7

"އެއީ ކިހިނެއް ވާނެކަމެއް؟"

އެއީ އަހަރެންގެ ފިރިމީހާ، އަމީންގެ އަޑެވެ. އިންޑިޔާގެ ހޮސްޕިޓަލެއްގެ ތެރެއެވެ. އަހަރެމެން ތިބީ، އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއްގެ ކޮޓަރީގައެވެ. މީގެ ތިންދުވަސް ކުރިން ހެދި ރިޕޯޓްތައް ދައްކަން އައިހެވެ. އަމީން ހިތްހަމަ ނުޖެހިގެން އުޅުނީ، އަހަރެންނަށް ކުއްޖަކު ނުލިބޭނެޔޭ ޑޮކްޓަރު ބުނީމައެވެ.

އަހަރެން އަމީންގެ މޫނަށް ބަލައިލީމެވެ. އަދި މަޑުމައިތިރިވުމަށް އަހަރެންގެ ލޮލުގެ އިޝާރާތުން އަމީންގާތު ބުނީމެވެ. އެހެންނަމަވެސް އަމީން މައިތިރިއެއް ނުވިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އަހަރެމެން ދެމީހުން ކައިވެނިކޮށްގެން އުޅޭތާ މިހާރު މީ ތިންވަނަ އަހަރެވެ. ކޮންމެ ޒަވާޖީހަޔާތެއްގެވެސް ދެފަރާތް ގުޅުވައިދިނުމުގައި އެންމެ އިސް ރޯލެއް އަދާކުރަނީ ލިބޭ ދަރިންނެވެ. އަމީން ދަރިއަކު ބޭނުންވެގެން އުޅޭވަރު އެންމެބޮޑަށް އެނގޭނީ އަހަރެންނަށެވެ.

ރާއްޖޭން އެއްވެސް ޑޮކްޓަރަކަށް ދައްކާކަށް އަމީން ބޭނުމެއް ނުވިއެވެ. އޭނަ ބޭނުންވީ ކަމުގެ ތަޖުރިބާހުރި ހޮސްޕިޓަލަކަށް އައުމަށެވެ. އާންމުކޮށް ދިވެހިން ނާންނަ މި އަގުބޮޑު ހޮސްޕިޓަލަށް އަމީން އައީ ވެގެންއުޅޭގޮތް ރަނގަޅަށް އޮޅުންފިލުވުމަށެވެ.

"ސަބަބަކީ ...." މިހިސާބަށް ޑޮކްޓަރު ބުނުމަށްފަހު، އަހަރެންގެ މޫނަށް ވަރަށް ފުންކޮށް ބަލާލިއެވެ. އެވަގުތު އަހަރެން އިނީ ދެން ބުނާނެ އެއްޗެއް އެނގޭތީ ވަރަށް ފިނިވެފައެވެ. ޑޮކްޓަރު ބަލާލުމާއެކު އަހަރެންނަށް އިސްދަށަށް ޖަހާލެވުނެވެ.

"މީގެ އަށްއަހަރު ކުރިން އަމީންގެ އަނބިމީހާ އެދި އެބޯޝަނެއް!" ޑޮކްޓަރުގެ ޖުމްލަ ފުރިހަމަކޮށްލިއެވެ.

ޑޮކްޓަރުގެ ބަސްތައް އަހަރެންނަށް އިވެމުންދިޔައީ ހޮނުގުގުރިއެއްގެ އަޑު ފަދައިންނެވެ. އެބަސްތައް އަހަރެންގެ ވަށައިގެން އިވެމުންދިޔަހެން އަހަރެންނަށް ހީވިއެވެ. އެތައް އިރެއް ވަންދެން އެއަޑުތައް އަހަރެންގެ ކަންފަތުގައި ގުގުމާފައި ހުއްޓެވެ. "ދެން ދުވަހަކުވެސް އަމީންގެ އަންހެނުންނަށް ދަރިޔަކު ލިބޭނެކަމުގެ އެއްވެސް އުންމީދެއް ނެތް! އަހަރެމެން ވަރަށް ރަނގަޅަށް ތަހުލީލްކޮށްފިން. އެފަހަރު ލިބިފައިވާ ގެއްލުމަށް އެކަށީގެންވާ ފަރުވާއެއް ދެވިފައެއް ނުވޭ. އެހެންވީމާ އޭނަގެ ރަހިމުވަނީ އަލުން ރަނގަޅު ނުކުރެވޭވަރަށް ހަލާކުވެފައި. ވަރަށް ބޮޑަށް މާފަށް އެދެން. މިކަމުގައި އަޅުގަނޑުމެންނަށް އިތުރަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް. އަމީންގެ ހިތްހަމަނުޖެހޭނަމަ އެހެން ހޮސްޕިޓަލަކަށްވެސް ދެވިދާނެ. އެކަމަކު ހަމް ލިބޭނީ އެއްޖަވާބެއް."

