ދޮންގަދަވެގެން އިސްތިރިން އަޑެއް ކިޔެވެ. ގަމީހުގައި އިސްތިރި ޖައްސައިލިގޮތަށް އަހަރެން ހުރީ، ފުން ވިސްނުމެއްގެ ތެރޭގަ އެވެ. ދެވަނަ ފަހަރަށްވެސް އެ އަޑު އިވުނެވެ. ހަމަހޭވެރިކަން ވީއިރު، ގަމީސް ވިރިއްޖެ އެވެ. އިސްތިރި ކުރާ މޭޒުގައި އަޅާފައިވާ ފޮތިގަނޑުން ބައެއްވެސް ވިރިފައި އޮތެވެ.
"ނޫރާ!..." މައިދައިތަ އައިސް އިސްތިރީގެ ވާގަނޑު ކަރަންޓު ބޯޑުން ވަކިކޮށްލި އެވެ. "ތަންކޮޅެއް ބަލާލައިގެން އުޅެބަލަ... މާލޭން އައިގޮތަށް ގާވެފަ ތިހުންނަނީ ކީއްވެތަ؟... އިއްޔެ ތަޅާލީ ބޯތަށިތައް... އޭގެ ކުރީ ދުވަހު، ކޮށީގަ ހުރި ގުރާތައް ދޫކޮށްލީ... މާދަމާ ނޭނގެ، މުޅި ގޭގަ ނޫންކަމެއް ރޯކޮށްލާނީ... މިއަދުވެސް އަހަންނަށް ނާދެވުނުނަމަ..."
"މަންމާ!..." ކޮޓަރިއަށް ވަން ރިޒްވީން ގޮވައިލީ ޝަކުވާގެ ރާގަކަށެވެ. "ސަމާސާއަށްވެސް ތިކަހަލަ އެއްޗެހި ނުބުނާށޭ ބުނަމެއްނު... އެހެންނޫނަސް، މަންމައަށް އިއްޔެ އެއަށްވުރެ ރީތި އާ ތަށި ސެޓެއް ގަނެދީފީމެއްނު... ގުރާތައް ދޫވީ އަހަރެން ރަނގަޅަށް ދޮރު ނުލައްޕާ ބެހެއްޓީމައޭ... ގަމީހެއް ވިރިގެން ދެން ގޭގަ ރޮލެއް ނުވާނެ ކަން މަންމައަށްވެސް އެނގޭނެ..."
މަރިޔަންފުޅަކީ ރިޒްވީންގެ މަންމަ އެވެ. އަހަރެންގެ މައިދައިތަ އެވެ. ރިޒްވީނަކީ، އަހަރެންގެ ފިރިމީހާ އެވެ. މައިދައިތަގެ ބަސްތަކުން އަހަންނަށް ލިބިދާނެ ހަމަލާއަކުން ސަލާމަތް ކުރުމަށް އަބަދުވެސް އައްޑަނަ އަކަށް ވަނީ ރިޒްވީނެވެ. ސަމާސާއަށް ހަދާފައި މައިދައިތަ ބުނާ ބަސްތަކުން އަހަރެންގެ ނާޒުކު މެޔަށް ތޫނު ކަރިތަކެއް ހަރައިލަ އެވެ. އެތައް ހާސް، ހަންޖަރަކުން ހިތް ކަތިލައިލައެވެ. ފިރިމީހާގެ މަންމައަށްވީތީ ކެތްތެރިވަމެވެ. ސަމާސާއަށް ބުނާ އެއްޗެހިކަން އަމިއްލަ ހިތަށް ވިސްނައިދެމެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް، ފިރިމީހާ އަހަންނާއި އެކުގައިވާތީ، ހިތަށް ހަމަޖެހުން ހޯދަމެވެ. އެކަމަކު އެތެރެއިން އަހަރެން ދިޔައީ ފުނޑުފުނޑު ވަމުންނެވެ. ކޮންމެ ކަމެއް ވަރިހަމަކޮށްލައިގެން ހުންނަން އުނދަގޫވާން ފެށި އެވެ. ޝަކުވާ ކުރަން ބޭނުން ނުވިޔަސް، ދުލާއި ހަމައަށް ޝަކުވާގެ ޖުމުލަތައް އަންނަން ގިނަ އިރެއް ނެތްކަން އެނގުނެވެ. ކަރުނަތައް ސިއްރު ކުރަން އުޅުނަސް، ދެލޮލުން ފައުޅުވާން ފެށި އެވެ.
