7

އައިމަން އަށް ހޭލެވުނީ ކުއްލިއަކަށެވެ. އޭރު ވަރަށް ބާރަށް ވައިޖެހޭ އަޑުއިވެއެވެ. އައިމަންގެ ލޮލުގައި ނިދީގެ ކަންފުޅެއް ވެސް މިހާރަކު ނެތެވެ. އޭނާ ތެދުވެ އެނދު މަތީގައި އިނށީދެލިއެވެ. މޭޒުމަތީގައި ހުރި ސޯނާ ގަޑިއަށް ބަލާލިއިރު އަދި ކިރިޔާ ދޭއް ޖެހީއެވެ. އައިމަން ހިސާބަކަށް ރުޅި އަންނަ ގޮތްވިއެވެ. މިހާ އަވަހަށް ހޭލެވުނީ މައެވެ. އޭނާ ނިދީވެސް ޝަހާދާއި ކުރުސިވެސް ކިޔަވައި ހަދައިގެންނެވެ.

"މަން... މާ" ކުއްލިއަކަށް ބޭރުން އިވުނު ގަދަ ހަޅޭކުގެ އަޑާއެކު އައިމަންގެ ހަތަރެސްފައި ކޮޅަށް ޖެހުނެވެ. ކުޑައިރު ކޮޅަކަށް ހަރަކާތް ހުސްޓިފައި ހުރެވުނެވެ. އެކަމަކު ވަރަށް އަވަހަށް އޭނާ ހަމަޖެހިލިއެވެ. މަޑުމަޑުން ބޭރަށް ހުޅުވެން ހުރި ކުޑަދޮރުގެ ކައިރިއަށް ޖެހިލިއެވެ. ދޮރުމަތީގައި ރާނާފައި ހުރި ތިރި ފާރު ބުރިއާއި އޭނާގެ ކޮޓަރިއާއި ދެމެދު ހުންނާނީ ތިން ވަރަކަށް ފޫޓުގެ ދުރުމިނެވެ. މަގުމަތީގައި ދިއްލާފައިވާ ހޮޅިބުރީގެ އަލިން މަގުގެ އެއްފަރާތަށް ފުދޭ ވަރަކަށް އަލިވެއެވެ. ގަސްތަކުގެ ހިޔަނީގެ ސަބަބުން މަގުގެ އަނެއް ފަރާތް އޮތީ އަނދިރި ކޮށެވެ.

އައިމަން ކުޑަދޮރުގެ ލޫވަގަނޑު ހުޅުވާލާފައި ބޭރު ބަލާލިއެވެ. ލޮލަށް ފެނުނު މަންޒަރު އޭނާއަށް ގަބޫލު ކުރަން ދަތިވިއެވެ. ދޮރު ފޮތިގަނޑުގައި ބާރަށް ދެއަތުން ހިފެހެއްޓުނެވެ. އަތްފައިގެ ލޯޅިތައް ކޮޅަށްޖެހުނެވެ. ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. އޭނާގެ އަރުތެރެ ވަނީ ހިކިފައެވެ. ދުލުން ބަހެއް ކީއްކުރަންތޯއެވެ. އަގައިން 'އާހް' އެއްގެ މިންވަރުވެސް ބޭރުކޮށް ނުލެވުނެވެ. އެކަމަކު ހަމަ ޔަގީނުންވެސް އޭނާގެ ދެލޯ އޭގެ ވާޖިބު އަދާކުރަންމުން ދިޔައެވެ. އޭރު ކަޅު ކުލައިގެ ބޮޑު ދެބުޅާ ނުބައި ޒާތަކަށް އަޑު ގޮށްވަމުން ކޮންމެވެސް އެއްޗަކަށް ހަމަލާދެމުން ގެންދިޔައެވެ. އައިމަން ވިސްނާލިއެވެ. އެއީ ހަމަ ގައިމުވެސް ކުކުޅެއް ނޫނެވެ. ބުޅަލެއް އަތުލައި ގަނެގެން އެގޮތަށް ކައި އުޅެނީ ކުކުޅު މީދާ ފަދަ ޖަނަވާރުކަން އައިމަން ދަނެއެވެ. އޭނާއަށް އެހެން އެއްޗެއް ވިސްނުނެވެ. "މާތް ކަލޯކޮ" އައިމަންއަށް ބޮލުގައި ދެއަތުން ހިފެހެއްޓުނެވެ. އެދެބުޅާ ނޮޅާ ވީދަމުން އެދަނީ ހަމަ ޔަގީނުންވެސް އިންސާނެކެވެ. އައިމަންގެ ލޮލުން ކަރުނަ ހިލެން ފެށިއެވެ. ހަށިގަނޑުން ވަރު ދޫވާން ފެށިއެވެ. ކުއްލިއަކަށް އެތަނުން އެއްބުޅަލުގެ މޫނު އައިމަންއަށް ފެނުނެވެ. މޭގަނޑު އަނގައަށް އައި ކަހަލައެވެ. އެބުޅަލުގެ ލޮލުގެ ބަދަލުގައި ހުރީ ދެކޮޅު އަލިފާނެވެ. އެލޮލުގައި ތޫނު ވިދުވަރެއް އެކުލެވިފައި ވެއެވެ. އައިމަން އަށް ތެޅިފޮޅި ގަނެވުނެވެ. އެހިނދު އޭނާ އެނދު މައްޗަށް ވެއްޓުނެވެ. ޚަބަރު ހުސްވެގެންނެވެ.

