21

މެލޭޝިއާ އަކީ ވިޔަފާރިދަތުރުތަކަށް ޒިޔާން އާންމު ގޮތެއްގައި ދަތުރުކޮށްއުޅޭ ޤައުމެކެވެ. އޭނާއަކީ އިލެކްޓޮރޯނިކްސްއާއި އެކްސެސޮރީސްގެ ވިޔަފާރި މާލޭގައި ފުޅާދާއިރާއެއްގައި ހިންގާ ވިޔަފާރިވެރިއެކެވެ. ޒިޔާންގެ މިފަހަރުގެ ދަތުރަކީ ވިޔަފާރިދަތުރެއްނޫނެވެ. އޭނާގެ ދަތުރުގެ ހަމައެކަނި ސަބަބަކީ ނިޔާޒުއެވެ. ނިޔާޒުގެ ކޮންމެ އެދުމެއް ފުރިހަމަކޮށްދިނުމަކީ ޒިޔާންގެ ވާޖިބެކެވެ. ނިޔާޒު ބަލިއެނދުގައި އޮވެގެން ޒިޔާންކައިރީ އެދުނީ އެންމެކަމަކަށެވެ. އޭނާގެ ހަމައެކަނި ދަރިފުޅު އޭނާގެ ކައިރިއަށް ގެނެސްދިނުމެވެ.

މައީޝާ ފެންވަރައިލައިގެން އައިސް ސޯފާގައި އިށީނެވެ. އޭނާއަށް އޮފީހުންއާދެވުނީ އެހެންދުވަހަށްވުރެ ލަހުންނެވެ. އޮފީހުގައި މިއަދު މަސައްކަތްތައް ތަންކޮޅެއް ބުރަވީމައެވެ. މޭޒުމަތީގައި އޮތް ލެޕްޓޮޕްނަގާ ހުޅުވާލަމާއެކު މައީޝާގެ ލޯ ޑެސްކްޓޮޕްގައިހުރި ވޯލްޕޭޕަރަށް ހުއްޓުނެވެ. އެއީ މައީޝާ ކުޑައިރު އޭނާގެ ބައްޕައާއެކު ނަގާފައިވާ ފޮޓޯއެކެވެ. އެފޮޓޯ ފެންނަ ކޮންމެފަހަރަކު މައީޝާގެ ހިތް އޭނާގެ ބައްޕަ ދެކިލުމެއްއެދި ރުޔެވެ. އެތައްފަހަރަކު ފޯނުނަގައި ގުޅަން ބޭނުންވިއެވެ. ނަމަވެސް އެވަރުގެ ހިތްވަރެއް މައީޝާއަކަށް ނުލިބުނެވެ. ހަތަރު އަހަރުވެގެން ދިޔައިރު އެންމެ ފަހަރަކުވެސް ބައްޕައޭނާގެ ހާލުބަލާކަށް ނޫޅެއެވެ. ވީއިރު މައީޝާއަށް ބައްޕައަށް ގުޅަންކެރޭނީ ކިހިނެއް ހެއްޔެވެ. އޭނާގެ ބައްޕަ ކުއްލިގޮތަކަށް އެހާބޮޑަށް ބަދަލުވީ ކީއްވެހެއްޔެވެ. މައީޝާވިހެއުމުގެ ތެރޭގައި އޭނާގެ މަންމަވަނީ ނިޔާވެފައެވެ. އެދުވަހުން ފެށިގެން އޭނާގެ ހުރިހާކަމެއްވެސް ބެލެހެއްޓީ ބައްޕައެވެ. އެހެންނަމަވެސް ފާއިތުވެގެން ދިޔަ ފަސްއަހަރުތެރޭ އޭނާގެ ބައްޕަ މުޅިން ބަދަލްވިއެވެ. ބައްޕަގެ ގިނަވަގުތު ވިޔަފާރީގައި ހޭދަކޮށް މައީޝާކައިރީގައި ހޭދަކުރާ ވަގުތުތައް މަދުވިއެވެ. މައީޝާ އެކަމާއި ވަރަށް ދެރަވިއެވެ.

