12

އެދުވަހުގެ އިރު ވެސް ފެނުން ތޮޅިލީ ހަމަ އެހެން ދުވަސް ދުވަހެކޭ އެއް ފަދައިންނެވެ. އަހަރެންގެ ހަޔާތަށް އަންނަން އުޅޭ ތޫފާނުގެ ކުޑަވެސް އަސަރެއް އަހަރެންނަކަށް އޭރު ނުކުރެއެވެ. ފަތިހު ގޮވާލި ފުރަތަމަ ހާލާއެކު ތެދުވެގެން އަހަރެން އަވަސްވެގަތީ ސަނާ ސްކޫލަށް ދާން ތެދުވަން ވާއިރަށް ކުރަން ޖެހޭ މަސައްކަތްތައް ނިންމާ ލެވޭތޯއެވެ. ރޮށި ފިހެ، ލައިގެން ކާނެ އެއްޗެހި ހަދާ ނިންމުމަށް ފަހު، އުނދުން މައްޗަށް ސައިކުރާ އުދާފައި އައިސް އެނދުގައި ޖައްސާލަން ބަލައިިލި އިރު އާރިފު އަދިވެސް އޮތީ ނުތެދުވެއެވެ. އޭނާގެ ފަރުވާކުޑަކަމަށް ހިތާހިތުން އެއްޗެހި ކިޔަމުން ނިދާފައި އޮތް އާރިފު ގައިގައި ދެތިން ފަހަރަކު ކޮއްޓާލުމުން އޭނާވެސް ތެދުވެގެން ލޯ އުނގުޅަމުން ހިނގައިގަތީ ފާޚާނާއަށް ވަނުމަށެވެ.

ކުއްލިއަކަށް ގޭގެ ބޮޑު ކޮޓަރިން އެއްޗެއް ވެއްޓުނު އަޑަށް ސިހިފައި އަހަންނަށް ދޮރާ ދިމާއަށް ބަލައިލެވުނެވެ. ވަގުތުން ތެދުވެގެން ހިނގައި ގަނެވުނީ ވީގޮތެއް ބެލުމަށެވެ.

"މަންމާ! ކަމެއް ނުވޭ، ކުޑަ މޭޒު ކަނުގަ އަޅައި ގަނެފައި ވެއްޓުނީ. ތަދެއް ނުވެޔޭ." ދޮރު ހުޅުވާ ނުލެވެނީސް ބޭރުން ސަނާގެ އަޑު އައެވެ.

ސަނާއަށް ގެއްލުމެއް ނުވީތީ، ހިތްހަމަ ޖައްސާލާފައި އައިސް އެނދުގައި އިށީނދެލީމެވެ. ކުއްލިޔަކަށް ޚިޔާލަށް އައީ މިފަހަކަށް އައިސް އާދަޔާ ޚިލާފަށް ގިނައިން ސަނާ ވެއްޓޭ ކަމެވެ. ގިނަ ފަހަރު ވެއްޓެނީ ކޮންމެވެސް ތަނެއްގައި އަޅާފައި ކަމަށް ވިޔަސް ބައެއް ފަހަރު ހަމަ ހިނގަ ހިނގާ ހުއްޓާވެސް ވެއްޓޭކަމެވެ. މި ޚިޔާލީ ދުނިޔެއިން އަހަރެން ނެރެލީ އާރިފު ފާޚާނާ ދޮރު ލެއްޕި އަޑެވެ.

"އާރިފޫ. ހިނގާބަލަ ސަނާ ޑޮކްޓަރަށް ދައްކަން. މާގިނައިން އެމަންޖެ މިހާރު އެ ވެއްޓެނީ. އަނެއްކާ އަބަދު ފަޔެއްގައި ރިއްސާތީ ޝަކުވާ ކުރަނީ" އާރިފަށް ގޮވާލާފައި އަހަރެން ބުނީމެވެ.

