9

ފިނި ފިނި ހިމޭން ފަތިހެކެވެ. ރޭގަނޑުގެ އަދިރިކަން ނުފިލާހުރި ނަމަވެސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ތެމިފައިވާ ބިންގަނޑާއި، ވަށައިގެން ހެދިފައިހުރި ފެހި ގަސްތަކުން އިސާކްގެ ހިތަށް ފިނިކަން ލިބެމުންދާކަހަލައެވެ. އެއްވެސް ޚިޔާލެއް ފިކުރެއް ނެތި އެ ދިގު ފަން އިސްތަށިގަނޑު ވައިގެ ތެރެއަށް ދޫކޮށްލައިގެން ނިދާހެދުމުގައި ހުރެ، ފޮނި ހިނިތުންވުމަކާއެކު ގދ. ހޯޑެއްދޫ ހުޅަނގު ފަރާތު ހޭޅިފަށާ ދިމާލުން ހިގާލާފައި އެދަނީ އެ ސޫރައެއް ފެނުމުން އިސާކް އެންމެ ހިންހަމަޖެހޭ ފިރިހެނާގެ ސޫރަ ދެކިލުމަށެވެ.

އިސާކް އަކީ ރީތި އަންހެންކުއްޖެކެވެ. އެރީތި ސޫރަ އިތުރަށް ޒީނަތްތެރިކޮށްދެނީ އިސާކްގެ ކިބައިގައި އަށަގެންފައިވާ ރީތި އަޚްލާޤާއި، އެއުފާވެރި މިޒާޖެވެ. އިސާކް އާއި މާޒިންގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެއް އަހަރު ވެފައިވީނަމަވެސް އެދެމީހުން މިއަދާއި ހަމައަށްވެސް ބައްދަލުކުރަމުން އައީ ދެފަރާތުގެ އާއިލާއަށްވެސް ވަރަށް ސިއްރުންނެވެ. އިސާކް އަކީ މަޙްމޫދާއި އާފިޔާގެ ހަމައެކަނި ދަރިފުޅުކަމުން އެދަރިފުޅުގެ ހަޔާތާއި އެންމެ ރަގަޅު ހެޔޮލަފާ ފިރިޔަކު ގުޅުމަކީ އެދެމަފިރިންގެވެސް ދުޢާއެވެ. އަދި އެދަރިފުޅު ލޯމަތިން އެންމެ ދުވަހަކަށްވެސް ދުރަށް ދިޔުމަށް ނޭދޭތީ ރަށުން ބޭރު މީހާކާއި އިނުމަށް ކަނޑައެޅިގެން ނުޤަބޫލުކަމަށް އެދެމަފިރިން އަބަދުވެސް އިސާކްއަށް ހަނދާންކޮށްދީ ހަދައެވެ. އަދި އެދެމަފިރިންގެ ދެލޮލުގެކޮއި ފަދައިން އިސާކް ބަލައި ބޮޑުކޮށް، މާލޭގައި ނުހަނު ހާލުގައި އެތަކެއް އަހަރު ވަންދެން ތިބެގެން އޭނާއަށް ކިޔަވާދީފައިވާތީ، މައިންބަފައިން ހިތުގައި ޖެހޭފަދަ އެއްވެސް އުޅުމެއް އޭނަގެ ފަރާތުން ފެނުނަ ނުދީވޭތޯ އިސާކް އަބަދުވެސް މަސައްކަތް ކުރެއެވެ.

