19

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ޖެހެމުންދާ ވައިރޯޅިތަކާއި އެއްވަރަށް ގަސް، ރުކުގެ ފަންތައް ނަށަމުންދާ އަޑާއި ހުދު ދޮންވެލިގަނޑަށް ބީއްސާލާ ރާޅުގެ އަޑު ފިޔަވައި އިތުރު އެހެން އަޑެއް ނެތް ހިތްގައިމު މާހައުލެކެވެ. ހުދު ދޮންވެލިގަނޑުގައި ބޮސްދީފައިދާ ކުދިކުދި ރާޅުތައް އެނބުރި ދަނީ އަދިވެސް އެފަދަ ފުރުސަތަކަށް އެދޭހާލުގައެވެ.

އަތިރިމަތީގައި ހެދިފައިވާ ބިޔަ ކާނިގަސްދަށުގައި އޮތް ރުއްގުޅިއެއްގެ މަތީގައި ނާއިލާ އިށީނުމާއެކު އަތުން ވީއްލި ގަނެގެން ހައަހަރުގެ ނާއިލް ކުދިންތަކާއެކު ކުޅުމުގައި މަސްއޫލުވެއްޖެއެވެ. ނާއިލް ހުއްޓުވާކަށް އޭނާ ނޫޅެއެވެ. ދަރިފުޅުގެ މިއުފާވެރި ވަގުތުކޮޅު ޚަރާބުކޮށްލަން އޭނާ ބޭނުން ނުވަނީއެވެ .ދަރިފުޅުގެ އުފާވެރި ހަރަކާތްތަކަށް ބަލަން ނާއިލާ އިނީ އުފަލުން ފުރިފައެވެ. މިއަދު ނާއިލްއާއި އެކު އަޔާޒު ހުރިނަމަ ނާއިލް ކިހާ އުފާވާނެ ހެއްޔެވެ؟ އޭނާއަށް އެނގެއެވެ. އެދަރިފުޅަށް ބައްޕަނެތުމުގެ އިހްސާސް ނުވިކަމުގައި ވިޔަސް އެހެން ކުދިންނެކޭ އެއްފަދައިން އެކުދީންގެ މައިންބަފައިންނާއި އެކު ހޭދަކުރާ މިފަދަ ވަގުތުތައް އެދަރިފުޅަށްވެސް ފެންނާނެއެވެ.

ކުށްކުރީ ނާއިލާއެއްނޫނެވެ. އަދަބު ލިބެމުންދަނީ ނާއިލާ އަށާއި ނާއިލްއަށެވެ. އަޔާޒު ދެކެވީ ލޯބީގައި ނާއިލާއަށް ލިބުނު އެކައްޗެއްވެސް ނެތެވެ. ދެމީހުންގެ ލޯބީގެ ނިޝާން ފިޔަވައެވެ. އެދަރިފުޅަކީ އަޔާޒު އެކުއްޖެއްގެ މޫނުވެސް ދެކެން ބޭނުންވާ ކުއްޖެއްނޫނެވެ. ނާއިލާގެ ހިތުގައި އަޔާޒުއާއި މެދު ހިތުގައި ޝަކުވާއެއް ނެތެވެ. އޭނާ ކުށްވެރި އެއްވެސް ނުމެކުރޭމެއެވެ. ނަމަވެސް އެއްފަހަރުވެސް ހަޤީގަތް ހޯދުމަށް ނާއިލާއާއި ސުވާލު ނުކުރީތީ ހިތުގައި ސުވާލު އުފެދެއެވެ. ޖަވާބެއް ލިބުމެއްނެތް ސުވާލުތަކެކެވެ. ދިރިއުޅުމުގައި އަނބިމީހާގެ މަޤާމު އެނގޭތީ އަޔާޒުއާއި ދެބަސްވާކަށް އޭރު ނާއިލާ ބޭނުމެއްނޫނެވެ. ބަޔަކު އަޔާޒުގެ ލޮލުގައި އެޅުވި އަނދުނެއްގެ ސަބަބުން އަޔާޒަށް ހަގީގަތަކީ ކޮބައިކަންވެސް ވަކިކުރަންވެސް ނޭނގުނީއެވެ. އެކަންތައް ރޭވި ބަޔަކު އެކަންތައް ކުރީ މީހަކަށް އެކަމާއި ދޭތެރޭ ވިސްނާ ލެވޭވަރަށް ވުރެ މޮޅަށެވެ. ނާއިލާގެ ހިމޭންކަމުގެ މާނަ އަޔާޒު ނެގީ އެންމެ ނުބައިކޮށެވެ. ދެންޖެހުނީ ހަތް އަހަރު ވަންދެން އެކުގައި އުޅުނު ފިރިމީހާއާއި ވަކިވެގެން ދާށެވެ. 

