17

ލޯތްބަކީ އަހަރެން ގަބޫލުކުރާ އެއްޗެއް ނޫން! ދިލްޝާތުގެ އެ ފިރިހެންވަންތަ އަޑު ޖެހުމާއެކު އަހަރެންނަށް އޭނާގެ މޫނަށް ބަލައިލެވުނެވެ. އަދި ހިތް ކުދި ކުދި ވީ ކަހަލައެވެ. އެއީ ހަޔާތުގައި ފުރަތަމަ ފަހަރަށް އަހަރެން ލޯބިވީ ހަމައެކެނި ފިރިހެނާއެވެ. އަދި އެލޯބި ނާކާމިޔާބު ވުމުގެ އިހްސާސްތަކެއް ކުރެވެމުން ދިޔަކަހަލައެވެ. ނަމަވެސް އަހަރެންނަކީ ހިތް ބަލި މީހެއް ނޫނެވެ. ހަޔާތުގައި ކިތަންމެ ނާކާމިޔާބީއަކާ ކުރިމަތި ލާންޖެހުނު ކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނަމެވެ. ނަމަވެސް ދިލްޝާތުގެ އެނުރުހުމުގެ ބަސްތަށް އަޑުއިވުމުން ދެރަވިއެވެ. ކަރުނައިގެ ތިކިތަކުން ދެކޯތާފަތް ފޯވެގެން ދިޔައެވެ. ހަމަ އެވަގުތު މޫނުމައްޗަށް ފެން ކޯރެއް އޮހިގެން ދިޔަ ކަހަލައެވެ. އާއެނކެވެ. ހަގީގަތުގައިވެސް މުޅި މީހާ ތެމި ފޯވެއްޖެއެވެ. އެވަގުތު ސިއްސައިގެން ދިޔަ ކަހަލައެވެ. ހަމަހޭވެރި ދުނިޔެއަށް އަހަރެން އައީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އާޝީގެ ސަބަބުންނެވެ. އާއެނކެވެ. އެއީ ހިތްދަތި ހުވަފެނެކެވެ. ނަމަވެސް އުފާވިއެވެ. އެއީ ހުވަފެނަކަށް ވުމުންނެވެ. އެވަގުތު ދިލްޝާތުގެ ޚިޔާލުތައް ބޯމަތީގައި އެނބުރެމުން ދިޔައެވެ.

ދިލްޝާތަކީ އަހަރެން ދިރިހުރުމުގެ މަގްޞަދެވެ. އެއީ މީގެ ތިން އަހަރު ކުރިއެވެ. އަހަރެން ކިޔަވައިގެން ޑިގްރީ ޙާޞިލް ކޮށްގެން ވަކީލެއްގެ ގޮތުގައި ނިކުންނަ ދުވަހަކީ އަހަރެންގެ މަންމަ އަބަދުވެސް އެންމެ ދެކޭހިތްވާ ދުވަހެވެ. މަންމަގެ އެ ހުވަފެން ހަޤީޤަތަކަށް ހެދުމުގެ އަޒުމާއެކު އަހަރެން ކިޔަވަން ދިޔައީ ސްރީލަންކާއަށެވެ. މަންމަ ނެތް ދުނިޔޭގައިވެސް މަންމަގެ އެ ހުވަފެން ހަޤީޤަތަކަށް ހެދުމަކީ އަހަރެންގެ އެންމެ ބޮޑު ހުވަފެންކަމުގައި ދެކިގެންނެވެ. 2010 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގައި އަހަރެންގެ ކިޔެވުން ފެށިގެން ދިޔައެވެ. އަހަރެން ހުރީ އަހަރެންގެ ރައްޓެހި ދެ ކުދިންނާއެކު އެޕާޓްމަންޓެއް ހިފައިގެންނެވެ. މުޅިން އާ ޤައުމެކެވެ. އާމީހުންނެވެ. އާ ބަހުރުވައެކެވެ. އުނދަގޫވިއެވެ. ނަމަވެސް ހޭނިއްޖެއެވެ. ރައްޓެހިން ގިނަވެއްޖެއެވެ. އަހަރު ނިމުމާއެކީ އެންމެންވެސް ތެޅިގަތީ ކުލަ ގަދަ ގޮތެއްގައި އާ އަހަރަށް މަރުޙަބާ ކިޔުމަށެވެ. އަހަރެންނާއި އަހަރެންގެ ރައްޓެހިންވެސް ގޭތެރެ ޒީނަތްތެރިކޮށް ތަފާތު ކެއުންތައް ތައްޔާރުކުރުމަށްފަހު އެންމެ ގާތް ރައްޓެހިންނަށް ދައުވަތު އެރުވީމެވެ. އާ އަހަރުގެ މުނާސަބަތުގައި އަހަރެންވެސް ތަފާތު ގޮތަކަށް ހެދުން އެޅުމުގެ ނިޔަތުގައި ސަލްވާރް ނަމަކަށް ކިޔާ ވައްތަރެއްގެ ހެދުމެއް ހޯދީމެވެ. އެއީ ވަރަށްވެސް ޝާހީ ހެދުމެކެވެ. ގަދަ ނޫކުލައިގެ މަހުމަލް ފޮތީގައި އެކިވައްތަރުގެ ޖަވާހިރުން ޒީނަތްތެރި ކޮށްފައިވާ އެހެދުމުގެ ފުރިހަމަކަން އެނގޭނީ އެލައިގެން ހުންނައިރު އެހެންމީހުންނަށެވެ. ދައުވަތު ދިން ހުރިހާ ރައްޓެހިން އަތުވެއްޖެއެވެ. އޭގެތެރޭގައި ރައްޓެހިންގެ ރައްޓެހިންވެސް ހިމެނެއެވެ. މާޙައުލު ވަރަށްވެސް ހިތްގައިމެވެ. މަޑު މަޑު މިއުޒިކާއެކު އެންމެންވެސް ދިޔައީ އާ އަހަރަށް މަރުޙަބާ ކިޔުމަށް އިންތިޒާރުކުރަމުންނެވެ. ގަޑީގެ ވަގުތު ދިޔައީ ހިނގަމުން ނެވެ. ބާރަ ޖަހަން އެއް މިނެޓަށް ވެފައި ހުއްޓައި މުޅި ޞަރަޙައްދުން ކަރަންޓު ކަނޑައިގެން ދިޔައެވެ. ގޭތެރޭގައި ހަޅޭލެވުމުގެ އަޑު ގަދަވެގެން ދިޔައެވެ. އެއްވެސް އަލިކަމެއް ނެތެވެ.

އެވަގުތު މީހެއްގެ އަތުގައި އަހަންނަށް ހިފުނެވެ. ހިތް ތެޅެން ފެށިއެވެ. ދެމީހުންނަށްވެސް އެއްފަހަރާ އަތަށް ބާރުކޮށްލެވުނެވެ. ގައިން ހީބިހި ނަގައިގެން ދިޔަ ކަހަލައެވެ. ފިނިވިއެވެ. ހަމަ އެވަގުތު ހަވާއެރުވުމުގެ އަޑުފަށް ގަދަވެގެން ދިޔައެވެ. އަޑު އިވުނުލެއް ބާރުކަމުން ލޯމަރާލުމަށްފަހު ކުރިއަށް ޖެހިލެވުނެވެ. ކުއްލިއަކަށް ޖައްވުގައި އެކި ކުލަ ކުލައިގެ އަލި ފެތުރިގެން ދިޔައެވެ. އެވަގުތު މައްޗަށް ބަލާލެވުނެވެ. ފައި ގަނޑުވިއެވެ. ކުރިމަތިން ފެނުނު އަޖައިބެއްގެ ބޮޑުކަމުންނެވެ. ދުނިޔޭގައި ރީތި ފިރިހެނުން އުޅޭ އަޑު އެހީމެއެވެ. ނަމަވެސް ހަމަ ލޮލަށް ފެނުނީ އަދި ކިރިޔާހެން ހީވިކަހަލައެވެ. މަޑު މަޑު ހިނިތުންވުމަކާއެކު އަހަރެންނަށް ބަލަހައްޓައިގެން ހުރި އެފިރެހެނާގެ މޫނުމައްޗަށް އެކި ކުލަތައް ފާޅުވެގެން ދެއެވެ. ހިތައް އެރިއެވެ. އެހިނދުކޮޅު ހުއްޓޭނެ ނަމައެވެ. ކަރަންޓު އަނބުރާ ނާންނާނެ ނަމައެވެ. އެހިނދު އޭނާގެ ޖާދުވީ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ.

