1

އާދައިގެ މަތިން ޒޫނާ އުޅެމުން ދިޔައީ އޭނާގެ އެބަލި ދަރިފުޅު މަސަލަސްކުރަމުން ގޭތެރޭ މަސައްކަތުގައެވެ. ޒޫނާގެ މުސްކުޅި ބައްޕައާއި ކުޑަ ދަރިފުޅުގެ އިތުރުން އޭނާގެ ފިރިމީހާއަށްވެސް ކައްކާ ކާންދިނުމަކީ އޭނާއަށް މާބޮޑުކަމެއް ނޫނެވެ. ނަމަވެސް އޭނާއަށް މިއަދު ލިބިފައިވާ ހުތުރު ނަމަކީ އޭނާއަށް ބަރުދާސްތު ކުރެވޭވަރު ކަމަކަށް ނުވެއެވެ. ކިތައްމެ އަވަދި ނެތި އުޅެމުން ދިޔަސް އޭނާގެ ވިސްނުމުން އެކަންތައްގަނޑު އެންމެ ހިނދުކޮޅަކަށްވެސް ނުފިލައެވެ. ކަންފަތުގައި ހަރުލާފައި ހުރީ ލޯބިވާ ފިރިމީހާ ޒޫނާއާ ދިމާލަށް ކީއެއްޗެއްސެވެ. އަވަށްޓެރިންނާއި ރައްޓެހިންގެ ވިހަގަދަ، ހުތުރު ޖުމްލަތަކެވެ. މީހުންގެ ސުވާލުތަކަށް ދޭނޭ ޖަވާބު ހިތުގައި އޮތަސް ދުލުކުރިއަކަށް ނާދެއެވެ. އޭނާގެ ދަރިފުޅުގެ ނަން އިވުމާއެކު ޒޫނާ ވަގުތުން ގޮތް ހުސްވެއެވެ. އަމިއްލައަށް ކުށް އިހްސާސް ކުރެވެއެވެ.

ބައްޕަ ކަމަކު ގޮވާލަފާނެތީ، ދޭތެރެ ދޭތެރެއިން ބައްޕަ އޮތް އެނދާއި ހަމައަށް ގޭ ތެރެއަށް ވަދެއެވެ. ކުޑަދަރިފުޅަށް ވާގޮތް ބެލުމަށްޓަކައި އެކުއްޖާ ބާއްވާފައި އޮތް ޖޯލި އެލުވާފައި ހުރީ ބަދިގެ ދޮރުމައްޗަށްވާތާ އަސްކެނީގައެވެ. އަވިގަދަ މޫސުން ރީތި ދުވަހެކެވެ. މިހާރަކަށް އައިސް މިގެއަށް ވަދެލާ ހާލު ބަލާލާނެ ހަމަ އެކަކުވެސް މިރަށުގައި ނެތެވެ. ޒޫނާގެ ހިތަށް ކެތްނުކުރެވޭވަރަށް ވޭނާއި ހިތާމަވަނީ ލިބިއެވެ. ނަމަވެސް އޭނާވަކި ހިތާމަކުރަން އޮންނާނީ ކިހިނެތް ހެއްޔެވެ؟ ކަށިން ހިތްވަރު ނެރެގެންވެސް ދިރިއުޅެން އެބަޖެހެއެވެ. މީހަކު ޤަބޫލުނުކުރިޔަސް އެއީ ވަރަށް ގިނަ މީހުންނަށްޓަކާއެވެ.

