8

ހަސޫނާއި ރައިނާއަކީ ވަރަށް ލޯބިން އުޅެމުންދާ ދެމަފިރިންނެވެ. ހަސޫންގެ އާއިލާގެ އެކަކުވެސް ދުނިޔެއަކު ނެތެވެ. ރައިނާގެ ޢާއިލާގެ މީހުން ތިބިނަމަވެސް، އާއިލާއާއި ދެކޮޅަށް ކައިވެނިކުރުމުގެ ނަތީޖާއަކަށްވީ އެމީހުންނާ އޮތްގުޅުން އުމުރު ދުވަހަށް ކަނޑާލަންޖެހުމެވެ. ރައިނާ އެކަމާ ހިތާމަ ކުރިނަމަވެސް ހަސޫންގެ ފަރާތުން ލިބެމުންދިޔަ ލޯބީގެ ސަބަބުން އެހިތާމައިން އަރައިގަންނަން ފަސޭހަވިއެވެ. ދެމަފިރިންގެ ބުރަ މަސައްކަތުން އަމިއްލަ ވިޔަފާރިއެއް ފެށީ އަރާމު ދިރިއުޅުމެއް ހޯދުމުގެ އުއްމީދުގައެވެ.

ކައިވެންޏަށް އަހަރެއްވީތަނާ ރައިނާގެ ބޮލަށް އެނބުރުންއަރާ، މޭނުބައިކޮށް ހޮޑުލެވެންފެށިއެވެ. ގޭގައި ހެދި ތަހުލީލުތަކުން ރައިނާ ބަލިވެއިންކަން އެނގުމުން، ދެމަފިރިން މާޔޫސްވީ އެހާއަވަހަށް ކުއްޖަކު ހޯދަން ބޭނުންނުވެތިއްބާ ކުއްޖަކު ލިބެން އުޅުމުންނެވެ. އެހެނަސް، ދޭތެރެދުރުކުރުމުގެ ވަޞީލަތްތައް ބޭނުންކުރުމުގައި ފަރުވާކުޑަކުރެވުމުގެ ނަތީޖާއަކަށްވީ ރައިނާ ބަލިވެއިނުމެވެ.

ހަސޫން ޚިޔާލްދިނީ ރައިނާގެ ބަނޑުގައި އަށަގަންނަމުންއައި ތުއްތު ދަރިފުޅު ދުނިޔެއަށް ނޭވާ ނުލަނީސް އެދަރިފުޅު ނައްތާލުމަށެވެ. ހައިރާންވެ ދެލޯ ބޮޑުކޮށްލަމުން ރައިނާ ވަގުތުން އެކަމަށް އިންކާރުކުރިއެވެ. ދަރިފުޅު ކިތަންމެ ބޭނުންނުވިކަމުގައިވިޔަސް ކުށެއް ނެތް ކުއްޖެއް މަރާލާކަށް އޭނާއަށް ހަމަހިލާ ނުކެރޭނެއެވެ. އަދި ހަސޫންވެސް އެފަދަ ކުށެއްކުރިޔަކަ ނުދޭނެއެވެ.

އެހެންމީހަކަށް ރައިނާ ބަލިވެއިންކަން އެނގިދާނެތީ، ދެމަފިރިން ލަންކާއަށް ބަދަލުވީ ރައިނާ ވިހާ ގަދަވަންދެނެވެ. އަލަށް ބަލިވެ އިނުމުން އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނުނަމަވެސް، އެކަމުގައި ރައިނާއަށް އެހީވަމުންދިޔައީ އެމީހުން އުޅޭ ގެޔާއި އިންވެގެން ހުރި ގޭގައި އުޅޭ ދެމަފިރިންކަމުގައިވާ އައްމާރާއި ޚަދީޖާއެވެ.

ދުވަސްތައް ފާއިތުވަމުންގޮސް ރައިނާ ބަނޑަށް ދުވަސްފުރި އޭނާ ހަސްފަތާލުގައި އެނދުމަތި ކުރެވިއްޖެއެވެ. ބަނޑުގައި ރިއްސާވަރުން ރައިނާ އުޅޭ ޙާލު ފެނި، ހަސޫންގެ ހިތަށް އަސަރުކުރިއެވެ. ރައިނާގެ ބަހަށް ނުހެއްލި ކުރިންވެސް އެދަރިފުޅު ނައްތާލެވުނުނަމައޭ އޭނާގެ ހިތަށް އެރިއެވެ. ބަނޑުގައި އެތައް ވޭނެއް އެޅުމަށްފަހު، އެންމެފަހުން ރައިނާ ވިހައިފިއެވެ. ލޯބި ލޯބި ފިރިހެންކުއްޖެކެވެ.

