އަހަރެންގެ ލޮލުން ކަރުނަ ތިއްކެއް ފުންމައިލުން އެއީ ވަރަށް ނުވާ ކަމެވެ. އަހަރެން ހިތާނު ވެސް ކުރި އެވެ. އެ ދުވަހު ވެސް ނުރޮމެވެ. އަހަންނަކީ ފިރިހެނެކެވެ. އެކަމަކު ފިރިހެނެއްގެ ލޮލުން ކަރުނަ ތިއްކެއް ފުންމައިލުމަކީ ފިރިހެންވަންތަކަން ނެތުމެއް ވެސް ނޫނެވެ. މިއަދު ލޮލުން ކަރުނަ އައިސް އަހަންނަށް ރޮވިއްޖެ އެވެ. މި އޮތް ހުރިހާ ދުވަހު އަންހެން ކުދިންނާ ދުރުގައި އުޅުމުގެ އުނިކަން އަހަރެންގެ ހަޔާތަށް ހިޔަންޏެއް އަޅައިފި އެވެ. އެއިން ނުކެރުމާއި ނުކުޅެދުންތެރިކަމުގެ ވޭން އަހަންނަށް ލިބެމުންދާކަން ވެސް މިހާރު ގަބޫލު ކުރެވެން ފަށައިފި އެވެ.
ހަޔާތުގެ އެއް މަގުސަދަކީ ލޯބިވެރިއެކެވެ. ލޯބިވެރިޔަކު ހޯދާނެ ގޮތް ނޭނގުމުން ދިރިއުޅުމުގެ މަގުސަދާ ދޭތެރޭ ބޭކާރު ސުވާލުކޮށް، ޝަކުވާގެ ކަނޑެއްގެ ތެރެއަށް ފީނުމުގެ ބޭނުމެއް ނެތެވެ. އަހަރެން ވެސް އެ އުންމީދުކުރީމެވެ.
އަހަރެންގެ އުފަން ރަށް، ލ. މުންޑޫ އެއްވެސް މީހަކު އަހަންނާ ދިމާއަކަށް ނުއެއް ބުނެ އެވެ. އެކަމަކު އަހަންނަކީ އަންހެން ކުދިންނަށް ޝައުގު ހުންނަ މީހެއް ނޫން ކަމަށް ދެކޭ ބަޔަކު މުންޑޫގައި އުޅޭކަން އަހަންނަށް މިހާރު އެނގެ އެވެ. އެއީ އެ މީހުންގެ މައްސަލައެއް ނޫނެވެ. އަހަރެންގެ މައްސަލައެކެވެ. އެއީ އަހަރެން ކުރި ކުށެކެވެ.
މިއޮށް ހުރިހާ ދުވަހު އަހަރެން ދުށީ އަހަރެންގެ ހިތަށް ލޯބީގެ ތީރެއް ހެރި ޒަހަމެއް ވެފައިވާކަން ބުނެދޭން ޖެހޭނީ އެ ޒަހަމަށް ފަރުވާއާ ޝިފާ ހޯދައިދެވޭނެ އަހަރެންގެ ލޯބިވެރިޔާ ގާތުގައި ކަމަށެވެ. އެހެން ވިޔަސް މިއަދު އެ ވާހަކަ ބުނެދޭން މި ޖެހެނީ ރަށްމެދަށެވެ. ކަންތައް ދިމާވި ގޮތުންނެވެ. އިވޭ އަޑުތަކުންނެވެ.
އަހަންނަށް ނިސްބަތްކޮށް އަންހެން ކުދިންނަށް ޝައުގުވެރިކަމެއް ނުހުރެއޭ ބުނާ ބަޔަކު ރަށުގައި އުޅުނަސް އަހަންނާ މެދު ގޯސްގޮތަކަށް ވިސްނަންޖެހޭ ވަރުގެ އެއްވެސް ކަމެއް އަހަރެން ކިބައިން ފެނިފައެއް ނޯންނާ އެވެ.