 

ހޮސްޕިޓަލުން އެނބުރި ހޮޓަލަށް އައި މަގުމަތީގައި އަހަރެމެން ދެމީހުން އެކަކުވެސް އަނެކަކާ ވާހަކައެއް ނުދައްކަމެވެ. އަހަރެންނަށް ހުރެވުނީ ގަބުވެފައެވެ. ހިތްދަތިވެފައިވާ ވަރުން ލަގޮނޑިފިތިފައެވެ. ވާހަކަދައްކަން ހިތަށްއަރާ ކޮންމެފަހަރަކު ހިތަށް ތަދުވާން ފަށައެވެ. އަމީންވެސް ވަރަށް ނުތަނަވަސް ވެފައިވާކަން އަހަރެންނަށް އެނގެއެވެ. އަމީން އިނީ ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. އެއްޗެއް ބުނަންއުޅޭ ހެނެއްވެސް ހިޔެއްނުވެއެވެ. ޓެކްސީގެ އޭސީ އާދަޔާ ޚިލާފަށް ދަށްކޮށްފައިވާއިރުވެސް އަހަރެންގެ ގައިން ދާހިއްލާ ފޯވަނީއެވެ. މުޅިމީހާ ތުރުތުރުއަޅަނީއެވެ. ބިރުން ކަންނޭގެއެވެ. މިޚަބަރުގެ ސަބަބުން އަމީންއަށް ވާނީ ކިހިނެއް ހެއްޔެވެ؟

ކޮޓަރިއަށް ވަދެވުމާއެކު އަހަރެންގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނައިގެ ސައިލާބެއް އޮހިގަތެވެ. އަމީންގެ ކެތްތެރިކަން ކޮޅުންލީ ކަންނޭނގެއެވެ. ދުވަހަކުވެސް އަހަރެންނާ ދިމާއަށް ބަރުބަހެއްވެސް ނުބުނާ އެދުލުން، މިއަދު ބޭރުވެގެން އެދާ ބަސްތަކުން އަހަރެންގެ ހިތް ކުދިކުދިވެ އޮހޮރެންފެށި ކަހަލައެވެ. މިއަދު އެބަސްތައް އަޑުއެހުން ނޫން އެހެން އެއްވެސް ގޮތެއް އަހަރެންނަކަށް ނެތެވެ. އަހަރެންގެ މާޒީގައި ވަނީ ހުސް އަނދިރިކަމެވެ. އެއަނދިރިކަމުގެ ތެރެއަށް އަމިއްލަ ވުޖޫދުވެސް ފޭދިގެންދާފަދަ ކަނުއަނދިރިކަމެވެ.

