8

ހޮސްޕިޓަލް ގެ ގޯތިތެރެއަށް މަޑުކޮށްލި ދަނބުކުލައިގެ ކާރުން ދެ އަންހެނަކު ފޭބިއެވެ. އެހާމެ ހަލުވިކަމާއެކު ކާރުގެ ދޮރު ހުޅުވާލުމަށްފަހު ފަހަތު ސީޓުން މާބަނޑު އަންހެނަކު އަތުލަފިކޮށްގެން ގޮސް އަވަސް ފަރުވާ ދޭ ކޮޓަރިއަށް ވެއްދިއެވެ. ވާނުވާ ބަލާލަން މީހުން ޖަމާވާން ފެށީ ހިނި ހޮރަކުން ހިނި ނުކުންނަ ފަދައިންނެވެ. އެކަކު އަނެކަކު ގެ ކަންފަތް ބުޑުގައި ސިއްރު ސިއްރުން ވީ ކީއްތޯ އާއި ގެނައީ ކާކުތޯ އަހަމުން ދިޔައެވެ.

"އެއީ ހައްވާފުޅުމެންގެއަށް އައިސް އުޅޭ ބީރައްޓެހި އަންހެން ކުއްޖާ! އޭނަ ވިހަން ބަނޑުގައި ރިއްސަނީ.. އާއިލާ މީހެއް ގާތް ތިމާގެ އެކަކު ވެސް ނެތް. މަށާއި ހައްވާފުޅާ ދެމީހުން އޭނަ މިތަނަށް މިގެނައީ.." ސަކީނާ އެއްވެފައި ތިބި މީހުންނަށް އޮޅުން ފިލުވައިދިނެވެ. ވީނުވީ އެނގުމުން އެންމެން ވެސް އެކި ދިމާލަށް ގެއްލި ނިމިއްޖެއެވެ. މާ ބޮޑުކަމަކަށް އެމީހުން ނަށް ނުވީ ކަންނޭގެއެވެ. އެހެނަސް ސަކީނާ ގުޑާވެސް ނުލާ އިނެވެ. މާ ގިނައިރެއްނުވެ ހައްވާފުޅު އަވަސް ފަރުވާ ދޭ ކޮޓަރިން ނިކުމެގެން އައިސް ސަކީނާ ގާތު އިށީނެވެ.

"ހައްވާފުޅާ! އެ މަންޖެގެ އާއިލާ މެންބަރެއްވެސް ނެތްތަ؟ ނަންބަރެއް ވެސް ނުދޭތަ؟" ސަކީނާ އަހައިލިއެވެ.

"ސަކީނާ އެއީ ވަރަށް ނިކަމެތި ކުއްޖެއް! އޭނަގެ އެއްވެސް ވާހަކައެއް ކިޔައި ނުދޭ.. އެނގޭހާވެސް އެއްޗަކީ އަޅާލާނެ ޔާރެއް ނެތް ނިކަމެތި ފަގީރެއްކަން.."ހައްވާފުޅު މޮޅިވެފައި އިނދެ ބުނެލިއެވެ.

" މަށަށް ވެވުނު މިންވަރަކުން މަވެސް އެހީވާނަން.. " ސަކީނާ ވެސް އިނީ އިންތިހާއަށް ދެރަވެފައެވެ.

ދެގަޑިއިރެއްހާ ފަހެވެ. ރީނާ ލޯބިލޯބި އަންހެން ކުއްޖަކު ވިހައިފިއެވެ. ލޯބި ފިނިފެންމަލެއް ފަދައެވެ. ދެމައިން ގެ ހާލުވެސް ރަނގަޅު ވީތީ ހައްވާފުޅު ﷲ އަށް ހަމްދު ކުރިއެވެ. އަމިއްލަ ދަރިޔަކަށް ނުވިޔަސް އޭނާގެ ހިޔާވަހިކަމުގެ ދަށުގައި ރީނާ ގެންގުޅޭތާ އަށެއްކަ މަސް ވެފައި ވުމުން އެދެމެދުގައި ވަނީ ގާތްގުޅުމެއް އުފެދިފައެވެ.ރީނާ ފަދަ އަޚްލާގު ރަނގަޅު ހީވާގި އަންހެން ކުއްޖެއް ދެކެ ކޮންމެ މީހަކު ވެސް ލޯބިވާނެއެވެ.

