9

އަހަރެން ހަނދާން ހުންނަން ފެށީއްސުރެ ގޭތެރޭގައި ޒުވާބު ކުރުމާއި ހަޅޭކުގެ އަޑު އިވެއެވެ. ބައްޕަ އަހަރެންގެ މަންމަ ދޫކޮށްލައިފަ ދިޔައީ މިފަދަ ޒުވާބަކަށްފަހު މަންމައަށް އަނިޔާވެސް ކުރުމަށް ފަހުގައެވެ. އެއިރު އަހަރެންނަށް ތިން އަހަރުވެސް ނުވާނެއެވެ. ކަން ވީ ގޮތް ހަނދާން ނެތަސް، އެވާހަކައިގެ އަޑު ތަކުރާރުކޮށް މަންމަ ކިޔައި ދީދީގޮސް އިއްޔެ ވީ ކަމެއްހެން އެދުވަސް އަހަރެންނަށް މިއަދުވެސް ބުނެދެން އެނގިދާނެއެވެ.

މަންމަ ދެން ކުރި ކައިވެންޏަކީ ވެސް އުފާވެރި ކައިވެންޏަކަށް ނުވިއެވެ. ދޮން ބައްޕަ ކުރާ މަސައްކަތުން ލިބޭ ފައިސާއިން ސަޔަށް ގޮސް އަމިއްލަ ޚަރަދު ކޮށްފައި މަންމައަށް ދޭނެ ފައިސާ އެއް އޮންނަ ކަމަކަށް ނުވެއެވެ. ގެއިގެ ޚަރަދު ތައް ފޫނުބެއްދިގެން އެންމެ ފަހުން މީހުންގެ ހެދުން ދޮވެ އިސްތިރި ކުރުމުގެ މަސައްކަތް މަންމަ ފެށިއެވެ. ނަމަވެސް އެމަސައްކަތް ކުރަން ވެސް ދަތި ތަކާ ކުރިމަތިވީ ކައިރި ކައިރީގައި ތިން ކުދިން ލިބުމުންނެވެ.

ކިތަންމެ ހިތް ހަމަ ނުޖެހުނަސް ދޮންބައްޕައާއި އެވާހަކަ މަންމައެއް ނުދައްކައެވެ. ބައްޕަ ގޮތަށް މަންމަ ދޫކޮށްލައިފައި ހިނގައިދާނެތީ ކަމަށް ވެދާނެއެވެ. އެހެނަސް ގޭތެރޭގެ ޙާލަތާއި މެދު މަންމަ ހިތް ހަމަ ނުޖެހޭ ކޮންމެ ފަހަރަކީ އަހަރެންގެ ގައިގެ ކޮންމެވެސް ތަނަކަށް އެއިގެ ވޭން އިޙްސާސް ކުރަން ޖެހޭ ފަހަރެކެވެ. މަންމަގެ ހާސް ކަން ފިލުވައިލާ ވަޞީލަތަކަށް ވަނީ އަހަރެން ވެފައެވެ. ދޮންބައްޕަ އާއި ހިތްހަމަ ނުޖެހުނަސް، ކޮއްކޮމެން ދެކެ ރުޅި އަޔަސް އެ ރުޅިއެއް ބާލައި ލާނީ އަހަރެން ނަށެވެ. މިގޮތުން ކުދި ކުދި ކަންތައް ތަކާއި އަހަރެންގެ ގައިގައި ތަޅައި ހަދާނެއެވެ. ކޮއްކޮމެން ލިބުމުން މަންމަގެ އަނިޔާވެސް އިތުރު ވިކަހަލަ އެވެ. ކިތަންމެ ހިތް ހަމަ ނުޖެހުނަސް ކޮއްކޮ މެންގަޔަކު ނުތަޅާނެއެވެ. ތަޅަނީ އަހަރެންގެ ގައިގައެވެ.

