9

އިރުވައި މޫސުމުގެ ހިތްގައިމު ދުވަހެކެވެ. ހިރުނދުގަސްދޮށުގައި ހުރި ޖޯލިފަތީގައި އިށީނދެލައިގެން އިނީ ޖަމިއްތައެވެ. މަންމަގެ ރަހުމަތްތެރިއެކެވެ. ބޮޑު ޗުއްޓީ ހޭދަކޮށްލަން އައީއެވެ. ޖަމިއްތަ އިނީ ހަޑޫ ހޮވާށެވެ. ކަޅު ހަޑޫ ދެ ފުއް ވަކިކޮށްލިއްޔާ ތިން ފުއް އެއްލަނީ އަނގަޔާ ދިމާއަށެވެ. އަތް ހަރަކާތްކުރާ ވަރަކަށް އަނގަ ވެސް ހަރަކާތްކުރާތަން ފެނެއެވެ.

ކުއްލިއަކަށް ދޮރޯށި ހުޅުވިއްޖެއެވެ. ކާކުތޯ ބަލައިލީމެވެ. ވަދެގެން އަންނަނީ ފާތުމައެވެ. ބޮލެކޭ ކާޅު ހާއްޔެކޭ އެއްގޮތެވެ. ދެ އަތް ބުޅިކޮށްގެން ކަކޫ ނުލަބައި ފައި ދަމަމުން ހިނގައިފައި އަންނަ އިރު ހީވަނީ އަރައިކާ އެއްޗެއް ހެންނެވެ. ފާތުމަ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ދެ ލޮލުން ކަރުނަ ހިލެއެވެ. އެ ހަނދާންތައް އާވާތީއެވެ. އެ ބިރުވެރި ދުވަސް ލޯމައްޗަށް ސިފަވާތީއެވެ.

''ހައްވާ އާދޭ ދާން ފުނަކާން'' އަނގަ އެލުވައިލެގެން ހުރެ ފާތުމަ އެހެން ބުނުމުން އަހަރެން ހައިރާނެއް ނުވެއެވެ. އެއީ މިހާރު ފާތުމަގެ އާދައެވެ.

''މިއޮތީ ވަޅި ވެސް'' ވަޅި ދައްކާލަމުން ފާތުމަ އަހަންނަށް އިޝާރާތްކުރިއެވެ. އަހަރެން ބިރުގަތީ އަމަށަކު ވަރަކަށް ނޫނެވެ. ފާތުމަ ވަޅިއެއް ގެންގުޅޭތީއެވެ.

''އަދި އިރުކޮޅަކުން ދޯ ދާނީ. އަހަރެން އަތަށް ވަޅި ދީފަ ފާތުމަ އިށީނދޭ ޖޯލީގަ.'' ބިރުން ހުރި ނަމަވެސް އަހަރެން ބުނިގޮތަށް ފާތުމަ ކަންތައް ކުރީތީ ވަރަށް އުފާވިއެވެ. އިރުކޮޅެއް ނުވެ ފާތުމަގެ މަންމައާއި ބައްޕަ އަތުވެއްޖެއެވެ. ފާތުމަގެ ހަށިގަނޑަށް ބާރުތަކެއް އެރީ އެ ވަގުތެވެ. ހުރިގޮތަށް ބިންމައްޗަށް ވެއްޓިއްޖެއެވެ. ހީވީ ކަނޑައިފައި ވައްޓައިލި ރުއްގުޅިއެއް ހެންނެވެ. އަތްފައި ބުޅިވެއްޖެއެވެ. ދެ ލޯ ބޮޑުވެ ތެޅެން ފަށައިފިއެވެ. ފާތުމަގެ މަންމައާއި ބައްޕަ ފާތުމަ ހިފަހައްޓަން މަސައްކަތް ފަށައިފިއެވެ. އަހަރެން ވެސް ހިފެހެއްޓޭތޯ ބެލީމެވެ. ކަރުބުޑުން ތޫލި އަޑުތަކެއް ނެރެ ބާރަށް ހަޅޭއްލަވައެވެ.

