އިރުއޮއްސުނު ފަހުން ވެހުނު ވާރޭގެ ތެތްފިނި ކަމުގެ އަސަރު ޖައްވުގައިވަނީ ހަރުލާފައެވެ. އުޑުމަތީގައި އަދިވެސް ކަޅުވިލާތައް ގިނައެވެ.ދޭތެރެ ދޭތެރެއިން ގުގުރާލައެވެ.ގުގުރާލާ ކޮންމެ ފަހަރަކު ވިދާލާވިދުވަރާއި އެކު އަނދިރިކަމުގެ ފަރުދާ ޖައްވުގެ މޫނުމަތިން ކެހިގެންދެއެވެ.
ކައްދޫ އެއާރޕޯޓުގައި މަސައްކަތް ކުރަމުންދާ މާހިލް ޑިއުޓީ ނިއްމާލުމަށް ފަހު ގަމަށް ދާން ނިކުތް އިރު އުޑުމަތިވަނީ ކަޅު ވިލާތަކުން ފަރުދާވެފައެވެ.ޖެހެމުންދާ ތެތް ފިނިވައިން ރައްކާތެރިވުމަށްޓަކައި އޭނާ ނިކުތީވެސް އޯވަރކޯޓެއް ލައިގެންނެވެ.ވާރޭ އައުމުގެ ކުރިން ގެއާއި ހިސާބަށް ފޯރާތޯ އޭނާއަށް ސައިކަލް ދުއްވާލެވުނީ އޭނާ އާޢްމުކޮށް ދުއްވާ އުޅޭ ވަރަށް ވުރެ ބާރަށެވެ.ކައްދޫ ފަސްދީ މާންދުއަށް ދާން އޮންނަ ކޯޒުވޭ މައްޗަށް އެރެވުނު އިރު ވިއްސާރަ ވިލާގަނޑުގެ ވައި އަތުވެއްޖެއެވެ.ވާރޭ ވެހިފައި އޮތުމާއެކު ބައެއް ފަހަރު ކޯޒުވޭ މަތިން ކަހާލާ ގޮތްވެސް ވާން ފަށައިފިއެވެ.ވުމާއެކު މާހިލަށް މަޖުބޫރުވީ ސައިކަލުގެ ދުވެލި މަޑުކުރާށެވެ.
ކުއްލިއަކަށް ކޯޒުވޭ ހުރަސް ކުރި މީހެއް މާހިލްގެ ލޮލުގައި އަޅައިގަތެވެ.އެކަމަކު މިފަދަ ރެއެއްގައި އަމުދުން މިހާ ދަންވަރު ގަޑިއެއްގައި ކޯޒުވޭމަތީގައި މީހަކު އުޅެފާނެބާއޭ މާހިލްގެ ހިތަށް އެރިއެވެ.އެކަމަކު އެމީހާގެ ގަޔަށް އޭނާގެ ސައިކަލުގެ ލައިޓުވެސް އެޅުނެވެ.އެމީހާ ލައިގެން ހުރީ މުޅި ހަށިގަނޑު ނިވާވާ ކަހަލަ ހެދުމެކެވެ. ވުމާއެކު އެއީ އަންހެނެއް ކަމެއް ފިރިހެނެއް ކަމެއް ވަކިވާވަރެއް ނުވެއެވެ.ގައިމުވެސް މާހިލަށް އެގޭކަމަކީ މިހާދަންވަރު ގަޑީގައި ކޯޒުވޭމަތީގައި އަންހެނަކު ނޫޅޭނެކަމެވެ.އެކަމަކު މަސްބާނަށް އައިސް އުޅޭ ހިތްވަރު ގަދަ ކޮންމެވެސް ފިރިހެނަކު އުޅެފާނެއެވެ.މާހިލު އެމީހާ ހުރަސް ކުރި ހިސާބަށް އާދެވުމާއެކު އެހިސާބު ސައިކަލުގެ ހެޑުލައިޓު ޖައްސައިގެން ވަރަށް ރަނގަޅަށް ހޯދާބެލިއެވެ. އެހެނަސް މާހިލަށް އެހިސާބުން އިންސާނެއް ކީއްކުރަން ހެއްޔެވެ؟ދިރޭ މަހުލޫޤެއްގެ ހިލަމެއްވެސް ނުވިއެވެ.މިގޮތަށް ކަންތައް ވުމުން މާހިލް ކުޑަކޮށް ބިރު ގަންނަގޮތްވިއެވެ.މިހާތަނަށް ދުވަހަކުވެސް މާހިލަށް އެފަދަ ކަމަކާއި ކުރިމަތި ވެފައެއްނުވެއެވެ.އެތަށް ރެއަކު އޭނާވަނީ އެކޯޒުވޭ ހުރަސްކޮށް އަމާންކަމާއި އެކު ގެއާއި ހިސާބަށް ވާސިލުވެފައެވެ.އެހެނަސް މިރޭ...............އޭނާ ފުންނޭވައެއްލުމަށް ފަހު ސައިކަލު ދުއްވާލިއެވެ.