މާޒިން އަކީ މާލޭގެ ތަނަވަސް އާއިލާއަކަށް ނިސްބަތްވާ ކިޔަވައިގެން ހުރި އަޚްލާޤު ރަގަޅު، ދީންވެރި ކުއްޖެކެވެ. ހޯޑެއްދޫ ސިއްހީމަރުކަޒުގެ ހިންގުން ވަގުތީގޮތުން ޙަވާލުކުރުމާއި ގުޅިގެން މާޒިން އެރަށަށް ދާންޖެހުނު ދަތުރު ވެގެން ދިޔައީ އޭނާގެ ލޯބީގެ ހަޔާތުގައި ލިޔެވުނު ފުރަތަމަ ސޮފްޙާއަށެވެ. އޮފީހަށް ނިކުތް ފުރަތަމަ ދުވަހު ހުން އައިސް ހޭނެތިފައި އޮއްވާ މަރުކަޒަށް ގެނެވުނު، އެރީތި އަންހެންކުއްޖާ އަކީ އޭނަގެ ހަޔާތާއި މިފަދަ ގޮތަކަށް ގުޅިދާނެ ކުއްޖެއްކަމަށް އޭނަ ހިތަކަށްވެސް އެދުވަހު ނާރައެެވެ. ނަމަވެސް އިސާކް މަރުކަޒުގައި އެދުމަތިކުރެވި ފަރުވާދެވެމުން ދިޔަ ދުވަސްކޮޅުގައި އިސާކްގެ ރީތި ސޫރައަށް މާއިޒްއަށް ފާރަލެވެން ފެށުނެވެ. އެރީތި ސޫރަ ދެކިލުމަށް އެދި ހިތް ތެޅޭވަރުން ވާރޑްކުރިމަތިން ހިނގެންފެށުނެވެ. ޚުދު، މާޒިން އަމިއްލަ ހައިސިއްޔަތުން ވެސް އިސާކްގެ ކާރިއަށްގޮސް ހާލު ބެލެންފެށުނެވެ. ނަތީޖާއަކަށްވީ ކާކުކަން ނޭގޭ މިރީތި ޒުވާނާއަށް އިސާކްގެ ހިތުގައި ޚާއްސަ ކަމެއްދެވުމެވެ. މުޅި ދުނިޔެއަށްވެސް ސިއްރުން އެދެމީހުންގެ ހިތް އެކަކު އަނެކަކަށް ދިނީއެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކާ ވާހަކަ ދައްކާކަށް ނުކެރެއެވެ. މީހުން ހީކޮށްފާނެ އެއްޗެއް ނޭގޭތީއެވެ. އެހެންކަމުން ރަށުގެ އެންމެ އެކަހެރި ހިސާބުގައި ބައްދަލުކޮށް ވާހަކަ ދެއްކުމަށް އެދެމީހުން ފެއްޓިއެވެ. މާޒިންއަކީ ރަށުން ބޭރު މީހެއްކަމަށްވެފައި، އޭނާއާއި ލޯބީގެ ގޮތުން ގުޅުމަކީ މަންމައާއި ބައްޕަގެ ނަސޭޙަތް ހަނދާންނައްތާލާފައި ކުރެވޭ ބޮޑުކުށެއްކަން އެގި ހުރެވެސް އިސާކް އަށް މާޒިންގެ ލޯތްބަށް ނޫނެކޭ ނުބުނެވުނެވެ. ލޯތްބަކީ ކޮންމެ އިންސާނަކުވެސް ހަޔާތުގެ ކޮންމެވެސް ހިސާބަކުން އޭގައި ކަސްތޮޅު އެޅޭނެ އެއްޗެއް ކަމުން އިސާކް ވެސް މިއަދު އެވަނީ ފުރާނަ ފަދައިން ލޯބިވާ މާޒިންއާއި ނުލާ އެންމެ ދުވަހެއްވެސް ބަރުދާސްތު ނުކުރެވޭ ހިސާބުގައެވެ. އިސާކް އާއި މާޒިން ލޯބީގެ ގޮތުން ގުޅުނުފަހުން ފާއިތުވެދިޔަ ކޮންމެ ދުވަހެއް އެދެލޯބިވެރިންނަށް ފެށިފައިވަނީ އަތިރިމަތީގެ މީހުން އާންމުކޮށް ގޮސްނުއުޅޭ ސަރަހައްދެއްގައި އެދެލޯބިވެރިން ހޭދަކުރާ ސިއްރުވެރި ވަގުތުކޮޅަކުންނެވެ.

މާޒިން ގަހެއްގެ ގޮފިގަނޑެއްގެ މަތީ އިށީދެ އިންތަން ފެނުމުން އިސާކް އުފަލުން ފޮޅިލިކަހަލައެވެ. މާޒިން ހުދުކުލައިގެ ކުރުތާއާއި ހަރުވާޅުގައި އިންނަ އިރު ކިތަންމެހާވެސް ރީއްޗެވެ.

އިސާކް ދުވެފައިގޮސް މާޒިންގެ ގައިގައި ބައްދާލިއެވެ. "ފިނި ރެއެއް ދޯ؟ މަ ވަރަށް ހަނދާންވި. ހިތަށް އަރާ މާޒިންގެ ކައިރީގައި އޮވެގެން ނިދާލެވޭނެ ނަމައޭ މިކަހަލަ ފިނި ރެއެއްގަ..."