"އެއީ މަންމަ އެހެން ބުނި އެއްޗެއް ނޫނޭ..." އަހަރެންގެ ދެލޮލަށް ކަރުނަ ޖަމާވިތަން ފެނި، މައިދައިތަ ހާސްވިކަން މޫނުމަތިން އެނގުނެވެ. "މަޖަލަކަށް ބުނި އެއްޗެކޭ... އެހެން ނޫނަސް، ނޫރާގެ މަންމަމެންހާ އަހަރެމެން މުއްސަންޖެއް ނޫންވިއްޔަ... އުޅެއުޅެފަ އަހަރެންގެ ރިޒްވީނުވެސް މި އިނީ ކުޑަ ކުއްޖަކާ.... މުއްސަނދިންގެ ދަރިން އާއްމުކޮށް އުޅޭނެގޮތް މި ފެންނަނީ..."
"މަންމަ ދެން އެކަމުން އުފަލޭ ވާންވީ... ނޫރާގެ މަންމަމެން މަންމައަށް ކިހާ ހަދިޔާވެސް ފޮނުވާތަ؟..." ރިޒްވީން އަވަސްއަވަހަށް ބުންޏެވެ.
"ދަރިފުޅު ތިޔަ ބުނީ ހެޔޮކޮށް..." މައިދައިތަ ހިނިތުންވެލި އެވެ.
މައިދައިތަ ދިޔައީ އަހަރެންގެ ބުރަކަށީގައި ފިރުމައިލާފަ އެވެ. އެއީ ރިޒްވީން ހުރީތީ ދެއްކުންތެރިވުމުގެ ގޮތުން ކޮށްލި ކަމެއް ކަމުގައި ނިންމީމެވެ. ކޮޓަރީގެ ދޮރު ލައްޕާފައި ރިޒްވީން އައެވެ. ތުންފަތުގައި ވީ ލުއި ހިނިތުންވުމެކެވެ. ރިޒްވީން ހުރީ ރަސްމީ ކޮށެވެ. މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާއި، ކަޅު ފަޓުލޫނުގަ އެވެ. ކަރުގައި އަޅާފައި އޮތީ، ގަދަ ނޫކުލައިގެ ޓައީ އެކެވެ. އަހަންނަށްވުރެ އިސްކޮޅުން ދިގުވެފައި ހަމުގެ ކުލަ އަނދިރި އެވެ. އާދައިގެ މަތީން އަހަރެންގެ ހިތް އަތުލާނެ ގޮތް ރިޒްވީނަށް އެނގެ އެވެ. އަހަރެން ރުއްސަން ރިޒްވީނަށް ކުރަންޖެހޭނީ އެންމެ ކަމެކެވެ. ހިތުގައިވާ ހުރިހާ ޝަކުވާއެއް އިސާހިތަކު ފިލައިގެން ހިނގައިދާނެ އެވެ.
"މިއަދު ހާދަ ލޯބި ދުވަހެކޭ..." ޓައީ ނައްޓުވައިލަމުން ރިޒްވީން ބުންޏެވެ. "ދުރުގަ ހުންނާކަށް ކެތެއް ނުވާނެ..."
