29

ހާފުސް ވެފައިވާ ވިލާތަކާއި ދިމާއަށް ބަލަން އޮތް އިރު މައިސާގެ ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ނުރޮއިވޭތޯ ކުރަމުންދިޔަ މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. ރެޔާއި ދުވާލު، އޭނާގެ ހާލަކީ މިއީ އެވެ. ކުއްލިއަކަށް މައިސާ އޯކަށް ދެމެންފެށި އެވެ. ދުވެފައި ކަހަލަ ގޮތަކަށް އޭނާ ފާހާނައަށް ވަނެ އެވެ. ފާހާނައިން ނިކުމެ އެނދުގައި އިށިއިނެވެ. އުފަލުން ފުރިފައިވާ ހާލު މައިސާ، އޭނާގެ ބަނޑުގައި އަތް ހާކާލި އެވެ. އަދި ތެދުވެ ލޯގަނޑު ކުރިމައްޗަށް ހުއްޓި ބަނޑު ނެރެލި އެވެ. އެއްޗެއް ވިސްނަށް ހުރެފައި އަވަސް އަވަހަށް ދަބަސް ހިފައިގެން ދިޔައީ ރަށުގެ ޞިއްހީ މަރުކަޒަށެވެ. ޞިއްހީ މަރުކަޒުން ނުކުންއިރު މައިސާއަކީ މި ދުނިޔޭގައި ހުރި އެންމެ އުފާވެރި އިންސާނާ ކަމުގައި ހީކުރެވުނެވެ. އާއެކެވެ. މަންްމައަކަށް ވުމަކީ ކިހާބޮޑު އުފަލެއް ހެއްޔެވެ؟ ކިހާބޮޑު ނިޢުމަތެއް ހެއްޔެވެ؟

މައިސާ ގެއަށް އައިސް އެންމެ ފުރަތަމަ ވެސް ބެލީ އަޔާން އާއި ގުޅޭތޯއެވެ. ނަމަވެސް އެ ކަމެއް ނުވި އެވެ. އެންމެފަހުން އޭނާ، ބަނޑު ބޮޑުވާހަކަ ލިޔެފައި މެސެޖެއްކުރި އެވެ. އަޔާނަކީ މައިސާގެ އަލަތު ފިރިމީހާ އެވެ. މީގެ ތިންމަހެއްހާ ދުވަސްކުރީން އަޔާން ވަނީ މައިސާ ވަރިކޮށްފަ އެވެ.

މައިސާ ގޮސް ގޭގެގޯތިތެރޭގައި ބަހައްޓާފައި ހުރި ޖޯއްޔެއްގައި އިށިއިނެވެ. އެހިނދު މާޒީގެ ފީތާ އޭނާގެ ސިކުނޑީގެ ތެރޭގައި މަޑުމަޑުން ނިއުޅެންފެށި އެވެ.

އެއީ މީގެ ހަތަރު އަހަރު ކުރި އެވެ. ހޮނިހިރު ދުވަހެކެވެ. ކުޅުދުއްފުށީގެ ދަނޑުވެރީންގެ ބާޒާރުގައި މީހުންތައް ވަނީ ތޮއްޖެހިފަ އެވެ. އެކިމީހުން ވިއްކަނީ އެކި އެއްޗިއްސެވެ. މައިސާއާއި މައިސާގެ ދައްތަ،ރިޔާސާވެސް ދޮންއަނބު ގަންނަ ހިތުން އެ ތަނަށް ކައިރިވެލި އެވެ. އެ ވަގުތު ފިރިހެނެއްގެ އަޑު އެ ދެކުދީންގެ ކަންފަތުގައި ޖެހުނެވެ. އަނބުގަންނަނީތަ! ދެކުދީންނަށް އެއްފަހަރާ ބަލާލެވުނެވެ. އޭރު ފުރަގަހުގައި ހުރީ ބައްޕަގެ ރައްޓެއްސެއްކަމަށްވާ ކުރިނބީ އަބޫބަކުރުބޭގެ އަޔާން އެވެ.