''ނުމަރަމޭ. މި ބުނީއެއްނު ނުމަރަމޭ. ތަދުވެޔޭ! އައްދޯތް. އަހަރެންގެ ގައިގައި ނުތަޅާ.. އިސްތަށިގަނޑުން ދޫކޮށްލާ ހެޔޮނުވާނެ'' އޭރު ވެސް ފާތުމަ ތެޅިފޮޅެނީއެވެ. ގިނައީ މެދުހަށި އުފުލިފައި ހުންނަ ވަގުތެވެ. ހީވަނީ ރާ ދަނޑިގަނޑެއް ހެންނެވެ. އެރި ބާރު ކުޑަވެގެން ދިޔައީ އަނގަތެރެއިން ފޮނު ނުކުތުމުންނެވެ. އިރުގަނޑެއް ވަންދެން އެހެން އޮވެފައި ކުއްލިއަކަށް ތެދުވެއްޖެއެވެ. ފާތުމަ ގޮވައިގެން އޭނާގެ މަންމަމެން ނުކުތެވެ. ނުދަންވެގެން އުޅުނެވެ.

''އެއީ ކާކުތަ؟ ކިހިނެއްތަ އެވީ؟'' ހައިރާންވެ އަނގަ ހުޅުވިފައި އިން ޖަމިއްތަ އިނީ ފުރުސަތަކަށް ބަލަބަލައެވެ.

''ޖަމިއްތާ! އެއީ ވަރަށް ދިގު ވާހަކައެއް.'' ޖަމިއްތަ އިން ޖޯއްޔާ ޖެހިގެން ހުރި ޖޯލީގައި އިށީނީމެވެ.

''އެއީ 1988ވަނަ އަހަރު މެދެއްހާ ހިސާބުގައި ހިނގި ހާދިސާއެއް. އަހަންނާ ފާތުމައާ ހަސީނާ ވަރަށް އެކުވެރިވާނެ. އަބަދު އުޅޭނީ އެއްކޮށް. ނަމާދަށް ވެސް މޫދަށް ވެސް ދަނީ އެކުގަ. މަންމަމެން ޖޯކު ޖަހަން ކިޔާނެ އެކަކާ އިންނަން އުޅޭ ތިން މީހުންނޭ. އަހަރުމެން މާ ބޮޑު ކަމަކަށް ނުހަދަން.'' ޖަމިއްތަ ނުހަނު ގަޔާވެ އަޑުއަހަން އިނެވެ.

''ހޫނ ހޫނ ކުރިއަށް ގެންދޭ'' ވާހަކަ ދެއްކުން މެދުކަނޑައިލުމުން ބުންޏެވެ.

''އެހެން ނޫނަސް އަހަރުމެންނަށް އޭރު ވާނީ އެގާރަވަރަކަށް އަހަރު. އަސްލު މަންމަމެން ބުނާ ބަސް ނޭހުނީމަ އެހެން ދިމާވީ''

''ކީއްވެތަ ތިހެން ތިބުނީ'' ޖަމިއްތަ ބަލައިލީ އާދޭހުގެ ބެލުމަކުންނެވެ. ޖަމިއްތަ އިނީ ވަރަށް ޝައުޤުވެރިކަމާއެކު އަޑުއަހާށެވެ.

''މަންމަމެން ބުނާނެ އަބަދު ތަންތަނަށް ނުދާށޭ! އަންހެންކުދިން އެހައި ގިނައިން ހިނގާކަށް ނުވާނޭ. އެކަމަކު....'' އަހަންނަށް ވާހަކަދެއްކުން މެދުކަނޑައިލެވުނެވެ.

''އެކަމަކު ކިހިނެއްވީ؟'' ޖަމިއްތަ ސުވާލުކުރިއެވެ.

''އަހަރުމެން އިވޭކަމަކަށް ނުހަދަން. މިއޮއް ބޮޑު ރަށުގައި ގަހެއްގައި ގޮބެއް ވެސް ނާޅާނެ. އަހަރުމެންނަށް ނޭނގި. އެހައި ވެސް ގިނައިން ތަންތަނަށް ދެވޭތީ މިހެން މިބުނީ'' އަހަރެން އިނީ މަންމަމެންގެ ބަސް ގަބޫލުނުކުރެވުނު ކަމުގެ ހިތިކަން އިތުރަށް އިހުސާސް ކުރެވިފައެވެ.