ރީނާ! އެކޮއި މިހާރު ކިހިނެތް ؟ ﷲ ގެ އިރާދަފުޅުން ތި ދެމައިން ގެ ހާލު ރަނގަޅު ވުމުން ހައްވައްތަ ވަރަށް އުފާވި! މިއަދު ހަވީރަށް ގެޔަށް ދޫކޮށްލާނެ! ހައްވާފުޅު ފައްޗަކަށް އަމުނާލިއެވެ. ބޯޖަހާލުން ފިޔަވާ އިތުރު ކަމެއް ރީނާ ނުކުރެއެވެ. ހިތުގެ އަޑިން ހައްވާފުޅު ފަދަ މާތް އިންސާނަކު ދެއްކެވި ކަމަށްޓާކައި ﷲ އަށް ޝުކުރު ކުރިއެވެ. އަދި ހައްވާފުޅަށް ހެޔޮ ރަޙުމަތް ލެއްވުން އެދި ދުޢާކުރިއެވެ. ހައްވާފުޅު ކަހަލަ މާތް އިންސާނަކު މެދުވެރި ނުކުރެއްވި ނަމަ މިއަދު އޭނާ އުޅޭނީ ކޮންފަދަ ހާލެއްގައި ހެއްޔެވެ؟

ހައްވާފުޅަކީ ދީންވެރި އަންހެނެކެވެ. އެކަނިމާއެކަނިދިރިއުޅުން ވޭތު ކުރަން ޖެހިފައިވާ ހުވަފަތް އަންހެނެކެވެ. ފިރިމިހާ ނިޔާވުމަށް ފަހު ބުރަ މަސައްކަތުން ބަލާ ބޮޑު ކުރި ،ހުރި ހަމައެކަނި ދަރިފުޅު ވެސް، އެދަރިފުޅު ގެ ޒުވާން އުމުރުގައި ވަނީ ނިޔާވެފައެވެ. ރީނާ އެރަށަށް އައިސް ކުއްޔަށް ތަނެއް ހޯދަމުން އެގެޔަށް އާދެވުނު ކަމީ ހައްވާފުޅަށް ލެއްވި ރަޙުމަތެކެވެ. އެކަނިވެ ބިކަވެފައި ވާ އޭނާގެ ދިރިއުޅުން އިހުނަށް ވުރެ އުޖާލާވީ ރީނާ ގެ ސަބަބުންނެވެ.

ދުވަސްތައް އޭގެ ޒާތުގައި ފާއިތުވަމުން ދިޔައެވެ. ކުޑަކުޑަ ހުޔާމަށް ހަމަސް ފުރިހަމަ ވެއްޖެއެވެ. ރީނާ ވެސް ހަމަޔަކަށް އެޅިއްޖެއެވެ. ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ފިހާރައެއް ގައި ވަޒީފާ އަދާކުރަމުން ގޭގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔައެވެ. އޭނަ ދެކެނީ ހައްވާފުޅަކީ މަންމައެއްގެ ގޮތުގައެވެ. އެދެމައިންނަށް އެހާވެސް ރަނގަޅެވެ. އެގޭގައި އެއްވެސް ދައްޗެއް ނެތެވެ. އޭނަ އެގެޔަށް އައީ ކުއްޔަށް ކަމުގައި ވިޔަސް ދުވަހަކު ވެސް ހައްވާފުޅު ފައިސާގައި ހިފާފައެއް ނުވެއެވެ. ހައްވާފުޅު ގެ ޝަރުތަކީ އޭނައަކީ ގާތްމީހެއްގެ ގޮތުގައި ދެކިގެން އުޅުމެވެ.

އާދައިގެ މަތިން ބަންގީގެ އަޑާއެކު ފިހާރަ ލައްޕާލުމަށް ފަހު ރީނާ ގެޔާއި ދިމާއަށް ހިނގައިގަތެވެ. ނަމާދުކޮށްލާ ދަރިފުޅު ނިންދެވުމަށް ކޮންމެ ފަހަރަކު ވެސް ރީނާ ގެޔަށް އާދެއެވެ.