މައިސާއަށް މީގެ ކުރީން ވެސް އަޔާން ފެނެ އެވެ. ނަމަވެސް މިހާރު އަޔާން ހާދަ ތަފާތޭ މައިސާގެ ހިތަށް އެރި އެވެ. މައިސާގެ ހިތް ބާރު ބާރަށް ތެޅެން ފެށިއެވެ. އެއްވެސް އެއްޗެއް ނުބުނެވި އުޅެނިކޮށް މައިސާގެ ދައްތަ ރިޔާސާ ވާހަކަ ދައްކާން ފެށި އެވެ. އަޔާން އާއި ދައްތަގެ ވާހަކަތައް ނިމުނީ މެންދުރުގެ ކެއުމަކާ ހިސާބުންނެވެ. ކޮންމެއަކަސް އަޔާން ރިޔާސާގެ ފޯނުނަމްބަރު ހޯދައިގެން ފިހާރައަކާއި ދިމާއަށް ހިނގައިގަތެވެ. އޭރު އަޔާންގެ ހިތުގައިވެސް ހިނގަމުން ދިޔައީ މައިސާގެ ހިޔާލުތަކެވެ. އެ ލޯބި ލޯބި ސޫރަ އެވެ. މޫނުގެ އޮމާންކަމާއި ދޮންކަމާއި ދެލޮލުގައި ހުރި އަޖައިބެއް ކަހަލަ ވިދުމުގެ ސަބަބުން އެންމެ ފުރަތަމަ ފަހަރަށް ވެސް އޭނާ، މައިސާގެ ޖާދޫގައި ޖެހިއްޖެއެވެ.

މެންދުރު ބާރަ ޖެހުމާއެކު އަޔާން ހިނގައިގަތި ސަފާޔާ ރެސްޓޯރަންޓާ ދިމާއަށެވެ. ސަބަބަކީ އެއީ އަޔާންއަށް އެންމެ ކަމުދާ ރެސްޓޯރަންޓަންވާތީ އެވެ. ގޮނޑީގައި ހަމަޖެހިލުމަށްފަހު އޭނާ ރިޔާސާ އަށް ގުޅާލިތާ މާގިނައިރެއްނުވެ، އެމީހުން އައިސް އެ ތަނަށް ވަދެއްޖެ އެވެ. ކާއެއްޗެއްސަށް އޯޑަރުދެވިއްޖެ އެވެ. އެ ވަގުތު ކޮޅުގައިވެސް އަޔާން ވާހަކަ ދެއްކީ ރިޔާސާއާ އެވެ. އެއްގޮތަކަށްވެސް މައިސާއާއި ދިމާއަށް ބަލާލަކަށް ނުކުރެނެވެ. ކޮންމެއަކަސް ކެއުމާއިގެން މަސްއޫލު ވުމާއެކު އަޔާންގެ ހިތަށް އެރި އެވެ. ލަދަކާ ހުރެ ތަދެއް ނުފިލާނެއެވެ. އިސް އުފުލާ މައިސާއަށް ބަލާލުމަށްފަހު ހީލި އެވެ. އަދި މޭޒުދަށުން މައިސާގެ ފައިގާ އަޔާން ކޮއްޓާލި އެވެ. މައިސާ ފައި ދުރުކޮށްލި އެވެ. ކައި ނިމުމާއެކު އަޔާން މައިސާގެ ނަމްބަރުވެސް ހޯދި އެވެ. ރަޙުމަތްތެރިކަން ބަދަހި ކުރުމުގެ ނަމުގައެވެ.

