3

މިއަދަކީ އަނެއްކާވެސް އަހަރެންގެ ބަންދުގެ 15 ދުވަސް ހަމަވެގެން މުއްދަތު ޖެހުމަށް ކޯޓަށް ގެންދާނެ ދުވަހެކެވެ. އަހަރެންނަށް ޖަލުގެ ތޭރިތަކުގެ ނިވަލުގައި ހޭދަވާ ކޮންމެ ސިކުންތެއްވެސް ހީވަނީ ޤަރުނެއް ހެންނެވެ. އެހާވެސް ދުވަސް ދިގުހެން ހީވެއެވެ. ވަށައިގެންވަނީ ކަނު އަދިރިކަމެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން އަހަރެން މިއަދުވެސް ކޯޓަށް ގެންދާ ވަގުތު އަހަރެންގެ މަންމައާއި ބައްޕަވެސް އެތަނުގައި ތިބޭނެއެވެ. އަހަރެންގެ ރައްޓެހިންވެސް ކޯޓު ކައިރީގައި ތިބޭނެއެވެ. އެނޫން އުފަލެއް މިއަދު އަހަރެންނަކަށް ނުލިބެއެވެ. އަހަރެންނަށް މިހާރު އަބަދުވެސް އިންތިޒާރު ކުރެވެނީ މިވަގުތަށެވެ. އަހަރެންވެސް ދުނިޔޭގައި ރަނގަޅު މީހެއް އުޅޭގޮތަށް އުޅެން ބޭނުމެވެ. އަހަރެން ފުން ޚިޔާލެއްގެ ތެރެއަށް ޣަރަޤުވެގެން ދިޔައެވެ.

އެއީ މީގެ 2 އަހަރު ކުރިއެވެ. އަހަރެން ކިޔަވަމުން ދިޔައީ ރާއްޖޭގެ ނަން މަޝްހޫރު ސުކޫލެއް ކަމުގައިވާ މަޖީދިއްޔާ ސުކޫލުގެ ގުރޭޑް 10 ގައެވެ. އަހަރެންގެ ބައްޕައާއި މަންމަވެސް އަހަރެންނަށް ވަރަށް ރަނގަޅެވެ. އަހަރެން ކުރާ ހުރިހާ ކަމެއްވެސް ވަރަށް ގާތުން ބަލާނެއެވެ. ހިތްވަރު ދޭނެއެވެ. ބޭނުންވާ ކޮންމެ އެއްޗެއް ހޯދައިދޭނެއެވެ. އަހަރެންގެ ބައްޕައަކީ ސަރުކާރުގެ މަތީ މަޤާމެއްގައި ވަރަށް ބުރަކޮށް މަސައްކަތް ކުރާ ޒިންމާދާރު ބައްޕައެކެވެ. މަންމައަކީވެސް އެފަދަ ޒިންމާދާރު މަޤާމެއް އަދާކުރާ ކިޔަވައިގެން ހުރި މީހެކެވެ. މަންމަ ވަޒީފާއަށް ދާން ފެށީ އަހަރެން ގުރޭޑް 8 ކަށް ދިޔަ ފަހުންނެވެ. އަހަރެންނަށް އެކަނި އުޅެވޭވަރު ވުމުންނެވެ.

މަންމައާއި ބައްޕަގެ ހެޔޮކަމުގެ ފައިދާ އަހަރެންނަށް ނެގުނީ އެންމެ ރަނގަޅަކަށް ނޫނެވެ. ބައެއް ފަހަރު ޓިއުޝަނަށް ފޮނުވުމުން ދަނީ ރައްޓެހިންނާއެކު ގުރޫޕް ހަދާފައި ޕާކުތަކަށެވެ. އެތަނުގައި ގުރޫޕް ހަދައިގެން މަޖާކުރާށެވެ. އެކަން ބަލާނެ މީހަކު ނުހުންނާނެއެވެ. އަހަރެންނަށް މަންމައާއި ބައްޕަ ވަރަށް އިތުބާރު ކުރާނެއެވެ. އެއީ ދުވަހަކުވެސް އަހަރެން ގޯސްކޮށް އުޅެފައި ނުވާތީއެވެ.

