5

އިރުއޮއްސެންދާ ވަގުތު ޖައްވަށް ފާއްދާލާ ރަން ކުލަތަކަށް ދުވަހަކުވެސް ނަޒަރު ހިންގާލިން ހެއްޔެވެ؟ އެއީ ބަލާ ފޫހިނުވާނެފަދަ ކިހާ ހިތްގައިމު މަންޒަރެއް ހެއްޔެވެ؟ އިރުގެ އަލިން ކަނޑަށް އެޅިފައިހުންނަ ދޯދިތަކާއި، އޮއްސެމުންދާ ރަތް ވިލާތަކާއި ރޭގަނޑު އަރާމުކޮށްލާނެ މަންޒިލަކަށް ދަތުރު ކުރަމުންދާ ދޫނިތަކުން ބަލާމީހަކަށް ގެނެސްދޭނީ ކިހާބޮޑު އުފާވެރިކަމެއްހެއްޔެވެ؟ މިހުރިހާ އުފަލަކާއި ހިތްހަމަޖެހުމަކުން މަޙުރޫމުވެގެން އިންނާނީ ކިހާބޮޑު ބަދުނަޞީބުވެރިއެއް ހެއްޔެވެ؟

 

ސައިކަލުގެ އިންޖީނު ނިވާލުމަށްފަހު ނިޔާޒު ހިގައިގަތީ ރަސްފަންނުގައި ބަހައްޓާފައިހުރި އުނދޯއްޔާ ދިމާއަށެވެ. ދުވަސްވަރަކީ މާލޭގައި ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ޙަރަކާތްތަކެއް ހިންގަމުން ގެންދިޔަ ދުވަސްވަރަކަށްވާތީ ވަރަށް ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި އެކުދިންގެ މައިންބަފައިން އެސަރަޙައްދުގައި ކުޅެ ސަކަރާތްޖަހާ މަޖާކުރަމުން ގެންދިޔައެވެ. އެމަޖަލާއި ފޯރީގައި ބައިވެރިވުމެއްނެތީ ހަމައެކަނި ނިޔާޒުއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ނިޔާޒު ގޮސް އުނދޯލީގައި އިށީނދެ މަޑުމަޑު ހެލުމަކުން އުނދޯލި ހެއްލަންފެށިއެވެ. އެ އުނދޯއްޔަކީ ނިޔާޒުއާއި ނިހާގެ ލޯބީގެ ފެށުމެވެ. އަހަރުތަކެއް ކުރިން ނިޔާޒު އޭނާގެ ރައްޓެހިންތަކަކާއި އެކީ އެއުނދޯލި ކައިރިން ހުރަސްކުރި ވަގުތު އައިބާރު ވައިރޯޅިއަކާއިއެކީ ބުރައިގެންދިޔަ ތާސްބައިގެ ކާޑުތައް ނަގައި ނިހާގެއަތަށް ރައްދުކޮށްދިން ވަގުތުކޮޅަކީ ނިޔާޒުއާއި ނިހާގެ ލޯބީގެ ބިންގާ އެޅިގެންދިޔަ ވަގުތެވެ.

ރަސްފަންނަށް އައުމުގެ މަޤުސަދަކީ ހިތްހަމަޖައްސާލުން ކަމުގައިވިޔަސް ނިޔާޒުގެ ހިތަކަށް ހަމަޖެހުމެއް ނެތެވެ. ގެއަށްގޮސް ވަނުމުން ކަންވާނެގޮތް ނިޔާޒަށް ރަނގަޅަށް އެނގޭތީއެވެ.

"ކޮންތާކަށް ގޮސްފައިތަ އަނެއްކާ މިއަދު ތިއައީ؟" ގެއަށް ވަނުމުން ފޫހިރާގަކަށް ނިހާ ސުވާލުކުރިއެވެ. ހަގީގަތަކީ ނިޔާޒާއި ނިހާގެ ޒަމާންވީ ލޯބީގެ ހުޅުކޮޅު ނިވިފައިވާކަމެވެ. ކައިވެނިކޮށްގެން އުޅުނެއްކަމަކު ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް ނެތެވެ. ލޯބިން ވާހަކަދައްކާނުލާއިރު، އެކުގައި އުޅެނީ ވެސް ކައިވެނިކުރެވުނީތީ މަޖުބޫރު ވެގެންނެވެ. ދާންވީ މިސްރާބަކާއި ކައިވެނިން ހާޞިލްކުރަން ބޭނުންވާކަމަކާއި ގުޅޭގޮތުން ދެމީހުންގެ މެދުގައި ދުވަހަކުވެސް މަޝްވަރާކުރެވިފައެއް ނުވެއެވެ. ސުކޫލު ނިމުނުތަނާހެން އެކައިވެނި ކުރެވިގެން ދިޔައީ އެންމެ މަތީފެންވަރުގައި ހަފްލާއެއް ބޭއްވި ނޫސްމަޖައްލާތަކަށްވެސް ސުރުޚީ އަރާހާ ކުލަގަދަކޮށެވެ. ނަމަވެސް، ކައިވެންޏަށްފަހު ނިހާ ބަދަލުވީއެވެ. އެހިސާބުން ނިޔާޒުގެ ހިތްމަރުވީއެވެ. ފޫނެއްފަޔަކަށް ފެންފުރަން އުޅެވޭކަމުގެ އިހުސާސް ކުރެވެން ފެށީއެވެ. ނުހަނު މަސައްކަތްކުރިނަމަވެސް ލޯބި ނުދެވުނީއެވެ. އަދި ކުރިން ނިހާއަށް ހިތުގައި ދެވިފައިއޮތް މަގާމުވެސް ބަދަލުވެ ފޫހިވީއެވެ.