މައީޝާ ސިހުނީ އޭނާގެ އެޕާރޓުމެންޓްގެ ޑޯރ ބެލްގެޑަށެވެ. މައީޝާ މަޑުމަޑުން ދޮރުހުޅުވާ ބަލާލިއެވެ. އޭނާގެ ހުރިހާ ހަރަކާތެއް ގަނޑުވިއެވެ. މައީޝާގެ ފައިންބާރުދޫވާހެން އޭނާއަށްހީވިއެވެ. މައީޝާ ކުރިމަތީގައި ހުއްޓިލައިގެންއެހުރީ އެހެން ދެވަނަ މީހެއްނޫނެވެ. އެސޫރަ ކޮންމެ އިރަކު ކޮންމެ ތަކަނުން ފެނުނަސް އޭނާއަށް އެނގޭނެއެވެ. އެއީ ޒިޔާނެވެ.

"އެތެރެއަށް ވަންނާކަށް ނުބުނާނަންތަ؟" ޒިޔާންގެ އަޑުއިވުމާއެކު މައީޝާއަށް ބޭއިޙްތިޔާރުގައި ފަހަތައް ޖެހިލެވުނެވެ.

ޒިޔާން މަޑުމަޑުން އެތެރެއަށްވަނެވެ. ހަތަރުއަހަރު ފަހުން ފުރަތަމަ ފަހަރަށް ޒިޔާން ފެނުމުން މައީޝާގެ ހިތައް ނޭނގޭކަހަލަ އިހްސާސްތަކެއް ކުރުވިއެވެ. ޒިޔާންގެ ހަށިގަނޑަށް އައިސްފައިހުރި ބަދަލްތައް މައީޝާއަށް ފާހަނގަކުރެވުނެވެ. ޒިޔާންއަކީ ރީތިމީހެކެވެ. އެހެނަސް މިހާރު އޭނާގެ ފިރިހެންވަންތަ ކަމާއި ރީތިކަން އިތުރުވެފައިވެއެވެ. ޒިޔާންގެ ދިގުއިސްތަށިގަނޑު މިހާރު ހުރީ ކުރުކޮށް ތުނިކޮށް ކޮށާލާފައެވެ.

"ޒިޔާން ކީއްކުރަނީ މިތާ؟" މައީޝާ އަހައިލިއެވެ.

"އަހަރެން މިއައީ މައީޝާ ބަލާ." ޒިޔާން ބުންޏެވެ.

ޒިޔާންގެ ހިތުގެ ވިންދުވަނީ އަވަސްވެފައެވެ. މައީޝާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ޒިޔާންގެ ހިތް މައީޝާއަށްވަނީ ހަދިޔާކުރެވިފައެވެ. އޭނާގެ އިޙްސާސްތައް މައީޝާއަށް ހާމަކުރަން ކިތަންމެ ބޭނުންވިޔަސް އެއީ ޒިޔާނަށް އެހާ ފަސޭހަކަމެއްނޫނެވެ . އޭނާގެ ސަބަބުން މައީޝާއަށް އެއްވެސް ގެއްލުމެއް ލިބިގެންދިޔުމަކީ ޒިޔާން ބޭނުންވާގޮތެއްނޫނެވެ. މިވަގުތު ޒިޔާނަށް އެންމެ މުހިންމީ ނިޔާޒެވެ. ނިޔާޒުގެ ބަލިހާލު މައީޝާއަށް އެނގެންޖެހެއެވެ. ޒިޔާންއެވާހަކަ މިހާދުބަހު މައީޝާއަށް ސިއްރުކުރީ ނިޔާޒުގެ އެދުމުގެ މަތީންނެވެ. އެހެނަސް މިހާރު މައީޝާއަށް އޭނާ ބައްޕަގެ ބަލިޙާލު އެނގެންޖެހެއެވެ.

ފްލައިޓުން ފޭބިއިރު މައީޝާގެ ހިތްދިޔައީ ބާރަށް ތެޅެމުންނެވެ. އޭނާގެ ބައްޕައަކީ މިހާރު ކުޑަދުވަސްކޮޅެއްގެ މެހެމާނެކެވެ. މައީޝާގެ ހިތްހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. އޭނާ ބޭނުންވީ އަވަހަށް ބައްޕަދެކިލާށެވެ. އޭޑީކޭ ހޮސްޕިޓަލަށް ދިޔުމަށްޓަކައި މައީޝާ ޒިޔާނާއި އެކު ކާރަށް އެރިއެވެ.

ނިޔާޒުއަށް ވަނީ މޭގެ ކެންސަރު ޖެހިފައެވެ. އޭނާގެ މޭގައި ވަރަށް ކުރީއްސުރެންވެސް އިންފެކްޝަނެއްވަނީ ހެދިފައެވެ. ނިޔާޒުގެ މެޔަށް އުނދަގޫވާންފެށީ އޭނާގެ ގާލްބްލެޑާރ ރިމޫވް ކުރިފަހުންނެވެ. އެހާ ހިސާބުން ފެށިގެން ނިޔާޒުގެ މެޔަށް ކެންސަރު ޖެހިދާނެކަމުގެ އިންޒާރު ޑޮކްޓަރުންވަނީ ދީފައެވެ. ސަބަބަކީ ގާލްބެލެޑާރ ނެތި މޭގެ ފަންކްޝަނަށް ޕްރެޝަރު ބޮޑުވެފައިވާތީއެވެ. އަދި ނިޔާޒުގެ މޭގައި އިންފެކްޝަން ހެދިފައި ހުރުމުގެ ސަބަބުން އެ ޕްރެޝަރު މެޔަށް ނުނެގޭނެތީއެވެ. ނިޔާޒުއައީ އޭނާއަށް ކުރެވެންއޮތް ހުރިހާ ފަރުވާއެއް ކުރަމުންނެވެ. ނިޔާޒުގެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށްވީ ޒިޔާންގެ އެހީތެރިކަން ލިބުމުންނެވެ. ނިޔާޒު އޮފީހަށް ނުގޮސް ލަސްވާތީ ޒިޔާން އައީ ނިޔާޒަށްވީގޮތެއް ބަލާށެވެ. އެދުވަހަކީ ނިޔާޒަށް ނޭވާލަން އުނދަގޫވެގެން އުޅުނު ދުވަހެކެވެ. ނިޔާޒު ހޮސްޕިޓަލަށް ދާން އިންކާރުކުރިނަމަވެސް ޒިޔާން ނިޔާޒު ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. އެދުވަހު ޒިޔާނަށް ހުރިހާ ވާހަކައެއް ކިޔައިދޭން ނިޔާޒަށް މަޖުބޫރުވިއެވެ.

ނިޔާޒަކީ ކޮންސްޓްރަކްޝަން މަސައްކަތްތައް ރާއްޖޭގައި ފުޅާދާއިރާއަކަށް ހިންގާ މީހެކެވެ. އޭނާގެ އަމިއްލަ ވިޔާފާރީއެއް ހިންގަމުން، ބައްޔަށް ފަރުވާ ކުރަން ރާއްޖެއިން ބޭރަށް ގިނަގިނައިން ދާން ޖެހުމުގެ ސަބަބުން މައީޝާއާއި އެކީވަގުތުހޭދަކުރެވެނީ ވަރަށް މަދުންނެވެ. އެކަމާ ނިޔާޒު ވަރަށް ދެރަވެ ހިތާމަ ކުރިއެވެ. ނިޔާޒުގެ މެޔަށް ކެންސަރު ޖެހިފައިވާކަން ޔަޤީންވީ މީގެ ހަތަރު އަހަރު ކުރީންނެވެ. އޭރެ މައީޝާގެ އުމުރުން ނަވާރައަހަރެވެ. މައީޝާއަށް އެނގިއްޖެއްޔާ އޭނާ ދެރަވާނެވަރު ނިޔާޒަށް އެނގެއެވެ. ރާމިޒާ ނިޔާވުމަކީ ނިޔާޒުއަށް ލިބުނު ފުންހިތާމައެކެވެ. އެހިތާމަ ލުއިވެގެން ދިޔައީ މައީޝާގެ ސަބަބުންނެވެ. ނިޔާޒުގެ ހުރިހާ ވަގުތެއް މައީޝާއާ އެކީ ހޭދަކުރުމަށް އޭނާ އަޒުމު ކަނޑައެޅިއެވެ. ނިޔާޒުއަށް އޭނާގެ ދަރިފުޅަށްވުރެ މުހިންމު އެއްވެސް އެއްޗެއް ނޯންނާނެއެވެ. މައީޝާ މެލޭޝިޔާއަށް ކިޔަވަންދާން ބޭނުންވާ ވާހަކަ ބުނުމުން ނިޔާޒު ވަރަށް ދެރަވިއެވެ. ސަބަބަކީ އޭނާއަށް އޮތީ ކުޑަދުވަސް ކޮޅެކެވެ. އަދި އެދުވަސްތައް މައީޝާއާއި އެކު ހޭދަނުކުރެވޭނެތީއެވެ. އެކަމަކު މައީޝާގެ ކުރިމަގަށް އެއްވެސް ހުރަހެއް އެޅޭކަށް ނިޔާޒުނޭދެއެވެ.

