ދުވަހަކީ އުޑުމަތި ބަނަދުވަހެކެވެ. އަހަރެން މަންމަ އާއި އެކު ސްކޫލަށް ދާން ނުކުތްއިރު ތުނި ތުނިކޮއް ވާރޭ ކަނި ޖަހަމުން ދިޔައެވެ. ނަމަވެސް އެއަށް ފަރުވާލެއް ނުބަހައްޓާ މަންމަ ހިނގައިގަތީ މަންޒިލާ ހަމައަށް ދެވޭތޯ އެވެ. ނަމަވެސް ތަންކޮޅަކަށް ހިނގާލެވުނުތަނާ ވާރެ ބޯކޮއްލައިފިއެވެ. ސްކޫލު ހުންނަނީ ކައިރީގައި ކަމުން އަހަރެމެން ސްކޫލާ ދިމާލަށް ދުއްވައިގަތީމެވެ. ނަމަވެސް ސްކޫލާ ހިސާބަށް ދެވުނުއިރު ތިބީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. މިހެންވާން ޖެހުނީ ދޮންމަންމައާއި ހުރެއެވެ. ގޭގައި އޮތް ހަމަ އެކަނި ކުޑަ ހިފައިގެން ދޮންމަންމަ ދިޔައީ އޮފީހަށެވެ.
އަހަރެން އުމުރުން 9 އަހަރު ގައި ބައްޕަ ވަނީ ވަރަށް ނުރައަކާތެރި އެކްސިޑެންޓަކާ ކުރިމަތިވެފައެވެ. އެކްސިޑެންޓުގެ ސަބަބުން ޑޮކްޓަރުން ވަނީ ބައްޕައަށް ހިނގޭނެ ކަމުގެ އުންމީދު ކަނޑާލާފައެވެ. ނަމަވެސް ބޭރު ގައުމަކަށް ގޮސް ފަރުވާދިނުމުން ރަނގަޅުވެދާނެ ކަމުގު އުންމީދީ ހުޅުކޮޅު ޑޮކުޓަރުން ދިއްލާލަދިނެވެ. މަންމައަކީ ފަޤީރު މީހެއް ކަމުން ބައްޕަ މަންމަ ދޫކޮށްލާފައި މުއްސަނދި މީހަކާ ކައިވެނި ކުރީއެވެ. މިއީ އަހަރެންގެ މަންމަ ކިޔައިދިން ގޮތެވެ.
އޭގެ ފަހުން 5 އަހަރު ފާއިތުވިއެވެ. މަންމަ ކޮންމެ ދުވަހަކު އަހަރެން ސްކޫލަށް ގެން ގޮސް ގެނެސް ދެެއެވެ. އެއީ ދޮންމަންމަ އެގަޑިތަކުގައި އޮފީހުގައި އުޅޭތީއެވެ. އަދިވެސް ބައްޕަގެ ފައި މުޅިއަކުން ރަނޅެއް ނުވެއެވެ. ދޮންމަންމަ އެއްފަހަރަކު ލަންކާއަށް ބައްޕަ ދައްކާލަން ދިޔައެވެ. ނަމަވެސް ބައްޕަގެ ފަޔަށް އެދޭވަރުގެ ޝިފާއެއް ނުލިބި އުޅެނިކޮށް ދޮންމާމާ ނިޔާވި ހިތާމަވެރި ހާދިސާގައި ޖެހުނީ އެނބުރި ރަށަށް އަންނާށެވެ. ހަމަ އެކަނި ދޮންމަންމައަށް ލިބޭ މުސާރައިން ގޭގެ ބޭނުންތައްފުއްދާފައި ޤައުމުން ބޭރަށް ގޮސް އޮޕަރޭޝަން ކުރުމަށް ދޮންމަންމައަށް ވަނީ ނުކުޅެދިފައެވެ.
