18

ހިމޭންކަން ވެރިވެފައިވާ ކޮޓަރިތެރެއިން އިވެމުން ދިޔައީ ވޭނީ ގިސްލުމެއްގެ އަޑެވެ. ފާހާނާއިގާ އުޅުނު މިންނާ ވެސް ހުއްޓުންއަރާފައި ހުރީ އިވެމުންދިޔަ ރުއިމުގަ އަޑަށެވެ. ޔަގީނެވެ. އެއީ އޭނާގެ އެކުވެރި ނަހާގެ ރުއިމުގެ އަޑެވެ. އަވަސްކޮށްލައިގެން ފާހާނާ އިން ނިކުތްއިރު އެނދުމަތީގައި އިން ނަހާ އިނީ އަތަށް ފޮޓޯ ފްރޭމެއް ލައިގެން ރޮވިފައެވެ. ނަހާ ފެނުމުން މިންނާގެ ހިތަށް ވެސް އަސަރުކޮށްފިއެވެ. މިގޭގައި ނަހާ އާއި އެކު ހޭދަމިވީ ފަސް އަހަރުދުވަހުގެ ތެރޭގައި ނަހާގެ ހަޔާތުގައި ހިގާފައިވާ އެއްވެސް ކަމެއް މިންނާ އާއި ހިއްސާކޮށްފައެއް ނުވެއެވެެ. މިންނާ އަށް އެނގެނީ ނަހާ ކަމަކާއި ހިތާމަކޮށް ރޯކަމެވެ. މިއަދު އަދި ފުރަތަމަ ފަހަރަށް ނަހާ އަތުން ފޮޓޯ ފްރޭމެއް ފެނުމުން މިންނާގެ ސަމާލުކަން ހުއްޓުނީ އެއަށެވެ. ހިތާމައިގެ ދުނިޔެއަށް ޤަރަގުވެފައި އިން ނަހާ އަށް މިންނާ އައިސް ކައިރީގައި ހުއްޓުނު އިރު ވެސް ނޭނގުނެވެ. ނަހާ އަތުގައި އޮތް ފްރޭމް ނަގާ އެއަށް މިންނާ ބަލާލިއެވެ. ކައިވެނީގެ ހެދުމުގައި ޒުވާން ފިރިހެންކުއްޖެއްގެ އަތު ތެރޭގައި ދުނިޔޭގައިވާ ހުރިހާ އުފާވެރިކަމެއް މިލްކު ކޮށްގެން އެއިނީ ދެވަނަ މީހެއް ނޫނެވެ. އޭނާގެ އެކުވެރި ނަހާއެވެ. މިންނާގެ ދެލޯ ބޮޑުވެ އަނގަ ހުޅުވުނީ ނަހާ ކުރިން ކައިވެއްޏެއް ކޮށްފައިވާކަން މިންނާ އަށް ނޭނގި އޮތީމައެވެ. މިންނާ ދެރަވިއެވެ. ނަހާގެ ހަޔާތުގައި މިންނާ އަށް ނޭނގޭ އަދި ކިތައް ކަންތައް އޮންނާނެބާއޭ ހިތަށް އެރިއެވެ. "ނާ...މިއަދު އަހަރެން އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނުޖެހޭނަން ހުރިހާ ކަމެއް ނޭނގެނީސް" ނަހާ ކައިރީގައި އިށީންނަމުން މިންނާ ވާހަކަދެއްކިއެވެ. "މިންނޫ! ކޮންކަމެއް އަހަރެން ބުނެދޭންވީ. އަހަރެންގެ ހިތް ހީވަނީ ފަޅައިގެން ގޮސްދާނެހެން. ހާދަ ދެރައެއް އެބަވެޔޭ. މިއަދު މަށަށް ޔަގީންވެއްޖެ އަރޫން އަހަރެން މަތިން އެއްކޮށް ހަނދާން