މައީޝާ އޭނާގެ ބައްޕަގެ އެނދުކައިރީގައި މަޑުމަޑުން އިށީނެވެ. އޭނާގެ ބައްޕަގެ ހާލަތު ފެނުމުން މައިޝާގެ ހިތައް ވަރަށް އަސަރު ކުރިއެވެ. ބައްޕައަށް އޮތީ ނިދިފައި ކަމަށްހީކޮށް މައީޝާ ތެދުވާން އުޅުނެވެ. މައީޝާ މަޑުޖެހުނީ އޭނާގެ އަތުގައި ބައްޕަ ހިފައި ބާރުކޮށްލުމުންނެވެ. މައީޝާ ނިޔާޒުގެ މޫނަށް ބަލާލިއެވެ. ނިޔާޒު ހީލިއެވެ. އަދި ދަރިފުޅާއޭ ކިޔާފައި ގޮވާލިއެވެ. މައީޝާ ނިޔާޒުގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. މައީޝާއަށް ހީކުރެވުނީ ބައްޕަ އޭނާދެކު ލޯބިނުވަނީ ކަމަށެވެ. އޭނާމަތިން ފޫހިވީކަމަށެވެ. މައީޝާ މެލޭޝިޔާއަށް ދިޔައީ އިންފޮރމޭޝަން ޓެކްނޮލޮޖީއިން ބެޗެލާރސް ޑިގްރީކޯހެއް ހަދާށެވެ. ކޯސް ނިމިގެން މާލެއަށްއައުމުގެ ބަދަލުގައި މެލޭޝިޔާއިން ވަޒީފާއެއް ހޯދައިގެން އެތާނގައި މަޑުކުރީ އެސަބަބަށްޓަކައެވެ. މައީޝާއަށް ހީކުރެވުނީ ބައްޕަގެ ހަޔާތުގައި އޭނާއަށް ޖާގައެއްނެތްކަމަށެވެ.

ނިޔާޒު މައީޝާއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެވާހަކަތައް ސިއްރުކުރީ މައީޝާގެ މުސްތަޤުބަލަށް ހުރަސްއެޅިދާނެތީކަން މައީޝާއަށް ވިސްނައިދިނެވެ. އޭނާ ބޭނުންވީ މައީޝާ އަމިއްލަ ފައިމައްޗައް ތެދުވެ އުޅޭތަން ދެކޭށެވެ. ނިޔާޒު މައީޝާއާ ދޭތެރޭ ފަޙުރުވެރިވިއެވެ. މައީޝާ މުޅިދުވަސް ހޭދަކުރީ ނިޔާޒުކައިރީ ހޮސްޕިޓަލްގައެވެ. މައީޝާހުރީ ވަރުބަލިވެފައިކަމުން އަރާމުކުރަން ގެޔަށް ދިއުމަށް މައީޝާކައިރިން ނިޔާޒުއެދުނެވެ.

ޒިޔާން އޮފީސް ނިންމާލުމަށްފަހު ނިޔާޒު ކައިރިއަށް ހޮސްޕިޓަލަށް ދިޔުމަށް މިސަރާބުޖެހިއެވެ. ޒިޔާން އައިސް އިށީނުމާއެކު ނިޔާޒު ހީލިއެވެ. ޒިޔާން ހީލަމުން ނިޔާޒުގެ އަތުގައި ހިފާލިއެވެ. އޭނާ ނިޔާޒުދެކެ އަމިއްލަ ބައްޕަފަދައިން ލޯބިވެއެވެ. ޒިޔާނަށް ބައްޕައެއްގެ ލޯތްބަކީ ކޮބައިކަން ބުނެދިނީ ނިޔާޒެވެ.

