9

ޚަރީފު މޫސުމުގެ ދުވަސްތަކުން ދުވަހެކެވެ. ވަށައިގެން ފެތުރިފައިވާ ގަސްތަކުގައި އެކި ކުލަކުލައިގެ މާތަކުގެ ބަދަލުގައި، ރަނިކަން ކުރަމުން ދިޔައީ ރަތް، އޮރެންޖު އަދި ރީނދުލުގެ އެކިއެކި ކުލަތަކުގެ ފަތްތަކެވެ. ޖެހޭ ފިނިފިނި ވައި ރޯޅިއާއެކު ނަށަމުން ފައިބަމުންދާ ފަތްތައް ބިމުގެ ސަޠުޙު ފަޅުފިލުވައި ދެމުން ގެންދިޔައީ ބިންމަތީގައި ހުރި ހިކި ފަތްތަކާވެސް އެއްބައި ވަމުންނެވެ. ހިކިފައި ހުރި ފަތްތައް އަހަރެންގެ ފިޔަވަޅު ތަކުން މުރުމުރުވާ އަޑަށްވުރެ ބޮޑަށް އަހަރެންގެ ކަންފަތުގައި ގުގުމަމުން ދިޔައީ މީގެ ހަފުތާއެއްގެ ކުރިން ދިމާވި އެކްސިޑެންޓެއްގައި ނިޔާވި މަންމަ އަހަރެންގެ ގާތު ބުނި ޖުމްލަތަކެވެ.

"ދަރިފުޅާ މާނީ! މަންމައަށް މަޢާފް ކުރާތި" ނޭވާ އުފުރި އަރަމުން ދިޔަ މަންމަ ހުއްޓަ ހުއްޓާފައި ބުނި އެންމެ ފަހުގެ ޖުމްލައަކީ މިއެވެ. އޭގެ ކުރިން މަންމަ އަބަދު ތަޅުލައިގެން ގެންގުޅޭ ވަތްގަނޑެއްގެ ތަޅުދަނޑި އޮންނާނެ ތަން ބުނެދިނެވެ. މަންމަގެ ކުއްލި ވަކިވެދިޔުމުގެ ހިތާމައިން އަހަރެންގެ ހިއްސުތައް ގަނޑުވިއެވެ. ރޯން ވެސް ނޭގިފައި އެތައް އިރަކު އިނދެވުނެވެ. އަހަރެން މަންމައަށް އެންމެ ބޭނުންވި ވަގުތު މަންމަ ވެސް އަހަރެން އެކަނި ދޫކޮށްލާފައި ދިޔައީއެވެ. ވަޔާ ދެފަރާތަށް ހެލިހެލި ވެއްޓެން ކައިރިވެފައިވާ ދޮންފަތެކޭ އަހަރެންނެކޭ ތަފާތެއްނެތެވެ. އެހެނަސް ބައްޕައެއްގެ ލޯބިން މަޙްރޫމްވެފައިވާ އަހަރެންގެ ކުޑަކުޑަ ދަރިފުޅު އީޝްއަށް ޓަކައި އަހަރެން ހިތްވަރު ކުރަން ޖެހެއެވެ.

ގެއަށް އާދެވުނުއިރު އަހަރެން ހުރީ ވަރުބަލި ވާގޮތްވެފައެވެ. ރަތް ކުލައިގެ އީޓުން ހިޔާކޮށް ފައިވާ ހުދު ކުލައިގެ އެގެއަކީ އަހަރެންގެ ޙަޔާތުގެ ބޮޑުބައި ހޭދަކުރި ތަނެވެ. އަހަރެން ކުޑައިރު މަންމަ އާއި ބައްޕަ، ނިއުޒިލެންޑަށް ދިރިއުޅުން ބަދަލު ކުރުމަށްފަހު އުޅެން ފެށީ އެގޭގައެވެ. ބައްޕަ ނިޔާވުމުން ވެސް އެނބުރި މާލެދާ ޚިޔާލެއް މަންމައެއް ނުކުރިއެވެ.