އަހަރެންގެ މޭގައި ރިއްސާވަރުން ހީވަނީ ދެންމެދެންމެ ފުރާނަވެސް އުފުރިދާނެހެންނެވެ. މިހާ ވޭނުގައިވެސް މިއަދު އަހަރެންގެ ފަސްމަގުގެ ކަޅު ޞަފްޙާތައް އަހަރެންގެ ފިރިމީހާގެ ކުރިމަތީގައި ހުޅުވާލަދޭން ބޭނުމެވެ. ހަށިގަނޑުގައިވާ ހުރިހާ ހަކަތައެއް މިކަމުގައި ހުސްކޮށްލަން ޖެހުނުކަމުގައި ވިޔަސް އަހަރެންގެ ޒަވާޖީ ހަޔާތް ސަލާމަތްކުރަން އަހަރެން ބޭނުމެވެ. އެހެނަސް އަހަރެންގެ ފިރިމީހާއަށް ޙަޤީޤަތް ހާމަވުމަށްފަހު މިޙަޔާތަށް ވާނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. އަހަރެމެންގެ ކައިވެނީގެކުރިން އަހަރެންގެ މާޒީއާމެދު ސުވާލުނުކުރުމަށް އަހަރެން އަމީން ލައްވާ ވައުދެއް ނުކުރުވަމެވެ. އެކަމަކު، މީގެކުރިން އަހަރެންގެ މާޒީއާމެދު އަމީން ދުވަހަކުވެސް ސުވާލެއް ނުކުރެއެވެ. އަހަރެންވެސް އަމީންގެ މާޒީއާމެދު ސުވާލެއް ނުކުރަމެވެ. ކޮންމެ ގޮތެއް ވިޔަސް އެންމެ ރަނގަޅެވެ. ޙަޤީޤަތް އޮޅުވާލުމަށްވުރެ ހާމަވެފައި އޮތުން އެތައްގޮތަކުން މޮޅުއިތުރުވެގެން ވެއެވެ. އަހަރެންގެ ކަރުނުން ފޯވެފައިވާ ލޮލުން އަމީންއާ ދިމަ ބަލައިލީމެވެ.

 

އަހަރެންނަކީ މަންމައާއި ބައްޕައަށް ލިބިފައިވާ ފަސް ކުދިންގެ ތެރެއިން އެންމެ ދޮށީ އަންހެން ކުއްޖާއެވެ. އަހަރެންނަށް ގޮތް ބާވަތް އެނގެން ފެށީއްސުރެވެސް އަހަރެމެންނަކީ އެހާ ފޯރާ ދިރިއުޅުމެއް އުޅެމުން އައި އާއިލާއެއް ނޫނެވެ. ހަޔާތުގެ ބޮޑުބައި ހޭދަކުރަން ޖެހުނީ، މީސްމީހުން ދިރިނޫޅެން ދޫކޮށްލާފައިވާ ޖިފުޓިތަކުގައެވެ. އޭރަކު އެއީ މާބޮޑުކަމަކަށްވެސް ނުވެއެވެ. އެފަދައިން ދިރިއުޅުމަށް ވަނީ ހޭނިފައެވެ.

އަހަރެންނަށް ހޭޖެހެން ފެށިއިރު އެނގުނު އެއްކަމެއް އޮތެވެ. އެއީ އަހަރެންގެ މަންމަވެސް އަދި ބައްޕަވެސް އެއީ ވިޔާނުދާ ބައެއް ކަމުގައި ރަށުގެ މީހުން ދެކެމުން އަންނަކަމެވެ. ވަރަށް މަދުން ނޫނީ އަންހެނަކު، އަހަރެމެންގެ ގޭދޮށަކަށް ނާދެއެވެ. އެހެން ނަމަވެސް ފުދޭވަރަކަށް ފިރިހެނުން އާދެއެވެ. އެއަންނަ ފިރިހެނުން ގޭގައި ހުންނަ ހަމައެކަނި ކޮޓަރިއަށް ވަދެ ކޮންމެސް ކަމެއްގައި ގިނަވަގުތު ތަކެއް ހޭދަކުރެއެވެ. އެއީ ކީއްކުރަން އަންނަ ބައެއްކަން އެނގުނީ މާފަހުންނެވެ.

ޓީވީ ބެލުމަކީ ވަރަށްގިނަ ކުދިން ކުރާހިތްވާ ކަމެކެވެ. އަހަރެންވެސް ޓީވީ ބަލާހިތް ވަރަށް ބޮޑަށް ވެއެވެ. ޓީވީ ހުންނަނީ އެއްކަލަ ކޮޓަރީގައެވެ. ބައެއްފަހަރަށް އަހަރެން ގެއަށް އަންނައިރު ބައްޕައާއި މަންމަވެސް ފިލްމުބަލަން ކޮޓަރީގައި ތިބެއެވެ. އެކަމަކު އަހަރެން އައުމުން ގިނަފަހަރަށް ޓީވީ ނިއްވާލައެވެ.