ނައްތާލައިފިކަން. އެހެންނޫންނަމަ މިއަދު އޭނާ އެހެން އަންހެންކުއްޖެއްގެ އަތު ތެރެއިން ކީއްވެ މަށަށް ފެންނަންވީ. އަހަރެން އަރޫން ކައިރިން ދުރަށް ދިޔައީ އޭނަ އަށް ހެޔޮވިސްނުން ލިބޭނެ ކަމަށް. ފަސްއަހަރު އިންތިޒާރު ކުރެވުނީ އަރޫން އަހަރެން ބަލާ އަންނާނެ ކަމަށް ކުލަނުވާ އެތައް ހުވަފެންތަކެއް ދެކެމުން. އަހަރެން ކުރި ކަމެއް ކުރި ﷲ އަށްޓަކައި. މިންނޫ! މައިންބަފައިންގެ ލޯތްބާއި އޯގާތެރި ފިރިއެއްގެ ލޯބި ލިބުން އަހަރެންގެ ނަސީބުގައި ނެތީތަ؟ ރޮމުން ދިޔަ ނަހާ އަށް މިންނާގެ މޭގައި ބޯއަޅާ ލެވުނެވެ. އެހިތަށް ކޮށްފައިވާ އަސަރު މިންނާ އަށް އިހުސާސް ކުރެވި ދެލޯ ފުރިގެން އައެވެ. ނަހާގެ ކަރުނަތައް މިންނާގެ އަތުން ފޮހެލާ އެކުވެރިޔާ އަށް ހިތްވަރުލައިދިނެވެ. "ދެން ކިޔާދީބަލަ. އަހަރެން ބޭނުން ހުރިހާ އެއްޗެއް އެނގެން" މިންނާ ގަޔާވެގެން ނަހާގެ އަތުގައި ހިފާލުމުން އިސް އުފުލާ ނަހާ މިންނާ އަށް ބަލާލިއެވެ. އަދި މިންނާގެ އަތަށް ބާލީސް ދަށުން ނެގި އާދައިގެ ފޮތެއް ދިނެވެ.އެއްވެސް މީހެއް ކައިރީގައި އެވާހަކަ ދައްކަން ނަހާ އަށް ހިތްވަރެއް ނުލިބޭނޭތީ ނަހާގެ ހިތި މާޒީ އައީ އެފޮޮތަށް ބަންޑުން ކުރަމުންނެވެ.
އެއީ މީގެ ފަސް އަހަރު ކުރިއެވެ. އޭޑީކޭ ގައި ވަޒީފާ އަދާ ކުރާ ނަހާ ކޮންމެ ދުވަހަކު ވެސް ވަޒީފާ އަށް ދިއުމަށް މަގުމަތިން ހިނގާފައި އަންނައިރު އެއްހަމައެއްގައި ނަހާ އާއި އެއްވަރަށް ހިނގާފައި އަންނަ ޒުވާނާ އަށް ހިތްލެނބެން ފެށި އިރެއް ވެސް ނަހާ އަށް ނޭނގޭއެވެ. އިސްކޮޅުން ދިގު އަލިކަޅު ނޫކުލައިގެ ކަޅިއެއް ގުދުރަތުން ހަދިޔާކޮށްފައިވާ މި ޒުވާނާ ނަހާ އާއި އެންމެ ފުރަތަމަ އަނގައިން ބުނީ ވެސް މިފަދަ ދުވަހެއްގައި މަގުމަތީން ހިނގާފައި ދަމުންނެވެ. "ނަހާ ތީ ރާއްޖެތެރޭ ކުއްޖެއްދޯ. ވަރަށް ރީތި ނަހާ. ނާހާނަންތަ އަހަރެންގެ ބޭނުމަކީ ކޮބާތޯ؟ އޯހް.. އަދި ނަން ވެސް ނުބުނެވޭ ދޯ. މި އަރޫން" ނަހާ އެޒުވާނާ އެދުވަހު ދިނީ ހަމައެކަނި ހިނިތުންވުމެކެވެ. 