ރިޒްވީންގެ ނިޔަތް އެނގުމުން އަހަރެން ފަހަތަށް ޖެހިލީމެވެ. ވަކި ހިސާބަކަށް ގޮސްފައި ފާރުގައި ޖެހިފައި ހުއްޓެން މަޖުބޫރު ވިއެވެ. ފާރު ހުންނަނީ ތެޅިގަލުން ރާނާފަ އެވެ. ސިމެންތި ނުޖަހާ ހުންނާތީ، ބޭރުން ކޮންމެވެސް ވަރަކަށް ކޮޓަރި ތެރެއަށް އަލި އެޅިފައި ހުރެ އެވެ. ބައެއް އަލިކޮޅުތައް އެޅިފައި ހުރީ ރިޒްވީންގެ މޫނަށެވެ. ބަލާބަލައި ފޫހި ނުވާނޭ ފަދަ މަންޒަރެކެވެ.
"ތިއުޅެނީ އަހަންނަށް ފިލަންތަ؟... ނޫނީ ހިތް އިތުރަށް ތަޅުވަންތަ؟..." ރިޒްވީން ބުނީ ލާނެތް ރާގަކަށެވެ.
އަހަރެން ބޯ ހޫރާލީމެވެ. ރިޒްވީން އައިސް އަހަންނާއި ދާދި ކައިރީގައި ހުއްޓުނެވެ. އުނަގަނޑުގައި އަތް އަޅުވައިލިގޮތަށް ގާތަށް ދަމާލައިފި އެވެ. ފާރުގެ ބޭރުން އެޅިފައިވާ އަލިކޮޅުތަކަށްވެސް، ދެމީހުންގެ ދެމެދަށް ވަންނާނެ ފުރުސަތެއް ނެތޭ ބުނާ ފަދައިންނެވެ.
"އޮފީސް..." އަހަރެން ހަނދާންކޮށްދިނީމެވެ.
ރިޒްވީންގެ ބީހުންތަކުން އަހަރެންގެ ހިތް އުފާކޮށްދެމުން ދިޔަ އެވެ. ބޭއިހުތިޔާރުގައި ދެލޯ މަރައިލެވުނެވެ. ކޮންމެ އަމަލަކަށް މަރުޙަބާ ކިޔެން ފެށި އެވެ.
"މިއަދު ދެން އޮފީސް ކެންސަލް..." އަހަރެންގެ ކަންފަތް ކައިރިއަށް ޖެހިލަމުން ރިޒްވީން ވާހަކަ ދެއްކީ ވައި އަޑުންނެވެ. "ވައިފް ޓައިމް..."
ނުތަނަވަސްކަން ފިލައިގެން ދާކަށް ހިނދުކޮޅެއްވެސް ނުނެގި އެވެ. ދެމީހުން ކައިވެނި ކޮށްގެން ހަމަސް ފުރުނުތާ ގިނަ ދުވަހެއް ނުވެ އެވެ. އަހަރެމެން ދެމީހުންގެ ވެސް އަލަތު ކައިވެންޏެވެ. އެކަކު އަނެކަކަށް ކޮންމެ ކަމެއް ކޮށްދެނީ ލޯބިންނެވެ. އެވަރުގެ ރަނގަޅު ފިރިއަކު ލިބިދާނޭ ކަމަކަށް އަަހަރެން ކުޑަކޮށްވެސް އުއްމީދެއް ނުކުރަމެވެ. ދިރިއުޅުމުގައި އަހަރެންގެ އުއްމީދުތައް ގިނަ އެވެ. ރިޒްވީނާއިއެކު ކުރަން ބޭނުންވާ ކިތަންމެ ކަމެއް ރޭވީމެވެ. އެކަމަކު ހާސިލު ވަނީ މަދު ކަމެކެވެ. ހުވަފެންތަކުގައި ކުލަ ޖެހެމުން ދަނީ ލަސްލަހުންނެވެ. އަހަރެން ޤަބޫލު ކުރަމެވެ. ރިޒްވީނަކީ މުއްސަންޖެއް ނޫނެވެ. އެކަނި ހާލަށް މަންމައަކާއި އަނތްބަކު ބަލަހައްޓަމުންދާ ޒިންމާދާރު މީހެކެވެ. ރަސްމީ އޮފީހެއްގައި މަސައްކަތް ކުރި ނަމަވެސް، ރިޒްވީނަށް ލިބޭ ކުޑަ މުސާރައިން ދެކޮޅު ޖައްސަން އުނދަގުލެވެ. މައިދައިތަ އަކީ ޚަރަދުބޮޑު މީހެކެވެ. ނުލިބޭ މިންވަރުން ޚަރަދުކުރަން ބޭނުންވެ އެވެ. ބުނާ އެއްޗެއް ހޯދައިނުދެވުނިއްޔާ، ހިތްހަމަނުޖެހިގެން އެއްޗެހި ބުނެ އެވެ. އެކަހަލަ ކަންކަމާއި ރިޒްވީން އެހާ ބޮޑަށް އަޅާނުލި ނަމަވެސް، އަހަންނަށް އެކަންކަމުން އުނދަގޫ ވެއެވެ. ފިރިމީހާގެ އަތުގައި އެއްޗެއް ނޯންނާތީ ދެރަވެ އެވެ.
