12

ފެންނަމުން ދިޔައީ އިރުގެ އަލިން ދަޅައެޅިފައިވާ މާލޭގެ އެކިއެކި އިމާރާތްތަކެވެ. ތޮއްޖެހިފައިވާ މާލޭގެ ހަޤީޤަތެއް ނޭގޭ މީހަކު ފްލައިޓްމަތީގައި އިދެގެން މާލެ ފެންނައިރު މާލެ ސިފަކުރާނީ ހާދަ ހަމަހިމޭން ތަނެއްގެ ގޮތުގައޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެންވެސް ފެންނަންއޮތް ރީތި މަންޒަރުގެ ވަގުތީ ހަމަހިމޭންކަމުން ހިތަށް ހަމަޖެހުން ހޯދަމުން ލޯ މަރައިލީމެވެ. އަހަރެންގެ ލޯބިވާ މާމަ ދުނިޔޭގައި ހުރިނަމަ މިއަދު ވާނީ އަހަރެންގެ ލޯބިވާ މާމައަށް ހާދަހާވާ އުފާވެރި ދުވަހަކަށޭ ހިތަށް އަރުވާފައި ފުންނޭވާއެއް ލެވުނެވެ. މާމަ ނެތުމުގެ ހިތާމައިން ހިތަށް އުދަގޫވިއެވެ. ހިތާހިތުން ބުނެލެވުނެވެ. މާމާއެވެ! މާމަގެ ހުވަފެންތައް އަހަރެން ހަޤީޤަތަކަށް ހަދައިފީމެވެ. ނަމަވެސް އަހަރެންގެ ހަނާ ވީތަނެއް އަހަންނަށް ބުނެދީބަލާށެވެ.

އަހަރެންގެ ލޯބިވާ ހަނާއަކީ ރީތި ކުއްޖެކެވެ. ރީތި ދިގު ކަޅުކުލައިގެ ފަން އިސްތަށިގަނޑާއި އެރީތި ދޮން ހަށިގަނޑު ހިތަށްއަރާ ކޮންމެފަހަރަކު ހިތަށް ވެރިވެގެންދަނީ ބުނަން ނޭގޭ ފަދަ އުފާވެރި އިޙްސާސެކެވެ. އެރީތި ނިޔަނެތި ލޮލުން އަހަންނަށް ބަލާލާ ކޮންމެ ފަހަރަކު އަހަރެންގެ ހިތް ހުއްޓޭކަހަލައެވެ. އެރީތި މަޑު ރަތްކުލައިގެ ތުންފަތް ފެންނަ ކޮންމެ ފަހަރަކު އަހަރެން އެޖާދުވީ މޫނަށް ދަަމައިގަނެއެވެ. ހަނާ! އަހަންނަށް ހަނާގެ ޚިޔާލުތަކާއި އެންމެ ސިކުންތަކަށްވެސް ދުރުނުވެވެއެވެ. ހަނާގެ ހަނދާންތަކާއި ހަނާގެ ފިކުރުތަކުން ސަލާމަތްވާކަށް އަހަރެންގެ ހިތެއް ބޭނުމެއް ނުވެއެވެ. ހަނާ ދެކިލުމަށް އަހަރެންގެ ހިތްއެދޭވަރު، އަހަރެންގެ ލޯ ހަނާ ހަނާދުށުމަށް އެދޭވަރު ހަނާއަށް އިޙްސާސްކުރެވޭނެނަމައެވެ. ހަނާ އަހަރެންދެކެ އުމުރަށްވެސް ލޯބިވާނެކަމަށާއި އަހަރެން ފެންނާނެ ދުވަހަކަށް އަހަންނަށް އުމުރަށް އިންތިޒާރުކުރަން ބުނި ދުވަސް އަހަރެން ހަނދާން ނައްތައެއްނުލަމެވެ. އަދި އަހަރެން ހަނާއަށްވުރެ ބޮޑަށް އިތުބާރުކުރާނީވެސް ކާކަށްހެއްޔެވެ؟ ހަނާ ތިހިރީ ކޮންތާކު ހެއްޔެވެ؟ ހަނާ މިހާރު ކިޔަވާ ނިމުނީ ހެއްޔެވެ؟ ހަނާގެ ސިވާސް މިއައީއެވެ. ކޮންމެވެސް ހޮސްޕިޓަލަކުން ހަނާ ނަރުހެއްގެގޮތުގައި ހެދުންއަޅާފައިހުއްޓާ ފެންނާނެކަމަށް އުންމީދުކުރެވެއެވެ. އަނެއްކާވެސް ފުންނޭވާއެއް ލެވުނެވެ. ހިތްތެޅެނީއެވެ. ހަނާ ހޯދުމަށް ހިތްއެދެނީއެވެ. ޒަމާންތަކަކަށް ޚަބަރެއްނުވެ ކެތްކުރެވިއްޖެ ނޫންހެއްޔެވެ؟ 13 އަހަރު ވެއްޖެ އެވެ. ފްލައިޓް ޖެއްސި އިރުވެސް އަހަންނަށް އިދެވުނީ ހަނާގެ ޚިޔާލްތަކުގެ ތެރޭގައެވެ.

