގެ ބައްޕަ ވަނީ މަރުވެފައެވެ. މަންމަ ވަރިކުރުމަށްފަހު ޖަމީލާއާއި ކައިވެނިކޮށް މަންމަ ނިކަމެތިކޮށްލި ހިސާބުން ފެށިގެން ބައްޕަ ކިޔުމުގެ ހައްޤެއް ހުސޭނަށް ލިބިގެން ނުވެއެވެ. މަލްސާ އެތައްފަހަރަކު ވާހަކަދައްކައިގެން ވެސް ގިޔާންގެ އެވިސްނުމެއް ބަދަލެއް ނުކުރެވުނެވެ. މަލްސާގެ ހިތުގައި ވެސް ހުސޭނާ މެދު ޝަކުވާތައް ވެއެވެ. ނަމަވެސް މަންމަގެ ނަސޭހަތުގައި ހިފައި ބައްޕައަށް ލިބެންޖެހޭ ޤަދަރު އޭނަ ކުޑައެއް ނުކުރެއެވެ. އެހެނަސް، އޭނަގެ ވިސްނުން ގިޔާންއާއި ވަރަށްވެސް ތަފާތެވެ.

''ހެހެހެ، ދޮންތަގެ ހިމާޔަތުގަ ގިޔާ އަބަދުވެސް ހުންނާނެއެއްނު...'' ގިޔާންގެ އިސްތަށިގަނޑު ހާވާލަމުން މަލްސާ ވާހަކަދެއްކިއެވެ. މަލްސާގެ އެހަރަކާތާ މެދު ގިޔާން ގަޔާނުވިއެވެ. ކޮފީ މަގު ތުންފަތާއި ވަކިކޮށްލަމުން އޭނަ ނިކަން އަވަހަށް އިސްތަށިގަނޑު ރީތިކޮށްލިއެވެ. އަދި ލޯހަނިކޮށްލަމުން މަލްސާއަށް ބަލާލިއެވެ. މަންޒަރު ބަލަން ހުރި މަލްސާގެ ގާތަށް ހިނިއައެވެ.

''ސީރިޔަސް ވާހަކައެކޭ މިބުނީ...'' ގިޔާން ބުންޏެވެ.

''އާނއެކޭ، ދޮންތައަށް އަޑުއިވިއްޖެޔޭ، ދެން އަވަހަށް ދޭ ޓެސްޓަށް ދަސްކުރަން، ނޭގޭ އެއްޗެއް އޮތްނަމަ ދޮންތަ ގާތު އަހާތި...'' މަލްސާވެސް ގިޔާންއާއެކު ކޮފީގައި ބައިވެރިވިއެވެ. ކޮފީގެ ރާހަތު ހަށިގަނޑަށް ލިބުމާއެކު މަލްސާގެ ދުވަސް އުޖާލާވިކަހަލަ އިހުސާސެއް ކުރެވުނެވެ. ކޮފީބޮއެ ނިމުމާއެކު ހުސްވެފައި ހުރި މަގުތައް ގެންގޮސް ސިންކަށް ލިއެވެ.

''ދޮންތައަށް ވުރެން އަހަރެން މޮޅޭ، އެހެން ވީމަ އަހާކަށް ނުޖެހޭނެ، އެހެން ނޫނަސް ދޮންތަ މުސްކުޅި ވާތީ އެހާ ރަގަޅަކަށް ނުވެސް ވިސްނޭނެ...'' ކޮޓަރިއަށް ދާން މިސްރާބު ޖެހި ގިޔާން ސަމާސަ ރާގަކަށް ބުނެލިއެވެ. އެއާއެކު ގިޔާންގެ ގައިގައި ބޮނޑިއެއް އަޅަން މަލްސާ ދުއްވައިގަތެވެ. މަލްސާގެ އަތުން ރެކިގަންނަމުން ގޮސް ގިޔާން އޭނަގެ ކޮޓަރިއަށް ވަނެވެ. އެދިމާއަށް ބަލަން ހުރި މަލްސާގެ ތުންފަތުގައި ފުން ހިނިތުންވުމެއް ވިއެވެ.

