6

އޮފީހުގެ ފަރާތުން މި ދަތުރު ދާންޖެހެނީ އަޅުގަނޑުކަން އެނގުނުހިސާބުންފެށިގެން ނޭނގޭ ފޮނި އިހުސާސްތަކެއް މި ކުރެވެނީ ކީއްވެގެންކަމެއް ނޭނގެއެވެ. އެނގޭކަމަކީ އާދަޔާ ޚިލާފަށް އުފާވެފައި ހުރެވޭ ކަމާއި އިރުއިރުކޮޅާ ރީތި ރާގެއް އަޅުވައިލެވޭކަމެވެ. ބޮޑު އާބާދީއެއް އޮންނަ އެ އަތޮޅަށް އަޅުގަނޑުވަނީ މީގެ ދިހަ ވަރަކަށް އަހަރު ކުރިން ،ހަތަރު ވަރަކަށް އަހަރު މެދުކެނޑުމެއްނެތި ދަތުރުކޮށްފައެވެ. އޭރުވެސް އަޅުގަނޑު މަސައްކަތް ކުރަމުންދިޔައީ އުނގަންނައިދިނުމުގެ ދާއިރާގައެވެ. އިތުރަށް ކިއަވަން އަޅުގަނޑު ކުރި މަސައްކަތުގެ ތެރޭގައި '' ބްލޮކުމޯޑަށް'' ކިއެވުމަށް ކުރި ދަތުރުތައް ވެގެންދިޔައީ ވަރަށްގިނަ ތަފާތު ތަޖުރިބާ ތަކެއް ކުރުވި ދަތުރުތަކަކަށެވެ.

ދަތުރު ފެށުމަށްޓަކައި ބޯޓަށް އެރުމަށް ފަސިންޖަރުންނަށް ގޮވައިލުމުން ކޮންމެ މީހަކުވެސް އަވަސްވެގަތީ ބޯޓަށް އެރުމަށް ވާންޖެހޭ އެންމެ ފަހުގެ ޗެކިން ނިންމުވައި ފްލައިޓާ ދިމާލަށް މިސްރާބު ޖެހޭތޯއެވެ.

ފްލައިޓުގެ 7 ވަނަގޮނޑިބަރީގެ ފުރަތަމަ ގޮނޑީގައި އިށީނދެ ރަނގަޅަށް ހަމަޖެހިލީމެވެ. އެ އަށްފަހު ދެން ބޭރު ބަލައިލީމެވެ. އުޑުމަތިސާފު ރީތި ދުވަހެކެވެ. އުޑުމަތީގައި އެކި ކޮޅުކޮޅަށް ދެމިފައިވާ ހުދު ވިލާގެ ރޮނގުތަކުން އެމަންޒަރު ބަލާމީހަކު ފޫހި ނުވާނެކަން ކަށަވަރެވެ. އަޅުގަނޑަކީ ޤުދުރަތީ ރީތިކަމަށް ވަރަށްލޯބި ކުރާމީހަކީމެވެ. އެހެންނަމަވެސް މިއަދު އެކަމަކަށް އަޅުގަނޑުގެ ސަމާލުކަމެއްނުދެވުނެވެ. ދެލޯ މަރާލުމާއެކު ދަތުރުދުޢާ ކިޔަން ހަނދާން ނައްތައެއްނުލަމެވެ. އެހެންނަމަވެސް މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަޅުގަނޑުގެ ޚިޔާލު ދަތުރުކުރީ މީގެ ދިހަ އަހަރުކުރިން އަޅުގަނޑު ހެދި ޑިގްރީ ކޯހުގެ ފުރަތަމަ ސެމިސްޓަރގެ ތެރެއަށެވެ.