ކޯޒުވޭ ހުރަސްކޮށް މާންދުއަށް އެރިއިރު އޭނާއަށް އާދަޔާ ޚިލާފު ކަންތައްތަކެއް މިރޭ ފާހަގަކުރެވުނެވެ. އެވިއްސާރަ ދުއްޕާން ރޭގަވެސް ކާޅުތަކާއި ކޮވެލިތައް ރާގުޖައްސާލާފައި ގޮވާނަގަމުން ދެއެވެ.ގައިމުވެސް އޭނާއަށް އެގޭކަމަކީ އެއީ އަމާންކަމުގެ އިޝާރާތެއް ނޫން ކަމެވެ.މާހިލް ކުޑަކޮށް ބިރުގަނެ ކުރިއަށް ދާން ފަސްޖެހޭގޮތްވާން ފަށައިފިއެވެ.ނަމަވެސް އެވަގުތަކީ ދަންވަރުގެ ވަގުތުކަމުން އޭނާ ބޭނުންވަނީ ވީހާވެސް އަވަހަށް ގެއަށްދާށެވެ.ބިރުގަތުމާއި ހާސްކަމުގައި އޭނާ ސައިކަލު ދުއްވަމުން ދިޔައެވެ.މުސްކުޅިން ބުނެއުޅޭ ގޮތުން ކާޅާއި ކޮވެލި އާޢްމުކޮށް އެސޮރުމެން ނުގޮވާ ވަގުތެއްގައި މާބާރަށް ގޮވާނީ ބިރުވެރި ކަމުގެ ނިޝާނެއްގެ ގޮތުންނެވެ. މިފަދަ ޚިޔާލުތައް ހިތަށް ވެރިވުމާއެކު މާހިލް އިތުރަށް ބިރުގަންނަގޮތްވިއެވެ.އޭނާ ދެލޯމަރާލުމަށް ފަހު ފުންނޭވައެއްލިއެވެ.ސައިކަލް ދުއްވަމުން ދިޔައިރުވެސް ހިތުގައި ދިޔައީ ބިރުވެރިކަމުގެ ރަނގަބީލު ޖެހެމުންނެވެ. މާންދޫ ތެރެއިން ގޮސް ގަމަށް ދާން އޮންނަ ބޮޑުމަގަށް އެޅިއިރު އެހިސާބުގައި ހުންނަ ގަސްބުރުމަތީގައި ކޮންމެވެސް މީހަކު އިންތަން އޭނާގެ ލޮލުގައި އަޅައިގަތެވެ. މިދަންވަރުގަޑީގައި އަނެއްކާ އެއީ ކާކުބާއެވެ؟. މާހިލް ބިރުގަތްފައި އިންނަމަވެސް އެމީހެއް ބަލާލުމުގެ ޝަޢުޤުވެރިކަން ހިތުގައި އުފެދުނުލެއް ބޮޑުކަމުން އެމީހާ އާއި ދާދި ގާތަށް ގޮސް ސައިކަލް މަޑުކޮށްލިއެވެ. ޞުބުޙާނަށްﷲއެވެ.އެއީ އަންހެންކުއްޖެކެވެ. މިދަންވަރުގަޑީގައި އަމުދުން މިފަދަ ރެއެއްގައި އަންހެންކުއްޖަކު އެފަދަ ތަނެއްގައި އިނުމަކީ ވަރަށް ނާދިރު ކަމެކެވެ. އަންހެންކުއްޖާ އިނީ ދެއަތް ދަތްދޮޅީގައި ވިއްދާލައިގެން އިސްދަށަށް ޖަހާލައިގެންނެވެ. އޭނާއަށް މީހަކު އޭނާ ކައިރީގައި ހުރިހެންވެސް ހިއެއް ނުވެއެވެ.