*****

ބަދިގެ ތަރުތީބުކޮށްލުމަށް ފަހު މަލްސާ ބެލްކަނިއަށް ނިކުމެލީ ހެނދުނުގެ ނާޝްތާ ތައްޔާރުކުރަން ވަގުތު އޮތުމާއެކު ދުވަހުގެ ޒިންމާތަކުން ކުޑަ ބްރޭކެއް ނަގާލުމަށެވެ. އޭރު ހިމަ ފޮދު ވާރޭގެ ކަނިތައް ޖަހަމުން ދިޔައެވެ. ބެލްކަނީގައި ހުރި ޓުކުރިތަކުގައި ހުރި ގަސްތަކުގައި ފޮޅިފައިވާ މާމެލާމެއްޔާއި ފަތްތަކުގައި ވެހެމުން ދިޔަ ވާރޭގެ ސަބަބުން ޝަބުނަމު ތިކިތައް ހަރުލާފައިވިއެވެ. ފަޒާގައި ރަސްކަންކުރަމުން އައި ތެތްފިނިކަން ހަށިގަނޑުގައި ބީހިލުމާއެކު ހީކެރުވައިގަންނަ ގޮތް ވިއެވެ. ހަށިގަނޑުގެ ލޯލިތައް ވެސް ކޮޅަށް ޖެހުނުކަން އިހުސާސް ކުރެވުނެވެ. ނަމަވެސް އެތެރެއަށް ވަނުމުގެ ވިސްނުމެއް މަލްސާގެ ނެތެވެ. ވާރޭ ވެހޭ ދުވަސްތަކަކީ އޭނަ އެންމެ ގަޔާވާ ދުވަސްތަކެވެ. އެންމެ އުފާވާ ދުވަސްތައް ވެސް މެއެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ.

ބެލްކަނީގެ ވަށާ ފާރު ކައިރިއަށް ހުއްޓުނު މަލްސާ އޭނަގެ އަތްތިލަ ވާރޭގެ ތެރެއަށް ދިއްކޮށްލުމާއެކު އަތްތިލައިގައި ހިމަފޮދު ވާރޭގެ ތިކިތައް ބޮސްދިނެވެ. އެއާއެކު މަލްސާގެ ތުންފަތުގައި މައުނަވީ ހިނިތުންވުމެއް ދުވެލިއެވެ. އެހިނިތުންވުން މަލްސާގެ ލޮލާހަމައަށް ފޯރައެވެ. އޭގެ ސަބަބުން މަލްސާގެ ރީތިކަން އިތުރުކުރުވައެވެ.

މާހައުލުގައި ވީ ހަމަހިމޭންކަމާއި ގޭތެރޭގައި ރަސްކަންކުރަމުން އައި އަމާންކަމުން މަލްސާގެ ހިތަށް ފިނިކަމެއް ގެނެސްދީފައިވިއެވެ. ގިނައިރު ވަންދެން އެނަސީބު އޭނައަށް ނުލިބޭނެކަން އެނގޭތީ މަލްސާ ބޭނުންވީ އެވަގުތުކޮޅުގެ ބޭނުން ހިފާށެވެ. އަރައިގެން އަންނަ އިރާއެކު މާލެ ހަލަބޮލިވެގެން އަންނަ އުސޫލުން ގޭތެރެވެސް ހަލަބޮލިވެގެން ދާނެއެވެ. ދޮންމަންމަގެ ޒީލަގަދަކަމާއި ރުންކުރު މިޒާޖުން އިސާހިތަކު ގޭތެރޭގެ ހަމަޖެހުން ގެެއްލި މާހައުލު ޚަރާބުވެގެންދާނެއެވެ.