ދުވަސްތައް މާޒީ އާއި އެކުވަމުން ދިޔައެވެ. އަހަރެން އޮތީ ބާލީހުގަ ބޯ އަޅައިގެން ބަންޑުން ރޯށެވެ. އަރެންގެ މަންމަ އަހަރެން ދޫކޮށްލާފައި ދިޔައީމައެވެ. މަންމަ އެހެން މީހަކާ ކައިވެނި ކޮށް އަހަރެން އެކަނި ކޮށްލީއެވެ. ބައްޕަގެ އެދުން ބޮޑު ކަމުން މަންމަ ދޫކޮށް ދިޔަފަދައިން މަންމަވެސް އަހަރެން ދޫކޮށް ދިޔައީއެވެ. ބައްޕަ މަންމަ ދޫކޮށްލީ ދޮންމަންމަ ގެ ސަބަބުންނެވެ. އަހަރެން ދުވަހަކުވެސް ދޮންމަންމައަށް މާފެއް ނުކުރާނަމެވެ. ދޮންމަންމަ އަހަރެންނަށްކިތަމެ ރަނގަޅަށް ކަންތައް ކޮށްދިނަސް އަހަރެން ދޮން މަންމަދެކެ ވަރަށް ރުޅިއާދެއެވެ. ނަފްރަތު ކުރަމެވެ. އަދި ބަދުދުޢާ ވެސް ކުރަމެއެވެ. ވާހަކަތަކުންނާ ފިލްމުތަކުގެ އިތުރުން މަންމަވެސް ބުނަމުން ދިޔައީ ދޮންމަންމަ ކިޔައިފި އެއްވެސް މީހަކު ރަނގަޅެއް ނުވާނެކަމަށެވެ. އަހަރެންނަށްވެސް ވިސްނެނީ އެހެންނެވެ. ދޮންމަންމަ އުޅެނީ ބައްޕަ ފަރާތު ކާފަގެ ރީތި ގެ އަތުލަންކަމަށް މަންމަ ބުންޏެވެ. އަދި ބޮޑުވެގެން މަންމައަށް ޙިދުމަތް ކޮށްދޭން އައުމަށްވެސް އެދުނެވެ. ނަމަވެސް މިއަދު މަންމަވެސް އެ ދިޔައީއެވެ. އަހަރެން އެކަނި ކޮއްފައެވެ.
އެއްދުވަހެއްގެ ރޭގަނޑުގެ ވަގުތެވެ. އަރާމު ނިންޖަކުން އަހަރެންނަށް ނިދިފައި ވަނިކޮށް ހޭލެވުނީ މީހަކު ކޮޓަރީގެ ދޮރުގައި ތަޅާއަޑަށެވެ. "އަސްޖައު! އަސްޖައު! ދަރިފުޅާ އަސްޖައު! ދޮރުހުޅުވަބަލަ!" އެއިވުނީ ދޮންމަންމަގެ އަޑެވެ. ދޮންމަންމަހުރީ ވަރަށް ހާސް ވެފައިކަން އަޑުންވެސް އަހަރެން ދެނެގަތީމެވެ. އަހަރެން ދޮރު ހުޅުވީމެވެ. "އަސްޖައު! ބައްޕަ ކުށްލިއަކަށް މެއަށް ތަދުވެގެން ހޮސްޕިޓަލައް ގެންގޮއްސި! އަވަހަށް ހިނގާބަލަދާން! އަވަސް! ތައްޔާރުވޭ!" ދޮންމަންމަ ބުނި އެއްޗަކުން އަހަރެންވެސް ވަރަށް ހާސް ވިއެވެ. ދޮންމަންމަ އާއި އެކު ކާރެއްގައި އަހަރެން މިސްރާބު ޖެހީ ރަށު ހޮސްޕިޓަލާ ދިމާއަށެވެ.