އެދުވަހަކީ ފުރަތަމަ ސެމްގެ ފެށުނުދުވަހެވެ. ކިޔަވައިދޭނެ ލެކްޗަރަރއިން އަންނަން ހަމަޖެހިފައިވަނީ ކުރިންވެސް އެނގިފައިވާ ގޮތަށް، މާލެއިންނެވެ. އެހެންކަމުން ކުލާހަށްވަންއިރުވެސް، ކިޔަވައިދެއްވާ ލެކްޗަރާއިންގެ ނަންތައް ވަނީ އެނގިފައެވެ. ވަކި ޚާއްސަނަމެއް އޭގެތެރެއަކު ނެތެވެ. މުޅިންވެސް ނުދަންނަ އާ ބޭފުޅުންނެވެ. ކުލާހުގައި ކިއަވަމުން ދިޔައީ ދަންނަ މޫނުތަކާއި ނުދަންނަ ނުރައްޓެހި ކުދިންނެވެ. ރީތިކުދިންނާއި ތަފާތު ހުނަރުން ފުރިފައިވާ ކުދިންތިބިކަން ފުރަތަމަ ގަޑިންވެސް ފާހަގަ ކުރެވުނެވެ.ފުރަތަމަ ލެކްޗަރާގެ ގަޑިތައް ނިމުމަށްފަހު އެރޭ އޮތީ ތަފާތު ލެކްޗަރާއެއްގެ ގަޑިއެވެ. އަޅުގަނޑަކީ އަބަދުވެސް ވަރަށް ގަޑިއަށް ފަރުވާތެރިވާ ކުއްޖަކަށްވުމުން ގަޑިޖެހުމުގެކުރިން އަޅުގަނޑާ،އަޅުގަނޑާ އެއްކޮޓަރިއެއްގައި ތިބޭ އަނެއްދެކުދިން ތިބީ ކުލާސްރޫމަށް ވަނދެއެވެ. ހުރިހާކުދިން ހަމަވެ ، ގަޑިޖެހިގެން ދެތިން މިނެޓްވީފަހުން ސަލާމް ގޮވާލުމަށްފަހު ކިލާހަށް ވަނީ އެގަޑި ނެންގެވުމަށް ހަމަޖެހިފައިވާ ލެކްޗަރަރ އަގީލް އަބުދުއްރަޝީދެވެ. އަގީލަކީ އަޅުގަނޑުގެ ''ޓައިޕެއް'' ނޫނެވެ. އެއީ ފުރަތަމަ ހީކުރެވުނުގޮތެވެ. އިސްކޮޅުން އެންމެ ދިގުމީހެކޭ ނުބުނެވޭނެއެވެ. ކަޅެއްނޫނެވެ. ހެދުންއެޅުން ހަމަ ޢާންމު އެހެންމީހުންނެކޭ ތަފާތެއްނެތެވެ. އެހެންނަމަވެސް ދުވަހަކުވެސް އަޤީލް ޓީޝާޓް ލައިގެން ކުލާހަށް އައި ހަނދާނެއް ނެތެވެ. ޓީޝާޓް ނުލިޔަސް ޢަގީލް ފާހަގަވަނީ އެހެން ލެކްޗަރަރ އިންލައި އުޅޭގަމީހާ ތަފާތުވައްތަރުގެ ގަމީސްލާ މީހެއްގެ ގޮތުގައެވެ. ތަންކޮޅެއް މާބޮޑު، މާގަމީސް އެއީ އަގީލްގެ އެންމެ ހިތްގައިމު ވައްތަރުކަންނޭގެއެވެ. ދުވަހަކުވެސް ގަމީސް ދަށަށް ޖަހާ ބެގީ ކޮށްގެން ހުއްޓާވެސް ނުދެކެމެވެ. އަދި ހަމަމިއާއެކު އަބަދުވެސް އޭނާ ފެންނާނީ ވަރަށް ތާޒާކޮށް ނަލަކޮންނެވެ.

އަޅުގަނޑަށް ފުރަތަމަ ނަޒަރުންވެސް އަޤީލް ފާހަގަވެ ޝައުގުވެރިވީ ، ހީލުމުން ކޮލުން ފާޅުވި އަޑިކޮޅު ފެނުމުންނެވެ. ފުރަތަމަ ފަހަރުންވެސް އެ ހިތްގައިމު ހިނިތުންވުން އެތައް ސިކުންތަކަށް ދެމިގެން ދިއުމަށް އެދެވުނީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ.

ފުރަތަމަ ކަމަކަށްއޮތީ ދެ ފަރާތުން ތަޢާރުފުވުމެވެ. އަޅުގަނޑު ތެދުވެފައި ، އަޅުގަނޑުގެނަން ބުނި ވަގުތަކީ މޭޒުމަތީ އޮތް އަގީލްގެ ފޯނަށް ،ފޯނެއް އައިސްގެން އެއަށް ނަޒަރު ހުއްޓި ވަގުތެވެ. އެހެންނަމަވެސް ފޯނު ނިއްވާލުމަށްފަހުއަލުން ތަޢާރުފުވުމަށް އެދުނެވެ.

'' އަޅުގަނޑަކީ އަޔާން '' . އަޅުގަނޑު އެހެން ބުނެލީ ދެވަނަ ފަހަރު ނަންކިޔަންޖެހުނީތީ ހިތްހަމަނުޖެހި ހުރި ރާގެއްގައެވެ. އެއްވެސްތަފާތުކަމެއް އަގީލްގެ ފަރާތަކުން ފާހަގައެއްނުވެއެވެ. އެހެންނަމަވެސް ފާހަގަވީ އެއްކަމަކީ އަގީލްގެ ގަޑިއަކީ މައުލޫމާތުންފުރިގެންވާ ޝައުގުވެރި ދަންފަޅިއެއްކަމެވެ. ހުރިހާ ކުދިންނަށްވެސް ހީކުރެވިފައިވާގޮތާޚިލާފަށް އެގަޑިވީ މަޖާ އެހެނަސް ބޭނުންވި ވަރަށް މާއްދާއާއި ގުޅޭ މައުލޫމާތުލިބުނު ގަޑިއަކަށެވެ. މީގެ އިތުރުން އަޅުގަނޑަށް ފާހަގަ ކުރެވުނު އެއްކަމަކީ އެހެންކުދިންނާ ސުވާލުކުރާ ވަރަށްވުރެ ގިނައިން އަގީލްގެ ސުވާލުތައް އަޅުގަނޑަށް އަމާޒު ވިކަމެވެ. އަދި ހަމަ ސީދާ އަޅުގަނޑުގެނަމުން އެތައްފަހަރަކު އަގީލު ގޮވިކަންވެސް ފާހަގަ ވިއެވެ. އެއްވެސް ކުއްޖަކަށް މިކަން ފާހގަ ނުކުރެވުނީ އަޅުގަނޑަކީ ހުރިހާ ގަޑިއެއްގައިވެސް އެންމެ ގިނައިން ޓީޗަރުންނާ ސުވާލު ކުރިމަތި ކުރުވާ އަދި ފިލާވަޅުތަކުގައި އެންމެ ބޮޑަށް ބައިވެރިވާ ކުއްޖާ ކަމަށްވާތީ ކަމަށް ވެސް ވެދާނެއެވެ. އަގީލް ގޮވާލި ކޮންމެ ފަހަރަކު ، އޭގެ ކުރިން ނުކުރާ ފާޑުގެ އިހުސާސްތަކެއް ކުރިކަން ކަށަވަރެވެ.