މާޒިންވެސް އޭނަގެ އަތުތެރޭގައި އިސާކް ބޮޑިކޮށްލިއެވެ. އަދި އިސާކްގެ އިސްތަށިގަނޑުގައި ބޮސްދިނެވެ. "ދޯ؟ މަށާ އިންނަންވީނު؟ މަވެސް ބޭނުންވެގެނެއް ނޫނޭ އިސާކް އާ ދެރުގަ މިއުޅޭނީ. ބައްޕައާއި މިވާހަކަ ދައްކަން ވެއްޖެހެން މަށަށް ހީވަނީ. މިހެން އުޅެނިކޮށް މީހަކަށް ނުފެންނަކަންވެސް ނަސީބު. ފެންނަ ދުވަހަކުން އިސާކްގެ ބައްޕަ މިރަށުން ކަންނޭގެ ދޯ މަ ބާލާނީ" މާޒިން ސަމާސާ ކޮށްލިއެވެ.

"ނުކެރޭނެ ހުވާ ބައްޕައަށް އެގިއްޖިއްޔާ މަ މަރާލާނެ. ބައްޕަ ބުނެފަ އޮންނަނީ ރަށު މީހަކާ ނޫނީ އިދެގެން ނުވާނޭ" ވަރަށް މާޔޫސްވެހުރެ ކުޑަކުއްޖެއް ހެން އިސާކް މަޑުމޮޅި އަޑަކުން ބުނެލިއެވެ.

ދިހަވަރަކަށް މިނެޓް އެގޮތަށް ވާހަކަ ދައްކަން ތިބުމަށްފަހު ތަފާތު ދެމަގަކުން ދެމީހުންވެސް ގެއަށް ދިޔައީއެވެ. އެމީހުންގެ ލޯބި ސިއްރުވެފައި އަދިވެސް އޮޮތީއެވެ. ނަމަވެސް އެވަގުތުކޮޅަށް ވަކިވުމުގެ ކުރިން މާޒިން އެހެންރޭތަކާއި ޚިލާފަށް އިސާކް ކައިރީގައި ވަރަށް ސީރިއަސް ވާހަކައެއް ބުންޏެވެ. އެއީ މިރެއިން ފެށިގެން އެއްހަފްތާ ތެރޭގައި އިސާކްގެ ކައިވެންޏަށް އެދި ބައްޕައާއި ވާހަކަ ދައްކަން ބޭނުންވާކަމަށާއި އެކަމަށް އިސާކް ޖެހިލުންނުވުމަށެވެ.

ދުވަސް ދިޔަ ނުދިޔަ ގޮތެއް ނޭގި ހުއްޓާ އުފާވެރި ދުވަހެއް އަނެއްކާވެސް ނިމުނީއެވެ. ފަތިހުގެ އެހިދުކޮޅަށް އިސާކްއަށް އިންތިޒާރު ކުރެވެން ފަށައިފިއެވެ. ފެންވަރާލައިގެން އައިސް އެދުގައި ޖައްސާލީ ފޮނި ހިނިތުންވުމަކާއެކުގައެވެ. ފޯނެއް އަތުގައި އޮންނަ ނަމައޭ އޭނަގެ ހިތަށް އަރައެވެ. ނިދަން އޮށޯވެ އޮންނައިރު ހިތުގައި އާވެ އާލާވަމުންދާ ޝުޢޫރުތައް މާޒިންއާއި ހިއްސާކޮށްލުމަށެވެ. ނަމަވެސް އަންނަ މަހުގައި ފޯނެއް ދެއްވާނެކަމަށް ބައްޕަ ބުނެފައިވާކަން ހަނދާންވުމުން އެޚިޔާލުން އެއްކިބާވުމަށްފަހު ލޯމަރާލިއެވެ.