"ސާބަސް ހުދާ. ދެން އެއީ މީހުން ޑޮކްޓަރަށް ދައްކާ ކަހަލަ ކަމެއްތަ؟ ކީކޭ ޑޮކްޓަރ ގާތު ބުނަންވީ؟ މީމަގޭ ދަރިއޭ. އޭނަ ފައި ހިފިނުހުރެގެން އަބަދު އޮންނަނީ ވެއްޓިފައޭތަ؟ ދެން ދައްކާ ވާހަކަ. އެއީ މާބޮޑު ކަމެއް ނޫނޭ. އޭނަ ގާތު ބުނޭ ތަންކޮޅެއް ބަލައިލައިގެން އުޅޭށޭ." އާރިފުގެ އާއްމު އާދައިގެ މަތިން ފަރުވާކުޑަ ރާގެއްގައި ބުނެލިއެވެ.

އާރިފާއި ދެބަސްވާން ބޭނުންނުވާތީ އަހަރެން ހުރީ ތައް ބައްދައިގެންނެވެ. އޭނާގެ ފަރުވާކުޑަ ކަމަށް ހިތާ ހިތުން އެއްޗެހި ކިޔަމުން އަހަރެން ހިނގައިގަތީ ސައިކުރާ އުނދުން މަތިން ބޭލުމަށެވެ.

ހަމަ އެދުވަހެވެ. ސަނާ ވީ ސްކޫލަށް ގޮހެވެ. އާރިފު ވެސް ވީ ފިހާރަޔަށް މުދާ ގަންނަން ބާޒާރު މައްޗަށް ގޮހެވެ. އަހަރެން އިނީ ފަހާށެވެ. ހުސް ވަގުތުގައި ކުރާ ކަމެއްގެ ގޮތުގައި ފެހިޔަސް އެއިން ލިބޭ އާމްދަނީ ވެސް ވަކި ކުޑައެއް ނޫނެވެ. އެހެން ކަމުން، ސަނާއަށް ވަގުތު ދީފައި ދެން ލިބޭ ހުރިހާ ވަގުތެއް އަހަރެން ހުސްކުރަނީ ފެހުމަށެވެ. ބުރު ނޭނގޭ ވަރަށް އެނބުރި އެނބުރި ހުރި ފަހާފޮށީގެ ބުރަށް ހުއްޓުމެއް އައީ ކައިރީގައި ބާއްވާފައި އޮތް އަހަރެންގެ ފޯނު ރިންގު ވާން ފެށުމުން ނެވެ.

"އައްސަލާމް އަލައިކުމް. މަރިޔަމް ސަނާގެ ބެލެނިވެރިޔަކާ ބައްދަލު ވެދާނެތޯ؟ މީ ތާޖުއްދީން ސްކޫލުން" އެ ކޮޅުން ވާހަކަ ދެއްކި މީހަކު ބުނެލިއެވެ.

"ވާހަކަ ދައްކަނީ ސަނާގެ މަންމަ" އަހަރެންގެ ހިތްތެޅިގަތީ ވަކި ވަރެއް ބަލާފައެއް ނޫނެވެ.

"ވީ ގޮތަކީ ސަނާ ޕީއީ ގަޑީގަ ދުވަނިކޮށް ކުއްޖެއްގެ ގައިގަ ޖެހިފަ ވެއްޓުނީ. ދެން އެބައިން ނިތްކުރި މަތިން ތަންކޮޅެއް ފަޅައިގެން ގޮސްފައި. ވަރަށް ތަދުވާތީ އުޅެނީ. އެހެންވެ ބަލާ އައިސް ދެއްވާށޭ ބުނަންވެގެން މި ގުޅާލީ." ސްކޫލުން ގުޅީ ހެލްތު މިސް އެވެ.

"މި ދަނީ ހަމަ މިހާރު" ފަހާފޮށީގެ ކަރަންޓު ކަނޑާލާފައި ތެދުވަމުން އަހަރެން ބުނީމެވެ.