އަހަރެންގެ ހިތް ހަނާއަށް ދެވުނީ ހަނާގެ ކިބައިގައިވާ ރީތިކަމަކަށް ނޫނެވެ. ނަމަވެސް އޭނަގެ ކިބައިގައިވާ ނިޔަނެތި، މައުސޫމު، ލޮބުވެތި ގޮތްތަކެއް އަހަންނަށް ފާހަނގަކުރެވި އެކަންތައްތަކަށް ހިތް ލެބިގެންނެވެ. ހަނާއަކީ މުއްސަނދި އާއިލާއަކަށް އުފަން ކުއްޖެއް ނަމަވެސް ކުޑައިރުއްސުރެން ފެށިގެން އުޅެމުން ދިޔައީ އިންތިހާއަށް އުދަނގޫ ބޮޑު ދޮންމަންމައެއްގެ ކާރީގައެވެ. ހަނާގެ މަންމަ އަކީ ކިތަންމެ ތަނަވަސް މީހެއް ނަމަވެސް އެހިތުގައި ތަނަވަސްކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތް މީހެކެވެ. އެންމެ 4 އަހަރުގައި ހަނާ ބައްޕައާއި ހަވާލުކުރުމަށްފަހު މަންމަ ރާއްޖެއިންބޭރަށް ދިޔަގޮތަށް ޚަބަަރެއްނުވެއެވެ. އެހެންކަމުން ދޮންމަންމަގެ އަނިޔާވެރި ބަސްތަކާއި، ޖެއްސުންތަކުން ކަސްތޮޅު އެޅިފައިވާ ހަނާ، ދޮންމަންމަގެ ކިބައިން ސަލާމަތްކޮށްދީ ގިނަވަގުތު ހަނާއާއި އެކުގައި ހޭދަކުރަމުންދިޔައީ އަހަރެންގެ މާމައެވެ. މާމައަކީ ޚުލްޤު ހެޔޮ، ކުދިން ދެކެ ލޯބިވާ މީހެއްކަމުން މުސްކުޅި ހާލުގައިވެސް އެއްވެސް ބުރައެއް ނެތި އަހަރެން ބަލަން މާމަ އަމިއްލައަށް އެއްބަސްވިއެވެ. އަހަރެންގެ ބައްޕަ މަރުވިފަހުން މަންމަ މަހިބަނދޫ މީހަކާއި އިދެގެން އެރަަަަަަަަަށަށް ބަދަލުވިއިރު މާމަ އަހަރެންނާއި ޙަވާލުވިއެވެ. އޭރު އަހަރެންގެ އުމުރަކީ 11 އަހަރުކަމުން އަހަރެން މާމަ ކައިރީގައި މާމައަށް އެކި މަސައްކަތްތަކުގައި ފަސޭޙަތައް ކޮށްލައިދީގެން އުޅުނީމެވެ. މާމައަކީ ހަނާގެ ގޭގައި ކައްކާ މީހާ ކަމަށްވުމުންނާއި ހަނާ އަހަރެމެންގެ ގޭގައި ގިނަވަގުތު އުޅޭތީ އަހަންނާއި ހަނާ އާއި ދެމެދުގައި އޮތީ ވަރަށް ގާތް އެކުވެރިކަމަކާއި ކުލުނެއް އުފެދިފައެވެ. އަދި ފުރާވަރަށް އަރަމުން ދިޔަ ދިޔަހެން މިގާތްކަން ލޯތްބަށް ބަދަލުވެ އަހަރެމެންގެ ގުޅުން ބަދަހިވިއެވެ. އަހަރެމެން ދެމީހުންވެސް ބޮޑުވަމުން އައީ އަހަރެންގެ މާމަގެ ލޯތްބާއި ކުލުނު މަޔަކަށްވުރެންވެސް ބޮޑަށް ލިބިގެންނޭ ބުނުމަކީ ދޮގަކަށް ވާނެ ހެއްޔެވެ؟ މާމަ އަބަދުވެސް އަހަރެމެން ދެކުދިންނާއިމެދު ފޮނި ހުވަފެންތައް ދެކެއެވެ. އަހަރެންގެ ހަނާ ވާނީ ނަރުހަކަށޭ، އަހަރެންގެ ސިވާސް ވާނީ ޑޮކްޓަރަކަށޭ އަބަދުވެސް މާމަކިޔާ ހަދައެވެ.