ފުން ނޭވާއެއް ލުމަށްފަހު އަހަރެން އެތެރެއަށް ވަނީ މިއަދު މަންމަ އެބުނި ވަތްގަނޑު ހުޅުވުމުގެ ނިޔަތުގައެވެ. މަންމަގެ ކޮޓަރިއަށް ވަނުމާއެކު އަހަރެންގެ ލޮލަށް ކަރުނަތައް ޖަމާވެގަތެވެ. ނަމަވެސް ހިތްވަރުކޮށްފައި ތުރުތުރު އަޅާ އަތަކުން އަހަރެން އެވަތްގަނޑު ހުޅުވާލީމެވެ. އޭގެ ތެރޭގައި އޮތީ ފޮތަކާއި ގަނޑުތަކެކެވެ. ފޮތުގެ ފުރަތަމަ ޞަފްޙާގައި ދިވެހި ރާއްޖޭގެ ރަށެއްގެ ނަމާއި އެޑްރެސް އަދި މީގެ 25 އަހަރުގެ ކުރީގެ ތާރީޚެއް ޖަހާފައި އޮތެވެ. ތެޅި ތެޅި އޮތް ހިތަކާއެކު އަހަރެން އެފޮތް ނަގާ ކިޔަން ފެށީ ދިވެއްސަށް ކޮށިވީމާ ލަސް ލަހުންނެވެ. ހީވީ ވާހަކައެއް ކިޔަން ފެށުނު ހެންނެވެ.

ސާދަ އަހަރުގެ އަފާފް ބަދިގޭގައި ކުރަންހުރި ކަންތައްތައް ނިންމާލުމަށްފަހު އަވަސްވެގަތީ މަންމަ، މަސައްކަތުން އައުމުގެ ކުރިން ކޮއްކޮ މެން ފެންވަރުވާ ކާން ދިނުމަށެވެ. ގޯތި ތެރެއަށް ނުކުތްއިރު އަންހެން ދެކޮއްކޮގެ ހުނުމުގެ އަޑުއިވެއެވެ. ބަލާލިއިރު ދެ އަހަރަށްދާ އީއްކޮ އިނީ އަހަކަށް ސަވާރުވެގެން އިންނަހެން އީނާޝްގެ ބުރަކަށި މަތީގައެވެ. އެވަގުތު ފިރިހެން ކޮއްކޮ ހޫދު، ވަލުތެރޭގައި އުޅެފައި އައިސް ގެއަށް ވަނީ ދޮން މުރާކި ތަކެއް ހިފައިގެންނެވެ. މިތަން ފެނުމުން އީއްކޮ، އީނާޝްގެ ބުރަކަށި މަތިން ފުންމާލައިގެން ގޮސް މުރާކި ކާން ފެށިއެވެ. އީއްކޮއަށް މުރާކި މީރުވީމާ ހޫދު ވަލަށްދާ ކޮންމެ ފަހަރަކު މުރާކި ލިބޭތޯ ބަލާނެއެވެ.

އަފާފަށް ހިނިތުން ވެލެވުނެވެ. ކިތަންމެ ދަތިހާލުގައި އުޅެން ޖެހުނު ނަމަވެސް އެދެމެދުގައި އޮންނަ ލޯތްބާއި ކުލުނުގެ ސަބަބަން އެދަތިކަން އެއީ މާބޮޑު ކަމަކަށް އެހަތަރު ބެއިންނަކަށް ނުވެއެވެ. އަފާފް ހަމައެކަނި ދެރަވަނީ ބައްޕަ ދުނިޔޭގައި ނެތުމުން، ބަލިވެ އުޅޭ މަންމަ ގޭގެއަށް ގޮސް މަސައްކަތް ކޮށްދޭން ޖެހޭތީއެވެ.