އާއްމުކޮށް ޕާކުތަކަށް ގޮސް އުޅުނު ކަމުގައި ވީނަމަވެސް މަންމައާއި ބައްޕަ އޮފީހުން ގެއަށް އަންނަން ވާއިރަށް އަހަރެން ގެއަށް ދަމެވެ. ދުވަސްތައް އެގޮތުގައި ވޭތުވަމުން ދާ ވަރަކަށް އަހަރެންގެ ނަތީޖާއަށް އެކަމުގެ އަސަރު ކުރަން ފެށިއެވެ. އެކަމާ މަންމައާއި ބައްޕަ ވެސް ވަރަށް ކަންތައް ބޮޑުވިއެވެ. އެކަން ރަނގަޅު ކުރުމަށް ކުރަން ޖެހޭ ކަންކަމާމެދު މަޝްވަރާ ކުރެވުނެވެ. އަދި އަހަރެންނަށް އުނދަގޫ ނުވާނޭހެން ފިޔަވަޅުތައް އެޅިއެވެ. އަހަރެންނަކީ މޮޅު ކުއްޖެއްކަމުން އެފިޔަވަޅުތަކުގެ ސަބަބުން ނަތީޖާ ރަނގަޅުވެގެން ދިޔައެވެ. ނަމަވެސް ކުރިއެކޭ އެއްފަދައިން އަހަރެން ޕާކުތަކަށް ގޮސް އުޅެމުއެވެ. އަހަރެންގެ މިއުޅުމަށް ކުޑަނަމަވެސް ބަދަލެއް ނުގެންނަމެވެ. މަންމަމެންނަށް ކަނޑެއްކަމެއް ފަޅެއްކަމެއް ނޭންގޭހާ މޮޅަށް އަހަރެން ބޭނުންވާހާ ކަމެއް ކޮށްލަމެވެ.

އަހަރެންނަކީ މަންމަމެންގެ ބަސް އަހާ ކުއްޖާއެވެ. މަންމަމެން ބޭނުންވާ ގޮތަށް ބޯކޮށަމެވެ. ފުނާއަޅަމެވެ. ހެދުން އަޅަނީވެސް މަންމަމެން ބޭނުންވާ ގޮތަށެވެ. ފެންނަ ތަނުގައްޔާއި ނުފެންނަ ތަނުގައިވެސް މަޑުން ހުންނަމެވެ. ހަޤީޤަތް ރަނގަޅަށް ނޭންގޭ މީހަކަށް އަހަރެންނަކީ ހާދަހާވާ ބަސްއަހާ ކުއްޖެކޭ ބުނާފަދަ ގޮތަކަށެވެ. ބޭރު ފުށުން އަހަރެންމީ އަލިފެއްހާ ސާފު ތެދު ކުއްޖެކެވެ. ނަމަވެސް އަހަރެންނަކީ އެފަދަ ކުއްޖެއް ނޫނެވެ. ހިސާބަކަށް ނަމަވެސް ގޯސް އަމަލުތައް ކޮށް އުޅެމެވެ.