''ކިހިނެއްވެފަ މިގަޑީގަ އަމުދުން މިކަހަލަ ރެއެއްގައި މިތާގަ ތީނީ.''ބިރުގަނެފައި އިން ނަމަވެސް މާހިލް އަންހެންކުއްޖާ އާއި ވާހަކަދެއްކިއެވެ.''މާބޮޑު ކަމެއް ނުވޭ. މިހިސާބަށް އައި ތަނުން ސައިކަލް ހުއްޓުނީ.ދެން މީހެއް ދިމާވޭތޯ މިތާ މަޑުކޮށްލައިގެން މީނީ.'' އަންހެންކުއްޖާ ވާހަކަދެއްކީ ހަމަ އެއިން ގޮތަށް އިނދެއެވެ. ''ތީ ކޮން އަވަށަކު ކުއްޖެއްތަ؟'' މާހިލް އަހާލިއެވެ.ބޭނުންވަނީ އަންހެންކުއްޖާއަށް އެހީވާށެވެ.''އަހަރެން މީ މުކުރިމަގުމީހެއް؟''އަންހެންކުއްޖާ ވާހަކަދެއްކީ ފަރުވާ ކުޑަރާގަކަށްށެވެ.''ހިނގާ.އަހަރެން އަވަށަށް ގެންގޮސްދީފާނަށް. އަހަރެންވެސް މިދަނީ އަވަށަށް ދާން.އަހަރެންމީ ތުނޑީމީހެއް. އަހަންނަށް ކިޔަނީ މާހިލް.'' މާހިލް އަމިއްލައަށް ތާޢާރަފު ވެލިއެވެ.'' ޝުކުރިއްޔާ.'' އަންހެންކުއްޖާ ސައިކަލްގެ ފަހަތުގައި އަރާ އިށީއްނަމުން މަޑުމަޑުން ބުންޏެވެ.އޭނާގެ ކޮންމެ ހަރަކާތަކުން މާހިލަށް އިތުރު ނުތަނަވަސް ކަމެއް ލިބުން ނޫން ކަމެއް ނުވެއެވެ.
''ދެން ބުނެބަލަ. ކޮންނަމެއްތަ ކިޔަނީ؟'' މާހިލް ސައިކަލް ދުއްވާލަމުން އަހާލިއެވެ.''އީކާ.'' ''އީކާއޭ. ތީ މުކުރިމަގު ކުއްޖެއްތަ ހަމަ؟ '' މާހިލަށް އެނަމަކީ އާނަމެކެވެ.މިއިން ދުވަހަކުވެސް އޭނާއަށް އެއަވަށުން ކީއްކުރަން ހެއްޔެވެ؟'' މުޅިގަމުންވެސް އެނަން ކިޔާ ކުއްޖަކާއި ދިމައެއް ނުވެއެވެ.
''ހޫނ. އަހަރެންމީ ހަމަ މުކުރިމަގު މީހެއް. އަހަރެންގެ ނަން އަޑު އިވުނީމަ ވަރަށް ހައިރާން ވެއްޖެދޯ. އަހަރެން ކުރިން އުޅުނީ އެހެން ރަށެއްގައޭ.އަދި ރަށަށް އައިތާ މާގިނަ ދުވަހެއް ނުވާނެ.'' އީކާގެ އަޑު މާހިލަށް އިވެމުން ދިޔައީ މާދުރުން އިވޭ ކަހަލަ ގޮތަކަށްށެވެ.''އެހެންދޯ.''މާހިލް ބުނީ ހަމައެކަނި އެވަރަށެވެ.
އަވަށާއި ވަރަށް ގާތްވެފައި ވަނިކޮށް ހިމަފޮދު ވާރޭ ވެހެން ފަށައިފިއެވެ. އީކާ މާހިލްގެ ކޮޑުގައި ބާރަށް ހިފަހައްޓާލިއެވެ. ހީވަނީ ވެއްޓި ދާނެތީ ބިރުން އުޅޭހެންނެވެ. އީކާ ހިފަހައްޓާލިލެއް ބާރު ކަމުން މާހިލަށް ތަދުވެސް ވިއެވެ. އެހެނަސް އޭނާ އެކަމަށް ކެތްކުރިއެވެ. އަވަށުގެ ގެތައް ފެންނަށް ފެށުމުން އީކާ ސައިކަލް މަޑުކުރުމަށް އެދުނެވެ.
''އަނެއްކާ ކިހިނެއްވީ؟'' މާހިލް ސައިކަލް މަޑުކޮށްލަމުން އަހާލިއެވެ. ''އަހަރެން ނޭދެން މާދަމާ މާހިލްއޭ ކިޔާފަ ރަށުތެރޭގައި ތަފާތު ވާހަކަތައް ފެތުރޭކަށް.މިތާ ވަރަށް ކައިރީގައޭ ގެހުންނަނީ.'' އީކާ މަޑުމަޑުން ބުންޏެވެ. ރަނގަޅު ވާހަކައެއް ތިބުނީވެސް.''މާހިލް އެހެން ބުނެފައި ބަލާލިއިރު އީކާ ޖެހުނުތާ ވަސްވެސް ނެތެވެ.އޭނާ އެރީ މައްޗަށް ކަމެއް ނޫނީ ދިޔައީ ބިންފަޅާފައި އަޑިއަށް ކަމެއް ނޭނގެއެވެ. މިގޮތަށް ކަންތައް ވުމުން މާހިލް އިތުރަށް ބިރުގަންނަގޮތްވިއެވެ.