އިސާކްއަށް ހޭލެވުނީ ގުގުރައިގަތް އަޑަށެވެ. ސިއްސައިގެންގޮސް ގަޑި ބަލާލިއިރު ގަޑިން 4:30 ވަނީއެވެ. ތެދުވެ ދަތްއުގުޅާ މޫނު ދޮވެލައިގެން ކުޑަ ނަގައިގެން އާދައިގެ މަތިން ޚިޔާލެއް ފިކުރެއްނެތި އެހިގައިގަތީ އެދެލޯބިވެރިންގެ މަންޒިލަށެވެ. ކިތަންމެ ވިއްސާރަޔަސް އެދެމީހުން ބައްދަލުނުވާ އެންމެ ރެއެއްވެސް ނުދެއެވެ. ވައިގަދަ ކަމުން އިސާކްއާ އެކީ ކުޑަ މައްޗަށް އުދުހިގެން ގޮސްދާނޭވެސް ހީވެއެވެ. ކުޑައިގެ ހިޔަލުގައި ހުއްޓަސް ގަދަ ވަޔާއެކީ އަންނަ ވާރޭ އިސާކް ތެންމަމުން ދިޔައެވެ. އިސާކް ބާރުބާރަށް ދުވެފައިގޮސް އެދެމީހުން ބައްދަލުކުރާ ސަރަޙައްދުގައި ހުރި ބޮޑުގަހެއްގެ ހިޔަލުގައި މަޑުކޮށްލިއެވެ. އެގޮތަށް ހުރެ އެތަށް އިރެއްވީއިރުވެސް މާޒިން އެއް ނައެވެ. އިސާކް ވަރަށް ދެރަވެ ހައިރާންވެ ހުރެ ގެއަށް ދާން ހިގައިގަތެވެ. އެވަގުތު ހޭޅިފަށުން މޫދާ ދިމާލަށް ވާރޭ ތެރޭން ތެމިގެން ހުރެ ހިގަމުންދިޔަ މާޒިން ފެނުމުން އެއަށްވުރެ ބޮޑަށް ހައިރާންވިއެވެ. މާޒިން އެތަނުގައި ކީއްކުރަނީ ބާއޭ ހިތާ އޭނާގެ ފަހަތުން ހިނގައިގަތެވެ. ކިތަންމެ ބާރަށް ގޮވާލި ނަމަވެސް ވައިގަދަކަމުން އަޑެއް ނީވޭނެތީ ގޮސް އޭނާއާއި ހަރާ ހަމަކޮށްފައި ބުނެލިއެވެ.

"ސާބަސް މާޒިން! އެތާ ހުރެ ހުރެ މަފިނިވެގެން ގޮސް މަރުވަނީމި. މިތާ ކީއްތިކުރަނީ؟ ހިގާބަލަ ތަންކޮޅެއް ނިވާ ތަނަކަށް... ފިންޏެއްވެސް ނުވޭދޯ؟" އިސާކް މާޒިންގެ އަތުގައި ހިފައިގެން އެއްގަމާވީ ސަރަޙައްދަށް ހިގައިގަތެވެ.

މާޒިންވެސް އެއްޗެކޭ ނުބުނެ އިސާކްއާއި އެކީ އޭނާގެ ކޮޑުގައި އަތްބާއްވާލައިގެން ކުޑަ ދަށުގައި ހުރެގެން ހިގައިގަތެވެ.

"ކީއްކުރަންހޭ އެތަނަށް ދިޔައީ. އާ އެހެންޏާ އަހަރެން އެތަނަށް ނުދާނެކަން މާޒިނަށް ރަގަޅަށް އެގޭނެ" މާޒިން ޖަވާބު ނުދިނުމުން އިސާކް ތަކުރާރުކޮށް އަހާލިއެވެ. އަނެއްކާވެސް މާޒިން ޖަވާބެއް ނުދިނުމުން އިސާކް އަށް ހީވީ އޭނާއަށް އާދެވުނުލެއް ލަސްކަމުން، އަދި އެހާ ވިއްސާރައިގައި ތެމިގެން ހުންނަން ޖެހުމުން މާޒިން ހިންހަމަ ނުޖެހިފައި ހުރީކަމަށެވެ.