"ހައްވައްތާ! ހުޔާމް ކޮއްކޮ ނިދީތަ މާ އަވަހަށް؟ ރީނާ ގޭގެ ދޮރާށި ހުޅުވާލާފައި ވަންނަމުން އަހައިލިއެވެ.

"އާނ ކާންވެސް ދީފަ ނިންދެވީ.. އެކޮޔަށް ފަސޭހަ ކޮށްލަން.." ހައްވާފުޅު ހިތްހެޔޮ ކަމާއެކު ބުނެލިއެވެ.ހުޔާމް ގެ ކަންތައްތައް ކުރުމަކީ ހައްވާފުޅު ވަރަށް ކުރާ ހިތްވާ ކަމެކެވެ.

ރީނާ ހައްވާފުޅު ގާތު ޖޯލީގައި އިށީނެވެ. ވަރުބަލި ފިލުވާލާ އަނގަ ތަޅާލުމަށެވެ. ދުވަސްވީ މީހުންނާ އަނގަ ތަޅާލުމަކީ އޭނާ އަބަދުވެސް ކުރާ ހިއްވާ ކަމެކެވެ. މައުލޫމާތު މުއްސަނދި ވާ ކަމެއް ކަމަށް އޭނާ އަށް ގަބޫލު ކުރެވޭތީ އެވެ.

"ރީނާ.. ދައްތަ ވާހަކައެއް އަހައިލަންތަ؟ ރުޅި ނާންނައްޗޭ އިނގޭ! " ހައްވާފުޅުގެ ހިތުގައި އުފެދިފައިވާ ޖަވާބު ނުލިބޭ ސުވާލު ތަކުރާރު ކޮށްލުމަށް ބޭނުންވިއެވެ. އެއީ ރީނާގެ މާޒީއެވެ.

"ދައްތާ ! އަހަރެން ދެކެނީ ތީ ވަރަށް ގާތް މީހެއްގެ ގޮތުގައި... އަދި މިގެއިން ދާކަށް ވެސް ބޭނުމެއް ނޫން... އަހަރެން ގެ މާޒީ އެނގި ދައްތަ އަހަރެން މިގެއެއިން ނެރެ އެއްލާ ލުމަށް ނޭދޭތީ އެވާހަކަ ދައްކަން ބޭނުން ނުވަނީ.. ވަޢުދު ވާނަންތަ އަހަރެން މިގެއިން ނުނެރެ ބަހައްޓަން؟" ރީނާ ވެސް ކޮއްލީ އަޖައިބުން ފުރިގެން ވާފަދަ ސުވާލެކެވެ. ހައްވާފުޅު ރީނާގެ ކޮންމެ ފަދަ މާޒީއެއް އޮތް ކަމުގައި ވިޔަސް އޭނާ ނިކަމެތި ނުކުރުމަށް ވަޢުުދުވިއެވެ. އޭނާ ދެކޭގޮތުގައި ވެދިޔަ ކަމެއްގެ ސަބަބުން ހަނގުރާމަ ކުރުމަށް ވުރެ ކުށަކަށް އަރައިގަނެވިފައިވާ ނަމަ ތައުބާވުން މާ ރަނގަޅެވެ.

ރީނާ އޭނާގެ ހިތި ހަގީގަތް ކިޔައިދޭން ފެށިއެވެ. ދުވަހަކު ވެސް ހުޅުވާނުލުމަށް ބޭނުންވި ހަޔާތުގެ ސަފްޙާތައް ނިއުޅާލިއެވެ. ރީނާ އަކީ ގ.ދ ގައްދޫ މުއްސަނދި އާއިލާއެއްގައި ހުރި ހަމަ އެކަނި ދަރިފުޅެވެ.ރަށު ކަތީބު އަލިމަނިކުފާނާއި ރުގިއްޔާ ގެ ލޮލުގެ ނޫރެވެ. ކުޑައިރުއްސުރެ މައިންބަފައިން ގެ ހިޔާވަހިކަމުގައި އުޅެ ބޮޑުވީ ވަރަށް ވެސް އުފާވެރިކޮށެވެ. ހިތާމައަކީ އޮންނަ އެއްޗެއްކަން ވެސް ރީނާ ނުދަނެއެވެ. ހަފަރާތުން ފެންނަމުން ދިޔައީ ލޯތްބެވެ. އަރާމާއި އުފަލެވެ. ބޭނުން ވަގުތަކު ބޭނުން ތަކަށް ދިޔުމަކަށް ހުރަހެއް ނެތެވެ. މައިނަބަފައިން ތިބީ އެހާވެސް ދޫދީފައެވެ.