" ހެޕީ ނިއު އިޔަރ "!! އެއަޑު އިވުމާއެކު އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެހިނދު އޭނާ އެބަސް ތަކުރާރުކޮށްލިއެވެ. އަދި ކަރަންޓު އަނބުރާ ލިބިއްޖެއެވެ. މުޅި ތަން އަލިވެގެން ދިޔައެވެ. ހަމައެއާއެކު އޭނާގެ އަތުން އަހަރެންގެ އަތް ދޫވެގެން ދިޔައެވެ. އަދި އޭނާގެ މޫނަށް ބަލައިލެވުނެވެ. އަދި އާ އަހަރުގެ ތަހުނިޔާ އިން އޭނާއަށްވެސް މަރުޙަބާ ކީމެވެ. އިތުރު ވާހަކައެއް ނުދެއްކެނީސް އަހަރެންގެ ރައްޓެހިންތައް އައިސް އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. އާ އަހަރުގެ ތަހުނިޔާތައް ކިޔަމުންނެވެ. ރުޅިގަދަވެސް ވިއެވެ. އެ ވަގުތުކޮޅަށް ހުރަސް އެޅުމުންނެވެ. އެންމެންވެސް ދިޔައީ ކެއުމުގެ މަޖާ ނަގަމުންނެވެ. އަހަރެން ބޭނުންވީ އެކަހެރި ވެލުމަށެވެ. ކުރިޔަށް އޮތް އާއަހަރުގައި ކުރާނެ ކަމަކާ މެދު ވިސްނާލުމަށެވެ. ގޭގެ މަތީ ފުރާޅު މައްޗައް އެރުމަށް ހަރުގަނޑެއް ހުރެއެވެ. އެއީ ފުރާޅު ސާފުކުރުމަށް އެތަނަށް އެރުމަށް ފަސޭހައަކަށް ބަހައްޓާފައި ހުންނަ ހަރުގަނޑެކެވެ. ނަމަވެސް އެއީ އަހަރެންގެ "ސީކްރެޓް ސްޕޮޓެވެ".

ތައްޓައް ކޮފީ އަޅައިގެން އަހަރެން ހިނގައިގަތީ އެދިމާލަށެވެ. އެވަގުތު ފަހަތުން އަޑެއް އިވުނެވެ. "އެސްކިއުޒް މީ".!! އަހަރެން ހުއްޓުން އެރިއެވެ. އަދި އަވަހަށް އެނބުރި ބަލައިލީމެވެ. އާއެނކެވެ. އެއީ އެ ރީތި ފިރިހެނާއެވެ. އޭނާ އެއަންނަނީ އަހަރެންނާ ދިމާލަށެވެ. ހަދާނެ ގޮތް ހުސްވިއެވެ. އަނެއްކާވެސް އަތާއި ފައި ފިނިވި ކަހަލައެވެ. އެހެންނަމަވެސް ހިތުގައި އަޒުމު ކަނޑައެޅީމެވެ. މިފަހަރު ކެރިގެން ކުރިމަތި ލާނީއެވެ. ނަފްސުގެ ނުތަނަވަސްކަމާ ދެކޮޅަށެވެ. އޭނާ އަހަރެން ގާތަށް އައިސް ވާހަކަ ދެއްކިއެވެ. "އަޅުގަނޑަށް ކިޔަނީ ދިލްޝާތު". އަހަރެން އަހަރެންގެ ނަންވެސް ބުނީމެވެ. އެކަކު އަނެކަކާ ތަޢާރަފްވަމުން އެރޭގެ ތެރެއިން ވާހަކަ ބަދަލުކުރެވި ނަންބަރު ބަދަލު ކުރެވުނެވެ. ހަފްތާއެއް ފާއިތުވެގެން ގޮއްސިއެވެ. އަހަރެންގެ ހިތުގައި ލޯބީގެ ކެކުޅުންތަކެއް އުފެދެން ފެށިއެވެ. އަދި ހަމަ ދިލްޝާތުގެ ހިތުގައިވެސް އެ އިޙްސާސްތައް ދައުރުވެ އަހަރެންމެންގެ ގުޅުން ލޯބީގެ މާތް ގުޅުމަކަށް ބަލަދުވެގެންދިޔައެވެ. އެކަކު އަނެކަކާ ނުލާ ދިރިނޫޅެވޭ ވަރަށް ލޯބި ވެވިއްޖެއެވެ.