އެ ދުވަހު އަޔާންވެސް ދިޔައީ އަޔާންގެ ރަށަށެވެ. މައިސާވެސް އައީ މައިސާގެ ރަށް ކަމަށްވާ ށ ކޮމަންޑޫއަށެވެ. ކޮންމެއަކަސް އެރޭ ނިދަން އޮށުވެތި ސުރެ މައިސާ އިންތިޒާރު ކުރަމުންދިޔައީ އަޔާނުގެ ފޯނު ކޯލަކަށެވެ. ނިދި ޖެހެމުން ދަނިކޮން ކުއްލިއަކަށް ފޯނު ރިންގުވާން ފެށި އެވެ. އެއަޑުމައިސާގެ ކަންފަތުގައި ޖެހުމާއެކު އެއީ އަޔާންކަން އެނގުނެވެ. އެރެއަށްފަހު މައިސާ އާއި އަޔާންގެ ގުޅުން ބަދަހިވެ އެދެމީހުންގެ ކައިވެނިވެސް ވަރަށް އަވަސް މުއްދަތެއްގައި ކުރެވިއްޖެ އެވެ. އަދި މައިސާ، އަޔާންގެ ރަށަށް ބަދަލު ވެއްޖެ އެވެ. މައިސާގެ ރީތި އުޅުމާއި ގެވެހި ކަމުގެ ސަބަބުން އަޔާންގެ އާއިލާގެ އެންމެންވެސް މައިސާދެކެ ވަރަށް ލޯބިވެއެވެ.

މައިސާ އާއި އަޔާނުގެ ދިރިއުޅުމަށް ތިން އަހަރު ވީއިރުވެސް އެ ދެމީހުންނަށް ދަރިއަކު ނުލިބެ އެވެ. ދެމީހުން އެތައް ބޭހެއް ކޮށްފިއެވެ. ޑޮކްޓަރުން ބުނަނީ އަޔާނުގެ މައްސަލައެއް ނެތްކަމުގަ އެވެ. މައްސަލަ ހުރީމައިސާގެ ކަމުގަ އެވެ. އަދި ދުވަހަކު ވެސް މައިސާއަށް ދަރިޔަކު ނުލިބޭނެ ކަމުގައިވެސް ޑޮކްޓަރު ބުނެފައިވެއެވެ. މާގިނަ ދުވަސްތަކެއް ނުވެ މައިސާ އާއި އަޔާނުގެ ދިރިއުޅުމަށް ކަޅު ހިޔަނިތަކެއް އެޅެންފެށި އެވެ. ކުލަތައް ބަދަލުވާން ފެށިއެވެ. އަޔާންގެ މައިންބަފައިން އަޔާން ގާތު އެހެންމީހަކާއި ކައިވެނި ކުރަން އެދެމުން ދިޔަ އެވެ. އަދި ކުރިން އެ މީހުން މައިސާދެކެ ވީ ލޯބި މަޑުމަޑުން ނަފުރަތަށް ބަދަލުވާން ފެށި އެވެ.

އެންމެފަހުން މައިސާއަށް ކެތް ނުކުރެވިގެން އަޔާންގެ ގާތުން ވަރިއަށް އެދުނެވެ. އަޔާން ހުރީ މައިސާ ވަރިކުރާ ގޮތަކަށް ނޫނެވެ. އަދިވެސް އަޔާން ލޯބިވަނީ މައިސާ ދެކެ އެވެ. އެހެނަސް އޭނާވެސް ދަރިއަކު ބޭނުމެވެ. ބައްޕާއޭ ގޮވާލާނެ ދަރިއެކެވެ. އެހެންނަމަވެސް މައިސާގެ ހިތަކަށް އަޔާން އެހެން އަންހެނަކާއެކު އުޅޭތަން ދެކޭކަށް ކެތެއް ނުވާނެ ކަމުގައި ބުނަމުންދިޔަ އެވެ. އެންމެފަހުން ހިތާ ދެކޮޅަށް އަޔާން މައިސާ ވަރިކުރި އެވެ. މައިސާގެ އެތައް އާދޭހާއި ޒުވާބު ތަކަށް ފަހުގަ އެވެ.