ނިޔާޒާއި ޒިޔާން ބައްދަލްވީ މީގެ ދިހައަހަރު ކުރިންނެވެ. ޒިޔާންގެ އުފަން ބައްޕައަކީ ރުޅިގަދަ މީހެކެވެ. މަސްތުވާތަކެއްޗަކީ ޒިޔާންގެ ބައްޕަގެ އެންމެގާތް އެކުވެރިޔާއެވެ. ޒިޔާންގެ ބައްޕަގެ ފަރާތުން ޒިޔާންއަށާއި އޭނާގެ މަންމައަށް އެކިވަރުގެ އަނިޔާ ލިބެމުންދިޔައެވެ. ޒިޔާންގެ އުމުރުން ދިހަ އަހަރުގައި އޭނާގެ މަންމަ ނިޔާވިއެވެ. ޒިޔާންގެ މަންމަ ނިޔާވުމާއެކު ޒިޔާން މުޅިން އެކަނިވިއެވެ. ޒިޔާންގެ ބައްޕަގެ ފަރާތުން އޭނާ ސަލާމަތްކުރާނެ މީހެއްނެތެވެ. ޒިޔާން ސްކޫލަށް ދިޔުންވެސް ހުއްޓާލިއެވެ. އޭރު އޭނާގެ އުމުރުން ފަނަރައަހަރެވެ. އޭނާއަކަށް ބައްޕަގެ ވާހަކަ އެހެންމީހެއްކައިރީ ކިޔައިދޭކަށް ނުކުރުނެވެ. އެންމެފަހުން ޒިޔާނަށް ކެތްނުކުރެވިގެން އޭނާ ގެއިން ނިކުތެވެ. ނިޔާޒަށް ޒިޔާންފެނުނީ ޕޭވްމެންޓުގައި އިށީނދެލައިގެން ހުއްޓައެވެ. ޒިޔާންގެ މޫނުހުރީ ދުޅަވެއަރާފައެވެ. އޭނާގެ ގައިގެ އެކިތަންތަން ހުރީ ނޫފައިގެންފައެވެ. ނިޔާޒަށް ޒިޔާނުގެ ހާލަތުފެނުމުން އޭނާބަހައްޓާފައި ދާކަށް ނުކުރެނެވެ. ނިޔާޒް ޒިޔާން ގޮވައިގެން ހޮސްޕިޓަލަށްގޮސް ފަރުވާހޯދިއެވެ. ޒިޔާންގެކައިރިން ވެގެންއުޅޭގޮތުގެ ވާހަކަ އެހިއެވެ. ޒިޔާނަށް އޭނާގެ ވާހަކަތައް ނިޔާޒަށް ކިޔައިދެން ފަސްޖެހުނު ކަމުގައިވިޔަސް ފަހުން ހުރިހައި ވާހަކައެއް ކިޔައިދިނެވެ. ނިޔާޒް ޒިޔާން އަނބުރާ އޭނާގެ ބައްޕަގެ ކައިރިއަށް ފޮނުވާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން ނިޔާޒު ޒިޔާންގެ ޒިންމާނެގީއެވެ. ޒިޔާން ބަހައްޓާނެ ތަނެއް ހޯދައިދީ އޭނާއަށް ބޭނުން ހުރިހާކަމެއް ފުރިހަމަ ކޮށްދިނެވެ. ޒިޔާންގެ ބައްޕަ ޑްރަގް އޯވާރޑޯސްވެގެން މަރުވީ އޭގެ ހަފްތާއެއްފަހުންނެވެ. ނިޔާޒުގެ އެހީތެރިކަމާއެކު ޒިޔާން ސްކޫލް ނިންމައި މަތީ ތަޢުލީމު ހާސިލްކުރިއެވެ. ނިޔާޒުގެ އެދުމުގެ މަތީން ޒިޔާން އޭނާގެ ވިޔަފާރީގައި ބައިވެރިވިއެވެ. އެހެންނަމަވެސް ޒިޔާން ބޭނުންވީ އޭނާގެ އަމިއްލަ ވިޔަފާރިއެއް ފެށުމަށެވެ. ޒިޔާން އަމިއްލަ ވިޔަފާރިއެއް ފެށިނަމަވެސް ނިޔާޒަށް އޭނާގެ ވިޔަފާރީގައި ޒިޔާންދިޔައީ އެހީތެރިވަމުންނެވެ.