ނިހާގެ ސުވާލަށް މާބޮޑު ސަމާލުކަމެއް ނުދީ، ނިޔާޒުއައިސް އެނދުގައި އޮށޯތެވެ. ޓީވީއިން ދައްކަމުންދިޔަ ޕުރޮގްރާމަށް އެއްވެސް ސަމާލުކަމެއްނުދީ ނިޔާޒު އޭނާގެ ފޯނާއިކުޅެން އޮތެވެ. އެވަގުތު ކުއްލިއަކަށް "އިންސްޓަގްރާމުން" "ނޮޓިފިކޭޝަން"އެއް ނިޔާޒުއަށް އައެވެ. ބަލައިލިއިރު އެއީ މަލަކާގެ "ލައިކް" އެކެވެ. އިސާހިތަކު މަލަކާގެ ޚިޔާލުގެތެރެއަށް ނިޔާޒު ގެނބުނެވެ.

މަލަކާއާއި ނިޔާޒު ދިމާވީ އޮފީހުގެ ދަތުރެއްގައި ލަންކާއަށް ދިޔަފުލައިޓުގައެވެ. ދަތުރުކުރި "މޯލްޑިވިއަން" ފުލައިޓުގެ ކެބިންކުރޫއަކަށް ހުރީ އެންމެ ފުރަތަމަ ބޯޓުން މަރުހަބާކީ މަލަކާއެވެ. އެއީ ދޮން، އިސްކޮޅުންދިގު، ފަންއިސްތަށިގަނޑެއްގެވެރި، ފިރިހެނުންގެ ހިތްތައް ދަމައިގަންނަ އަދި ލޯތަކަށް އަޅައިގަންނަފަދަ ސިފަތަކެއް ލިބިފައިވާ ރީތިކުއްޖެކެވެ. ނިޔާޒުއާއި އެކީ ހަމައެފުލައިޓުން ދަތުރުކުރި ހަލީމްއަށްވެސް މަލަކާ ކަމުގޮސްގެން ނިޔާޒުގާތު ފުލައިޓްތެރޭގައި އެވާހަކަ ދެއްކިއެވެ. ނަމަވެސް، ނިޔާޒުގެ ހިތުގައި އުފެދިފައިހުރި ޝުޢޫރުތައް ހަލީމްއާއި ޙިއްސާ ނުކުރީ ނިޔާޒުއަށް މަލަކާ ކަމުނުދާތީއެއްނޫނެވެ. ނަމަވެސް، ނިޔާޒުއަކީ މީހެއްގެ ފިރިއަކަށް ވީތީއެވެ. މީހުންގެ ދޫތަކުން ނިޔާޒުއޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ދެއްކުމަށް ނޭދޭތީއެވެ.

ނަމަވެސް ދުނިޔޭގެ ލޯތަކަށް ސިއްރުން ނިޔާޒު ދާދި އަވަހަށް މަލަކާގެ ވަނަވަރު ހޯދިއެވެ. އަދި ފޭސްބުކުން މަލަކާ ހޯދައި އިންސްޓަގުރާމުގައިވެސް މަލަކާގެ ބޯކޮޅު ބަލަމުން ހިނގަންފެށިއެވެ.

މާގިނަދުވަހެއްނުވެ ނިޔާޒުގެ ބުރަ މަސައްކަތުން މަލަކާގެ ރައްޓެއްސަކަށް ވެވުނެވެ. ފުރަތަމަ ތަޢާރަފްވީވެސް ފުލައިޓުން ދިމާވި ފަސިންޖަރެއްގެ ގޮތުގައެވެ. މަލަކާ އެރަހުމަތްތެރިކަމުގެ ހުށަހެޅުން ބަލައިގަތީ ހިތުގައި އެއްވެސް ޚާއްސަ މަޤުސަދެއް ނެތިއެވެ. ނަމަވެސް އާދައިގެ ގޮތަކަށް މުޢާމަލާތްކުރަންފެށި ހަފްތާތަކެއްގެ ތެރޭގައި އެބީރައްޓެހިކަން ރަހުމަތްތެރިކަމަކަށް ބަދަލުވިއެވެ. އާންމުންގެ ލޯތަކަށް ސިއްރުންނެވެ. ސަބަބަކީ ނިޔާޒަކީ މީހުންގެ ލޯތަކަށް ވަފާތެރި ފިރިއެއްގެ ގޮތަށް ފެންނަން ބޭނުންވުމެވެ.