ރައިނާ ވިހައިގެން ހަފްތާއެއްވުމުން ގެޔަށް ދޫކޮށްލެވުނެވެ. ރޭވިފައިގޮތަށް ދެމަފިރިން އުޅުނީ ދަރިފުޅު ޔަތީމްޚާނާއަށް ލުމުގެ މަސައްކަތުގައެވެ. ހަސޫނުގެ ދެމަފިރިންގެ ޢަމަލްތައް ހުރިގޮތުން އައްމާރުގެ ދެމަފިރިންނަށް ލިބުނީ ޙައިރާންކަމެވެ. އެމީހުން ސުވާލުކުރުމުން ހަސޫން އޮޅުވާލުމެއްނެތި ކަންވީގޮތް ކިޔައިދިނެވެ. އައްމާރުގެ ދެމަފިރިން ތިބީ ބުނާނެ އެއްޗެއް ނޭނގި ހައިރާންވެފައެވެ. އެއްބަޔަކު ދަރިން ނުލިބިގެން ދުނިޔޭގެ ހަތަރުބިތަށްގޮސް ފަރުވާ ހޯދަން މަސައްކަތްކުރަމުންދާއިރު، އަނެއްބަޔަކު ވިހާފައި ދަރިން އެއްލާލަނީއެވެ. އަދި އަނެއްބަޔަކު އެދަރީން އުފަންނުވަނީސް އެދަރީންގެ ވަސްވެސް މި ދުނިޔެއިން ފުހެލަނީއެވެ. ކޮންފަދަ އަނިޔާވެރިކަމެއްހެއްޔެވެ؟

އައްމާރުގެ ދެމަފިރިންނަށް އަދިއަދަށް ދާންދެންވެސް ދަރިޔަކު ނުލިބެއެވެ. ގެ ކުއްޔަށްދީފައި ލަންކާއަށް ބަދަލުވެގެން އެއުޅެނީވެސް އެކަމަށް ފަރުވާކުރާށެވެ. ދަރިފުޅު، ޔަތީމްޚާނާއަށްލުމުގެ ބަދަލުގައި އެދެމަފިރިންނަށް ދިނުމަށް އައްމާރު އެދުނުވެ.

ދަރިފުޅު، އައްމާރުގެ ދެމަފިރިންނަށް ދިނުމަށްފަހު، ރާއްޖެ އައިސް ކުރިއެކޭ އެއްގޮތަށް ހަސޫނުގެ ދެމަފިރިންވެސް މަސައްކަތާއިގެން މަސްޢޫލުވެ އުޅެންފެށިއެވެ. ބުރަކޮށް މަސައްކަތްކޮށް އެތައް ކާމިޔާބީއެއް ހޯދަމުންދިޔައެވެ. ނަމަވެސް، ދެމަފިރިންކުރެ އެކަކުވެސް ދަރިއަކު ހުރިމަތިން ހަނދާނެއްނެތެވެ. ލަންކާއިން އައިފަހުން އެދަރިފުޅުގެ ޙާލު ބަލާނުލިތާ، ދުނިޔޭގައި ހުރިތޯވެސް ބަލާނުލައެވެ. އެންމެ ކުޑަމިނުން ދަރިފުޅަށް ކިޔާ ނަންވެސް އެދެމަފިރިންނަކަށް ނޭނގެއެވެ.

 

ދުވަސްތައް ފާއިތުވަމުންގޮސް ތިރީސް އަހަރު ހޭދަވެގެން ހިނގައްޖެއެވެ. އާދައިގެމަތިން ހަސޫން އިނީ އޮފީހުގައެވެ. ފޯނުވާންފެށުމުން އެފޯނަށް ޖަވާބުދާރީވިއެވެ. ފޯނުން ވާހަކަދައްކާ ނިންމާލުމަށްފަހު، ބޭރަށް ނުކުތްއިރު އޭނާގެ މޫނުމަތީގައިވަނީ ހާސްކަމެވެ. ހަލުވިކޮށް ހިނގާލާފައިގޮސް ކާރަށް އެރުމަށްފަހު މިސްރާބުޖެހީ ހަސްފަތާލަށް ދިއުމަށެވެ.