އަފާފް ތިން ކުދިން ފެންވެރުވުމަށްފަހު ކާން ބޭތިއްބިއެވެ. ނަސީބަކުން މިއަދު ޖެހިގެން ހުރިގޭ ކަތްދައްތަ ގެނެސްދީފައިހުރި ގަރުދިޔަ ފޮދަކާއި ކަށިފައްޗެއް އޮތެވެ. ކާންދީ ނިމުމުން އަފާފް އީއްކޮ ގޮވައިގެން ފެންޑާގައި ހުރި އުނދޯއްޔަށް އަރާ ނާނާއެއް ކިޔަންފެށިއެވެ. އީއްކޮގެ ދިގުދިގު އެސްފިޔަތައް މެރެމުން ދިޔައިރު އަފާފްގެ ހިތް ލޯބިން ފުރުނެވެ. އީއްކޮއަށް ނިދުމުން ނިތްކުރީގައި ބޮސް ދިނުމަށްފަހު އުނދޯލީގައި ބޭއްވިއެވެ. އެވަގުތު ކަތްދައްތަ ދުވަމުން އައިސް ދިން ޚަބަރަކުން އަފާފަށް ރޮއިގަނެވުނެވެ. ފަޔަށް ލެވުނުހާ ބާރެއްލާފައި ދުވަމުން ސިއްޙީ މަރުކަޒަށް ދެވުނުއިރު ލޯބިވާ މަންމަ މިދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ. ހަތަރު ބެއިން އެކަނިވެ ބިކަހާލުގައި ޖެހިއްޖެއެވެ.

އެކުދިންގެ ބަލަދު އަރާ ބޮޑުބެއަކީ މަންމަ ދުނިޔޭގައި، ދަތިހާލުގައި އުޅުނު އިރުވެސް އަޅާލި މީހެއްނޫނެވެ. އެހެންގޮތެއް ނެތިގެން ހުރިހާ ކުދިން ބޮޑުބެގެ ގެއަށް ގެންދިޔަ ނަމަވެސް ބޮޑުބެދައްތަ ހުރިހާކުދިން ބަލަން އިންކާރު ކުރިއެވެ.

މަންމަ ނިޔާވިތާ ހަފްތާއެއްގެ ފަހުން ބޮޑުބެ ދައްތަ އައިސް އީއްކޮ ފެންވަރުވައި ރީތި ކޮށްގެން ބޭރަށް ނެރުމަށް ބުންޏެވެ. ހައިރާންވެ ހުރެގެން އަފާފް އީއްކޮ ރީތި ކުރުމަށްފަހު ކޮލަށް ދޮނެއް ދެމުން ގޯތިތެރެއަށް ނުކުތެވެ. އޭރު ޖޯލިފަތީގައި އަންހެނަކާއި ފިރިހެނަކު ތިއްބެވެ. ލައިފައި ތިބި ހެދުމުން އަފާފަށް ބޮޑަށް ވައްތަރުވީ މާލެ ބަޔަކާއެވެ. ބޮޑުބެދައްތަ އަފާފް އަތުން އީއްކޮ އަތުލުމަށްފަހު ގެނެސް އެ އަންހެންމީހާގެ ގާތު ބެހެއްޓިއެވެ.