ރޭގަނޑުގެ ވަގުތު ކަމުން ހޮސްޕިޓަލުގައި ތިބީ މަދު މީސް ކޮޅެކެވެ. އޭރު ބައްޕަ އަވަސް ފަރުވާދޭ ކޮޓަރިއައް ވައްދައިފިއެވެ. އަހަރެން ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީމެވެ. ދޮންމަންމަ ގޮނޑި ބަރިން ގޮނޑިއެއްގައި އިށީނދެގެން ކަކުލުގައި އުޅަނބޯށި ވިއްދާލައިގެން އިސްދަށަށް ޖަހާލައިގެން އިނެވެ. އޭރު ދޮންމަންމަގެ ލޮލުން ހޯއްސާފައި ކަރުނަ އާދެއެވެ. ގާތްގަނޑަކަށް 45 މިނިޓް ފަހުން ޑޮކްޓަރު ނުކުތެވެ. އަހަރެން ދޮންމަންމަ އާއި އެކު ދުވެފައިކަހަލަ ގޮތަކަށް ޑޮކްޓަރު ކައިރިއަށް ދިޔައީމެވެ. ޑޮކްޓަރު ބުނި ޖުމްލައިން ދޮންމަންމަ ޚަބަރުހުސްވެގެން ކަނޑާ ވައްޓާލި ރުކެއްހެން ތަޅުންގަނޑު މަށްޗަށް ވެއްޓުނެވެ. އަހަރެންނަށް ބޭއިޙްތިއާރުގައި ދެކަކޫމަށްޗަށް ތިރިވެވުނެވެ. އެވަގުތު ކަކުލު ހުޅުން ވާގިދޫވިފަދަ އިހުސާސްއެއް ކުރެވުނެވެ. ދެލޮލަށް ޖަމާވެފައިވާ ކަރުނަތަށް ހޯސްލާފައި ކޯތާފަތް މައްޗަށް އޮހިގަތެވެ. އާނއެކެވެ. ބައްޕަވެސް އަހަރެން ދޫކޮށް މިފަނާވަނިވި ދުނިޔެ އާއި ޢަލްވަދާއުކީއެވެ. ކައިރީގައި ހުރި ޑޮކްޓަރަކީ ބައްޕަގެ އެކުވެރިއަކަށްވުމުން އަހަރެންނަށް ހިތްވަރުދިނެވެ.
ބައްޕަގެ ހުދުވެފައިވާ މޫނު ފެނިފައި އަހަރެން ހޭނުނެތުނީކިރިޔާއެވެ. އެވަގުތު އަހަރެންނަށް އެމަންޒަރު ބަލަން ހުރެވުނީ ކޮންތާކުއައި ހިއްވަރަކުން ކަމެއްވެސް ޙުދު އަހަންނަށް ނޭނގެއެވެ. އަހަރެންގެ ހިތް ތެޅިފައިވާ ބިއްލޫރި ކޮޅުތަކެކޭ އެވަގުތު އެއްވެސް ތަފާތެއްނެތެވެ.
ބައްޕަގެ ކަށުކަމާކެމީގެ ކަންތަށް ނިންމާފައި އެނބުރި ގެއަށް ދިއައިރު އަހަރެންނަކީވެސް މަރުވެފައިވާ މައްޔިތެއްފަދައެވެ. ވިންދުހުރިކަމެވެ. ކެއުމެއް ބުއިމެއްނެތެވެ. ގަބުވެފައި އެތައްއިރަކު ބައްޕަގެ ފޮޓޯލޯގަނޑެއް އުނގަށް ލައިގެން އިނީމެވެ. ދޮންމަންމަގެ ހާލަކީކޮބާތޯއެވެ؟ ރޮއެެރޮއެ އެމަންމަގެ ދެލޯވަނީ ދުޅަވެފައެވެ. އެނދުން ނުތެދުވެ އެތަށްދުވަހަކު އޮތް ބަލި މީހެއް ފަދައެވެ. އެވަގުތު އަހަރެންގެ ހިތުގައި ދޮންމަންމަ އާއި ދޭތެރޭގައި ކުލުނު އުފެދުނެއެވެ. ނަމަވެސް އަހަރެންނަށް އިހުސާސްވީ މަންމަ ނުފެނުން ކަމެވެ. ނުފެނުންތާ ގުޅާވެސްނުލައެވެ. މަންމަ އަހަރެން މަތިން ހަނދާންނެތުނީ ބާވައެވެ. ނުވަތަ ބައްޕަ ނިޔާވި ޙަބަރު ނުލިބެނީބާވައެވެ؟ ނުލިބިވެސް ހުރެދާނެއެވެ. މަންމަ އުޅެނީ އަތޮޅުގެ އެހެން ރަށަކުއެވެ. އަހަރެން ނިންމީ މަންމަ އަކީ ކަނޑުމައްޗައް މާބޮޑަށް ބަލިމީހެއްވީމާ ނާދެވުނީ ކަމުގައެވެ.