އެއްދުވަހަކު ކޮއްކޮމެން ކުޅެން އުޅުމުގެ ތެރޭގައި އަޙުމަދު ކޮއްކޮ ގޮނޑީގައި އަޅައި ގެންފައި ވެއްޓުނެވެ. އެވަގުތަކީ މޭޒުކައިރީގައި އެގޮނޑީގައި އަހަރެން ފިލާވަޅެއް ހަނދަން އިން ވަގުތެކެވެ. ކޮއްކޮ ރޯން ފެށުމުން މަންމަ ގިފިލިން ބޭރަށް ނުކުތެވެ. ހެނދުން ތަކެއް ދޮންނަން ވަރަށް އަވަދި ނެތި އުޅެމުން ދާތީ މަންމަ ހުރީ ވަރަށް ހިތް ހަމަ ނުޖެހިފައެވެ. އައިގޮތަށް އައިސް ފުރަތަމަ ވެސް އަހަރެންގެ އަތަށް ބޮނޑިއެއް ބިންދާލިއެވެ.

"ކިތަށް ފަހަރު ބުނެފިންތަ ތިހެން ގޮޑި ބަހައްޓައިގެން ނީންނާށޭ. ބުނާ ބަހެއް އަހާ މީހެއް ވެސް ނޫނޭ މީ." މަންމަ ފަތިވަރުތައް އަމުނަމުން އަޙުމަދު ކޮއްކޮ ނަގާ އަހަރެންގެ އަތަށް ދިއްކޮށްލިއެވެ.

"ހުނ. ވަރުދާގެ ސަބަބުންނެއްނު އޭނާ ރޯން ޖެހުނީ. ވަރުދާ ހުއްޓުވާ އޭނަ. އަދި ބުނަން ދެން އަހަރެން މިއެއްޗެހިތައް ދޮވެ ނިމެންދެން އެއްވެސް ކުއްޖެއް ރޯއަޑު އިވިގެން ނުވާނެ." މަންމަ އިންޒާރު ދިނުމަށް ފަހު ގިފިއްޔަށް ވަނެވެ. އަތުން ދިލަނަގަމުން ދިޔައިރު އަހަރެންނަށް ޖެހުނީ އަޙުމަދު ކޮއްކޮ ހުއްޓުވުމަށްވެސް މަސައްކަތް ކުރާށެވެ. އަމިއްލަ އަށް ނުރޮއި އިނދެވުނީ ވެސް ހަމަ ކިރިޔާއެވެ. ދެން އެހެން ކުއްޖަކު ހުއްޓުވަން ފަސޭހަވާނެ ހެއްޔެވެ.

އަހަރެންނަށް ވާނުވާ އެއް ނޭނގޭއިރު މިގޮތަށް އަނިޔާ ލިބެނީ ކީއްވެތޯ ހިތާ ސުވާލު ކުރެވެއެވެ. އަހަރެންނަށް ކުރެވެނީ ކޮން ކުށެއްތޯ ވެސް ވިސްނާ ފިކުރު ކުރެވުނެވެ. މިހެން މި ވާންޖެހެނީ އަހަރެންނާއި ކޮއްކޮ މެންނާ ކޮން ތަފާތެއް ހުރެގެން ތޯވެސް ހިތާ ހިތާ ސުވާލު ކުރެވެއެވެ. ކޮއްކޮމެންނަށް ވުރެ އަހަރެން ކުޑަ ތަންކޮޅެއް ހަމުގެ ކުލަ ކަޅު ވާނެއެވެ. އެހެންވެ ގިފިލީގައި ފެންވަރާއިރު އިތުރަށް ގައި އުނގުޅާ ވެސް ހެނދުނީ މިއަނިޔާ އިން ސަލާމަތް ވާނީ ކޮއްކޮ މެންނާއި އެއް ކުލަ ވުމުން ކަމަށް ހީކޮށެވެ.

ނަމަވެސް ބޮޑު ވަމުން ދިޔަ ވަރަކަށް ކަންތައް ތަކާއިމެދު ވިސްނެން ފެށިއެވެ. އަދަބު ލިބެނީ އަހަރެން ވަކި ކަމެއް ގޯސް ކޮށް ކޮށްގެން ނޫން ކަމާއި މަންމަ އަހަރެންނާއި ނަފުރަތު ކުރާކަން ވިސްނުނު ދުވަހުން ފެށިގެން ބޭނުންވީ ގެއިން ބޭރުގައި އުޅެވޭތޯ ބަލާށެވެ. އެއީ މަންމަ ހަމައިން ނައްޓާނީ ވަކި ބުނެފައެއް ނޫން ވިއްޔައެވެ. ގޭ ކައިރިއަވަށްޓެރިންގެ ގޭގައި ޓީވީ ބަލަން އިނުމާއި އަވަށްޓެރިންގެ ކުދިންނާއެކީ އެކުދިންގެ ގޭގައި ކުޅެން އުޅުމަކީ އަހަރެން އާންމު ކޮށް ކުރާ ކަމަކަށް ވިއެވެ.