މާހިލް ގެއަށް ގޮސް ވަންއިރު އެހެން ރޭރެއެކޭވެސް އެއްފަދައިން މިރޭވެސް މަންމަ އޭނާގެ އިންތިޒާރުގައި އިނެވެ. ''ދަރިފުޅާ.ހާދަލަސްވީ. އަނެއްކާ ކިހިނެއްވީ؟''މާހިލްގެ މަންމަ މާޖިދާ ވާހަކަދެއްކީ ނުހަނު ލޯތްބާއި އެކުގައެވެ. ''އެވީގޮތަކީ ކުޑަކޮށް ވިއްސާރަ ވައްތަރަށް އޮތީމަ އޮފީހުގަ މަޑުކޮށްލީއޭ މަންމާ.'' މާހިލް މިރޭ ދިމާވި ކަންތައްތައް މަންމަ އާއި ހިއްސާކޮށް މަންމަ އިތުރަށް ފިކުރު ބޮޑުކުރާކަށް ބޭނުމެއް ނުވިއެވެ. ''އެހެންތަ. ދެން ކީއްވެތަ މަންމަ އެވަރަށް ގުޅިއިރުވެސް ފޯނު ނުނެގީ.''މާޖިދާ މާހިލް ފޯނުނުނެގީތީ ޝަކުވާކޮށްލިއެވެ. ''އޭނ.. މަންމަ މަށަށް ގުޅި ނަމައެއްނު ފޯނުނެގޭނީ. މަންމަ ގުޅިންތަ؟'' މާހިލް ހައިރާންވެފައި ބުނެލިއެވެ. ''މަންމަ ގުޅިންހޭ؟ ބަލާބަލަ ފޯނު ކިހާވަރަކަށްތޯ ގުޅީ؟''މާޖިދާ ބުންޏެވެ.މާހިލް އަވަސް އަވަހަށް ޖީބުގައި އޮތް ފޯނު ނަގާ ބަލާލިއެވެ.ފޯނު އޮތީ ނިވިފައެވެ.''މީއެއްނު މިވީގޮތަކީ.ފޯނު މިއޮތީ ނިވިފައޭ މަންމާ.''އޭނާ ފޯނު އޮން ކޮށްލަމުން ހިނިތުންވެލާފައި ބުންޏެވެ.ގައިމުވެސް އޭނާ ފޯނު ޖީބަށްލީ ނިއްވާލާފައެއް ނޫނެވެ.''ދެން ތިވާހަކައެއްނޫނޭ. އަތްފައި ދޮވެލައިގެން ކާން އާދޭ.މިހާރު އެއޮއް ދެގަޑިބައިވަނީ.'' މާޖިދާ ވާހަކަދެއްކީ ސުފުރާ މައްޗަށް ތަށިތައް އަރުވަމުންނެވެ. މާހިލްވެސް މަންމައަށް ލަސްވެދާނެތީ އަތްދޮވެލައިގެން އައިސް ކާން އިށީއްނިއެވެ.ނަމަވެސް މިރޭ އޭނާގެ އަރުތެރެއިން ކާތަކެތި ދިރޭގޮތެއް ނުވިއެވެ. ކިތަށްމެ ބަނޑުހައިވެފައި އިންނަމަވެސް މިރޭ ދިމާވި ކަންތައްތަކުގެ ސަބަބުން އޭނާވަނީ ކާހިތް ކެޑިފައެވެ.
''ދަރިފުޅާ.ކާއެއްޗެހި ނުބައީތަ؟ ނުކައިތީނީ.''މާހިލް ބަތްތަށި ހާވާލަ ހާވަލާ އިނުމުން މާޖިދާއަކަށް މަޑަކުން ނީދެވުނެވެ.''ނޫންމަންމާ.މިިރޭ ހަމަ ކާހިތްނެތީ.''މާހިލް މަޑުމަޑުން ބުންޏެވެ.''އަނެއްކާ ބޭރުން ކައިގެންތަ ތިއައީ..''މާޖިދާ އަހާލިއެވެ.''ނުކަމޭ މަންމާ.ހަމަ އައިގޮތަށް ގެއަށް މިއައީ.''މާހިލް ތެދުވެގެން ގޮސް އަތްދޮވެލައިގެން ކޮޓަރި އާއި ދިމާއަށް ހިނގައިގަތެވެ.މާހިލްގެ އަމަލުތައް ހުރިގޮތުން މާޖިދާ އިނީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ.މީގެ ކުރިން މާހިލަކީ އެގޮތަށް ކަންތައް ކުރާ ކުއްޖެއް ނޫނެވެ.މާޖިދާ ތަށިތައް ނަގާ ސުފުރާމަތި ސާފުކުރަމުން ދިޔައިރުވެސް މިރޭ ވިސްނިމުން ދިޔައީ މާހިލާއި މެދުގައެވެ. އެންމެ ފަހުން މާހިލް މާބޮޑަށް ވަރުބަލިވެފައި ހުރުމުން ވީގޮތެއ ކަމަށް ނިއްމައި ދަރިފުޅަށް ދެރަގޮތެއް ނުވުމަށް ހިތާހިތުން ދުޢާކުރަމުން ގޮސް އޭނާވެސް ކޮޓަރިއަށް ވަނެވެ.
