އަދަދު 2
2

"ލޯބީ ޕްލީޒް... ކިހިނެއްތަ ވީ؟... އަހަންނަށް ކުރެވުނު ކުށެއް ބުނެބަލަ... ޕްލީޒް..." އަހަރެންގެ އަތުގައި ހިފަހައްޓަމުން ރިޒްވީން ބުންޏެވެ.

އެއަތް ފޮޅުވައިލާފައި ނުކުތީމެވެ. ފޮށި ދަމަމުން ބަނދަރާއި ދިމާއަށް ހިނގައިގަތީމެވެ. ކަންދިމާކުރި ގޮތުން، މަގުމަތީގައި މީހުން މަދު ވަގުތެކެވެ. ފަހަތުން އައި ރިޒްވީން ރޮއެފައި މަޢާފަށް އެދެމުން ދިޔަ އެވެ. ކުށެއް ކުރެވުނުނަމަ، ދުވަހަކުވެސް އެ ކުށް ތަކުރާރު ނުކުރާނެ ކަމުގައި ބުނަމުންނެވެ.

********

"މަންމަ އެއްޗެއް ބުނީތަ؟... އަހަރެން ހުރިހާ ކަމެއްވެސް ހަމައަކަށް އަޅުވާނަމޭ... ނުދޭ ޕްލީޒް..." ރިޒްވީން އާދޭސް ކުރިއެވެ.

ހިތްމަތީ ހަރު ހިލަގަނޑެއް ބާއްވަން އަހަންނަށް މަޖުބޫރު ކުރުވި އެއީ ފުރަތަމަ ފަހަރެވެ. ކަންފަތް ބީރު ކުރީމެވެ. އެތެރެއިން ހިތް ހީވަނީ ފަޅައިގެންދާން އުޅޭ ހެންނެވެ. ކޮންމެ ގޮތަކަށް ކަންތައްވި ނަމަވެސް، ހިތުގައި އޮތް ލޯތްބަށް ފަނޑުކަމެއް ނައެވެ. ނުވެސް އަންނާނެ މެއެވެ.

ލޯންޗް ކައިރީގައި ފުދޭ ވަރަކަށް މީހުން ތިއްބެވެ. ބަނދަރާއި ހިސާބުން ރިޒްވީންގެ ފިޔަވަޅުތައް ހުއްޓުނެވެ. އަހަރެންގެ ޤަދަަރަށް ހުތުރުވެދާފަދަ އަމަލެއް ކުރުމަކީ ރިޒްވީން ކުރާނެ ކަމެއް ނޫންކަން އަހަންނަށް އެނގެ އެވެ. ކަންތައް ވީވެސް އަހަރެން އުއްމީދު ކުރި ގޮތަށެވެ. ރިޒްވީން އަހަރެންގެ ފަހަތުން އައުން ހުއްޓައިލި އެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ލޯންޗަށް އެރީމެވެ. ރިޒްވީނަށް ބަލައިލީ، ޝީޓުގައި އިށީނދެފަ އެވެ. ހިތްވަރު އެލިފައި ރިޒްވީން ހުރީ، އަހަންނަށް ބަލާށެވެ. ފަހު ވަގުތުވެސް އަހަރެންގެ ޚިޔާލު ބަދަލުވެދާނެ ކަމުގެ އުއްމީދުގައި ހެން ހީިވިއެވެ. ހިތް އެތައް ހާސް ހަންޖަރަކުން ކަތިލެވުނެވެ. ވޭނީ މަރަކުން މަރުވިއެވެ. އެހެނަސް، ތަޤުދީރު މިއަދު އަހަންނަށް އެގޮތަށް ކަންތައް ކުރަން މަޖުބޫރު ކުރުވައިފި އެވެ.