އާދައިގެ މަތިން އަހަރެން ޓިއުޝަނަށް ނުގޮސް ރައްޓެހިންނާއެކު ޕާކުތަކަށް ދަމެވެ. މިހެން އުޅުމުގެ ތެރޭގައި ނުބައި ޢަމަލުތައް ކުރެވެން ފަށައިފިއެވެ. އަހިވަކާއި ޖެހި އަހިވަށް ފާވާކަށް މާ ގިނަ ދުވަހެއް ނުނެގިއެވެ. ރައްޓެހި ކުދިން ކުރާ ކަންކަން ކުރެވެން ފަށައިފިއެވެ. ކުދިކުދި ކަންކަން ކަމަށް ދެކިގެން ކުރަން ފެށުނު ކަންކަން އޭގެ ކުންނަށް ވާސިލުވުމަށް މާ ގިނަ ދުވަހެއް ނުނެގިއެވެ. މަގުމަތިން ދާ މީހުންނާއި ފޮށެމުން ގޮސް ހައްދު ފަހަނަ އަޅާދިޔައެވެ. އެގޮތުން ރާބުއިމާއި މީހުންއަތުން ސަޅިކޮށް ފޭރުމަކީ ކުރެވުނު ކަންކަމެވެ. އެހެންނަމަވެސް އަހަރެން މަންމަމެންނަކަށް އަހަރެން އެތަނަށް ދާކަމެއް، ގޯސްކޮށް ކަމެއް ކުރާކަމެއް ނުވެސް އެނގޭނެއެވެ. އެހެންނަމަވެސް އެއްދުވަހަކު މަންމައަށް ކުޑަކޮށް ޝައްކުވީހެންވެސް ހީވެއެވެ. އެދުވަހު ރާބުއިމުގެ ސަބަބުން ކޮޅަށް ނުހުރެވިގެން ގެއަށް ގޮސް އޮށޯއޮތީމެވެ. ރާ ބޮވުނުލެއް ގިނަކަމުން ހިރިވެސް ނުލެވިގެންނެވެ. މުޅި ދުނިޔެ އެނބުރެނީއެވެ. ހޮޑުލެވުނު އަދަދެއްވެސް ނޭންގެއެވެ. މަންމަ އޮފީހުން ގެއަށް އަންނަން ވާއިރަށް ރަނގަޅުވޭތޯ ނިދާލުމަށް، ޖައްސާލުމުން އެދުވަހު ރަނގަޅުވާ ގޮތެއް ނުވިއެވެ. އެހާލުގައި ނުނިދި އުޅެނިކޮށް މަންމަ އޮފީހުން އަތުވެއްޖެއެވެ. އަހަރެން ފެނިފައި މަންމަ ހުރީ ވަރަށް ކަންތައް ބޮޑުވެފައެވެ. މަންމަ އަހަރެން ގޮވައިގެން ވަގުތުން ހޮސްޕިޓަލަށް ދާން ބޭނުންވިއެވެ. މަންމަ، ބައްޕައަށް ފޯނުކޮށްފައި އަހަރެންނަށް ވެގެން އުޅޭގޮތުގެ ވާހަކަތައް ކިޔައިދީފިއެވެ. އެހެންނަމަވެސް އަހަރެން ހޮސްޕިޓަލަށް ދިޔުމަށް އިންކާރު ކުރީމެވެ. ހޮސްޕިޓަލަށް ގޮސްފިނަމަ ވެގެން އުޅޭގޮތް ފަޅާއަރާނެތީއެވެ. މާގިނައިރު ފިލާވަޅުތައް ހަދަން އިނުމުން ވީގޮތެކޭ ބުނެ މަންމައަށް ހަޤީޤަތް ރަނގަޅަށް އޮޅުވާލީމެވެ. ހޮސްޕިޓަލަށް ދިޔުމުން އެތައް ވަގުތެއް ބޭކާރުވާނެ ކަމުގައިވެސް ބުނީމެވެ. ނިދާލުމުން ރަނގަޅުވާނޭ ކިޔައި މަންމަ ހިތްހަމަ ޖައްސާލީމެވެ. ބައްޕަ އަންނަން ވާއިރަށް ނިދާލެވޭތޯއެވެ. އެހެން ނުވެއްޖެނަމަ ޔަގީނުންވެސް ހޮސްޕިޓަލަށް ދާން މަޖުބޫރު ވާނެއެވެ. ނަސީބަކުން ބައްޕަ އައުމުގެ ކުރިން އަހަރެންނަށް ނިދިއްޖެއެވެ. ނިދާ ހޭލެވުނުއިރު އަހަރެން މުޅިން ރަނގަޅު ވެއްޖެއެވެ. އަހަރެން ދެން އެހާ ގިނައިރު ފިލާވަޅު ކިޔުމަށް ނުވަތަ ހެދުމަށް ނުއިނުމަށް ބައްޕަ ނަސޭހަތްތެރިވިއެވެ. އަހަރެންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އަހަރެންނަށް ކަމެއް ވެދާނެތީއެވެ. އަހަރެންނަށް ވީގޮތް ބައްޕަ ޑޮކްޓަރަކަށް ކިޔައިދިނުމުން ރައްޓެހި ކުދިންނާއެކު ވަގުތު ކޮޅެއް ހޭދަކޮށްލުން މުހިއްމު ކަމަށް ލަފާދިނެވެ.

އެހެންކަމުން އަހަރެން ކުރިއަށްވުރެ މިނިވަންވިއެވެ. ބޭނުންވެއްޖެނަމަ ބޭނުން އިރަކު ބޭރަށް ދެވެއެވެ. މަންމަމެން ބޭނުންވަނީ އަހަރެން ރަނގަޅު ނަތީޖާއެއް ހޯދާށެވެ. އަހަރެންނަކީ ވިސްނުންތޫނު ތޫނު ފިލި ކުއްޖެއްކަމުން އެކަމަކީ އަހަރެންނަކަށް އުނދަގޫ ކަމެއް ނޫނެވެ. އެކަމާ މަންމައާއި ބައްޕަވެސް ހުންނަނީ އުފަލުން ފޮޅިފައެވެ. މަންމަމެންނަށް ހަޤީޤަތް ނޭންގޭ ހާލު ތިބެނީ އާސުމާނުގައެވެ. އެހެންކަމުން އަހަރެންނަށް ވަރަށް އިތުބާރު ކުރާނެއެވެ.