އަހަރެން އެންމެ ކުރާހިތްވާ ކަމަކީ ދޮރުން ބޭރުގައި މަގު މަތި ބަލަން ހުރުމެވެ. މި ގޮތުން އެއްދުވަހަކު މަންމަ ގެ ހަމަލާއިން ޒަހަމް ވެގެން ދޮރު ކައިރީ ހުރި ދުވަހެކެވެ. އެދުވަހު ކިތަންމެ ހިތް ވަރު ކުރިނަމަވެސް ރޮވޭ ގޮތްވިއެވެ. ނުރޯން ވެގެން ކިތަންމެ މަސައްކަތެއް ކުރިއަސް ލޮލުން ކަރުނަ ހޯސްލައިފައި ފައިބަމުން ދިޔައެވެ. އެވަގުތު މަގު މަތިން ދިޔަ އަންހެނެއް އަހަރެންގެ ކައިރީގައި މަޑު ކުރިކަން އިޙްސާސް ވިއެވެ.

"އަހަނ. ތިހާ ލޯބި ކުދިން ރޯކަށް ނުވާނެ ޔެންނު. ލޯބި ލޯބި ކުދިން ތިބެންވާނީ ހެވިފަ އިނގޭ." މިހެން ބުނެ އަހަރެންގެ ލޮލުގެ ކަރުނަ ތައް އަތުން ފުހެލަ ދިނެވެ. އަހަރެންނަށް ލިބުނު ކުއްލި ހައިރާންކަމާއެކު ރޯން ވެސް ނޭނގިފައި ހުރެވުނީއެވެ. އުމުރު މިވީހާ ތައް ދުވަހު ކަންފަތުން ނީވޭފަދަ އަޑެއް އިވުމުން ނެވެ. މަންމަގެ އަނގައިން "ގޯސް ކުއްޖާ" ނޫނީ "ހަޑި ކުއްޖާ" ފަދަ ބަސް ތައް އަޑު އިވި އިވި، "ލޯބި" އެއީ އަހަރެންނަށް މުޙާތަބް ކުރަން ބޭނުން ކުރާ ބަހެއް ކަމެއް ވެސް ނޭނގެއެވެ.

އަހަރެންގެ ހިތުގައި އެ އަންހެން މީހާ އާއި މެދު ޝައުގު ވެރިކަން އުފެދުނެވެ. އޭނާ އަކީ އެހެންޏާވެސް މި މަގުން ހިނގާ މީހެެކެވެ. ހަނދާން ވެއްޖެ އެވެ. މިމަގުން ލާފައި ދެ ފިރިހެން ކުދިން ސްކޫލަށް ލާން ހިނގާނެެއެވެ. އެއްކުއްޖަކު އަހަރެންނަށް ވުރެ ބޮޑު ވާނެއެވެ. ދެން ގެންދާ ކުއްޖާ އަހަރެންނަށް ވުރެ ހަގު ވާނީ އެއް އަހަރު ކަންނޭނގެއެވެ.

އެ އަންހެން މީހާ އާއި މެދު އަހަރެންގެ ހިތުގައި ޝައުގު ވެރިކަން އިތުރުވެ އެންމެ ފަހުން އޭނާ ދެ ދަރިން ސްކޫލުން ގެއަށް ދިޔަ މަގު މަތީގައި ފަހަތުން ގޮސް، އޭނާ ވަންނަގެ ވެސް ބެލީމެވެ. އަހަރުމެން އުޅޭ ގެއާއި ދުރެއް ނޫނެވެ. އޭނާ ގޮސް ވަނީ މިގޭގެ އުތުރަށް އޮންނަ ފުރަތަމަ މަގުގައި ހުންނަ ގެއަކަށެވެ. އާދައިގެ ގޮތަކަށް ހަދާފައި ހުންނަ އެނގޭގައި އެ އަންހެން މީހާ އާއި ދެކުދިން ނޫން އެހެން މީހަކު އުޅޭ ތަނެއް ނުފެއެވެ.