އާދަޔާ ޚިލާފަށް ހޫނުގަދަ ދުވަހެއްކަމުން، ދެމީހުންވެސް ތިބީ ދާހިއްލާ ފޯވެފަ އެވެ. އާދައިގެ ގޮތަކަށް ރާނައި ހިޔާކޮށްފައިވާ ގޭގެ ފުރާޅުން އެތެރޭގައި ހީވަނީ މީހާ ފިހޭ ހެންނެވެ. ރިޒްވީންގެ އަތުގެ ތެރޭގައި އޮށޯވެލައިގެން އޮތްއިރު، އަހަރެންގެ ނަޒަރު ހުއްޓިފައިވީ ފުރާޅަށެވެ. ފުރާޅުގައި ހަރުކޮށްފައިވާ ފަންކާާގެ ފިޔަތައް އެނބުރެމުން ދިޔައީ، ފިނިހަކައެއް ދަތުރު ކުރާނޭ މިންވަރަށެވެ. ފަންކާ ޖަހާފައި ހުރީ ނަމަކަށެވެ. އެއިން އެއްވެސް ފިނިކަމެއް ނުލިބެ އެވެ.
"ދެން އެންމެ އަވަަހަށް ގަންނާނީ ފަންކާއެއް..." އަހަރެންގެ ހިތުގެ އަޑު ރިޒްވީނަށް އިވުނު ކަހަލަ އެވެ. "މިހާރު އިސްތިހާރު ކުރާ އެންމެ ބާރަށް އެނބުރޭ ފަންކާ... ލޯބި ނުޖެހޭނެ އޭރުން ހޫނުވާތީ އުޅޭކަށް..."
އަހަރެން އުފާވި އެވެ. އެންމެ ޖުމުލައަކުންވެސް ހިތުގެ އުދާސްތައް ފިލައިގެން ދާން ހިނދުކޮޅެއްވެސް ނުނަގަ އެވެ. ރިޒްވީން އެހާ ކުޅަދާނައީ ކީއްވެބާއޭ ހިތަށް އަރައެވެ. ދުވަހެއްގެ ކޮޅުންވެސް ވަކިވާކަށް ބޭނުމެއް ނޫނެވެ. އެފަދަ ދުވަހެއް އައިސްފިނަމަ، އަހަރެން މޮޔަ ވާނެ އެވެ. ދިރިހުއްޓަސް، މަރުވުން ފަދަ އެވެ. ރިޒްވީނާއި ނުލައި އަހަރެންގެ ދިރިއުޅުން ފުރިހަމައެއް ނުވާނެ އެވެ. އަހަރެން ހީލި ތަން ފެނި، ރިޒްވީން އަނެއްކާވެސް އަހަރެންގެ މޫނާއި ކައިރިވެލި އެވެ. ހަދިޔާއެއް ދޭން ބޭނުންވެއްޖެ ކަމަށް ބުންޏެވެ. އެއްޗެއް ބުނަން އަނގަ ހުޅުވައިލީމެވެ. އެވަގުތު، މެންދުރު ނަމާދު ބަންގީގެ އަޑު އިވެން ފެށި އެވެ.