މާހިލް ނިދަން އުޅެ އުޅެ ނިދޭގޮތެއް ނުވިއެވެ.ހަމަ ދެލޯމަރާލާ އިރަށް އޭނާއަށް ފެންނަނީ އީކާއެވެ. ނުނިދި ދެއަތަކަށް ފުރޮޅިލަ ފުރޮޅިލަ އޮއްވާ ކުއްލައަކަށް އޭނާ ސިއްސައިގެން ދިޔައީ ފޯނު ރިންގުވާ އަޑަށެވެ. އޭނާ އަވަސް އަވަހަށް ފޯނުނަގާ ފޯނަށް ބަލާލިއެވެ.ގުޅަމުންދަނީ މީގެކުރިން އޭނާ އެމީހެއްގެ ފޯނަށް ނުހަނު އިންތިޒާރުކުރާ އައިޝާއެވެ. އައިޝާއަކީ ނަރުހެކެވެ. އޭނާއަށް ކިރިޔާވެސް ހުސްވަގުތެއް ލިބޭ އިރަށް މާހިލަށް ގުޅާނެއެވެ.މާހިލް ފޫހިވެ އިނދެ ފޯނުނަގާ ކަންފަތުގައި ޖައްސާލަމުން ހަލޯއޭ ބުނެލިއެވެ.އެކޮޅުން އައިޝާ ޝަކުވާކޮށްލިއެވެ. އޭނާ ގުޅީމަ ފޯނު ނުގާތީއެވެ. ނަމަވެސް މިރޭ މާހިލް އާއިޝާ އާއި މާގިނައިރު ވާހަކަދައްކާ ހިތެއް ނުވިއެވެ. ވަރަށް ވަރުބަލި ކަމަށް ބުނެފައި ފޯނުބޭއްވިއެވެ. ނުހަނު ވާހަކަދައްކާލާ ހިތުން މާހިލަށް ގުޅި އާއިޝާއަށް ލިބުނީ ހިތްނުތަނަވަސް ކަމެވެ.އެއީ އާއިޝާ އާއި މާހިލްގެ ހަތަރު އަހަރުވީ ލޯބީގެ ގުޅުމުގައި މުޅިން އަލަށް އައިޝާ އާއި ދިމާވިކަމެކެވެ.އެންމެ ފަހުން އޭނާ ހެނދުނު ޑިއުޓީ ނިމިގެން ގެއަށް ދިޔުމުގެ ބަދަލުގައި މާހިލްގެ ހާލު ބަލާލަން އެގެއަށް ދިޔުމަށް ނިއްމިއެވެ.
މާހިލް ނުނިދިގެން ކޮޓަރިތެރޭގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ.އިރުއިރުކޮޅާއި އޭނާއަށް ކޮޑުގައި އަތްފިރުމާލެވެއެވެ.ދިލަނަގާތީ ކެތްނުކުރެވިގެންނެވެ.އެންމެ ފަހުން އޭނާގޮސް ޑުރެސިންޓޭބަލްގެ ލޯގަނޑުގެ ކުރިމައްޗަށް ހުއްޓުނެވެ.ދެލޯމަރާލުމަށް ފަހު ފުންނޭވައެއްލިއެވެ.އެއަށް ފަހު ލޯގަނޑުން ފެންނަށް ހުރި އޭނާގެ ސޫރައަށް ބަލާލިއެވެ.އެވަގުތު އޭނާއަށް ފެނުނު މަންޒަރު ޤަބޫލުކުރަންވެސް ދަތިވިއެވެ.ކޮޑުމަތީގައި އީކާ ހިފަހައްޓާލި ތަން ނޫފައިގެންފައި ހުއްޓެވެ.މާހިލްގެ ސިކުނޑީގައި އެބުރެމުންދަނީ އެންމެ ސުވާލެކެވެ.އީކާގެ އަތުގެ ނިޝާން އޭނާގެ ކޮޑުގައި އެހެރީ ކީއްވެބާއޭއެވެ؟ އޭނާ ހަމައެހާ ބާރަށް ހިފިބާއެވެ؟ އެއީ އަނެއްކާ އިންސާނެއްބާއެވެ؟މިފަދަ ހިޔާލްތަކެއްގައި ނުނިދި ކޮޓަރިތެރޭގައި އެބުރިއެބުރި ހުއްޓާ އިވުނީ ފަތިސްނަމާދުގެ ބަންގީގެ އަޑެވެ.އޭނާ އަވަސްވެގަތީ ފަތިސްނަމާދުކުރާށެވެ.