"ސޮރީއޭ...ރުޅި ނާދެބަލަ....ހުވާ...މަބޭނުމީ އަބަދުވެސް މާޒިން ކައިރީގައި ހުންނަން މިހާރު. މާޒިން މަދޫކޮށް ނުދައްޗޭ....ދުވަހަކުވެސް....ޕްރޮމިސް؟" އިސާކް މާޒިންގެ ގައިގައި ބައްދާލީ މާޒިން ރުއްސާލެވޭތޯއެވެ. އަދި ހުއްޓާނުލާ މާޒިން ހަމައަކަށް އެޅޭތޯ މަސައްކަތްކުރުމަށް ވާހަކަ ދައްކަމުންދިޔައެވެ. އިސާކްގެ ވާހަކަ އަޑު އަހަންހުރި މާޒިން މަޑުމަޑުން ބޯޖަހާލާފައި އިހުނަށްވުރެ ބާރަށް އިސާކްގެ ގައިގައި ބައްދައިލިއެވެ. ނަމަވެސް އިސާކް އޯކާދެމޭގޮތްވެ ހިތުގައި އެއްފަހަރާ އެތަށް ސުވާލެއް އުފެދުނެވެ. މާޒިންގެ ގައިން އެހެން ރޭތަކުގައި އޭނާއަށް ދުވަމުންދިޔަ މީރު ވަހެއް މިރެއަކު ނުދުވައެވެ. އޭނާގެ ގައިން ދުވަމުން ދިޔައީ ކުނިވަހެކެވެ. އިސާކް އެއްޗެކޭ ބުނަން އަގަހުޅުވަމުން މާޒިންގެ މޫނަށް ބަލާލިއެވެ. ހަމައެއާއެކު ބާރަށް ހަޅޭލައްވައިގަތުމާއެކު އިސާކް ހޭނެތިގެން މާޒިންގެ އަތްމައްޗަށް ވެއްޓުނެވެ.

އިސާކްއަށް ހޭވެރިކަންވިއިރު އޭނާއޮތީ ސިއްޙީ މަރުކަޒުގައި އެޑްމިޓްކޮށްފައެވެ. ކައިރީގައި މަންމަ އާއި ބައްޕަ ކަންބޮޑުވެފައި ތިބުމުން އިސާކް ވަރަށް ބިރުގަތެވެ. އެއަށްވުރެ ބޮޑަށް ހައިރާންވެ ބިރުވެރިކަން ހިތަށް ވެރިވެގެން ދިޔައީ ރޭގައި އޭނާއަށް ފެނުނު މާޒިންގެ ސިފައިގައި ހުރި ކަޅުކުލައިގެ ބިރުވެރި މޫނު ހުރި އެތި ހިތަށް އަރާފައެވެ. މަންމަ އިސާކްގެ އަތުގައި ހިފާލުމާއެކު އިސާކްގެ ލޮލުން ކަރުނަ އޮހިގަތެވެ. މަންމަ ކާރީގައި އޭނަ ބުނާނީވެސް ކީކޭ ހެއްޔެވެ. އެތަނަށްދިޔައީ މާޒިންއާއި ބައްދަލުކުރާށޭ ބުނެފިނަމަ މާޒިންއަށް ރަށުގައި އުޅެން އުދަގޫވާނެއެވެ.

"މަންމަ ފަތިސް ނަމާދުކުރަން ހޭލާފަ ބޭރަށް ނިކުތްގަޑީގަ ދަރިފުޅު ބޭރު ދޮރުކާރީގަ ވެއްޓިފަ އޮއްވާ ފެނުނީ. ރޭގަނޑު ދަރިފުޅު ބޭރަށް ނިކުތީ ކީއްކުރަން؟ ކިހިނެއް އެތަނަށް ވެއްޓުނީ؟ ޑޮކްޓަރު ދެންނެވީ މާބޮޑުކަމެއް ނެތޯ. އިރުކޮޅަކުން ގެއަށް ދޫކުރާނެ." މަންމަ ދެއްކި ވާހަކަ އަޑު އިވިފައި އިސާކްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

މަންމަމެންނަށް އޭނަ އަތިރިމަތީގައި އޮއްވާ ނުފެނޭކަން ޔަޤީންވުމުން ހިތަށް ހަމަޖެހުމެއް ލިބުނު ނަމަވެސް އޭނައަށް ގެޔަށް އާދެވުނު ގޮތަކާއި މެދު އަނެއްކާ ހިތުގައި ބިރުވެރިކަން އުފެދި އަރު ބެދޭގޮތްވިއެވެ. "ފަތިހު ބޭރަށް ނިކުންނަނިކޮށް...އެތާގަ ފެން އޮތީމަ...ކައްސާލާފަ ވެއްޓި...ބޯޖެހުނީ."