"ޒިޔާން. ބޭބެ ވަރަށް އުފާވޭ ދަރިފުޅުކަހަލަ ކުއްޖެއް ބޭބެއަށް ލިބުނީތީ. ދަރިފުޅުގެ އެހީތެރިކަން ނުލިބުނުނަމަ ބޭބެއަކަށް ނޭނގޭ ބޭބެ އެކަނި ހުރިހާކަމެއް ކުރާނީ ކިހިނެއްކަމެއްވެސް." ޒިޔާން ސިއްސައިގެންދިޔައީ ނިޔާޒުގެ އަޑުއިވުމުންނެވެ.

"ބޭބެއަށް އެހީވެދިނުމަކީ އަހަރެންގެ ޒިންމާއެއް. އަހަންނަށް ލިބޭ އުފަލެއް. އަހަންނަށް މިދިރިއުޅުން ހޯދައިދިނީ ބޭބެ. ބޭބެ އަހަންނަށް ކޮށްދިން ކަންތައްތައް އަހަރެން ދުވަހަކުވެސް ހަނދާނެއްނުނެތޭނެ." ޒިޔާން ބުންޏެވެ.

"ދަރިފުޅާ. ދަރިފުޅުގެ ހަޔާތުގައި ވެގެންދިޔަ ކަންތައްތަކުގެ ސަބަބުން ދަރިފުޅުގެ އަމިއްލަ ދިރިއުޅުމަށް ހުރަސްއެޅިގެންނުވާނެ. އައިން އެއްވެސް ކަމެއްގައި ދަރިފުޅުގެ ކުށެއްނެތް." ނިޔާޒުގެ ވާހަކަ އަޑުއިވުމުން ޒިޔާން ފެންކަޅިވިއެވެ. ޒިޔާން ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް އޭނާގެ އިޙްސާސްތައް ނިޔާޒަށް ފޮރުވޭގޮތެއް ނޯވެއެވެ. އެއަށްވުރެ މާރަނގަޅަށް ނިޔާޒަށް ޒިޔާން އެނގެއެވެ.

ދެމަސްފަހުން ނިޔާޒު މިދުނިޔެއާއި އަލްވަދާޢު ކިޔެވެ. ބައްޕަ ނިޔާވުމުން މައީޝާއަށް ފުން ހިތާމައެއް ލިބުނު ނަމަވެސް ބައްޕަގެ ފަހު ދުވަސް ތަކުގައި ބައްޕައާއެކު ވަގުތު ހޭދަކުރެވުނީތީ އޭނާ އުފާވިއެވެ. މައީޝާ ސޯފާގައި އިށީންނަމުން އޭނާއުޅެ ބޮޑުވި ގެއަށް ނަޒަރު ހިނަގާލިއެވެ. އެގޭގެ އެކިހިސާބުތަކުގައި އޭނާގެ ބައްޕަގެ ހަނދާނަތައް އެކުލެވިގެންވެއެވެ. މައީޝާއަށް ފުރަތަމަ ޒިޔާން ފެނުނީވެސް އެގެއިންނެވެ. އޭރު މައީޝާގެ އުމުރުން ނަވާރައަހަރެވެ. އެދުވަހު މައީޝާގެ ބައްޕަ ޒިޔާންގެ ހުރިހާ ވާހަކައެއް މައީޝާއަށް ކިޔައިދިނެވެ. ނިޔާޒަށް ޒިޔާން ފެނުނު ގޮތާއި އޭނާގެެ އުމުރުން ފަނަރައަހަރުން ފެށިގެން ނިޔާޒް ޒިޔާންގެ ހުރިހާ ކަމެއް ބެލެހެއްޓިވާހަކައެވެ. ޒިޔާންއާއި ދޭތެރޭ އޭނާގެ ބައްޕަ ކަންތައްކުރިގޮތުގެ ވާހަކަ އަޑުއިވުމުން މައީޝާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އަދި ޒިޔާންގެ ބައްޕަ ދުނިޔޭގައި ނެތްކަމީ ނަސީބެކޭ މައީޝާގެ ހިތައް އެރިއެވެ.

ޒިޔާންގެ ހަނދާންތައް އާވަމުން ދިޔަވަރަކަށް މައީޝާގެ ހިތައް އުނދަގޫވާންފެށިއެވެ. މައީޝާ ޒިޔާންދެކެ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް ޒިޔާން މައީޝާއާއި ދޭތެރޭދެކެނީ ކިހިނެއްކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ފާއިތުވެދިޔަ ދެމަސްތެރޭގައިވެސް މައީޝާއަށް ޒިޔާންފެނުނީ ވަރަށް މަދުންނެވެ. ޒިޔާން ހޮސްޕިޓަލްގައިހުރި ވަގުތެއްގައި މައީޝާއަށް ދެވުނަސް ޒިޔާން އަވަހަށްދާނެއެވެ. ހީވާކަހަލައެވެ. ޒިޔާން މައީޝާއަށް އެއްގޮތަކަށްވެސް ފެންނާކަށް ބޭނުމެއްނުވެއެވެ.