''ހޫނ ދެންވީ ކިހިނެއްތަ؟ އެ ވާހަކަ އަޑުއަހައި ހިތްވެފައި އިންލެއް ބޮޑުކަމުން ޖަމިއްތަ ސުވާލުކުރިއެވެ.

އާދައިގެ ދުވަހެކެވެ. އަހަރެން އިނީ މެންދުރު ބަތްކާށެވެ. ފާތުމައާއީ ހަސީނާ އައީ އެ ވަގުތުއެވެ. ''ފުނަ ދޮން ވެއްޖެ.'' ކަތްފަތް ދޮށަށް ގުދުވެލައިފައި ފާތުމަ އެހެން ބުނީ މަންމައަށް އަޑު އިވިދާނެތީއެވެ.

އަހަރެން އަވަސްއަވަހަށް ބަތްތަށި ކައި ހުސްކޮށްލީމެވެ. މަންމާއާ ސިއްރުން ބޭރަށް ނުކުތީ މަންމަ ނުފޮނުވާނެކަން އެނގޭތީއެވެ. މެންދުރު ވަގުތު ވަލަށް ނުދާށޭ މަންމަ އަބަދު ވެސް ބުނާނެއެވެ. އެ ގަޑިގެ ނުރައްކާތެރިކަން ކިޔައިދެއެވެ. މަންމަމެން ކުޑަ އިރު ހިނގާފައިވާ ބިރުވެރި ހާދިސާތައް ބުނެދެއެވެ. އެކަމަކު އަހަރުމެންނަށް އެ ކަންކަން ގަބޫލުކުރެވޭ ވަރަށް ވުރެ އަމިއްލަ ކަންކަމަށް އިސްކަން ދެވެއެވެ.

ތިން މީހުން އެކުގައި ހިނގައިފައި ގޮސް އަތިރިމައްޗަށް ނުކުތީމެވެ. ފުނަވަލަށް ދިއުމަށެވެ. އެއޮއް ބޮޑު އަތިރިމަތި އޮތީ ހުހަށެވެ. މީހެއްގެ ލިޝާނެއް ވެސް ފެންނާކަށް ނެތެވެ. މަގުގެ އެއްފަރާތުގައި ތަޅާފައިވާ ގާފޫންޏެއް ހުއްޓެވެ. ދުރުން ފެންނަ އަވާމެންދުރުން ދުވަހުގެ ހޫނުގަދަކަން އަންގައިދެއެވެ. އެ ހޫނު މަޑުކޮށްދެނީ އުތުރުން ޖެހޭ ނަލަނަލަ ވައިރޯޅިއެވެ. ވަލަށް ވަދެގެން ދިއުމަކީ އުނދަގޫކަމަކަށް ވާނެތީ ފުނަވަލަށް ދާން ނިންމީ ގޮނޑުދޮށުން ލައިފައެވެ. އެކި ވާހަކަދައްކަމުން ހީސަމާސާ ކުރަމުން ފުނަވަލާ ދިމައަށް މިސްރާބު ޖެހީމެވެ.

''މިއޮތީ ވަޅިއެއް.'' ކުޑަކުޑަ ވަޅިއެއް ފާތުމަ ދައްކައިލިއެވެ. ''ކީއްކުރާ ވަޅިއެއް؟'' އަހަރެން އަހައިލީމެވެ. ''ފުނަމަށަން. އެތަނުގައި ތިބެގެން ކައިގެން އަންނާނީ. އެހެންނޫނީ މަންމަމެންނަށް އެނގިދާނެ.''

ކުއްލިއަކަށް ފާތުމަގެ ބޮލަށް ކާޅެއް ޖެހިގަތެވެ. ކާޅު ދިޔަތާ އިރުކޮޅެއް ނުވެ ކާޅު ބައިގަނޑެއް އަންނަތަން ފެނުނެވެ.

''އޭތް ބަލައިލަބަލަ! ހާދަ ގިނަ ކާޅެއް!'' ފާތުމަމެންނަށް ދައްކައިލީމެވެ. ފާތުމަ ގާބުރިއެއް ނަގައި ކާޅުތަކާދިމާއަށް އެއްލިއެވެ.