އަހަންނަށް ކެތްކޮށްލެވުނީ ލޯންޗު އިސްޓާޓު ކުރަންދެނެވެ. ކުއްލިއަކަށް ކޮޅަށް ތެދުވެވިއްޖެ އެވެ. މަޑުކޮށްލަދިނުމަށް އެދިފައި ލޯންޗުން ފޭބީމެވެ. ފަޅުވެރިންތައް ކުދިކިޔަން ފެށި ނަމަވެސް، އެ އަޑު އިވޭކަމަކަށް ނުހަދަމެވެ. ރިޒްވީނާއި ދިމާއަށް ދެވުނީ ދުވެފަ އެވެ. އަހަރެންގެ ޚިޔާލާއި ފިކުރުގައި ރިޒްވީން ނޫން އެހެން އެއްވެސް ކަމެއް އެވަގުތަކު ނެތެވެ. ތަނުގައި ތިބި މީހުންނަށް ބެލުމެއްނެތި، ފިރިމީހާގެ ހަށިގަނޑުގައި ބައްދައިލީމެވެ. ވަރަށް ބާރަށެވެ. އުމުރަށް ވަކިވެގެން ދަނީއޭ ބުނާ ފަދައިންނެވެ.

"އަހަރެން އެބަ ވަރަށް ބިރުގަނޭ!..." ރިޒްވީން ބުންޏެވެ.

ރިޒްވީންގެ ހިތުގެ ތެޅުން އަވަސްވެފައިވާވަރު އިހުސާސް ވިއެވެ. ދެލޯ މަރާލައިގެން ހުރެފައި، ލޯ ހުޅުވައިލީ އެ މޫނަށް ބަލައިލުމަށެވެ. ދާދި ގާތުން އެ ސޫރަ ފެނުމުން، ލޯބިން ހިތް ފުރިގެން އައެވެ. ފިރުމަން ހިތް އެދުނެވެ. ނަމަވެސް ހާލަތާއި ވަގުތު އެކަމަކަށް ތަނެއް ނުދިނެވެ. ފަޅުވެރިން އަހަރެން ބަލާ އައެވެ. މާލެ ނުދާނަމަ، ފޮށި ބާލަންވީތޯ ސުވާލު ކުރިއެވެ. ކަރުނަތައް ފޮހެމުން ރިޒްވީނާއި ދުރަށް ޖެހުނީމެވެ.

"ނޫރާ!..." ރިޒްވީން އަހަރެންގެ އަތުގައި ހިފެހެއްޓި އެވެ. ނުދާށޭ ބުނާ ފަދައިން ދެފަރާތަށް ބޯ ހޫރައިލި އެވެ.

ރިޒްވީންގެ އަތް ނައްޓުވައިލުމަށްފަހު، އަހަރެން ކުރިއަށް ހިނގައިގަތީމެވެ. ކުރިއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއިއެކު، ހިތުގައި އުފެދުނު ދިލަ ރިހުން ގަދަވި އެވެ. އެވަރުންވެސް ފަސްއެނބުރި ނުބަލަން ހުވާކުރީމެވެ. އަހަރެންގެ އަޒުމަށް ގުޑުން އަރާކަށް ބޭނުމެއް ނުވިއެވެ. ހިތުގެ އަޑިން އަހަރެން ނިންމި ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ. އެ ނިންމުން ބަދަލެއް ނުވާނެ އެވެ.

ލޯންޗު ދުއްވާލުމާއިއެކު ދެލޯ މަރާލެވުނެވެ. ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި އޮހިގަތެވެ. މޭގައި އުފެދުނީ ދިލަ ރިހުމެކެވެ. ރިޒްވީންގެ ސޫރަ ފަނޑުވަމުން ގޮސް އަހަރެންގެ ލޯމަތިން ގެއްލިއްޖެ އެވެ. ކުރާނީ ކީއް ހެއްޔެވެ؟ ގިސްލެވެން ފެށުނީ މާކަނޑަށް ނުކުމެވުމުންނެވެ. ހީކުރި ވަރަށްވުރެ ކަނޑުގަދަ އެވެ. އަހަންނަކީ އެކަނި ދަތުރުކުރި މީހެއް ނޫނެވެ. ބިރުގަތެވެ. އެހެނަސް، ހިތުގައި އުފެދިފައިވާ ގިލަންވެރިކަން މާ ބޮޑުވެފައި ވިއެވެ. ދިރިއުޅުމަކީވެސް އެފަދަ ދަތުރެކެވެ. ޙަޤީޤީ ބާންޏަކީ ކޮބައިކަން އެނގޭނީ މާކަނޑަށް ނުކުމެވުމުންނެވެ. އަމިއްލަ ނިންމުމާއި ދޭތެރޭ ވިސްނައިލެވުނެވެ. ހިތް ބުނީ ކަންތައް ކުރެވުނީ އިންސާފުން ނޫން ކަމަށެވެ. ސިކުނޑި އެކަމާއި ދެކޮޅު ހެދި އެވެ.