މައިސާއަށް ހިޔާލުގެ ތެރެއިން ނުކުމެވުނެވެ. އަދި ދެލޯ ފުހެލުމަށްފަހު އަނެއްކާވެސް އަޔާންއަށް ގުޅާލި އެވެ. ފޯނު ނެގީ އަންހެނެކެވެ. އަދި ވަރަށް ރުންކުރު ގޮތަކަށް އަހަރެންގެ ފިރިމީހާއަށް ނުގުޅާށޭ ބުނެފައި ފޯނު ބާއްވައިފިއެވެ. މައިސާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އެހެންކަމުން ދެން ދުވަހަކުވެސް އަޔާންއަށް ނުގުޅުމަށް އޭނާ އަޒުމް ކަނޑައެޅި އެވެ.

މައިސާ އޭނާގެ ރަށަށް ބަދަލުވީ ހިސާބުން އަޔާންއަށް އިހުސާސު ކުރެވުނީ އޭނަގެ ހަށިގަނޑުން އެއްބައި އުނިވެއްޖެކަމުގަ އެވެ. އޭނާ އެހެން ކައިވެންޏަކާ ދޭތެރޭ ނުވެސް ވިސްނައެވެ. އެހެންނަމަވެސް އަޔާންގެ މައިންބަފައިން އަބަދުވެސް ގަޔާވާ ކުއްޖެއް ކަމަށްވާ ރާޔާ އަބަދުވެސް އެގެއަށް އައިސް އުޅެއެވެ. އެންމެފަހުން އަޔާންގެ މަންމަމެންގެ އެދުމުގެ މަތިން އަޔާން ރާޔާ އާއި ކައިވެނި ކުރަން އެއްބަސްވި އެވެ. އަޔާނު އާއި ރާޔާ އެކުގައި އުޅުނު ކަމުގައި ވިޔަސް އަޔާން ކުޑަކޮންވެސް އުފަލެއް ނުވެ އެވެ. ތިން މަސްވީއިރުވެސް ހިތުގައި ވިކަމުން ދިޔައީ މައިސާގެ ހަނދާންތަކެވެ. ކައިވެނި ކުރާނެ ތާރީޚެއް ކަނޑައަޅައި ހުރިހާކަމެއް ނިމިފައިވަނިކޮން އަޔާންގެ ބައްޕަ ވަރަށް ބޮޑަށް ބަލިވެއްޖެ އެވެ. އެ އާއިލާގައި އަޔާނު ނޫން އެހެން ފިރިހެނަކު ނެތުމުން ބައްޕަ ގޮވައިގެން މާލެދާން ޖެހުނީ އަޔާންއަށެވެ. މިކަމާއި ރާޔާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފަ އެވެ.

މަހެއް ވީއިރުވެސް އަޔާނުގެ ބައްޕަގެ ހާލު ދިޔައީ ހައްތަހާ ދަށަށެވެ. އެހެންކަމުން އަޔާން ބައްޕަގޮވައިގެން އިންޑިޔާއަށް ދާން ފުރިއެވެ. އިންޑިޔާއަށް ދިޔަތާ މާގިނަ ދުވަހެއް ނުވެ ބައްޕަ މިދުނިޔެއާއި އަލްވަދާޢު ކިޔައިފި އެވެ. މާލެއައިއިރު އަޔާން ހީވަނީ ހިކި ކަށިގަނޑެއްހެންނެވެ. ތިމާގެ މީހުން އަޔާންއަށް ނަސޭހަތް ދެމުންދިޔައީ އަވަހަށް ރާޔާ އާއި ކައިވެނި ކުރުމަށެވެ. އެހެނަސް އަޔާނަކީ މާލޭގެ ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެއްކަމުން އޭނާމާލޭގައި ދެމަސް ދުވަހު މަޑުކުރަން ޖެހުނެވެ. މިދުވަސް ތަކުގެތެރޭގައި އަބަދުވެސް އަޔާންއަށް ގުޅަނީ ރާޔާ އެވެ. އަޔާން، މައިސާއަށް ކިތައްމެ ފަހަރަކު ގުޅަން އުޅެފި އެވެ. އެހެންނަމަވެސް މައިސާ ދިމާއަށް އެންމެފަހުން ކިޔުނު އެއްޗެހި މަތިން ހަނދާންވެފައި އަބަދުވެސް ފޯނު ލެވެނީ ޖީބަށެވެ.