ގަޑި ނިމުނީ އެކަމަށް އަޅުގަނޑު އެދިގެންއިންދައެއްނޫނެވެ. އެހެންނަމަވެސް ގަޑި ނިމުމުން ހުރިހާކުދިންވެސް ގެއަށްދާން ތައްޔާރުވަމުން ދިޔަވަގުތު އަޅުގަނޑުވެސް ގޮނޑިންތެދުވެ ގެންގުޅޭފައިލަށް ގަނޑުތައް ލާން ހުރެފައި އަގީލް ކޮބާތޯ ބަލާލީމެވެ. އަޅުގަނޑު ދިޔައީ ސިއްސައިގެންނެވެ. އަގީލްއާ ހަތަރުކަޅި ހަމަވި ވަގުތު އަޅުގަނޑުތުރުތުރު ލައިގެން ދިޔައެވެ. ހިތް އޭގެ މަގާމުން ފުންމާލިހެން ހީވިފަހަރެއްވެސް އައެވެ. އަޅުގަނޑަށް އިސްޖަހާލެވުނީ ބޭއިޚުތިޔާރުގައެވެ. އޭގެ ފަހުން އެރޭ އަގީލްއާދިމާއަށް ބަލާލާކަށް އަޅުގަނޑަކަށްނުކެރުނެވެ. ގެއަށް އައުމަށްފަހު އަގީލްގެ ޚިޔާލުއައިސް ވަށާލީ ނިދަން އޮށޯތުމުންނެވެ.

އަޅުގަނޑަކީ މީހެއްގެ އަންބަކީމެވެ. ދެކުދިންގެ މަންމަ އަކީމެވެ. އެންމެ ޒުވާން އުމުރު ނޫނަސް ދެކުދިންގެ މަންމަ އެކޭ ބުނާ ވަރަށްވުރެ އަޅުގަނޑުގެ ހަށިގަނޑު ޒުވާންވެފައި ފިރިހެނުން ހިތްކިޔާގޮތް ހުންނަކަން އެއީ އަޅުގަނޑުވެސް ދަންނަކަމެކެވެ. އެހެންނަމަވެސް ހަށިގަނޑުގެ ރީތިކަމުގެޖާދޫގައި އެހެންމީހުން ޖެއްސުމަކީ އަޅުގަނޑު އެއްއިރެއްގައިވެސް ކުރިކަމެއްނޫނެވެ. އެކަމަކަށް އެއްވެސް ޝައުގުވެރިކަމެއްވެސް ނުހުރެއެވެ.

އަޅުގަނޑުގެ ކުދިންގެ ބައްޕައާ އަޅުގަނޑުކައިވެނިކުރީ ހިތުން ރުހުމުން ރަނގަޅު ދިރިއުޅުމެއް ބިނާކުރުމުގެ ނިޔަތުގައެވެ. އަޅުގަނޑުމެން ދެމީހުންނަކީވެސް މީހުން ޤަދަރުކުރާ ވަޒީފާތަކުގައި ފެށުނީއްސުރެ އުޅެމުން އަންނަބަޔަކަށްވުމުން ގިނަބަޔަކު އަޅުގަނޑުމެން ދެމީހުންވެސް ދަނެއެވެ. ފިރިމީހާއަކީ ވަރަށް '' ކޫލް '' މީހެކެވެ. ފިރިއެއްގެ ލޯތްބާ އަޅާލުމަކީ ،ކިތަންމެ ބުރަ ދިރިއުޅުމަކަށްވެސް ވަރަށް މުހިންމު އެއްޗެއްކަން ނުދަންނަ ފިރިއެކެވެ. އެހެންނަމަވެސް މީހުން ގަބޫލުކުރާގޮތުގައި އަޅުގަނޑުމެންނަކީ ނަމޫނާ ދެމަފިރިންނެވެ. ކަންމިހެންއޮތަސް ދުވަހަކުވެސް ފިރިމީހާއަށް ބޭވަފާތެރިވުމަކީ އަޅުގަނޑު އެންމެ ނުކުރާނެކަމެވެ. ވީއިރު އަޤީލް އާދޭތެރޭ މިގޮތަށް މިވިސްނެނީ ކީއްވެހެއްޔެވެ؟ މިޚިޔާލުތަކެއްގައި އޮތްވާ ނިދުނު އިރެއްވެސް ނޭގެއެވެ. ހޭލެވުނީ ކޮޓަރީގައި ނިދަންތިބި އަނެއް ދެކުދިން ފަތިސްނަމާދުކޮށްނިމިގެން ނަމާދަށް ގޮވީމައެވެ.