*****

ހެނދުނުގެ ނާޝްތާ ތައްޔާރުކުރުމާއިގެން މަސްއޫލުވެފައި ވަނިކޮށް ބަދިގެތެރެއަށް ޖަމީލާ ވަނެވެ. އޭނަ އެނދުން ހިއްލާލީ ވެސް ހަތެއްޖަހައި ބޮޑުވި ފަހުންނެވެ. ބަދިގެ ތެރެއަށް އޭނަ ހިންގާލި ނަޒަރަށްފަހު މުޅިތަން ތަރުތީބުކޮށްފައި އޮތް މަންޒަރު ފެނުމުން މޫނަށް ވައްތަރެއް ޖައްސާލިއެވެ. މަލްސާ ކުރާ މަސައްކަތްތަކަކީ ޖަމީލާ ބަލައިގަންނަ ކަންތައްތަކެއް ނޫނެވެ.

''ކަލެއަށް ގަޑިން ވާ އިރެއް އެބަ އިނގޭތަ؟... ފަތިހު ނިދަން ނޯވެ ތެދުވެގެން ހެނދުނުގެ ނާސްތާ އަވަހަށް ތައްޔާރުކުރިއްޔާ ކަލޭ ގައިން ތަންގަނޑެއް އުނިވަނީތަ؟...'' މަލްސާއަށް އެހީވުމުުގެ ވިސްނުމެއް ޖަމީލާގެ ނެތެވެ. އޭނަ ކުދިކިޔަމުން ގޮސް ކާމޭޒުދޮށުން ގޮނޑިއެއް ދަމާލަމުން އޭގައި އިށީނީ އިއްޒަތްތެރިއެއް ފަދައިންނެވެ. އޭނަ ގޮނޑީގައި އިދެގެން މަލްސާ ކުރަމުން ދިޔަ މަސައްކަތަށް ފާޑުކިޔަން ފެށިއެވެ. މަލްސާ އެކަމަށް ފަރުވާލެއް ނުބެހެއްޓިއެވެ. އަތްމަތި އަވަސްކޮށްލީ ގިޔާން ސްކޫލަށް ދާންވާއިރަށް ނާސްތާ ތައްޔާރުކޮށް ނިންމާލާށެވެ. ރޮށިދަމައި ފިހެމުން އުނދުނަށް އުދާފައި ހުރި ރިހަ ތެލިއަށްވެސް ސަމާލުވަމުން ދިޔައެވެ.

''ތިހެން ކިޔާ މީހާ ރަގަޅު ވާނެހެން އަހަންނަށް ހީވާނީ ނިދަން ނޯވެ ނާސްތާ ތައްޔާރުކުރަން ތެދުވުނިއްޔާ، އަނގަ ހުޅުވާއިރު ލަދެއް ވެސް ނުގަނޭ ދޯ، ލަދުހަޔާތް ހުރި މީހަކު ނަމަ ދޮންތަ ކައްކާ އެއްޗެއް ކާންވެސް ނުކެރޭނެ...'' ޖަމީލާ ސިއްސައިގެން ދިޔައީ ފުރަގަހުން އިވުނު ގިޔާންގެ އަޑަށެވެ. އެއާއެކު ޖެހިލުންވުން އޭނަގެ މޫނުމަތިން ފެނުނެވެ. ގިޔާން އުމުރުން ކިތަންމެ ހަގު ކަމުގައި ވިޔަސް އެރުޅިވެރި މިޒާޖު ފެނި ޖަމީލާ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ.

''އަތުވެއްޖެ ދޯ... ކަލޭ ޓެސްޓަށް ދާކަށް ނުޖެހޭތަ؟، ބޭކާރު ގޮތުގައި ލާރި ދުއްވަން ހުރި ބޮލެއް ކަލެއަކީ ވެސް...'' ޖަމީލާ ތުން އަނބުރާލިއެވެ.

''ގިޔާ، އިށީދޭ، މި ނިމުނީ އިނގޭ...'' ފަހުން ދަމާލި ރޮށި ދޮންކުރެވިފައިވި ތަވާގެ މަތީގައި ބާއްވަމުން މަލްސާ ބުނެލިއެވެ. ދެބެއިން ވެސް އެތާގައި ޖަމީލާ އިންކަމަކަށް ނުހެދިއެވެ. އެކަމާ ޖަމީލާ ރުޅިގަދަ ވިއެވެ.