މިހާރު މެންދަމުން އަލިވެ 3 ޖަހަނީއެވެ. އަޔާން އެނދުގައި ފޮރޮޅިލަ ފޮރޮޅިލާ އޮތެވެ. މާދަމާއަކީ އަޔާން، މައިސާ ވަރި ކުރިފަހުން ހަތްމަސްވާ ދުވަހެވެ. އަދި އަޔާނުގެ ދެވަނަ ކައިވެނި މިހާރުގެ ލޯބިވެރިޔާ ރާޔާއާއި ކުރުމަށްޓަކައި ފޯމް ލާ ދުވަސް ވެސް މެއެވެ. ކަންދިމާ ކުރި ގޮތުން ކުރިނބީގައި ކައިވެނި ނުކުރެވިގެން އެމީހުން ފޯމް ލާ ގޮތަށް ނިންމީ ކުޅުދުއްފުށީ ކޯޓަށެވެ.

އަނެއް ދުވަހު ކުޅުދުއްފުއްޓަށް އައިސް ރާޔާ އާއި އަޔާން ވެސް އަވަސްވެ ގަތީ ސްޓޭމްޕު ސައިޒުގެ ފޮޓޯނަގާށެވެ. އަދި އެއަށްފަހު ކޯޓުން ފޯމްނަގައި އެފުރައި ފޯމްލުމަށްފަހު ހިނގައިގަތީ ރާޔާއާއެކު ހޮސްޕިޓަލް ކުރިމަތީގައި ހުރި ފިހާރައަކާ ދިމާއަށެވެ. ލޯޝަން ފުޅިއެއް ނަގައިގެން ބަލަން ހުއްޓާ ކުއްލިއަކަށް ފައި ކައިރިއަށް އެހެން ލޯޝަން ފުޅިއެއް ވެއްޓުނެވެ. އެއީ ކައިރީގައި ހުރި މާބަނޑު އަންހެން މީހާގެ އަތުން ވެއްޓުނު އެއްޗެކެވެ. އެހެންކަމުން އަވަސް އަވަހަށް އޭ ނަގައި ދިއްކޮށްލަމުން އެ އަންހެން މީހާ އާއި ދިމާއަށް އަޔާން ބަލާލި އެވެ. އެވަގުތު އޭނާ ހުރިތަނަށް ގަނޑުވިކަހަލަ އެވެ. އޭނާއަށް ފެނުނީ އޭނާގެ ކުރީގެ އަންހެނުންނެވެ. އޭރު މައިސާގެ ދެލޮލުން ކަރުނަތައް ކޯތާފަތް މައްޗަށް ފައިބަމުން ދިޔަ އެވެ. އަދި އަވަސް އަވަހަށް ލޯޝަން ފުޅި ބަހައްޓާފައި ބޭރަށް ނުކުންނަށް ހިނގައިގަތެވެ. މައީ.....، އަޔާންއަށް ވަރަށް ބާރަށް ގޮވާލެވުނެވެ. ފިހާރަ ތެރޭގައި ތިބި އެންމެން އަޔާންއަށް ބަލާލި އެވެ. އެހެނަސް ފަރުވާލެއް ނުބަހައްޓާ މައިސާގެ ފަހަތުން އަޔާން ވެސް ނުކުތެވެ. އަދި މަގުމަތިން އޭނާ، މައިސާގެ ކުރިމައްޗަށް އެރި އެވެ. މައީ.... ކާކުގެ ދަރިއެއް...އަޔާން އަށް ތުރުތުރު އަޅާ އަޑަކުން ބުނެވުނެވެ. އަޔާންގެ..... ގިސްލަމުން ކަރުނަތައް ފުހެމުން މައިސާއަށް ބުނެވުނީ އެހާވަރަށެވެ. ކީއްވެ އަހަރެންނަން ނޭންގީ...އަޔާން ރުޅިމޫނެއްގައި ބުނެވުނެވެ. އަހަރެން ގުޅާ ކޮންމެ ފަހަރަކު އަޔާން ފޯނު ކަނޑާލަނީ...މެސެޖް ވެސް ކުރިން... އަޔާންގެ އަންހެނުން ނުގުޅާށޭ ބުނިފަހަކުން ނުގުޅަން..... މައިސާ ވެސް ކުޑަކޮން ރުޅިއަންނަ ގޮތްވި އެވެ. އަހަރެންގެ އަންހެނުންނޭ.....އަހަރެން އަދި މީހަކާ ނީންނަން....އެހެންނޫނަސް އަހަރެންނަކަށް މައިސާގެ މެސެޖެއްވެސް އަދި ކީއްކުރަން މިސް ކޯލެއްވެސް ނުފެނޭ....އަޔާން ވަރަށް އަޖައިބު ވެފައި ހުރެ ބުންޏެވެ. އެހާ ހިސާބުން ރިޔާސާ އެތަނަށް އައިސް ނަންބަރާ ޖެހިއްޖޭ ބުނެ މައިސާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހަކު ފަދައިން އަޔާން ބޮލުގައި އަތް އެޅި އެވެ. އޭނާގެ ދެލޮލުން ވެސް ކަރުނަހިލިގަތެވެ. އަދި ހޯސްލާފައި ފައިބައިގަތެވެ. މީހުން ބުނެ އެވެ. ފިރިހެނުންނަކީ ވަރަށް ހިތްވަރު ގަދަ ބައެކެވެ. އެމީހުން ނުރޯނެ އެވެ. އަދި ފިރިހެނުން ރޯތަން ފެންނާނީވެސް ހާލަކުން ފަހަރަކު އެވެ. އެކަމަކު އަޔާން......އާހް