ދެތިން ދުވަސް ވީއިރުވެސް ދޮންމަންމަގެ ޙާލަށް ބަދަލެއްނާދެއެވެ. އަބަދު ރޮއެ ނުހެދިޔަސް މޫނުމަތި އެއްކޮންވަނީ މިލާފައެވެ. ދޮންމަންމަ އެކަނިވުމުން ރޯކަން އަހަންނައް އެނގެއެވެ. އެކަމުގެ ހެއްކަކަށް ދޮންމަންމަގެ ދުޅަވެފައިވާ ދެލޯ ފުދެއެވެ. އަރެންނަށް ދޮންމަންމަ މީހުން ކުރިމަތީ ރޮއެ ނުހަދާތީ އެ މަންމަގެ ކެއްތެރިކަން އިހުސާސް ކުރެވެއެވެ. އަހަރެން މީ ފިރިހެން ކުޖަކަށްވެ ހުރެ މީހުން ކުރިމަތީ އަދިވެސްރޮމެވެ. ދޮންމަންމަގެ ކެއްތެރިކަން ދެކެފައި އަހަރެން ކުރިމަތީ ދޮންމަންމަ ގެ ޤަދަރު އުފުލުނެވެ.
އަނެތްދުވަހު ހޭލައިގެން ދޮންމަންމަ ކޮބާތޯ ބެލިއިރު ދޮންމަންމަގެ އިޝާރާތެއްވެސްް ފެންނާކަށްނެތެވެ. މުޅި ގެ އެއްކޮށް ހޯދާ ބެލިއިރުވެސް ދޮންމަންމައެއް ނުފެނުނެވެެ. އަހަރެން ވަރަށްބޮޑަށް ހާސްވިއެވެ. ދޮންމަންމަގެ އަލަމާރީގައި އެއްވެސް އެއްޗެއް ނެތްއިރު ދޮންމަންމަގެ ބޮޑު ފޮށިވެސް ނެތެވެ. އަހަރެން ގޮތްހުސްވާގޮތްވިއެވެ. އަހަރެން ކޮޓަރި އާއި ދިމާލަށް ދާން މިސްރާބުޖެހީމެވެ. ހާސްވެފައި ހުރެވެސް ބޭރަށް ނުކުތުމުގެ ކުރިން ފެންވަރާ ރީތި ވެލާށެވެ.
ފެންވަރާއިގެން ނުކުމެ، ޓީސާޓު ގަޔައް މާހާލާފައި ފުނާ އަޅައިގެން ނުކުންނަނިކޮން އަހަރެން އެއްލިކަޅިއަކުން ލޮލުގައި އަޅައިގަތީ އެނދުގެ އެއްފަޅީގައި ހުރި ދެވަތްގަނޑުލީ ކުޑަ ކުޑަ މޭޒުމަތީގައި އަހަރެންނަށް އެޑްރެސް ކޮއްފައި އޮތް ހުދު ސިޓީއުރައެވެ. އަހަރެން އަވަސްވެފައިވާ ހިތަކާއިއެކު ތުުރުތުރު އަޅާ އަތަކުން ސިޓީ އުރައިން ސިޓީ ނެގީމެވެ. އަދި ކިޔަން ފެށީމެވެ.