''އަހަންނަށް އެނގޭ ގޮތުގައި އަހަރެންގެ ކިޔެވުމަކަށް ހުސޭނު އަދި ޖަމީލާ ވެސް ޚަރަދުކުރާކަށް ނުޖެހޭ، ސަރުކާރުން ލިބިފަ އޮތް ސްކޮލަޝިޕެއްގެ ދަށުން އަހަރެން މި ކިޔަވަނީ، ފަހަރެއްގައި ނޫރާލްއާއި އަހަރެން އޮޅުވާލެވުނީ ތޯއްޗެއް؟، އޭނަ އެއްނު އެންމެފަހުން ކޯހުން ފާސްނުވެގެން ޔުނިވާރސިޓީން ކަނޑާލީވެސް، ބޭކާރު ގޮތުގައި ލާރި ދުއްވަން ހުރި ބޮލަކީ އޭނަ އެއްނު!، އަނެއްކާ އެކަން ހަނދާން ނެތުނީތަ؟، މި އިމާރާތުގެ އެންމެން ވެސް ނިކަން ހޫނުކޮށް ދެއްކި ވާހަކައެއްނު އެއީ......'' ކާމޭޒު ދޮށުގައި އިށީން ގިޔާންގެ އަޑުގައި ވަނީ މަލާމާތެވެ. އެއާއެކު ޖަމީލާ ހީވީ ފަޅައިގެންދާން ކައިރިވެފައި ހުރި އަލިފާން ފަރުބަދައެއް ހެންނެވެ. އޭނަ ގިޔާންއާއި ދިމާއަށް ލޯއަޅާލިއެވެ. ނޫރާލްއަށް ގިޔާންގެ ދުލުން އަމާޒުވި މަލާމާތުގެ ބަސްތައް ޖަމީލާއަށް ހަޖަމެއް ނުކުރެވުނެވެ.

''ގިޔާ...'' ރިހަ ބޯތަށި ގެނެސް މޭޒުމަތީގައި ބެހެއްޓި މަލްސާ، ގިޔާންއަށް ގޮވާލިއެވެ. ދޮންމަންމައާއި ޒުވާބުނުކުރަން ކުރި އިޝާރާތެކެވެ.

''ހުވާ މިބުނީ ކަލޭ ވަރުގެ ލަދުހަޔާތެއް ނެތް ފިރިހެންދަރިއަކު މި އުޑުދަށުން މަ ނުދެކެން، އަމިއްލަ ބައްޕައަށް ވެސް ޤަދަރުކުރުމެއް ނެތް، ކަލޭ ނުރުހުނަސް މަށަކީ ޝައުރީ ގޮތުން ކަލޭގެ މަންމަ، ކަލޭ ޖެހޭނެ މަށަށް ޤަދަރުކުރަން...'' ޖަމީލާ ހަޅޭއްލަވައިގަތެވެ.

''ޤަދަރުކުރަންޖެހޭ މީހެއް ނަމަ ޤަދަރު ކުރާނަން، ކަލޭތީ މިގޭ ދޮރުމަތީ އެއޮތް ފައިފުހިގަނޑަށް ލިބެން ޖެހޭ ޤަދަރުވެސް ލިބެންޖެހޭ މީހެއް ނޫން!...'' ގިޔާން ރައްދުދިނެވެ. އެއާއެކު ޖަމީލާގެ އަނގަ ސަކަރާތް ވިއެވެ. ދުލުން ބަސް ހުސްވިއެވެ. ލަދުވެސް ގަތެވެ.