އަޤީލްގެ ދެވަނަދަންފަޅީގެގަޑިތައްވެސްދިޔައީ ކުރީރޭގެ ގަޑިތަކެކޭއެއްގޮތަށް ކުދިން ހިތްހަމަޖެހޭ ފަދަ މުއްސަނދި މައުލޫމާތުތަކެއް ގެނެސްދެމުންނެވެ. އަޅުގަނޑަށް އެގަޑި އެހެން ގަޑިތަކާތަފާތުވީ ކީއްވެހެއްޔެވެ؟ އިސްއުފުލާ އަޤީލްއާދިމާއަށް ބަލާނުލެވިގެން މިއުޅެވެނީ ކީއްވެގެންހެއްޔެވެ؟ އަހަރެން ހާދަ ގޯހެވެ. އަޤީލް އެއްވެސް އެއްޗެއް ނުބުނާއިރު މިގޮތަށް މިޚިޔާލުގެ ތެރެއިން ނުނިކުމެވިގެން މިއުޅެނީ ކޮންސަބަބަކާ ހެދިހެއްޔެވެ؟ އަޤީލް ކިތަންމެ ފަހަރަކު އައިސް އަޅުގަނޑުގެ ފުރަގަހުގައި ހުއްޓި ހުރެއްޖެއެވެ. އެތައް ސުވާލެއްކޮށްފިއެވެ. ވީއިރު އަހަންނަށް އަޤީލްއާ ހަތަރުކަޅި ހަމަކުރެވޭނީ ކިހިނެއްހެއްޔެވެ؟

ހަމަޖެހިފައިވާ އުސޫލުން އަޤީލް ނެގުމަށްއައި ގަޑީގެޢަދަދު ހަމަކުރުމަށްފަހު ސެޝަން ނިންމާލާފައި ކުލާހުން ނުކުންނަމުން އަޅުގަނޑާ ދިމާއަށް މާނަވީގޮތަކަށް ބަލާލާ ހީނލިހެން ހީވީ، އެއީ އަހަންނަށް ކުރެވުނު ކުށްހީއެއްހެއްޔެވެ؟ ނޫނެކެވެ. އަޅުގަނޑަކީވެސް އަނެކާގެ ހިތުގެރިހުން ދަނެނުގަނެވޭވަރުގެ ކުޑަކުއްޖަކީމެއްނޫނީމެވެ. އެ ބަލާލުމުން އެތައްހާސްވާހަކައެއް އަޅުގަނޑަށް ފަހުމުވެގެންދިޔައެވެ. އެ މާނައިންފުރިގެންވާ ނަޒަރު ހަދިޔާ ކޮށްލުމަށްފަހު އަޤީލް ދިޔައީއެވެ.

ދެވަނަ ބްލޮކުގެ ދުވަސްވެސް އައިސް ޖެހިއްޖެއެވެ. ތެދުތެދަށް ބުނަންޏާ އަޅުގަނޑުގެހިތުގައި އަޤީލްއަށް ދެވުނު މަގާމުފުޅާވެ ކުރިލާ ހެދެމުންދިޔައެވެ. އެއްވެސްމީހަކަށްނޭނގިއެވެ. ހަމަޖެހިފައިވާ ގޮތުގެ މަތީން ދެވަނަ ބުލޮކުގެ ގަޑިތަކަށް ހާޒިރުވުމަށްޓަކައި އަޅުގަނޑުމެން ދަތުރުފަށައިފީމެވެ. އެއްވެސްހިފެހެއްޓުމެއްނެތި އަޤީލް ދުށުމުގެ އެދުން އަޅުގަނޑުގެހިތުގައި ކެތްތެރިކަމެއްނެތި ބޮޑުވަމުންދިޔައެވެ.

އަޤީލް އައިސް ކުލާހަށްވަދެ ހުރިހާކުދިންގެ ހާލުއެހިއެވެ. އެއީ އޭނަގެ އާދައެވެ. ހިތް ހެޔޮކަމާ އޯގާތެރިކަން އެއީ ޢަޤީލްގެ ދެވަނަ ނަމެވެ. ހުރިހާ ކުދިންވެސް އޭނަދެކެ ލޯބިވަނީ މި ސަބަބަށްޓަކައިހެދި ކަމަށްވެސް ވެދާނެއެވެ. ޚާއްސަކޮށްއަޅުގަނޑެވެ. ހުރިހާކުދިންގެ ހާލުއެހުމާއެކު ޢަޤީލްގެ ނަޒަރު އައިސް އަޅުގަނޑާހަމައިން ހުއްޓުނެވެ. އަޅުގަނޑަށް ރަކިގޮތަކަށް ހީނލެވުނެވެ. އަދި އިސްޖަހާލެވުނީއެވެ. ކުލާސް ފެށިގެން ކުރިއަށްދިޔައީއެވެ.