އަޔާންއަށް ހޭވެރިކަންވީ ރާޔާ އައިސް އަޔާންގެ ކޮނޑުމަތީގައި އަތްބާއްވާލުމުންނެވެ. އަޔާންގެ ފޯނު ގިނައިން ގެންގުޅެނީ ރާޔާ އެވެ. ރާޔާ، އަޔާންއަށް މައިސާ ބަނޑު ބޮޑުކަން ސިއްރު ކުރީތާ އެވެ! އަޔާން ސުވާލުގެ ނަޒަރަކުން ރާޔާއާއި ދިމާއަށް ބަލާލިއެވެ. އަދި އެއްވެސް އެއްޗެއް ނުބުނެ ކުރިއަށް ހިނގައިގަތެވެ. އެއްވެސް މިސްރާބެއް ނެތިއެވެ. އެ ހޫނުގަދަ ދުވަހާއި މާހައުލުގެ އެއްވެސް އަސަރެއް އޭނާ އަކަށް އިހްސާސެއް ނުކުރެވެ އެވެ. ކުއްލިއަކަށް އަޔާންގެ ކުރިމައްޗަށް ސައިކަލެއްގައި އައިސް މަޑުކޮށްލިއެވެ. އެއީ އަޔާނުގެ ރަހުމަތްތެރި ސަހުބާނެވެ. ސަހުބާނުގެ އެދުމުގެ މަތީން އަޔާން އޭނާއާއެކު ރެސްޓޯރެންޓަކަށް ދިޔަ އެވެ. ހަޔާތުގެ ހުރިހާވާހަކަތަކެއް އޭނާ ސަހުބާނަށް ކިޔައިދިނެވެ. ރޮމުންނެވެ. ސަހުބާނު އެދުނީ އަވަހަށް މައިސާ ހޯދަން ދިއުމަށެވެ. އެދެމީހުން، ހޮސްޕިޓަލު ތެރޭގައި ދެބުރު ޖަހައިފިއެވެ. އެކަމަކު މައިސާއެއް ނުފެނުނެވެ. އެންމެފަހުން އެމީހުން މިސްރާބު ޖެހީ ބަދަރާ ދިމާއަށެވެ.