އަވަސްފަރުވާދޭބަޔަށް ވަދެ ހަސޫން މަޑުކޮށްލީ ރައިނާ ބާއްވާފައި އޮތް އެނދު ކައިރީގައެވެ. އޭނާއަށްވަނީ އައްސިބަލިޖެހިފައެވެ. ރައިނާ ވާހަކަދެއްކޭތޯ މަސައްކަތްކުރިއެވެ. އެހެނަސް، އޭނާ ކިޔާ އެއްޗެއް ހަސޫނަށް ސާފުވާގޮތެއް ނުވިއެވެ. އަތްފައި ހަލުވާނުލެވި ރަނގަޅަށް ވާހަކަދައްކާ ނުހެދޭތީ، ރައިނާގެ ހިތުގައި ޖެހުނުވަރުން ދެލޮލުން ކަރުނަތައް ފައިބައިގަތެވެ. ލޯބިވާ އަނބިމީހާގެ ޙާލު ފެނުމުން ހަސޫނަށްވެސް ރޮވުނެވެ. އަދި ވަގުތުތައް ބޭކާރުނުކޮށް ރައިނާއަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާން ހަމަޖެއްސީ، ވިޔަފާރީގެ މަސައްކަތްތައް އޭނާގެ ދަށުން މަސައްކަތްކުރާ އާމިލާއި ޙަވާލުކޮށްފައެވެ. ފުރަންދާން ތައްޔާރުވަމުންދިޔަ ވަގުތު ސޮއިކުރަންޖެހޭ މުހިއްމު ލިޔެކިޔުންތަކެއް ހިފައިގެން އާމިލް އައުމުން ހަސޫން އޭގައި ސޮއިކޮށްލިއެވެ. އަދި ވިޔަފާރީގެ ކަންތައް އޮތްގޮތް އާމިލަށް ރަނގަޅަށް އޮޅުންފިލުވައިދިނެވެ.

އިންޑިއާގައި، ހަމަސްދުވަހު މަޑުކޮށްގެން ރައިނާއަށް އެދެވޭ ފަރުވާއެއް ލިބުނުނަމަވެސް، މުޅިއަކުން ރަނގަޅެއް ނުވެއެވެ. ހިނގާއިރު ފައި އެޅުމުގައި އައިބުގޮތެއް ހުރުމުގެ އިތުރުން، ވާހަކަ ދައްކާއިރުވެސް އަޅައިގަންނަ ގޮތެއްހުރެއެވެ. އެހެނަސް، އެހާވަރަށް ރައިނާ ރަނގަޅުވީތީ، ހަސޫން އެކަމާ އުފާކުރިއެވެ. އަނބިމީހާ ގޮވައިގެން ރާއްޖެ ދެވޭތީ ހަސޫން ހުރީ ވަރަށް އުފަލުންނެވެ.

ރާއްޖެއަށް ދެވުމާއެކު ކުލީކާރެއްގައި ހަސޫންމެން ގެޔަށް ދިޔައެވެ. ގޭގެ ދޮރުހުޅުވުމަށްޓަކައި ޖީބުގައި އޮތް ތަޅުދަނޑިފަތި ނަގާ ތަޅަށް ޖަހައިގެން ހުޅުވޭގޮތް ނުވުމުން، ތަޅު މައްސަލަ ޖެހުނީކަމަށް ހީކޮށް ތަޅުގައި ހިފާލިއެވެ. އެވަގުތު ދޮރު ހުޅުވިގެންދިޔުމުން ދެމީހުނަށްވެސް ލިބުނީ ޙައިރާންކަމެވެ. އެކަކު އަނެކަކަށް ބަލަން ތިބެ ގޭތެރެއަށް ވަދެގެން ދިޔައިރު، ބަލާލި ކޮންމެ ދިމާއަކުންވެސް ފެނިގެން ދިޔައީ ބީރައްޓެހިކަމެވެ. ރައިނާގެ ފަރުވާއަށް އިންޑިޔާއަށް ފުރިއިރު ހުރި ގޮތާ ބަލާއިރު، ގޭގެ ހުރިހާ ތަނަކަށާއި އެއްޗިއްސަށްވެސް ވަނީ ބަދަލު އައިސްފައެވެ. ހިތުގައި އުފެދިގެން ދިޔަ އެތައް ސުވާލަކާއެކު ދެމީހުނަށްވެސް ގޯތިތެރޭގެ ވަކި ހިސާބަކަށް ގޮސް ހުއްޓުން އަރާފައި ތިބެވުނީއެވެ. ސުވާލު އުފެދިފައިވާ ދެމަފިރިންގެ ސުވާލުތަކަށް ބޮޅެއް އިތުރުވީ، ގޭތެރެއިން ނުކުތް އާމިލްގެ ދެމަފިރިން ފެނުމުންނެވެ.

"އާމިލް މިގޭގައި ކީއްކުރަނީ...؟؟" ޙައިރާންވެފައި ހަސޫނަށް އަހާލެވުނެވެ.

"މީ މިހާރު އަހަރެންގެ ގެއެއް.." ދެޖީބަށް އަތްޖަހާލަމުން ރުންކުރު ގޮތަކަށް އާމިލް މިހެން ބުނުމުން ހަސޫންގެ ޙައިރާންކަން އިތުރުވިއެވެ.

"ތިބުނި އެއްޗެއް ނުވިސްނުން...." ހަސޫން މިހެން ބުނުމާއެކު އާމިލް ގޭތެރެއަށް ވަދެގެން ގޮސް ފައިލެއް ހިފައިގެން އައިސް ހަސޫނާއި ދިމާއަށް އެއްލިއެވެ.