ފަތިސްނަމާދުކޮށްގެން އެނދުގައި ޖައްސާލިތަނާ މާހިލަށް ނިދޭގޮތްވެއްޖެވެ.މާޖިދާ ސައި ހެދުމަށް ފަހު ސައިބޯން މާހިލަށް ގޮވަން އައިސް ކޮޓަރިއަށް ވަންއިރު މާހިލް އޮތީ އަރާމުކޮށް ނިދާލާފައެވެ.ވުމާއެކު މާހިލަށް ގޮވާ ހޭލައްވާކަށް އޭނާއަކަށް ނުކެރުނެވެ.އޭނާމާޖިދާ ކޮޓަރިން ނިކުތްއިރު އައިޝާ އައިސް އެގެއަށް ވަންނަނީއެވެ. އައިޝާ ހުރީ ޔުނީފޯމުގައި ކަމުން އޭނާ އެއައީ ޑިއުޓީ ނިމިގެން ގެއަށް ދިޔުމުގެ މަގުމަތީގައި ކަން މާޖިދާއަށް އެގުނެވެ.
''ދަރިފުޅާ.ކިހިނެއްވީ އަނެއްކާ؟ޑިއުޓީ ނިމުނު ގޮތަކަށް ގެއަށް ވެސް ނުގޮސް މިގެއަށް ތިއައިއްޔޯ؟މާޖިދާ އައިޝާއަށް ބަލާލަމުން ނުހަނު ލޯތްބާއި އެކު ވާހަކަ ދެއްކިއެވެ.''ކަމެއް ނުވެއޭ މަންމާ! ހިތަށް އެރީ މިއަދު ސައިބޯނީ މިގެއިންނޭ.އެހެންވެ މިއައީ.''އައިޝާއަށް އޭނާ އައި އަސްލު ބޭނުން ބުނާކަށް ނުކެރުނެވެ.''އެހެންތަ؟އަވަހަށް ހިނގާ ސައިބޯން.ސައި ހުރީ ހަމަ ތައްޔާރުވެފައޭ.އެކަމަކު އިހަށް ގޮސް މާހިލަށް ގޮވާ ނަގާ.މަންމަ އަންނާނަށް ބައްޕަ ގޮވައިގެން.''މާޖިދާ ހިނގައިގަތީ ކޮޓަރި އާއި ދިމާއަށެވެ.އައިޝާވެސް މަޑުމަޑުން ގޮސްވަނީ މާހިލްގެ ކޮޓަރިއަށެވެ.އައިޝާ ކޮޓަރި ތެރެއަށް ވަން ގޮތަށް ގޮސް ކުޑަދޮރުގައި ދަމާލެވިފައި ގަދަ ނޫކުލައިގެ ފަރުދާ ކަހާލިއެވެ.އެއަށް ފަހު އޭނާ މާހިލާއި ދިމާއަށް އެބުރިލިއެވެ.އޭނާއަށް ފެނުނީ ލޮލަށް ޤަބޫލުކުރަންވެސް ދަތި މަންޒަރެކެވެ.މާހިލް ފަކީރު ހީކަރުވައިގެން ގޮސް ތުރުތުރުލަނީއެވެ. އައިޝާ އަވަސް އަވަހަށް އައިސް މާހިލްގެ ނިތްކުރީގައި އަތް ބާއްވާލިއެވެ.ޞުބުޙާނަށްﷲ އެވެ.މާހިލްގެ ހުން ވަރަށް ގަދައެވެ.ހީވަނީ ދޮންކޮށްލާފައި އޮތް ދަގަނޑެއް ހެންނެވެ.އައިޝާ ލަސްނުކޮށް ދަބަހުގައި އޮތް ހުންބަލާ ކަށިގަނޑު ނަގައިގެން މާހިލްގެ ހުންބަލާލިއެވެ.މާހިލްގެ ހުން ހުރީ ދުއިސައްތައަށް ވުރެވެސް މަތީގައެވެ.