މާލެ އާދެވުނުއިރު، ހޮޑުލައިލައި އަހަރެންގެ ގައިގައި އެއްވެސް ވަރެއް ނެތެވެ. ކައިރީގައި އިން މުސްކުޅި މީހަކު އަހަންނަށް އަޅާނުލިނަމަ، އަހަރެންގެ ހާލު އެއަށްވުރެ ދަށްވީހެވެ. އާއިލާ އާއި ގާތް ރަޙުމަތްތެރިން އިސްތިޤުބާލުގައި ތިއްބެވެ. އަހަރެން ފެނުމުން އެންމެ ފުރަތަމަވެސް ކައިރިއަށް އައީ މަންމަ އެވެ. ގައިގައި އޮޅުލައިގަތް ގޮތަށް ދޫނުކޮށް ހުރެ، އެތައް އިރަކު ރުޔެވެ.

ދިރިހުއްޓަސް، ފުރާނަ ނެތް މަސްގަނޑެކޭ އަހަންނެކޭ އެއްގޮތެވެ. ކައިރީގައި މީހުން ތިއްބަސް އިހުސާސް ކުރެވެނީ، އެކަނިވެރިކަމެވެ. ކެވެނީއެއް ނޫނެވެ. މީހަކާއި އަނގައިން ބުނާ ހިތެއް ނުވެ އެވެ. ހިނިތުންވާން ހަނދާންނެތިއްޖެ އެވެ. ހުއްޓާނުލައި ރިޒްވީން ގުޅަމުން ދިޔަ އެވެ. ފޯނު ކައިރިއަށް ލައިގެން އެތައް އިރަކު ބަލަން އިންނަމެވެ. ފެންކަޅިވެފައެވެ. ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްތަކުގެ މަތިން ހަނދާން ކުރުމުން، ކޮންމެވެސް ވަރަކަށް ހިނިތުންވެލެވެއެވެ. އެހެނަސް، އެ ހިނިތުންވުން ދެމިގެންދަނީ ފަޅި ސިކުންތުކޮޅަކަށެވެ.

އަހަންނަށް ނަސޭހަތްނުދޭ އެކަކުވެސް ނެތެވެ. ވިސްނައިދޭން މަސައްކަތް ކުރެއެވެ. ކާހިތްވާ އެއްޗެހި ހަދައިގެން ގެނެސްދެއެވެ. ކާއެއްޗެއް ފެނުނަސް، އަހަރެން ވަނީ ފާޑެއްގެ ފޫއްސެކެވެ. އެންމެފަހުން މީހުންނާއި އެކަހެރިވާން ފެށީމެވެ. ކޮޓަރި ތަޅުލައިގެން ހަތަރުފާރުން އެތެރޭގައި ދުވަހުގެ ބޮޑުބައި ހޭދަކުރަން ފެށީމެވެ. ފޯނުގައި ހުރި ރިޒްވީންގެ ތަސްވީރުތަކަށް ނުބެލޭ އެންމެ ދުވަހެއްވެސް ނުދެއެވެ. ފޫއްސެއް ނުވެއެވެ. ހިތަށް އެރިއެވެ. އެކުގައި ވީހާވެސް ގިނަ ތަސްވީރު ނެގުނު ނަމައެވެ. ބައެއް ދުވަސްދުވަހު ރިޒްވީން ގުޅުމުން، އަޑު އަހަން އެތައް އިރަކު އޮންނަމެވެ. އެކަމަކު ވާހަކައެއް ނުދައްކަމެވެ. ރޮމެވެ. އަޑެއް ނީއްވަމެވެ. އެތައް އިރަކު ޝަކުވާކޮށްފައި ރިޒްވީން ފޯނު ކަނޑާލައެވެ. އެހެން މީހަކުނަމަ، މިހާރު އަހަރެންމަތީން ފޫހިވާނެ އެެވެ. އަހަރެން ދޫކޮށްލާފައި އެހެން ޙަޔާތެއް ފަށާފާނެ އެވެ. އުއްމީދެއް ނެތް ކަމަކަށް، އިންތިޒާރު ކުރާނީ ކާކު ހެއްޔެވެ؟