"ތީ، ހަސޫންގެ ވިޔަފާރިއާއި، ހުރިހާ މުދަލެއް އަހަންނަށް ހިބައިން ދީފައިވާކަމުގެ ލިޔުން.... އެހެންވީމަ މިގެއާއި ހަސޫންގެ ހުރިހާ މުދަލެއްގެ ޙައްޤުވެރިޔަކީ މިހާރު އަހަރެން....." އާމިލްގެ ޖުމްލަތަކުން ހީވީ މީހަކު އޭނާގެ ކަންފަތްމަތީ ޖެހިހެންނެވެ. ހުރި ފިޔަވަޅުމަތިން ގުޑިލަން ނޭނގިފައި ހަސޫންހުރީ އެވާހަކަތައް ޤަބޫލުކުރަންވެސް ދަތިވެފައެވެ. އިވުނު ވާހަކަތައް ޤަބޫލުކުރަން ދަތިވެފައިހުރި ރައިނާވެސް ހުރީ، އަނގަމަތީ އަތްއަޅާލި ގޮތަށް އަތް ނަގަންވެސް ނޭނގިފައެވެ.

ސިކުނޑި ރަނގަޅަށް މަސައްކަތް ކުރަންފެށުމުން ހަސޫން، ބިންމަތީ އޮތް ފައިލް ނަގާ، އޭގައިވާ ލިޔުން ކިޔާލިއެވެ. ތެދެކެވެ. ހަސޫނުގެ ހުރިހާ މުދަލަކާއި އެ ގެ، އާމިލަށް ހިބަކޮށްދީ ލިޔެފައިވާ ލިޔުމުގައި އެވަނީ އޭނާގެ ސޮއިއެވެ. އެހެނަސް، އެއީ އޭނާ ތައްޔާރުކުރި ލިޔުމެއް ނޫނެވެ. އެވަގުތު އޭނާ ހަނދާންވީ ރައިނާ ގޮވައިގެން އިންޑިޔާއަށް ފުރަން ހަމަޖެހިފައި އޮތް ދުވަހު، މުހިއްމު ލިޔެކިޔުންތަކެކޭ ބުނެ، އާމިލް އޭނާ ލައްވާ އެ ލިޔުންތަކުގައި ސޮއިކުރުވި މަތިންނެވެ. އާމިލަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން ކިޔާވެސްނުލާ އޭގައި ސޮއިކޮށްށްލެވުމުގެ ހިތިރަހަ މިއަދު މިވަނީ އޭނާގެ އަރުގައި ލާފައެވެ. ހަސޫނަށް ކަންތައްތައް ރޭކާލުމުން ރުޅިގަދަވާގޮތްވިއެވެ.

"މިހާ ބޮޑު އޮޅުވާލުމެއް.... ކީއްވެ...؟؟؟ އާމިލް ކީއްވެ އަހަންނަށް މިހާ ބޮޑު އޮޅުވާލުމެއް އޮޅުވާލީ....؟؟؟ އަހަރެން އާމިލާއި ދޭތެރޭ ކަންތައް ކުރީ ކިހާ ރަނގަޅަށް....؟؟؟" ރުޅިއައިނަމަވެސް އެރުޅީގެ މައްޗަށް، ހިތާމަ ކުރި ހޯދިއެވެ. އެހާދުވަހުގެ މަސައްކަތް، ކުރެވުނު އެންމެ ސޮއިއަކުން ފެނަށްވެގެން ދިޔައީތީ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރުވިއެވެ. ނަމަވެސް މިކަމުން އާމިލްގެ ހިތަށް އެއްވެސް އަސަރެއްނުކުރިއިރު، ނުލަފާ ވައްތަރަކަށް ހީލައިގެން ހުރެ ޒީނިޔާއާއިއެކު ބޭރަށްދާން ހިނގައިގަތެވެ.

ލޮލުން ނީރާލި ކަރުނަތިކި ފުހެލަމުން ހަސޫން ރައިނާ ގޮވައިގެން އެގެއިން ނުކުތީ ދެން އިތުރަށް އެތާ މަޑުކޮށްގެން ކުރެވޭނެ ކަމެއް ނެތީމައެވެ. ދިމާވި ހިތްދަތިކަމުގައި ދެމަފިރިން ފޮށިދަމަމުން މަގުހުރަސް ކުރަން ދިޔައީ މަގުގެ ދެކޮޅު ބަލާލުމެއްވެސް ނެތިއެވެ. އެވަގުތު ދުއްވާފައި އައި ކާރުގައި އިން ޒުވާނާއަށް ވަގުތުން ބުރެކި ނުޖެއްސުންނަމަ، ރައިނާ އޮންނާނީ ކާރު ދަށުވެފައެވެ.