ދުވަހަކަށްވުރެ ދުވަހެއް ފާއިތުވަމުން ދިޔައީ ނިޔާޒުއާއި މަލަކާ ގާތް ކުރުވަމުންނެވެ. މަލަކާގެ ވާހަކަތަކުން އެނގުނުގޮތުގައި އޭނާއަކީ ހުސްހަށިބައި ކުއްޖެކެވެ. ކުޑައިރު މަންމައާއި ބައްޕަ ނިޔާވެފައިވާތީ އުޅެ ބޮޑުވީ ބޮޑުދައިތައެއްގެ ބެލުމުގެ ދަށުގައި އެގޭގައެވެ. އެގުޅުން ބަދަހިވަމުންދިޔަ ވަރަކަށް މަލަކާގެ ފަރާތުން އިތުރަށް އެނގުނީ މަލަކާ ހިތްކިޔާމީހަކާއި ވަރަށްފަހުން ފުލައިޓަކުން ދިމާވިކަމާއި އެމީހަކާއި ގުޅުން ބަދަހިކުރަން ފަށާފައިވާކަމެވެ. އަދި އެމީހާވެސް މަލަކާއަށް "ގޮތެއް" ހުންނަކަމަށް އިހުސާސްކުރެވޭކަމެވެ. ރެޔާއި ދުވާލު އެމީހަކާއިއެކު ތާއަބަދު ފޯނުން ވާހަކަދެކެވޭކަމެވެ. ނަންހާމަ ނުކުރާތީ ނިޔާޒު ގަސްދުކުރީ އެމީހެއްގެ ނަން ނުވެސް އަހާށެވެ. ނިޔާޒު ޔަގީންކުރި ގޮތުގައި މަލަކާއަށް ކަމުދިޔަ އެމީހަކީ ޚުދު ނިޔާޒުއެވެ. މަލަކާ ނަންހާމަ ނުކުރިޔަސް ދައްކާ ވާހަކައިން އެއިޝާރާތްކުރަނީ ނިޔާޒުއަށް ކަމަށް އަމިއްލައަށް ގަބޫލުކުރިއެވެ. ނިޔާޒުދުށް ގޮތުގައި އެއީ މައްސަލައެއްނޫނެވެ. މަލަކާއަށް ލޯބިހާމަކުރަން ނުކެރެނީއެވެ. ލަދުގަންނަނީއެވެ. ނިޔާޒަކީ މީހެއްގެ ފިރިއަކަށްވެފައި ލޯބިވާކަން އިސްވެ ހާމަކުރަން މަލަކާ ފަސްޖެހެނީއެވެ. ނިޔާޒަށް އެކަން ވަރަށްކަމުދިޔައެވެ. އެއީ އަންހެންވަންތަކަމުގެ ލަދުރަކި ސިފައެއްކަމަށް ދެކި އެގޮތަށް ގަބޫލުކޮށްލައިގެން ހުރީއެވެ.

މަލަކާގެ ޚިޔާލުތަކުގެ ތެރޭގައި އޮއްވައި ކުއްލިއަކަށް ހޭވެރިކަންވީ ނިޔާޒު ހިފަހައްޓައިގެންއޮތް ފޯނު މޫނުމައްޗަށް ވެއްޓުމުންނެވެ. ރަނގަޅަށް ވިސްނާލިއިރު ނިޔާޒަށް އޮވެވުނީ ފޯނު ހިފަހައްޓައިގެން މަލަކާގެ ޚިޔާލުތަކުގެ ތެރެއަށް ގެނބިފައެވެ. ފުރޮޅިލާފައި ބަލައިލިއިރު ނިހާއޮތީ ޓީވީއަށް ގެއްލިފައެވެ. ފޯނުނަގައި ބަލައިލިއިރު މަލަކާގެ "މިސްޑް ކޯލެއް" އިނެވެ. އެވީ ކިހިނެއްބާއެވެ. މަލަކާ ގުޅީމައިވެސް ނިޔާޒުއަށް ހޭވެރިކަންނުވީ ކީއްވެބާއޭ ހިތަށްއެރިއެވެ. އަވަސް އަވަހަށް ތެދުވެ ކޮޓަރިންބޭރަށް ނުކުތުމަށްފަހު މަލަކާއަށް ގުޅާލިއެވެ.

"އޭއި ގުޅިންތަ؟ މަށަށް ނިދިފައޮތީ ދެންމެ މިފެނުނީ" ނިޔާޒު ވަރަށް ހަމަޖެހިލާފައި ބުންޏެވެ.