އަހަރެން ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އޭރު އަހަރެން އުޅުނީ ގްރޭޑް ހަތަރެއްގައެވެ. އާންމުގޮތެއްގައި ސްކޫލުން ނިމޭވަގުތަށް އަހަރެމެން ބަލައެއް މަންމައެއް ނުދާނެއެވެ. އަންނަން ޖެހޭނީ އަމިއްލައަށެވެ. ގިނަދުވަސް ދުވަހު މަންމަ އުޅޭނީ ވަލުގައެވެ. އެއީ ކާށި، ފަން ނުވަތަ ކަނަމަދު ފަދަ އެއްޗެއް ހޮވަން ގޮހެވެ. އެއްދުވަހަކު އަހަރެން ގެއަށް އައިއިރު ބައްޕަ ކޮޓަރީގައި އުޅެއެވެ. ކޮންމެވެސް ފިލްމެއް ބަލަނީއެވެ. އެދުވަހު ބައްޕަ ޓީވީއެއް ނިއްވައެއް ނުލިއެވެ. އޭގެ ފަހުން ބައްޕަ އެކަނި ޓީވީ ބަލަން އޮންނަ ދުވަހެއްނަމަ އަހަރެންވެސް ފިލްމު ބެލުމުގައި ބައިވެރިކުރަން ފެށިއެވެ. އަދި އެފިލްމުތަކުން ފެންނަ މަންޒަރުތަކާ އެއްފަދައިން އަހަރެންނާމެދު ބައްޕަ އަމަލުކުރަން ފެށިއެވެ. ފުރަތަމަ ދުވަސްކޮޅު އަހަރެންނަށް ވަރަށް އުނދަގޫވިއެވެ. އެހެންނަމަވެސް އެކަންތައްތަކަށް ހޭނި ފަރިތަވުމުން އެއީ އަހަރެންވެސް ކުރާހިތްވާ ކަމަކަށްވިއެވެ.

ދެން އައީ އަހަރެންނަށް އޭރު ގަބޫލުކުރެވުނު ގޮތުގައި އުފާވެރި ދުވަސްތަކެކެވެ. އަހަރެން ފުރާވަރަށް އެރިއެވެ. އޭރު އަހަރެންނަށް ލިބެމުންދިޔަ އުފާވެރިކަން ވަނީ އޭގެ އިންތިހާއަށް ގޮސްފައެވެ. ބައްޕައާއެކު ހިއްސާކުރެވެމުންދިޔަ ފާފަތަކެވެ. އެއާއެކު އަރާމާއި ލައްޒަތުގެ ވަގުތުތައްވެސް ދިގުދެމެމުން ދިޔައެވެ. ފާފަތަކުގެ ދާވަނިވެސް ދިގުވަމުން ފުޅާވަމުން ދިޔައެވެ.

މަންމައަށް މިކަން އެނގި، އަހަރެމެން ހޯދަމުންދިޔަ އުފާތަކަށް ހުރަސްއަޅަން މަންމަ މަސައްކަތް ފެށިއެވެ. އެތައް ގޮތަކުން އަހަރެންނަށް ނަސޭހަތްދިނެވެ. އުފަން ބައްޕައާއެކު އެގޮތަށް ނޫޅުމަށް އެދި އާދޭސްކުރިއެވެ. އެކަމަކު އޭރު އަހަރެން ވަނީ ލިބެމުންދިޔަ ލައްޒަތުގައި މަސްތުވެފައެވެ. ހެޔޮނުބައި ވަކިވާނީވެސް ކިހިނެއް ހެއްޔެވެ؟ މަންމަ ނަސޭހަތް ދޭންފެށުމުން އަހަރެންނަށް މަންމަ ފެންނަންފެށީ، ދުޝްމަނެއްގެ ސިފައިގައެވެ. މަންމައާ ދެބަސްވެ ޒުވާބު ނުކުރިނަމަވެސް މަންމަދެކެ ރުޅިއަންނަންފެށިއެވެ. ބައްޕަވެސް މަންމައަށް އިންޒާރުދިނީ، މަޑުން ހުރުމަށެވެ. ބައްޕައަކީ ކިހާ ހަރުކަށި މީހެއްކަން މަންމައަށް އޮޅިފައެއް ނުވާނެއެވެ. ބައްޕަ ހިތަށް އަރައިފިއްޔާ ކޮންމެ ކަމެއްވެސް ކޮށްފާނެއެވެ. އެހެންކަމުން ފާޅުގައި މަންމައަށް މިކަމާ ދެކޮޅުހަދާ، މިކަން ރަށަށް ފަޅާއަރުވާލާކަށް ނުކެރުނެވެ.