ރައްޓެހިންނާއެކު ކުޅިވަރު ކުޅުމާއި ރަށްރަށަށް ދިޔުމުގެ ހުއްދަވެސް އޭނާއަށް އޮވެއެވެ. އެހެން ކަމުން ކައިރި ރައްރަށަށް ޕިކުނިކު ދިޔުމަކީ އޭނާގެ އާދައެކެވެ. އޭނާގެ ދިރިއުޅުމަށް ފުރަތަމަަ ލޮޅުން އެރީވެސް އެފަދަ ދަތުރަކުންނެވެ. އެއީ އޭނާ ގެ ލޯބީ ގެ ފެށުމެވެ.

ނަވާޒް އާއި ބައްދަލުވީ ފަޅުރަށުންނެވެ. ރީތި ހިތްހެޔޮ ޒުވާނެކެވެ. ގ.ދ އަތޮޅަށް ފޮނުވާފައި ހުންނަ އައްޑޫ އަށް ނިސްބަތްވާ ޒުވާން ފުލުހެކެވެ. ގައިގެ ކުލަ ދޮން ،އިސްކޮޅުން ދިގު ބައިމަތި ފުޅާ ޒުވާނެކެވެ. އެއީ އޭނާ ދެކެމުން އައި ހުވަފެނުގެ ރަސްގެފާނު ފަދަ މީހަކަށް ވިއެވެ. ކޮން ރަށަކު އުޅޭ ކާކުތޯ ވެސް ބެެލުމެއް ނެތި ރަހުމަތްތެރި ވެ ވާހަކަ ދައްކަން ފެށިއެވެ. އެ ގޮތްނޭގޭ ޒުވާނާ އަށް ލިބިފައިވާ ރީތިކަމާ އެއްވަރަށް އޭނާގެ ބަސްމޮށުން ތެރިކަން ވެސް މީހުންގެ ހިތް ދަމައިގަނެވޭނެ ފަދަ ބާރެއް ހުރެއެވެ. ހިނިތުންވުފައި ހުންނައިރު ހުންނަ ހިތްގައިމުކަމުން ބަލާލި ކޮންމެ އަންހެން ކުއްޖަކުވެސް އޭނާގެ ދަލުގައި ޖެހިދާނެއެވެ. އެހާވެސް ރީއްޗެވެ. ރީނާއަށް ވެސް ވީ އެހެންނެވެ.ރީނާމެންގެ ރަހުމަތްތެރިކަމުގައި އިޝްގީ ލޯބީގެ ކުލަ ޖެހެން މާގިނަ ދުވަސްތަކެއް ނުނެގިއެވެ.