"އެންމެ ރަނގަޅޭ. މީހުންގެ ފިރިންނަށްވާނީ ތިވަރު، ޔަޤީނޭ އަނބިގޮއްޔެގާތަށް ވަދެ އޮއްވައިކަން މަށަށް ގުޅުނީ" ޝަކުވާގެ ރާގެއްގައި މަލަކާ އެހެން ބުނިއިރު ނިޔާޒަށް އެއަޑުގައިވާ ނުތަނަވަސްކަން އިހުސާސްވިކަހަލައެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ނިޔާޒުއާއި މަލަކާގެ ގުޅުމަށް ލޯބީގެ ނަން ނުދެވުނުކަމުގައި ވިޔަސް ނިޔާޒުގެ ހިތުގައ އެކަން ސިއްރުކޮށް ވަންހަނާ ކުރެވިގެންނެވެ. ނިޔާޒަށް އިހުސާސް ކުރެވެމުން ދިޔައީ މަލަކާ ނިޔާޒުދެކެ ނުހަނު ލޯބިވާކަމެވެ. ރޭގަނޑުގެ ކެއުމަކަށް ކާން ދަޢުވަތު ދިނުމުންވެސް މަލަކާ އެކަމަށް އިންކާރުކުރިއެވެ. އުޒުރަކަށް ދެއްކީ "ބޮޑުދައިތަ ހިތްހަމަނުޖެހޭނެ" ކަމެވެ. ނިޔާޒު އިތުރު ސުވާލަކާއި ނުލައި ހިތުގެ އަޑިން އެއުޒުރު ގަބޫލުކުރީ މަލަކާއަކީ މީހަކަށް ނުލިބޭނޭފަދަ ރަނގަޅު އަޚުލާގެއްގެ ކުއްޖެއްކަމަށް ގަބޫލުކުރަމުންނެވެ.

އޮފީސް ނިންމާފައި ގެއަށްދިޔަ މަގުމަތީގައި ކޮފީއެއް ބޯލުމަށްޓަކައި ސޮބާއާއިއެކު ނިޔާޒުވަނީ ހެންވޭރުކޮޅުގައިހުރި "ކެންޑީޒް" އަށެވެ. އެތަނަކީ އެރޭނެ މޫދުފެންގަނޑެއްވެސް އޮންނަ ތަނަކަށްވެފައި ކުޑަޖަހާލައިފައި ހުންނަލެއް ހިތްގައިމުކަމުން ނިޔާޒަށް އެތަން ވަރަށް ކަމުދެއެވެ. ސޮބާއަކީ ނިޔާޒުގެ ޒަމާންވީ ގާތް އެކުވެރިއެކެވެ. ނިޔާޒުގެ ވަރަށްގިނަ ސިއްރުތައް ދަންނަ ރައްޓެއްސެކެވެ.

ކޮފީ މޭޒު ދޮށުގައި ޖައްސާލުމަށްފަހު ސޮބާގެ ދުލަށް ހޫނުކަމެއް ގެނެސްދިނީ ގެނައި ކޮފީއަކުން ނޫނެވެ. ނިޔާޒުފެށި ވާހަކައަކުންނެވެ. ނިޔާޒުގެ ހަޔާތައް "މަލަކާ" އެއް އައިސްގެންއުޅޭ ކަމުގެ ޚަބަރު ހިއްސާކުރީ އެމޭޒުދޮށުގައެވެ. ނިޔާޒުއާއި މަލަކާގެ ގުޅުން ފެށިގެންއައިގޮތާއި އެހާތަނަށްކަންވެފައިވާ ގޮތުގެ ވާހަކަ ކިޔައިދިނެވެ.

"އޭތިއީ ގަދަ ފިރިހެނެއް! ތިކަން ކުރަން ވަރަށް ފެނޭ، ކުރިއަށް ގެންދޭ! އަހަރެންގެ އެހީތެރިކަމެއް ބޭނުންވެއްޖެއްޔާ އަންގާލާތި. ބުނިކަމެއް ކޮށްދޭން އަބަދުވެސް ތައްޔާރު" ސޮބާގެ ވާހަކައިން ނިޔާޒަށް ލިބުނީ އިތުރު ހިތްވަރެކެވެ. ނިޔާޒަށް ސޮބާކަމުދަނީ އެހެންވެއެވެ. ނިޔާޒުގެ ކޮންމެ ފިޔަވަޅަކަށް ތަޢުރީފުކޮށް ހިތްވަރުދޭން ސޮބާ އަބަދުވެސް ހުންނާތީއެވެ. ކަމުގެ ރަނގަޅު ނުބައެއް ބެލުމެއްނެތިއެވެ.

އެރޭގެ ވަގުތެކެވެ. ފެންވަރައިގެން ފާޚާނާއިން ނިކުތްތަނައި ނިހާކުރި ސުވާލުން ނިޔާޒަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެނެވެ.

"ނިޔާޒު. އަހަރެމެންގެ ކައިވެންޏަށް މިހާރު ވަރަށް ދުވަސް ވެއްޖެ. ނިޔާޒު ތިއުޅެނީ މަސައްކަތުގަ އަބަދުވެސް ގެއިންބޭރުގަ. އަހަންނަށް މިއިންނަން ޖެހެނީ އެކަނިމާ އެކަނި އަބަދުވެސް ގޭގައި. ހިނގާބަލަ ދަރިއަކު ހޯދަން..."