އީއްކޮ އުނގަށް ލައިގެން އިރުކޮޅަކު ވާހަކަ ދައްކަން އިނުމަށްފަހު ދެން ދަނީއޭ އެއަންހެން މީހާ ބުންޏެވެ. އީއްކޮ އެތެރެއަށް ގެންދިޔުމަށް އަފާފް އަތްދިއްކޮށްލި ތަނުން ބޮޑުބެދައްތަ އަފާފްގެ އަތުގައި ހިފެހެއްޓިއެވެ. ބޮޑުބެ އަތަށް ދަބަހެއް ދިނުމަށްފަހު އެއަންހެންމީހާ ހިނގައިގަތީ އީއްކޮ ގޮވައިގެންނެވެ. މިވަނީ ކީއްކަން އަފާފަށް ރޭކާލީ އިރުކޮޅެއްގެ ފަހުންނެވެ. އެވަގުތު ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން އަފާފަށް ހީވިއެވެ. ބޮޑުބެދައްތަގެ އަތް ފޮޅުވާލަމުން ދުވެފަ ގޮސް އެއަންހެންމީހާ އަތުން އީއްކޮ އަތުލަން މަސައްކަތް ކުރި ވަގުތު ބޮޑުބެ އައިސް އަފާފް ދުރަށްލިއެވެ. އަފާފް ބޮޑުބެގެ އަތުތެރޭގައި އޮވެގެން ތެޅިފޮޅުނެވެ. ރޮމުން ގިސްލަމުން އީއްކޮ ފޮނުވާ ނުލުމަށް އެދި އާދޭސް ކުރިއެވެ. އޭރު އީއްކޮ ވެސް އަތް ދިއްކޮށްގެން އޮވެ ދޮންތީ ދޮންތީއޭ ގޮވަމުން ރޮމުން ގެންދިޔައެވެ. އެކަމަކު ބޮޑުބެގެ ހަރު ހިތަކަށް ރަޙްމެއް ނުވަނެވެ. އީނާޝް އާއި ހޫދު ވެސް ދޮންތިގެ ރުއިމުގެ އަޑަށް އެތަނަށް އަތުވެއްޖެއެވެ. އޭރު އެމީހުން އީއްކޮ ގޮވައިގެން ނުކުމެއްޖެއެވެ. ކުއްލި އަކަށް ބޮޑުބެގެ އަތުގައި ދަތް އެޅުމަށްފަހު ވީއްލި ގަނެގެން އަފާފް ދުއްވައިގަތެވެ. ވާނުވާއެއް ނޭނގި ތިބެ އީނާޝް އާއި ހޫދު ވެސް ރޮމުން ދޮންތި ފަހަތުން ދުވިއެވެ. ތިން ކުދިންނަށް ފާލަމާ ހަމައަށް ދެވުނު އިރު އީއްކޮ ގޮވައިގެން އެމީހުން ލޯންޗްގައި ނައްޓާ ލައިފިއެވެ. އަފާފްގެ ފައިން ވަރު ދޫ ވެގެން ދެ ކަކޫ މައްޗަށް ތިރި ވެވުނު އިރު މޫނު މައްޗަށް އަނދިރި ވެއްޖެއެވެ.

އޭގެ އަނެއް ދުވަހުމެ އެކުދިންގެ އާދޭސްތަކާ ރުއިމުގެ އަޑު އެހުމެއްނެތި އީނާޝްއާއި ހޫދު އެ އަތޮޅުގެ ދެރަށަކަށް ފޮނުވާލިއެވެ. އަފާފް ރޮއިރޮއި ހަލާކު ވާވަރު ވިއެވެ. އެތިން ކުދިންނަކީ އޭނަގެ ހިތުގެ އެތިކޮޅުތަކެވެ. މަންމަ ނިޔާވުމުން އޭނާއާ ޙަވާލު ވެފައިވާ އަމާނަތެވެ. އެކުދިންނާ ނުލައި ދިރިއުޅުމަކީ އޭނާއަށް ވާވަރުގެ ކަމެއްނޫނެވެ. ދަންނަ އެކި ގޭގެއަށް ގޮސް އަފާފް ސަލާންޖެހިއެވެ. ހުރިހާ ކުދިން އެއްކޮށް އެއް ގެއެއްގައި ބަހައްޓާ ދިނުމަށް އެދި އާދޭސް ކުރަމުންނެވެ. އެހެނަސް އެ އާދޭސްތައް އަޑު އަހާނެ މީހަކު ނުވިއެވެ.

ފަސް އަހަރު ފާއިތުވެގެން ދިޔައިރު އަފާފް ކޮއްކޮ މެންނަށްޓަކައި ކަރުނަ ނާޅައި އެންމެ ދުވަހެއް ވެސް ނުދެއެވެ. ފަސޭހަނުވާ ރިހުމެއް އަބަދުވެސް ހިތުގައިވެއެވެ. އީނާޝްއާއި ހޫދު ބައެއް ފަހަރު ރަށަށް އާދެއެވެ. މީގެ އިތުރުން ރަށުގެ ފޯނު ބޫތުން ގުޅައިގެން ވަރަށް މަސައްކަތުން އެކުދިންނާ ފޯނުން ވާހަކަ ދައްކާ ހެދެއެވެ. އެކަމަކު މިވީ ފަސް އަހަރު ތެރޭގައި އީއްކޮގެ އެއްވެސް ޚަބަރެއް ނުވެއެވެ. އަފާފް ގެ އަބަދުގެ އުންމީދަކީ އަދި ދުޢާ އަކީ ހުރިހާ ކުދިން އެއްތަންވެ އެއްކޮށް އުޅުމުގެ ފުރުސަތު ލިބުމެވެ.