އޭގެ ފަހުން ކޮންމެ ދުވަހަކު އަރޫން ނަހާ ގެއަށް އަންނައިރު އެކުގައި ވާހަކަދައްކަމުން އަންނަން ފެށިއެވެ. އެދެމެދުގައިވާ އެކުވެރިކަން ދުވަހަކަށް ފަހު ދުވަހެެއް ބަދަހިވަމުން ގޮސް އެގުޅުން ލޯތްބަށް ބަދަލުވެގެން ދިޔައިރު ދެމީހުންނަށް ރޭކާވެސްނުލައެވެ. އެކަކު އަނެކަކުގެ ހުރިހާ ވާހަތަކެއް ހިއްސާކުރަމުން ގޮސް ނަހާގެ މަންމަ އަނީސާ އަށް ވެސް އަރޫން ދެއްކިއެވެ. އެއްވެސް އެކުވެރިއެއް ނުހުންނަ ނަހާ އަށް ލިބިގެން ދިޔަ އާ އެކުވެރިޔާ އަށް އަނީސާ މަރުހަބާ ކިއިއެވެ. އެންމެ ތުއްތުއިރުން ފެށިގެން ބަފަޔަކާއި ނުލާ ބޮޑުކުރި ލޯބިވާ ހަމައެކަނި ދަރިފުޅަށްޓަކައެވެ. އަރޫން ވެސް އޭނާގެ މައިންބަފައިން ކައިރީގައި ނަހާގެ ވާހަކަދައްކާ ހަޔާތުގެ ބައިވެރިޔާއަށް ނަހާ ހަދަން ބޭނުންވާ ކަމުގައި ބުންޏެވެ. ރާއްޖޭން ބޭރުގައި ދިރިއުޅުމަށް އާދަވެފައިވާ އަރޫންގެ މަންމަ އަށް ނަހާ ކަމުނުދިޔަސް އަރޫންއަށްޓަކައި އެދަރިފުޅުގެ އުފާ ހޯދަދޭން ނިންމިއެވެ. ދެއާއިލާ ބައްދަލުކޮށް ކައިވެންޏަށް އެދުނީ އަރޫންގެ އާއިލާގެ ފަރާތުންނެވެ. އަނީސާ ހިތްހަމަޖެހުމާއެކު އެގުޅުމަށް އާބަސް ބުނީ ނަހާ އަށް އުފާވެރި މުސްތަގުބަލެއް ހޯދާދިނުމަށްޓަކައެވެ. އަރޫން ނަހާ އުފަލުގައި ގެންގުޅޭނެ ކަމުގައި އަނީސާ އަށް ލިބިފައިވާ ޔަގީންކަމަކުންނެވެ.
އެއް ހަފްތާ ތެރޭގައި ނަހާ އާއި އަރޫންގެ ކައިވެނި ކުރެވިގެން ދިޔައެވެ. ކައިވެނީގެ ހެދުމުގައި ގެއިން ނިކުމެގެން އަރޫންގެ ގެއަށް ނަހާ ދިއުމަށް ތައްޔާރުވި ވަގުތު އަނީސާ ނަހާ އަށް ދިން ނަޞޭޙަތްތައް އެއީ ނަހާ ދުވަހަކު ވެސް ހަނދާން ފޮހެނުލާނެ އެއްޗެކެވެ. ފިރިމީހާ އަކީ ނަހާގެ ވެރިޔާ ކަމަށާއި ފިރިމީހާ ނުރުހުންވާ ހުރިހާ ކަމަކުން ދުރުހެލުވުމަށް ނަޞޭޙަތްދިނެވެ. މާﷲ އަށް އުރެދުމެއްނުވާ ކޮންމެ ކަމެއްގައި ފިރިމީހާ އަށް ކިޔަމަންވާން ޖެހޭނެ ކަމުގައި ބުންޏެވެ. ނަހާ އަށް ނޭނގުނީ ނަހާ އަށް ލޯބިވެވުނީ އަރޫންގެ ބޭރު ފުށުން ފެންނަން ހުރި ސިފަ ދެކެ ކަމެވެ. 