އަހަންނާ ދޭތެރޭ ބައެއް މީހުން ދެކޭ ގޮތް އެނގެން ފެށުމުން އަހަރެންގެ ހިތަށް ވަރަށް ތަދުވެ އެވެ. މިއަދު އަހަރެންގެ ލޮލުގެ ތެރެއިން ކަރުނަ ތިއްކެއް ފުންމާލީ އެތަދު ވަރަށް ބޮޑުވެ އަމިއްލަ ވަޒަނުގައި އަހަރެން ބީރައްޓެއްސަކަށްވާން ފެށުމުންނެވެ. ރަށުގައި އަހަރެމެން ފުރައިން އަހަރެން ނޫނީ މިހާރު ހުއްސަރިބައަށް ހުރި މީހަކު ނެތޭ ކާޅުގޮވާހެން ގޮވަ އެވެ. އެއީ ތެދެކެވެ. އަހަރެން ހުއްސަރިބައެވެ. އެކަމަކު އަހަރެންގެ ހިތް އޮތީ ހުސްކޮށް ނޫންކަން އެނގެނީ ކާކަށް ހެއްޔެވެ؟
އަހަރެންގެ ލޯބިވެރިއަކު އެބަހުއްޓެވެ. ފާފައަކަށް ނުވާނަމަ އަހަރެން އެ ލޯބިވެރިޔާއަށްޓަކައި ސަޖިދަ ކުރާ ވަރަށް ލޯބިވަމެވެ. އެއީ ޒުހުރާ އެވެ.
އަހަރެންގެ ކިބައިގައި ރޫހީ އުފަލާއި ޖަޒުބާރުގެ އޮއިވަރު ހިނގަނީ އެހެން ފަޅިއަކުންނޭ ބައެއް މީހުންނަށް ހީވިއަސް އަހަރެން އެއުފާތައް އިހުސާސްކުރަނީ ފިރިހެނަކު އެ އިހުސާސްކުރާނެ ގޮތަށެވެ.
އަހަރެންގެ ހިތަށް ފުރަތަމަ ރޫހީ އުފާ ސިފަވީ ޒުހުރާގެ އިސްކޮޅުންނެވެ. އެއްރަށެއް ވިޔަސް އަހަންނަށް ޒުހުރާ ފެނުނީ ބޮޑުވެ އެ ރީތިކަން ލިބިފައި ހުއްޓަ އެވެ. އެންމެ ފުރަތަމަ އަހަންނަށް ޒުހުރާ ފެނުނީ ވެސް ފުރަގަހުންނެވެ.
އޭނާގެ އިސްކޮޅު އަހަންނަށްވީ ވަރަށް ހެޔޮވަރު ވަރަކަށެވެ. ދެން ދިޔައީ ކުރިމައްޗަށެވެ. ރަށްވެހިގެއާ ދިމާލު ފާރެއްގައި ލެނގިލައިގެން ހުރެ ޒުހުރާގެ މޫނަށް ބެލުނު ވަރެއް ވެސް ނޭނގެ އެވެ. އޭނާގެ މޫނު ރީއްޗެވެ. ކޮންމެވެސް ވަރަކަށް ކުދިކުދި ލަކުނުތަކެއް ހުއްޓަސް ކުދި ރީތި ދަތްތަކާއި ކޮލުގެ އަޑިކޮޅާއި މިޔަކަނުގެ ހިނދިވަޅާއި ބޮޑު ބޮޑު ދެ ލޮލުން އެ މޫނު އުޖާލާކޮށްދެ އެވެ. ޒުހުރާގެ އުނިކަމެއް ވާ ކަމަކަށް އަހަރެން ހަމަ ކުޑަކޮށް ވެސް ގަބޫލެއް ނުކުރަމެވެ. އެހެންކަމުން އޭނާ ވީ އަހަންނަށް ރީތި ކުއްޖަކަށެވެ. އަހަރެންގެ ހިތުގައި އަންހެން ކުއްޖަކާ މެދު ޝައުގުވެރިކަމުގެ ފުރަތަމަ ރާޅުބާނީ އުފެއްދީ އޭނާ އެވެ. އޭނާ އެއީ ހަމަ އަހަރެންގެ އޭނާ އެވެ.
ޒުހުރާއަކީ ހިސާބަކަށް އަހަންނާ ތިމާގެ ވެސް ކުއްޖެކެވެ. ޒުހުރާ ދުށުމަށް އަހަރެން ކުރާ އެއްވެސް މަސައްކަތަކަށް ހުރަހެއް ވެސް ނޭޅެ އެވެ. އަހަރެން ހިތްފުރެންދެން އޭނާއާ ދިމާއަށް ބަލަމެވެ. ހިތުގައި އޮއިގަނޑެއްވެސް ދެމެ އެވެ. އެކަމަކު އަހަރެން ފެނިފައި ޒުހުރާގެ ހިތަށް ކުރަނީ ކޮން ކަހަލަ އިހުސާސެއް ކަމެއް ނޭނގޭތީ ވަރަށް ދެރަވެ އެވެ.