ކާރު ދުއްވަން އިން ޒުވާނާ ކާރުގެ ދޮރު ހުޅުވާލުމަށްފަހު، ރައިނާގެ ގާތަށް އައީ ދުވެފައެވެ. އޭރު ހަސޫން ހުރީ ރައިނާގެ ގައިގައި ހިފަހައްޓާލައިގެންނެވެ. އެއްވެސް އަނިޔާއެއްވީތޯ ޒުވާނާ ސުވާލުކުރިއިރު އެމޫނުމަތިން ހާސްވެފައިވާކަމުގެ އަސަރުތައް ފެންނާން ހުއްޓެވެ. ނަމަވެސް، އެއްވެސް ޖަވާބެއް ނުދީ ރައިނާ ފެށީ ރޯށެވެ. ޒުވާނާގެ ހާސްކަން އިތުރުވުން ނޫންގޮތެއް ނުވިއެވެ. އޭނާ ހީކުރީ ރައިނާ ރޮނީ ތަނަކަށް ތަދުވެގެންކަމަށެވެ. އެހެނަސް، ޙަޤީޤަތަކީ އެޔެއް ނޫނެވެ. ރައިނާއަށް އެރޮވެނީ ވަންނާނެ ގެދޮރެއް ނެތި ބިކަވެ ޙާލުގައި ޖެހުނީމައެވެ. އެޒުވާނާ ހަސްފަތާލަށް ދާން އެދުމުން، ރައިނާ އެކަމަށް އިންކާރު ކުރިއެވެ.

"ހަސްފަތާލަށް ނުދަންޏާ ހިނގާ! އަހަރެން ދައްތަމެން ގެޔަށް ގެންގޮސްދޭނަން..... " ރައިނާގެ އަތުގައި ހިފާލަމުން ޒުވާނާ ބުނެލިއެވެ. ދެމީހުންވެސް ގުޑިނުލާ ތިބުމުން އެޒުވާނާ ހައިރާންވެފައި، ކިހިނެއްވީތޯ ސުވާލުކޮށްލިއެވެ.

"ކޮއްކޯ.... ބޭބެމެން ދާނެ ގެއެއް ނެތް.... މަކަރުވެރިއެއްގެ މަކަރުގައި ޖެހި، ބޭބެމެންގެ ގެއާއި ހުރިހާ މުދަލެއް ބީވެއްޖެ..... ދައްތައަށް ބޭސްފަރުވާކުރުމަށްފަހު މިއަދު ރާއްޖެއައީ... އަތުގައި މިހާރު ހުރި މަދު ފައިސާކޮޅުން ބޯހިޔާވަހިކަން ހޯދައިގެން ބަނޑުފުރާނަ މުއްތިކުރެވޭކަށް ނެތް....." ކުރިމަތީގައި ހުރި ގެއަށް ބަލަހައްޓައިގެން ހުރެ އަސަރާއިއެކު ހަސޫން ކިޔައިދިނެވެ.

"މީތަ ބޭބެގެ ގެއަކީ....؟؟؟؟" އެގެއަށް ބަލަން ހުރެ ހަސޫން ވާހަކަ ދެއްކުމުން، އެޒުވާނާއަށް އަހާލެވުނެވެ. ހަސޫން "އާން" އެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

"ބޭބެމެންނަށް ކިޔަނީ ކޮންނަމެއް....؟؟؟ ބޭބެގެ ދަރިން ކޮބާ....؟؟؟؟" ހަސޫންގެ މޫނަށް ބަލަންހުރެ އެޒުވާނާ ސުވާލުކޮށްލުމުން، ހަސޫން އަމިއްލައަށް ތަޢާރަފް ވެލުމަށްފަހު، ރައިނާއަށް ކިޔާ ނަންވެސް ބުނެދިނެވެ. އަދި ދަރިއަކު ނެތްކަމަށް ބުނެލީ، ކުރިން ދަރިއަކު ލިބުން މަތިން ހަނދާން ނެތުމުންނެވެ.

"އަޅުގަނޑަށް ކިޔަނީ އާއިން.... ދެރަނުވޭ.... އަހަރެން ބޭބެމެން ބިކަވިޔަކަ ނުދޭނަން.... އާދޭ، އަހަރެންނާއެކު އަހަރެންގެ ގެޔަށް ދާން...." އާއިން މިހެން ބުނުމުން ހަސޫންމެން އެއްބަސްވީ އިތުރު ގޮތެއް ނެތީމައެވެ.