" ދަރިފުޅާ އަސްޖައުއެވެ. ބައްޕަ އަށް ދެން ދުނިޔޭގައި ހުރެވޭނެ ކަމުގެ އެއްވެސް ޔަޤީން ކަމެއް ނެތެވެ. ބައްޕަ ދުނިޔެދޫކުރުމުގެ ކުރިން ދަރިފުޅަށް އަންގަން ބޭނުންވާ އެތައް ކަމެއް އެބަހުއްޓެވެ. ދަރިފުޅާއެވެ. ބައްޕަ ދަރިފުޅު މަންމަ ޖޫލިއާ އާއި ކައިވެނި ކުރީ ވަރަށް ލޯބިންނެވެ. ނަމަވެސް ބައްޕަ ނުކުޅެދުނު ދުވަހުން ފެށިގެން ޖޫލިއާ އައީ ބައްޕަ ދެކެ ރުޅި އަންނަމުންނެވެ. ފޫހި ވަމުންނެވެ. ބައްޕަ އަށް އެކަން އިނގެއެވެ. ބައްޕަ އަށް ދަރިފުޅުގެ ހިތުގައި ދޮންމަންމަ ތިޝިކާ އާއި ދޭތެރެ ނަފްރަތު ވާކަންވެސް އެނގެއެވެ. ނަމަވެސް އެ ނަފްރަތު އެއީ ޙައްގު އެއްޗެއް ނޫނެވެ. ޖޫލިއާ، ދަރިފުޅު ގާތު ތިޝިކާ ނުބައިކޮއްގެން ވާހަކަ ދައްކާކަން އެނގެއެވެ. ބައްޕަ މަޑުން ހުރީމެވެ. ދަރިފުޅުގެ ހައްޤުގައެވެ. ދަރިފުޅަށް އެނގޭނޭ ފަދައިން ބައްޕަ ތިޝިކާ އާއި ކައިވެނި ކުރިއިރު ބައްޕަ އަކީ ނުކުޅެދޭ މީހަކީމެވެ. ތިޝިކާ ބައްޕަ އާއި ކައިވެނިކުރީ ދަރިފުޅައްޓަކައެވެ. ތިޝިކާ ދަރިފުޅުދެކެ، ޖޫލިއާ އަށްވުރެ ލޯބި ވެއެވެ. މިވީ އަހަރު ތަކުގައި ދަރިފުޅައް ހަރަދު ކުރީ ތިޝިކާއެވެ. ދަރިފުޅު މަންމަ ޖޫލިއާ ބައްޕަ ކައިރިން ވަރިވީ ގަދަކަމުންނެވެ. އެއީވެސް ބޮޑު މަހުޖަނަކާ ކައިވެނި ކުރުމައްޓަކައެވެ."
އެހާހިސާބަށް ކިޔުންއިރު އަހަރެން ކަންފަތް ކައިރީ ގުގުމަންފެށީ މަންމަ އަހަރެން ދޫކޮއްލާފައި ދިއުމުގެ ކުރިން އަހަރެންނަށް އިވުނު ޒުވާބެއްގެ އަޑެވެ. އަހަރެން ހީކުރީ އެއީ ނިދާފައި އޮއްވާ ފެނުނު ހުވަފެނެއްގެ އަޑުކަމުގައިއެވެ. ނަމަވެސް އެވަގުތު ދޭހަވިގޮތުގައިގޮތުގައި އެދުވަހު މަންމަޔާ ބައްޕަޔާ ކުރި ޒުވާބެއް ހައްލުކޮއްދިނުމަށް ދޮންމަންމަ ވަރަށް މަސައްކަތް ކުރިއެވެ.
"ކިހާ ބޮޑުވެއްޖެ ކަމެއްތަ! މަ މިބުނީނުން މަ ވަރިކުރާށޭ! މަ ނޫޅެން ކަލޭ ކަހަލަ ނުކުޅެދޭ މީހެއްގެ އަންބަކަށް ވެގެން ހުންނާކަށް!"
"ނޫން! ޖޫލީ ތިހިރީ ވަރަށް ރުޅި އައިސްފަ! ރުޅިމައި ތިރި ކޮއްފަ މަ ކިޔާއެއްޗެއް އަޑުއަހާބަަލަ!"
"މަ ނޫޅެން ކަލޭކިޔާ އެއްޗެއް އަޑުއަހާކަށް! ހަމަ މިހާރު މިވަގުތު މަ ވަރިކުރޭ!"
"ޖޫލިއާ! ހަމަޖެހިބަލަ! ސާއިދު ކިޔާއެއްޗެއް އަޑުއަހާބަލަ! ތިހެން އުޅެންޔާ ވިސްނަބަލަ އަސްޖައު އަށް ވާނެގޮތް!"
"އޭ! ތި ކާކުތަ މަކައިރީ ގޮތްކިޔަން؟ އޭން؟ މައިތިރި ވެގެން ހުރޭ! އަމިއްލަ ފެންވަރު އޮޅިގެން ނޫޅޭ!"
"ޖޫލިއާ! ދެން ހުއްޓާލާ! ފެންވަރޭ ގޮވަން ކަލޭގެ ހުރި ހައިިސިއްޔަތަކީ ކޮބާ؟"
"ހޯ! މަ ހުރި ހައިސިއްޔަތޯ! ހަހަހާ. މަ މިހާރު މިވަގުތު ކަލޭ ކައިރިން ވަރިވިޔަސް މަށާ އިންނާނެ މީހުން ވާނޭ!"