ބައެއް ދުވަސް ދުވަހު ޒުހުރާ ފެނިފައި ފަސްދީ ދިއުމުން ފުރަގަހުން ވެސް ބަލަން ހުންނަމެވެ. އެ ހަށިގަނޑު ރީތިކަމުންނެވެ. ފުރަގަހުން އަހަންނަށް އެންމެ ގިނައިން ބެލިފައި ހުންނާނީ ޒުހުރާގެ ކުޑަކަޅުވާމަހަށެވެ. ޒުހުރާގެ އެ ވަނާ އަހަންނަށް ވަރަށް ކަމުދިޔަ އެވެ. އެކަމަކު ޒުހުރާގެ ކުރިމައްޗަށް ގޮސް ގާތްގުޅުމެއް އުފައްދައި ހިތުގައިވާ ލޯބީގެ ނުތަނަވަސް އަސަރުތައް ފިލުވައިލާނެ ހިތްވަރެއް ނުލިބެ އެވެ. ނުކެރެނީ އެވެ. އެއީ ކީއްވެގެން ކަމެއް ނޭނގެ އެވެ. އަހަންނަކީ ހިތްވަރުވެސް ގަދަ މީހެކެވެ. އެކަމަކު ފުރަތަމަ ލޯބީގެ އަސަރުތަކުން އަހަރެން ހަމަ މުޅިން ތެންމާލައިފި އެވެ. ފިނިކޮށް ފިނޑިއަކަށް ހަދައިފި އެވެ.
ދުވަހެއް ވިއްޔާ ދުވަހެއް ކަލަންޑަރުން ކެނޑިކެނޑި އޮތެވެ. އަހަރެންގެ ހިތުގައި ޒުހުރާގެ ލޯބި ހައްތާ ވަނީ ބޮޑެވެ. އަހަރެންގެ ހިތް ބިރުގަނެ އެވެ. ވާނެ ގޮތަކާމެދު އެވެ. ތިމާގެކަން އަދާކުރުމުގެ ނަމުގައި އެއް ދުވަހު ޒުހުރާގެ ގެ އަށް ވެސް ވަދެއްޖައިމެވެ. އެ ދުވަހު ވެސް ވީ ވަރަށް ދެރަގޮތެކެވެ. ހަމަ ކުއްލިއަކަށް އަހަރެންގެ ހިތުގައި ބިރެއް އުފެދުނީ އެވެ. ހާސްވާ ގޮތް ވީއެވެ. ދާ ހިއްލައިގަތީ އެވެ.
ޒުހުރާ އެ ދުވަހު އަހަންނާ ދިމާއަށް ވަރަށް ބެލި އެވެ. އެ ދުވަހު ވެސް ކަޅި ދިމާކުރަން ނުކެރުނީ އަހަންނަށެވެ. އެކަމަކު އެއް ފަހަރު ހަމަ ރީއްޗަށް ބަލައިލެވުނެވެ. ލޮލުން ފެނުނު ސާފުކަމާއި، ބިއްލޫރި ވިދުވަރުގެ އަސަރުތަކުގެ ތެރެއަށް އަހަރެންގެ ކަޅި ހުއްޓާލައިގެން އިނދެވޭ ގޮތެއް ނުވި އެވެ. އަހަރެންގެ ލޮލުގައި އެވަރުގެ ހިތްވަރެއް ނެތެވެ. އަހަރެން އަވަހަށް ނުކުތީ އެވެ. ދާން ފެށުމުން ވެސް ބަލައިލި އެވެ. ހިތަށް އެރި އެވެ. އަހަންނަށް ގޮވައިލިނަމަ އެވެ.
އެއް ދުވަހު އަތިރިމަތިން ރަށު އޮފީސް ކައިރިން އަޅާފައި އަހަރެން ދިޔައިއިރު ވައިޖެހޭ ހިސާބުގައި ޒުހުރާ އިނެވެ. ތަންކޮޅެއް ދުރުގައި ބޯޅަ ކުޅެން އުޅުނު ކުދިންތަކެއްގެ ތެރެއަށް ވަދެ އަހަރެން ވެސް ވަރަށް ބާރަށް ހީނހީފައި އުޅުނީމެވެ. އެއް ފަހަރަކު ޒުހުރާ ބަލައިލި އެވެ. އަހަރެންގެ ހިތަށް އެ ވަގުތު އެރީ ޒުހުރާގެ ހިތުގައި އަހަންނަށް ޖާގައެއްވާ ކަމަށެވެ. އެފަދަ ގާތްކަމެއް ވޭހެއްޔެވެ؟ އޭނާގެ ކިބައިން އަހަންނަށް ރޫހީ އުފަލެއް ލިބިދާނެ ހެއްޔެވެ؟
ކޮންމެވެސް ދުވަހަކުން ލަދުގެ ފަރުދާ ކެހޭނެ އެވެ. ކުރިމައްޗަށް ވެސް އެރޭނެ އެވެ. އަތުގައި ވެސް ހިފައިލެވޭނެ އެވެ. މީއީ އަހަރެންގެ ހިތުގައި ކޮންމެ ދުވަހަކު ރާވާ ރޭވުމެކެވެ.