އާއިންގެ ގެއަކީ ހަސޫންމެންގެ ގެޔަށްވުރެ ބޮޑު އެތައް ގުނައެއް ރީތި ގެއެކެވެ. ގޭގެ ރީތިކަމާއި ޝާހީކަން ފެނި ދެމަފިރީންނަށްވެސް ބަލަން ތިބެވުނީއެވެ. ސިހުނީ އާއިން އިށީންނަން ބުނުމުންނެވެ. އާއިން ދެޖޫސްތަށި ހިފައިގެން އައިސް ހަސޫނަށް އެއްތަށި ދިނުމަށްފަހު، އަނެއްތަށި ރައިނާގެ ތުނބުގައި ޖައްސާލުމުން، ރައިނާގެ އިތުރުން ހަސޫނަށްވެސް ޙައިރާންކަން ލިބުނެވެ. އެހެނަސް، އާއިން ލޮލުގެ އިޝާރާތުން އޯގާތެރިކަމާއެކު ބުނެލުމުން ރައިނާ ޖޫސްފޮދެއް ބޯލިއެވެ.

"އާއިން ހާދަ ރަނގަޅޭ... ދައްތަ ނުދެކެން އަދި ތިކަހަލަ ކުއްޖެއް.... ދުވަހަކު ނުވެސް ދަންނަ ބަޔަކަށް ތިހާ އޯގާތެރިކޮށް ތިހިތަނީ، ދަރިއަކު މަޔަކާ ދޭތެރޭ ހިތާހާ ރަނގަޅަށް.... ދައްތައަކަށް ނޭނގެ ޝުކުރުވެރިވާނެ ގޮތެއްވެސް...." އެވަގުތު ރައިނާގެ ލޮލުން ކަރުނަ އަންނަންފެށީ އޭނާ ބަނޑުއަޅާ ވިހޭ ދަރިފުޅުމަތިން ހަނދާންވުމުންނެވެ. އެދަރިފުޅު މިހާރު ވީތަނެއްވެސް ދުނިޔޭގައި ހުރިކަމެއްވެސް އަދި ނެތްކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ދުނިޔޭގެ އުފަލާއި އަރާމަށްޓަކައި، އަމިއްލަ ދަރިފުޅު ވިހެއުމަށްފަހު، ހިލޭ ބައެއްގެ އަތްމައްޗަށް ދޫކޮށްލާފައި އައިއިރު، އެހިތުގައި ނުވި މައިވަންތަ ކުލުނު އެވަގުތު ހޭލީ އާއިންގެ ރަނގަޅުކަން ފެނިފައެވެ. އެދުވަހު އޭނާގެ ދަރިފުޅު ޚަދީޖާމެންނާ ޙަވާލުނުކޮށް ބަލާ ބޮޑުކުރެވުނުނަމަ، މިއަދު އެމީހުނަށް އެހީވާން އެދަރިފުޅު ހުރީހޭ ހިތަށްއެރުމުން މާބޮޑަށް ދެރަވީއެވެ. އާއިން ލޯތްބާއެކު ރައިނާގެ ކަރުނަތައް ފުހެދެމުން ރުއިން ހުއްޓާލުމަށް އެދުނެވެ. އޭރު އޭނާވެސް އިނީ ފެންކަޅިވެފައެވެ.

"ކޮބާ އާއިންގެ މައިންބަފައިން.......؟؟؟؟؟" ގޭތެރެއިން އިތުރު މީހަކު ފެންނަން ނެތުމުން ހަސޫން ސުވާލުކޮށްލިއެވެ.

"އަހަރެންގެ މައިންބަފައިންނަކީ ތީ....." އިރުކޮޅެއްގެ ހިމޭންކަމަށްފަހު އާއިން އިއްވާލިއެވެ. އާއިންގެ ޖަވާބުން ހަސޫންގެ ދެމަފިރިންނަށް ސިހުންގެނުވިއެވެ. ހަސޫންގެ އަތުގައިހުރި ޖޫސްތަށި ވެއްޓި ތަޅައިގެންދިޔައިރު އޭނާއަށް ކޮޅަށްތެދުވެވިއްޖެއެވެ. އާއިނާއި، ރައިނާއަށްވެސް ކޮޅަށް ތެދުވެވުނެވެ. އެވަގުތުވީ، ބޭރަށް ގޮސްފައި އައްމާރާއި ޚަދީޖާވެސް ގެޔަށް އައި ވަގުތަށެވެ. އާއިންގެ ދުލުން ނުކުތް ޖުމްލަ އެދެމަފިރީންނަށްވެސް ރަނގަޅަށް އަޑުއިވުނެވެ. އާއިންގެ ގާތުގައި ތިބި ހަސޫންމެން ފެނުމުން އެދެމަފިރީންނަށް ހައިރާންކަން ލިބުނެވެ.