އަގީލްގެ ދެވަނަ ސެޝަން ތެރޭ ކުރުރޯލް ޕްލޭއެއް ކުޅެންޖެހުނެވެ. އަޅުގަނޑުގެ ގްރޫޕުން ދިޔަ ދެކުދިންގެ ތެރޭގައި އަޅުގަނޑު ހިމެނިއްޖެއެވެ. ރޯލްޕްލޭގައި ދައްކައިދޭނީ ކޯއްޗެއްކަން ޖެހުނީ ގުރުޢަތުންނަގާށެވެ. ކަރުދާސްކޮޅު ހުޅުވާބަލާލުމުން އަޅުގަނޑުގެ މޫނުގެކުލަ ބަދަލުވިކަން ކަށަވަރެވެ. ކުޑަކޮށްވިސްނާލުމަށްފަހު އަޤީލް އާ ގާތަށްޖެހިލާ ގޮވައިލީމެވެ. އަގީލް އިންގޮތަށް އިނދެ ބަލައިވެސްނުލާ ވީކީއްތޯއަހައިފިއެވެ. ޢަޤީލްގެ ފަރާތުން ފެނުނު ފަރުވާކުޑަކަމުން އިތުރަށް އެއްޗެކޭބުނާކަށްނުކެރުނެވެ. އެހެންކަމުން ކަމެއްނުވެޔޭ ބުނެ ކުޑަކޮށް ފަހަތަށްޖެހިލީމެވެ. ކޮންމެ ގުރޫޕަކުންވެސް ހުށަހަޅައިދޭން ގުރުޢަތުން ދިމާވި މައްސަލަ ، ކުލާހަށްހުށަހަޅަމުން ގޮސް އަޅުގަނޑުގެގްރޫޕާ ޖެހިއްޖެއެވެ. ދައްކައިދޭންޖެހެނީ ފަރުވާ ކުޑަފިރިއެއްގެކައިރީ ލޯތްބަށްއެދި އަނބިމީހާ އާދޭސްކުރާ މަންޒަރެވެ. އަޅުގަނޑަށް އެކަންދައްކައިދޭން އުދަގޫވިވަރުއެނގޭނެ އެއްވެސް އިންސާނެއްނުހުންނާނެއެވެ. ވަރަށް ހިތްވަރުކޮށްފައި އަޅުގަނޑުގެރޯލް އަދާކުރެވޭތޯ ބެލީމެވެ. އެހެންނަމަވެސް ދައްކައިދޭންޖެހުނު މަންޒަރުގެގޮތުން އެންމެފަހުން އަޅުގަނޑަށް ރޮވިއްޖެއެވެ .އަޑުކުރެހި ކުރިއަށް ނުގެންދެވުމުން ގޮސް ގްރޫޕުތެރޭ އިށީނީމެވެ. އެކިކުދިން އެކިގޮތަށް އެމައްސަލާގައި ވާހަކަދެއްކިއެވެ. އަޅުގަނޑު އެއްވެސް ޖަވާބެއްނުދެމެވެ. މިދުވަހުގެފަހުން އަޅުގަނޑަށް އަޤީލްއާދިމާލަށް ބަލާލެވެނީ ހިތްދަތި ނަޒަރަކުންނެވެ. ޢަޤީލްގެ ނަޒަރުވެސް އަޅުގަނޑަށް މާނަކުރެވުނީ ހަމައެފަދަ ގޮތަކަށެވެ.

ފަހު ބްލޮކެވެ. ބައެއް ލެކްޗަރަރއިން އަޅުގަނޑުމެންނާ ވަކިވާނެއެވެ. އޭގެތެރޭގައި ޢަޤީލްވެސް ހިމެނެއެވެ. އެހެންކަމުން ހުރިހާކުދިންގެ ފަރާތުން އެ ލެކްޗަރަރއެއްގެ ސެޝަނުގެ ގަޑިތައްނިމުމުން ކެއުމެއް ނުވަތަ ސައެއް ދިނުންއޮވެއެވެ. ވަގުތުގެ ގޮތުން ޢަޤީލްގެ ސެޝަން ނިންމާލަން ޖެހުނީ ހަވީރުގަޑީގައެވެ. އެހެންކަމުން ހުރިހާ ކުދިން އަވަސް ވެގަތީ ކައިރީގައި ހުރި ރެސްޓޯރެންޓަށް ސައިބޯން ދިއުމަށެވެ. އަޅުގަނޑު ހުރީ ހުރިހާ ކުދިންގެ ފަހަތުގައެވެ. އަޤީލްއާ ހަތަރުކަޅި ހަމަކުރަން އުނދަގޫވެފައެވެ. އެހެންކަމުން ވީހާވެސްނުފެންނަ ދިމާއެއްގައި އިށީންނަން ހިތުލައިގެން ހުއްޓާ ''އަޔާން އިށީނދެ ބަލަ މިގޮޑީގައި '' ޢަޤީލް ބުނި ބުނުން ވެގެން ދިޔައީ އޭގެކުރިން ނިންމައިގެން ހުރި ހުރިހާކަމެއް ފެނަށްވެގެންދިޔަ ބުނުމަކަށެވެ. ހުރިހާ ކުދިންގެ ތެރޭގައި އެކަމާ ދެކޮޅުހަދާނީވެސް ކިހިނެއްހެއްޔެވެ؟ އެއްވެސްކުއްޖަކު އެކަން ސީރިއަސްކޮށް ނުނަގާނެކަންވެސް އެނގެއެވެ. އެއީ އަޤީލްގެ މިޒާޖުހުންނަގޮތުންނެވެ. އެކަމަކުވެސް އެއީ އަޅުގަނޑަކަށް ފަސޭހަކަމެއްވެސްނޫނެވެ.

ކޮންމެ ގޮތެއްވިޔަސް އަޤީލްއާ ޖެހިގެންހުރި ގޮނޑީގައި އިށީނީ އެކަމަށް އަޅުގަނޑުގެހިތްވެސް އެދި ގޮވާވަރުންނެވެ.

އެންމެންވެސް އޯޑަރުދިނީ ހެދިކާ އަދި ކަޅުސަޔަށެވެ. ޢަޤީލްގެ އެދުމުގެމަތިން ޢަޤީލްއަށް ސައިތަށި ހަދައިދޭންވެސް ޖެހުނީ އަޅުގަނޑަށެވެ. އެއީ ހާދަ އުފާވި ވަގުތުކޮޅެކެވެ. އަޅުގަނޑުގެ ހިތް އުފަލުންނެށިއެވެ. ހިތަށްއެރިއެވެ. އަޤީލް އަޅުގަނޑު ގާތުން ސައިތަށިހަދައިދޭން އެދުނީ ހަމަހަގީގަތުގައިވެސް އެހެންކުދިންނަށްވުރެ އަޅުގަނޑު ޚާއްސަވެގެންހެއްޔެވެ؟ އޭނަގެހިތުގައި މިކަހަލަ އެއްވެސްވިންދެއް ޖަހާތީހެއްޔެވެ؟ ޚާއްސަ ނަޒަރަކުން ދެކޭތީހެއްޔެވެ؟ ނޫނީ މިއީ ހަމައެކަނި އަޅުގަނޑުގެ މި ބަސްނާހާހިތް ބުނާ ވާހަކައެއްހެއްޔެވެ؟