''ކިހާ ބޮޑުކަމެއް. ބޮލަށް ވެސް ތަދުވެއްޖެ.'' ފާތުމަ ހުރީ ބޮލަށް ކާޅު ޖެހިގަތުމުން ރުޅިގަދަވެފައެވެ. މީހެއްގެ ހިލަމެއް ނުވާ އެ ހިސާބުގައި މާ ގިނައިން ކާޅު ގޮވާތީ އަހަރެން ހުރީ ބިރުންނެވެ. ފާތުމައަކީ ބިރުކުޑަ މީހެކެވެ. އަހަރެން ބިރުން އުޅޭތީ މަލާމާތްކުރެއެވެ.

''އާތް....'' ހަސީނާ ހަޅޭއްލަވައިގަތީ ކަކުނި ހޮރަކަށް ގަނބައިގަތުމުންނެވެ. އަޖައިބަކަށްވީ ހަސީނާގެ ފަލަމަސްގަނޑާ ހަމައަށް ގަނބައިގަތުމުންނެވެ. ''އެހާ ބޮޑެތި ކަކުނި އުޅޭނެބާ؟'' އަހަރެންގެ ހިތަށް އެރިއެވެ.

ހަސީނާއަށް އެކަނި ފައި ދަމައެއް ނުގަނެވުނެވެ. އަހަންނާއި ފާތުމައާ ދެ މީހުން ވެގެން ހަސީނާގެ ފައި ނެގުނީ ވެލިގަނޑު ކޮނެގެންނެވެ.

ފުނަ ކާހިތްވެފައި ތިބިވަރުން އެއޮއް ދުރަށް ވަރަށް އަވަހަށް ދެވިއްޖެއެވެ. އަތްފޯރާ ހިސާބުގައި އެންމެ ފުނައެއް ވެސް ނެތެވެ. ފުނަ ބިންނަން ފާތުމަ ގަހަށް އެރިއެވެ. އަހަންނާއި ހަސީނާ ތިބީ ފުނަ ހޮވާށެވެ. ކުއްލިއަކަށް ވަރަށް ބާރަށް އެއްޗެއް ވެއްޓުނު އަޑު އިވިއްޖެއެވެ.

''އަޑެއް އިވިއްޖެ.'' ފާތުމައަށް ގޮވައިލަމުން ބުނީމެވެ. ''ހައްވަ ބިރުން އުޅޭތީ ހީވާ ގޮތް އެއީ.'' ފާތުމަ ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. ހަސީނާއާއި އަހަންނާ ތިބީ ވަރަށް ބިރުންނެވެ. ކާޅު ވެސް ގޮވަނީ މާވަރަކަށެވެ.

ފާތުމަ ފުނައެއް ބިނދެލުމަށް ފަހު މަށައިލައިގެން ކައިލިއެވެ. ''ވަރަށް ފޮނި'' އޮށް އެއްލައިލީ ޖެހިގެން ހުރި ފުނަގަސްތެރެއަށެވެ. ފުނައޮށް ގޮސް ޖެހުނިހެން ހީނުވެ ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑު އިވެން ފަށައިފިއެވެ. އެ ގަހުގެ ގޮފިތައް ތިރިއަށް އެލި ބިމުގައި ޖެހިފައިވާތީ ގަސްތެރެއެއް ނުފެނެއެވެ. އެ ހިސާބުގައި ކުޑަ ކުއްޖެއް ކީއްކުރަން ބޮޑު މީހެއް ވެސް ނޫޅޭނެކަން އަހަރުމެންނަށް އެނގެއެވެ.

''ފާތުމާ.. ފާތުމާ..'' ފާތުމައަށް ގޮވައިލީ ވައި އަޑުންނެވެ. ފާތުމައަށް ވެސް އެ ރުއިމުގެ އަޑު އިވެއެވެ. ފާތުމަ ވެސް ބިރުން ތުރުތުރު އަޅައެވެ. ހަސީނާ ވެސް ހުރީ ހަމަ އެ ހާލުގައެވެ. ފާތުމަ ގަހުން ފައިބައިކަން ނުހަދައެވެ. ފުންމައިލީއެވެ. ފުންމައިލެވުނީ އަހަރެންގެ ގަޔަށެވެ. ފާތުމަ އަތުގައި އޮތް ވަޅި އަހަރެންގެ ކޮނޑަށް ވަދެ ކަފައިގެން ދިޔައެވެ. ނަސީބަކުން މާ ބޮޑަކަށް ނޫނެވެ.