އަހަންނާއި ބައްދަލުކުރަން ރިޒްވީން މާލެ އައީ، މަހެއް ފަހުންނެވެ. ރިޒްވީން އައި ވާހަކަ ބުނީ މަންމައެވެ. ދުވެފައި ކޮޓަރިން ނުކުތީމެވެ. ގޭގެ ބެލް ޖަހާ އަޑު އިވިއިވި ހުއްޓެވެ. އަހަރެން ނުރުހޭތީ، އެކަކަށްވެސް ދޮރު ހުޅުވާކަށް ނުކެރުނެވެ. އެންމެން އެތަނުން ފޮނުވައިލީމެވެ. އަހަރެންގެ ހިތުގެ ހާލު އެކަކަށްވެސް އަންގަން ބޭނުން ނުވާތީ އެވެ.

ސީސީޓީވީ ކެމެރާއިން ރެކޯޑުވަމުންދިޔަ މަންޒަރު ބަލަން އިސްކުރީން ކައިރިއަށް ޖެހިލީމެވެ. ދެކިލަން އެދޭ ސޫރަ އެހުރީ ފެންނާށެވެ. ކުރިއަށްވުރެ ރިޒްވީންގެ ހަށިގަނޑު ނިކަމެއްޗެވެ. އަހަރެން ހުރިނަމަ، ޔަޤީނުންވެސް، ހަށިގަނޑު ރަނގަޅު ވީހެވެ. ގިސްލާފައި ރޮވެން ފެށުނެވެ. ކުށްވެރިކަމުގެ އިހުސާސުން މުޅި މީހާ ވަށައިލުމުންނެވެ. އިސްކުރީނު މަތިން ރިޒްވީންގެ މޫނުގައި ފިރުމައިލީމެވެ. މަންމަ އައެވެ. ދޮރު ހުޅުވަން އެތައް ފަހަރަކު އެދުނެވެ. އަހަރެން ދެކޮޅު ހެދީމެވެ. ރޮވޭ ވަރުން މަންމަ އާއި ވާހަކަ ދައްކަން ޖެހުނީ އަތުގެ އިޝާރާތުންނެވެ. އަހަންނެކޭ އެއްވަރަށް މަންމަވެސް ރޮމުން ދިޔަ އެވެ. އެންމެފަހުން އެތައް އާދޭހެއް ކޮށްފައި ރިޒްވީން ދިޔައީ އެވެ. ހިތް ފޮތިފޮތިވުން ނޫންކަމެއް ނުވިއެވެ.