އައްމާރުމެން ފެނުމުން އާއިންގެ ވާހަކަ ޤަބޫލުކުރަން ހަސޫންމެނަށް މަޖުބޫރުވިއެވެ. މިދުނިޔޭގައި އޭނާގެ ދަރިއަކު ހުރިކަންވެސް ހަސޫން ހަނދާންވީ އެވަގުތުއެވެ. ލިބުނު ކުއްލި ޚަބަރުން ދެމީހުނަށްވެސް އާއިނަށް ބަލަން ހުރެވުނީއެވެ.

"މިއަދު ބައްޕަމެންނާ ދިމާވިއިރު ނޭނގެ ތިއީ އަހަރެންގެ ބައްޕަމެންކަމެއް... އެނގުނީ، ބައްޕަމެންގެ ތަޢާރަފް ދިނުމުން... އަހަރެންނަށް ކުރިން ބައްޕަމެންގެ ތަސްވީރެއްހާ ހިސާބުވެސް ފެނިފައެއް ނެތް.... ނަމާއި ގޭގެ ނަން އެނގެނީ.... ކުޑައިރުއްސުރެ ލަންކާގައި އުޅެ ބޮޑުވެ، ކިޔަވާ ނިމުމުން އަހަރެން ރާއްޖެ އައީ ބައްޕަމެން ހޯދުމުގެ މަޤްސަދުގައި.... އިނގޭ ބައްޕަމެން އަހަރެން ހޯދަން މަސައްކަތް ނުކުރާކަންވެސް.... އެކަމަކު، އެގޭ ދޮށުން މުގޯލި އަޅަމުން ދިޔައީ، އަހަރެންގެ ހިތުގައި ބައްޕަމެންނަށް އޮތް ލޯތްބެއްގެ ބޮޑުކަމުން.... ދުރުން ބަލާލައިގެންނަމަވެސް ހިތްހަމަ ޖައްސާލަން ބޭނުންވާތީ.... އެކަމަކު، ތަޤްދީރުގެ ރޭވުން މާ މަތިވެރި..... އަހަންނާ ބައްޕަމެން ދިމާވިއިރު، ބައްޕަމެން ތިބީ އަހަރެންގެ އެހީއަށް ބޭނުންވެފައި.... ބައްޕަ ދަރިއަކު ނުހުރެއޭ ބުނުމުން، އެވަގުތު ހީވި އަހަރެންގެ ހިތުގައި މީހަކު އަތްއަޅާ ފިއްތާލިހެން.... ވަރަށް އަސަރުކުރި.... އެހެނަސް އަހަރެން ކެތްތެރިވެވޭ އެންމެ މައްޗަށް ކެތްތެރިވެލައިގެން ހުރީ... އަހަރެން......" އާއިނަށް ވާހަކަ ކުރިއަށް ގެންދަން އުނދަގޫވުމުން ހުއްޓާލިއެވެ. އޭރު ހުއްޓުމެއްނެތި އޭނާގެ ދެލޮލުން ކަރުނަ އަންނަމުން ދިޔައެވެ.

"މާތް ކަލާކޯ.... ހަސޫން، އަހަރެމެން ނުބަލަންވެގެން އެއްލާލީ ހަމަ މިހާ މާތްދަރިއެއްތަ...." ރައިނާގެ ދެލޮލުން ކަރުނަތައް ފައިބައިގަތެވެ. ކުރެވުނު ކުށް އިޙްސާސްވުމުން ދެރަވެ ލަދުގަތެވެ. ދަރިންނަކީ މާތް ﷲ ޙާވާލުކޮށްފައިވާ އަމާނާތަކަށްވީހިނދު، އެ އާމާނާތަށް ޚިޔާނާތްތެރިވެވުނުކަމުގެ އިޙްސާސް ފުރަތަމަފަހަރަށް ކުރެވުނެވެ. ދަރިއެއްގެ މުހިއްމުކަންވެސް އެވަގުތު އިޙްސާސްވެގެންދިޔައީ އިންތިހާއަށެވެ.

"ޔާ ﷲ... މިއަޅާމެންނަށް ކުރެވުނު ކުށަށް ތަޢުބާވަން....." ދެއަތް އުފުލާލަމުން ހަސޫނަށް މިހެން ބުނެވުނީ ކުރެވުނުކުށަށް ލަދުވެތިވާ ޙާލުއެވެ. ދަރިފުޅުގެ ހިޔާވަހިކަމުގެދަށުގައި ހުރެވުނުހިނދު އެއީ، މިއަދު އޭގެ ދެމަފިރިންނަށް ޙައްޤުނޫން މަޤާމެއްކަން އިޙްސާސްކުރެވުނެވެ.