ބޮޑުބެގެ ނިމުން ގާތް ވެއްޖެހެން ބޮޑުބެއަށް ހީވީ ކަންނޭގެއެވެ. މިވީ ހުރިހާ ދުވަހު ބީރު ކަންފަތެއް ދީފައި މިއަދު އީއްކޮ ގެންދިޔަ މީހުންގެ ނަމާއި އެޑްރެސް ދީފިއެވެ. އަދި އީނާޝް އާއި ހޫދު ރަށަށް ގެނައެވެ. އަފާފް، އެ ކުދިން ގޮވައިގެން މާލެ ދިޔައީ އީއްކޮ ދެކޭ ހިތުން ކެތް މަދުވެފައިވާ ހާލުއެވެ. މާލެ ފޭބި ގޮތަށް ޓެކްސީއެއް ނަގައިގެން އެގެއަށް ދިޔައިރު ހިތް އަވަސް ވެފައިވެއެވެ. ދެބުރިއަށް ނަގާފައި ހުރި ރީތި ބޮޑު ގެއެއްގެ ކުރި މައްޗަށް ހުއްޓާލުމުން 10 ރުފިޔާ ދީފައި އަފާފްމެން ކާރުން ފޭބިއެވެ. މަލުން ބަރާވެފައި އޮތް ބޯގަންވިލާ ގަހެއްގެ އޮފިތައް ހުދު ފާރުގެ މަތިން އެލިފައި އޮތް އިރު ގޭގެ ހައިބަތު އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. ޖެހިލުންވެ ތިބެ ގޭގެ މައި ދޮރާށި ހުޅުވާލުމަށް ފަހު އަފާފް ސަލާމް ގޮވާލިއެވެ. އެވަގުތު ގޭ ތެރެއިން މީހަކު ނުކުމެ ކީއްކުރާ ކުދިބައެއްތޯ އެހިއެވެ.

"އީއްކޮ އާއި ބައްދަލު ކޮށްލަން." އުންމީދުން ފުރިގެންވީ އަޑަކުން އަފާފް ބުންޏެވެ

"މިގެއަކު ތިހެންކިޔާ ކުއްޖަކު ނޫޅޭ" ރުންކުރުކޮށް ޖަވާބުދިނުމަށް ފަހު އެމީހާ ހިނގައިގަތެވެ.

އެވަގުތު ހަތް އަހަރުގެ އަންހެން ކުއްޖެއް އެތަނަށް ނުކުތެވެ. ނުފެންނަތާ ކިތަންމެ ގިނަދުވަހެއް ވިޔަސް އެއީ އީއްކޮ ކަން އަފާފަށް ޔަޤީން ވިއެވެ. އެ ލޯބި ލޯބި ފަން އިސްތަށި ކޮޅާއި ނިތްކުރި މަތީގައި އިން ބޮޑު ކަޅުތިލަ އެކަމަށް ހެކިދެއެވެ.

"އީއްކޯ" ބެދިފައިވާ އަޑަކުން އަފާފް ގޮވާލިއެވެ. އަދި އަތް ދިއްކޮށްލިއެވެ.

"އަޅުގަނޑަށް ކިޔަނީ މާނީ." ފަހަތަށް ޖެހެމުން އެކުއްޖާ ބުންޏެވެ. އެލޮލުގައިވީ ބީރައްޓެހި ކަމުން އަފާފްގެ ހިތް ތެޅެން ފެށިއެވެ.