ކުއްލިއަކަށް ފުނަގަސް ތެރެއިން ނުކުތީ ހުތުރު ސިފައަކަށް ހުރި އެއްޗެކެވެ. ދެ ލޯ ރަތްވެފައި ނޭފަތް ދިގެވެ. ގައިގައި ހީވަނީ ރަތްކުލައިގެ ދަވާދު ލައިފައި ހުރިހެންނެވެ. އަތްދަނޑި މަތީގައި ކުޑަ ކުއްޖެއް އޮތެވެ. ލެއިން ތަތްތެޅިފައެވެ. އެ އިރު ރުއިމުގެ އަޑު ވަނީ ކެނޑިފައެވެ. ހުރި ސިފައިން ވައްތަރީ އަންހެން އެއްޗަކާއެވެ. ބިރުން ގޮސް އެންމެ ތިބީ ހުއްޓުން އަރާފައެވެ. ކުރަންވީ ކަމެއް ހަދަންވީ ގޮތެއް ނޭނގިފައެވެ.

އަހަރެން ދުއްވާގަތީމެވެ. ސަލާމަތްވޭތޯއެވެ. ފާތުމައާއި ހަސީނާ ވެސް އަހަރެންގެ ފަހަތުން ދުއްވާގަތެވެ. އެންމެން ވެސް ދުވަނީ ދުވެވޭ އެންމެ ބާރަކަށެވެ. އެކަކަށް ވެސް ފަހަތް ބަލާކަށް ނުކެރުނެވެ. ފަހަތުން އަންނަހެން ހީވާތީއެވެ. ކާޅު ގޮވާވަރުން ހީވަނީ ބޮލުގައި ވެސް ކޮށައިފާނެހެންނެވެ. ދުނިޔެ މައްޗަށް އަނދިރިކަން ފެތުރިއްޖެއެވެ. މެންދުރު އަވިބާރު ވަގުތު ވެސް ހީވަނީ އިރުއޮއްސި އަނދިރިވަނީ ހެންނެވެ. އަނދިރިކަން ފެތުރުމުން ބިރުވެރިކަން އިތުރުވެއްޖެއެވެ. އަތްފައި ފިނިވައިގޮތް ވެއްޖެއެވެ.

''އައްދިއްޔޯތް!'' ކަނާތު ފައިގައި ހިފަހައްޓަމުން ފާތުމަ ރޮއިގަތެވެ. ބަލައިލި އިރު ފާތުމަ ހުރީ ތަންކޮޅެއް ފަހަތުގައެވެ. ''ކިހިނެއްވީ؟ ބިރުން ހުރި ނަމަވެސް އަހަރެން ސުވާލުކޮށްލީމެވެ. ''ކޮންމެވެސް އެއްޗެއް ހެރުނީ. ލޭ އަންނަނީ.'' ފާތުމަ ބާރަށް ރޮއިގަތެވެ. އަހަރެން ފާތުމަގެ ގާތަށް ދިޔާމެވެ. އޭރު ހޯސްލާފައި ލޭތައް ފައިބަނީއެވެ. ބަލާކަށް ނުހުންނަމެވެ. ހެދުމުގެ ފަސްބައި ވީދާލައި ނެގި ފޮތިފަށުން ފާތުމަގެ ފައި ބާރަށް އައްސާލީމެވެ. އެއްކޮށް ލޭ މަނާނުވިކަމުގައި ވިޔަސް ކޮންމެވެސް ވަރެއް ވިއެވެ. ކުއްލިއަކަށް ފުނަވަލާ ދިމާ ބަލައިލެވިއްޖެއެވެ. ބިރުވެރި ސިފައިގައިވާ ދައިތަ އަންނަތައް ފެނުނެވެ. އޭރު ހަސީނާ ގޮސް އޮބާލައިފިއެވެ.