ނަމަވެސް ތަޤްދީރު އަހަރެމެންގެ އެއުފާވެރިކަމަށް ހުރަސްއެޅީ ކަންނޭގެއެވެ. ގްރޭޑް 10 ގައި އުޅުނު އަހަރު ދެމީހުން ވަކިވާންޖެހުނީއެވެ. ހަނާގެ ބައްޕަ ވަރަށް ކުއްލި ގޮތަކަށް ނިޔާވުމާއި ގުޅިގެން ދޮންމަންމައާއި އެކު ހަނާ މާލެ ބަދަލުވާންޖެހުނެވެ. ވަރަށް ދެރަވިއެވެ. މާމަވެސް ވަރަށް ހިތާމަކުރިއެވެ. އެހާ މުސްކުޅިއުމުރުގައި ކައިރީގައި އަތްގާތްކޮށްދީ، އެކަނިވެރިކަން ފިލުވައިދޭންހުރި ދަރިއެއްފަދަ ކުއްޖެއް ވަކިވެދިޔުމުން މާމައަށް އެކަން ބޮޑުބައްޔަކަށްވިއެވެ. ބަލި އެދުގައިވެސް މާމަ ހަނާގެ ފިކުރުކޮށް ރޮއި ހަދައެވެ. ކެއުމެއް ބުއިމެއް ނެތި އެކަނިމާއެކަނި މާމ ަބަލިވިފަހުން އަހަރެން އުޅެމުންދިޔައީ ވަރަށް ނިކަމެތި ހާލެއްގައެވެ. ރަށުގައި ތިމާގެ އެހެންމީހަކު ނެތުމުންނާއި، އެކުގައި ބޭރަށް ގޮސްއުޅެވޭކަހަލަ އިތުބާރު ހިފޭ ގާތް ރައްޓެއްސަކު ނެތުމުން އަހަންނަށް ދިރިއުޅުންވީ އުދަގުލަކަށެވެ. އަހަރެއްފަހުން އަހަރެންގެ ލޯބިވާ މާމަވެސް މުސްކުޅިވުމުގެ ސަބަބުން މިދުނިޔެދޫކޮށްފިއެވެ. އަހަރެން އެކަނިވިވަރު އެކަކަށްވެސް ނޭގޭނެއެވެ. ގިސްލާ ރޮވުނެވެ. އެންމެ ބޮޑަށް ހިތަދަތިވީ މާލެ ފުރިފަހުން ހަނާގެ އެއްވެސް ޚަބަރެއް ނުވުމުންނެވެ. ވަރަށް ހިތްވަރުކޮށްފައި އެކަނިމާއެކަނި ހުރިހާކަމެއް ކޮށްގެން މާމަގޭގައި އުޅުނީމެވެ. ގްރޭޑް 10 ނިމިގެން ނަތީޖާ ލިބުނު ދުވަސްވީ އަހަރެން ވަރަށް ދެރަވި ދުވަހަކަށެވެ. އެހާ ހާލުގައި އުޅެމުންވެސް ރަގަޅު ނަތީޖާއަކާއި އެކު އޭލެވެލް ކިޔަވަން ފުރުސަތުލިބުނު ކަމުގައިވިޔަސް، މާލީ ތަނަވަސްކަމެއް ނެތުމުގެ ސަބަބުން ރަށުގައި ބަދެވިފައި ހުންނަން ޖެހުނީއެވެ.