"މިގޭ ދައްތަ އީއްކޮއަށް ކިޔަނީ މާނީތަ؟ މިއީ އީއްކޮގެ ދޮންތީއޭ، މިހިރީ ތިއްތަ އާއި ދޮންބެ ވެސް." އަފާފް އޯގާތެރި ކަމާއެކު ބުންޏެވެ.

"މާނީ! ތިވާހަކަ ދައްކަނީ ކާކާތަ؟" އެތެރޭން އަންހެނަކު ނުކުންނަމުން އަހާލިއެވެ. އެއީ މީގެ ފަސް އަހަރު ކުރިން އެރަށުން އީއްކޮ ގެނައި މީހާއެވެ. އަފާފަށް އެމީހާ ދުވަހަކު ވެސް ނޯޅޭނެއެވެ.

"ނޭގެ މަންމާ! ކޮންމެވެސް އީއްކޮ އެއް ހޯދަން." އީއްކޮ އެހެން ބުނުމާއެކު އެތެރެއަށް ވަނީ ފަސް އެނބުރި ބަލާލުމެއް ވެސް ނެތިއެވެ. އެއާއެކު ހޯސްލާފައި އަފާފްގެ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. އެމީހުންގެ މަތިން އީއްކޮ ހަނދާން ނެތިދާނެއެކޭ ދުވަހަކު ވެސް އަފާފް ހިތަކަށް ނާރައެވެ.

"ދައްތާ! ހެޔޮނުވާނެ އީއްކޮއަށް ކިޔައިދީ. މިއީ އީއްކޮގެ އެއްބަޑުއެއްބަފާ ކުދިންނޭ ބުނެދީ." އަފާފް ރޮމުން އެމީހާ ގާތު އާދޭސް ކުރިއެވެ. އެކަމަކު މިގެއަކު އީއްކޮއެއް ނޫޅެއޭ ކިޔާފަ އެމީހާ އެތެރެއަށް ވަދެ ދޮރު ލެއްޕިއެވެ. ހަދާނެ ގޮތް ހުސްވެގެން އަފާފްމެން އެގެއިން ނުކުތެވެ. އޭރު ތިން ބެއިންނަށް ވެސް ތިބީ ރޮވިފައެވެ.

އަހަރެންނަށް ދެން އިތުރަކަށް ނުކިޔުނެވެ. އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ތަކުން އަކުރުތައް ފުސްވެއްޖެއެވެ. އަހަރެންނަކީ މަންމަގެ ދަރިއެއް ނޫން ހެއްޔެވެ؟ އަހަރެންނަކީ އީއްކޮ ހެއްޔެވެ؟ އަހަރެންގެ އަޞްލު ނަމަކީ އީމާން އެވެ. އެކަމަކު މަންމަމެން އަބަދުވެސް ކިޔަނީ މާނީއެވެ. ކަރުނަތައް ފުހެމުން ދެން ހުރި ގަނޑުތައް އަހަރެން ބަލަން ފެށީމެވެ. އެއް ގަނޑުގައި މަންމަގެ ނޯޓެއް އޮތެވެ.