''ފާތުމާ! ހިތްވަރުކޮށްލައިފައި ބާރަށް ދުވޭ! މިކޮޅަށް އެބަ އާދޭ!'' ސިއްރު ސިއްރުން ބުނީމެވެ. ފަތުމަ ފަހަތް ބަލައިލިއެވެ. ދެ ލޯ ބޮޑުވެ ތުރުތުރު އަޅައިގަތެވެ. ފާތުމަ އެހައި ބިރުން ހުއްޓާ ދުވަހަކު ވެސް އަހަރެން ނުދެކެމެވެ. ފާތުމަ ދުއްވައިގަތީ ކުރިއަށް ވުރެ ވެސް ބާރަށެވެ. އަހަރެންގެ އަތުގައި ހިފައިގެންނެވެ. ހިސާބަކަށް ދެވުނު ތަނުން ގާގަނޑެއްގައި އަޅައިގަނެ ފާތުމަ ވެއްޓިއްޖެއެވެ. އަހަރެން ވެސް ވެއްޓިއްޖެއެވެ. ފާތުމަ އަހަރެންގެ އަތުގައި ހިފައިގެން ހުރުމުގެ ސަބަބުންނެވެ. އަވަސް އަވަހަށް ތެދުވެ ވެލި ފޮޅައިލީމެވެ. އަނެއްކާ ވެސް ދުވަން ފަށައިފީމެވެ.

ފާތުމައަށް ބާރަށް ދުވެވޭ ގޮތެއް ނުވިއެވެ. ފައިން ލޭ އަންނާތީއެވެ. ލޭ އަންނަ ތަނަށް މާ ބޮޑަށް ތަދުވާތީއެވެ. އަނެއްކާ އަރިއަޅައިލައިގެން ފާތުމަ ވެއްޓިއްޖެއެވެ. ''ދެން ނުދުވެވޭނެ'' އަޑުގައި ވަނީ ނާއުންމީދުގެ އަސަރެވެ. ފަހަތް ބަލައިލި އިރު ބިރުވެރި ސިފައިގައިވާ ދައިތަ އަންނަނީއެވެ. ފާތުމަ ގޮވައިގެންދާން މަޑުކޮށްފިނަމަ ސަލާމަތް ނުވެވޭނެކަން އެނގުމުން ދުއްވައިގަތީމެވެ. ދެ ފަޔަށް ލެވުނުހައި ބާރެއް ލައިފައެވެ. ހިތްވަނީ އަވަސް ވެފައެވެ. ދުވާ އިރު ބިންމަތީގައި ފައި ނުޖެހޭހެން ވެސް ހީވެއެވެ. ކައިރީގައި ހުރި ގަސްތަކުގެ ތެރެއިން ވާތަކެއް އުދުހިގަތެވެ. ވާތައް އުދުހިގަތް އަޑާއެކު ފާތުމަގެ ބާރު ހަޅޭކުގެ އަޑު ފަޒާގެ ތެރެއަށް ފެތުރިގެން ދިޔައެވެ.

ކުއްލިއަކަށް ވުސްލާފައި ކުރިމަތިން ކަޅު ބުޅަލެއް ހުރަސްކޮށްފިއެވެ. ސިއްސައިގެން ދިޔައެވެ. ބިރުވެރިކަން އިތުރުވިއެވެ. އެހެނަސް ދުވުމަކަށް ބަދަލެއް ނުގެންނަމެވެ. ވަރުބަލިކަން އިހުސާސްކުރެވުނަސް ހިތްވަރުކުރީމެވެ. މަގާހަމައަށް ދެވުނު އިރު ހުރީ ދެވަރުން އެއްވަރުވެފައެވެ. ގުނބުހޭނީފައެވެ. އެއްގަމަށް ނޭރެނީސް ހޮޑުލެވިއްޖެއެވެ.

އެ ހިސާބަށްދިޔަ އިރު ބަރޯއަކަށް ވެލިއަޅަށް ގޭ ކައިރި ކުއްޖަކު ހުއްޓެވެ. ''ކިހިނެއްވީ ހޮޑުލެވުނީ؟'' ''އެއްޗެއް... އެއްޗެއް ބިރުވެރި ދައިތައެއް.'' ކުރި ސުވާލުގެ ޖަވާބެއް ނުދެވުނެވެ.