''ބަންގ!..." ރިޒްވީން ހުއްޓުވަމުން އަހަރެން ބުނީމެވެ.
ރިޒްވީން އަހަންނާއި ދުރަށް ޖެހިލީ ކޮލުގައި ބޮސްދީފަ އެވެ. ކޮންމެ އަމަލަކުން ލޯބިވާކަން ހާމަކޮށްދެ އެވެ. ހިތަށް ހަމަޖެހުން ލިބެނީ އެހެންވެ އެވެ. ކޮޓަރި ތެރެއިން ވަދެވޭގޮތަށް ހުންނަ ގިފިއްޔަށްވަދެ ފެންވަރައިގެން ރިޒްވީން ނުކުތެވެ. ތައްޔާރުވެލައިގެން ދިޔައީ މިސްކިތަށެވެ. ރަގަޅު އަޚުލާޤާއި އެއްވަރަށް ދީނީ ކަންކަމަށްވެސް ރިޒްވީން ފަރުވާ ބަހައްޓަ އެވެ. އަހަރެން ކޮޓަރިން ނުކުތީ ފެންވަރައިގެން ނަމާދުވެސް ކޮށްލައިގެންނެވެ. މައިދައިތަ ފާޑަކަށް ބަލަން އިނެވެ. ތެމިފައިވާ އިސްތަށިގަނޑު ފެނި، ދެފަރާތަށް ބޯ ހޫރައިލި ތަން ފެނުނެވެ.
"ކަންތައްތައް ކޮށްލަން، ވަކި ގަޑިއެއްވެސް ނޯވެޔޭ... މިހާރު އުޅޭ ކުދިން ކިހިނެއްތަ މިއުޅެނީ؟..." މައިދައިތަ ކުދި ކިިޔަން ފެށި އެވެ. "ލަދުން ބޯ ފަޅައިގެންދާވަރުވެޔޭ..."
އަހަރެން ލަދުގަތެވެ. އިސްޖަހައިލިގޮތަށް އިސް އުފުލައިލާކަށް ނުކެރުނެވެ. އެއީ މައިދައިތައެއް ކަމަކު، ފާޑު ކިޔައިގެން ނުވާނޭ ކަމެކެވެ. އަހަރެންގެ ފިރިމީހާ ބޭނުންވާ ކޮންމެ ވަގުތަކު އަހަރެން ހުންނާނީ ޚިދުމަތުގަ އެވެ. އަހަރެންގެ ނަޒަރުގައި ކައިވެނީގެ ގުޅުމަކީ ވަކި ވަގުތެއް ކަނޑައެޅިފައިވާ ކަމެއް ނޫނެވެ.
"އެސޮރު އޮފީސްގަޑިއެއް ނޫންތަ މީ؟..." އަހަރެން އެއްޗެއް ނުބުނުމުން، މައިދައިތަ އަހައިލި އެވެ.
އަހަރެން ބޯ ޖަހާލީމެވެ. ރަސްމީ ވަގުތަކީ ހެނދުނު އަށަކުން، މެންދުރުފަހު، ދެއަކަށް ކަމުގައި ބުނީމެވެ. އަހަރެން އެވާހަކަ ބުނީ، މައިދައިތައަށް އެކަން ނޭނގޭނެތީކީ ނޫނެވެ. ހިތްހަމަނުޖެހިފައި އިންލެއް ބޮޑުކަމުންނެވެ.