އޭނާ އާއި މެދު ހިތުގައި ޝައުގު ވެރިކަން އުފެދި އެ ގޭކައިރީ ގައި ގިނަ ވަގުތު ހޭދަ ކުރެވެން ފެށިއެވެ. ގިނަ ގިނައިން ފެންނަން ފެށުމުން އަހަރެން ފެންނަ ކޮންމެ ފަހަރަކު އޭނާ ހީލައެވެ. އަހަރެން ވެސް ރައްދުގައި ހީލަމެވެ. އޭނާ އަށް ކިޔަނީ ސަލްމާއެވެ. ސަލްމާއަކީ އަވަށްޓެރިންނާއި ގުޅޭ ހިތްހެޔޮ މީހެކެވެ. އަވަށްޓެރިންނަށް ޖެހޭކަންތައް ތަކުގައި އެހީތެރިކަން ފޯރުކޮށްދެނިކޮށް ވެސް ފެނެއެވެ. އަދި ކުރިމަތީގެ ފިހާރައަށް ތަފާތު އެއްޗެހި ހަދައިފައި ވިއްކަން ލާތަންވެސް ފެނެއެވެ. އެކި ކަހަލަ ކާއެއްޗިއްސެވެ. ކަޕް ކޭކުގެ އިތުރުން ކުޅި ކާޖާ އާއި ގުޅަފަދަ ތަކެއްޗެވެ.

އަހަރެންނަށް އެނގުނު ގޮތުގައި ސަލްމާ އަކީވެސް އެކަނި އުޅޭ މައެކެވެ. ދަރިން ބެލެހެއްޓުމަށް ޓަކައި ފައިސާ ހޯދަން ތަފާތު ކާއެއްޗެހި ހަދާފައި ފިހާރައަށް ލަނީއެވެ. ސަލްމާއާއި އަހަރެންގެ މަންމަ އާއި ހުރި ތަފާތަކީ އުޅެން ޖެހޭ ދަތި އުނދަގުލުގައިވެސް ދަރިންނަށް ހެޔޮކޮށް ހިތާ ކަމެވެ.

އެއް ދުވަހަކު ސަލްމާ ވަރަށް ބަރުކޮށް، ކޮތަޅު ތަކެއް ހިފައިގެން ދިޔަ އެވެ. އެދުވަހު އެހީ ވުމުގެ ގޮތުން އަހަރެން އަތް ދިއްކޮށްލީމެވެ. އަހަރެންގެ އެހީ ގަބޫލު ކުރުމަށް ފަހު އެތަކެތި އެތެރެއަށް ލުމުން، ޖޫސް ތައްޓެއް ބޯލައިގެން ދިޔުމަށް ދައުވަތު ދިނެވެ.

"ކޮއްކޮއަށް ކޮންނަމެއްތަ ކިޔަނީ؟ ސްކޫލަށް ނުދަންތަ؟" ސަލްމާ އެއްސެވެ. އަސްލު ސްކޫލަށް މިހާރު ނުދާތާ ދުވަސް ކޮޅެއް ވެދާނެއެވެ. އަހަރެން ސްކޫލަށް ދިޔަޔަސް ނުދިޔަޔަސް އަޅާލާނެ މީހަކު ނުހުންނާތީ އަހަރެންނަށް ވެސް ފަރުވާ ކުޑަ ކުރެވެނީއެވެ. އުމުރުން އެންމެ އެގާރަ އަހަރުގައި ވާނީ ވެސް އެހެން ތާއެވެ. އަހަރެންގެ ޖަވާބު ދިނުން ލަސް ވުމުން އޭނާ ވާހަކަ ދައްކަން ފެށިއެވެ.