މަރުކަޒުން ދޫކޮށްލުމާ ހަމައަށްވެސް މާޒިންގެ ޚަބަރެއް ނުވެއެވެ. އިސާކް މާޒިން ފެނޭތޯ ވަރަށް މަސައްކަތްކުރިއެވެ. އޭނާ އޮފީހަށް ނިކުތްދުވަހެއްނަމަ އިސާކްއާއި ޔަގީނުންވެސް ދިމާވާނެއެވެ. މަރުކަޒުން ދޫކޮށްލުމުން ބައްޕައާއި އެކީ ސައިކަލުގައި އިސާކް ދިޔައީ ގެއަށެވެ. ކޮޓަރިއަށް ވަދެވުމާއިއެކު އިސާކް އަށް ގަޑި ބަލައިގެން ހުއްޓި ހުރެވުނީއެވެ. ގަޑިން 4:30 އެވެ.

އިސާކް ބިރުގެންފައި އިދެ ތުރުތުރު އަޅާ އަޑަކުން މަންމަ އަށް ގޮވާލިއެވެ. "މަންމާ...! ގަޑިން ކިހާ އިރެއްތަ؟"

"ދިހައެއް ޖަހަނީ ދަރިފުޅާ! ސައިވެސް ނުބޮމެއްނުން އަދި؟ ބަދިގެ ފަރާތަށް ޖެހިލަބަލަ" އާފިޔާވެސް ގޮވައިލިއެވެ.

ސުބްޙާނަﷲ އެވެ. ރޭގައި އިސާކްއަށް ގެއިން ނިކުމެވުނީ ދަންވަރުގައެވެ. ޔަގީނެވެ. ކުރިންރޭ އެވަގުތަށް ގަޑި ހުއްޓިފައި ހުރިކަން ފާހަނގަ ނުކުރެވުނީއެވެ. މިހެން ހިތަށް އެރުމާއިއެކު އިސާކްއަށް ބޭއިޚްތިޔާރުގައި ގެއިން ނިކުމެގެން ދުއްވައިގަނެވުނެވެ. ކުރެވޭ ނުކުރެވޭއެއް ނޭގިއެވެ. މާޒިން އުޅޭ ގެއަށް ގޮސް ދޮރުގައި ބޭއިޚްތިޔާރުގައި ތަޅަން ފެށިއެވެ. މީހެއްގެ ހިލަމެއްނުވުމުން ގޮތްހުސްވެފައިހުރެ އަނެއްކާ ގެއާއި ދިމާލަށް މަޑުމަޑުން ހިގައިގަތެވެ. ކުއްލިއަކަށް މީހަކު އޭނާގެ އަތުގައި ހިފެހެއްޓިހެން އޭނާއަށް ހީވިއެވެ. ނަމަވެސް މީހަކު ފެންނާކަށް ނެތެވެ. އިސާކްއަށް ބިރުން ހަޅޭލައްވައިގަނެވުމާއިއެކު އަތް ފޮޅުވާލާފައި ރޮމުން ދުއްވައިގަނެވުނެވެ.