"އެއްޗެއް ކާން އައި ގަޑީވެސް ކުރި ކަންތައް ތީ؟... ދޭއް ޖަހާއިރަށް އޮފީސް ނިމޭނޭ ވިއްޔަ ތިބުނީ... އެހާ އިރަށްވެސް ނޫރާއަށް ކެތްކޮށްނުލެވެނީ؟... ފުކެއް ބޮޑުވަރު... މީހުން ކިހާ އެއްޗެއްސެއް ކިޔާނެ؟... ނޫރާ އެވަރު ވިސްނާލަންވާނެދޯ..." މައިދައިތަ ކުދިކިޔުން ހުއްޓައެއް ނުލި އެވެ.
އެއީ އާދަ އެވެ. ކަމަކާ ހިތްހަމަނުޖެހުނިއްޔާ، އެ ދުވަހެއްގެ ހަތަރުދަން ނިމިގެން ދާނީ އެފަދަ ގޮތަކަށެވެ. އަހަރެން ޖެހޭނީ އެ ވާހަކަތައް އަޑު އަހަން އިންނާށެވެ. އަމިއްލަ އަނގައިގައި ކަސްތޮޅު ނާޅުވައިފިނަމަ، ކަންތައް ވާނެގޮތް އަންދާޒާ ކޮށްލަންވެސް ނޭނގެ އެވެ.
ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެވެ. މެންދުރަށް ކެއްކުމުގައި އަހަރެން އަވަދިނެތި އުޅުނީމެވެ. ބަތްތެލި އުނދުން މައްޗަށް އުދާފައި އަހަރެން ދިޔައީ، ދަރުކޮޅެއް ބަލަ އެވެ. ދަރު އަޅާފައިވާ ތަން ހުންނަނީ، ބަދިގޭގެ ފުރަގަހުގަ އެވެ. ލައިގެން ހުރި ހަރުވާޅުގެ ޖީބުގައި އޮތް ފޯނު ރިންގްވާން ފެށި އެވެ. ފޯނު ނެގިއިރު، އިސްކުރީނަށް އަރާފައި ވަނީ ސަހުދާގެ ނަމެވެ. ހިތް އަވަސްވެފައިވާ ޙާލު ފޯނު ނަގައި ކަންފަތުގައި ޖައްސައިލީމެވެ. ސަހުދާ ދިން ޚަބަރަކުން އަހަރެންގެ މުޅި ދުނިޔެ އެނބުރިގަތެވެ. މުޅި ތަން އަނދިރި ވިއެވެ.
"ނޫރާ!... ނޫރާ!..."
އިވުނީ ރިޒްވީންގެ އަޑެވެ. އަހަރެން ލޯ ހުޅުވައިލީމެވެ. އޮވެވުނީ ގޭގެ ބަނބުކެޔޮގަސް ދަށުގައި ބަހައްޓާފައިވާ ޖޯލީގަ އެވެ. ކައިރީގައި ފެން ތައްޓެއް ހިފައިގެން ރިޒްވީން ހުއްޓެވެ. ހާސްވެފަ އެވެ.
"ކިހިނެއްވީ؟..." އަހަރެން ލޯ ހުޅުވައިލުމުން ރިޒްވީން އެހި އެވެ.
"އެނބުރުން އެރީ..." އަހަރެން ތެދުވީމެވެ. "އެވަރުގެ ކަމެއް ނޫން..."
އަހަރެން ހިނގައިގަތީ ބަދިގެ އާއި ދިމާއަށެވެ. ރިޒްވީނަށް ބަލަންވެސް އެވަގުތު ބޭނުމެއް ނުވި އެވެ. ދެލޮލަށް ޖަމާވެފައިވީ ކަރުނަ އެވެ. ފަހަތުން އައިސް ރިޒްވީން އަހަރެން އަތުގައި ހިފާލައިފި އެވެ. ވީ ކިހިނެއްތޯ ސުވާލުކުރަން ފެށި އެވެ. ފުރަތަމަ ފަހަރަށް ރިޒްވީންގެ ސަބަބުން އަހަންނަށް އުނދަގޫ ވިއެވެ. އަތް ފޮޅުވައިލީމެވެ.
"ކަމެއް ނުވެއޭ ބުނެފީމެއްނު..." އަހަރެން ހިތްހަމަނުޖެހިފައި ބުނީމެވެ.