ކަންފަތަށް އިވުނު އެޖުމްލަތައް ވެގެންދިޔައީ ނިޔާޒު ޚިޔާލުކޮށްފައިވެސް ނެތްހާ އަހަން އުނދަގޫ ބަސްތަކަކަށެވެ. ނިހާގެ މަޤުޞަދު ކިތަންމެހައިވެސް ރަނގަޅަކަށް ނިޔާޒަށް ވިސްނެއެވެ. ނަމަވެސް ނިޔާޒަށް އެކަމަށް އެއްބަސްވާންދަތީއެވެ. ނުވަތަ އެއްބަސްވެވެން ނެތީއެވެ. ދަރިއަކު ބޭނުންނުވާތީއެއް ނޫނެވެ. ހަގީގަތަކަކީ ޚުދު ނިޔާޒަށްވެސް އޭނަގެ މުސްތަޤުބަލް އަންދާޒާ ކުރަން ނޭންގުމެވެ. ތަގުދީރުގައި ލިޔެވިފައިވަނީ ނިހާގެ ނަންކަމެއް ނުވަތަ މަލަކާގެ ނަންކަމެއް ޔަގީން ނުވާތީއެވެ. ނަމަވެސް ނިޔާޒު އެކަން ބަޔާން ކުރާނީ ކިހިނަކުންބާއެވެ. އެވާހަކަ ހާމަކުރެވޭނެ އެއްވެސް ގޮތެއް ނިޔާކަށް ނެތެވެ. ދަރިއަކު ހޯދަން ބޭނުންނުވާ ސަބަބުހާމަނުކޮށް ސިއްރުކުރުން ނޫންގޮތެއް އެވަގުތަކު ނިޔާކަށް ނުވިސްނުނެވެ.

"އާނ. ތިކަމާވެސް އުޅެންވީދޯ. އަހަންނަށްވެސް ވިސްނޭ ނިހާފޫހިވާނެ ވަރު ތިހެންއަބަދު ގޭގަ އިންނަންވީމަ. އެކަމަކު ކީއްކުރާނީ. ދެމީހުންގެ މުސްތަގުބަލް އުޖާލާކުރަން ބޭނުންވާނެ ފައިސާ އެއްކުރަންމިހާ ބުރަކޮށް މަސައްކަތްކުރަނީ. ދަރިއަކު ހޯދުމަކީ މިޒަމާނުގަ ވަރަށްބޮޑު ޚަރަދެއް ހިނގާކަމެކޭ ހުރިހާ ރައްޓެހިންވެސް ބުނާތީވެ އަތްމަތިތަނަވަސްވޭތޯ އިހަށްމި މަސައްކަތްކުރަނީ. އަނެއްކާ މިކޮޓަރިގަނޑުވެސް ކުޑަކޮށްހަދާލައިގެންތާ ކުޑަކުއްޖަކު ގޮވައިގެން އުޅެވޭވަރުވާނީ" ނިޔާޒު ހަމަޖެހިލެވޭތޯ މަސައްކަތްކުރަމުން ދޮގެއް ހަދާލިއެވެ. އަދި ނިޔާޒުވެސް އެކަމާއިވިސްނާ ފިކުރުކުރާކަން ދައްކަން މަސައްކަތްކުރިއެވެ.

"ތިބުނީވެސް ތެދެއް. އެކަމަކުވެސް އެކަމަށް މަސައްކަތް ކުރަން ފަށައިގެންތާ އެނގޭނީ 'ބުޅީގައި މަސްގަންނަނީ' ކިހާދުވަހަކުންކަން. އަހަރެންގެ ރައްޓެހި ނުހާވެސް މިހާރު އެކަމަށް މަސައްކަތް ކުރާތާ ދެ އަހަރުވީއިރުވެސް އަދިވެސް ނަސީބު ލައްވައެއްނުލައޯ. އެހެންވެއޭ މިބުނަނީ ހިނގާށޭ މިހާރުންފެށިގެން އެކަމާއުޅެން. ނަސީބުރަނގަޅިއްޔާ އަވަހަށް ލިބިދާނެތާ." ނިހާގެ ހިތުގައި ފޮރުވިފައިވާ އުދާސްތައް ބޭރުކުރަމުން ބުންޏެވެ.

"ދެންހިނގާ އެހެން ވަގުތަކުން ހަމަޖެހިލައިގެންތިބެ މިވާހަކަ ދައްކަން ރަނގަޅު ޕްލޭންއެއްނެތި އެކަހަލަ ބޮޑެތި ފިޔަވަޅު ނަގާކަށްނުވާނެ" ދައްކަމުންދިޔަ ވާހަކަ ބަދަލުކޮށްލެވޭތޯ ނިޔާޒު މަސައްކަތްކުރިއެވެ.