ބައްޕަގެ ރައްޓެހިންނަކީވެސް ވަކި ސަހަލު ބައެއް ނޫނެވެ. ގަޔަށް ތަދުއެރުމާއި، ދޯނިވަތަށް ވެއްޓުންފަދަ ކަންކަން އާންމު ކަމަކަށް ވެއްޖެއެވެ. އެފަދަ ކަންކަމަށް ފަރުވާކުރުމަށް އަންނަ "ސިއްހީ މަރުކަޒަކީ" އަހަރެމެންގެ ގެއަށް ވެއްޖެއެވެ. އެކަމަކު އެންމެ އަޖައިބުވާން ޖެހޭ ކަމަކީ، ކިތަންމެ ވަރަކަށް ބޭސްކުރިޔަސް އެއިން އެއްވެސް ބައްޔަކަށް ލުޔެއް ނުލިބޭކަމެވެ. މިގެއިން ކުރާ ބޭހަކީ "ތެޔޮދެމުމެވެ". އަހަރެމެން ދެމައިންނަށް ކޮންމެ ދުވަހަކު މިފަދަ ކަންކަމުގައި ވަގުތު ހޭދަކުރަން ޖެހެއެވެ. ހޭދަކުރަންޖެހޭ ވަގުތާ އެއްވަރަށް އެމީހުންގެ އަތުން ފައިސާވެސް ބައްޕަ އަތުލައެވެ. ތެޔޮދަމަންޖެހޭ ތަންތަން ގިނަވަމުންދިޔައީ ހައިރާންވާހާ ހަލުވި މިނެއްގައެވެ. ތެޔޮދެމުމަކީ ދެއްކި އުޒުރެއްކަން އެނގުނީ، ޑިމާންޑްތައް ހިސާބަށްބުރެ މަތިވީމައެވެ. އަހަރެމެންނަށް އޮތީ މަޖުބޫރުން ނަމަވެސް އެޑިމާންޑްތަކާ އެއްވަރަށް މަސައްކަތްކުރުމެވެ. އެހެންނޫނީ ބައްޕަގެ ހޫނު ހަމަލާތައް އަހަރެމެން ދެމައިންނަށް ލިބޭނެކަން އެއީ ކަށަވަރު ކަމެކެވެ. އެހެން ނަމަވެސް ބައްޕައާ ހިއްސާކުރަމުންދިޔަ އުފާތަކެއް އެމީހުންނަކަށް ނުދެމެވެ. އަހަރެމެން ދެމައިންނަށް އުފާ ހޯދައިދޭން ބައްޕަ އޭރުވެސް މަސައްކަތްކުރަމުން ދިޔައެވެ.