ދުވަސްތައް ހަފުތާތަކަށް، ހަފުތާތައް މަސްތަކަށް ބަދަލުވަމުން ދިޔަ އެވެ. މާލެ އައިތާ އަށްމަސް ވީއެވެ. ހީވަނީ އެވެ. ހިތް ފަޅައިގެން ގޮސް މަރުވަނީ އެވެ. ފަޅި ސިކުންތު ކޮޅަކަށް ނަމަވެސް ކެތް ކުރާނެހައި ހިއްވަރެއް މި ހަށިގަނޑުގައި ނެތެވެ. ރޮވެނީ އެވެ. ދުވަހަކު ބައްދަލު ނުވެދާނެ ކަމުގެ ބިރަށެވެ. އަނިޔާވެރި ވާދީގެ ތެރޭގައި ގެނބިގެން ހިނގައިދާނެތީ އެވެ. އެކަކަށްވެސް އެނގުމެއް ނުވާނެ އެވެ. މަރު އައިސް ބައްދަލުކުރާނީ ކޮން އިރަކު، ކޮން ވަގުތަކު ކަމެއް ނޭނގޭނެ އެވެ. އަނދިރި ދާނެއްގައި ޖެހޭނީ ލޯމަރައިލާށެވެ. ކުރެވޭނޭ ހަމަ އެއްވެސް ކަމެއް ނޯންނާނެތެވެ.

އާދައިގެ މަތިން މިއަދުވެސް އަހަރެން އޮތީ، ތަށިމުށިތަކުގެ މައްޗަށް ދެމިފަ އެވެ. ގުޑިލާނެ ވަރުވެސް ގަޔަކު ނެތެވެ. ހިއްވަރު ކުރިޔަސް، އުއްމީދެއް ނެތެވެ. ކައިރީގައި އޮތް ފޯނު ރިންގްވަނީ އެވެ. ފޯނު ނަގާނެ ހިއްވަރު ހުއްޓެވެ. އެކަމަކު ދެ އަތުންކުރެ އެންމެ އަތެއް ވެސް ހަރަކާތެއް ނުކުރި އެވެ. ހިތަށް ކެތް ނުވުމުން، ފޯނު ނަގައި ހޫރައިލީމެވެ. ފާރުގައި ޖެހިފައި، ރިންގުގެ އަޑު ކެނޑުނެވެ. ދެން އިވުނީ ފޯނުގެ ބައިތައް ކުދިކުދިވެގެން އެކި ހިސާބުތަކުގައި ޖެހުނު އަޑެވެ.

ކޮޓަރި ދޮރު ހީވީ ވައްޓައިލި ހެންނެވެ. މަންމަ ރޮއެރޮއެފައި ގޮވާ އަޑު އިވުނެވެ. މެރެމުންދިޔަ ދެލޯ ދެން ދުވަހަކުވެސް ހުޅުވައިލެވިދާނެ ކަމަކަށް އުއްމީދެއް ނުކުރަމެވެ. ޙާލަތު އަހަންނަށް ވިސްނައިދިނީވެސް އެގޮތެވެ. ވޭނަށް ކެތެއް ނުކުރެވޭނެ އެވެ. ދޮރު ވައްޓާލާފައި އެތެރެއަށް ވަނީ، ބައްޕައެވެ. ފަހަތުން މަންމަ ވަނެވެ. މަންމަ ދުވެފައި އައިސް އަހަރެން ނަގައި އުނގުގެ ހިމާޔަތް ދީފި އެވެ. އަހަރެންގެ ދެލޯ މެރުނީ މަންމަގެ އުނގުތެރޭގައި އޮއްވަ އެވެ.

ކާޅާއި ކޮވެލީގެ އަޑުން އަހަރެންގެ ކަންފަތުގެ ތޫރި ހީވީ ފަޅައިގެން ދިޔަ ހެންނެވެ. ހަމަ ލޯ ހުޅުވައިލުމާއިއެކު، އެ އަޑުތައް ކެނޑިއްޖެ އެވެ. ދެން ފެނުނީ އެސޮރުމެން އުދުހިގެން ދިޔަ ތަނެވެ. އަހަރެން އޮތީ، ފެންޑާގައި ބަހައްޓާފައިވާ ބޮޑުއަށި މަތީގަ އެވެ. ގައި ދަށުގައި އަޅާފައިވި ހުދު ފޮތިގަނޑުން ބައެއް އޮތީ، ވެލިގަނޑު މަތީގައެވެ. ގަދަ ވަޔާއިއެކު ފޮތިގަނޑު ވިހުރިގަތެވެ. އަހަރެން އުޅުނީ ތެދުވާށެވެ. އެކަމަކު އަތެއް ފަޔެއް ގުޑުވައެއް ނުލެވުނެވެ. ވަށައިގެންވި މާހައުލަށް ނަޒަރު ހިންގައިލެވުނީ ދެނެވެ. ހަތަރެސްފައިގައި ހިފަހައްޓައިގެން އެތިބީ ޖާނުން ވަރުގަދަ ހަތަރު ފިރެހެނުންނެވެ. ގަދަ ހެދީމެވެ. އަތްފައި މިނިވަންވޭތޯ މަސައްކަތް ކުރީމެވެ. އެކަމަކު، ހަށިގަނޑުގައި އެޅީ އިތުރު ވޭނެކެވެ.