އަވަސް އަވަސް ކޮށްލާފައި ރީތިވެލައިގެންނުކުމެ ނިޔާޒު މިސްރާބުޖެހީ މަލަކާގެ ގޭގެ ދޮރުމަތިން ބުރެއް ޖަހާލުމަށެވެ. އެމޫނު ނުފެންނަތާ ގިނަ ދުވަސްތަކެއްވެފައިވާތީ ހިތަށް ލިބިފައިވާ ފަޅުކަން ފިލުވައިލުމަށެވެ.

މަލަކާގެ ގޭގެ ދޮރާއި އަރާ ހަމަވިތަނާއި ކަހަލަ ގޮތަކަށް ނިޔާޒަށްއައީ ފޯނުކޯލެކެވެ. ބަލައިލިއިރު އެއީ މަލަކާއެވެ. ނިޔާޒު ހިތައް އެރިއެވެ. އަނެއްކާ މަލަކާއަށް ނިޔާޒުފެނުނީބާއެވެ. ނޫނީ އެއީ ހަމަ އިއްތިފާގެއްބާއެވެ.

"އޭތް ނިޔާޒު ސަޔަކަށް ދައުވަތުދޭންވެގެން މިގުޅީ. މާދަމާރޭ އަށެއްޖަހާއިރަށް މިގެއަށް އަންނަން ބުނަންވެގެން. މިގޭ ކުއްޖަކު މީހަކާ އިންނާތީ ބާއްވާ ކުޑަ ހަފްލާ އަކަށް، އަހަރެންގެ ގާތް އެކުވެރިއެއްގެ ހައިސިއްޔަތުން ދައުވަތު ދޭންވެގެން. އަހަރެންގެ އާއިލާއަށް ނިޔާޒު ތަޢާރަފް ކޮށްދިނުމުގެ ވަގުތު އައިސް ޖެހިފަ މިއޮތީ. ބޮޑުދައިތައަށް މިހާރު ނިޔާޒު އެނގެން ވެއްޖެ" އެއް ނޭވާއަކުން ހުރިހާ ވާހަކައެއް މަލަކާ އަމުނާލިއެވެ.

ނިޔާޒު ހިތްހަމަޖެހުނެވެ. އެދުވަހާއި ހަމައަށް މަލަކާގެ ހިތްފަތަހަ ކުރެވޭތޯ ކުރަމުންދިޔަ މަސައްކަތުގައި ކުލަޖެހި ކާމިޔާބުލިބުމުގެ ކޮޅުމަތި ފެނުނީކަމުގައި ގަބޫލުކުރިއެވެ.

"މައްސަލައެއް ނޯންނާނެ. ފުރަތަމަ ފަހަރަށް ތިގެއަށް ވަންނާނީ މަލަކާގެ ރައްޓެއްސެއްގެ ހައިސިއްޔަތުން ތިބުނާ ކުއްޖާގެ ކައިވެނި ސަޔަށް. ދެވަނަ ފަހަރަށް ވަންނާނީ ތިއާއިލާއަށް އިތުރުވާ މެންބަރެއްގެ ގޮތުގައި މަލަކާގެ ފިރިމީހާގެ ހައިސިއްޔަތުން" މަޖަލަކަށް ހަދާފައި ނިޔާޒުގެ ހިތުގައި އޮތް އުންމީދު ފުރަތަމަ ފަހަރަށް ހާމަކުރިއެވެ.

"އައްދޭ ނިޔާޒު ހާދަ ލާނެއް ވެއްޖެއޭދޯ. މޮޅުވާހަކަ ނުދައްކައި މާދަމާރޭ މިގެއަށް އަންނައްޗޭ އިނގޭ. ވަރަށް ބޭނުން މިގޭ އެންމެނަށް ނިޔާޒު ތައާރަފް ކޮށްދޭން" މަޖާވެލާފައި މަލަކާ ބުންޏެވެ.

ދައުވަތު ލިބުނު ކައިވެނީގެ ހަފްލާއަށް ދާނެކަމުގެ ޔަގީންކަން ދެމުން ނިޔާޒު އެފޯނު ބޭއްވިއެވެ. އަދި ހިތާހިތުން ސުވާލުކުރިއެވެ. ވާން މިއުޅެނީ ކިހިނެއްބާއެވެ. ނިޔާޒުއަށް ދައުވަތު މިލިބުނީ މަލަކާގެ އާއިލާއަށް މަލަކާގެ ލޯބިވެރިޔާގެ ގޮތުގައި ތައާރަފް ކޮށްދޭންބާއެވެ. މަލަކާގެ ބޮޑުދައިތަގެ ރުހުން ނިޔާޒަށް ލިބޭނެބާއެވެ. މީހެއްގެ ފިރިއެއްކަން އެނގުމުން ދެންވާނީ ކިހިނެއްބާއެވެ. އެހުރިހާ ސުވާލަކަށްވުރެއް ބޮޑަށް ހިތްނުތަނަވަސްވީ ލޯބިވާ ވާހަކަ މަލަކާ ހާމަކޮށްފައި ނުވާއިރު ކުއްލިއަކަށް އާއިލާއަށް ތައާރަފް ކޮށްދޭން ބޭނުންވެ މަލަކާ އިސްވެ އެވާހަކަ ބުނުމުންނެވެ.