ދުވަހަކަށް ފަހު ދުވަހެއް މާޒީގެ ތެރެއަށް ގެއްލެމުން ދިޔައެވެ. ފަޅުރަށަށް ދަތުރު ނުދާ އެއްވެސް ހަފްތާބަންދެއް ނެތެވެ. ނަވާޒް ވެސް ކޮންމެ ހަފްތާ ބަންދަކު އެރަށަށް ދެއެވެ. ދެހިތް ވަނީ ލޯބީ ގެ ދަލުގައި ޖެހި ހައްޔަރުވެފައެވެ. މައިންބަފައިންނަށް ރޭކާވެސް ނުލާނެ ފަދަ ގޮތަކަށް ލޯބީ ގެ މާފޮޅުވުންތައް ކުރިޔަށް ދިޔައެވެ. ދޮންވެލި ގޮނޑު ދޮށުންނާއި ފަން ޖިފުޓި ތަކުންނެވެ. ދުވަހަކު ވެސް ވަކި ނުވުމަށް އެތައް އަހުދެއް ވަމުން ލޯބީގެ ކަނޑުގައި ދެހިތް ޣަރަގުވަމުން ދިޔައެވެ. ހައްދެއް މިންގަނޑެއް ނެތިއެވެ.ފަހުން ވެދާނެ ގޮތަކަށް ވިސްނާލުމެއް ، ޚިޔާލެއް ފިކުރެއް ނެތެވެ. ޒަވާޖީ ގުޅުމަކަށް ރީނާ އެދޭ ކޮންމެ ފަހަރަކުވެސް ނަވާޒު ބުނަމުން ދިޔައީ އެފަދަ ޒިންމާއެއް ބޮލުގައި އެޅޭނެ ހާ ތަނަވަސް ކަމެއް އޭނާގެ ނެތް ވާހަކައެވެ. ވަޒީފާގައި ފައި ހަރުލުމަށްފަހު ހަމަ ޖެހިގެން ކައިވެންޏަކަށް ދާނެ ކަމުގެ ވާހަކައެވެ.ރީނާ ވެސް ހިތުގެ އަޑިން އެކަން ޤަބޫލުކުރިއެވެ.

ރީނާގެ ހަޔާތަށް މީހެއްގެ އެސްފީނާ ޖެހުނު ފަދައެވެ.ރަށުގައި ބޭއްވުނު ފުލުހުން ގެ ޓްރެއިނިން އެއްގައި ނަވާޒް ބައިވެރިވިއެވެ. ޓްރެއިނިންގް ތެރޭގައި އޮތް ފެތުމުގައި ބައިވެރިވެ،ފަތާފައި ދަނިކޮށް ފިޓް ޖެހި، އަޑިޔަށް ގޮސް، ކުއްލިގޮތަކަށް މިދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ. ރީނާ ވެސް ކުޅި ބަލަން ގޮސްފައި ހުރުމުން ސިފައިންގެ ބޭކަލުން ނަވާޒު ސަލާމަތް ކުރަން ކުރި މަސައްކަތް ހަމަލޮލުން ފެނުނެވެ. ނަވާޒު ގެ ފުރާނަނެތް މަސްގަނޑު އެއްގަމަށް އެރުވުމާއެކު ރީނާ ހޭނެތިގެން ވެއްޓުނެވެ. ރީނާގެ ހިތަށް ކެތް ނުކުރެވުނީއެވެެ.

ރީނާ ލޯ ހުޅުވާލުމާއެކު ފުންމާއިގެން ތެދުވިއެވެ. ދެފައިގައި ހުރި ބާރެއް ލާފައި ދުއްވައިގަތީ މަގޭ ނަވާޒޭ ގޮވަމުންނެވެ. އަތުގައި ގުޅާފައި ހުރި އައިވީ ފުޅި ވެސް އަމިއްލަޔަށް އުފުރާލާފައެވެ. ރީނާއަށް ނުކުމެވުނީ ކަންދިމާ ކުރިގޮތުން އެމްބިއުލާންސް ނަވާޒުގެ މަސްގަނޑު އަރުވައިގެން ނައްޓާލި ވަގުތުގައެވެ. އެމަންޒަރު ފެނުމާއެކު ދެފައި ވާވެފައިވާ މީހެއްފަދައިން ބިންމައްޗަށް ތިރިވިއެވެ. ރީނާގެ ހިތްފަޅައިގެން ދިޔައެވެ. ގުނާ އަދަދު ނުކުރެވޭހާ ލޯތްބާއި އުފާދީފާ، ކުއްލިގޮތަކަށް ލޯބިވެރިޔާ ވަކިވީ އެވެ.ރީނާ ގާތު ބަހައްޓާފައި ހުރި މަސައްކަތު މީހާ ވެސް ރީނާ ފަހަތުން ބޭރަށް ނުކުތެވެ.ރީނާ ގައިގައި ބާރަށް ހިފެހެއްޓުމަށް ފަހު އަވަހަށް ގެޔަށް ފޯނުކޮށްފައި ރީނާގެ މައިންބަފައިން ގެނައެވެ. މައިންބަފައިންނަށް ރީނާގެ ލޯބި ފަޅާ އެރީއެވެ. ބުޅާ ގޯނިން ބޭރުވީއެވެ.ރީނާ ގެ ލޯބީގެ ގަނޑުވަރު ކުއްލިގޮތަކަށް ކުދިކުދިވެ ބީމާ ހަމަވިފަހުންނެވެ.