ގޯތިތެރޭގައި ހުންނަ ބަގީޗާ ސަރަހައްދަކީ މައީޝާއެންމެ ގަޔާވާ ތަނެވެ. ވިނަގަނޑަކާއެކު ވަށައިގެން ގިނަވައްތަރުގެ މާގަސްތައް ހައްދާފައިހުރިއެވެ. ކައިރީގައި ހައްދާފައިހުރި ބޮޑެތިގަސްތަކުގެ ސަބަބުން އެސަރަހައްދައް ހިޔާލިބިފައިވެއެވެ. މައީޝާހުރީ ވިނަގަނޑުގައި އިށިީނދެގެން އިނގިރޭސި ވާހަކަފޮތެއް ކިޔާށެވެ. މައީޝާ ސިއްސައިގެންދިޔައީ ކައިރީގައި މީހަކު އިށީނދުމުންނެވެ.

"ސޮރީ. ބިރުގަންނަވާކަށް ނޫން. ގެއަށްވަންއިރު މައީޝާފެންނަންނެތީމަ އެނގިއްޖެ މިތާނގައިކަން ހުންނާނީ." ޒިޔާން ހީލަމުން ބުންޏެވެ.

ޖަވާބުގައި މައީޝާވެސް ހީލިއެވެ. އަދި ސުވާލުން ފުރިފައިވާ ނަޒަރަކުން ޒިޔާނާއި ދިމާއަށް ބަލަހައްޓައިގެން ހުރިއެވެ.

"އަހަރެން ބޭނުންވި މައީޝާކައިރީ ހުރިހާ ވާހަކައެއް ބުނަން. އެކަމަކު ބޭބެގެ އެދުމުގެ މަތިން ހުރިހާވާހަކައެއް ސިއްރުކުރީ." ޒިޔާން ވާހަކަ ދެއްކިއެވެ.

އާއެކޭ ބުނާފަދަ ގޮތަކަށް މައީޝާ ބޯޖަހައިލިއެވެ. އަދި ޒިޔާން އޭނާގެ ބައްޕަގެ ބަލިހާލުގައި ބައްޕައަށް ކޮށްދިން ހުރިހާ ކަމަކަށް ޝުކުރުވެރިވާ ވާހަކަ ބުންޏެވެ.

"ދިރިއުޅުމުގައި މިހާހިސާބަށް އާދެވޭނެކަމަކަށް އަހަރެން ދުވަހަކުވެސް ހިއެއްނުކުރަން. ބޭބެއާއި ބައްދަލްވުމުގެ ކުރިން އަހަރެން އަބަދުވެސް ހިތައްއަރާ އަހަރެންގެ ތަޤްދީރު ލިޔެވިފައިވަނީ ކިހިނެއްބާވައޭ؟ ދިރިއުޅުމަކީ ކޮބައިކަމާއި، އާއިލީވަންތަކަމާއި އަދި ލޯތްބަކީ ކޮބައިކަން އަހަންނަށް ދަސްވީ ބޭބެއާއި މައީޝާގެ ފަރާތުން." މައީޝާއަށް ޒިޔާންގެ ލޮލުން އެތައް އިޙްސާސްތަކެއް އެއްފަހަރާ ފެނިގެންދިޔައެވެ.