އަހަރެންނަށް ބުނަން ނޭނގޭފަދަ ގޮތްތަކެއް ވާންފެށީ ގްރޭޑް ހަތެއްގައި އުޅެނިކޮށެވެ. ހެނދުނު ތެދުވާއިރު ހުންނަނީ ހޮޑުލަވައިގަނެފައެވެ. ކޮންމެކޮންމެ އެއްޗެއް ކާހިތެއް ނުވެއެވެ. މިއާއެކު އަހަރެންގެ ހަށިގަނޑަށްވެސް ބަދަލުތައް އަންނަންފެށިއެވެ. މިވާގޮތެއް އެނގުނީ ދުވަސްކޮޅެއް ފަހުންނެވެ. އަހަރެން މިވާހަކަތައް މަންމަ ގާތު ބުނީމެވެ. މަންމައަށްވެސް ހަމްދަރުދީވުމުގެ ގޮތުން ބަހެއް ބުނެލުން ފިޔަވާ މާބޮޑުކަމެއް ނުކުރެވުނެވެ. އަހަރެމެން ކުރަމުންދިޔަ ފާފަތައް މުޅިރަށަށް ބޭޒާރުވުމުގެ މެދުވެރިއަކަށް ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. މާކަގިނަ ދުވަސްތަކެއް ނުވަނީސް ބައްޕައަށް މިކަންތައް އެނގުނެވެ. އެއާއެކު ބައްޕަ ނިންމީ އަހަރެން ގޮވައިގެން މާލެދިއުމަށެވެ. އަހަރެންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.

މާލެއަށް އައިފަހުން ތިންވަނަ ރެއެވެ. އަހަރެމެން ދެބަފައިން ތިބީ ކުލީކޮޓަރިއެއްގައެވެ. އެރޭ ނިދުމުގެ ކުރިން ބައްޕަ އަހަރެންނަށް ބޭސްގުޅައެއް ދިނެވެ. އަދި އިންޖެކްޝަނެއްވެސް އަހަރެންގެ ގަޔަށް ޖެހިއެވެ. އަހަރެންނަށް ހޭލެވުނީ ބަނޑަށް ވަރަށްބޮޑަށް އުނދަގޫވާތީއެވެ. ނިދާބޮކި ކުޑަކޮށް އަލިގަދަކޮށްލާފައި އެނދުން ތެދުވެވޭތޯ ބެލީމެވެ. ތެދުވެވޭހާ ހިތްވަރެއް ގަޔަކުނެތެވެ. ޖެހިގެން އޮތް ބައްޕައަށް ގޮވާހޭލެއްވޭތޯ މަސައްކަތްކުރަން ފެށީމެވެ. އޭރުވެސް ބަނޑުގައި އަޅާ ވޭނުން އަހަރެން ކުދިކުދިވަނީއޭ ހީވެއެވެ. އެތައް މަސައްކަތަކުން ބައްޕަ ހޭލެއްވުނެވެ. ބައްޕަ ތެދުވެ ކޮޓަރިތެރެ އަލިކޮށްލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން އަހަރެންނަށް ހަޅޭލަވައި ގަނެވުނެވެ. އިތުރަށް ހަޅޭލެވިޔަ ނުދިނުމަށް އަހަރެންގެ އަނގައިގައި ބައްޕަ ވަރަށް ބާރަށް އަތްއެޅިއެވެ. އަހަރެންގެ ދެފައިދޭތެރެއިން ލޭތައް ހޯސްލައިފައި އަންނަ މަންޒަރު އޭރުވެސް އަހަރެންނަށް ފެނެއެވެ. އަހަރެންގެ ހޭވެރިކަން ފިލާދިޔައީ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.

 

އަހަރެންގެ މެއަށް ތަދުވަނީއެވެ. ގިސްލެވެނީއެވެ. މުޅިހަށިގަނޑުވެސް ރޮއިރޮއި ވަރުބަލިވެއްޖެއެވެ. އަހަރެންގެ ދުޅަވެފައިވާ ދެލޮލުން އަމީނަށް ބަލައިލީމެވެ. އޭރުވެސް އަމީނު އިނީ އަހަރެންނާދިމަ ބަލާށެވެ. ކަޅިވެސް ޖަހާނުލައެވެ. ހުރިހާވާހަކައެއްވެސް އަހަރެންގެ ފިރިމީހާއަށް ކިޔައިދެމުން ދިޔައީމެވެ. މިހަޔާތް އިތުރަށް ސަލާމަތްކުރެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތިއެވެ. ނަމަވެސް އަހަރެން އަދިވެސް މިހަޔާތް ކުރިއަށް ގެންދަން ބޭނުމެވެ.