އެތާ ތިބެގެން އެކިކަހަލަ ވާހަކަދައްކާ މަޖާކުރަމުން ދިޔަވަގުތު އަޅުގަނޑުއިނީ ނެގިމަޑުވެފައެވެ. ހިމޭންވެފައެވެ. ސަބަބެއް އަޅުގަނޑަކަށްވެސްނޭނގެއެވެ. އެއްފަހަރަކު އަޤީލްކުރި ހަރަކާތެއްގައި އަޤީލްގެ ފައިން އަޅުގަނޑުގެ ފައިތިލާގައި ބީހިލި ވަގުތު އެކުރެވުނީ ހާދަ ފޮނި އިހުސާސެކެވެ. ދެމީހުންނަށްވެސް ފައި ދަމައިގަނެވުނީ ބޭއިޚުތިޔާރުގައިކަން ޔަޤީނެވެ. އެހެންނަމަވެސް އެ ފަދަ އެތައް ބީހިލުމަކަށް ޔަގީނުންވެސް އަޅުގަނޑުގެ ހިތް އެދިގޮވިއެވެ. އެކަމަކުވެސް އެފަދަފުރުސަތެއް ލިބޭގޮތްނުވެ އެބައްދަލުވުން ގުދަރަތުގެ އުސޫލުންނިމި ޢަޤިލްއާ އަޅުގަނޑުމެން އަލްވަދާޢުކިއީމެވެ.

އެރޭ ނިދަންއޮތްވާ އަޅުގަނޑުގެފޯނަށް އައީ މެސެޖެކެވެ. '' ސައިތަށި ވަރަށްމީރު . ޝުކުރިއްޔާ . ގުޑުބާއި ''

އެމެސެޖް ކިތަންމެކުރަސް ކިޔާލެވުނީ ކިތައްފަހަރުކަމެއްވެސް ނޭނގުނެވެ. ހިފެހެއްޓުމެއްނެތި ލޮލުންކަރުނަ ފޭބީ އަޅުގަނޑު ޢަޤީލްދެކެ ލޯބިވާތީހެއްޔެވެ.؟މިއީ އަޅުގަނޑު ފާފަވެރިވާނެކަމެއްހެއްޔެވެ؟ މިކަމުގައި އަޅުގަނޑުގެ ކުށަކީ ކޮބާހެއްޔެވެ؟

ބޯޓު ދަތުރުކުރަމުން ދިޔަ މަންޒިލާހަމައަށްފޯރާ ވާހަކަ ބޯޓުގެ ''ކެބިންކުރޫ'' އިޢުލާންކުރި އަޑުއިވުމުން ލޯހުޅުވާ ބޭރުބަލާލީމެވެ. ފެހިކުލައިގެ މުތީތަކެއްފަދަ ރީތި ރަށްތަކުގެމަތިން ބޯޓު މަޑުމަޑުންތިރިކުރާކަން އެނގުނެވެ. ރާޅުބާންޏެއްގެހިލަންވެސް ނުވާ އޮމާން ކަނޑުގައި އެކިކޮޅުކޮޅަށްދުއްވާފައިދާ އުޅަނދުތައް އެތަކެތީގެ މަންޒިލް މަޤުސޫދަށް މިސްރާބު ޖަހާފައިވެއެވެ. ބޯޓު ރަންވޭމަތީގައި ،އޭގެ ޖަގަހާގައި މަޑުކުރުމުން ދަތުރުވެރިން ބޯޓުންފައިބާ ، އެބަޔަކު ގެނައިއެއްޗެއްވިއްޔާ ''ޓްރޮލީ'' އަށްލައިގެން ކާރުތަކާދިމާއަށް ހިނގަމުންދިޔައެވެ. އަޅުގަނޑު ބަލާއައި ދެމީހަކާއެކު އަޅުގަނޑުވެސް އަވަސްވެގަތީ ހުންނަން ހަމަޖެހިފައިވާ ކޮޓަރިއަށްދިއުމަށެވެ. ހުންނަން ޖެހުނީ އަޅުގަނޑަށް، މީގެ އެތައް އަހަރެއްގެ ކުރިން ޚާއްސަ އުފާތަކަކާއި ހަނދާންތަކެއްގެނުވި ހޮޓަލާ ވަރަށްކައިރީގައި ހުރި ގެސްޓް ހައުސްއެއްގައެވެ. މިއީ އިއްތިފާގެއްހެއްޔެވެ؟ކެއުން ހަމަޖެހިފައިވަނީ އެ ހޮޓަލުންނެވެ. ހޮޓަލުގައި މީގެ ދިހައަހަރުކުރިން އިށީނދެ ތިބި ދިމާލުގައި އަދިވެސް ހަމަ މޭޒު ޖަހާފައިވެއެވެ. އެއަށްވުރެ ފެންވަރުރަނގަޅު މޭޒާއި ގޮނޑިއެވެ. އެދުވަހު އަޅުގަނޑު އިށީނދެއިންތަނުގައި ހުރިގޮޑީގައި އިށީނދެވޭތޯ އަޅުގަނޑު ބަލަމެވެ. އެއީ އެކަމުން އަޅުގަނޑަށް ބަޔާންކުރަން ދަތި ރޫޙީއުފަލެއް ލިއްބައިދޭތީއެވެ. އަޅުގަނޑާ އަޤީލްއާ ދޭތެރޭ އޭގެފަހުން އެއްވެސްކަހަލަ ގުޅުމެއް ނުވަތަ މުއާސަލާތެއް ވިޔަސް ހިނގާފައި ނެތްނަމަވެސް، ޔަގީނުންވެސް މިހިތުގައި ޢަޤީލްއަށްދެވިފައިވާ މަޤާމަކަށް އުނިކަމެއްއައިސްފައި ނެތްކަން ކަށަވަރުވިއެވެ.