ހިތަށް އަރަ އެވެ. ޒުހުރާ ގާތުގައި އެންމެ ފުރަތަމަ އަހަރެން އަހާނީ ކޮން ސުވާލެއް ހެއްޔެވެ؟ ވާހަކަ ދައްކާނީ ކޮން ކަމަކާ ބެހޭ ގޮތުން ހެއްޔެވެ؟ އަހަންނަށް އޭނާ ރީއްޗެވެ. ވަރަށް ރީއްޗެވެ. އެކަމަކު އަހަރެންގެ ހަޔާތަށް އެ ހަނދު އަރައި ރީތި ނަލަ އައްޔަކު އަލިކުރާނެ ހެއްޔެވެ؟
އަތިރިމަތިން ދާން ޒުހުރާ ހިނގައިގަތެވެ. އަހަރެން ހުރީ ފުރަގަހުން ބަލަހައިޓައިގެނެވެ. ކުޑަކަޅުވާ އަށެވެ. ޒުހުރާ ދިޔައީ ރުއްތަކުގެ ތެރެއިން އެއްގަމަށެވެ. އަހަންނަށް ޒުހުރާ ލިބޭނެ ނަމަ އެވެ.
ރަށު މީހުން ކުރާ ހީތަކާއި ޝައްކުތައް ކުރާނެ ގޮތަކަށް ކުރަންވީ އެވެ.
އަހަރެން ދެކެނީ ހަޔާތަކީ އަމާނާތެއް ކަމަށެވެ. އަހަރެން މިދަނީ ވިސްނަމުންނެވެ. ހަޔާތުގެ އެ އަމާނާތަށް ހިޔާނާތް ނުވެ ވާނެ ގޮތަކަށެވެ. ހަޔާތުގައި އެންމެންނަށް ވެސް ލޯބި ލިބޭނެއޭ ބުނޭ ނޫން ހެއްޔެވެ؟
އެކަމަކު މައްސަލަ އަކީ އަހަންނަށް ލޯތްބެއް ދެކެ ބިރުން އުޅެންޖެހިފައި އޮތުމެވެ. ލޯބި ވާ ވާހަކަ ބުނަން ބިރުގަތުމެވެ. ގުޅުން އުފައްދަން ނުކެރުމެވެ. އަހަރެންގެ ކިބައިގައި ހިތްވަރު ނެތީ ކީއްވެގެން ހެއްޔެވެ؟ އަހަރެން މިހާ ފިނޑީ ކީއްވެގެން ހެއްޔެވެ؟
ހިތު އަޅައިގެން ހުރުން ފިޔަވައި އަހަންނަށް ކުރެވުނު ކަމެއް އަދި ނެތެވެ. ޒުހުރާއާ ދޭތެރޭ ވިސްނުން ފިޔަވައި އެއް ކަމެއް ވެސް ނުކުރެވެ އެވެ.
ތީރެއްހެން އަހަރެންގެ ހިތަށް ހެރި ކަރުބުޑުގައި ލޯބީގެ ލައްޒަތު ލެއްވުމަށް ފަހު ޒުހުރާގެ އެ ރީތި ހިނިތުންވުމާއެކު އެހެން މީހެއްގެ ދިރިއުޅުމުގެ ދާންމަތީގައި އޮށޯއޮތް އިރު ވެސް އަހަންނަށް މިހުރެވެނީ އެވެ. ހަޔާތުގެ ނާކާމިޔާބީއެއްގެ ކުރިމަތީގައި އަހަންނަށް މި އިސްޖެހެނީ އެވެ. ދުނިޔޭގެ ހަގީގަތް ގަބޫލު ނުކުރެވޭތީ އެވެ. އަހަންނަށް ދުނިޔެ ފެނުނީ އެހެން މީހުންނަށް ދުނިޔެ ފެނުނު ގޮތަކަށެއް ނޫނެވެ. ދިރިހުރުމުގެ މަގުސަދާ ދޭތެރޭ އަހަންނަށް ވިސްނިފައި އޮތީ އެހެން މީހުން އެކަމާ ވިސްނަމުން އައި ގޮތަކަށެއް ނޫނެވެ.
އަހަރެން ގަބޫލުކުރާ ދުނިޔެ އަކީ ޒުހުރާ އެވެ. އެ ދުނިޔެ އަށް އަހަރެން އައީ ވެސް އަދި އެ ދުނިޔެ އިން އެނބުރި ދާނީ ވެސް ޒުހުރާއަށްޓަކަ އެވެ.