ޒޫނާގެ ބައްޕަ އޭނާ ބަލާބޮޑުކުރީ އުފަލުގައެވެ. ޒޫނާގެ ޅަދުވަހު އޭނާގެ މަންމަ ނިޔާވެފައިވީ ނަމަވެސް، ބައްޕަ އުމުރު އެހުސްކުރަނީ ހަމައެކަނި ޒޫނާއަށްޓަކައެވެ. ޒޫނާ ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދީ، އޭނާގެ ކިޔެވުންވެސް ފުރިހަމަ ކޮށް ދިނީ ހަމަ އެބައްޕައެވެ. ރަށު މަދަރުސާ މުދައްރިސް ކަމުގެ ވަޒީފާ ޒޫނާ ދޫކޮށްލީ އޭނާގެ އަމިއްލަ ދަރިން ލިބުމުން އެކުދިންނަށް ވަގުތު ދިނުމަށެވެ. އެކަމާވެސް ބައްޕަ ދެރަވާތީ، ޒޫނާ ބައްޕައަށް ވަރަށް ވިސްނާދޭން ޖެހުނެވެ. ފިރިމީހާ ރިޒާގެ އެއްވެސް ޝަކުވާއެއް ޒޫނާ ވަޒީފާގައި ހުރުމާއި ނުހުރުމަށްވެސް ނެތެވެ. ލޯބިން ކުރި ކައިވެންޏަށް މިހާރު ހަތް އަހަރުވެފައިވާއިރު ދެކުދިންވެސް ވަނީ ލިބިފައެވެ. ނަމަވެސް މިއަދު މިވަނީ މިގޮށްވެސް މޮހުމުގެ މަގުމަތީގައެވެ.

ގެތެރެއަށް ވަންނަން ހުންނަ ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ. ޒޫނާއަށް އެހިސާބަށް ދެވުނީ، ދެންތިން ފަހަރު ޓަކިޖަހާ ސަލާމްވެސް ގޮވިފަހުންނެވެ. ދޮންމަނިކު ގޯތި ޢަލީ ފެނިފާވެސް ޒޫނާ ހުއްޓުން އެރިއެވެ. އެއީ ރަށު ކޯޓުގެ މަސައްކަތު މީހާއެވެ. ޒޫނާ މިހާރު މިމައްސަލާގައި ކޯޓަށް ހާޒިރުކޮށްފައިވަނީ އެންމެ ފަހަރަކު ނޫނެވެ. ޢަލީއަށް އެކަން ވިސްނިގެން ބުންޏެވެ. " މިއައީ މީތި ހަވާލު ކުރަން" ޒޫނާ ބަރުހެލިކަމާއެކު އަތް ދިއްކޮށްލިއެވެ. އަދި ތުރުތުރު އަޅާ އަތުންގަނޑުގައި ހިފާ ކިޔަން ފެށިއެވެ. މާދަމާ ހެނދުނު ނުވަގަޑި ތިރީހަށް ކޯޓަށް ހާޒިރުވުމަށް އަމުރުގައި އޮތެވެ. ޢަލީ ޤަލަން ދިއްކޮށްލަމުން ދެގަނޑުގައި ސޮއިކޮށް އެއްގަނޑު ޢަލީއަށް ދިނުމަށް އެދުނެވެ. ޒޫނާ ހިތާ ދެކޮޅަށްވެސް އެކަން ކުރިއެވެ. އެވަގުތުން ފެށިގެން އަނެއްކާވެސް ހިތުގައި ހިނގަމުންދާ ތޫފާންގައި އިތުރު ކޮޅިގަނޑެއް އުފެދުނެވެ.

ބަތްތަވާ އަރިކޮށްލުމަށްފަހު، ކުޑަ ދަރިފުޅު ނަގާގެން ވަދެ އެނދުގައި އޮށޯވެތީ، ދަރިފުޅު ނިންދެވުމުގެ މަޤްސަދުގައެވެ. ޒޫނާގެ މޫނުމަތީގައި ނިއުޅެމުން ދިޔައީ އެދުވަހުގެ ހާދިސާއެވެ. އެއީވެސް ހަމަ މިފަދަ ދުވަހެކެވެ. ޒޫނާމެންގެ އާއިލާ ދިރިއުޅެމުން ދިޔައީ ރިޒާގެ ބައްޕަގެ ގޯތީގައެވެ. ރިޒާއަކީ އެބައްޕަގެ ހުރި ހަމައެކަނި ދަރިއެވެ. ރިޒާ އުމުރުން ދެއަހަރު ނުވަނީސް އޭނާގެ ބައްޕަ ނިޔާވީ ބޯޓު ދަތުރުކުރަން ގޮސް އުޅެނިކޮށެވެ. އޭގެ ފަހުން ރިޒާގެ މަންމަ ވަނީ އެހެން ކައިވެންޏެއް ކޮށްފައެވެ.