އަހަރެން ގޮސް ސްކޫލް އޮފީހަށް ވަންއިރު ސަނާ ވެސް އިނީ އޮފީސް ތެރޭގައި އެވެ. ކައިރީގައި އިން ހެލްތު މިސް ސަނާ މަސަލަސް ކުރަން ކިތަންމެ ވާހަކައެއް ދެއްކި ކަމުގައި ވިޔަސް އެ ދެލޮލުން ފައިބަމުން ދިޔަ ކަރުނައަކަށް ކުޑަވެސް ހުއްޓުމެއް ނާދެއެވެ. ގިސްލަ ގިސްލާއިން ސަނާއަށް އަހަރެން ފެނުމާއި އެކު ބަޑި ފަޅައިގެން ދިޔައެވެ. އަދި ދުވެފައި އައިސް އަހަރެންގެ ގައިގައި ބެއްދިއެވެ.

ސަނާގެ ރުއިމަށް މެދުކެނޑުމެއް އައީ ގެއަށް ވަދެވުނު ފަހުންނެވެ. ބޮލުގައި ބޭސް އަޅާފައި ވިޔަސް ތަދުވާތީ އުޅޭ ވަރުން އަހަރެން ގަސްތުކުރީ ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދައްކާލުމަށެވެ. ގާތް ރައްޓެއްސެއްގެ ދަރިފުޅު ސައިކަލް އެކްސިޑެންޓެއްވެ، ބޮލަށް ލިބުނު ބޮޑު ގެއްލުމެއްގެ ސަބަބުން ނިޔާވި ފަހުން އަހަރެން ގަންނަނީ އަމަށަކު ބިރެއް ނޫނެވެ.

"ދަރިފުޅު ހެދުން ބަދަލު ކޮށްލާ. މަންމަ މި އަންނަނީ ވަރަށް އަވަހަށް ދަރިފުޅުގެ އައިޑީ ކާޑު ހިފައިގެން. ދެން ނުރޯތި އިނގޭ. ތީ މަންމަގެ ހިތްވަރުގަދަ ސަނާ އެއްނު." އަލަމާރިން ހެދުމެއް ގެނެސް ސަނާގެ އަތަށް ދެމުން އަހަރެން ބުނީމެވެ.

އަލަމާރީގެ ވަތްގަނޑު ހާވަން ހުރި އަހަރެންގެ އަތަށް ހުއްޓުމެއް އައީ ސަނާގެ ކޮޓަރިން އިވުނު ބާރު އަޑުފައްގަނޑަކުންނެވެ. އަޑުގެ ކޮޅަށް ސަނާއަށް ގޮވަމުން އަހަރެން ދުއްވައިގަތީ އެ ކޮޓަރިއަށް ދިޔުމަށެވެ. އެދިޔަ ބާރުމިނުގައި ގޮސް ދޮރުގައި ހިފިއިރު ދޮރު ހުރީ އެތެރެއިން ތަޅުލާފައެވެ. ދެއަތުން ދޮރުގައި ތަޅަމުން ސަނާއަށް ގޮވަން ފެށީމެވެ. ނަމަވެސް އެތެރެއިން އެއްވެސް އަޑެއް ނައެވެ.