ދިލްޝާތު އަކީ ސްރީލަންކާގެ ޓެމިލް އާއިލާއަކަށް ނިސްބަތްވާ މުސްލިމެކެވެ. އޭނާ އަކީ އެ އާއިލާގެ އެންމެ ހަގު ފިރިހެން ކުއްޖާއެވެ. އޭނާގެ މަންމަ އޭނާ ދެކެ ވަރަށް ލޯބިވެއެވެ. ގެއަށް ނައިސް އެއްމިނެޓު ލަސްވިއަސް އެވަރަށް ގުޅައެވެ. ހިތާމަޔަކީ އެ އެއްވެސް ނޫނެވެ. އޭނާގެ މަންމަ ދިވެހިންދެކެ ފޫހިވާ ވާހަކަ ދިލްޝާތު އަހަރެން ގާތު ބުންޏެވެ. އޭނާގެ މަންމަ އަހަރެންމެންގެ ލޯބީގެ މި ގުޅުމަށް އެއްގޮތަކަށްވެސް ނުރުހޭނެއެވެ. އެހެންނަމަވެސް އޭނާ އަހަރެން ދޫކޮށް ނުލާނެކަމުގެ ވަޢުދުވިއެވެ. ޙަޔާތުގެ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އަހަރެންގެ މީހެއްގެ ގޮތުގައި ހުންނާނެކަމަށް ވަޢުދުވިއެވެ. ނަމަވެސް އޭނާގެ މަންމަގެ ރުހުމާ ނުލައި ކައިވެނި ކުރާކަށް އަހަރެން ޤަބޫލެއް ނޫނެވެ. އެއީ އަހަރެންވެސް މަންމައެއް ބޭނުންވާތީއެވެ. އަހަރެންގެ މަންމަ އަހަރެންނާ ވަކިވެގެން ދިޔައީ އަހަރެންގެ އުމުރުން 23 އަހަރުގައެވެ. މަންމަގެ ލޯތްބަކީ އުމުރު ނިމެންދެން ކޮންމެ ދަރިއަކުވެސް ބޭނުންވާނެ އެއްޗެކެވެ. އޭނާގެ މަންމައަށް އަޅުގަނޑާ ދިލްޝާތުގެ ގުޅުން ކޮންމެވެސް ވަރަކަށް އެނގެއެވެ. އެހެންކަމުން މަންމަ އަހަރެން ދެކެ އިންތިހާއަށް ނަފްރަތު ކުރެއެވެ. އަހަރެންގެ ބަލިފަޔަކީ އެއީއެވެ. މަންމަގެ ރުހުން ހޯދުމަށް މަސައްކަތް ކުރެވޭނީވެސް އެކަމަށް ފުރުޞަތެއްވެސް ލިބިގެންނެވެ. ހިތްވަރު ދެރަވެއެވެ. އަޒުމު ބަލިކަށިވެއެވެ. ނަމަވެސް އަހަރެންގެ އަތުގައި ހިފުމަށް އަބަދުވެސް ދިލްޝާތު ހުރެއެވެ. އޭނާ ހިތްވަރު ދެއެވެ. ދުޢާ ކުރުމަށް އެދެއެވެ. ހުރިހާ ކަމެއްވެސް އޭގެ ވަގުތު އައިސް ޖެހުމުން ރަނގަޅުވާނެކަމަށް ބުނެއެވެ. ދުވަސްތައް ފާއިތުވެގެން ދިޔައެވެ. އަހަރެންގެ ކިޔެވުން ނިމުމަކާ ހަމައަށް އައެވެ. އެނބުރި ޤައުމަށް ދާ ވަގުތު ޖެހުނެވެ. އެންމެ ފަހު އިމްތިޙާނު ހެދުމަށްފަހު ގެއަށް އައި ދުވަހެވެ. ނަމަވެސް އުފަލެއް ނުވެއެވެ. އެނބުރި ދާހިތެއް ނުވެއެވެ. ދިލްޝާތްއާ ވަކިވާން ޖެހުމުންނެވެ. ވިސްނުމުގެ ތެރެއަށް ގެއްލިފައި އޮތް ވަގުތެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަދެގެން އައީ ދިލްޝާތެވެ. އަޅުގަނޑަށް ފުއްމައިގެން ތެދުވެ އޭނާގެ ގައިގައި އޮޅުލައިގަނެވުނެވެ. ދުވަހަކުވެސް ދޫނުކުރާނަމޭ ހިތާއެވެ. އެވަގުތު އޭނާ އަހަރެންގެ ބުރަކަށީގައި ފިރުމާލައިފައި އަހަރެންނަށް ބަލައިލިއެވެ. އެއަށްފަހު ކުއްލިއަކަށް ރޮއިގަތެވެ. ހިތް ފަޅައިގެން ދިޔަކަހަލައެވެ. އެއީ އޭނާގެ ކިބައިން އަހަރެންނަށް ދުވަހަކުވެސް ފެނުނު މަންޒަރެއް ނޫނެވެ. ވީގޮތެއް އޮޅުން ފިލުވުމަށް އަހަރެން ތެޅިގަތީމެވެ. އޭނާ ރުއިން ހުއްޓާލުމަށްފަހު ވާހަކަ ދެއްކިއެވެ.