ޒޫނާއަކީ ޝަކުވާ ބޮޑު މީހަކަށް ނުވާތީވެސް ތޯޗެކެވެ. އެމީހުން ދިރިއުޅެމުން ދިޔަ ގޭގެ ކަންތައްތައް އަބަދުވެސް ހުންނަނީ ރިޒާ ރަށަށް އައިސް ކުރެވޭނެ ދުވަހެއްވާދެން ބެހެއްޓިފައެވެ. އެކަމާ އުދަގޫވެގެން އުޅޭނެ އިތުރު މީހަކު އެގެއަކު ނޫޅެއެވެ. ފާޚާނާގެ ސަވަރުގެ ގޮބު ހަލާކުވެގެންވެސް ޒޫނާ ރިޒާއަށް ގުޅާލިއެވެ. ދެން ރަށަށް އަންނާނީ ކޮންދުވަހަކުންތޯ އަހާލިއެވެ. ފެށޭ ހަފްތާގައި މިމަހުގެ ހުރިހާ އޮފްޑޭތައް އެއްކޮށްލައިގެން ރަށަށް އަންނާނެ ކަމުގައި ބުންޏެވެ. ވީމާ ރިޒާ އައިމާ، ސަވަރ ރަނގަޅު ކުރުމަށް ބެހެއްޓީ، ދާނިން ފެންވަރާނެ ފެންވަޅު ކޮޓަރިއެއްވެސް ގޭގައި ހުންނާތީއެވެ.

ޒޫނާގެ ފިރިހެން ދަރިފުޅު ޒައިން އަކީ އަބަދުވެސް ފެންވަޅު ކައިރިން ފެންވަރަން ބޭނުންވާ ކުއްޖެކެވެ. އެދުވަހު ކުޑަދަރިފުޅު ޒައިނާ ނިންދެވުނީ ވަރަށް ގިނަ އިރުގެ މަސައްކަތުންނެވެ. ޒައިން ގޮވައިގެން މަދަރުސާއަށް ޒޫނާ ދަނީ އަބަދުވެސް އެމަންޖެ ނިންދަވާފައެވެ. އެދުވަހު ދެކުދިން އެކީ ކުޅެން އުޅުނީވެސް ފެންވަޅު ކޮޓަރީގައެވެ. ޒޫނާ މެންދުރަށް ކައްކަން ޖެހޭ ބަތްކޮޅު ރޯފިލުވާ، ރިހަ ކައްކާފައި އަދި މަސްވެސް ތެލުލިއެވެ. ދެކުދިންނަށްވެސް ކާންދިނީ އެތާ ގިފިލި ތެރޭގައެވެ. ކާންދޭން އުދަގޫ ކުދިންނަށް ފެނާ ކުޅެމުން ކާން މާބޮޑަށްވެސް ފަސޭހަ ވާނެއެވެ. އެކަމަކު ޒައިނާ ރުއި ފެންކުޅެ ނިންމާ އެތަނުން ނުކުނަށް ބުނުމުންނެވެ. ކިތަންމެ އިރެއް ވިޔަސް އެކުދިން ފޫހިވާ ގޮތެއް ނުވިއެވެ. ހަފްތާ ފެށުން ދުވަހަށް ވާތީ، ޒައިން ފެންވަރާ ނިމުމުންވެސް އެތަނުގައި ހުރުމުގެ ހުއްދަދީފައި ޒޫނާ ދިޔައީ ޒައިނާ ނިންދަވާފައި އަދި އެސޮރުގެ ޔުނިފޯމް އިސްތިރި ކުރަންވެސް ޖެހޭނެކަން ހަނދާންވުމުންނެވެ.