އަޔާޒަކީ ރީތި މީހެކެވެ. އިސްކޮޅުން ދިގު ކަޅުމީހެކެވެ. ނާއިލާއަކީ ދޮންކަމުން އަޔާޒުގެ ރައްޓެހިން އަބަދުވެސް ޖޯކުޖަހައެވެ. ހަނދުކޭތައެއް ހިފީދޯއޭ ބުނެދިމާކޮށް ހަދައެވެ. އެކަމުންވެސް އޭރު ދެމީހުންނަށް ލިބެމުން ދިޔައީ އުފަލެކެވެ. ކައިވެނީގެ ގުޅުމަކުން ގުޅި ދެމީހުން ދިރިއުޅުން ފެށީ މާލޭގައިއެވެ. ދެމީހުންގެ މަސައްކަތުން ލިބޭ އާމްދަނީއިން އެއްރޫމްގެ އެޕާޓްމެންޓެއްގައި އުޅެމުން އައީ އުފާވެރި ހަމަޖެހޭ ފޯރުންތެރި ދިރިއުޅުމެކެވެ. ރާއްޖެތެރޭ މީހުންނަށްވީތީ ލިބޭ ޗުއްޓީތަކުގައި ކޮންމެވެސް އެކަކުގެ ރަށަށް ގޮސް އާއިލާއާއި ގުޅުން ބަދަހިކުރެއެވެ. ދެމީހުންގެ މެދުގައި މައްސަލައެއްނުޖެހި ކައިވެނީގެ ފުރަތަމަ ހައަހަރު ވޭތުވެގެން ހިނގައްޖެއެވެ.

ދެމީހުންގެ ލޯބީގެ މޭވާ ނާއިލާގެ ހަށިގަނޑުގައި އަށަގަންނަމުން އަންނަ ހަބަރު ލިބުމުން އަޔާޒު އުފަލުން މޮޔަނުވީ ކިރިއާއެވެ. އެދަރިފުޅު ދުށުމަށް އެދި އަޔާޒު ވަރަށް ދިގު އިންތިޒާރެއް ކުރިއެވެ. އެދެމަފިރިން އެތަކެއް ހުވަފެންތަކެއް ދެކުނެވެ. ދަރިފުޅު ގެންގުޅޭނެގޮތާއި ދަރިފުޅާއެކު ކުޅޭނެ ކުޅިވަރުތަކާއި އެކުގައި ކުރާނެ ކަންތައްތަކަށް ދާދެން އަޔާޒު ވަނީ ނިންމާފައެވެ. ނާއިލާ ބަލިވެ އުޅެން ފެށުމާއެކު އަޔާޒު ދެމުންއައި އަޅާލުމާއި ލޯބި ދެގުނައަށް އިތުރުވެގެން ދިޔައެވެ. އޭނާއަށް ކާންދީ ބަލަހައްޓައި ދޮވެ އިސްތިރިކޮށް ގޭތެރޭގެ ކަންކަންވެސް ކުރަމުން ގެންދިޔައީ އަޔާޒުއެވެ. ނާއިލާ ކަމެއް ކުރަން އުޅުނަސް އަޔާޒު އަރާމު ކުރުމަށްބުނެ އެކަމެއް ހުއްޓުވައެވެ.