''ގިޔާން!...'' ސުފުރާމަތި ތައްޔާރުކުރަމުން ދިޔަ މަލްސާއަށް ގޮވާލެވުނެވެ. އެހާ ހެނދުނު ގަޑިއެއްގައި ދޮންމަންމަގެ ހަޅޭކާ ކުރިމަތިލާން މަލްސާ ބޭނުމެއް ނުވިއެވެ. އެހައިޖާންގަނޑެއްގެ ތެރޭގައި ވަނިކޮށް އޮފީހަށް ދާން ތައްޔާރުވެގެން އައި ހުސޭން ބަދިގެއަށް ވަނެވެ.

ހުސޭން ފެންނައިރަށް ޖަމީލާ އޭނަގެ ލޮލަށް ކަރުނަ ގެނައެވެ. ހުސޭންގެ ނަޒަރުގައި މަލްސާއާއި ގިޔާން ކުށްވެރިކުރަން މަސައްކަތްކުރިއެވެ. އެއީ ޖަމީލާގެ އަބަދުމެ އާދެއެވެ. އޭނަގެ މަކަރުވެރިކަމުން އަބަދުވެސް ހުސޭނުގެ ވިސްނުމާއި ކުޅެލުމުގައި ކާމިޔާބު ހޯދައެވެ. ގިނަ ފަހަރަށް ހުސޭނަށްވެސް ފެންނަނީ ޖަމީލާ ދައްކާ މަންޒަރުތަކެވެ. ޤަބޫލުކުރެވެނީ ޖަމީލާގެ ވާހަކަތަކެވެ. ދަރިންނަށް އިތުބާރެއް ނުކުރެވެއެވެ. އޭގެ ސަބަބުން ގިޔާންގެ ހިތުގައި ހުސޭންއާ މެދު އިތުރަށް ނުރުހުންތެރިކަން އުފެދެއެވެ.

''ކިތައް ފަހަރު ބުނާނީ އަދަބުކުޑަކޮށް މަންމައާ ވާހަކަ ނުދައްކާށޭ!...'' ޖަމީލާގެ ވާހައކަަށް އިތުބާރުކުރި ހުސޭންގެ ހިތްހަމަނުޖެހުން އަމާޒުވީ ގިޔާން އަށެވެ.

''އެއީ އަހަރެންގެ...'' ގިޔާންއަށް އޭނަގެ ޖުމްލަ ފުރިހަމަ ނުކުރެވުނީ ގިޔާން ގާތަށް އައިސް ހުއްޓުނު މަލްސާ، ގިޔާންގެ އަތުގައި ހިފަމުން އެކަން މަނާ ކުރުމުންނެވެ. ރުޅިވެރިކަމާއެކު ވެސް ގިޔާންްއަށް ޖެހުނީ އޭނަ ބުނަން އުޅުނު ބަސްތައް ދިރުވާލާށެވެ. ނާސްތާކުރާ ހިތްވެސް ނެތުމުން އޭނަ ކާމޭޒު ދޫކޮށް ދާން އުޅުނެވެ. އެހެނަސް ގިޔާންއަށް އެފުރުސަތެއް މަލްސާ ނުދިނެވެ.

''ނާސްތާކޮށްގެން ދިޔައީމަ ޓެސްޓްގައި ރަގަޅު ނަތީޖާއެއް ނެރެވޭނީ، އަނެއްކާ މީ އެންމެ ފަހު އިމްތިހާނުގެ ދުވަސްވަރެއްނު... ސިއްހަތަށް ފަރުވާ ބަހައްޓަން ޖެހޭނެ...'' މަލްސާ ބުނެލިއެވެ. އޭނަގެ އަދުގައި ވަނީ އާދެހެވެ.

ޖަމީލާގެ ހިތަށް ވެރިވި ފޫއްސެއްގެ ބޮޑުކަމުން ލޯއަޅާލިއެވެ. މަލްސާއާއި ގިޔާންއަށް ދިރިއުޅުމުގެ މައިދާނުގައި އެއްވެސް ކާމިޔާބީއެއް ލިބެން އޭނަގެ ހިތެއް ނޭދެއެވެ. ހުރިހާ މޮޅެއް ލިބެން އޭނަ ބޭނުންވަނީ ނޫރާލް އަށެވެ. އެހެނަސް ނޫރާރް ބާކީވެ މަލްސާއާއި ގިޔާން ކުރިއަރަމުންދާ މަންޒަރު ފެނި އޭނަގެ ލަގޮނޑިއަށް ނިކަން އަސަރުކުރެއެވެ.