އަހަރެން މަރުވީ ހެއްޔެވެ؟ މިއީ އަހަރެން ކުރި ފާފަތަކުގެ އަޒާބު ހެއްޔެވެ؟ ދުނިޔޭގައި ކުރެވުނު ޙެޔޮ ޢަމަލުތަކަށްވުރެ، ކުރެވިފައިވާ ފާފަ ގިނަ ވާނޭކަން އަހަރެން ޤަބޫލު ކުރަމެވެ. ބިރުން މުޅި ހަށިގަނޑު ރޫރޫ އަޅައިގަތެވެ. ނަރަކައިގެ ބިރުވެރިކަން އަހަންނަކަށް އޮޅިފައެއް ނެތެވެ. ދެރައީ ޙެޔޮ ޙާލުގައި ހުރިއިރު، އެކަން ނުވިސްނުނީމަ އެވެ.

ދުރުދުރުން މަންމަ ގޮވައިލި އަޑު އިވުނެވެ. އެ އަޑު ކައިރިވަމުން އައިސް، ކަންފަތް ކައިރިން އިވުނުހެން ހީވި އެވެ. އެސްފިޔަތައް ތަޅުވައިލާފައި އުނދަގޫ ގޮތަކަށް ދެލޯ ހުޅުވައިލީމެވެ. އަހަރެން އޮތީ ހަސްފަތާލުގަ އެވެ. ކައިރީގައި އިށީނދެލައިގެން މަންމަ އިނެވެ. ދެން ބަލައިލެވުނީ ދެއަތާއި ދެ ފަޔަށެވެ. މުޅި ހަށިގަނޑުގައި އޮތީ ބޭސްއަޅާފަ އެވެ. ވީގޮތެއް ނޭނގުނެވެ.

"ދަރިފުޅާ!... ހެޔޮނުވާނެ، ރިޒްވީންއަށް ތިކަން އަންގާ... ނޫނީ ހޮސްޕިޓަލުން ފަރުވާ ހޯދަން އެއްބަސްވޭ..."

މަންމަގެ ދެލޮލުން ފެނުނީ ކަރުނަ އެވެ. އެތައް އިރަކު ރޮއެފައިވާކަން ރަތްވެފައިވާ ދެލޮލުން ހެކި ދިނެވެ. ހިތަށް ތަދުވުން ނޫން ކަމެއް ނުވި އެވެ. އަތް އުފުލައިލީ މަންމަގެ ދެލޯ ފޮހެލަ ދިނުމަށެވެ. މަންމަ ދުރަށް ޖެހުނެވެ. ރުޅި އަންނަ ކަމަށް ހެދުނެވެ. އަހަންނަށްޓަކައެވެ. އަހަރެންގެ ހިތާމަތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ. ދެރައީ ޙަޤީޤަތާއި ކުރިމަތިލާން އަހަރެން ބިރުގަންނަ ކަމެވެ.