އެ ދަތުރު ނިންމާފައި އަޅުގަނޑު މާލެއައިތަނުން އަޅުގަނޑަށް ލިބުނީ އަނެއްކާވެސް މެސެޖެކެވެ. ޢަޤީލްގެ މެސެޖެކެވެ. މުހިންމުކަމަކު ރާއްޖެއިން ބޭރަށްފުރަންއުޅޭވަހަކައާއި ފުރުމުގެ ކުރިން ދިމާވެއްޖެއްޔާ ވަރަށްއުފާވާނެ ވާހަކައެވެ. ދެންއޮތީ ދާންވިތަނާއި ގަޑިއެވެ. އަޅުގަނޑުމެން ބައްދަލުވީ ސިޓްރޯން އިންނެވެ. ޢަޤީލް ފެނުނީ ވަރަށްބޮޑަށްބަދަލު ވެފައިވަނިކޮށެވެ. އެރީތި ހަށިގަނޑު ނިކަމެތިވެ އަނަރޫފަވެފައިވާކަމަށް އަޅުގަނޑަށްފާހަގަކުރެވުނެވެ. ދެލޮލުން މާޔޫސްކަމުގެ އަސަރު ފެންނަންހުއްޓެވެ. އަޅުގަނޑުގެ ދެފައިފިނިވެ ކުރިއަށްހިނގައިގަންނަން އުދަގޫވިއެވެ. ހިތަށްކުރި އަސަރު ބަޔާންކޮށްދޭނީވެސް ކިހިނެއްހެއްޔެވެ؟އެ މޭމަތީ ބޯއަލާލައިގެން އޮވެ މަޑުމަޑުން މޫނުގައި ދެއަތުން ފިރުމައިދޭން ހާދަ ހިތް އެދުނެވެ.އެ ކަމަކުވެސް ކުރާނީ ކީތްހެއްޔެވެ. މިއީ ދުނިޔެއެވެ.

އެ ވަގުތުވެސް މާގިނަވާހަކެއް ނުދެކެވެއެވެ. އެތާއިން ޢަޤީލްގެ އަންހެނުންނަށް އަޤީލް އަޅުގަނޑު ތަޢާރަފުކޮށްދިނީ ޢަޤީލްގެ ދަރިވަރެއްގެގޮތުގައެވެ. އެއަށްފަހު އިސްލާމީ ރީތިސަލާމުން ސަލާމްކުރަމުން އަޅުގަނޑުއަތަށް ދިއްކޮށްލީ ސިޓީއުރައެކެވެ. ބުނީ އޭގައިވާ ތަކެތި އެފަރާތަށް އަމާނާތްތެރިކަމާއެކު ރައްދުކޮށްދިނުމަށެވެ. އެވަގުތުވެސް އެދެލޮލުން އަޅުގަނޑަށްފެނުނީ މީގެ ދިހައަހަރުކުރިން ފެނުނު އަސަރެވެ. ބުނަން ބޭނުންވެފައިވާ އެތައްވާހަކަތަކެއް އެ ފުން ދެލޮލުން އަޅުގަނޑަށް ކިޔައިދިނެވެ. އެއްވެސް ހިފެހެއްޓުމެއްނެތި އަޅުގަނޑުގެ ލޮލުންކަރުނަ ފޭބިތަންފެނުމުން ޢަޤީލް އިސްޖަހާލިއެވެ. ވަރަށް ހިތްވަރުކޮށް ޢަޤީލްގެ ބައްޔަށް އަވަސްޝިފާއަކަށް އެދޭ ވާހަކަ ބުނެވޭތޯ ކުރި ހުރިހާ މަސައްކަތެއްބޭކާރުވިއެވެ. އަޑުކުރެހި އަޑުނުނިކުތުމުން އަޅުގަނޑުގެ ހިތުގެއަޑެއް ޢަޤީލްއަކަށް އިއްވައެއްނުދެވުނެވެ.