ޖެހިގެން އައިދުވަހުގެ އިރުއެރީ ނިޔާޒުގެ ހިތްބާރަށް ތަޅުވަމުންނެވެ. އޮފީހަށް ވަދެފައިވެސް އިރުއިރުކޮޅާ ގަޑިއަށް ބަލައިލެވެއެވެ. ރޭގަނޑު އަށެއް ޖެހުމާއި ހަމައަށް ބާކީ އޮތީ ކިތައް ގަޑިއިރުތޯ ހިތުން ގުނާވެސް ލެވެއެވެ. މެންދުރު އަތަށް އަޅާލީމާ ނިހާއަށް ފޯނުކޮށްފައި ރޭގަނޑު އޮތް ޖަލްސާއަކަށް ދާންކަމަށް ހަދާފައި އަތުގައި އޮތް އެންމެ ރީތި ގަމީސް އިސްތިރި ކޮށްލުމަށް އެދުނެވެ.

އިރުއޮއްސިއްޖެއެވެ. ނިކަން ރީތިވެލައިގެން ލޯގަނޑު ކުރިމައްޗަށް އަރައި ނިޔާޒު އަމިއްލަ ނަފްސާއި ސުވާލުކުރިއެވެ. ކުރިން އުޅުނީ ތަގުދީރުގައި ލިޔެވިފައި އޮތް އެއްޗެއް ނޭންގިގެންނެވެ. ނަމަވެސް މިހާރު ހީވަނީ ތަގުދީރުގައި ލިޔެވިފައިވާ އެއްޗެއް ސާފުކޮށް ފެންނަން އުޅޭހެންނެވެ.

ގަޑިން އަށެއްޖެހީ ސައިކަލުގެ އިންޖީނު ނިއްވާލުމަށްފަހު ނިޔާޒުގޮސް މަލަކާގެ ގޭގެ ދޮރާށި ކުރިމަތީގައި މަޑުކޮށްލިތަނާއެވެ. އެއީ ބޮޑު ދިއްގާގަހެއް ލާފައި ރަނގަޅު ފެންވަރަކަށް ހަދާފައިހުރި ގެއެކެވެ. ދޮރާށިން ބޭރަށް ފެންނަންހުރި ދިއްގާގަހުގެ ގޮފިތަކުން ނިވިދިއްލޭ ބޮކީގެ ކުލަތައް ފާޅުވާން ހުއްޓެވެ. ގޭގެ އެތެރޭގައި ޕާޓީއެއް ކުރިއަށްދާކަމުގެ ނިޝާންތައް ފެންނަންހުއްޓެވެ. ގޭގެ ދޮރާށި ހުޅުވާލާފައި ނިޔާޒު ވަނެވެ. ގޭގެ ތެރެ ފުރިފައިވަނީ ހާޒިރުވެތިބި މީހުންނާއި ކެއުމަށް ތައްޔާރުކޮށްފައހުރި ސުފުރާތަކުންނެވެ. ވަށައިގެން އެނބުރި ބަލައިލިއިރުވެސް މަލަކާ ފެންނާކަށް ނެތެވެ. މީހެއްގެ ގާތުގައި މަލަކާ އުޅޭތޯ އަހާލުމުން ފޮޓޯނަގާތަނުގައި ހުރިކަމަށް ބުންޏެވެ. ނިޔާޒު ހީކުރީ ޕާޓީއަށް ހާޒިރުވެތިބި ރައްޓެހިންނާއެކީ މަލަކާ ފޮޓޯއެއް ނަގާލަނީކަމަށެވެ.

ދެތިންފިޔަވަޅެއް ކުރިއަށް ޖެހިލާފައި ފޮޓޯނަގާ ސަރަހައްދަށްގޮސް ނިޔާޒު ހުއްޓުނެވެ. އެއްލި ކަޅިއަކުން ނިޔާޒުގެ ލޯ ގޮސް ހުއްޓުނީ އޭނާގެ ލޯބިވާ މަލަކާއަށެވެ. ނިޔާޒުގެ ހަޔާތު ނިވިފައިވާ ބައްތީގެ ހުޅުކޮޅު ދެވަނަ ފަހަރަށް ރޯކޮށްލަދިން ކަމަނާއަށެވެ. ފެނުނު އެމަންޒަރުގައި ނިޔާޒަށް ކުއްލި ސިހުމެއް ލިބުނީ މަލަކާ ލާފައިހުރި ހެދުމުންނާއި ހުއްޓިހުރި ތަނާއި އަތުގައި ހިފައިގެންހުރި މީހާގެ ސަބަބުންނެވެ.