ވާހަކަ ދައްކަން ކިތަންމެ ބޭނުންވިޔަސް، އަހަންނަކަށް ވާހަކައެއް ނުދެއްކުނެވެ. ހިއްވަރުކޮށްފައި މަންމައަށް ގޮވައިލުމަށް އަނގަ ހުޅުވައިލީމެވެ. އަޑެއް ނުނުކުތެވެ. ދޫ ހަރަކާތެއްވެސް ނުކުރި މެއެވެ. މަންމަގެ ހިތަކަށް ކުޅަދާނައެއް ނުވި އެވެ. އަހަރެންގެ ގައިގައި އޮޅުލައިގެންފި އެވެ. އެ ގިސްލުމުގެ އަޑުން ހިތް ކަތިލި އެވެ. ހިތް ޝަކުވާއިން ފުރުނެވެ. ދުރުގައި ބަލަން ބައްޕަ ހުއްޓެވެ. ކައިރިވާނެ ހިއްވަރު ނެތުމުންކަން ޔަޤީނެވެ. ހިތަށް އެރިއެވެ. އެ ޙާލުގައި އަހަރެން މަރުނުވެ އެ އޮތީ ކީއްވެ ހެއްޔެވެ؟ އެންމެންނަށް ތަކުލީފަކަށްނުވެ، އަވަހަށް މަރުވާނެ ނަމައެވެ.

ކުއްލިއަކަށް އަހަރެންގެ ނޭވާއަށް އުނދަގޫ ވާން ފެށި އެވެ. މަންމަ ލައިގެން ހުރި އަންނައުނުގައި ހިފަހައްޓައިލެވުނެވެ. ނިޔަފަތިތައް އަތުގެ ތެރެއަށް ވަދެގެން ދާނެހައި ބާރަށެވެ. ކޮށި އަރާހެން ހީވި އެވެ. މަންމަގެ އެހީގައި ކުޑަކޮށް ތެދުވެލީމެވެ. އެވަގުތު، ކޮށި އެރި އެވެ. އޭގެ ފަހުގައި ކެއްސައިގަތެވެ. އަނގައިން އައީ ހުސް ލެޔެވެ. މަތީ ދަތްޕިލައިން ހަތަރު ދަތް ލެޔާއި އެކުވެގެން އަހަރެންގެ ހަށިގަނޑާއި ވަކިވެއްޖެ އެވެ.

"މަންމަގެ ދަރި..."

މަންމަގެ ބަޑި ފަޅައިގެން ދިޔަ އެވެ. ރޮއެ ހަޅޭއްލަވައިގަތެވެ. ކުށްވެރިވީ ޑަކުޓަރުންނެވެ. އެފަދަ ޙާލަތެއްގައި ވާނީވެސް އެހެންތާ އެވެ. ޑަކުޓަރަކާއި ދެ ނަރުހަކު ދުވެފައި އައެވެ. ލޭމަނާ ކުރެވޭތޯ މަސައްކަތް ކުރަން ފެށި އެވެ.

"ކަލޭމެން ކީއްވެތަ ކައިރީ ނުތިބެނީ؟... ނޭނގޭތަ، ކިހާ ވޭނެއްގަ ކަމެއް އެމަންޖެ އެ އުޅެނީ؟... ކުއްލިއަކަށްވެސް އެ ސަކަރާތް ވަނީ..." މަންމަ ރޮއެ ހަޅޭއްލެވިއެވެ.

ބައްޕަ ނުހިފެހެއްޓިނަމަ، މަންމަ ހުރީ، މީހަކަށް ގެއްލުންވެސް ދޭނެ ހާލަތެއްގަ އެވެ.

"އަޅުގަނޑުމެން ބުނީމެއް ނޫންތޯ، އޭރުވެސް އެޑްމިޓު ކުރަން..." ނަރުސްކުއްޖާ ބުނި އަޑު އިވުނެވެ.