އަހަރެން މަހަށް ދާން ފެށީމެވެ. އަހަރެންދެކެ ލޯބިވާ މާމަ ދެކެފައިވާ ހުވަފެން ހަޤީޤަތަކަށް ހެދުމަށް ބޭނުންވިއެވެ. ބޭނުން ވާ ވަރަށް ފައިސާއެއްކުރުމަށްފަހު 3 އަހަރުފަހުން މާލެ ބަދަލުވީމެވެ. މާލޭގައި ވަޒީފާއަދާކުރުމަށާއި ކިޔެވުމަށް 5 އަހަރު ހޭދަކުރީމެވެ. ނަމަވެސް ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ހަނާއެއް ނުފެނެއެވެ. ހަނާގެ ނަންބަރު ލިބޭތޯވެސް ބެލީމެވެ. އެގޭ އެކަކުވެސް ނެތެވެ. ފޭސްބުކް އައީ.ޑީއެއް އިދޭތޯވެސް ބެލީމެވެ. އެއްވެސް ގޮތަކުން ހަނާގެ ހިލަމެއް ނުވިއެވެ. ރަށު މީހެއްގެ ކައިރިން ޚަބަރުލިބުނީ ހަނާގެ ދޮންމަންމަމެން އުޅެމުން ދިޔައީ މެލޭޝިޔާގައިކަމެވެ. ފަހަރެއްގައި ހަނާ ކިޔަވަނީ ކަމަށްވެދާނޭ ހީކޮށް ހިންހަމަޖައްސައިލީމެވެ. އަދި މާލޭގައި ފަސްއަހަރު ކިޔަވަން ހުރުމަށްފަހު އަނެއްކާ މެލޭޝިއާއަށް ދިޔައީމެވެ. އިތުރަށް ކިޔަވަންޖެހޭ 5 އަހަރު ހަނާ ކައިރީގައި ހުރެގެން ކިޔެވޭނެކަމަށް އުންމީދުކޮށްގެންނެވެ. ނަމަވެސް އަހަރެންގެ ނަސީބެއް ނެތީއޭ ހިތަށް އެރިއެެވެ. މެލޭޝިއާއަށް އައިފަހުން އެގުނީ ހަނާމެން މާލެ ބަދަލުވިތާ ދުވަސްކޮޅެއް ވެއްޖެކަމެވެ. ދެންވެސް ކެތްކުރީމެވެ. އަހަރެންގެ ހަނާ ކޮންމެ ހާލެއްގައިވެސް އަހަންނަށް އިންތިޒާރުކުރާނޭކަން އެގޭތީ އަހަރެން ހިތްހަމަ ޖައްސާލާފައި މެލޭޝިއާގައި 5 އަހަރުވެސް ގުނައިފީމެވެ.

އެއަރޕޯރޓަށް ދިޔަތަނުން މާލޭން ދިމާވި ދެތިން ރައްޓެއްސަކު އަހަރެން ބަލާއައިސް ތިބިތަން ފެނުމުން ހިންހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ހަނާ އަހަންނާއި ބައްދަލުކުރަން މިތަނަށް އައިސް ހުރިނަމަ ހާދަ އުފާވާނޭ ހިތަށް އެރިއެވެ.

މާލޭގައި އަހަރެން ހުރީ ރައްޓެއްސެއްގެ ގޭގައެވެ. އިޝާނަމާދުން މިސްކިތުން ފައިބައިގެން ހެންވޭރުކޮޅުގައި ހުންނަ އެގެއާއި ދިމާލަށް ދިޔުމަށް އެކަނި ހިނގައިގަތީމެވެ. ތަންކޮޅަކަށް ދެވުނުތަނާ މޭމަތީގައި ބާރަކަށްއައިސް އެޖެހުނީ ރޮމުން ދުވެފައި ގެއަކުން ނިކުތް އަންހެން ކުއްޖެކެވެ. އަހަރެން އެކުއްޖާ ވެއްޓުނަ ނުދީ ހިފެހެއްޓީމެވެ. ހިކި ހިކި ކުއްޖެއްކަމުން ވަރަށް ފަސޭހައިން ވެއްޓުނަނުދީ ހިފެހެއްޓުނެވެ. އެކުއްޖާ އަހަންނާދިމާލަށް ބަލާވެސްނުލާ ސޮރީއޭބުނެ ދުރަށް ޖެހިލިއެވެ. އެއަޑުގައި ދަންނަގޮތެއް ހުއްޓެވެ. ފަހަތުން ދުވަމުން ދޮރުގައި އަޅައިގަންނަމުން އައިސް އެގެއިން ނިކުތީ މަސްތުވެފައި ހުރި 50 އާއި ގާތްކުރާ އުމުރުގެ ފިރިހެނެކެވެ. އަތުގައި ވަޅިއެއް އޮތެވެ. އޭނާ އަހަރެން ފެނުމުން ގެއަށް ވަދެއްޖެއެވެ. އޭރު އަހަރެންގެ ނިވަލުގައި ފިލާހުރި އަންހެންކުއްޖާއަށް އަހަންނަށް ބަލައިލެވުނެވެ. ހިތަށް ހީވީ މީހަކު އެއްޗެއް ހަރާލިހެންނެވެ. އެއީ އަހަރެންގެ ހަނާ ނޫން އެހެން މީހެއް ނޫނެވެ. ނަމަވެސް އެފަކީރަށް ވެފައި އެހެރަ ގޮތެކެވެ. ހިކި އަނަރޫފަވެފައެވެ. އެރީރި އިސްތަށިގަނޑު އެހެރީ ކޮށާލާފައެވެ. ޒަމާންތަކެއް ވަންދެން ބަލި އެދުގައި އޮތް މީހެއް ހެންނެވެ. އަހަންނަށް ހުރެވުނު ތަނެއްވެސް ނޭގުނެވެ. މިފެންނަނީ ހުވަފެނެކޭ ހީވިއެވެ. "ހަނާ" އަހަންނަށް މަޑުމަޑުން ގޮވާލެވުނެވެ. އެއަންހެންކުއްޖާ އަހަރެންގެ މޫނަށް ބަލައިލިއެވެ. އަދި ދުވެފައި އައިސް އަހަރެންގެ ގައިގައި ބައްދާލާފައި އަޑުގައި ނެތްކޮޅަށް ރޯންފެށިއެވެ. ހަނާގެ ރުއިމުގެ އަޑު ޖެހުމުން އަހަރެންގެ ހިތް ކުދިކުދިވިއެވެ. ވާއެއްނުވާއެއް ނޭގިފައިހުރެ އަހަރެންނަށް އަގައިން ނުބުނެވުނުތާގައި ބިރުން ތުރުތުރު އަޅަމުންދާ ހަނާ ބައްދާލާފައި ހުރިލެއް ބާރުކަމުން ނޭވާވެސް ލެވެނީކީއެއް ނޫނެވެ.

''ހަނާ... އޭ ކާކު؟'' އަހަރެންގެ ހިތަށް ވެރިވަމުންދިޔަ ސުވާލު އަހަންނަށް ހަނާއާއި ކުރެވޭނެ ނަމައެވެ.

"އަހަރެންގެ ފިރިމީހާ...." ހަނާ ރޮމުން ދިން ޖަވާބު އަހަރެންގެ މުޅި ހަށިގަނޑު ފިނިކޮށްލައިފިއެވެ. އެތަކެއް ދުވަހެއް ވަންދެން އަހަންނަށް ހިތްވަރުދިން ހަނާގެ އުންމީދުތަކާއި، ހުވަފެންތައް، އަހަރެންގެ އުފާވެރިކަން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަހަރެން ދޫކޮށް ހިގައްޖެއެވެ. އަހަންނަށް ހަނާ މަޑުމަޑުން އަހަންނާއި ދުރުކޮށްލެވުނެވެ.

"ކޮން އިރަކުން މީހަކާއިނީ؟" ހައިރާންވެ ލިބުނު ހިތްދަތިކަމުން ބަސްހުއްޓިފައި ހުރެވުމަށްފަހު އަނެއްކާވެސް އަހަންނަށް ކުރެވުނީ ސުވާލެކެވެ.

"10 އަހަރު ވެއްޖެ.... 2 ދަރިންވެސް ތިބޭ" ހަނާ ރޮމުން ބުނެލިއެވެ.

"އެއީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްތަ؟ ހަނާ ކީއްކުރަން އެހާއަވަހަށް މީހަކާ އިނީ؟" އަހަރެން ހަނާއަށް ކުރަމުންދިޔަ އިންތިޒާރު ސިއްރެއްގެ ގޮތުގައި ބާއްވަމުން ރައްޓެއްސެއްގެ ހައިސިއްޔަތުން ހަނާގެ ހާލު އޮޅުން ފިލުވޭތޯ ވަރަށް ހިތްވަރުކޮށްފައި މަސައްކަތްކުރީމެވެ.

"ދޮންމަންމަ އަހަރެން އޭނާއާއި ގަދަކަމުން ދެވީ. އެމީހާއަކީ ދޮންމަންމަގެ ރައްޓެއްސެއް. އަހަރެން ރަށަށް ދާން ވަރަށް މަސައްކަތްކުރިން. ސިވާސްއަށް ގުޅޭތޯވެސް ވަރަށް މަސައްކަތްކުރިން. އެކަން އެގިގެން އެމީހުން އަހަރެން ކޮޓަރިއެއްގައި ބަންދުކޮށްފަ އިނީ. ވަރަށް އަނިޔާކުރި. އެންމެފަހުން އަހަރެންގެ އަބުރެއް އަގެއްނެތް ހަށިގަނޑާއިގެން ސިވާސްއާއި ބައްދަލު ނުކުރުމަށް ނިންމީ." ހަނާ ރޮމުން އޭނާއަށް ދިމާވިގޮތް ކިޔައިދެމުން ދިޔައެވެ. ހަނާ އުޅުނު ވޭނީ ހާލު އަޑުއަހަމުންދިޔައިރު އަހަރެންގެ ހިތް ރޮމުން ގެންދިޔައެވެ. ނަމަވެސް ލޮލަށް ޖަމާވިކަރުނަ ބޭރުނުކޮށް ހިފެހެއްޓީމެވެ. އަދި ހަނާ ގެއަށް ނުވަންނަންޏާ އަހަންނާއި އެކީ ދިޔުމަށް އެދުނީމެވެ. ނަމަވެސް މީހެއްގެ އަންބެއް އަހަރެން ގެންދާނީވެސް ކިހިނެއް ހެއްޔެވެ؟ ހަނާ އަހަންނާއެކީގައި ދާން ދެކޮޅުހެދުމުން އަހަރެން ނަންބަރު ދީފައި ކަމެއްދިމާވެއްޖިއްޔާ ގުޅާށޭ އަހަރެން އުޅެނީ ހެންވޭރުގައޭ ބުނެލީމެވެ. ހަނާ އެހާލަށް ދޫކޮށްލާފައި ދާން ވަރަށް އުދަގޫވިއެވެ. ނަމަވެސް ހިތްވަރުކޮށްފައި ހިނގައިގަތީމެވެ.