އަޔާޒުގެ ދައްތަ އަޔާނާ ބަލިވެގެން މާލެ އައުން ވެގެން ދިޔައީ ދެމީހުންގެ ގުޅުމަށް ހީނަރުކަމެއް އައިކަމަކަށެވެ. ގޭތެރޭގެ ކަންކަމުުގައި ހަރަކާތްތެރިވަމުންދިޔަ އަޔާޒުއަށް ނުސީދާކޮށް މަލާމާތާއި ފުރައްސަރައިގެ ބަސްތައް އަމާޒުވަމުން ދިޔައެވެ. ނާއިލާދެކެ ވަމުންދިޔަ މަތިވެރި ލޯބި ފެނިފައި އަޔާނާއަށް ހަސަދަވެރިވެވުނެވެ. އަޔާނާއަށް ދިރިއުޅުމުގައި އެފަދަ އޯގާތެރިކަމެއް ފިރިމީހާގެ ފަރާތުން ފެނިފައި ނުވުމުން އެކަން ބަލައިނުގަނެވުނެވެ. އެހެން އަންހެނަކު އެފަދަ އަރާމުގައި ދިރިއުޅުން ހޭދަކުރަމުން ދާތަން ފެނުމުން އެތެރެހަށި އަނދަމުން ދިޔައެވެ. އަދި ނާއިލާއަށް ދެރަދިނުމަށް ރޭވުންތައް ހިތުގައި ރާވަމުން ދިޔައެވެ.

އެއީ ނާއިލާ ވަރުބަލިކަމުން އޮފީހަށް ސަލާމްބުނި ދުވަހެކެެވެ. އަޔާޒު މަޑުކުރަން އުޅުމުން އަޔާނާވެސް އުޅޭތީއާއެކު ނާއިލާ ގަދަކަމުން އޭނާ އޮފީހަށް ފޮނުވިއެވެ. އަޔާނާހުރީ އެފަދަ ފުރުސަތަކަށް ބަލަބަލާކަމުން ރާވަމުންއައި ރޭވުންގަނޑަށް އަމަލީ ސިފައެއް ގެނައުމުގެ މަސައްކަތް ވަގުތުން ފެށިއެވެ. ނާއިލާ ނިދާފައި އޮތްވާ އެކި އެކި އޭންގަލްތަކުން އެތަކެއް ފޮޓޯއެއް ނެގިއެވެ. ރައްޓެއްސަކު ލައްވާ ނާއިލާގެ ވިޔާނުދާކަން އަޔާޒަށް ގަބޫލުކުރެވޭނެ ފަދަގޮތަކަށް އެފޮޓޯތައް އެޑިޓްކުރިއެވެ. އަޔާނާދިޔައީ އެފޮޓޯތައް އަޔާޒަށް ދޭނެ ރަނގަޅު ދަނޑިވަޅަކަށް ބަލަމުންނެވެ. އަޔާޒުއަށް އެކަން ގަބޫލުކުރެވޭނެ ހެއްކާއެކު އެކަން ދެއްކުމަށެވެ.

ނާއިލާ އެކަނި ގެއަށް އައީ އަޔާޒު އޮފީހުގައި ބިޒީވެގެން އާދެވޭނީ ލަހުން ކަމަށްބުނީމައެވެ. އޭރު އަޔާނާގެ ރައްޓެއްސަކާއި ވާހަކަ ދައްކަން ސިޓިންރޫމުގައި ތިއްބެވެ. ނާއިލާއެމީހުންނަށް ހިނިތުންވުމެއް ރައްދުކުރުމަށްފަހު ކޮޓަރިއަށް ދިޔައީ ފެންވަރާލުމަށެވެ. އެވަގުތު އަޔާނާ އަޔާޒުއަށް ނާއިލާގެ ފޯނުން މެސެޖު ކުރުމަށްފަހު އަވަހަށް ގެއަށް އައުމަށް އެދުނެވެ. އެމަރޖެންސީވެގެން ކަމަށްބުނުމުން އަޔާޒު ވަރަށް އަވަހަށް ގެއަށް އަތުވެއްޖެއެވެ. ސިޓިންރޫމްގެ ތެރެއިން އެކަކުވެސް ފެންނަން ނެތުމުން އަޔާޒު ކޮޓަރީގެ ދޮރު ހުޅުވާލިއިރު ފެންނަނީ ނިދާ ބޮކީގެ ފަނޑުއަލިކަމެވެ. ކުޑަދޮރު ހުޅުވާލައިގެންހުރި ނާއިލާގެ ފުރަގަހުން ބަނޑުގައި ބައްދާލައިގެން ކޮނޑުގައި ދަތްދޮޅި އަޅުވާލައިގެން ފިރިހެނަކު ހުއްޓެވެ. އަޔާޒުގެ ބާރުއަޑަށް ނާއިލާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ފަހަތަށް އެނބުރިލިއިރު ފެނުނު ނުދަންނަމީހާގެ މޭގައި އަޅާކޮށްޕާލެވުނީ ވިހަގަދަ ސުއިއްޕެއް ދަތް އެޅުމުން ދުރަށް ފޮޅާލާ ފަދައަކުންނެވެ. ރުޅިއައިސް ތުރުތުރު އަޅަމުން ދިޔަ އަޔާޒު ދޮރު އަތުހުރި ބާރަކަށް ޖެހުމަށްފަހު ނިކުމެގެން ދިޔައީއެވެ. ވާނުވާ ނޭނގިފައި ނާއިލާ ހުއްޓައި އެނުދަންނަ މީހާވެސް މަލާމާތުގެ ހިނިތުންވުމެއް ނާއިލާއަށް ރައްދުކުރުމަށްފަހު ނިކުމެގެން ދިޔައީއެވެ.

އަޔާޒު ގެއަށް އަންނާ އިރެެއްގެ އިންތިޒާރުގައި ނާއިލާއިނެވެ. އަޔާޒުއާއި ވާހަކަދައްކައި މައްސަލަ ހައްލުކުރަން ނާއިލާ އިނީ ނުހަނު ބޭނުންވެފައެވެ. އަޔާޒުގެ ފޯނަށް ގުޅުނު އަދަދެއްވެސް އޭނާއަކަށް ނޭނގެއެވެ. ފޯނު އޮންނަނީ ނިއްވާލާފައެވެ. އަޔާނާ ގެއަށް އައިސްވަނީ ނާއިލާ އެގޮތުގައި އިންދައެވެ. އަޔާނާއަށް ވީހުރިހާ ގޮތެއް އެނގިހުރެވެސް ހެދީ އެއްވެސް އެއްޗެއް ނޭނގޭ ކަމަށެވެ. ނާއިލާ ހުރިހާ އެއްޗެއް ކިޔައި ދިނުމުން އަޔާނާ ބުނީ އަޔާޒުގެ ރުޅިމަޑުވަންދެއް އެއްވެސް ވާހަކައެއް ނުދެއްކުމަށެވެ. އޭރުން އަޔާޒު އަމިއްލައަށް ހަމައަކަށް އެޅޭނެ ކަމަށެވެ. ނާއިލާ އެގޮތަށް ކަންތައްކުރުމުން އަޔާޒުއަށް ވިސްނުނީ ނާއިލާ އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވީ އިސްލާހުވެސް ވާން ބޭނުން ނުވާތީ ކަމުގައެވެ.