"އެޑުމިޓު ކުރީމަ ނިމުނީތަ؟... ކަލޭމެންނަށް އޭނަ ސަލާމަތް ކުރެވޭނެ؟... އެއްފަހަރުން ރަނގަޅު ކުރެވޭނެ؟... އޭނަ ގޮވައިގެން ދައްކަން އައި ދުވަހު، ކަލޭމެން ކީކޭ ބުނީ... އުއްމީދެއް ނެތޭނު... އަހަންނަށް އެނގޭ އެއްޗަކީ މިތާ ކަށިތައް ހަރާފަ ބޭއްވުން ނޫންކަމެއް ނުވާނެކަން... އެ ވޭނަށް އެކުއްޖާއަށް އެއުޅެނީ ކެތް ނުވެގެންނޭ... މިހާރު ކީއްވެތަ ކަމެއް ނުވެގެން ތިއުޅެނީ... ކަލޭމެން ބޭނުންވަނީ މީހުން ކަސްތޮޅު އަޅުވަން... މިނިވަންކަމެއް ނުދީ މިތާ ބާއްވަން... އެއަށްވުރެ ބަލިމީހާވެސް އުފާވާނެ، ގޭގަ އޮންނަންވެސް..." މަންމަ ރޮއެރޮއެފައި ޝަކުވާ ކުރި އެވެ. ދެފަހަރު އެކައްޗެއް ނުކިޔައެވެ.

ނަރުސްކުއްޖާ އިތުރު އެއްޗެއް ނުބުންޏެވެ. ޙާލަތުގެ ގޮތުން ބުނަން ބޭނުން ނުވީ ކަންނޭނގެ އެވެ. އަހަންނަށް ކުރެވުނުހާވެސް ކަމަކީ މަންމަގެ އަތުގައި އަތް ޖައްސައިލުމެވެ. ހަސްފަތާލަށް ގެންނަން މަންމަމެން އެތައް މަސައްކަތެއް ކުރި އެވެ. އެކަން މަނާކުރީ އަހަންނެވެ. މަންމަމެންނަށް ބިރު ދައްކައިގެންނެވެ. އެއީ އަހަރެންގެ ކުށެވެ. އަހަރެން މަންމަ އާއި ވާހަކަ ދެއްކީ ދެލޮލުންނެވެ. ބުނީމެވެ. މަންމާއެވެ. ބޭކާރު ކަންތައް ނުކުރާށެވެ. އެކަމުގައި އަހަރެން ފިޔަވައި އިތުރ އެހެން އެއްވެސް މީހެއްގެ ކުށެއް ނެތެވެ.

އެދުވަހުގެ ފަހުން އަހަންނަކަށް ނުކެވެ އެވެ. އަނގަ ހުޅުވައެއް ނުލެވެ އެވެ. ދޫ ހިވަނީ ގިރިފައި ވާ ހެންނެވެ. ދަތްތައް ވެރެމުން ގޮސް، ހުރިހާ ދަތެއް ވެރިއްޖެ އެވެ. އުމުރުން އެންމެ ފަންސަވީސް އަހަރުގަ އެވެ. ބޮލުގައި އެންމެ އިސްތައްޓެއްވެސް ނެތެވެ. ތުންފަތް ހީވަނީ ހިކިގެން ފަޅައިގެން ދާން އުޅޭހެންނެވެ. ތަންގަނޑުގަނޑު ހަލާކުވެގެން ފާރުވެއްޖެ އެވެ. ބައެއް ތަންތަނުގައި ފޮޅު ޖަހައި ފޮޅުތައް ވަނީ ފަޅައިގެން ގޮސްފައެވެ. މޫނުގެ ހަންގަނޑު ހުދުވެ، ދެލޯ ކައިރި ވަޅުވަދެ، ކަޅުވެއްޖެ އެވެ. ހަށިގަނޑު ހިކިކަމުން ހީވަނީ ދުވަހަކު ކާއެއްޗެއް ނުލިބި ބަނޑަށްޖެހިފައިވާ މީހެއް ހެންނެވެ. މިއީ ބޭރުފުށުން ފެންނަން ހުރި އަލާމާތް ތަކެވެ. އެތެރެއިން ހީވަނީ ގުނަވަންތައް ވިރިގެން ފައިބަމުން ދިޔަ ހެންނެވެ. ހާދަ ވޭނެކެވެ. މިވޭނަށް އަހަންނަށް ކެތް ކުރެވޭނީ ކިހާ ދުވަހަކު ހެއްޔެވެ؟

(ނުނިމޭ)

ކޮމެންޓް 0