އަނެއްކާ ވެސް ދުއްވާގަތީމެވެ. އޭނާ ވެސް އަހަރެންގެ ފަހަތުން ދުއްވާގަތީއެވެ. ބަރޯއާއި އުނދެލި ވެސް ދޫކޮށްލުމަށް ފަހުގައެވެ. މަގުގެ މެދަކާ ހިސާބަށް ދެވުނު އިރު މަންމަމެން އަންނަތަން ފެނުނެވެ. ހައެއްކަ ފިރިހެނުން ފަހަތުލައިގެން ފަންޑިތަ ދޮންތުއްތުބޭ ކުރީގައި ބަހައްޓައިގެންނެވެ. ހަސީނާ ވެސް ހުއްޓެވެ. ހަސީނާ ވީގޮތް ކިޔައިދިނީތާއެވެ.

''ކޮބާ ފާތުމަ؟'' އަހަންނާ ހަމަވެފައި ފާތުމަގެ މަންމަ އަހައިލިއެވެ. އަހަރެން ވީ ގޮތް ކިޔައިދިނީމެވެ.

''އަހަރެންގެ ދަރިފުޅުގެ ދުވަސް ދިޔައީކަން ނޭނގެ.'' ފާތުމަގެ މަންމަ ރޯން ފެށިއެވެ.

''ނުރޯ އައިސާ. ދެން ވެސް އަވަހަށް ދަމާ ހިނގާ'' ހިނގައިގަންނަމުން މަންމަ ބުންޏެވެ. އަހަރެން ވެސް އައިކޮޅަށް އަނބުރައިލީމެވެ. ދޮންތުއްތުބޭ ދިޔައީ ކިޔަވަމުންނެވެ. އަތިރިމައްޗަށް ފޭބުމާއެކު ފާތުމަ އޮތް ދިމާއިން ދުންތަކެއް އެރިތަން ފެނުނެވެ. ދޮންތުއްތުބޭގެ ކިޔެވެއްޔަކަށް ބަދަލެއް ނާދެއެވެ. ފާތުމަ އޮތް ހިސާބަށް ދެވިއްޖެއެވެ. މުޅިގައި ހީވަނީ ވަކި ދަމާފައި އޮތް ހެންނެވެ. ދެ މިޔަކަނުން ފޮނު ނުކުމެފައި ހުއްޓެވެ. ވެލިގަނޑު ވެސް ހީވަނީ ވެލަލެއް ހިނޭޖަހައިފައި އޮތް ހެންނެވެ.

''މަގޭ ދަރި. ކިހިނެއް ވެފައިބާ މި އޮތީ؟'' ކުޑަކަކޫ ޖަހައިގެން އިށީއިނުމަށް ފަހު ފާތުމަގެ މަންމަ ރޮއިގަތެވެ. ފާތުމަ އޮތީ ޚަބަރު ހުސްވެފައެވެ. ދޮންތުއްތުބޭގެ އިރުޝާދުގެ ދަށުން ފާތުމަ ނަގައިގަނެގެން ހިނގައިގަނެއްޖެއެވެ. އޭރު ވެސް ދޮންތުއްތުބޭ ތުންތަޅުވާ ވަރަށް ތުންތަޅުވައެވެ.

ފާތުމަ ގެންގޮސް އެނދެއްގެ މަތީ ބާއްވައިފިއެވެ. ''އާސާ! ފެން ފޮދެއް ގެނެސްދީބަލަ'' ދޮންތުއްތުބޭ ގާތުގައި ހުރި އާސަދައްތައަށް އިޝާރާތްކުރަމުން ބުންޏެވެ. އާސަދައްތަ ފެން ފޮދެއް ވަރަށް އަވަހަށް ގެނެސްދިނެވެ. ދެ ފަހަރަކު ތުން ތަޅުވައިލުމަށް ފަހު މޫނަށް ޖަހައިފިއެވެ.