'ދަރިފުޅާ މަންމައަށް މަޢާފް ކޮށް ދޭތި. ދަރިފުޅު މާލެ އައިތާ ފުރަތަމަ ކޮޅު ވަރަށް ރޮއި ހެދި. އެކަމަކު ގެނައީއްސުރެ މަންމަމެން ރަށުގެ އެއްވެސް މީހެއްގެ ވާހަކައެއް ނުދައްކަން. ދަރިފުޅު އެހިއަސް ކޮންމެ ވެސް އެހެން ވާހަކައެއް ފަށަނީ. މަންމަ އާއި ބައްޕަ އާއެކު ދަރިފުޅުގެ ފޮޓޯ ނަގާ މުޅި ގޭގެ އެތަން މިތަނުގައި މި ފޮޓޯތައް ހަރު ކުރިން. މިގޮތަށް ކަންތައް ކުރަން ފެށުމުން މަޑުމަޑުން ދަރިފުޅު އެ ދިރިއުޅުން ހަނދާން ނެތެމުން ދިޔަ. އެއީ މަންމަ ބޭނުންވި ގޮތް. އެކަމަކު އެދުވަހު އެކުދިން އައުމުން މަންމައަށް ކުރެވުނު ކުށް އިޙްސާސް ކުރެވުނު. އެހެނަސް ދަރިން ލިބުމުން މަޙްރޫމް ވެފައިވާ މަންމަގެ އަމިއްލަ އެދުން، އެ އިޙްސާސަށް ވުރެ ކުރި ހޯދި. ޖެހިގެން އައިދުވަހުމެ ދަރިފުޅު ގޮވައިގެން ސިންގަޕޫރަށް ދިޔައީ ނިއުޒިލެންޑަށް ޙިޖްރަ ކުރުމަށް ވިސާ ހޯދަން. އެކަމަކު ފުރުމުގެ ކުރިން ދަރިފުޅުގެ ދޮންތީ އައި. އަދި މި ފޮތް ދަރިފުޅަށް ދޭން އެދުނު. ދަރިފުޅަށް އަބަދުވެސް އިންތިޒާރު ކުރާނެ ވާހަކަ ބުނި. މަންމަ ފޮތު ގައި ހިފީ ކޮންމެ ވެސް ދުވަހަކުން ދަރިފުޅަށް ހަޤީޤަތް ކިޔާ ދިނުމުގެ ބޭނުމުގައި"

އެހިސާބަށް ކިޔާ ނިމުނު އިރު އަހަރެންނަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. މަންމައާ ދޭތެރޭ ހިތް ޝަކުވާއިން ފުރުނެވެ. ހިތް ފުރެންދެން ރުއިމަށްފަހު އަހަރެން ތެދުވީމެވެ. މިއަދު އަހަރެންގެ ވުޖޫދަށް ލޮޅުން އަރައިފިއެވެ. ނަމަވެސް އަހަރެން ދާންވީ މިސްރާބު އަހަރެންނަށް އެނގިއްޖެއެވެ.

20 އަހަރަށްފަހު އުޅެބޮޑުވި ޤައުމު ދޫކޮށް އީޝް ގޮވައިގެން އަހަރެން މިއަދު މިހިރީ އުފަންވި ރަށުގައެވެ. އަހަރުތަކެއް ފަހުން ސާފު ހުދު ދޮންވެލީގައި ފައި ޖެހުމުން ބުނަން ނޭގޭފަދަ ހިތްހަމަ ޖެހުމެއް އިޙްސާސް ކުރެވުނެވެ. ރަށު މީހުންގެ އެހީގައި ގެ ހޯދާކަށް އުނދަގުލެއް ނުވިއެވެ. ގޭ ދޮރާށި ހުޅުވާ ލުމަށްފަހު އަހަރެން ވަތްއިރު އަންހެނަކު އުނދޯލި ހެއްލަން އިނެވެ. އަހަރެން ފެނުމާއެކު އުނދޯލީގެ ހެއްލުން މަޑުޖެހުނެވެ. އެއާއެކު އުނދޯލިން ފައިބައިގެން އައިސް އަހަރެންގެ ކައިރީގައި އޭނާ ހުއްޓުނެވެ. ތުރުތުރު އަޅާ އަތަކުން އަހަރެންގެ ނިތްކުރި މަތީގައި އިންނަ ކަޅުތިލައިގައި އަތް ޖައްސާލިއެވެ. އަދި ހިންދިރުވާލުމަށްފަހު ކުރެހިފައިވާ އަޑަކުން އީއްކޯ އޭ ކިޔާފަ ގޮވާލިއެވެ.

"ދޮންތީ؟" އަހަރެން ކުރީ ސުވާލެކެވެ. ބޯ ޖަހާލިއިރު ދޮންތިގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އާދެއެވެ. އަދި އެއާއެކު އަހަރެން ގައިގައި އޮޅުލައިގަތެވެ. އޭރު އަހަރެންގެ ކޯތާފަތް ވެސް ކަރުނައިން ތެމިއްޖެއެވެ.