އަހަރެން ހީކުރީ ކައިވެނީގެ ފުރަތަމަރޭ ނިމުމުގެ ކުރިން އަހަރެންގެ މާޒީއާ ބެހޭގޮތުން އަމީން އޮޅުންފިލުވާނެ ކަމަށެވެ. އަންހެނަކަށް އޭނަގެ ފިރިމީހާއަށް ދެވޭނެ އެންމެ އަގުބޮޑު ޖަވާހިރު ގެއްލިފައި ވާކަން އެރޭ އަމީނަށް އެނގޭނެއެވެ. އެރޭ އަހަރެން ހައިރާންވިއެވެ. އަމީން ސުވާލު ނުކުރުމުންނެވެ. އަހަރެންނަށް ހަމަޖެހުމެއް ލިބުނީ ދުވަސްކޮޅެއް ފަހުންނެވެ. އަމީންގެ ހެޔޮކަމުގެ ސަބަބުންނެވެ. އަމީނަކީ އަންހެނަކަށް ލިބޭނެ އެއްމެ ހެޔޮފިރިއެވެ. އަހަރެންނަށް ދިމާވާ ކޮންމެ ކަމެއްގައި އަހަރެންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދިޔައެވެ. އަހަރެންގެ ހިތް އުފާކޮށްދެމުން ދިޔައެވެ. އަހަރެންގެ މާޒީ ހަނދާން ނެތޭހާވަރަށެވެ.

މިއަދު އަހަރެން މިވަނީ މާޔޫސްވެފައެވެ. ކޮންފަދަ ކެހިވެރި ދުނިޔެއެއް ހެއްޔެވެ. އަހަރެންގެ ދިރިއުޅުމުގެ އަގުބޮޑު ރައުސްމާލު އަހަރެންގެ އަތުން ބައްޕަ ފޭރިގަންނަވީ ކީއްވެގެން ހެއްޔެވެ؟ އަހަރެންނަށް ބައްޕަދެކެ ލޯބިވެވެންވީ ކީއްވެގެން ހެއްޔެވެ؟ މާތްކަލާކޯއެވެ. މީ ކޮންފަދަ ކެހިވެރި ދުނިޔެއެއް ހެއްޔެވެ؟ އަހަރެން މުޅިން މާޔޫސްވެއްޖެއެވެ.

އަހަރެންނަށް އަމީން އެންމެފުރަތަމަ ގުޅި ދުވަހުން ފެށިގެން މިއަދާ ހަމައަށް އައިއިރު އަހަރެންނަށް ވަނީ އަމީނުގެ ހެޔޮލަފާކަން ތަޖުރިބާކުރެވިފައެވެ. ދުނިޔޭގައި ޙަޤީޤަތުގައިވެސް ރަނގަޅުމީހުން އުޅޭކަން އަހަރެންނަށް ފުރަތަމަފަހަރަށް ގަބޫލުކުރެވުނެވެ. ބައްޕަ ޖަލަށް ލުމާގުޅިގެން އަހަރެން މާޔޫސްވެ، ދުނިޔޭގައި އުޅުމުގެ އުންމީދު ކަނޑާލާފައިވި ދަނޑިވަޅެއްގައި އަހަރެންގެ ދިރިހުރުމުގެ ސަހާރާއަކަށްވީ، އަމީން އެވެ. ޙަޤީޤީ ލޯތްބަކީ ކޮބައިކަން އަމީން އަހަރެންނަށް ދަސްކޮށްދިނެވެ. ޙަޤީޤީ ދިރިއުޅުމުގެ ފޮނިމީރުކަން އަމީން އަހަރެންނަށް ހޯދައިދިނެވެ. ދިރިއުޅުމުގައި ޙަޤީޤީ އުފާ ހޯދާނީ ކިހިނެއްކަން އަމީން ވިސްނައިދިނެވެ. މިއަދު އަމީން ކިތަންމެ އެއްޗެއް ކިޔަސް އަހަރެން އަމީން ދެކެ ރުޅިއެއް ނާންނާނެއެވެ.

އަހަރެން އިސްއުފުލާ ބަލައިލީމެވެ. އަމީން ގިސްލާއަޑު ކަހަލަ އަޑެއް އިވުމުންނެވެ. ހީވީ ހަމަ ރަނގަޅަށެވެ. އަމީން ގިސްލާފައި ރޮނީއެވެ.