އެމަންޖެ އެނދުގައި ބޭއްވުމާއެކު ޒޫނާ އިސްތިރިއަށް ކަރަންޓުދީފައި އެނދުގެ ބޯލާކޮޅުގައި ބެހެއްޓިއެވެ. އަލަމާރިން ޒޫނާ މިއަދު އަޅާނެ ބުރުގާއަކާއި ޔުނިފޯމް ހޯދުން އިރު އިސްތިރި ވަރަށް ބޮޑަށް ދޮން ވެއްޖެއެވެ. އަވަސް އަވަހަށް ރޫފިލުވާލީ ގަޑި ކައިރިވަމުން ދާތީއެވެ. އިސްތިރި ނަގާ އެނދުގެ ބޯލާކޮޅު ކަބަޑުމަތީ ބަހައްޓާފައި ކޮޓަރި ފާޚާނާއަށް ވަނީ ހަމަ އެވަގުތަށް ބޮޑުކަމަކުދާން ޖެހުމުންނެވެ.

ގިފިލިތެރޭ ހުރި ޒައިން އެކި ކަހަލަ ކަންކަން ކުރަމުން، ކުޅެން ގެންގުޅުނު ޖޯޑަކުން ވަޅަށް ފެން އެޅިއެވެ. އެފެން އަޅާ އިރު ވަޅުގެ ފެންގަނޑަށް އެވާ ގޮތާއި، އެއުފެދޭ އަޑަކީ ޒައިން ވަރަށް ގަޔާވި ކަމަކަށް ވެއްޖެއެވެ. އަދި އުމުރުން އެންމެ ހަތަރު އަހަރު ނުވާ ޒައިން ފެން އަޅަމުންދަނިކޮށް ޖޯޑު އަތުން ދޫވެގެން ފެންވަޅުގެ ތެރެއަށް ވެއްޓިއްޖެއެވެ. އެކުއްޖާ ބޮޑަށް ވަޅާ ގާވެ، ފައިގެ އިނގިލިތަކުގެ ކުރިޖައްސާ ހަށިގަނޑު ހިއްލާލީ ވަޅުގެ ތެރޭވީ ޖޯޑު ހޯދުމުގެ ބޭނުމުގައެވެ. ނަމަވެސް ތަޤުދީރު ކުރީ އެހެން ތަދުބީރެކެވެ. ޒައިންގެ ފައި ހިއްލުނު ވަގުތު ބޯކޮޅަށް ބަރުވެ، އެކުއްޖާ ވަޅުގެ ތެރެއަށް ވެއްޓުނީއެވެ.

މަންމާއެވެ. ކިޔާ ބާރަށް ޒައިން ހަޅޭލަވައިގަތް އަޑު ޒޫނާއަށް އިވުނެވެ. އޭނާ ފާޚާނާތަށި މަތީ އިނދެފައި ދުއްވައިގަތީ މަގޭ ދަރި އޭ ގޮވަމުންނެވެ. އެއަޑުފަށްގަނޑަށް ނިދާފައި އޮތް ޒައިނާއަށްވެސް ހޭލެވިއްޖެއެވެ. ތުއްތު ޒައިނާ ވަށާގެން ހޯދާލިއިރު އެއްވެސް މީހަކު ފެންނަން ނެތުމުން އަނެއްކާވެސް ބާލީހުގައި އޮށޯވެތީއެވެ. މަންމަގެ އަޑު ކޮންމެވެސް ވަރަކަށް އެމަންޖެއަށް އިވޭހެން ވެސް ހީވެއެވެ. ޒޫނާއަށް ވަޅާ ހަމައަށް ދެވުމާއެކު އެއްވެސް އިހްތިޔާރަކާއި ނުލާ ވަޅަށް ފުންމާލެވުނެވެ. ވަޅުތެރޭ އެކުއްޖާ އަތްދަޑި މައްޗަށް ނަގާގެން ހުރި ބާރަށް ރޮމުން ދިޔައެވެ. ޒައިނާގެ ލޮލާއި ނިދި ވަކިވެއްޖެއެވެ. އިރުކޮޅަކު ބަލަން އޮތްވާ އެކުއްޖާގެ ލޮލުގައި އަޅާގަތީ، ކަބަޑު މަތީ ހުރި އިސްތިރިއެވެ. މަޑުމަޑުން ގޮސް އިސްތިރީގައި ހިފިއެވެ.