ރިޒްވީން ސިހުނުކަން އެނގުނީ ހަރަކާތްތައް ހުއްޓުމުންނެވެ. އެނޫނީ އަހަރެން ދުވަހަކުވެސް އެފަދަ ގޮތަކަށް ރިޒްވީނަކާއި ވާހަކައެއް ނުދައްކަމެވެ. ވާނީވެސް އެހެންތާއެވެ.
ދުވަސް ނިމުނުއިރުވެސް އަހަރެން ހުރީ ނެގިމަޑުވެފަ އެވެ. ރަނގަޅަކަށް ކަމެއް ނުކުރެވުނެވެ. ބޭނުންވީ އެކަނި އިންނާށެވެ. ކައިރިއަށް ރިޒްވީން އަޔަސް، އެތަނަކުން ދުރަށް ދެވޭތޯ ބަލަމެވެ. އަހަރެން ވިސްނީމެވެ. ދެން ކަންތައް ކުރާނީ ކިހިނަކުން ތޯއެވެ. ހަމަ ޤައިމުވެސް އަހަރެންގެ ދިރިއުޅުމަށް ޒަލްޒަލާއެއް އައިސްފި އެވެ. އެ ޒަލްޒަލާގެ ތެރޭގައި އެންމެ ފުރަތަމަވެސް ނެތިގެންދާނީ އަހަންނާއި ރިޒްވީންގެ ދިރިއުޅުމެވެ. އުފާވެރި ދިރިއުޅުމަކަށް ފެށި ދަތުރު ޖެހޭނީ ވަކި ހިސާބަކުން ހުއްޓައިލާށެވެ. ވަކި މަންޒިލެއްނެތި، އެކަނި ޙާލަށް ދިރިއުޅުމުގެ ނަވާއި ހަވާލުވާން ޖެހޭނެކަން ޔަޤީނެވެ.
އަހަރެން ނިދަން ވަނީ ރިޒްވީން ނިދާހާ އިރު ކޮށްފަ އެވެ. އެކި މަސައްކަތުގައި އަވަދިނެތި އުޅުނީ، ރިޒްވީނަށް ވާހަކަ ދައްކާނެ ފުރުސަތު ނުދޭށެވެ. އަހަރެން ހީކުރި ގޮތާއި ޚިލާފަށް ރިޒްވީން އޮތީ ހޭލަ އެވެ. އަހަރެން ގޮސް އެނދުގައި އޮށޯތުމުން، ބައްދައިލި އެވެ. މޫނުގައި ބޮސްދޭން ފެށި އެވެ. އުނދަގޫވެގެން އަހަރެން ދުރަށްޖެހިލީމެވެ.
"ކިހިނެއް ވެގެންތަ ތިއުޅެނީ؟... ދުވަހަކުވެސް ތިހިތް ފުރޭނެތަ؟..." އަހަރެން ހިތްހަމަނުޖެހިފައި ބުނީމެވެ.
"ލޯބީ!..." ރިޒްވީން ގޮވައިލީ ލޯބިންނެވެ. "އަހަރެން ތަޅުވަނީތަ؟... ނޫނީ ކުށެއް ކުރެވުނީތަ؟..."
"ދުވަހަކުވެސް ތިކަހަލަ މީހުންނަށް ކުށެއް ކުރެވުނު ކަމެއް ނޭނގޭނެ..." އަހަރެން ތަންކޮޅެއް ބާރަށް ބުނީމެވެ. "ދުރުގަ އޮވެބަލަ... އުނދަގޫވެޔޭ ބުނެފީމެއްނު..."
އަހަރެން ބުނިގޮތަށް ރިޒްވީން ކަންތައް ކޮށްދިނެވެ. ދުރަށް ޖެހުނެވެ. ފަސްއެނބުރުނު ގޮތަށް އަހަރެން ނިދީ އެވެ. ރިޒްވީން ހޭލާ އޮތީ ކިހާ އިރަކުތޯ ވިސްނިތޯ ނުބަލަމެވެ.