"އަހަރެންނަށް މާފުކުރޭ ލޯބީ!" އަމީން ފިސްވެފައިވާ އަޑަކުން ވާހަކަދެއްކިއެވެ." މިހާރު އަހަރެންނަށް ވިސްނިއްޖެ."

އަމީން އައިސް އަހަރެންގެ ދަތްދޮޅީގައި ހިފާ މަޑުމަޑުން އުފުލައިލިއެވެ. އަދި ދެކޯތާފަތްމަތިން އޮހޮރެމުންދިޔަ ކަރުނަތައް އަމީންގެ ދެއަތުން ފޮހެލަދިނެވެ. އަހަރެންނަށް އެއްވެސް ކެތްތެރިކަމެއް ނެތި އަމީންގެ ގައިގައި އޮޅުލައިގަނެވިއްޖެއެވެ. އެވަގުތު އަމީންގެ އެ ބާރުގަދަ ދެއަތުން އަހަރެންގެ ހަށިގަނޑު ވަށާލިއެވެ. އަހަރެންނަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ކުޑައިރުކޮޅަކުން އަމީންގެ ގައިން އަހަރެން ދުރުކޮށްލިއެވެ. އަދި އެނދުން ތެދުވެގެން ކުޑަދޮރާ ދިމާއަށް ހިނގައިގަތެވެ. އަހަރެންގެ ހިތް ބާރަށް ތެޅެންފެށިއެވެ. ވާން މިއުޅެނީ ކީއްބާވައެވެ؟ އަނެއްކާ އަމީން ހަދަން މިއުޅެނީ ކިހިނެއް ބާވައެވެ؟ ހުއްޓިފައިވާ ކަރުނައިގެ ސައިލާބު އޮހިގަންނަން ތައްޔާރުވެއްޖެއެވެ.

އަމީން މަޑުމަޑުން އަހަރެންނާ ދިމާއަށް އެނބުރުނެވެ.

"އަހަރެންނަކީވެސް އަނިޔާވެރިއެއްގެ ވަކިތަކުގެ ދަށުވެފައިވާ މީހެއް. މީގެކުރިން އަހަރެންނަށް މިވާހަކަ ދައްކަން ނުކެރުނީ. އަހަރެންނަށް ރޮވެވުނީވެސް އެހަނދާންތައް އާވުމުން. އަހަރެންގެ ދޮންބައްޕައަށް އަހަރެން ދުވަހަކުވެސް މާފެއް ނުކުރާނަން. އެއަނިޔާވެރިޔާގެ ވަކިތަކުގެދަށުގައި އަހަރެންގެ ލޭކޮށެމުން ދިޔައިރު، އަހަރެން ކުރަމުންދިޔަ އާދޭހަށް އެނުލަފާ އައްޔޫބު އެކައްޗެކޭވެސް ހިތަކަށްނޭރި. ހިތުހުރިހާ ގޮތެއް އަހަރެންގެ ޅަހަށިގަނޑަށް ހަދާލީ އެއްވެސް ރަހުމެއް ހަމްދަރުދީއެއްނެތި." އަމީންގެ އަޑުގައިވަނީ ރުޅިވެރިކަމެވެ.

އެރޭ އަހަރެމެން ދެމީހުންކުރެ އެކަކުވެސް ނުނިދަމެވެ. ޖެހިގެންއައި ދުވަހުގެ އިރު އަހަރެމެންގެ ހަޔާތަށް އެރީ އާއުންމީދުތަކެއް ގެނުވާފައެވެ. މިޒަވާޖީ ހަޔާތުގައި ދުވަހަކުވެސް މަލެއް ނުފޮޅޭނެކަން އެނގުނު ނަމަވެސް އެކަކުވެސް އަނެކަކު ދޫކޮށްނުލާނެކަމުގެ ޔަޤީންކަމާއެކުގައެވެ. އާނއެކެވެ. އެހިތިދުވަސްތައް ދެން އެނބުރިއެއް ނާންނާނެއެވެ. (ނިމުނީ)

 

ކޮމެންޓް 0