ނާއިލާގެ ބޮލުގައި އެޅުނީ ހުތުރު ތުހުމަތެކެވެ. ހިލޭ ފރިހެނުންނާއި ގުޅުން ބާއްވާ އަންހެނަކާއެކު އުޅެން ބޭނުންނުވާ ކަމަށްބުނެ އަޔާޒު ނާއިލާ ވަރިކުރިއެވެ. އަދި ބަނޑުގައި އޮތީވެސް އޭނާގެ ދަރިއެއް ކަމަށް ޝައްކުކުރިއެވެ. އަޔާނާ ދެއްކި ހުރިހާ މަންޒަރެއް އަޔާޒު ގަބޫލުކުރިއެވެ. އަށްމަހުގެ ބަނޑާއެކު މާލޭގައި އެކަނީމާ އެކަނިއުޅެން އުނދަގޫވާނެތީ ވަޒީފާ ދޫކޮށްލުމަށްފަހު ރަށަށްބަދަލުވިއެވެ. ރާއްޖެއަކީ ކުޑަ ތަނެއްކަމުން ނާއިލާއަށް ރަށަށް ދެވުނުއިރު ރަށުގައި ވަނީ އެވާހަކަތައް ފެތުރިފައެެވެ. ރަށުގައިވެސް ނާއިލާއަށް މީހުންގެ މަލާމާތާއި ފުރައްސާރައަށް ކެތްކުރަންޖެހުނެވެ. އަޔާޒުއަށް ބަދުބަހެއް އެކަކުވެސް ބުނުމަށް ނޭދޭތީ މީހުންގެ ވާހަކަތަކަށް ބީރުކަންފަތެއް ދިނެވެ. އަދި ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް މަސައްކަތްކުރިއެވެ.

ނާއިލް ލިބުމާއެކު ނާއިލާގެ ހިތާމަތައް ފިލައިގެން ދިޔައެވެ. އާއިލާގެ މީހުންގެ އަޅާލުމާއި ލޯތްބާއެކު ވަގުތު ފަރުވާއަކަށް ވާފަދައިން ނާއިލާވެސް މަޑުމަޑުން އައީ ހަމައަކަށް އެޅެމުންނެވެ. ނާއިލާގެ ދޮންބެ ނަވީންގެ ފަރާތުން ނާއިލްއަށް ބައްޕައެއްގެ ލޯބި ލިބެމުން ދިޔައިރު ނާއިލް ބައްޕަ ކިޔަމުން ދިޔައީވެސް ނަވީންއަށެވެ. ނާއިލާއަށް ރަށު ސުކޫލުން ވަޒީފާ ލިބުމާއެކު ދަތިކަމެއްނެތި މީހެއްގެ އެހީތެރިކަމެއްނެތި އުޅެވެންފެށިއެވެ.

ނާއިލާއާއި އަޔާޒު ވަކިވި ފަހުން ހަތް އަހަރުވީއެވެ. އެހަތް އަހަރުގެ ތެރޭގައި ނާއިލާ އަބަދުވެސް އިންތިޒާރު ކުރަމުން އަންނަނީ އަޔާޒު އެނބުރި އަންނާނޭ ދުވަހަކަށެވެ. އޭނާއާއި ބައްދަލުވާނޭ ވަގުތަކަށެވެ. އަލުން އަޔާޒު ނާއިލާ އާއި އެކު ދިރިއުޅޭނެ ކަމުގެ ޔަޤީންކަމެއް ނެތަސް އޭނާ އަޔާޒުއަށް އޭނާގެ ކުށެއް ނެތްކަން އެނގޭނެ ދުވަހަކަށް އަބަދުވެސް އޭނާ އިންތިޒާރުކުރެއެވެ.