ނަވާޒުގެ މޫނުވެސް ރީނާއަކަށް ފެނުމުގެ ނަސީބެއް ނުލިބުނެވެ. ނަވާޒުގެ މަސްގަނޑު އޭނާގެ މަންމަގެ އެދުމުގެ މަތިން ރަށަށް ފޮނުވާލީއެވެ. ރޮއިރޮއި ހިތާމަ ކުރުމުގެ ސަބަބުން ސިއްޙީ ހާލަތު ދަށަށް ގޮސް އެތައްފަހަރަކު ހޮސްޕިޓަލުގައި އެނދުމަތި ކުރަން ޖެހުނެވެ. އާއިލާގެ ލޯތްބާއި އަޅާލުން އިންތިހާއަށް ލިބުމާއެކު ވެސް ހިތާމަތަކަށް ލުޔެއް ލިބޭގޮތެއް ނުވިއެވެ. އެންމެ ފަހުން ނަފްސާނީ މާހިރެއްގެ ލަފަޔާއެކު ، ކައުންސިލިން ވެސް ދޭން ޖެހުނެވެ.

އޭގެ ތިން ހަފްތާ ފަހެވެ. ރީނާގެ ރިހޭފައި މައްޗަށް ފޮއެ ވެއްޓިއްޖެއެވެ. ރަށްމެދަށް ބަލިވެ އިނީއެވެ. އެއީ ވަކިވުމުގެ ކުރިން ނަވާޒް ދިން އެންމެ ފަހުގެ ހަދިޔާއެވެ. އެލޯބީގެ ނިޝާނެވެ. ދެމީހަކު އެކަހެރި ވެއްޖެނަމަ ތިންވަނަ ފަރާތެއްގެ ގޮތުގައި ޝައިތާނާ ވާނެޔޭ ބުނޭ ނޫން ހެއްޔެވެ؟ ރީނާ މެންނަށް ވެސް ފާފައަކަށް އަރައިގަނެވުނީ އެވެ. ފަހުން އެކަމާ ހިތާމަކޮށް ތައުބާ ވެ އެކުށް ތަކުރާރު ނުކުރުމަށް އަޒުމް ކަނޑައެޅި ވެސް މެއެވެ. އެހެނަސް ތަގްދީރު ގައި އެ ކަންތައްތައް ސިއްރު ވާންނެތީ ކަންނޭގެއެވެ. މައިންބަފައިނަށް އެ ބޮޑު ސިއްރު ފަޅާއެރުމާއެކު ގެއިންނެރެ އެއްވެސް ރަހުމެތް ނެތިމަގުމައްޗަށް އެއްލާލިއެވެ. މުޅި ދުނިޔެއަށް ގިނަކޮށްލީއެވެ. އެމީހުން ގެ އަބުރަށް ހުތުރު އެރުވި ދަރިޔަކު ލޮލަށް ފެންނަން ވެސް ބޭނުން ނުވާތީއެވެ. މުޅި ރަށަށް ބަދުނާމު ވުމުން ރީނާ ރަށް ދޫކޮށް ފުރައިގެން އައްޑުއަށް އައީ ނަވާޒް ވަޅުލެވުނު ފަސްގަނޑު ގައި ދިރިއުޅުން ވޭތުކުރުމަށްޓަކައެވެ.