އާބިދާ ގަޑި ކައިރިވެގެން މަދަރުސާ ދޮށަށްދާން ޒޫނާ ނާންނާތި، އެގެއާ ދިމާއަށް ދިޔައީ އޭނާގެ ދަރިފުޅު އިނގިލި ކުރީގައި ލައިގެންނެވެ. އެގެއާ ކައިރި ނުވަނީސް ރޯއަޑު އިވެން ފެށިއެވެ. އާބިދާ ދުވައިގަތެވެ. ކަމަކު ދާކަށް ނެތެވެ. އަޑު އިވޭދިމާ ބަލަމުން ވަންއިރު ކުޑަމަންޖެވެސް ރޮނީއެވެ. އެމަންޖެ އެއިރު އޮތީ އިސްތިރިއަކާއެކު އެނދު ކައިރި ބިންމަތީގައެވެ. އިސްތިރި ނަގާ ދުރުކޮށްލި ވަގުތު އާބިދާގެ މޭގަނޑު އަނގައަށް އައެވެ. އެއިސްތިރި ހުރީ ކަރަންޓަށް ޖަހާ ދޮނެވެފައެވެ. އެކުއްޖާގެ މުޅިގައިގެ އެތަން މިތަން ވަނީ ފިހިފައެވެ. ކުއްޖާ ނަގަން ހިފާނެ ގޮތެއްވެސް އާބިދާގެ ހިޔާލަކަށް ނައެވެ. އެކަމަކު އެކުއްޖާއަށް ބަލަން ހުރުމަކަށްވެސް ކުޅަދާނައެއް ނުވާނެއެވެ. އެނދުމަތީ އޮތް ރަޖާގަނޑައަށް ލާ އެތުއްތު ކުއްޖާ އޭނާ އުރާލިއެވެ. އަދި ޒޫނާގެ އަޑު އަންނަ ދިމާލަށް ދިޔައެވެ.

އެފެންވަޅު ކޮޓަރިއަކީ ޢާއްމުކޮށް ދޮރު އަޅުވާ ބަންދުކޮށްފައި ހުންނަ ތަނެއް ކަމުން އާބިދާއަށް އެތަން ފެނުނީ ހަމަ އަލަށެވެ. އެތަނު އެތެރެއިން މީހަކު ފެންނަށް ނެތުމުން، ވަޅަށް އޭނާގެ ލޯ އަމާޒުވީ ވަރަށް އަވަހަށެވެ. ވަޅުގެ ތެރެ ބަލާލުމާއެކު އަތުގައި އޮތް ކުއްޖާ ދޫނުވީ ހަމަ ކިރިޔާއެވެ. މަންމާއެވެ. ކިޔާ އާބިދާވެސް ބާރަށް ހަޅޭލަވަން ފެށިއެވެ. އާބިދާ ފެނުމާއެކު ޒޫނާގެ އަޑު އިހުނަށްވުރެ ބާރުވިއެވެ. އާބިދާގެ ކުޑަދަރިފުޅު އިތުރު މީހުން ހޯދުމަށްޓަކައި ފޮނުވުނީވެސް އެތަނުން ދުރަށްދާން ބޭނުންނުވެފައި ހުރިވަރު ބޮޑު ކަމުންނެވެ. އަތުގެ ތެރޭގައި އޮތް ދަރިވެސް ރޮނީއެވެ. އާބިދާގެ ރޮލުންވެސް ކަރުނަތައް ފައިބަމުން ދިޔައެވެ. ޒޫނާ ރޮމުން އާދޭސް ކުރަމުން ދިޔައީ އޭނާ އެތަނުން ސަލާމަތް ކޮށްދިނުމަށެވެ. ޒޫނާގެ އަތްދަނޑި މަތީގައި އޮތް ޒައިންގެ އެއްވެސް ހަބަރެއް ހުރިކަމަކަށް ނުފެނެއެވެ.