މިހާރު އޭގެ ފަހުން ހަމަސް ވަނީއެވެ. މިވީ ދުވަސްތަކުގެ ތޭރޭގައި އަހަރެންނަށާއި އީޝްއަށް ދޮންތީ އާއި ތިއްތަ އަދި ދޮންބެގެ ފަރާތުން ސުމާރެއް ނެތް ވަރަށް ލޯބި ލިބެމުން ދިޔައެވެ. ކުޑައިރުގެ އެކި ވާހަކަތައް ކިޔައި ދޭން ފެށުމުން ބައެއް ފަހަރު ކޮކާހިޔަނި ތަކެއްހެން އެހަނދާންތައް އަތުޖެހޭކަމަށް ހީކުރެވިގެން ސިކުނޑިއަށް ބާރު ލާއިރަށް ގެއްލިދެއެވެ. ނިއުޒިލެންޑްގައި އުޅުނުއިރު ކޮންމެވެސް ކަމެއް އުނިވާހެން އަބަދުވެސް އަހަރެންނަށް ހީވެއެވެ. ޙަޔާތުގެ އެއުނިކަން ފޫބެދިއްޖެ ކަމުގެ އިޙްސާސް މިހާރު ކުރެވެއެވެ. ދެރައީ އަހަރެން މިހާރު ގުނަމުން މިދަނީ ޙަޔާތުގެ އެންމެފަހު ދުވަސްތަކަށް ވީކަމެވެ. އަހަރެންނަކީ ކެންސަރުގެ ބަލިމީހަކީމެވެ. މަންމަ ނިޔާވީ ވެސް އަހަރެންނާއި ދޭތެރޭ ޑޮކްޓަރުން އުންމީދު ކަނޑާލައިފައިވަނިކޮށެވެ. ދޮންތިމެންނަށް މިކަން އެނގުނު ދުވަހު ރޮއިރޮއި ހަލާކު ވާވަރުވިއެވެ. އެކަމަކު ދޮންތިއަކީ ކެތްތެރިކަމުގެ އިންތިހާއެވެ. ވަކިވުމުގެ ކުރިން އަހަރެންނާއި ބައްދަލުވެ އެކުގައި އުޅެން ވަގުތު ކޮޅެއް ލިބުނީތީ މާތް ﷲގެ ކިބައަށް ޝުކުރު ކުރިއެވެ. އަހަރެންގެ ޚިދުމަތުގައި މުޅި ރޭދުވާ ހޭދަކުރިއެވެ. އަހަރެންވެސް ޝުކުރު ކުރީމެވެ. ވަކިވުމުގެ ކުރިން ދޮންތިމެންގެ ލޯތްބާއި ފިރުމުންތައް އިޙްސާސް ކުރެވި ދޮންތިގެ އީމާންތެރިކަން ފެނުމުން އަހަރެންގެ ހިތުގައިވި ހުރިހާ ޝަކުވާ ތަކެއްވެސް ނެތި ހިނގައްޖެއެވެ.

މެންދުރުގެ ވަގުތެވެ. އަހަރެން އޮތީ އެދުގައި އޮށޯވެލައިގެންނެވެ. ހުޅުވާފައި ހުރި ކުޑަދޮރުން ފުރޭނިގެން ދޮންތިގެ ނާނާގެ އަޑު އިވެމުންދެއެވެ. ދޮންތީ އީޝް ނިންދަވަނީއެވެ. އީޝް ބޮޑުވާނީ ލޯތްބާއި އަޅާލުން ލިބިގެންކަން އެނގޭތިއާއި އަހަރެން ނެތުމުން ދޮންތިމެންނަށް ލިބޭނެ ހިތްދަތިކަމުގެ ޝިފާއަކަށް އަހަރެންގެ އީޝް ވާނެކަން އެނގޭތީ ލިބޭ ހިތްހަމަޖެހުމުން އަހަރެންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެފައިވެއެވެ. އަހަރެންގެ ލޯމެރެނީއެވެ. ހީވަނީ ވަޔާ ހެލިހެލި އިންފަތް ވެއްޓެން މަދު ސިކުންތު ކޮޅަކަށް ވެއްޖެހެންނެވެ.

ކޮމެންޓް 0