އެއްދުވަހަކު އާދައިގެ މަތިން ޕާކުގައި އަހަރެން ރައްޓެހިންނާއެކު އުޅުނީމެވެ. ބައެއް ރައްޓެހިން ރާވެސް ބުއެވެ. ވަރަށްވެސް ސިއްރުންނެވެ. އެހެންނަމަވެސް އަހަރެން އެދުވަހު ރަލެއް ނުބޮމެވެ. އެއީ ތަންކޮޅެއް ކުރިން ގެއަށް ދާން ޖެހޭތީއެވެ. ކުރިންފަހަރު ވީގޮތް ހިތަށް އަރާފައެވެ. ގެއަށްދާން ހިނގައިގަންތަނުން ޕޮލިހުން އެތަނަށް އަތުވެއްޖެއެވެ. އެތަނުގައި ބަޔަކު މަސްތުވާ ތަކެތި ބޭނުންކުރާކަމަށް ބަޔަކު ރިޕޯޓް ކުރުމާއި ގުޅިގެންނެވެ. އަހަރެންވެސް ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. އަހަރެން ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންދެވުނުކަން އަހަރެންގެ ބެލެނިވެރިންނަށް އެންގިއެވެ. ވަގުތުން މަންމައާއި އެތަނަށް އައެވެ. ހައިރާންވެ އަންތަރީސްވެފައިވާ ހާލު ބައްޕަ އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. މިވެގެން އުޅޭގޮތް ނޭންގިފައެވެ. ޕޮލިހުން ގާތުން ބައްޕަ ސުވާލުކުރިއެވެ. ޕޮލިހުންގެ ޖަވާބަށް ބައްޕަ ވަގުތުން އިންކާރު ކުރިއެވެ. އެފަދަ ކަމެއް އަހަރެން ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދިނެވެ. މަންމަވެސް އަހަރެން ޓެސްޓް ކުރުމަކާއި ނުލާ އެފަދަ ކުށެއް ނުކުރާނެކަން ޕޮލިހުންނަށް ކަށަވަރުކޮށްދިނެވެ. މަޔަކަށްވުރެ ބޮޑަށް ދަރިން އެހެންމީހަކަށް ނޭންގޭނެއޭ ބުނާފަދައިންނެވެ. އެހެންނަމަވެސް ޕޮލިހުން އެވާހަކަތަކަށް އެއްވެސް ސަމާލުކަމެއް ނުދިނެވެ. އަހަރެންވެސް އެހެން ކުދިންނެކޭ އެއްފަދައިން ޓެސްޓް ކުރެވުނެވެ. ނަތީޖާއިން އަހަރެން ޕޮސިޓިވެއް ނުވިއެވެ. އެހެންކަމުން ވަގުތުން އަހަރެން ޝަރުތުތަކަކާއެކު ދޫކޮށްލެވުނެވެ. ބައްޕަ ހުރީ އަހަރެން ކުށެއްނެތި އެފަދަ ގޮތަކަށް ހައްޔަރު ކުރުމުން ޕޮލިހުން ދެކެ ހިސާބަކަށް ހިތްހަމަނުޖެހިފައެވެ. އެހެންނަމަވެސް ގެއަށް ގޮސް އެތަނަށް ދިޔައީ ކީއްކުރަންތޯ އަހަރެންނާއި ބައްޕަ ސުވާލު ކުރިއެވެ. އަހަރެން އެތަނަށް ދިޔައީ ރައްޓެހި ކުއްޖެއް ބުނެގެން ފޮތެއް ބަލާ ކަމުގައި ބުނެ ބައްޕައަށް ރަނގަޅަށް އޮޅުވާލީމެވެ.

އޭގެ ހަފްތާއެއް ފަހެވެ. އަނެއްކާވެސް ޕޮލިހުންގެ ބެލުމުގެ ދަށަށް އަހަރެން ގެންދެވުނެވެ. ހަމަ ރާބުއިމުގެ މައްސަލައެއްގައެވެ. މިފަހަރު އަހަރެން ރާ ބުއީމެވެ. ސަލާމަތް ވާނެ ގޮތެއް ނެތްކަން އަހަރެންނަށް ޔަޤީނާއި ގާތަށް އެނގެއެވެ. އަހަރެމެން އަތުލައިގަތީ ކުށުގެ ވެށިން އެއްޗެއްސާއި އެކުގައެވެ. އެހެންނަމަވެސް އެކަމަށް ފާޅުގައި އިންކާރު ކުރީމެވެ. މިފަހަރު ބައްޕަމެން އައުމުގެ ކުރިން އަހަރެން ކޯޓަށް ގެންގޮސް ބަންދަށް 15 ދުވަސް ޖެހިއެވެ. އެއީ ހުށައަޅާފައިވާ ކާފީ ހެކިތަކަށް ރިއާޔަތްކޮށް ގާޒީ ކޮށްފައިވާ ހުކުމެކެވެ.