ދިލްޝާތުގެ އާއިލާ ކެނަޑާ އަށް ޙިޖުރަކުރަނީއެވެ. އެނާއާއި އޭނާގެ އާއިލާގެ އެންމެންގެ ވިސާ ހަމަޖެހިއްޖެ ކަމަށާއި ދެހަފްތާ ތެރޭގައި ފުރަންޖެހޭ ވާހަކައެވެ. އަހަރެން ހުރިތަނަނަށް ގަނޑުވި ކަހަލައެވެ. ރިހޭ ފައިމައްޗަށް ފޮއި ވެއްޓިގެން ދިޔަ ކަހަލައެވެ. މިފަދަ ހިތްދަތިކަމެއް ދުނިޔޭގެ އެއްވެސް އިންސާނަކަށް އެއްފަހަރާ ކުރިމަތިލާން ނުޖެހޭނެ ނަމައޭ ހިތައް އެރިއެވެ. ނަމަވެސް ދިލްޝާތު އިތުބާރާއެކީ ބުންޏެވެ.

" އަހަރެން ކަލާ ގެންދާނަމެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެފައިވެސް އަންނާނެކަމެވެ." އަދި އަހަރެންމެންގެ ލޯތްބަކީ ދެތަނެއްގައި އުޅެން ޖެހުމުން ފަނޑުވާނެ އެއްޗެއް ނޫންކަމަށް ބުނެއެވެ. އެކަން އަހަރެންވެސް ޤަބޫލު ކުރީމެވެ. އޭނާގެ ކުރިއެރުމާ މެދު ވިސްނުމަށް ފަހުގައެވެ. އަދި ބާއްޖަވެރި ދިރުއުޅުމެއް ފެއްޓުމަށް އެޅޭ ފުރަތަމަ ފިޔަވަޅުކަމަށް ދެކިގެންނެވެ. ކިތަންމެ ދުރުގައި ހުއްޓަސް އެކަކު އަނެކަކުގެ އަޑު ނާހާ އެންމެ ދުވަހެއްވެސް ފާއިތު ވެގެން ނުދާނެކަމަށް ދެމީހުންވެސް ވަޢުދު ވީމެވެ. ލިބުނު ހަމައެކަނި އުފަލަކީ ދެމީހުންވެސް އެއްދުވަހަކު ފުރަން އޮތުމުންނެވެ. ދެ ޤައުމަށް ނަމަވެސް ހެޔޮތާއެވެ. އެންމެ ފަހު ވަގުތުގައިވެސް އެކީގައި ތިބެވޭނެއެވެ.

އޮގަސްޓް މަހުގެ ވިހި ވަނަ ދުވަހެވެ. އެއާޕޯޓްގެ ހަލަބޮލި މާހައުލުން ދިލްޝާތުގެ އިންތިޒާރުގައި އަހަރެން ހުރީމެވެ. އެވަގުތު ފަހަތުން އޭނާ އައިސް އަހަރެންގެ ކޮނޑުގައި ހިފިއެވެ. ލޮލުގައި ފޮރުވިފައިވާ ކަރުނަތައް އޮހުރުވާލަން ބޭނުންވިއެވެ. ނަމަވެސް އެންމެ ކަރުނަ ތިއްކެއްގެ މިންވަރުވެސް ފޭބިޔަނުދޭނެކަމަށް އޭނާ ގާތު އަހަރެން ވަޢުދު ވީމެވެ. އެވަގުތު އެތަނަށް އޭނާގެ މަންމަ އައެވެ. އަހަރެންނަށް ހުއްޓުން އެރިއެވެ. ބިރުގަތެވެ. ނަމަވެސް ސަލާމް ގޮވީމެވެ. މަންމަ ހިނުތުންވެލުމަށްފަހު ސަލާމް ބަލައިގަތެވެ. އިޙްސާސް ކުރަން ދަތިވި ކަހަލަ ގޮތެއް ވިއެވެ. އަހަރެން ދެކެ އެހާ ނަފްރަތު ކުރަމުން އައި އޭނާގެ މަންމަގެ މޫނުމަތިން ފެނުނު އުފާވެރިކަމުގެ ކުލަވަރުތައް ފެނުމުންނެވެ. އޭގެ ފުރަގަހުގައި ފޮރުވިފައިވާނީ ކޮން ފަދަ ކަމެއްބާވައޭ ހިތަށް އެރިއެވެ. ދިލްޝާތުއާ އަހަރެން ވަކިވާތީ އެކަމުގެ އުފާ ފާޅުކުރަނީ ހެއްޔެވެ. ނޫނީ އަހަރެންނާ މެދު އޮތް ނަފްރަތުކަން ފިލުވާލައި އަހަރެންނާ ރުހުނީ ހެއްޔެވެ. އެތަކެއް ސުވާލުތަކެއް ހިތުގައި އުފެދެމުން ދިޔައެވެ. ނަމަވެސް ޖަވާބު ހޯދޭ ކަހަލަ ވަގުތަކަށް ނުވިއެވެ. އަހަރެން ފުރާ ގަޑި ޖެހުނެވެ. އެންމެ ފަހުގެ އަލް ވަދާޢުގެ ސަލާމް ކުރުމަށްފަހު ދިލްޝާތުގެ މޫނަށް ބަލައިލެވުނެވެ. އޭނާގެ އިޙްސާސްތައް ދަނެގަނެވުނެވެ. އޮޅުލައިގަންނަން ބޭނުންވާކަން އެނގެއެވެ. ނަމަވެސް ހިނިތުން ވެލުމަށްފަހު އަހަރެން ދިޔައީމެވެ.

ގެއަށް އާދެވުނީ 3 ގަޑި އިރު ފަހުންނެވެ. އެނބުރި އެމީހެއްގެ ޤައުމަށް އާދެވުމަކީ ކޮންމެ މީހަކުވެސް އުފާވާނެކަމެކެވެ. ނަމަވެސް އަހަރެން އުފަލެއް ނުވެއެވެ. ފޫހިވިއެވެ. ދިމާވާ މީހުންދެކެ ފޫހި ވިއެވެ. މާޙައުލު ދެކެ ފޫހިވިއެވެ. ހަމައެކަނި ކުރެވެނީ އިންތިޒާރެވެ. އޭނާގެ ފޯނުކޯލަށެވެ. ކާހިތެއް ނުވެއެވެ. ލޮލަކަށް ނިންޖެއް ނާދެއެވެ. ފަތިސް ނަމާދަށް ބަންގި ގޮވުމާއެކީ ނަމާދުކުރުމަށް އަހަރެން އަވަސް ވެގަތީމެވެ. ހިތަށް ހަމަޖެހުމަށް ލިބޭނެތީއެވެ. ފަތިސް ނަމާދު ކޮށްލައިގެން ފޯނަށް ބަލަހައްޓައިގެން އޮތްވައި ނިދިއްޖެއެވެ. ދެން ހޭލެވުނީ މީހާ ތެމި ފޯވެފައި އޮތްވައެވެ. ހަމަޖެހިލާފައި ފޯނަށް އަނެއްކާވެސް ބަލާލެވުނެވެ. ދިލްޝާތުގެ އެއްވެސް ޚަބަރެއް ނުވެއެވެ. ހިތް ތެޅެން ފެށިއެވެ. މިހާރު އޭނާއަށް ދެވޭހާ އިރުވެއްޖެއެވެ. އޭނާ އަހަރެންނަށް ނުގުޅީ ކީއްވެބާއެވެ. ނޫނެކެވެ. އެއްގޮތަކަށްވެސް އެފަދަ ޚިޔާލު ހިތަށް ނާރުވާނަމެވެ. އޭނާ އަހަރެންނަށް ދޯކާއެއް ނުދޭނެއެވެ. އެއީ އަހަރެންގެ ހިތް ވަނީ އޭނާގެ އަތުގައި ކަން އޭނާއަށް އެނގޭނެތީއެވެ. އަދި އޭނާގެ ހިތް މިއޮތީ އަހަރެންގެ އަތުގައެވެ. ނަމަވެސް ބުއްދީގެ ވިސްނުމަކީ ވަރަށް ލާނެތް އެއްޗެކެވެ. ތަފާތު ޚިޔާލުތަށް ބޯމަތީ އެނބުރެމުން ދިޔައެވެ. މި ނުތަނަވަސް ކަންމަތީ ހަފްތާއެއް ފާއިތުވެގެން ހިނގައްޖެއެވެ. ހިތާ ދެކޮޅަށް ނަމަވެސް ހިތްހަމަނުޖެހުމުގެ އިޙްސާސްތައް ކުރެވުނެވެ. އޭނާ އަހަރެން މަތިން ހަނދާން ނެތުނީބާއެވެ. ނުވަތަ އާ ޤައުމަކަށް ދެވުމުން އޭނާ އަހަރެންގެ ހިތް ނަގާ އެއްލާލީބާއެވެ. މި ކެކުޅުންތަކުން ސަލާމަތް ވެވޭނެ އެއްވެސް ގޮތެއް ނުވިއެވެ. ކެއުމާ ދުރަށް