ކިންގް ސައިޒްގެ ބޮޑު އެނދުގައި އަރޫންގެ އަތުތެރޭގައި ނިދާފައި އޮތް ނަހާ އަށް ހޭލެވުނީ ފަތިސްނަމާދު ބަންގީގެ އަޑަށެވެ. ގަޑި ބަލާލުމަށްފަހު ފާހާނާ އަށް ވަދެ ފެންވަރާ ނަމާދުކުރަން ތައްޔާރުވެލިއެވެ. ނަމާދުކޮށް ނިމިގެން ޤުރުޢާން ފޮތް ހިފައިގެން އިށީނުމުގެ ކުރިން އަރޫން އަށް ގޮވާލީ ވަގުތު ފާއިތުވުމުގެ ކުރިން ނަމާދަށް އެރުވުުމަށެވެ. ނަމަވެސް އަރޫން އެއްވެސް ޖަވާބެއް ނުދިނެވެ. އަނގައިން އަޑެއް ލައްވާލާފައި ނަހާގެ އަތް ފޮޅުވާލަނީއެވެ. ނަމަވެސް ފިރިމީހާ ނަމާދަށް ހޭލެއްވުމަކީ އަނބިމީހާގެ ވާޖިބެއް ކަމުގައި ދެކިގެން ދެވަނަ ފަހަރަށް ވެސް ގޮވާލިއެވެ. "މިދެން ކިހާ ދެރަކަމެއް. ނަހާ އަށް ނަމާދު ކުރެވިއްޖެއްނު. ދެން ހުރެބަލަ މައިތިރިވެގެން" ނަހާއަށް ދެރަވެ ރޮވުނެވެ. އަރޫން ރުޅި އައީ ނަމާދަށް ގޮވުމުން ހެއްޔެވެ؟ ނޫނެކެވެ. ނިދި ހުރިވަރުން އެހެން ބުނެވުނީއެވެ. އަމިއްލަ ހިތަށް ވިސްނާދިނުމަށްފަހު ނަހާ އެނދުގެ އެއްފަރާތުގައި އިށީނީ ޒިކުރުތައް ކިޔުމަށެވެ. 
ކައިވެންޏަށް ދުވަސް ވަމުންދާ ވަރަކަށް އެގޭތެރެއިން ނަހާ އަށް ފެންނަންފެށީ މުޅިން ވެސް އަޖައިބު ކުރުވާ ކަހަލަ މަންޒަރުތަކެވެ. ރޭގަނޑު ދަންގަޑީގައި ދެޖިންސުގެ ޒުވާނުން ބައިވެރިވެގެން ޕާރޓީކުރުމާއި ރާބުއިމަކީ އެގޭ ހަތަރުފާރުން އެތެރޭގައި ދިރިއުޅޭ މީހުން އެންމެ ހިތްހަމަޖެހިގެން ކުރާ ކަންތަކެވެ. ނަހާ ހުންނަނީ ބިރުން ތުރުތުރުލާ ހާލުގައެވެ. އެކަމުގައި އަރޫން ވެސް ބައިވެރިނުވާ ކަމުގެ އެއްވެސް ޔަގީންކަމެއް ނަހާ އަށް ލިބިފައެއް ނެތެވެ. ވަގުތު ފާއިތުވުމުގެ ކުރިން އަރޫން ހަމަބިމަށް ގެންނަން ނަހާ ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަން ދަނީ ނާކާމިޔާބު ވަމުންނެވެ. ހުރަސް އަޅަނީ އަރޫންގެ މަންމައެވެ. 