"އަހަރެން އަބަދުވެސް ޤަބޫލްކުރަމުންއައީ އަހަރެންގެ މަަންމަ ނިޔާވީ އަހަރެންގެ ސަބަބުންކަމައް. އަހަރެންގެ ބައްޕަ ކިބައިން މަންމަ ސަލާމަތްކުރަން އަހަންނަށް އެއެވެސްކަމެއްނުކުރެވުނީމަ. އެދުވަހު އަހަރެން އަމިއްލަނަފްސަށް ވަޢުދުވިން އަހަރެންގެ ސަބަބުން އެއްވެސް މީހަކަށް އެފަދަގޮތެއް މެދުވެރިވެދާނެ އެއްވެސްކަމެއް ވިޔަނުދޭން. މައީޝާ މެލޭޝިއާއަށް ދިޔުމުގެ ކުރިން ބުނަން އުޅުނު ވާހަކަ އަހަންނަށް އެނގޭ. އަހަރެންނަށް މައީޝާގެ ލޮލުން ހަޤީޤަތް ފެންނަންހުރި. އެހެންނަމަވެސް މައީޝާ އަހަރެންދެކެ ލޯބިވާ ވާހަކަ ބުނާއަޑުއަހާކަށް އަހަންނަށް ކެތެއްނުކުރެވުނު. ސަބަބަކީ އަހަރެންނަށް އެއިރު ޤަބޫލެއްނުކުރެވޭ މައީޝާއަށް ޙައްޤު ވާވަރް އަހަންނަށް މައީޝާއަށް ލޯބިދެވޭނެ ކަމަކަށް. އެދުވަހު އަހަރެން މައީޝާއަށް ވާހަކަދައްކަން ފުރުސަތުނުދީ އަވަހަށް ދިޔައީ އެހެންވެ." ޒިޔާން މައީޝާއަށް ކިޔައިދިނެވެ.

"އެއީ ޒިޔާންގެ ކުށެއްނޫން. ޒިޔާންގެ މަންމަ ނިޔާވިއިރު ޒިޔާނަކީ ކުޑަކުއްޖެއް. އެހެންނޫނަސް ޒިޔާންގެ ބައްޕަގެ އަމަލުތަކަށް ޒިޔާން ޒިންމާވާކަށް ނުޖެހޭ." މައީޝާ ޖަވާބުދިނެވެ.

"އަހަރެން ޒިޔާނާއި ދޭތެރޭ ދެކޭގޮތް އެނގިހުރެވެސް ޒިޔާން އެއްޗެކޭ ނުބުނީ ކީއްވެ؟" މައީޝާ ބޭނުންވީ އިތުރަށް އޮޅުންފިލުވާށެވެ.

"އަހަރެންގެހިތް ބިރުގަންނަނީ. އަހަރެން ބޭނުމެއްނޫން އަހަރެންގެ ބައްޕަ ފަދަ މީހަކަށްވާން. އަހަރެންގެ ސަބަބުން މައީޝާއަށް ގެއްލުމެއްވެއްޖެއްޔާ އަހަރެންހަދާނީކިހިނެއް؟" އެވަގުތު މައީޝާއަށް ޒިޔާން ސިފަވެގެންދިޔައީ ބިރުގަނެފައިވާ ކުޑަކުއްޖެއްގެގޮތުގައެވެ. ޒިޔާންގެ މާޒީގެ ސަބަބުން ޒިޔާނަށް ކޮށްފައިވާ އަސަރު މައީޝާއަށް ފުރަތަމަފަހަރަށް ފެންނަން ހުއްޓެވެ.

"ޒިޔާން ތިއީ ޒިޔާންގެ ބައްޕައެއް ނޫން. ޒިޔާނަކީ މަޑުމައިތިރި، ކެތްތެރި އަދި ހިތްވަރުގަދަ މީހެއް. ޒިޔާންގެ ހިތްވަރާއި އަމިއްލަ މަސައްކަތުން ޒިޔާންތިވަނީ ކާމިޔާބު ދިރިއުޅުމެއް ހޯދާފައި. އަހަރެން ޒިޔާނާއި ދޭތެރޭ ފަޙްރުވެރިވަން." ޒިޔާންގެ އަތުގައިހިފައި ބާރުކޮށްލަމުން މައީޝާ ބުންޏެވެ.

"މައީޝާ!...އަހަރެން މައީޝާދެކެ ވަރަށް ލޯބިވޭ. އަހަރެންގެ ދިރިއުޅުމުގެ ބާކީބައި އަހަރެން ބޭނުންވަނީ މައީޝާއާއި އެކު ހޭދަކުރަން. މައީޝާ އަހަރެންދެކެ އަދިވެސް ލޯބިވޭތަ؟" ޒިޔާން މައީޝާކައިރިން އެހިއެވެ.

"އަބަދުވެސް..." މައީޝާ ޒިޔާންގެ މޭގައި ބޯއަޅައިލަމުން ޖަވާބުދިނެވެ.

ކޮމެންޓް 0