އަހަރެން ގަނެފައި ހުރި ބިރު ވީ އިތުރެވެ. ދުވެފައި ގޮސް އަލަމާރިއަށް ޖަހާފައި އިން ތަޅުދަނޑިފަތި ހިފައިގެން އައިސް ފުރަތަމަ ތަޅުދަނޑި ތަޅުވަޅަށް ޖަހާލީމެވެ. ތަޅެއް ނުހުޅުވުނެވެ. ދެވަނަ ތަޅުދަނޑި ޖަހާލުމުން ވެސް ވީ ހަމަ އެވަރެވެ. ތިންވަނަ ތަޅުދަނޑި ޖަހަން ދިމާކޮށްލީމެވެ. ނަމަވެސް ގަނެފައި ހުރިި ބިރާއި ހިތަށް ވެރިވެފައިވީ ހާސްކަމުން ތަޅުވަޅާއި ދިމަލެއް ނުވިއެވެ. އެތައް މަސައްކަތަކުން ދޮރު ހުޅުުވުނު އިރު ފެނުނު މަންޒަރުން އަހަރެންގެ ހޭ ހުސްނުވީ ކިރިޔާއެވެ. އަހަރެންގެ ފުރާނަ ފަދައިން ލޯބިވާ ދަރިފުޅު އޮތީ ބިންމަތީގައި، ބަންޑުންނެވެ. ސަނާގެ ގައި މައްޗަށް ވެއްޓިފައިވާ ކަބަޑުގެ ބޮޑުކަމުން އެ މަންޖެގެ އުނަގަނޑުން ތިރީގެ އެންމެ ތަންކޮޅެއްވެސް ނުފެނެއެވެ.

އެވަގުތު އަހަރެންނަށް ވީ ގޮތެއްވެސް ނޭނގުނެވެ. ހަށިގަނޑަށް ހިތްވަރު އައީ ކިހިނެއް ކަމެއް ވެސް ނޭނގުނެވެ. އެތައް މަސައްކަތަކަށް ފަހު ސަނާގެ ގައި މަތިން ކަބަޑު ނެގީމެވެ. އަދި ސަނާގެ ބޯ އުނގަށް ލައިގެން އިނދެ ގޮވަން ފެށީމެވެ. ނަމަވެސް ހޭ ހުސްވެފަވީ ސަނާގެ ފަރާތުން އެއްވެސް ހަރަކާތެއް ނުފެނުނެވެ.

މޮޔައެއް ހެން ސަނާއަށް ގޮވާލަ ގޮވާލާ އިނދެވުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ހަމަ ހޭވެރިކަން ވީ އާރިފު އައިސް އަހަރެންގެ ކޮނޑުގައި ހިފައި ތަޅުވައި ގަތުމުންނެވެ.

"ހުދާ! ސަނާއަށް ކިހިނެއް ވެފަ އެއޮތީ؟ މީ ކޮން އިރަކު ވީ ކަމެއް؟ ކީއްވެ ހޮސްޕިޓަލަށް ނުގެންގޮސް ތި އިނީ؟" އާރިފް ފަތި ފައްޗަށް ސުވާލުތައް އަމުނާލިއެވެ.

ދެން ހަދަން ވީ ގޮތްވެސް އަހަރެންނަށް ވިސްނުނީ އެ ހިސާބުންނެވެ. ޖީބުގައި އޮތް ފޯނު ނަގައި އެމްބިއުލެންސަށް ގުޅާލީމެވެ. އޭރުވެސް އަހަރެންގެ ދެލޮލުން ކަރުނައެއް ނުހިކެއެވެ.

ހޮސްޕިޓަލުގައި ދެ ދުވަސް ވަންދެން ފަރުވާ ދިން އިރުވެސް ޑޮކްޓަރުންނަކަށް ސަނާއަށް ވެގެން އުޅޭ ގޮތެއް ނޭނގުނެވެ. މާލެއިން ހެދެން ހުރި ހުރިހާ ޓެސްޓެއް ކަހަލަ ގޮތަކަށް ހެދުމުން ވެސް ނަތީޖާ އަކަށް އަންނަނީ "ނޯމަލް" އެވެ. ނަމަވެސް ކަބަޑު ދަށުވެ ހޭނެތުނު ގޮތަށް އަދިވެސް ސަނާގެ ހެޔެއް ނާރައެވެ. ނޭވާލެއްވުމަށް މެޝިނަށް ގުޅި ގޮތަށް އަދިވެސް ދިރި އޮތީ އެ މެޝިނުގެ އެހީގައެވެ. އެންމެ ފަހުން މާލެއިން ދެވޭނެ އިތުރު ފަރުވާއެއް ނެތުމުން އަހަންނާއި އާރިފު ނިންމީ ސަނާ ގޮވައިގެން ރާއްޖެއިން ބޭރަށް ދިޔުމަށެވެ. ޑޮކްޓަރުގެ ވެސް ލަފާގެ މަތިން ނެވެ.