އަހަރެން މިޚިޔާލުގެ ދުނިޔެއަށް ގެއްލިފައި އިންދާ ސިއްސައިގެން ދިޔައީ ޖަލު ބަލަހައްޓާ މީހާ އަހަރެންނަށް ގޮވާލުމުންނެވެ. ޖިޕް އައިސް އޮތް ވާހަކަ އަހަރެން ގާތު އެމީހާ ބުންޏެވެ. އަވަސްކޮށްލައިގެން ޖިޕަށް އަރައިގެން ދިޔައީމެވެ. ޖިޕުން އަހަރެން ފޭބުމާއެކު އަހަރެންގެ ބައެއް ރައްޓެހިން " އިސަންޓޭއޭ " ކިޔާ އަހަރެންނަށް ގޮވާލިއެވެ. އަދި އަތުގެ އިޝާރާތުން އަހަރެންނަށް ހިތްވަރު ދިނެވެ. މަންމައާއި ބައްޕަވެސް އެތަނުން ފެނުނެވެ. އެދެމީހުންގެ މޫނުމަތިން ފެނުނީ މާޔޫސްކަމާއި ވޭނީ ކަރުނައެވެ. މަންމައާއި ބައްޕަގެ މޫނުމަތިން ފެނުނު ހިތްދަތިކަން އަހަރެންނަކަށް ބަޔާންކޮށްދޭކަށް ނޭންގެއެވެ. އަހަރެން ކުރެކިވެފައިވާ އަޑަކުން މަންމައަށް ގޮވާލީމެވެ. ބައްޕަ ހުރީ ކުށްވެރިއެއް ފަދައިން އިސްޖަހާލައިގެންނެވެ. އަހަރެންނަށްޓަކައި އިއްޔެ ފަހުރުވެރިވި ދެމަފިރިން އެތިބީ މިއަދު ދުނިޔޭގެ ލަދަށް އިސް އުފުލާލަން ނުކެރިފައެވެ. އެމީހުންނަށް އަމާޒުވާ މަލާމާތްތަކަށް ދޭނެ ވަކި ރައްދެއްވެސް ނެތި ގޮތް ހުސްވެފައެވެ.

ގާޒީ ކުރިމައްޗަށް އަހަރެން ގެންދިޔުމާއެކު ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް އަނެއްކާވެސް 15 ދުވަސް ބަންދަށް ޖަހައިދިނެވެ. އެއްޗެއް ބުނަން ބޭނުންތޯ ގާޒީ ސުވާލުކުރިއެވެ. އާއެކޭ ބުނުމުގެ ގޮތުން އަހަރެން ބޯޖަހާލީމެވެ. އިއްޒަތްތެރި ގާޒީއެވެ. އާއެކެވެ. އަހަރެން އެތައް ފަހަރަކު ރާ ބުއީމެވެ. އަހަރެން ތިޔަކަމަށް އެއްބަސް ވަމެވެ. ދެނެއް ދޮގެއް ނުހަދާނަމެވެ. މިފަދަ ކުށެއް ދެނެއް ނުކުރާނަމެވެ. މަންމާއެވެ. ބައްޕާއެވެ. އަހަރެންނަށް މައާޕް ކުރާށެވެ. އަހަރެން ބޭނުމީ މިކުރެވުނު ކުށަށް އަދަބު ލިބޭށެވެ. އެއަށްފަހު މަންމަމެން ބޭނުންވި ކަހަލަ ކުއްޖަކަށްވާށެވެ. އަހަރެން މިހެން ބުނުމާއެކު ޝަރީއަތުގެ މަޖުލީހަށް ހާޒިރުވެ ތިބި އެންމެންވެސް ތިބީ ހައިރާންވެ އަންތަރީސްވެފައެވެ. އަހަރެން ކަހަލަ ރީތިކޮށް ހުންނަ މަޑުމައިތިރި ކުއްޖަކު އެފަދަ ކުށެއް ކުރިކަމަށް އަމިއްލައަށް އެއްބަސްވެ އިޢުތިރާފް ވީމައެވެ. އަހަރެންގެ މިއެއްބަސްވުމަށް ރިއާޔަތްކޮށް ދެން އަންނަ އަޑު އެހުމެއްގައި ހުކުމު ކުރާނެކަން އިއުލާނު ކުރުމާއެކު ގާޒީ ދުވަހުގެ ޝަރީއަތް ނިންމާލިއެވެ.

ނިމުނީ

ކޮމެންޓް 0