ނާއިލާއަށް ޚިޔާލީ ދުނިޔެއިން ނުކުމެވުނީ ނާއިލްއައިސް އެންމެން ގެއަށްދަނީއޭ ބުނިއަޑަށެވެ. ހިނިތުންވެލާފައި ދަރިފުޅު ގޮވައިގެން ނާއިލާ އެއްގަމަށް ހިނގައިގަތުމަށްފަހު ހުއްޓުނެވެ. ދުރުން އެމީހުންނާއި ދިމާއަށް އަންނަ ނަވީން ފެނިފައެވެ. އެއަށްވުރެ ބޮޑު އުފަލެއް ލިބުނީ ނަވީންއާއިއެކު ހިނގަމުން އައި އަޔާޒު ފެނިފައެވެ. ނާއިލާއަށް ކުރިއަށް ނެގި ފިޔަވަޅުވެސް މަޑުޖައްސައިލެވުނެވެ. ނާއިލް އަތުގައި ހިފައި ދަމާލުމުން އެލޮބުވެތި މޫނަށް ބަލާލެވުނެވެ. އެހިނދުލޮލަށް ޖަމާވީ ކަރުނަތައް ނާއިލްއަށް ނުދެއްކުމަށް ނާއިލްގެ އަތުން ދޫކޮށްލުމަށްފަހު އަނެއް ފަރާތަށް އެނބުރުނެވެ. އެވަގުތު ނަވީންއައިސް ނާއިލްގެ އަތުގައި ހިފިއެވެ. އަޔާޒުއަށް ނާއިލްގެ ގައިގާ ބައްދާލެވުނެވެ. ނާއިލްއަށް ނަވީންގެ މޫނަށް ބަލަމުން ދިޔައިރު އެމޫނުގައިވީ އެތަކެއް ސުވާލުތަކެވެ. ނާއިލް ގޮވައިގެން ނަވީން ހިނގައިގަތީ އަޔާޒުއަށް ވަގުތު ދީފައެވެ. އެދެމީހުން ދައްކާނެ އެތައް ބައިވަރު ވާހަކައަކާއި ކުރާނެ ޝަކުވާތަކެއް ހުންނާނެކަން ޔަގީންވާތީއެވެ.

އަޔާޒު ނާއިލާގެ އަތުގައި ހިފާލިއެވެ. އަދި ކުރިންވެސް ނާއިލާ އިށީދެގެންއިން ރުއްގުޅި މަތީގައި އިށީންނަމުން ނާއިލާއަށް އިށީނުމަށް ބުނެލިއެވެ. ބަސްއަހާ ކުޑަކުއްޖަކު ފަދައިން އަޔާޒުއާއި ޖެހިގެން ނާއިލްވެސް އިށީނެވެ. އަޔާޒަށް ވާހަކަ ފަށާނެ ގޮތެއް ނޭނގުނެވެ. ނާއިލާގެ އަތްތިލާގައި ހިފާ އެއަތަށް ބޮސްދެމުން ސޮރީއޭ ބުނެލިއެވެ. ނާއިލާ އިސްއުފުލާ ބަލާލިއެވެ. މާހައުލަށް ވެރިވެފައިވާ އަނދިރިކަމުން އަޔާޒުގެ މޫނަށް އަރަމުންދިޔަ ކުލަވަރު ދެނެގަންނަން ނާއިލާއަށް ފަސޭހައެއް ނުވިއެވެ. ހަމަހިމޭން ވަގުތު ކޮޅަކަށްފަހު އަނެއްކާވެސް އަޔާޒު ވާހަކަ ދެއްކިއެވެ.

ނާއިލާ ވަރިކުރުމަށްފަހު އަޔާޒު ދިރިއުޅުން މަތިން ފޫހިވިއެވެ. އޮފީހުން ލިބުނުކޯހެއްގައި މެލޭޝިއާއަށް ދިއުމަށްފަހު މާސްޓަރ ޑިގްރީ ހަދައިގެން އައިސް މާލޭގައި އުޅެން ފޫހިވުމުން ރަށަށް ދިރިއުޅުން ބަދަލުކުރީއެވެ. މައިންބަފައިން އިތުރު ކައިވެންޏެއް ކުރުމަށް ބާރުއެޅި ނަމަވެސް ދެވަނަ ކައިވެންޏެއް ކުރުމަށް އަޔާޒު ދެކޮޅު ހަދަމުން ދިޔައީ ފުރަތަމަ ކައިވެނީގެ ހިތިރަހަ ކަރުބުޑުން ފިލައިގެން ނުދާތީއެވެ. ހިތުގެ އެއްކަނަކުން ނާއިލާގެ ކުށެއްނެތް ކަމަށް ބުނަމުންދާއިރު ފެނުނު މަންޒަރުތައް ދޮގެއް ނުކުރެވުނެވެ. އަޔާޒު ކުރަމުންދާ ހިތާމަ ފެނުމުން އަޔާނާއަށް މިކުރެވުނީ ރަނގަޅު ކަމެއްނޫންކަން ވިސްނުނެވެ. ނަމަވެސް ހަގީގަތް ކިޔައިދޭހާ ހިތްވަރެއް ނުލިބުނެވެ. އަޔާޒު ރުޅިއައިސް ދާނެތީއެވެ. ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެތީއެވެ.