ދެދުވަސް ފާއިތުވެގެން ދިޔައީ އެފަދަ ގޮތަކަށެވެ. އަހަރެން އުޅެމުން ދިޔައީ ރިޒްވީނާއި ދުރުދުރުންނެވެ. ގެއިން ބޭރަށް ނުދާ މީހާ، ގިނަ ވަގުތު ހޭދަ ކުރީ ތުނޑީގަ އެވެ. އަހަންނަށް ކުއްލިއަކަށް އައި ބަދަލުން، ރިޒްވީން ހާސްވެގެން އެވާހަކަ އެތައް ފަހަރަކު ދެއްކި އެވެ. މައިދައިތަގެ ސަމާސާގެ ޖުމްލަތައް ވިހަ ޖުމްލަތަކަށް ބަދަލުވާން ފެށިއެވެ. ރިޒްވީން ނެތް ތަންތަނުގައި ގަސްދުގައި ބުނެލާ ވިހަގަދަ ބަސްތަކުން ހިތް ތޮރުފައިގެން ދާވަރު ކޮށްލަ އެވެ. ހަރުފައެއް ހަމަލާދީ މަރާލިޔަސް އެއަށްވުރެ، ހިތަށް ފަސޭހަ ވާނެހެން ހީވާ ކިތަންމެ ވަގުތެއް ދެއެވެ.
އާދީއްތަ ދުވަހުގެ މެންދުރުގެ ވަގުތެވެ. އޮފީހުގައި އުޅެފައި ރިޒްވީން ގެއަށް އައީ ކާށެވެ. ދިރިހުއްޓަސް، ދިރުން ގެއްލިފައިވާ މީހެކޭ ރިޒްވީނެކޭ ތަފާތެއް ނެތެވެ. ގިފިލީގައި އުޅެފައި ރިޒްވީން ނުކުތީ، ނަމާދު ކުރުމަށް ވުޟޫޢު ކޮށްލައިގެންނެވެ. މީހާއަށްވުރެ ބޮޑު ފޮއްޓެއް ހިފައިގެން އަހަރެން މަސައްކަތް ކުރަމުން ދިޔައީ، ގޭގެ އޮޅިގަނޑު ހުރަސްކުރާށެވެ. ބަރުކަމުން ފޮށި ޖެހުނީ ދަމާފައި ގެންދާށެވެ. ކޮޓަރިން ނުކުމެގެން ރިޒްވީން އައީ ދުވެފަ އެވެ.
"ކޮންތާކަށް ތިދަނީ؟..." ރިޒްވީން އައިސް އަހަރެންގެ އަތުގައި ހިފައިލި އެވެ. "ގެނޭ ތިފޮށި..."
"ނޫން..." އަހަރެން ފާޅުގައި ދެކޮޅު ހެދީމެވެ.
"ލޯބީ ޕްލީޒް... ކިހިނެއްތަ ވީ؟... އަހަންނަށް ކުރެވުނު ކުށެއް ބުނެބަލަ... ޕްލީޒް..." އަހަރެންގެ އަތުގައި ހިފަހައްޓަމުން ރިޒްވީން ބުންޏެވެ.
އެއަތް ފޮޅުވައިލާފައި ނުކުތީމެވެ. ފޮށި ދަމަމުން ބަނދަރާއި ދިމާއަށް ހިނގައިގަތީމެވެ. ކަންދިމާކުރި ގޮތުން، މަގުމަތީގައި މީހުން މަދު ވަގުތެކެވެ. ފަހަތުން އައި ރިޒްވީން ރޮއެފައި މަޢާފަށް އެދެމުން ދިޔަ އެވެ. ކުށެއް ކުރެވުނުނަމަ، ދުވަހަކުވެސް އެ ކުށް ތަކުރާރު ނުކުރާނެ ކަމުގައި ބުނަމުންނެވެ.
(ނުނިމޭ)