ދެވިއްޖެއެވެ. ހަށިގަނޑު ބަލިކަށިވާހެން ހީވިއެވެ. ހެނދުނުގެ ވަގުތެވެ. އެނދުން ތެދުވާހާ ހިތްވަރެއްވެސް ނެތެވެ. ކުއްލިއަކަށް މޭ ބޮޑުވިއެވެ. ހޮޑުލެވެން ފެށިއެވެ. ދުވެފައި ގޮސް ފާޚާނާއަށް ވަދެވުނީ ކިރިޔާއެވެ. ރީނދޫކުލައިގެ އޮލަ އެއްޗެހިތަކެއް ކަރުން ފޭބިއެވެ. އެވަގުތު ހިތް ތެޅެން ފެށިއެވެ. ޙަޔާތުގެ އުޑުމަތި ބަނަވެ އަނދިރިވާން އުޅޭ ފަދަ އިޙްސާސްތަކެއް ކުރެވުނެވެ. އެކުވެރި އާޝީއަށް ވަގުތުން ފޯނުން ގުޅައި އަހަރެންނާ އެކީ ޑޮކްޓަރަށް ދިއުމަށް އެދުނީމެވެ. އަދި ވަގުތުން ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކީމެވެ. ޓެސްޓް ހެދުމަށްފަހު ރިޕޯޓްގެ އިންތިޒާރުގައި އަތް ފިއްތާލައިގެން ހުރެވުނެވެ. އަދި ހަމަ އެވަގުތު ހިތަށް އެރިއެވެ. ދިލްޝާތު ކޮބާ ހެއްޔެވެ. އަހަރެންގެ ދިރިއުޅުން މިހިސާބުން ހުއްޓެނީ ހެއްޔެވެ. އޭނާގެ ވަޢުދުތައް އޮޔާ ދިޔައީ ހެއްޔެވެ. ހިތާމަ ކުރާނެހާ ހިތްވަރެއްވެސް ނެތެވެ. އެވަގުތު އާޝީ އަހަރެންގެ ރިޕޯޓް ގެނެސްދިނެވެ. ރިޕޯޓް ހިފައިގެން ޑޮކްޓަރުގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތީ ނުތަނަސްކަމާއެކު ބިރުން ހުރެއެވެ. ޑޮކްޓަރު ރިޕޯޓަށް ބެލުމަށްފަހު ކަންބޮޑުވެފައިވާ ނަޒަރަކުން އަހަރެންގެ މޫނަށް ބަލައިލުމަށްފަހު ވާހަކަ ދެއްކިއެވެ.

ބަނޑުގައި ހިލަ އުފެދުމުގެ ސަބަބުން އޭގެ އަސަރު ކިޑްނީއަށް ކުރުމުގެ ސްޓޭޖް އަށް ދައުރުވަމުންދާ ވާހަކައެވެ. އަވަސް ފަރުވާ ނުފަށާ ލަސްވެއްޖެ ނަމަ ދެ ކިޑްނީވެސް ފެއިލްވެގެންދާނެ ކަމަށް ޑޮކްޓަރު ބުންޏެވެ. އަވަހަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ފުރުމަށް ޑޮކްޓަރު ލަފާ ދިނެވެ. އެވަގުތު ފުން ނޭވާއެއް ލެވުނެވެ. އަމިއްލަ ނަފްސާ މެދު ރޯކަށް ބޭނުމެއް ނޫނެވެ. ދިރިހުންނަން ބޭނުންވާވަރަށް ވުރެ ހިތްދަތިވީ ދިލްޝާތު ކައިރީގައި ނެތުމުންނެވެ. ހޮސްޕިޓަލުން ގެއަށް ދެވުމާއެކީ އަނެއްކާވެސް ފޯނަށް ބަލައިލެވުނެވެ. ނަމަވެސް އުންމީދެއް ނެތް ކަހަލައެވެ. ދިރިއުޅުމުގެ މިހިސާބުން ގޮތް ހުސްވިކަހަލައެވެ. ނަމަވެސް ކަރުނައިގެ އެންމެ ތިއްކެއްވެސް ލޮލުން ނުފައިބައެވެ. ހިތާ ނަފްސު ގަނޑުވި ފަދައެވެ. އެވަގުތު ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖެހިއެވެ. ނަމަވެސް