''މަންމާ!''އައިޝާއަށް މަންމާއޭ ކިޔާ ގޮވާލެވުނީ ފުދޭ ވަރަކަށް ބާރަށެވެ.އައިޝާގެ އަޑު އިވުމާއެކު ކާގެއަށް ވަންނަށް ފައި ނަގަނަގާ ހުރި މާޖިދާއަށް މާހިލްގެ ކޮޓަރިއާއި ދިމާއަށް ދުއްވައި ގަނެވުނެވެ.މާޖިދާގެ ފަހަތުން މާހިލްގެ ބައްޕަ ހަސަންފުޅުވެސް އެކޮޓަރިއަށް އައިސް ވަނެވެ.ކޮންމެ މީހަކަށް ވެސް މާހިލްގެ ހާލު ހުރިގޮތް ފެނުމުން އެކަކު އަނެކަކަށް ދެރަވެފައި ކަރުނުވީ ލޮލަކުން ބަލާލެވުނެވެ.އައިޝާ ވަގުތު ނަގާ ނުލާ ކާރަކަށް ގުޅާ ގެނެސް މާހިލް ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. ވަގުތުން އެމެޖެންސީގައި މާހިލަށް ފަރުވާ ދެވެން ފެށުނެވެ.އެހެނަސް ޑޮކުޓަރުންނާއި ނަރުހުން ކުރަމުންދާ މަސައްކަތްތައް ދަނީ ބޭކާރު ވަމުންނެވެ.މާހިލްގެ ހުމެއް ތިރިއެއް ނުވެއެވެ.ހޭއަރާ ކޮންމެ ފަހަރަކުހެން ތެޅިފޮޅި އޭނާ ގޮވަމުންދަނީ އޭނާ ދޫކޮށްލުމަށް އެދިއެވެ.މާހިލް އޭނާ ދޫކޮށްލުމަށް އެދި އެގޮވަނީ ކާކު ގާތުގައި ކަމެއް މިއީ އެއްވެސް މީހަކަށް ނޭގޭ ސިއްރެކެވެ.
މާހިލް އޮތް ވާޑުގައި ހުރި ރަށުގެ މުދިންބެއަށް މާހިލްގެ ހާލު ފެނުމުން އެމަންޒަރު ބަލާކަށް މަޑަކުން ނުހުރެވުނެވެ.އޭނާ މާހިލް ގާތަށް ޖެހިލާ މާހިލްގެ ނިތްކުރީގައި އަތް ބާއްވާލަމުން ކޮންމެވެސް އެއްޗެއް މަޑުމަޑުން ކިޔަން ފަށައިފިއެވެ.އިސާހިތަކު މާހިލްގެ ހަރަކާތް ކެޑި މަޑުމައިތިރި ވެއްޖެވެ.މާހިލްގެ ހުންވެސް ކުރިއަށް ވުރެ ތިރިވެއްޖެވެ.ޑަކުޓަރުންނާއި ނަރުހުންނަށް ލިބުނީ ހައިރާންކަމެކެވެ.ކޮންމެ މީހަކުވެސް މުދިންބެ އާއި ދިމާއަށް ބަލާލަނީ ސުވާލުގެ ނަޒަރަކުންނެވެ.މުދިންބެގެ މޫނުމަތިން އެއިން ކޮންމެ މީހަކަށް ފެނިފެން ދިޔައީ ނުތަނަވަސް ކަމެވެ.މުދިންބެ މަޑުމަޑުން ގޮސް ހުއްޓުނީ މާޖިދާ އާއި ހަސަންފުޅު ގާތަށްށެވެ.
''ކޮން އިރަކުވީ ކަމެއްމީ؟''މުދިންބެ ސުވާލުކޮށްލިއެވެ.''ރޭ ޑިއުޓީ ނިއްމާފަ ގެއަށް އައި ފަހުން މާހިލްގެ މިޒާޖު ވަރަށް ތަފާތު.''މާޖިދާ ދެރަވެލާފައި ބުންޏެވެ.''އެހެންތަ؟މާހިލާއި ބެހޭގޮތުން ތިދެމަފިރިން ގާތު ބުނަށް އޮތީ ވަރަށް ދެރަވާނެ ކަހަލަ ވާހައެއް.''މުދިންބެ އިސްދަށަށް ޖަހާލަމުން ބުންޏެވެ.''އެއީ އަނެއްކާ ކޮން ވާހަކައެއް؟''ހަސަންފުޅު މުދިންބެ ގާތަށް ޖެހިލަމުން އަހާލިއެވެ.''މާހިލް ހުމަކީ އާދައިގެ ހުމެއް ނޫން.އޭނާ އެވަނީ ޖިންނިއެއް އަވަލާފަ.'' އޭނ... ކީކޭ؟މަގޭ ދަރިފުޅަށް ޖިންނިއެއް އަވަލީއޭ.ތީ ކިހިނެއް ޤަބޫލުކުރެވޭނެ ވާހަކައެއް؟މާޖިދާއަށް މުދިންބެ ދައްކާ ވާހަކަ ޤަބޫލު ނުކުރެވޭ ފާޑަކަށް ބުންޏެވެ.ހަސަންފުޅުވެސް ހުރީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ.''ދެން ކިހިނެއް މަގޭ ދަރިފުޅު ސަލާމަތްކުރާނީ.''ހަސަންފުޅު މުދިންބެގެ އަތުގައިހިފަމުން އާދޭހުގެ ރާގަކަށް ބުންޏެވެ.''ﷲ އިރާދަކުރެއްވިއްޔާ މާހިލް އެޖިންނީގެ ކިބައިގެން ސަލާމަތްވާނެ.އަހަރެން އެހީވާނަށް. ކުޑަ ހިތްވަރެއް ކޮށްލަން ޖެހޭނީ.''މުދިންބެ އެދެމަފިރިންނަށް ހިތްވަރު ދިނެވެ.