އީސާފުޅަށް ހޭލެވުނީ މުދިންބެގެ މަޑުމައިތިރި އަޑަށެވެ. ހޭލެވުމާއެކު އަވަސްވެގަތީ ފަތިސް ނަމާދަށް ދިޔުމަށެވެ. ގިފިލީގައި ދިހަވަރަށް މިނެޓް ހޭދަ ކޮށްލުމަށްފަހު ނުކުމެ ގަޔަށް ގަމީހެއް މަހާލި ގަމީހުގެ ގޮތްތައް އަޅުވަމުން އެނިކުތީ މަގުމައްޗަށެވެ. އީސާފުޅަށް ނެގުނީ ދެތިން ފިޔަވަޅެވެ. "މާތް ކަލާކޯ! މީކޮންފަދަ ކަމެއް" އީސާފުޅަށް ބާރަށް ބުނެވުނެވެ. އޭރު ޖެހިގެން ހުރިގޭ މޫސައާއި އަނޯނާގޭ ހަސަންބެ ވެސް އެހިސާބާއި އަރާ ހަމަވަނީއެވެ. ހީވާގޮތުން އެމީހުންވެސް އެދަނީ މިސްކިތަށެވެ. "ދޮންއައިސާ ނިކަން އަވަހަށް ބައްތިއެއް ހިފައިގެން އައިސްބަލަ" އީސާފުޅުގެ ބާރުއަޑަށް އޭނާގެ އަންހެނުން ދޮންއައިސަ ލަހެއް ފަހެއްނެތި ތިންބުރި ޓޯޗެއް ހިފައިގެން އަތުވެއްޖެއެވެ. އީސާފުޅު ބައްތި ދިއްލާލާފައި ރަނގަޅަށް ބިމަށް އަލިކޮށްލިއެވެ. "އަސްތާ" އެންމެންނަށް ކަހަލަ ގޮތަކަށް ބުނެވުނެވެ. މުޅި ބިންގަނޑުވަނީ ލެއިން ކަޅިވެފައެވެ. އިންސާނެއްގެ މަސްފިލާފައިވާ ކަށިގަނޑު ވެއްޔާއި ތައްތެޅިފައި އޮތެވެ. އެތައް ހިސާބަކަށް ފެތުރި، އެއިންސާނާގެ މަސްތައް އުކިފައި ހުއްޓެވެ. ބޮލުގެ އިސްތަށި ގަނޑާއި ވީދި ކުނޑި ކުނޑި ވެފައިވާ ހެދުމުގެ އެތިކޮޅު ތަކަށް ބަލާލުމުން އެއީ އަންހެން ކުއްޖެއްކަން ދޭހަވެއެވެ. ދޮންއައިސަ ހުދު ފޮތިގަނޑެއް ގެނެސް ދިނުމުން އީސާފުޅު އެކަށީގެ އޮނިގަނޑު ނިވާކޮށްލިއެވެ.