"ޖޫލިއާ! ކަލޭ ލަދެއް ނުގަނނޭތަ؟ ކުރިމަތީ އޭނީ ކަލޭ ފިރިމީހައޭ!"
އަހަރެން އަލުން ސިޓީ ކިއަން ފެށީމެވެ." ބައްޕަ ޖޫލިއާ ވަރިކުރީ ހިތް މަތީ ހިލަގަނޑެއް ބާއްވައިގެންނެވެ. އެއްގޮތަކަށްވެސް ބޭނުން ވެގެނެއް ނޫނެވެ. ބައްޕަ ޖޫލިއާ ވަރިކުރުމުން ބުނި ޖުމްލަތައް އެއީ ބައްޕަ އެންމެ ފަހު ނޭވަޔާ ހަމައަށްވެސް ޖޫލިއާއަށް މާފު ނުކުރާނޭ ޖުމްލަތަކެކެވެ. "ކަލެއަށް އަސްޖައު ހަވާލު! މަނޫޅެން އޭނަ ބޭނުން ވެގެންނެއް މިއަދަކު! އެކަމަކު އޭނަ ފައިސާ ހޯދާ އަމިއްލަ ފައިމައްޗަށް ތެދުވާދުވަހަކުން އޭނަ އަންނާނެ އަހަރެން ގާތަށް! އެދުވަހަކުން ކަލެމެން ތިބޭ އެސޮރު މަ ގާތަށް އަންނަތަން ބަލަން!" އެދުވަހަކީ ދަރިފުޅު ލިބުނުފަހުން ބައްޕަގެ މިދެލޮލުން ކަރުނަ އައި ފުރަތަމަ ފަހަރެވެ.
ދަރިފުޅާއެވެ. އަދި އަދަށް ދާނަދެންވެސް ބައްޕަ ދަރިފުޅުގާތު ކަމަކު ނޭދެމުނޫން ހެއްޔެވެ؟ ނަމަވެސް މިއަދު ބައްޕަ ދަރިފުޅުގާތު ކަމަކު އެދެން ބޭނުމެވެ. މީ މިބައްޕަ ދަރިފުޅުގާތު އެދޭ ފުރަތަމަ އަދި ފަހުއެދުމެވެެ. ދަރިފުޅާ އަސްޖައުއެވެ. ތިޝިކާ އަށް ހެޔޮކޮށް ހިތާށެވެ. ބައްޕައަށް، ތިޝިކާއަށް ދަރިފުޅު ބަލާނޭ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތެވެ. އޭނާ ދަރިފުޅު އަމިއްލަ ދަރިއަކު ފަދައިން ބަލާނެއެވެ. މަޔަކު އަމިއްލަ ދަރިއަކު ދެކެވާހާލޯބި ތިޝިކާ ދަރިފުޅައް ދޭނެއެވެ. ދަރިފުޅު ތިޝިކާގެ ބަސް އަހައިގެން މޮޅައް ކިޔަވާ ޤައުމަށް ފައިދާ ހުރި މީހަކަށް ވާށެވެ."
ސިޓީކިޔާ ނިމުނުއިރު އަހަރެންގެ ކޯތާފަތް ވަނީ ކަރުނުން ތެމިފައެވެ. އަހަރެންނަށް ގިސްލަ ގިސްލާފައި ރޯން ފެށުނެވެ. އަހަރެން މޫނު ފުހެލަންވެގެން މޭޒުމަތިން ޓިޝޫއެއް ނެގިއިރު މޭޒުމަތީއޮތް ރީނދޫކުލައިގެ ކަރުދާސްކޮޅު ލޮލުގައި އަޅައިގަތެވެ. އަހަރެން އެބަލާލީމެވެ. އޭގައިވަނީ ދޮންމަންމަގެ ލިޔުމެވެ. އޭގައި އޮތީ " މަންމަ މިދަނީއެވެ. މަންމަ ދަރިފުޅު އުފަލުގައި އުޅުމަށް އެދެމެވެ. ދެން ދަރިފުޅު އަކަށް މިމަންމަގެ އުނދަގުލެއް ނުވާނެއެވެ. މަންމަ ދަރިފުޅުދެކެ ވަރަށް ލޯބިވެއެވެ. (ދަރިފުޅުދެކެ ނުހަނު ލޯބިވާ ތިޝިކާ) " އަހަރެން ކުރިއަށްވުރެވެސް އެކަނިވީއެވެ. ހިތް ފުނޑުފުނޑު ވިއެވެ.