އާބިދާގެ ދަރިފުޅު ރޮމުން އެހީއަށް އެދި ގޮވާލިއަޑަށް، މެންދުރުގެ އެގަޑިއާ ބަލާފާ ރައްޔިތުންގެ ބޮޑު އިޖާބައެއް ލިބުނެވެ. ނިކަން އަވަހަށް ބޮޑެތި ފިރިހެންނާއި އަންހެނުންވެސް އެތަނަށް ޖަމާވިއެވެ. އަވަށްޓެރި ބަޔަކު އާބިދާގެ އަތުން އެމަންޖެ ނަގާގެން ސެންޓަރަށް ގެންގޮސްފިއެވެ. ބޮޑު ފިރިހެނަކު ވަޅަށް ފައިބާ، ޒައިން ނެގުމާއެކު ސައިކަލަކަށް ލައިގެން ސެންޓަރާ ދިމާއަށް ދުއްވަން ފެށީ ރިޒާގެ އެއްބަނޑު ކުދިންނެވެ. ޒޫނާ ވަޅުން އެރުމާއެކު އަންހެނުންތައް އޭނާއަށް ހިމާޔަތް ދިނެވެ. ޒޫނާގެ ހަށަވާޅާއި ބުރުގާ ނެތީމައެވެ. އަދި ހެދުން ފުރިހަމަކޮށްގެން ސެންޓަރަށްދާން އެއަންހެން ވެރިން އެދުނެވެ.

ޒޫނާ މިޒާޖަށް އައިސްފައިވާ ބަދަލެއް ބުނެދޭކަށް ނޭގެއެވެ. ޒޫނާ ނިކަން އަވަހަށް ކޮޓަރިއަށް ވަދެ ތައްޔާރުވެލައިގެން ކުދިންގެ އައިޑީ ކާޑުތައް ހިފައިގެން ނުކުނަންވާއިރަށް ރަޒީގެ ކޮއްކޮއެއް ސައިކަލުގައި ބަލާ އައިސްފިއެވެ. ޒޫނާއަށް ފުރަތަމަ ދެވުނީ އެމަންޖެ ކައިރިއަށެވެ. ރިޒީގެ މަންމައާއި ދޮންބައްޕަވެސް ވަރަށް ހަލުވިކޮށްލައިފާ ތައްޔާރުވަނީ އިތުރު ފަރުވާއަށް ކުޅުދުއްފުއްޓަށް ފުރާށެވެ. ބަލާބެލުމަށް މިހާރު އެމަންޖެ ހީވަނީ ނިދާފައި އޮތް ހެންނެވެ. އެތަނުގައި ހުރި ނަރުސް ކުއްޖާ ޒޫނާ ބޭރުގައި މަޑުކުރުމަށް އެދުނެވެ. ޒޫނާ އެތަނުގެ ބޭރަށް ނަޒަރު ހިންގާލިއިރު ފެނުނީ ތަނބެއްގައި ލެގިގެން، ބަސް ހުއްޓިފައި ހުރި އޭނާގެ ބައްޕައެވެ. ބައްޕަ ކައިރިއަށް ދެވުމާއެކު ޒޫނާއަށް ރޮވެން ފެށިނެވެ. ޔޫސުފުބެ އަތުގެ ނުފުށުން ލޯފޮހެލަމުން ޒޫނާ އަތުގައި ހިފާގެން އަނެއް ކޮޓަރިއަށް ހިނގާގަތެވެ. އެއެނދުގައި ބާއްވާފައިވާ ކުޑަ ކުޑަ ޒައިންގެ މޫނުމަތީގައި ވަނީ ފޮތިއަޅާ ނިވާކޮށްފައެވެ. ރަށުގެ ރައްޔތުންހެން އެތާ ތިއްބެވެ. ޒޫނާގެ ލޯ އޭނާއަށް ކެހިދެނީ ބާއެވެ؟ އޭނަގެ ކުޑަ ދަރިފުޅު މިއޮތް ލޯބި ލޯބި އުމުރުގައި އޭނާގެ މަންމަ ދޫކޮށް ގޮސްދާނެ ބާވައެވެ؟ މާތް ﷲ އެވަރުގެ އިމްތިހާނެއް އެނިކަމެތި ހިތަށް ދެއްވަފާނެތޯއެވެ! ހިތްފަޅި ފަޅިވެގެން ފައިބަނީއެވެ. ޒޫނާ ހުރި ފިޔަވަޅު މައްޗަށް ތިރިވިއެވެ. އިތުރަށް ކުރިއަށްދާނެ ހިތްވަރެއް ނެތެވެ. ދެއަތް މައްޗަށް އުފުލާ ކިޔަން ފެށިއެވެ. ހައްދަވާ ބޮޑު ކުރައްވާ އިލާހު މިތަން ދެކެން މިއަޅާ ދުނިޔޭގައި ނުލެއްވި ނަމަ ކޮންފަދަތޯއެވެ. މިކުށެއްނެތް މަޢުޟޫމު ފުރާނާގެ ބަދަލުގެ މިކަމުގައި އިހުމާލުވި އަޅަކު ނެތިކުރައްވާށިއެވެ. އެތަނުގައި ތިބި މީހުން ޒޫނާ ނަގައިގެން ބޭރަށް ނެރެން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ ބޭނުންވީ އޭނާގެ ދަރިފުޅުވެސް ގޮވައިގެން ނުކުތުމަށެވެ. ކުއްލި ހަމަ ހިމޭންކަމެއް ވެރިވީ، ޒޫނާގެ ކަންކަށި މަތީގައި ބާރުއެތި ފަހަރެއް ބެހެއްޓުމުންނެވެ. ޒޫނާ ހުރިތަނަށް ރާޑިވިއެވެ. އެއީ މިއޮތްހާދުވަހު ލޯބިން އެމޫނުގައި ފިރުމި ދެއަތެވެ.