އިރުކޮޅަކަށް ދުވެފައި ދެވުނުތަނާ މަގުގެ އެއްފަރާތެއްގައި ހެދިފައިހުރި ބޯގަސްތަކެއްގެ ތެރެއިން މީހަކު ރޮއި ހޭރިގަތް އަޑު އިވުނެވެ. އިސާކް ލަސްފިޔަވަޅުތަކެއް އަޅަމުން އެދިމާލަށް ދިޔައެވެ. އަޑު އަންނަމުންދިޔައީ އިސާކް އާއި މާޒިން ބައްދަލުކުރާ ސަރަޙައްދުންކަމަށް ވުމުން އިސާކް އެދިމާލަށް ދާން ޖެހިލުންވިއެވެ. ރޭގައި ދިމާވި ބިރުވެރި ކަންތައްގަޑު ހިތަށް އެރުމާއިއެކު ހިތް ރޫރޫ އަޅައިގެން ދިޔައެވެ. ނަމަވެސް އެތަނާ ތަންކޮޅަކަށް ކައިރިވެލުމުން ފެނުނީ ގެ ކައިރީގައި އުޅޭ އަވައްޓެރި ދޮންތުބެއެވެ. ހުރިތާ ހުރެގެން ބޮލުގައި އަތް އަޅައިގެންހުރެ ރޮއި ހޭރެނީއެވެ. އެމީހާއަކީ ދަންނަ އަވަށްޓެރިއެއްކަމުން އިސާކް އެމީހާ ކައިރިއަށް ގޮސް ހުއްޓިލިއެވެ. ފެނުނީ ބިރުން ފިތްކަޑައިގެން ދާފަދަ މަންޒަރެކެވެ. ބިންމަތީގައި ވެއްޓިފައި އޮތް މީހެއްގެ ބޮލެއް ނެތެވެ. މުޅިތަން އޮތީ ލެއިން ތަތްތެޅިފައެވެ. އެމީހާ ލައިގެންހުރި ހުދުކުލައިގެ ކުރުތާ އާއި ހަރުވާލުގައި ހުރީ ރަތްލޭކުލައެވެ. އިސާކްއަށް ބާރަކަށް ރޮމުން ހަޅޭލައްވައިގަނެވުނެވެ. އެއީ މާޒިންކަން އެގުމުން ދުވެފައިގޮސް އެމީހާގެ ގައިގައި އޮޅުލައިގަނެވުނެވެ. މަރާލާފައި އޮތް މީހާގެ ކައިރިން އިސާކް ދުރުކުރަން ދޮންތުބޭ ރޮމުން ވަރަށް މަސައްކަތްކުރިއެވެ. އެންމެފަހުން ބިރުން ގޮތް ހުސްވެގެން ދޮންތުބޭ އެއްގަމު މީހުން އުޅޭ ސަރަޙައްދަށް ދުއްވައިގަތެވެ. ޚަބަރު ލިބުމާއިއެކު ރަށު ހުރިހާ ރައްޔިތުންހެން އެސަރަހައްދަށް ޖަމާވެއްޖެއެވެ. ރަށުގައި ހުރި ބީރައްޓެއްސެއްގެ ގޮތްނޭގޭ އަނިޔާވެރި މަރާއިމެދު އެންމެންގެ މޫނުމަތިންވެސް ފެންނަނީ ބިރުވެރިކަމާއި ސުވާލުން ފުރިފައިވާ ސިހުމެކެވެ. އޭނާއަކީ ރަށުގެ ގިނަބައެއްގެ މަޤްބޫލުކަން ލިބިފައިވާ ފަރާތަކަށްވެފައި ރަށުގައި އެފަދަ ރުޅިވެރިކަމެއް އޭނައާއިމެދު އޮންނާނެ މީހަކު ހުރެދާނެއޭ އެއްވެސް މީހެއްގެ ހިތެއް ނުބުނެއެވެ.

އިސާކްގެ ހަޅޭކާއި ރުއިމުގެ އަޑު މަޑެއް ނުވެއެވެ. އޭނަ ހިތުގައި ބިންވަޅު ނެގުނު މާޒިންގެ ލޯބި ކިތަންމެ ސިއްރުކޮށްގެން ހުރި ކަމުގައިވިޔަސް، މާޒިންގެެ މަރާއިގުޅިގެން އެފަކީރަށް ވަމުންދާވަރު ފެނުނު ކޮންމެ މީހަކު ހަމްދަރުދީއިން ފުރޭނެއެވެ. އަދި އިސާކްގެ ހިތުގައި ސިއްރުކުރެވިފައިވާ މާޒިންގެ ލޯތްބާއިމެދު އެންމެ ބޮޑަށް ސިހި ބަސްހުއްޓިފައި ތިބި ބަޔަކީ އިސާކްގެ މަންމަ އާއި ބައްޕައާއި ގާތްތިމާގެ މީހުންނެވެ.