"ސިވާސް މީހަކާ އިދެފިންތަ؟" ހަނާ ކޮށްލި އެސުވާލު އަޑުއިވުމުން ހިތް ހުއްޓުނުކަހަލައެވެ.ފަސް އެބުރި ބަލާލީމެވެ. ހަނާގެ ކަރުނައިން ފުރިފައިވާ ލޮލުން އޭނަ އަހަރެންދެކެވާ ލޯބި ކިތަންމެހާވެސް ރީއްޗަށް ހާމަވެއެވެ. ނޫނެެކެވެ. އަހަރެންގެ ހިތުގެ ވެރިޔާ ތިހިރީ އަހަންނާ މާދުރަށް ގޮހޭ ބުނެފާނަމޭ ހިތަށް އެރިއެވެ. "ހޫމ. މިއަހަރު އިނީ" އަހަރެން ގަސްތުގައި ދޮގެއް ހަދައިފީމެވެ. އަހަރެން މީހަކާ ނުއިދެ ހުރި ވާހަކަ ބުނެފިނަމަ ސަބަބު ދަނެގަންނަން ހަނާއަށް އުނދަގޫ ނުވާނެކަން އެގޭތީއެވެ. އަދި ހަނާ އޭނާގެ އަމިއްލަ ނަފްސު ކުއްވެރިކުރާން އަހަރެން ބޭނުންނުވާތީއެވެ. ހަނާ ގަދަކަމުން ހިނިތުންވާން މަސައްކަތްކުރަމުން ބޯޖަހާލާފައި ގޭތެރެއަށް ވަންނަން ހިގަނއިގަތުމުން އަހަރެން ވެސް ގެއާއި ދިމާލަށް ހިނގައިގަތީމެވެ. ޒަޚަމްވެފައިވާ ހިތަކާއިގެންނެވެ.

ކޮޓަރިއަށް ވަނުމަށްފަހު މޮޔައެއްހެން ހަނާއަށް ގޮވަމުން ރޮވުނެވެ. ރުޅި ކޮންޓްރޯލްނުކުރެވި އެކުވެރިޔާގެ ކޮޓަރީގައި ހުރި އަގުބޮޑު ތަކެތި އަހަރެންގެ އަތުން ހަލާކުވިއެވެ.