ތިން ދުވަސް ފަހުން އަހަރެމެންނަށް ފުރުނީ ގާތް އެތައް ބައެއްގެ އެހީގައެވެ. ފައިސާގެ ގޮތުން އަހަރެމެންގެ ދެމަފިރިން އެހާ ތިޔާގި ނުވުމުގެ ސަބަބުން ރައްޓެހި ރަހުމަތްތެރިންނާއި އާއިލާ މެންބަރުންގެ އެހީ އިންތިހާ އަށް ލިބުނެވެ. އަދި ރާއްޖޭގެ ފައިސާވެރި ބައެއް މުއްސަނދިންގެ ދީލަތި ޖީބުންވެސް ދެއްވި އެހީ ކުޑައެއް ނޫނެވެ. އަހަރެމެންނަށް ލިބުނު މ ިހިތާމައިގައި އާއިލާ އާއި ރައްޓެހި، ދެކެ ފަރިތަ އެންމެން ބައިވެރިވެ، ވެދެވެން އޮތް ހުރިހާ އެހީ އެއް ވީކަމުން، އަހަރެމެންގެ ފުރުން އިތުރަށް އަވަސްވެގެން ދިޔައެވެ.

ސަނާގެ ހާލަތު ދެރަ ކަމުން ޑޮކްޓަރަކާއި ނަރުހެއްވެސް ގޮވައިގެން އަހަރެމެން ފުރި އިރުވެސް އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ދަތުރު މަތީގައި ވެސް އަހަރެން އިނީ ދުޢާ ކޮށްލަ ކޮށްލައެވެ. ސަނާއަށް އަވަސް ޝިފާއެއް ދެއްވާތޯއެވެ. ވެގެން އުޅޭ ގޮތެއް އަވަހަށް އެނގޭތޯއެވެ. ސަނާއަށް މެދުވެރިވެފައި ވަނީ މާ ސީރިއަސް ކަމަކަށް ނުވޭތޯއެވެ. އެއީ ހުރި ހަމަ އެކަނި ދަރިފުޅު ކަމުން އަހަރެން ސަނާ ދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. އެމަންޖެ އަކީ އަހަރެންގެ ފުރާނައިގެ އެއްބައި ކަމުގައި ވަނީ ވެފައެވެ. މި ދިމާވި ހިތާމަވެރި ހާދިސާގެ ސަބަބުން އާރިފުގެ އުޅުމަށްވެސް އައިސްފައި ވަނީ ވަރަށް ބޮޑެތި ބަދަލު ތަކެކެވެ. ކުރިން އެއްވެސް ކަމަކާއި އަޅާނުލައި އުޅުނު މީހާ ބަދަލުވެގެން ދިޔައީ ވަރަށް އޯގާތެރި، ފަރުވާތެރި މީހަކަށެވެ. އެ ބަދަލުގެ ސިއްރުވެސް އަހަރެންނަށް ދެނެގަނެވުނެވެ. ސަނާގެ އުމުރުން ބާރަ އަހަރު ވަންދެން އުޅެވުނުލެއް ދުރު ކަމުގެ ހިތާމަ އާރިފު ކުރަނީއެވެ. ބޯޓަށް އެރި ފަހުން ވެސް ސަނާގެ އަތުން ދޫކޮށް ނުލައި އިނީ އެހެންވެ އެވެ.