"ކޮއްކޮ ކިޔެވީމައި އެއިގެން ފައިދާ ކުރާނީ ވެސް ހަމަ ކޮއްކޮއަށް. ބޮޑު ވެގެން އަމިއްލަ ފައިމައްޗަށް ތެދުވެ ރަނގަޅު އާމްދަނީ އެއް ލިބޭނެ މަސައްކަތެއް ވެސް ލިބޭނީ ކިޔަވައިގެން ހުރި ކުދިންނަށް. ކޮންމެ ޙާލަކަށްވެސް ތައްޔާރު ވެގެން ހުންނަން ވާނީ. އެހެން ނޫނީ ކުރާނެ މަސައްކަތެއް ނުލިބިގެން ހޭބޯނާރާ މަސައްކަތް ކުރަން ޖެހޭނީ." އެވާހަކަ ދެއްކިއިރު ސަލްމާގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔަކަން އަހަރެންނަށް ފާހަގަ ވިއެވެ.

"ދައްތަވެސް މިހެން އެކި މަސައްކަތް ކުރަން މި ޖެހުނީ ނުކިޔަވާ ހުރީމަ. އެހެންވެ ދައްތަ މި މަސައްކަތް ކުރަނީ ދައްތަގެ ދަރިން ކިޔަވައިގެން މޮޅުކުދިންނަށް ހަނދަން. އިރާދަ ކުރެއްވިއްޔާ އެކަންކާމިޔާބުވެސް ވާނެ"

އެދުވަހު އެގެއިން ނުކުމެގެން ދިޔައީ ކިޔަަވައިގެން މޮޅު ކުއްޖަކަށް ވުމަށް ހިތު ނިޔަތް ގަނެގެންނެވެ. ކްލާސް ތަކަށް ގަވާއިދުން ނުދާތީ މިމަސައްކަތް ފުރަތަމަ ވީ ވަރަށް ބުރަ ކަމަކަށެވެ. އެކަމަކު ހިތްވަރު އެލުވާނުލައި މަސައްކަތް ކުރުމުން އެންމެ މޮޅު ކުދިންގެ ތެރޭގައި ނުހިމެނުނަސް ކިޔެވުމަށް ރަނގަޅު ކުއްޖެއްގެ ގޮތުގައި ހިމެނުނެވެ. ސްކޫލު ނިންމުމަށް ފަހު ލަސް ނުކޮށް ކައިވެނި ކުރީމެވެ. އަދި ފިރިމީހާ އެމްބީބީއެސް ކިޔަވަން ދާތީ އޭނާ އާއިއެކީ ދިޔައީމެވެ. ފިރިމީހާއާއި އެކީ އެތާނގައި ހުރި އިރު ޓީޗިންގް ގެ ދާއިރާއިން އިތުރަށް ކިޔެވީމެވެ.

އެތަނުގައި ހުރި އިރު މާލެއަށް ފޯނުކޮށެއް ނަހަދަމެވެ. އެކީގައި އުޅުނު އިރު ނުވި ލޯތްބެއް ދުރަށް ދިޔުމުން ވަކި ނުވާނެޔޭ ހިތަށް އަރާފައެވެ. މާލެ އައި ދުވަހު މަންމަ އަށް ސްޓްރޯކެއް ޖެހި ހޮސްޕިޓަލް ގައި އެޑްމިޓް ކުރި ވާހަކަ އެހީމެވެ. މަންމަ ކައިރިއަށް ދިޔަ އިރު އޮތީ އެކަނި މާ އެކަންޏެވެ. ކައިރިއަށް ގޮސް ހާލު ބަލައި ކައިފިންތޯ އެހުމުން މަންމަ އަށް ޖަވާބު ދިނުމުގެ ބަދަލުގައި ރޮވުނީއެވެ.

މަންމަ ވޭނާ ކެކުޅުމުގައި ވީހިނދު މަންމަޔާ އެންމެ ކައިރީގައި އަހަރެން އުޅުނީމެވެ. އެއީ އަހަރެންގެ "މަންމަ"އަށް ވީތީއެވެ. އަސްލު ކައިރީގައި އުޅުމުން ހިތަށް ވާއުނދަގޫ ބޮޑުވެއެވެ. މާޒީގެ ހަނދާންތައް އާވެ އާލާވުމުން ދެރަވެއެވެ. އެއީ މަންމައެއްގެ އެ ފިިޔަވަޅުމަތީ ހުރެ އަހަރެން އެގޮތަކަށް ކަންތަކެއް ނުކުރާނެތީއެވެ.