"ނުހިފޭނެ ރޯދައެއް. ހާދަ ބަނޑުހައެއް ވާނޭ.. އެެހެންނޫނަސް ރޯދަމަހު ހުންނަމޭ ދުވާލު އެއްވެސް އެއްޗެއް ނުކައި" ނަހާ އާއި އެކުގައި ކޮންމެ މަހެއްގެ ތޭރަ،ސާދަ،ފަނަރަ ވަނަ ދުވަހު ރޯދައަށް ހުންނަން ބުނުމުން އަރޫން ދިން ޖަވާބަކީ މިއީއެވެ. ލޯތްބާއެކު އަރޫން އަށް ނަޞޭޙަތްދިނުމަށް ނަހާ އިށިން ވަގުތު އަރޫންގެ މަންމަ ކޮންމެސް އެއްޗެކޭ ކިޔައިގެން އަރޫން އެތަނުން ގެންދިޔައެވެ. "ނަހާ ދެކެ އަހަރެން ވަރަށް ލޯބިވޭ. އެކަމަކު އޭގެ މާނައެއް ނޫން ދޯ އެއީ އަހަރެން ފަސްވަގުތު ނަމާދުކުރަންވީއޭ. އަހަރެން އެހާ ކުރާހިއްތާ ކަމެއް ނޫން އެއީ" ފޫހިކަމާއެކު ނަހާ އަށް އިއްވާލާފައި އަރޫން ކޮޓަރިން ނިކުމެގެން ދިޔައީ ދޮރުމަތީގައި ހުރި އަރޫންގެ މަންމަ ގޮވާލުމުންނެވެ. 
ދުވަސްތައް މާޒީގެ ސަފްހާތަކާއި އެކުވަމުން ގޮސް ނަހާ އާއި އަރޫންގެ ކައިވެންޏަށް އެއްއަހަރު ދުވަސް ވެއްޖެއެވެ. އަރޫންގެ ހިތް އިސްލާމްދީނަށް ހުޅުވާލުމަށްޓަކައި މިއަދާއި ހަމައަށް ވެސް ނަހާ ކުރަމުންދާ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ނުލިބޭއެވެެ. ބަދަލުގައި އަރޫން އާއި އޭނާގެ މައިންބަފައިންގެ ޖާހިލުކަން ދިޔައީ ހައްދުފަހަނަ އަޅަމުންނެވެ. 
"ދެން ނަހާ ތީ ކޮންކަމެއް. ކީއްވެތަ އަބަދު އަރޫން ކައިރީގައި ނަމާދުކުރަން ތިބުނަނީ. އޭނަ އެކަންތައް ކުރާހިތްނުވާތީ ދޯ ނުކުރާނީ" ރޯދަމަހު މެންދުރުނަމާދު ވަގުތު ގޭގައި ލަވަޖަހާ ބާރުކޮށްގެން ކަސްރަތުކުރަމުން ދިޔަ އަރޫން ކައިރީގައި ނަމާދަށް ދާން އެދުމުން ޖަވާބު ދިނީ އަރޫންގެ މަންމަ އެވެ. "މަންމާ! ނަމާދަކީ އަޅުގަނޑުމެން ހުރިހާ މީހުންގެ މައްޗަށް އަދާ ކުރުން ވާޖިބުު ކަމެއް. އެހެންނޫނަސް އަރޫން އަކީ އަޅުގަނޑުގެ ފިރިމީހާ. އަޅުގަނޑު ބޭނުން އަރޫން އަކީ ނަމާދު ގާއިމްކުރާ ޞޯލިހު ފިރިއެއް ކަމުގައި ވާން" ފުރަތަމަ ފަހަރަށް އަރޫންގެ މަންމަ އަށް ނަހާ ޖަވާބުދިނެވެ. "ކޮންމެހެން މާ މާތްވެގެން އުޅޭނެ ކަމެއް ނެތް. ބަލަ އަހަރެމެން ނަމާދު ނުކުރިޔަސް ޤުރުޢާން ނުކިޔެވިޔަސް ބޭނުން ކޮންމެ އެއްޗެއް ލިބޭ" އަރޫންގެ މަންމަގެ ޖަވާބުން ނަހާ ބިރުގަތެވެ. "ބަލަ މަންމާ. މަންމަ ބޭނުންވާ ކޮންމެ އެއްޗެއް މަންމަ އަށް ލިބުން އެއީ އެކަލާނގެ ރަހްމަތްފުޅު. އެކަމަށް ޝުކުރުކޮށްފަވެސް އެކަލާނގެއަށް ސަޖިދައެއް ޖަހާބަލަ. އަޅުގަނޑުމެން ދުނިޔޭގައި ހުންނާނީ މިިވެނި މުށްދަތެއް ވަންދެންނޭ ކާކަށް އެނގެނީ. މާދާމާ ވެސް މަރުވެދާނެ. އެންމެ ފަހަރަކު ވެސް ވިސްނާލިންތަ މަރުވުމަށް ފަހު އަޅުގަނޑުމެންނަށް އޮތް ގޮތާއި ދޭތެރޭ. މަންމަ ބޭނުންވާހާ އެއްޗެއް ލިބި، އަދި މަންމަ އެދޭހާ ކަމެއް ވަމުންދާނަމަ މާﷲ އަށް ބިރުވެތިއެއްނު ވާންވީ. ގިނަ ފަހަރަށް ﷲ ގެ ނިޢުމަތްތައް މީހަކަށް ތަނަވަސްވުމަކީ އެމީހަކަށް ﷲ ގެ ޙަޟުރަތުންވާ އިންޒާރެއް. ތިގޮތަށް ދުވަސްތައް ބޭކާރުކުރަމުން ތިމާގެ އާރެއްބާރެއްނެތް ހިނދު ﷲ ކަނޑައަޅުއްވާފައިވާ އިން ފަހަނައަޅާ ތިދަނީ އެއްވެސް ޖެހިލުމެއް ނެތި. އެއްފަހަރު ވެސް ވިސްނާ ފިކުރުކޮށްލިންތަ ކަށްވަޅުގެ އަޒާބާއި ދޭތެރެ" ނަހާ ވާހަކަދައްކާ ނުނިމެނީސް މަންމަ އަރޫންގެ އަތުގައި ހިފައިގެން މައްޗަށް ދިޔައީ ނަހާ އަށް ތުންއަނބުރާލާފައެވެ. ނަހާ އުފާވިއެވެ. މަންމަ ބިިރުގަތް ކަމަށް ނިންމިއެވެ. ދެދުނިޔޭން ގެއްލިގެންދާ މީހަކަށް ތެދުމަގު ދެއްކުމަށްޓަކައި އުމުރުން ހަގެއް ދޮށްޓެއް އޮންނާކަށް ނުޖެހެއެވެ.
އަރޫން އަށްޓަކައި ނަހާ ކުރަމުންދާ މަސައްކަތް ކޮޅެއްގައި ނުޖެހުމުން ނަހާ ވަރިއަށް އެދުނެވެ. އަދި އެކަމަށް އަރޫން އިންކާރު ކުރުމުން އަމިއްލަ އަށް ކޯރޓަށް ފޯރމުލާ އެކަން އަރޫން އަށް ވެސް އެންގިއެވެ. އަރޫން އެއްވެސް ޖަވާބެއް ނުދިނުމުން ނަހާ ދެރަވިއެވެ. ހަގީގަތުގައި ވެސް ނަހާ ދެކެ އަރޫން ލޯބިނުވާ ކަމުގައި ނިންމިއެވެ. 
ކައިވެނީގެ ގޮށް މޮހެވިިގެން ދިޔަ ވަގުތު ނަހާ އަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ލޯބިން ކުރެވުނު ކައިވެނީގެ ގޮށް މޮހާލަން މިފަދަ ގޮތަކަށް ޖެހިދާނޭ ނަހާ ހިތަށް ވެސް ނާރައެވެ. ކޯރޓުން ނިކުމެގެން ކާރަށް އެރިއިރު ވެސް އަރޫންގެ ހިތް ބަދަލުވެ ނަހާ ހުއްޓުވާނެ ކަމަށް ހީކުރެވުނެވެ. ނަމަވެސް އަރޫން ހަމަ އަޅާވެސް ނުލާ ހުރީ އެޖާހިލު ކަމުގައި ދުނިޔޭގެ މަޖަލުގައި ހަޔާތް ބަރުބާދުކުރަން ބޭނުންވާތީއެވެ. 