 

ލަންކާއަށް ގޮސް، އެތަނުގެ އެންމެ މަޝްހޫރު އެއް ހޮސްޕިޓަލުގައި ސަނާ އެނދުމަތި ކުރެވުނެވެ. ކުޑަކުދިންގެ ޑޮކްޓަރު އައިސް ބެއްލެވުމަށް ފަހު ހަދަން ޖެހޭ ޓެސްޓުތަކާއި ދޭން ޖެހޭ ބޭސްތައް ނަރުސް ކުދިންނަށް ކިޔައި ދެއްވިއެވެ. އަދި ޓެސްޓުތަކުގެ ނަތީޖާ ނުލިބެނީސް ވަކި އެއްޗެއް ނުބުނެވޭނެ ކަމުގައި އަހަރެންނާއި އާރިފްއަށް ކިޔައި ދެއްވިއެވެ.

އަހަރެމެންގެ އުފާވެރި ދުނިޔެ ފުނޑުފުނޑު ވެގެން ދިޔައީ ޓެސްޓުތަކުގެ ނަތީޖާ އައި ދުވަހުއެވެ. ސަނާގެ ހޭ ނާރައިގެން އުޅެނީ ކަބަޑު ދަށުވެގެން ލިބުނު އަނިޔާއަކުން ނޫނެވެ. އެހެނަސް، އެއަށްވުރެ މާ ބޮޑު ކަމަކުންނެވެ. ސަނާއަށް ޖެހިފައި ވަނީ އޮސްޓިއޯސާކޯމާ ކިޔާ ބައްޔެކެވެ. ބަލީގެ ނަން އިވުމުން އަހަރެންނަށް އާރިފުގެ މޫނަށް ބަލައިލެވުނެވެ. ލިބުނު ހައިރާން ކަމަކުންނެވެ. އިތުރަށް ޑޮކްޓަރު ކިޔައިދެއްވި ގޮތުގައި އޮސްޓިއޯސާކޯމާއަކީ މައިބަދައިގައި އުފެދޭ ޓިއުމަރަކަށް ކިޔާ ނަމެކެވެ. މި ޓިއުމަރަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެކެވެ. އަދި މި ޓިއުމަރުގެ ސަބަބުން ގައިގެ އެކި ތަންތަނަށް ތަދުވެ، ހިނގާބިނގާވެ އުޅުމަށް އުނދަގޫވެ، ފަސޭހައިން ކައްސާލާ ވެއްޓި ގޮތްގޮތްވާ ކަމަށް ވެޔެވެ. މި ބަލީގެ އެންމެ ނުރައްކާތެރި އަލާމާތަކީ ހަށިގަނޑުން ވާގި ދިޔުން ކަމުގައި ޑޮކްޓަރު ކިޔައި ދެއްވިއެވެ.

ޑޮކްޓަރުގެ ވާހަކަ މިހިސާބަށް މަޑުޖެހިލުމުން އަހަރެންނަށް ބަލާލެވުނީ އާރިފުގެ މޫނަށެވެ. އޭރު އޭނާ އިނީ އަހަރެންނަށް ނުބަލަން ވެގެން އިސްޖަހާލައިގެނެވެ. ހީވާކަހަލަ އެވެ. ސަނާއަށް މެދުވެރިވި ހާލަތުގެ ޒިންމާ އޭނާ އަމިއްލައަށް ބޮލުގައި އަޅަނީއެވެ. ސަނާ ގޮވައިގެން ޑޮކްޓަރަކަށް ދިޔުމަށް މެދު ކެނޑުމެއްނެތި ކުރި އާދޭހަށް އޭނާ ބީރު ކަންފަތެއް ދިނީތީއެވެ. ސަނާއަށް އަންނަމުން ދިޔަ ބަދަލުތަކާއި އެ ތުއްތު ހަށީގައި އަޅަމުން ދިޔަ ވޭނަށް ސަމާލުކަން ނުދެވުނީތީއެވެ. ލިބުނު ހުރިހާ ވަގުތެއް ފައިސާގެ އަޅަކަށް ވެގެން ފުރާލެވުނީތީއެވެ.