"އަހަރެން މިއަދު ދަރިފުޅުގެ ކުރިމަތީ ހުންނަންވެސް ލަދުގަނޭ..... ބިކަވެ ނިކަމެތިވި ދުވަހު އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނީ، އަހަރެމެން ނުބަލަން އެއްލާލި ދަރިފުޅު.... އެވެސް، އަހަރެމެން އޭނާއާއިމެދު ކަންތައްކުރިގޮތް ރަނގަޅަށް އެނގިހުރެ..... މާތް ކަލާކޯ.... އަހަރެމެންނަށް ދަރިފުޅާއި ދޭތެރޭ ކަންތައް ކުރެވުނީ ކޮންފަދަ އިހާނެތިގޮތަކަށް.... އަހަރެމެންމީ ހާދަހާވާ ސުންޕާ ބައެކޭ.... ދަރިފުޅާ ބައްޕަމެންނަށް މާފުކުރޭ...." އާއިންގެ ފައިބުޑަށް ވެއްޓި ރޮއެރޮއެފައި ހަސޫން މާފަށް އެދެންފެށިއެވެ. ރައިނާއާއި، އާއިންވެސް ރޮމުންދިޔައިރު އައްމާރުމެންގެ ދެމަފިރިންވެސް ތިބީ ފެންކަޅިވެފައެވެ.

"ބައްޕާ.... ބައްޕަމެން ކޮންމެގޮތަކަށް ކަންތައްކުރިކަމުގައިވިޔަސް، އަހަރެންގެ ހިތް ބައްޕަމެންނަށްޓަކައި، ބިއްލޫރިކޮޅެއްހާ ސާފު.... އަހަރެން ބައްޕަމެންނަށް މާފުކޮށްފިން...." ހަސޫނުގެ ދެކޮނޑުގައި ހިފައި ކޮޅަށްނަގަމުން މަޑުމައިތިރިކަމާއެކު އާއިން ބުނެލިއެވެ.

"ދަރިފުޅާ...." އާއިންގެ ޖުމްލަތައް އަޑުއިވުމުން ރައިނާގެ ލޯލިތައް ކޮޅަށްޖެހިގެންދިޔައީ، އާއިންގެ ހިތްހެޔޮކަމުންނެވެ. އެދަރިފުޅުގެ ހިތުގައި އެދެމީހުންނަށްޓަކައި ޒައްރެއްގެ މިންވަރަށްވެސް ނަފްރަތުނުވުމުން ހައިރާންވެ، އަންތަރީސްވިއެވެ.

"މަންމާ.... ސުވަރުގެއަށް ވަދެވޭނީ މަންމަގެ ފައިތިލަދަށުންކަން އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ.... ވީއިރު އަހަރެން މަންމަމެންނަށް މާފުނުކޮށް ހުންނާނީ ކިހިނެއް....؟؟ އެހެންނޫނަސް މަންމަމެންނަށް ނަފްރަތުވެ، އިހާނެތިކޮށް ހިތައިގެން އަހަންނަށް ވާނީ ކޮންފައިދާއެއް.... މިއަދު މަންމަމެން ޙާލުގައިޖެހިފައި ތިއްބާ އެހީވުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި އަހަރެން މާތްﷲގެ ޙަޟްރަތަށް ޝުކުރުވެރިވަން..... މައިންބަފައިން މުސްކުޅިވެ، ޙާލުގައިޖެހުމުން އެމީހުން ބެލުމަކީ ދަރިންގެ ޒިންމާއެއް..... އަހަރެން ބޭނުމެއްނުވޭ، އަހަރެންގެ ޒިންމާ ބޮލާލާޖަހާކަށް..... އަހަރެން ބޭނުން ދަރިއެއްގެ ޒިންމާ އެންމެ ފުރިހަމަގޮތުގައި އަދާކުރަން..." ރައިނާގެ އަތުގައި ހިފަހައްޓައިގެންހުރެ، އާއިން ލޯތްބާއެކު ދެއްކި ވާހަކަތަކުން އެންމެންގެ ލޯލިތައް ކޮޅަށްޖެހިގެންދިޔައެވެ. ހަސޫނުގެ ދެމަފިރިން ތިބީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

"މާތް ﷲ އިރާދަކުރެއްވިއްޔާ އަހަރެން، އަހަރެންގެ ދެމަންމައާއި، ދެބައްޕަ ބެލުމުގެ ޒިންމާ އެންމެ ފުރިހަމައަށް ނަގާނަން.... މީ މަންމަމެންނަށާއި ބައްޕަމެންނަށް މިދަރިފުޅު ވާ ވަޢުދެއް....." އާއިން މިހެންބުނުމުން އެންމެންގެ މޫނުމަތިންވެސް ފެނިގެންދިޔައީ އުފާވެރިކަމެވެ. އަދި އެވަގުތު ހަސޫނާ ރައިނާއަށް ބުނެލެވުނެވެ. "މީ ހަމަ އަހަރެމެންގެ ދަރިފުޅެވެ.

ކޮމެންޓް 0