މަންމަގެ އެންމެ ފަހު ނޭވާވެސް މިދުނިޔެއަށް ދޫކުރީ އަހަރެން މަންމަ ކައިރީގައި ހުއްޓާއެވެ. އެދުވަހު ކޮއްކޮމެން އައިސް ރޮއި ރޮއި ފައި އުޅުނެވެ. ބަލިވެ އޮތް އިރު ކައިރީގައި މަޑުކޮށްލަން ނާދެވުނު ބަޔެއް މިހާރު އެހެން އުޅުމުގެ ބޭނުމެއް މަށަކަށް ނުވިސްނެއެވެ. މަންމަ ވަޅުލުމަށް ފަހު އަހަރެން އެތަނުން ނުކުތް އިރު މައިދައިތަ އާއި ފިރިމީހާ އާއި އޭނާގެ ކޮއްކޮ ހުއްޓެވެ. އަހަރެން ފެނުމުން މައިދައިތަ އަހަރެންގެ ބޮލުގައި ވަރަށް ލޯބިން ފިރުމާލިއެވެ. އަދި ހިތާމަ ނުކުރުމަށް ބުންޏެވެ. މަންމަ ނެތަސް މިއީ ހަމަ މަންމަ ފަދަ މީހެކޭ މައިދައިތަ ބުންޏެވެ.

އެވަގުތު ގިސްލަ ގިސްލާފައި އަހަރެންނަށް ރޮވުނެވެ. އެއީ މައިދައިތަ އަށް ނޭނގުނެއް ކަމަކު އަހަރެންގެ "މަންމަ" އަކީ އެއީ ކަމަށް އަހަރެން ގަބޫލު ކުރާތީއެވެ. އަހަރެންނަށް މަންމަ އެއްގެ ލޯބި ފުރަތަމަ އިޙްސާސު ކޮށްދިން ފަރާތަކީ އެއީ އެވެ. އަހަރެން ފިރާޤު އާއި ކައިވެނިކުރީވެސް އެލޯބި ހޯދުމަށްޓަކައެވެ.

ބުނެ އުޅެއެވެ. އަހަރުމެންގެ ކުރި މަގުގެ ބިންގާ އެޅެނީ އަހަރުމެން ކުޑައިރު ދިމާ ވާ އެކި ކަންތަކުންނެވެ. ބައެއް މީހުންނަށް ފައިސާ ހޯދުމަކީ ވަރަށް މުހިއްމު ކަމަކަށް ވާއިރު އަނެއް ބައި މީހުންނަށް ޝަރަފާއި ލަގަބު މުހިންމު ވެއެވެ. އެއީ އެ މީހުން ކުޑަ އިރު އެކަމަކަށް ހިތުގައި އަހަންމިއްޔަތު ކަން ދެވުމުން ކަމަށް ވެދާނެއެވެ. އަހަރެން މި ބުނާ ވާހަކަ އާއި ޖަދަލު ކުރާނެ މީހުން ހުރެދާނެއެވެ. އަހަރެންނަށް އިނގޭހާ ވެސް އެއްޗަކީ އަހަރެން އަހަރެންގެ ކުރިމަގު ބިނާ ކުރީ އަހަރެން އެއެއްޗަކަށް ހިތް އެދި ނުލިބިފައިވާ ލޯބި ހޯދުމަށެވެ. އެއީ މަންމަގެ ލޯތްބެވެ.

އެއެއްޗެއްގެ މުހިންމު ކަން އެއަށް ބޭނުންވެފައި ވާ މީހާއަށް ނޫނީ ނޭނގޭނެެއެވެ. އެފަދަ މަންމަ އެއް މައިދައިތަ އެއްގެ ގޮތުގައި ހޯދީ އެލޯތްބަށް އަހަރެން ފެން ބޮވައިގެންފައި ހުރި ވަރުން ނެވެ. މިއަދު އަހަރެންނަކީ މައިވަންތަ ކަމުގެ ލޯބިން ހިތް ފުރިފައިވާ މީހަކީމެވެ.

ކޮމެންޓް 0