އެހެނަސް، މިއަދު ކުރާނެ ކަމެއް ނެތެވެ. މާ ބޮޑަށް ލަސްވެއްޖެއެވެ. ސަނާއަށް ޓަކައި، އަހަރެމެން ދެމަފިރިންގެ ދުޢާ ނޫން އެހެން އެއްޗެއް ނެތެވެ. ޑޮކްޓަރު ވިދާޅުވި ގޮތުގައި ފަރުވާކުރަން ފެށުނު އިރު ސަނާގެ މައިބަދައިގައި އުފެދިފައިވާ ޓިއުމަރު ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އުނަގަނޑުން ތިރި ވަނީ އެއްކޮށް ވާގި ގޮސްފައެވެ. ޑޮކްޓަރީ ބޭހަކުން ކުރާނެ މާ ބޮޑު ފައިދާއެއް ނެތެވެ. ކުރެވޭނެހާވެސް ކަމަކީ އެ ތުއްތު ހަށިގަނޑުގައި އަޅަމުންދާ ވޭން ލުއިކޮށް ލެވޭނެ ފަދައެއް ފޯރުކޮށް ދިނުމެވެ.

ޑޮކްޓަރުގެ މި ޖަވާބުން އަހަރެމެންގެ ހިތްހަމައެއް ނުޖެހުނެވެ. އެހެންކަމުން އިތުރަށް ދެވޭނެ ފަރުވާއެއް އޮތްތޯ ބެލުމަށް އަހަރެންނާއި އާރިފު ލަންކާގެ އެތައް ހޮސްޕިޓަލަކަށް ދިޔައީމެވެ. ސަނާގެ ބައްޔަށް ކުޑަ ނަމަވެސް ފަރުވާއެއް ދެވޭނެ ގޮތެއް ހޯދައިދިނީ އަރޯގްޔާ ހޮސްޕިޓަލުންނެވެ. މި ތަނުގައި ކުރެވުނު ދިހަ ގަޑި އިރުގެ ދިގު އިންތިޒާރަކަށް ފަހުވެސް ސަނާގެ މައިބަދައިގައި އުފެދިފައި އިން ޓިއުމަރު މުޅިން ނުނެގުނެވެ. ނެގުނީ ޓިއުމަރުގެ އެންމެ ސާޅީސް ޕަސެންޓު ކަމަށް ވިޔަސް، އޭގެ ސަބަބުންވެސް ސަނާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކުޑަކުޑަ ލުޔެއް ލިބުނެވެ. މިކަންވެސް ވީ އަހަރެމެންނަށް ލިބުނު ހިތްހަމަޖެހުމަކަށެވެ.

ސަނާގެ ބައްޔަށް އިތުރު އެއްވެސް ފަރުވާއެއް ލިބޭނެ ގޮތެއް ނުވުމުގެ ސަބަބުން، ލަންކާއަށް ދިޔަތާ ތިން މަސް ފަހުން އަހަރެމެން އެނބުރި ރާއްޖެ އައީމެވެ. ރާއްޖޭގެ ފަސްގަނޑުގައި ބޯޓު ޖެހުމާއި އެކު އަހަރެން ސަނާގެ މޫނަށް ބަލައިލީމެވެ. އެ މޫނު މަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. ހިތާމައެވެ. މިލާ މޯޅިވެފައިވީ އެ މޫނުމަތިން އަހަރެންނާއި އާރިފަށް ފެންނަމުން ދިޔައީ އަހަރެމެން ދެމަފިރިންގެ ފަރުވާކުޑަ ކަމުގެ ނަތީޖާއެވެ.

ކޮމެންޓް 0