ރީނާއަށް ގިސްލެވެމުން ދިޔައެވެ. ދެއަތުން ބޮލުގައި ހިފަހައްޓައިގެން ރޮމުން ދިޔައެވެ. ހައްވާފުޅުގެ ހާލަކީ ވެސް މިއީއެވެ. ރީނާއާއި މެދު ހަމްދަރުދީ ވެގެން ކަންނޭގެއެވެ. އަނގައިން ނުބުނެ އިރުކޮޅެއް ފަހުން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. މާގިނައިރުތަކެއް ނުވެ ރީނާ ގެ ކުރިމަތީގައި ފޮޓޯ ފްރޭމެއް ބަހައްޓަމުން ހައްވާފުޅަށް އަހައިލެވުނެވެ. ތިޔަބުނާ ނަވާޒަކީ މީ ހެއްޔެވެ؟ ރީނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

"ހަ.. ހައްވަތާ! ނަ.. ނަވާޒް... މަގޭ ނަވާޒް.." ތުރުތުރު އަޅާހާލުގައި ރީނާ ފޮޓޯގަނޑުގައި ބައްދައިލިއެވެ.

" ދަރިފުޅާ... ދެން ހައްވަތަ ކިޔާނެކަމެއް ނެތް... މިއީ މަންމަ..... ހުޔާމް ގެ މާމަ ... އާނ މީ ނަވާޒް ގެ މަންމައަކީ.... " ހައްވާފުޅު ބަޑިފަޅައިގެން ދިޔައެވެ. "ތިއީ ކުރިން އަހަރެން ގާތްތިމާގެ ކުއްޖެއް ފަދައިން ބެލި ކުއްޖެއް.. މިއަދަށްފަހު ތިއީ މަގޭ ދަރިޔެއް! މިއީ ކޮންފަދަ ރޭވުމެއް! ކިހާބޮޑު އިއްތިފާގެއް!"ހައްވާފުޅަށް ކިޔޭ ނުކިޔޭއެއް ވެސް ނޭގެއެވެ. ރީނާ ހައިރާންކަމާއެކު ހައްވާފުޅަށް ކަޅި ޖަހާނުލާ ބަލަން އިނެވެ. ބަސްހުއްޓިފައެވެ. ކަންފަތަށް އިވެމުން ދިޔަ އަޑުތަކާއި ފެންނަ މަންޒަރުތައް ގަބޫލު ނުކުރެވިފައެވެ.ތަގުދީރު ގެ ރޭވުން ކިހާ ފުރިހަމަ ހެއްޔެވެ؟

"މަންމާ! ރީނާ ހައްވާފުޅުގައިގައި ބައްދާލިއެވެ. އޭރުވެސް ރީނާގެ ލޮލުން ކަރުނަ ތިކިތައް ފައިބަމުން ދިޔައެވެ. އެހެނަސް އެއީ އުފާވެރި ކަރުނައެވެ.

"ދަރިފުޅާ! ދެން ހުއްޓާލާ ! މިހާރު ވާވަރު ވެއްޖެ! ހައްވާފުޅު ރީނާގެ ލޯ ފޮހެލާފައި ބުނެލިއެވެ. އެވަގުތު ގޭތެރެއިން ހުޔާމް ރޯންފެށީއެވެ.

ދެމައިން އެއްފަހަރާ ދުއްވައިގަތެވެ. ކުޑަ ކުޑަ ހުޔާމް އޮތީ ކައިރީގައި ބަހައްޓާފައި ހުރި ފުށްތަޅު އެނދުމަށްޗަށް ވައްޓާލައިގެންނެވެ. "ތީ ހަމަ ނަވާޒް! އޭނަވެސް ކުޑައިރު ވަރަށް މިކަހަލަ ކަންތައް ކުރާނެ! "ހައްވާފުޅު ލޯތްބާއެކު ބުނެލިއެވެ. ރީނާވެސް އަވަހަށް ދަރިފުޅު އުރާލިއެވެ.ނަވާޒް ގެ އެ ދަރިފުޅު ވީ އޭނާގެ އެކަނިވެރި މަންމަޔަށް ލިބުނު ހިތް އުފާވެރިކަމަކަށެވެ. ރީނާ ބުނެލިއެވެ. މަންމާއެވެ. ވަކިވުމުގެ ކުރިން ނަވާޒް މިދިނީ ކިހާ ހަންހާރަވެތި ހަދިޔާއެއް ހެއްޔެވެ؟

ކޮމެންޓް 0