''މިއަދު ރައްޓެހިންނާއެކު ރެސްޓޯރެންޓަށް ދާން ފަންސާސް ރުފިޔާ ލިބިދާނެތަ؟...'' ގިޔާން ބުނެލިއެވެ. ހުސޭން ގާތު ކަންކަމުގައި ބުނުމަކީ ގިޔާން ކޮށްއުޅޭކަމެއް ނޫނެވެ. ލަރީގެ ކަމަކު އެދެން ޖެހުމުން ވެސް ގިޔާން އިނީ އުނދަގޫވެފައެވެ. އިތުރު އެއްވެސް ގޮތެއް އޮތްނަމަ އޭނަ ހުސޭން ގާތުން ކަމަކު ނޭދުނީހެވެ. މީގެކުރިން ދޮންތަ ވަޒީފާއަށް ދިޔަ އިރު އޭނަގެ ކަންތައްތަކަށް ދޮންތަ ފައިސާ ދޭނެއެވެ. ނަމަވެސް ދާދި ފަހުން ދޮންތަ ވަޒީފާއިން ވަކިވުމުން ދޮންތަ ގާތު އަހަން ގިޔާން ބޭނުމެއް ނުވިއެވެ. ދޮންތަ އަތުގައި އެއްޗެއް ނޯންނާނެތީއެވެ.

''މީ މަހުގެ ފަހުކޮޅު، ރަގަޅަށް އެނގޭނެ އަތަކު ލާރި ނުހުންނާނެކަން، ތި ރައްޓެހިންނާއެކު ތަންތަނަށް ނުގޮސް އިމްތިހާނު ނިންމާފަ ގެއަށް އާދޭ...'' ހުސޭންގެ އަޑުގައިވީ ނުރުހުމެވެ. އެއާއެކު ގިޔާން ކޮޅަށް ތެދުވީ އިތުރަށް އެތާގައި މަޑުކުރަން ބޭނުންނުވާތީއެވެ. އޭނަ ފޮތްދަބަސް ބަލާ ކޮޓަރިއަށް ހިނގައިގަތީ ހިތްހަމަނުޖެހުމާއެކުގައެވެ. އެއީ އަބަދުގެވެސް އާދައެކެވެ. ގިޔާންއާއި މަލްސާ ކަމަކު އެދެފިނަމަ އެކަންތައް ހުސޭނަށް އޮންނާނީ ބޮޑުކަމަކަށް ވެފައެވެ. ނަމަވެސް ނޫރާލް ކަމަކު އެދެފިނަމަ ވަަގުތުން އެކަމެއް ކޮށްދޭނެއެވެ. ޖަމީލާގެ ނުފޫޒުގެ ސަބަބުން އަމިއްލަ ދަރީންނަށްވުރެން ބޮޑަށް ހުސޭނަށް އިސްކަން ދެވެނީ ދޮންދަރިއަށެވެ.

''ގިޔާ...'' ގިޔާންގެ ފަހަތުން މަލްސާ ހިނގައިގަތެވެ. އެވަގުތު ދޮންމަންމަގެ ތުންފަތުގައި ދުވެލި މަކަރުވެރި ހިނިތުންވުން މަލްސާއަށް ފާހަގަކުރެވުނެވެ. މަލްެސާއަށް އޭނަގެ ބައްޕައާ ދިމާއަށް ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ.

*****

''އަން މިއޮތީ ސަތޭކަ ރުފިޔާ، ގިޔާ ބޭނުންކަމެއް ކޮށްލާ...'' ގިޔާންގެ ކޮޓަރިއަށް ދިއުމުގެ ކުރިން މަލްސާ ވަނީ އޭނަގެ ކޮޓަރިއަށެވެ. އެއަށްފަހު އަތްދަބަސް ހާމާލަމުން އޭގައި އޮތް ހަމައެކަނި ފައިސާގެ ނޫޓު ހިފައިގެން ނިކުމެވުނީ ގިޔާންގެ ކުރިމައްޗަށެވެ. އެވަގުތު ދެބެއިންގެ ސަމާލުކަން އަތުލައިގަތީ ދޮންމަންމަ ބުނި ޖުމްލައިންނެވެ.