މަލަކާ ލާފައިހުރީ މަޑު ފިޔާތޮށިކުލައެއްގެ ރީތި ކައިވެނީގެ ހެދުމެކެވެ. ހުއްޓިހުރީ ޕާޓީއަށް ހާޒިރުވާ މީހުންނާ ސަލާންކުރާ ތަނުގައި ކައިވެނި ކުރެވޭ ދެމީހުން ތިބޭ މަޤާމުގައެވެ. ހިފައިގެންހުރީ... ހަލީމްގެ އަތުގައެވެ. މަލަކާއާއި ފުރަތަމަ ދިމާވި ދުވަހު ފުލައިޓުގައި ދަތުރުކުރި ނިޔާޒުގެ އެކުވެރި ހަލީމްއެވެ. ދެމީހުންގެ ލޮލުގައި އެދުވަހު އަޅައިގަތް މަލަކާ އާއި ގުޅޭގޮތުން ފުލައިޓު މަތީގައިވެސް އެންމެ ފުރަތަމަ ޝުޢޫރު ފާޅުކުރި ހަލީމްއެވެ. ނިޔާޒަށް ހުއްޓި ހުރެވުނީއެވެ. ދުލުން ބަސްހުއްޓި ދާނެތަނެއް ނޭންގިފައެވެ. ވެގެންއުޅޭގޮތް ވިސްނެންފެށީ އިރުގަޑަކު އެހެން ހުރުމަށްފަހުގައެވެ.

އާއެކެވެ. ކަންވީ ނިޔާޒު ހީކުރި ގޮތާއި މުޅިން ޚިލާފަށެވެ. އަންގާލުމެއްނެތި މަލަކާ ކައިވެނި ކުރީއެވެ. ގޭގެ ކުއްޖެއްގެ ކައިވެނިސައި ކަމަށްބުނެ ދަޢުވަތުދީ ގެއަށްގެނެސް ހިތުގައި ޖެއްސީއެވެ. ރަހުމަތްތެރިންގެ ނަމުގައި ލޯބިވެރިން އުޅޭ ގޮތަށް ބައެއް ކަންތައްތައް މަލަކާކުރީ ކީއްވެބާއޭ ހިތައްއަރާ އަމިއްލަނަފްސާއި ސުވާލުކުރިއެވެ. އެހާ ގާތްކޮށް އުޅުނު އިރުވެސް ކައިވެނިކުރާ ވާހަކަ އަންގާނުލީ ކީއްވެބާއޭ ހިތައްއެރިއެވެ. މިއީ މަލަކާދިން ކިހާބޮޑު ލަނޑެއްހެއްޔޭވެސް ހިތައް އެރިއެވެ. ނޫނީ ރަހުމަތްތެރިންގެ ނަމުގައި ހިގައިދިޔަ ހުރިހާކަމަކީ ނިޔާޒަށް ހީވި ކުށްހީއެއްބާވައެވެ.

ހިތަށްވެރިވި މާޔޫސްކަންމަތީހުރެ ގެއަށްދާން އެނބުރި ނިޔާޒު ހިގައިގަތެވެ. އެވަގުތަކީ މަލަކާއަށް ނިޔާޒު ފެނިގެން ގޮވާލިވަގުތެވެ. އަދި ކައިރީގައި ހުރި ހަލީމްވެސް ނިޔާޒަށް ހަނާއަޅާލި ވަގުތެވެ. ނަމަވެސް ނިޔާޒުގެ ފަރުވާލެއް ނެތެވެ. އެނބުރި ހިގައިގަތީ އެގެއިން ނުކުންނާށެވެ. ފަހަތައް އެނބުރި ދެވަނަފަހަރަށް މަލަކާގެ މޫނަށް ނުބެލުމުގެ ވަރުގަދަ އަޒުމާއިއެކުގައެވެ. ނިޔާޒު ދެނެއް މަލަކާއަކާ އެއްވެސް ގުޅުމެއް ނުބާއްވާނެއެވެ. ހިތުގައި ޖެއްސީތީއެވެ. ލަނޑުދިނީތީއެވެ. އުންމީދުގެ ހުޅުކޮޅު ރޯކޮށްދީފައި ނިވާލީތީއެވެ. ނިޔާޒު ދެކެމުންއައި ފޮނި ހުވަފެންތަކުގައި ކޮޅުފައިން ޖެހީތީއެވެ.

ނިޔާޒަށް ހަމަހޭވެރިކަންވީ ދެނެވެ. ހިތައް އެރިއެވެ. މިހާރުވެސް އަންބެއް އެބަހުއްޓެވެ. ދާންވީ ގެއަށެވެ. ނިހާއާއިއެކު ރަނގަޅު ދިރިއުޅުމެއް ލިބޭތޯ މަސައްކަތް ކުރަންވީއެވެ. އެއީ ނިޔާޒުގެހުރި ހަލާލު އަބިމީހާކަމުގައި ވީތީއެވެ.

 

 

ކޮމެންޓް 0