ގެއަށް އައިސް ސިޓީއުރަކަނޑައިގެން ބަލައިލީ ވަރަށްވެސް ކެތްތެރިކަން ކުޑަވެފައިވާޙާލުގައެވެ. އެއަކު މާގިނައެއްޗެއްނެތެވެ. އެއީ ކުރު ކުރު ނޯޓެކެވެ. '' އަޔާންއެވެ. ތީ ހާދަ ކެތްތެރި އަންހެނެކެވެ. ތިކަހަލަ އަންހެނުންނަކީ މަދުބައެކެވެ. އަޔާންގެ ދުލުން އަހަންނަށް އެއްވެސް އެއްޗެއް ކިޔާނުދިންނަމަވެސް ،ތި ތޫނު ދެލޯ ހެކިދިން ކިތަންމެ ވާހަކައެއް އަހަންނަށް ފަހުމުވިއެވެ. އާއެކެވެ. ތި ދެލޮލުގައިވާ ހިތާމަޔާ ހިތްދަތިކަން އަހަރެންގެ ހިތް ކަތިލިއެވެ.ތި ލަދުރަކިކަމުން އަހަރެން މޮޔަކުރުވިއެވެ.އަޔާންގެ ފަރާތުން އަހަންނަށް ފެނުނު މަޑު މައިތިރިކަމާ މަޑުމޮޅިކަން އަހަރެންގެ ހިތް ފަތަޙަކުރިއެވެ.އަހަރެންގެ ހިތް ހާސްފަހަރު ތި ރީތި ހަށިގަނޑަށް ފިދާވިއެވެ. އެހެންނަމަވެސް ތިކަހަލަ މާތް އަޚުލާގެއްގެ ވެރިއެއްގެ ގާތުގައި މިވާހަކަތައް އަހަރެން ކިޔައިދޭނީ ކިހިނެއްހެއްޔެވެ؟ ދެމީހުން އެކުގައި ހޭދަކުރީ ކިތަންމެ މަދު ވަގުތުކޮޅެއްކަމުގައިވިޔަސް އަދިއެއީ ކިތަންމެ ރަސްމީ ވަގުތުކޮޅުތަކެއްކަމުގައިވިޔަސް އެހަނދާންތައް އަބަދުވެސް އަހަރެންގެ މި ބަސްނާހާ ހިތުގައި ރަސްކަން ކުރަމުން ދިޔައެވެ. ޚާއްސަކޮށް ކުލާސް ކުރިމަތީ ރޯލްޕްލޭ ކުޅެންޖެހުނު ރޭ އަޔާންއަށް ވީގޮތް، އެއީ ސަބަބެއް ނެތި ހިނގިކަމެއްނޫންކަން ހިތަށްއަރާ ކޮންމެފަހަރަކު އަޔާން ގެނެސް މޭގައި ބޮނޑިކޮށްލާ ޙިމާޔަތްދޭން ބޭނުންވިއެވެ. ކުރާނީކީއްހެއްޔެވެ؟ ތިއީ މީހެއްގެ ޙައްޤެކެވެ. އަހަރެން ފަދައިންނެވެ. ............ އަހަރެންގެ ހަޔާތުގެ ބާކީއޮތްމަދު ދުވަސްކޮޅު ގުނަމުން ދާއިރު މި އެދުން އަހަރެން ފުއްދާދޭނީ ކިހިނެތްހެއްޔެވެ؟ އަޔާންއެވެ. އުފަލުގައި ދިރިއުޅޭށެވެ. ތި ގޮތަށްފިރިމީހާޔަށް ވަފާތެރިކަންމަތީ ދެމިހުންނާށެވެ. އަހަންނަށް ހިތް ހެޔޮކޮށް ، ހެޔޮދުޢާކޮށްދޭށެވެ. އަބަދުވެސް އަޔާންގެ މަތިން ހަނދާންހުންނާނެއެވެ. ހަނދާންކުރައްޗެވެ. ވެވޭ ކޮންމެ ލޯތްބަކީ ޙާސިލު ކުރެވޭނެ ލޯތްބެއްނޫނެވެ. އެހެންކަމުން އަހަރެންގެ ހިތް ހެވެވެ. ''

އަހަރެންގެ ހިތް ފިސްފިސްވެ ކުދި އެތިކޮޅުތަކަށްވެ ބުރައިގެން ދިޔަފަދައެވެ.މެއަށް ކުރި ބާރު ދެކެދެނެވޮޑިގަންނަވާނީ ހެއްދެވި ފަރާތެވެ. މަޑުމަޑު ގިސްލުމަކާއެކު އެންމެ ފަހުން މޫނުގައި ދެއަތްއެޅި ބާރަށްރޯން ފެށިއްޖެއެވެ. މިއީ ކޮންފަދަ އިމްތިޙާނެއްހެއްޔެވެ؟ އިޚުތިޔާރަކާ ނުލާ ޢަޤީލްއަށް ހެޔޮދުޢާ ކުރެވެންފެށުނެވެ.

އޭގެހަފުތާއެއްހާ ދުވަސްފަހުން ،އަބަދަށްޓަކައި ޢަޤީލް ވަކިވިކަން އެނގިއްޖެއެވެ. އެހިސާބަށްދިޔައިރު އަޅުގަނޑުގެ ލޮލުން އިތުރަށް އޮހޭނެ ކަރުނައެއވެސް ނެތްފަދައެވެ. ނުވަތަ ޢަޤީލް ދިންހިތްވަރުގެ ސަބަބުން ހިތްވަރު ލިބިގަނެވުނީނޫންކަމެއްވެސްނޭގެއެވެ.

ޢަޤީލް އަޅުގަނޑާ ވަކިވެގެން ދިއަޔަސް ޢަޤީލްގެ ހަނދާން ތަކާ ވަކިވާނީ ކިހިނެތްހެއްޔެވެ؟ އަބަދުވެސް އެރީތި ހިނިތުންވުން އަޅުގަނޑުގެ ލޮލުގެ ކުރިމަތީ ފެންނަން ހުންނަފަދައެވެ. އަޤީލް ބުނިފަދައިން އަޅުގަނޑުވެސް ޢަޤީލް ގާތު ބުނަން ބޭނުމެވެ. ޢަޤީލްއެވެ. ޢަޤީލްއަށްޓަކައި އަޅުގަނޑުގެ ހިތްވެސް ހެވެވެ......

ކޮމެންޓް 0