އަޔާނުމެންނަށް ބަދަރަށް އާދެވުނު އިރު އެ ރަށުގެ އެއްފެރީ ފުރައިގެން ފަޅުން ނުކުންނަނީ އެވެ. އަނެއްފެރި ފުރުމަށްޓަކައި ވާތަށް މޮހާލަނީ އެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދޯންޏަށް އެރުނީ ހަމަ ކިރިޔާއެވެ.ފަހަތަށް އެބުރި އަޔާން ސަހުބާނުއަށް އަތް ހޫރައިލި އެވެ. ސަހުބާނުވެސް ހިނިތުންވެފައިވާ މޫނަކާއެކު އަތް ހޫރައިލި އެވެ. އަޔާން ފެރީގައި ތިބި އެންމެންނަށް ނަޒަރު ހިންގާލިއެވެ. އެކަމަކު މައިސާއެއް ނުފެނުނެވެ.

އޭގެ ސާޅީހަކަށް މިނެޓް ފަހުން އަޔާން ހުރީ މައިސާމެންގެ ރަށުގައެވެ. މައިސާމެން ގެގޭ ދޮރުމަތިގަ އެވެ. އޭނާ ސަލާމް ގޮވައިލުމުން ނުކުތީ މައިސާގެ ދައްތަ ރިޔާސާ އެވެ. އެވަގުތު މައިސާ ކޮޓަރިއަށް ވަންގޮތަށް ނުނިކުން ވާހަކަ ރިޔާސާ ބުންޏެވެ. އަޔާން ހަމަ ގޮވާލުމާއެކު މައިސާ ދޮރު ހުޅުވައިފިއެވެ. އަދި އެވަގުތު މައިސާ އަރިއަޅާލަން ދިޔަ އެވެ. އެހެންނަމަވެސް އަޔާން އޭނާ ހިފެހެއްޓި އެވެ. އަޔާން މައިސާ އުފުލާލައިގެން ގެންގޮސް އެނދުގައި ބޭއްވި އެވެ. މައިސާގެ މޫނުގައި ފެން އުނގުޅާލުމާއެކު މައިސާ ހޭއެރި އެވެ. އެ ވަގުތު އޭނާ، ވަރަށް ބާރަށް އަޔާންގެ ދެއަތުގައި ހިފަހައްޓާލި އެވެ. އަދި އޭނާ ދޫކޮށްލާފައި ނުދިއުމަށް އެދުނެވެ. އެވަގުތު ރާޔާގެ މެސެޖެއް އަޔެވެ. އެމެސެޖުގައި އޭނާއަށް ކުރެވުނު ކަންތަކަށް މާފަށް އެދިފައިވެ އެވެ. އަދި ފޯރމް ކެންސަލު ކުރިވާހަކަ އާއި އުފާވެރި ދިރިއުޅުމަކަށް އެދޭ ވާހަކަ ވެސް އެމެސެޖުގައި ލިޔެފައިވެ އެވެ. އަޔާން އުފަލުން ފުރިފައިވާ ހާލު މައިސާ ގެނެސް އޭނާގެ މެޔާލާ ބާރު ކޮށްލި އެވެ. އަދި އަބަދުވެސް އޭނާއަކީ މައިސާގެ މީހެއްކަމުގައާއި މައިސާދެކެ އޭނާ އަބަދުވެސް ލޯބިވާނެ ކަމުގައި ބުންޏެވެ. އަދި ދުވަހަކުވެސް މައިސާ ދޫކޮށް ނުލާނެކަމަށް ވަޢުދުވި އެވެ.

ކޮމެންޓް 0