ނިދުނީ ކިހާ އިރަކު ކަމެއްވެސް ނޭގެއެވެ. ހޭލެވުނީ ފޯން އެލާމް އަޑަށެވެ. ނުދަންނަ ނަންބަރަކުން ދެތިންފަހަރު ގުޅާފައި އޮތެވެ. އެނަމްބަރަށް ގުޅާލީމެވެ. ނަމަވެސް ޖަވާބެއް ނުދެއެވެ. ހަނާ އަށް ވެދާނޭ ހީވިއެވެ. އަދި ހަނާ ގުޅިވަގުތު ފޯން ނުނެގުނީތީ އަމިއްލައަށް ވަރަށް ރުޅި އާދެވުނެވެ. ބޮލުގައި ރިއްސާތީ ބޭސްކައިގެން އައިސް އެދުގައި ޖައްސާލާފައި ފޭސްބުކަށް ވަދެލީމެވެ. "ހެންވޭރު ގެއެއްގެ ތެރޭގައި އަމިއްލައަށް މަރުވެފައި ހުރި އަންހެނަކު މިއަދު ހެނދުނު ފެނިއްޖެ" ޚަބަރު ފެނުމާއިއެކު އަހަރެން ކިޔަންފެށީމެވެ. 'އަމިއްލައަށް ދަންޖެހިގެން މަރުވެފަައި ހުރި މީހާގެ ނަމަކީ އާއިޝަތު ހަނާ' އެތަންކޮޅު ކިޔާލުމާއި އެކު އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. ޓީޝާޓް ނަގައިގެން ބޮލުން ވައްޓަމުން ދުއްވައިގަނެވުނެވެ. އޭރު އެގޭގައި ފުލުހުން ހަރަކާތްތެރިވެއެވެ. ގެއަށް ވަންނަން ހިގައިގަތީމެވެ. ހަނާ ދެކިލުމަށެވެ. ދޮރުމަތީގައި ހުއްޓިލައިގެން ހުރި ކުޑަ އަންހެންކުއްޖެއް ރޮނީއެވެ. އެއީ ހަނާގެ ކުއްޖެއްކަން އަހަންނަށް ޔަޤީންވުމުން އެކުއްޖާ ކައިރިއަށް ޖެހިލާފައި މަންމަ ކޮބާހޭ އެހީމެވެ. "ހޮސްޕިޓަލަށް ގެންގޮސްފި" މިހެންބުނެ އެކުއްޖާގެ އަތުގައި އޮތް ކުޑަކުޑަ ނޯޓް ފޮތެއް އަހަރެންގެ އަތަށް ދިއްކޮށްލިއެވެ. ފޮތްހުޅުވާލުމާއިއެކު ހައިރާންވީވަރުން ވަށައިގެން ހޯދާ ބަލާލެވުނެވެ. އެއީ ހަނާގެ ޑައިރީއެކެވެ. އޭގައި އޭނާއާއި ހަނާގެ ކުޑައިރު ސްކޫލްދައުރުގެ ފޮޓޯއެއް ހުއްޓެވެ. އަހަރެންގެ ދެލޯ ކަރުނުން ފުރުނެވެ. ހަނާގެ ރީތި ލިޔުމުން އަހަންނަށް ލިޔެފައިވާ ކޮންމެ އިބާރާތެއް ކިޔަމުން ދިޔަ ދިޔަހެން އަހަރެންގެ ހިތުގައި ހަނާއަށްޓަކައިވީ ލޯބި އިތުރުވިއެވެ. އެފަކީރު ހާދަ ހާލެއްގައި އުޅެފިއެވެ. އަހަރެން އޭނަ ކައިރިއަށް ނައީ ކީއްވެގެން ހެއްޔެވެ. އަހަރެން އޭނަ މިއަދަވަޅުން ސަލާމަތްކުރަން ނައީ ކީއްވެގެން ހެއްޔެވެ؟ ހަނާގެ ޑައިރީގައި އެކި ދުވަސް މަތިން އަހަންނާއި މުޚާތަބްކޮށް ލިޔެފައިހުރި ސުވާލުތައް ކިޔަމުން ދިޔައިރު އަހަންނަށް ކަރުނަ ނުހިފެހެއްޓުނެވެ.

"އަހަރެން ސިވާސް އަށް އިންތިޒާރު އެބަކުރަމެވެ. ސިވާސް އަށް އެކަން އެގޭ ހެއްޔެވެ؟" މީގެ ހަތަރު އަހަރުކުރިން ހަނާލިޔެފައިވެއެެވެ. ހަނާ އަހަރެންދެކެ ކިހާވަރަކަށް ލޯބިވި ހެއްޔެވެ؟ އަހަރެންގެ ހިތުގެ ލޭނާރުތައް ބުރިބުރިވަމުންދިޔަހެން ހީވިއެވެ. ފޮތުގެ ގަނޑުއުކާލަމުން އެންމެ ފަހަތުގައި އިން ލިޔުންކޮޅު ކިޔާލީމެވެ.

"ލޯބިވާ ސިވާސްއެވެ. ހިތުގައި ރިހުމާއި ތަދު އާވެ އާލާވެއެވެ. ދިރިއުޅުމުގައި ކުރިމަތިވަމުންމިދާ ކަންތައްތަކާ، ތަޤްދީރު އަހަންނަށް މިދައްކާ ކުލަވަރުން ހިތުގެ ލޭނާރުތައް ބުރިބުރި ވަމުންދާ ކަހަލައެވެ. އަހަރެން ވަރަށް ކެތްކޮށްފީމެވެ. އަހަރެެންނަށް ވަރަށް އަސަރުކޮށްފިއެވެ. އަހަރެން ހަޤީޤީ ލޯބިވީ ހަމައެކަނި ސިވާސްދެކެއެވެ. އަހަރެންނަށް މަޢާފްކުރާށެވެ. އަހަރެން ސިވާސްއަށް ބޭވަފާތެރިވީއޭ ނުބުނާށެވެ.