ހިތްވަރުކޮއްފައި ދޮންމަން ފެނޭތޯ މަގުމައްޗަށް ނުކުމެ، ދެފަރާތް ބަލާލާފައި ވާތްފަރާތަށް ދުއްވައިގަތީމެވެ. އެއީ ޖެޓީއާއި ދިމާއެވެ. އަހަރެންނަން ވިސްނުނުގޮތުގައި ދޮންމަންމަ ދާނީ އެއާރޕޯޓަށެވެ. އެއާޕޯޓައްދާ ފެރީ ނައްޓަލަން އަދި އިރުކޮޅެއް އޮންނާނެއެވެ. އެވަގުތު ގޯޅި އަކުން ނުކުތް ކާރެއް އަހަރެންގެ ގައި ގައި ޖެހި އެކްސިޑެންޓް ވިއެވެ. އެވަގުތު އަހަރެންގެ ހެއަށް ގޮތެއް ވިއެވެ.
ލޯ ހުޅުވުނު އިރު އޮތީ ހޮސްޕިޓަލުގައިއެވެ. ގައިގެ އެތަންމިތާ ރިއްސަމުންދިޔައީ އެޔެއްމިޔެއް ބަލާފައެއްނޫނެވެ. ދެލޯ ހުޅުވުނުއިރު ތަންތަން ސާފެއްނޫނެވެ. ސާފުވުމުން ދެކޮޅު ހޯދާބަލާލިއިރު ކައިރީގައި ދޮންމަންމަ އިނެވެ. އަހަރެންގެ ހިތަށް ވެރިވީ ދުވަހަކުވެސް ނުވާފަދަ އުފާވެރިކަމެކެވެ. ބޭއިޙްތިއާރުގައި ދޮންމަންމަ ގައިގައި އަހަރެންނަށް ބައްދާލެވުނެވެ. އަހަރެންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނިރާލިއެވެ. އަހަރެން ގިސްލަ ގިސްލާފައި ދޮންމަންމަ ކިބައިން މަޢާފަށް އެދުނީމެވެ. ދޮންމަންމަ އަހަންނަށް މަޢާފްދިނެވެ.
އެދުވަހުން ފެށިގެން މިވީ 6 އަހަރުވެސް އަހަރެން މިއުޅެނީ އަހަރެންގެ ދޮންމަންމަ އާއި އެކުއެވެ. މިމަންމަ އަކީ އަހަރެން ދޫކޮށްލާނެ މީހެއް ނޫންކަން މަންމަގެ ހިންހެޔޮކަމާއި ލޯބިން އަހަރެނަށް ޔަގީންވެއްޖެއެވެ. އަހަރެންނަށް މިއަދު ޔަގީން ވެއްޖެ އިތުރު އެއް ކަމެއް އޮވެއެވެ. އެއީ މާދަމާވެސް އެޔަގީންކަމަށް ބަދަލެއް ނާންނާނެ ކަމެކެވެ. އެއީ އަހަރެންގެ ދޮންމަންމައަކީ ޖަވާހިރެއް ކަމެވެ. މަންމަ، އަދި ވާހަކަތަކާއި ފިލްމު ތަކުން ދޮންމަންމަ މެންނާ ބެހޭގޮތުން ދިނީ ނުބައި ނަސޭހަތެއްކަން ޔަޤީން ވެއްޖެއެވެ. ކޮންމެ ދޮންމަންމައެއް ގޯހެއް ނޫވާނޭކަމީ މިއަދު އަހަރެން ޝައްކުކުރާ ކަމެއް ނޫނެވެ. އަހަރެންގެ ދޮންމަންމަ އަކީ ހަމަ ޖަވާހިރެކެވެ. އެންމެ އަގުބޮޑު ޖަވާހިރެވެ.
(ނިމުނީ)