އަރޫންގެ އާއިލާގެ ހުރިހާ ވާހަކައެއް ނަހާ އަނީސާ އަށް ކިޔާދިނެވެ. އަދި އެއްވެސް ގޮތެއް ނެތިގެން އަރޫންގެ ހަޔާތުން ދުރަށް ދިޔައީ ކަމުގައި ބުންޏެވެ. ލޯބިވާ ދަރިފުޅަށް ޖެހުނު ހާލަށްޓަކައި ހިތްދަތިވެ އެދަރިފުޅުގެ އަލަތު ކައިވެނިމަތީގައި ދެމިހުންނަން އަރޫންގެ ފަރާތުން އެއްބާރުލުން ނުލިބުމުން އަނީސާ ހިތަށް ޝޮކެއްޖެހި ދުނިޔެ ދޫކުރީއެވެ. އަޅާލާނެ މީހަކު ނެތި ދުނިޔެއަށް ގިނަވީ ނަހާއެވެ. މަންމަގެ ޖަނާޒާ އަށް ފަހު ދާނެދިމާލެއް ނޭނގިފައި މަގުމަތީގައި ހުއްޓާ ނަހާ އަށް އަތެއް ދިއްކޮށްލި އޯގާތެރިޔަކީ މިންނާއެވެ. 
ފޮތް ލައްޕާލުމަށްފަހު މިންނާ ނަހާ އަށް ބަލާލިއެވެ. ނިދެމުންދިޔަ ނަހާ އަށް ގޮވާލިއެވެ. ނަހާ ތެދުވެ އެނދުގައި އިށީނުމުން މިންނާ ނަހާގެ އަތުގައި ހިފާލިއެވެ. "ނާ އަށްޓަކައި އަހަރެން މިއަދު ފަޚުރުވެރިވަން. ތީ ނަސީބުގަދަ ކުއްޖެއް. އަރޫން އަށްޓަކައި ތިގޮތަށް ކަރުނަ އެޅުމުގެ ބޭނުމެއް މިހާރު ނެތް. އަރޫންގެ ހަޔާތުން ނާ ދުރުކުރެއްވި ފަރާތުން ނާ އަށްޓަކައި މާ މާތް މީހެއް ލައްވާފައި ހުރީތީވެ ދިމާވި ކަމެކޭ ހީކޮށްލާ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަގަޅުވާނެ. ދުވަހަކުވެސް މިއެކުވެރިޔާ ނާގެ މިއަތުން ދޫކޮށެއް ނުލާނަން. މީ ވައުދެއް" މިންނާގެ ވާހަކަތައް އަޑު އެހުމަށްފަހު ނަހާ އެކުވެރިޔާ ގައިގާ ބައްދާލިއެވެ. ތެދެކެވެ. ދެން ނަހާ ހިތާމައެއް ނުކުރާނެއެވެ. ހިތުގައި ހުރި ޝަކުވާތަކާއި ވޭންތައް ކޮންމެސް އެއް ސިފައެއްގައި އެކުވެރި މިންނާ އަށް ބަންޑުންކޮށްލުމުން މިވީ ފަސްއަހަރު ދުވަސް ތެރޭގައި ހިތަށް ދުވަހަކު ވެސް ނުލިބޭހާ ހިތްހަމަޖެހުން ލިބިގެން ދިޔައެވެ. މިންނާގެ އަތުގައި އޮތް ފްރޭމްގައި އޮތް ފޮޓޯ ނަގާ ވިދާލާފައި ޑަސްބިނަށް އަޅާލީ އެދުވަސްތައް މަތިން ހަނދާން ނައްތާލަމުންނެވެ. ދުވަހަކުވެސް ދެން ފަސްއެނބުރި ނުބަލަން ހިތުގައި ވަރުގަދަ އަޒުމެއް ކަނޑައެޅިއެވެ.

ކޮމެންޓް 0