ހަމައެދުވަހު މާހިލް ގެއަށް ބަދަލުކުރެވި މާހިލް އެކަމުން ސަލާމަތް ކުރުމުގެ ހިތްވަރުގަދަ ބުރަމަސައްކަތް މުދިންބެ އޭނާގެ އެހެން ދެއެކުވެރިންނާއި އެކު ފެނިއެވެ.ފަންޑިތަ ހަދަމުން ދިޔައިރު މާހިލް ދިޔައީ އީކާ އާއި ދިމާވިގޮތާއި އޭގެ ފަހުން ކަން ހިނގިގޮތް ކިޔައިދެމުންނެވެ.އީކާވެސް ދިޔައީ އޭނާއަށް ލިބިފައިވާ ބާރުގެ ބޭނުން ކުރަމުންނެވެ.ބައެއް ފަހަރު އޭނާ މާހިލަށް ފެންނަނީ ބިރުވެރި ސިފައެއްގައެވެ.އޭނާ ދިޔައީ އޭނާއަށް ލިބެމުންދާ އަނިޔާތަކުގެ ސަބަބުން ރޮއިހޭރި އޭނާއަށް އެހެން ނުހެދުމަށް މާހިލް ގާތުން އެދި އާދޭސް ކުރަމުންނެވެ.
ފަންޑިތަ ހަދަމުންދާތާ ބަރާބަރު ފޮއިދުވަސްވީ ދުވަހު އީކާ މާހިލާއި ދިމާވި ގޮތާއި މާހިލާއި އަޅައިގަނެވުނުގޮތް ކިޔައިދިނެވެ. އެއްރެއަކު ދަންވަރުގަޑީގައި ރައްޓެހި ކުދިންތަކަކާއިއެކު ކޯޒުވޭމަތީގައި ސަކަރާތް ޖަހަން އުޅެމުން މާހިލް އެއްލާލި ދަޅުގޮސް ޖެހުނީ އީކާގެ ގައިގާކަމުގައި އޭނާ ބުންޏެވެ.އެހިސާބުން ފެށިގެން އޭނާ ދިޔައީ މާހިލްގެ ފަހަތުން މުގޯލި އަޅަމުން ކަމުގައި ބުންޏެވެ.އަދި ރަނގަޅު ވަގުތެއް ލިބުމުން މާހިލަށް ފެނި އޭނާ އާއި ގާތްވީކަމުގައި ބުންޏެވެ.މުދިންބެ މާހިލާއި ދުރަށް ދާން އެދުނެވެ. އެހެނަސް އީކާ ނުބައިފާޑަކަށް ހިނިގަނޑެއް ޖަހާލާފައި އަހަރެން ދުނިޔޭގައި ހުރިހާ ދުވަހަކު ތިކަމެއް ނުވާނެއޭ ބުންޏެވެ.އެންމެ ފަހުން މުދިންބެއަށް މަޖުބޫރުވީ ޖިންނި އަންދާލުމުގެ މަސައްކަތް ކުރާށެވެ.
އެންމެ ފަހުން މުދިންބެގެ ބުރަމަސައްކަތުން މާހިލް ޖިންނީގެ ކިބައިން ސަލާމަތްކުރިއެވެ.މާހިލާއި އޭނާގެ މުޅި އާއިލާ މުދިންބެއަށް ފަށްފަށުން ޝުކުރު އަދާކުރިއެވެ.މުދިންބެ މާހިލަށް އެތަށް ނަސޭހަތެއް ދިނެވެ.ދަންވަރު ބޭރުގައި އުޅޭއިރު ކަންތައް ކުރާނެގޮތާއި އެއްޗެއް އެއްލާލުމުގެ ކުރިން އަޢޫޒު ކިޔަން ވާނެކަން ހަދާން ކޮށްދިނެވެ.މާހިލް މުދިންބެގެ ނަސޭހަތްތައް އުފަލާއެކު ޤަބޫލުކުރިއެވެ.އިސާހިތަކު ދަންވަރުގަޑީގައި އޭނާ އާއި ދިމާވި ގޮތްނޭގޭ މަޙްލޫޤުގެ ކިބައިންވެސް ސަލާމަތްވެ މުޅިން އާދިރިއުޅުމެއް އޭނާއަށް ލިބިއްޖެވެ.ދިމާވި ހާދިސާއެއް ސަބަބުން ދީނަށް ލޯބިކުރާ ކިޔަމަންތެރި ޒުވާނަކަށް ވެވިއްޖެއެވެ.