ފާތުމަ ހޭއަރައިފިއެވެ. ހޭއެރުމާއެކު މުޅި ހަށިގަނޑަށް ބާރެއް އަރައިފިއެވެ. އަމިއްލަ ދެ އަތުން ކަރުގައި ހިފައިފިއެވެ.

''އަހަރެން މަރައެއް ނުލަން ނޫން ނޫން މަރައެއް ނުލަން'' ރޮމުން ރޮމުން ގޮސް އަނެއްކާ ވެސް ފާތުމަ ހޭނުތެވެ.

އާސަދައްތަ ހުރީ ވަރަށް ކަން ބޮޑުވެފައެވެ. ''ކިހިނެއްތަ މިވަނީ މާގޭ ދަރިފުޅަށް.'' ފާތުމަގެ މަންމަ ދޮންތުއްތުބޭއާ ދިމާއަށް ބަލައިލިއެވެ.

''އެ ފެނުނު އެއްޗެއްގެ އުނދާގޫހެން ހީވަނީ. އޭތީގެ ދަރިފުޅަށް އަނިޔާ އެ ލިބުނީ ފާތުމަ އެއްލި އޮށުން ޖެހިގެން.'' ދޮންތުއްތުބޭގެ އެ ބުނުމުން އޭނާ އެކަމަށް ކުޅަދާނަ މިންވަރު ހާމަވެއެވެ.

''ރޮއިރޮއިފައި އަޑު ކެނޑުނު ވާހަކަ ބުނީމާ ގަބޫލުކުރެވެނީ އެ ފެނުނު އެއްޗެއްގެ ދަރި މަރުވީކަމަށް. ވަރަށް ނުރައްކާ ކަމެއް މި ދިމާވީ'' ދޮންތުއްތުބޭގެ މޫނުމަތިން ފެންނަނީ މާޔޫސީގެ އަސަރުތަކެވެ.

''ދެން މަގޭ ދަރިފުޅު ރަނގަޅުވަނީ ކިހިނެއް؟'' ފާތުމަގެ މަންމަ ހުރީ ނުހަނު ކަން ބޮޑުވެފައެވެ.

''ހިއެއް ނުވޭ އެއްކޮށް ރަނގަޅު ކުރެވިދާނެހެން'' އެންމެ ވެސް ތިބީ ވަރަށް ކަން ބޮޑުވެފައެވެ. ފާތުމައަށް އެފަދަ ގޮތެއް ވާކަށް އެކަކު ވެސް ނޭދެއެވެ.

''ރޭގަނޑު ވީއިރު އަހަންނާއި ހަސީނާ ވެސް ތިބީ ހުން އައިސް ރަތްވެފަ. ނަސީބަކުން އޭތިގެ ގޯނާއެއް ނުފޯރި. ހަށި ރައްކަލަށް ތަވީދެއް ވެސް ދޮންތުއްތުބޭ އަޅައިދިން'' އުނަގަނޑުގައި އޮތް ތަވީދު ޖަމިއްތައަށް ދައްކައިލަމުން އަހަރެން ބުނީމެވެ.

''އެކި ރަށްރަށުން ފަންޑިތައަށް މޮޅެތި މީހުން ގެނެސް ގެން ވެސް ރަނގަޅު ކުރެވޭތޯ ބެލި. ދެ ތިން ދުވަހު ރަނގަޅަށް ހުރެދާނެ. ފަހުން ހަމަ ގޯސްވަނީ.''

''އެ ދުވަހުގެ ފަހުން ކޮންމެ ހަފުތާއަކު ވެސް މަދުވެގެން އެއް ދުވަހު އެކަމެއް ދިމާވޭ.''

''ނާ ހަމަ ރަނގަޅަށް. ހާދަ ދެރައޭ ދޯ'' ޖަމިއްތަގެ ހިތުގައި ވެސް ފާތުމައަށްޓަކައި ހަމްދަރުދީ އުފެދުނެވެ.

ކުރާނެކަމެއް ނެތެވެ. ހެދޭނެގޮތެއް ނެތެވެ. އެ ދުވަހުގެ ފަހުން އެ ފަކީރުގެ ހާލަކީ އެއީއެވެ.

ކޮމެންޓް 0