އެދުވަހު އެފޯންކޯލުގެ އަޑު އަޔާޒަށް އިވުނީ އިއްތިފާގަކުންނެވެ. އަޔާނާއާއި ސުވާލުކުރުމުން ފުރަތަމަދޮގު ހަދަން އުޅެފައިވެސް އެންމެ ފަހުން ހަގީގަތް ހާމަކުރީއެވެ. އެއީ އަޔާނާގެ ރޭވުމެއްކަމަށާއި ހުރިހާ ކަމެއް ކުރުވީވެސް އޭނާ ކަމަށް އެއްބަސްވިއެވެ. އަދި އަޔާޒުގެ ކިބައިން މާފަށް އެދުނެވެ. ނާއިލާގެ ކިބައިންމާފަށް އެދެން ބޭނުންކަމަށްވެސް އަޔާނާ ހާމަކުރިއެވެ.

އެރޭ އަޔާޒަކަށް ނުނިދުނެވެ. ލޯމަރާލާއިރަށް ފެންނަނީ ނާއިލާގެ ކަރުނުން ފުރިގެންވީ މޫނެވެ. އެމޫނު މަތީގައި އެތަކެއް އާދޭހެވެ. ނާއިލާގެ ދުވަސްފުރިފައިވި ބަނޑެވެ. އަޔާޒަށް ވިސްނެމުންދިޔައީ ނާއިލާ އުޅޭނެ ގޮތެވެ. މާލޭން އަންނަމުން ގެނައި ތަކެތި ހާވަމުން ދަނިކޮށް ކުރިން ގެންގުޅު އަލްބަމް ފެނުމާއެކު ފޮޓޯތައް ބެލުމުގައި އަލިވިލެންދެން އަޔާޒު އޮތެވެ. އެފޮނި ހަނދާންތައް އާލާކުރުމުގައެވެ. ހެނދުނުވުމާއެކު އެކަކު ކައިރީގައިވެސް ބުނެލުމެއްނެތި ފުރަގެންއައީއެވެ. ހަގީގަތް ހާމަވުމަށްފަހު އެންމެ ހިނދުކޮޅަކަށްވެސް ދުރުގައި ހުރުމަށް ކެތްނުވީއެވެ.

ނާއިލާގެ ގައިގާ އަޔާޒު ބައްދާލިއެވެ. އޭރު ނާއިލާއަށް ވަނީވަރަށް ބޮޑަށް ރޮވިފައެވެ. މަޑުގިސްލުމުގެ ބޭރުވިޔަނުދިމަށް ތުންފަތުގައި ނާއިލާ ދަތްއެޅިއެވެ. އެދުވަސްތައް ހަނދާންވުމުން ހިތަށް އަސަރުކުރުވީއެވެ. އަޔާޒަށް ހިތުން ރުހުމުން ނާއިލާ މާފުކުރިއެވެ. އިތުބާރުކުރުމަށް އެދުނެވެ.

ދެންއައީ އުފާވެރި ދުވަހެކެވެ. ނާއިލާއާއި އަޔާޒުގެ ކައިވެންޏެވެ. ކައިވެނީގެ ހެދުމުގައި ނާއިލާ ފެނުމުން އަޔާޒު ހަނދާންވީ އެމީހުންގެ އަލަތު ކައިވެނީގެ ރެއެވެ. އޮޅުންގަޑެއްގެ ތެރޭން ވަކިވި ދެހިތެއް އަލުން ގުޅުނީއެވެ. އެތައް ދުވަހެއްގެ ދިގު އިންތިޒާރަކަށްފަހުގައެވެ.

ކޮމެންޓް 0