އެކަމާ އަޅާލާކަށް ބޭނުމެއް ނުވިއެވެ. ކޮޓަރީގެ ދޮރު ހުޅުވުމަށްފަހު މީހަކު އެތެރެއަށް ވަތް ހެން ހީވިއެވެ. އެވަގުތު ހިތްގައިމު މަޑު ވަހެއް ނޭފަތުގައި ޖެހުނެވެ. ސިއްސައިގެން ގޮސް ދެލޯ ހުޅުވިއްޖެއެވެ. އެއީ ދަންނަ ވަހެކެވެ. ހަށިގަނޑުގެ ހުރިހާ ޙިއްސުތަކަށް ދިރުން ލިބިގެން ދިޔަކަހަލައެވެ. ފުންމައިގެން ތެދުވެ ބަލައި ލެވުނެވެ. އަހަރެންގެ ކުރިމަތީ ފެންނަން އެހެރީ އަހަރެންގެ ފުރާނައެވެ. ދިލްޝާތްއެވެ. ހަށިގަނޑު އެއްކޮށް ގަނޑުވިކަހަލައެވެ. މީ ހުވަފެނެއްބާއެވެ. ނޫނީ ހިޔާލީ ފޮލައެއްބާއެވެ. އޭނާ ދުވެފައި އަހަރެން ގާތަށް އައެވެ. އަދި އޮޅުލައިގަތެވެ. އާއެކެވެ. އެއީ ޙަޤީޤަތުގައިވެސް އަހަރެން ދުނިޔޭގައި ދިރިހުރުމުގެ ހަމަ އެކަނި އުއްމީދެވެ.

އެވަގުތު ކަރުނަތައް ފޭބީ ފެންއާރަކުން ފެން ފައިބާ ފަދައިންނެވެ. ނަމަވެސް އެއީ އުފާ ވެރިކަމުގެ ކަރުނަކެވެ. ދިލްޝާތު އަހަންނަށް ބޭވަފާތެރިވީކީ ނޫނެވެ. އޭނާއަށްވެސް އަހަންނާ ދުރުގައި އެންމެ ހިނދުކޮޅަކުވެސް ނޫޅެވޭނެކަން އިޙްސާސްވުމުން އަހަރެން ބަލާ އައީއެވެ. ކައިވެނީގެ މާތް ގުޅުމަށް އަހަރެންމެންގެ ގުޅުން ގެންގޮސް އުފާވެރި ކަންމަތީ އަބަދާއަބަދަށް އެކީގައި ދިރިއުޅުމަށެވެ. އޭނާގެ މަންމަގެ އެދުމުގެ މަތިން އަހަރެން ގޮވައިގެން ފުރުމަށް ހުރިހާ ތައްޔާރީއެއް ކުރުމުގައި އޭނާ ދުވަސްތަކެއް ނެގީ އެހެންވެގެންނެވެ. އަހަރެންނަށް ނުގުޅައި ހުރީ އެ ސަބަބަށްޓަކައެވެ. އެކަމާމެދު އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތެވެ. އެއީ މި ނިމުމުގެ ފުރިހަމަކަން އެއަށްވުރެވެސް މާ ހިތްގައިމުކަމަށް ވާތީއެވެ. މިއަދު އަހަރެން ހަޔާތް މިވަނީ އުފަލުން ފޮޅިފައެވެ. އެންމެ ލޯބިވާމީހާ އާއެކުގައި ހަޔާތުގެ އެންމެހާ ދުވަސްތައް ހޭދަކުރަން ލިބުމަކީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ނަސީބެއް ނޫނެވެ. މަންމަ ނެތް ދުނިޔޭގައި މަންމައެއްގެ ލޯބި ލިބުންއެއީ ނިޢުމަތެކެވެ. ދިރިއުޅުމުގެ އުއްމީދު އާވިއެވެ. ކޮންމެ އިންސާނަކުވެސް ދަންނާށެވެ. ދުނިޔޭގައި ހެޔޮ ނިޔަތުގައި ކަމަކަށް އެދި ދުޢާ ކުރާ އެއްވެސް އިންސާނަކަށް އެކަލާނގެ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެއެވެ.

ކޮމެންޓް 0