ޒޫނާއަށް ހަމަ ވިސްނުން އައި އޭގެ ދެމަސްދުވަސް ފަހުންނެވެ. މިހާރު ރިޒާ ވަނީ އޭނަގެ ދަރިފުޅު މަރާލިކަމަށް ބުނެ، ޒޫނާ ވަރިކޮށްފައެވެ. ތުއްތު ތުއްތު ޒައިނާ ވަނީ އިސްތިރިން ލިބުނު އަނީޔާތަކުގެ ސަބަބުން ނުކުޅެދޭ ކުއްޖަކަށްވެފައެވެ. ޒޫނާގެ ބައްޕަ ޔޫސުފުބެވެސް ބަލިތަންމަތީ އޮންނަން ޖެހިފައިވަނީ އެހާދިސާގެ ސަބަބުން ހިތަށް ލިބުނު ސިހުމުގައި ޖެހުނު ސްޓްރޯކުން އެއްފަރާތުގެ ނާރުތަކުގެ ބާރު ކެނޑިފައިވާތީއެވެ. ި

ރިޒާގެ ހަޔާތުން ބާކީކޮށް އެއްލައިލާ، ރަށު މީހުންގެ ކިތަންމެ ގިން ބަދުބަސްތަކެއް ލިބުނަސް ޒޫނާ ހިތްވަރު އެކުރަނީ އޭނާ މިދުނިޔެއަށް ފޮނުއްވި ފަރާތުން އަނބުރާ ގެންދަވާ ދެންނެވެ. ޒޫނާ ގަސްތުގައި އެއްވެސް ދަރިއަކަށް ގެއްލުމެއް ދޭން ހިތަށްވެސް ނާރުވައެވެ. ވޭތިވެ ދިޔަ ދުވަސްތައް އޭނާ އާވާރާއެއް ފަދައިން ރަށުގައި އެބުރުނީ ހަމަ ހަޤީޤަތުގައިވެސް އޭނާގެ ހަމަ ބުއްދިނެތީމައެވެ. އެކަމުން މިންޖުކުރެއްވީވެސް އެކަން މިންވަރު ކުރެއްވި ފަރާތުންނެވެ. ޒޫނާގެ ބައްޕަގެ ހެޔޮ ދުޢާއެވެ. އެއްވެސް ހާލެއްގައި ނުކުޅެދޭ ކުއްޖެއް ބަލަން އަދި މުސްކުޅި ބައްޕަ ނުބަލާކަށް ނޫނެވެ. އަދި ކުށެއް ކުރެވުނީތީ އޭގެ އަދަބުން ސަލާމަތްވުމުގެ ނިޔަތެއްވެސް އޮވެގެނެއް ނޫނެވެ.

ކޮމެންޓް 0