''ނޫރާލް ރޭގަ ފައްސޭތަ ރުފިޔާއަށް އެދިގެން އައީމަ ހުސޭންގެ ވޮލެޓުގައި އޮތް އެއްހާސް ރުފިޔާގެ ތެރޭން އަހަރެން ފައްސަތޭކަ ރުފިޔާ ނަގައިފިން...'' ޖަމީލާ ބުންޏެވެ.

''އެންމެ ރަގަޅު... އެހެންނޫނަސް މާދަމާ ހިސާބު މުސާރަ ޖަމާވާނެ...'' ރައްދުގައި ހުސޭނު ބުނެލިއެވެ.

ގިޔާންއަށް ބަލާލެވުނީ މަލްސާގެ މޫނަށެވެ. ބައްޕަ އަމަލުކުރި ގޮތުން މަލްސާ ހުރީ ދެރަވެފައެވެ. ހަމައެއާއެކު ހިތްހަމަވެސް ނުޖެހިފައެވެ. ފައިސާ ހުއްޓައި ގިޔާންއަށް ދޭން ދެކޮޅު ހެދުމުންނެވެ.

މަލްސާ ދިއްކޮށްލި ފައިސާގައި ހިފުމުގެ ބަދަލުގައި ގިޔާން ދިގު ފިޔަވަޅުތައް އަޅަމުން ހިނގައިގަތީ ގެއިން ނިކުތުމަށެވެ. އޭނަގެ ފަހަތުން މަލްސާ ވެސް މައިދޮރުން ނިކުތެވެ.

ބަދިގޭގައި ތިބި ޖަމީލާއާއި ހުސޭން ވާނުވާ ނޭގިފައި ތިއްބެވެ.

''އަޅާ ނުލާ، އެއީ އެމީހުންގެ ގޮތެއްނު... ޝަރުމީލާގެ ފަރާތުން އެކުދިންނަށް ދަސްވެފައިވަނީ އަހަރުމެންނާ މެދު ހަސަދަވެރިވެ ރުޅިއައުން، ޝަރުމީލާއާއެކު އުޅުނު އަހަރުތަކުގައި އެނޫން އެއްޗެއް ދަހެއް ނުވާނެތާ... ހުސޭނަށް އޭނަގެ ހިތުގައި އޮތް ރުޅިވެރިކަން ދަރިންނަށް ވެސް ދަސްކޮށްދީފައި އެވަނީ... އޭނަ ނެތް ދުނިޔެއެއްގައި ވެސް ބަދަލު ހިފޭނީ އޭރުންތާ... އެއްވެސް ކަހަލަ ޤަދަރެއް ނުކުރޭ ހުސޭނަކަށް، ދަރިންނަށް ދަސްކޮށްދީފައި ވަނީ އަހަރުމެންގެ ފަރާތުން ބަދަލު ހިފަން، އޭނަ ދަސްކޮށްދިން ފިޔަވަޅުތައް މަތިން އެމީހުން ހިނގަމުން އެދަނީ......''

ޖަމީލާ އަޑަށް މޮޅިވެރިކަން ގެންނަމުން ބުނެލިއެވެ. އެއަށްފަހު ހިތްވަރުދިނުމުގެ ގޮތުން ހުސޭނުގެ އަތުގައި ހިފާލިއެވެ. އިސްތިރިކޮށްލައިގެން އިނުމުން ޖަމީލާގެ ތުންފަތަށް ވެރިވި މަކަރުވެރި ހިނިތުންވުން ހުސޭންއަކަށް ނުފެނުނެވެ.

 

ކޮމެންޓް 0