ސިވާސްއަށް ދެން ފެންނާނީ އަހަރެންގެ މަރުވެފައިވާ ޤަބުރު ނޫންކަމެއްވެސް ނޭގެއެވެ. އަހަރެންނަށް މިދުނިޔެއިން އެއްވެސް އުފަލެއް ނެތެވެ. އަހަރެންގެ ދަރިންކޮޅުގެ ހައްޤުގައި އަހަރެން އެތަކެއް ރެޔަކު މަރުވެއްޖައީމެވެ. އަނިޔާވެރިއެއްގެ ޝިކާރައަކަށް ވެފައިވާތީއެވެ. އަހަރެންގެ މަރުގެ ޚަބަރު ލިބުނަސް ދެރަނުވާށެވެ. އަހަރެންގެ ހަށިގަނޑާއި، ހިތާއި ސިކުނޑިއަށް ހަމަހިމޭންކަން ލިބޭން އޮތް ހަމައެކަނި ގޮތަކީ އެއީ ކަންނޭގެއެވެ. އަދި އެންމެ ވުން ގާތް ކަމަކީވެސް އެއީއެވެ. ނަމަވެސް އަހަރެން އަމިއްލައަށް މަރުނުވާނެކަމަށް ސިވާސްދެކެ ވާ ލޯބި ހެކިކޮށް ﷲ ގަންދީ ހުވާކުރަމެވެ. އެންމެ ފަހު ނޭވަޔާ ޖެހެންދެންވެސް ސިވާސް ދެކިލުމަށް އިންތިޒާރުކުރާނަމެވެ.

އަހަރެންގެ ހިތުގައި ސިވާސް އާއި ނުލާ އެންމެ ވިންދެއްވެސް މިފާއިތުވި ތޭރަ އަހަރުގެ ތެރޭގައިނުޖަހައެވެ. އޭނަގެ ކޮންމެ ހިތާމައަކަށް ކޮންމެ ވޭނަކަށް އަހަރެން ރޮމުން ގިސްލަމުންނަމަވެސް ކެތްކުރަމުން ދިޔައީ ސިވާސްގެ އޯގާތެރި ލޯބި އަހަރެންގެ ހިތުގައި ރައްކާކުރެވިފައިވާތީއެވެ. އަހަރެންގެ ލޯބިވާ ސިވާސްއެވެ. އަހަރެން ދެންމެ ވަރަށް ގުޅީމެވެ. ނަމަވެސް ފޯނަށް ޖަވާބެއް ނުލިބުނެވެ. އަހަރެން މިދަނީ ނިދަން ދާށެވެ. މާދަމާ ދިމާވާނެކަމަށް އުންމީދުކުރަމެވެ." ޑައިރީ ކިޔާ ނިމުނު އިރު ހަނާ އަމިއްލައަށް މަރުވީ ނޫންކަމާއި، ހަނާ މަރާލީކަން އަހަންނަށް އެގި ޔަޤީންވިއެވެ. އަހަރެން އެފޮތުގެ ކޮޕީތައް މީޑިއާއާއި ޕޮލިހާ ހަވާލުކުރުމަށްފަހު ހަނާގެ މޫނު ދެކިލުމަށް ދިޔައީމެވެ. އަހަރެންގެ ލޯބިވާ ހަނާއަށް އަނިޔާވެރިވި ހުރިހާ ފަރާތްތަކަށް ހައްޤުއަދަބު ދިނުމަށް އަޒުމް ކަނޑައެޅީމެވެ. ހަނާ އަހަންނާއި ވަކިވެގެން އެދިޔައީ ހާދަ އަވަހަކަށެވެ. ހިތަށް އަރައެވެ. ހަނާ އެބުރި އަންނާނެ ނަމައެވެ. އަނިޔާވެރިޔާގެ ކިބައިން ސަލާމަތްކޮށްގެން އަހަރެން އަހަރެންގެ މިލްކަކަށް ހަނާ ހެދީމުހެވެ. ހަނާއަށް އުމުރުގައިވެސް ނުލިބުނު ކުލުނާއި ލޯބި އަހަރެން ހޯދައިދިނީމުހެވެ. އަހަރެންގެ ހިތް ވިންދު ޖަހަނީ ހަނާއަށްޓަކައެވެ. ހަނާ އާއި ނުލައި އަހަންނަށް ދުނިޔޭގައި އުޅޭކަށް ފަސޭހައެއް ނޫނެވެ.

ކޮމެންޓް 0