ކަމާއިބެހޭ ފަރާތްތަކާއި، ހޯޑެއްދޫއަށް އައި މާއިޒްގެ އާއިލާގެ ފަރާތްތަކާއި، ރަށުގެ ރައްޔިތުން ގުޅިގެން މާއިޒްގެ ބޯ ފެނޭޮތޯ ވަރަށް މަސައްކަތްކުރި ނަމަވެސް އެންމެފަހުން ހަށިގަނޑު ވަޅުލަން ޖެހުނީ ބޮލެއް ނެތް މަސްގަނޑެއްގެ ގޮތުގައެވެ. ރަށުގެ ކުދިބޮޑު އެންމެންނަށްވެސް ޤަބޫލުކުރެވޭގޮތުގައި ރަށުގައި އެވަރުގެ ކަމެއް ކުރަން ކެރޭނެ މީހަކު ނުހުންނާނެއެވެ. އަދި އެފަދަ ރުޅިވެރިކަމެއް އޭނާއާއި ދޭތެރޭ އޮތް މީހަކުވެސް އޭނަ އެރަށުގައި ހުރި އަހަރެއްހާ ދުވަސްތެރޭ ފާހަނގަކުރެވިފައެއް ނެތެވެ. އެހެންކަމުން އެންމެންވެސް ތުންތުން މަތިން ކިޔަމުންދިޔައީ ޒަމާނުއްސުރެ ހޯޑެއްދޫ ހުޅަނގުފަރާތު ސަރަޙައްދުގައި ހުންނަ ރޫޙާނީ އެއްޗެއްގެ ކަމަކަށް އެކަންވެދާނެ ކަމަށެވެ. މިއަދާއި ހަމައަށް އެކަހަލަ ހާދިޘާއެއް ހިނގާފައި ނުވިނަމަވެސް އެއީ އެންމެންނަށްވެސް ބުރެވެވޭ ގޮތްކަމަށް ވުމުން އެންމެންގެ ހިތުގައި ބިރުވެރިކަން އުފެދިފައިވުމާއި، އަދި ހިނގައިދިޔަ ލާއިންސާނީ ހާދިޘާގެ ސަބަބުން އެސަރަޙައްދަށް މީހުން ނުދިޔުމަށެވެ.

މާޒިން މަރުވި ހާދިޘާއަށްފަހު އިސާކްގެ ދުނިޔެ އެއްކޮށް ނިމުނު ކަހަލައެވެ. ކެއުމެއް، ބުއިމެއް، ފެންވެރުމެއް ނެތި އެފަކީރު އިންނަނީ އެކަނިމާއެކަންޏެވެ. އިރުއިރުކޮޅާ ހޫރިގަނެއެވެ. އެހެން ނޫނީ އަތް ފޮޅުވާލައެވެ. ކޮންމެވެސް މީހަކު އޭނައަށް އުދަގޫ ކުރާކަހަލަ ގޮތަކަށެވެ. އެމަންޒަރު ބަލަން އާފިޔާގެ ދެމަފިރިންގެ ހިތް ކުދިކުދިވެއެވެ. މާޒިންގެ މަރާއިގުޅިގެން ދަރިފުޅަށް ކުރި އަސަރުން ދަރިފުޅުގެ ބުއްދިފިލައި ދިޔައީކަމުގައި ޤަބޫލުކުރިއެވެ. ދަރިފުޅު ސައިކޮލޮޖިސްޓަކަށް ދެތިންފަހަރު ދައްކައިފިއެވެ. ނަމަވެސް ބޭހަކުން އެއްވެސް އެދެވޭ ނަތީޖާއެއް ނުނިކުތެވެ. ހިތުގެ ވިންދު ފަދައިން ގާތްކޮށް ގެންގުޅުނު ދަރިފުޅާއިމެދު ކުރި ފޮނި އުންމީދުތައް ފުޑުފުޑުވީއެވެ.

އިސާކްގެ ހާލެވެ. އެނާމާން ބިރުވެރިރޭ އޭނައާއި ދިމާވި ބިރުވެރި ހާދިޘާގެ ޚަބަރު އެގޭ އެކަކުވެސް ނެތެވެ. އެބިރުވެރިރޭ އޭނާއަށް ހޭދަކުރެވުނީ ރުޙާނީ އެއްޗެއްގެ އަތުތެރޭގައިކަން އޭނާ އަށް ބުނެދެވޭނީ ކާކުގެ ކާރީގައި ހެއްޔެވެ؟ އަދި ލޯބިވާ މާޒިން ކަމަށް ހީކޮށް ވަޢުދާއި އަޙުދު ވެވުނީ ޖިންނިއަކާއިކަން އަންގައިދޭނީ ކިހިނެއް ހެއްޔެވެ. އަދި ވަޢުދުވިގޮތަށް އޭނާގެ އުމުރުގެ ބާކީ އޮތްބައި އޭނާ ހޭދަކުރަންޖެހިފައި އެވަނީ ޖިންނިއަކާއި އެކީގައިކަން އެގޭނީ ކާކަށްހެއްޔެވެ. އޭނާ ލޯބިން މާފޮޅުވަމުން ދިޔަ މަންޒިލަކީ ނާމާން ސަރަޙައްދެއްކަން އެދެމީހުންނަށް ކުރިން އެގިފައިވީނަމައެވެ.

ކޮމެންޓް 0