ކޮންމެ މީހެއްގެ ލޮލުންވެސް ވަނީ ކަރުނަ ހިލިފައެވެ. އަންހެންވެރިންނާއި ހިތްދެރަ ބައެއް ފިރިހެނުން ގިސްލާ އަޑު އިވެއެވެ. އޭރު މުޅި ރަށަށް އެޚަބަރު ފެތުރިއްޖެއެވެ. އެމަރުވެފައިވާ ކުއްޖަކީ ދޮންފުތުބޭގެ ޚަދީޖާކަމަށް ގިނަ ބަޔަކު ބުނަން ފަށައިފިއެވެ. އޭރު މިޚަބަރު ލިބިގެން ރަށުގެ ކުޑަކަތީބާއި އެނޫންވެސް ހަރުކުލައިގެ ހުރިހާ އެންމެން އެތަނަށް ޖަމާވެއްޖެއެވެ. ކަތީބު ވޯކިޓޯކީ އިން އަތޮޅު އޮފީހާއި ގުޅައި ވެގެން އުޅޭގޮތް ސާފުކޮށް ދިނެއެވެ. ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު ޚަދީޖާގެ ޖަނާޒާގެ ކަންތައް ކުރިއަށް ގެންދިއުމަށް ކަތީބު އެންގިއެވެ. އޭރު ޚަދީޖާގެ މަންމަގެ ހާލު ބޮޑުވެގެން އެއްބަޔަކު ފަރުވާ ދެމުން ގެންދެއެވެ. ޚަދީޖާ އޮތް ހާލު ފެނުމުން އެމަންމަގެ ހިތަށް ކެތްނުވީއެވެ. ދޮންފުތުބެއަކީ ހިތްވަރުގަދަ މީހެއްކަމުން ޖަނާޒާގެ ކަންތައްތަކުގައި އިސްވެ ހަރަކާތްތެރި ވަނީވެސް އޭނާއެވެ.

އެކިމީހުން އެކި ގޮތްގޮތަށް މިބިރުވެރި ހާދިސާގެ ވާހަކަ ދައްކަމުން ދެއެވެ. އެއްބަޔަކު އެއީ ޖިންނި ފަރާތުގެ ކަމެއް ކަމުގައި ބުނަމުން ދާއިރު، އަނެއް ބަޔަކު ބުނާ ގޮތުގައިނަމަ ޚަދީޖާއާއި ފުރޭތައަކާއި ދިމާވީއެވެ. ހުރިހާ އެންމެންވެސް ޚަދީޖާގެ މަރާ އެއްވެސް އިންސާނަކާއި ގުޅުމެއްވާ ކަމަކަށް ގަބޫލެއް ނުކުރެއެވެ. ދެންކުރާ ސުވަލަކީ އެކަނިމާ އެކަނި ޚަދީޖާ ރޭގަނޑު ބޭރުގައި އުޅެން ޖެހުނު ސަބަބެވެ. ދެދުވަސް ފަހުން ޚަދީޖާގެ ކައިވެނިވެސް ކުރުމަށް ހަމަޖެހިފައި ވީތީއެވެ.

އާދައިގެ މަތިން ޚަދީޖާ އެރޭވެސް ނިދަން އޮށޯތީ ހުރިހައި ގަހަނާއެއް ބާލާފައެވެ. ދޮންފުތުބެ އެއެއްޗެހި ގައިން ވަކިނުކުރުމަށް ކިތަންމެ ގަދައަށް އަމުރުކޮށްފައި ވިޔަސް ވަކިން ނިދަން ފެށީއްސުރެ އެއީ އޭނާގެ އާދައެވެ. ބޮޑެތި ގަހަނާ ތަކާއެކު ނިދަންވެސް އުނދަގުލީއެވެ. ދޮންފުތުބެއަށް ވެސް ކަމުގެ ބިރުވެރިކަން ޚަދީޖާއަށް ބުނެނުދެވި އޮތީއެވެ. ނިދުމުގެ ގޮތުން ހަށި ރައްކަލަށް ކިޔަވަން ބުނެފައިވާ ތަކެތި ކިޔަން ފެށުމާއެކު އެހެން ރޭރޭ ނާންނަފަދަ ގަދަ ނިންޖަކުން ޚަދީޖާ ނިންދަވާލިއެވެ. ދެލޯ ހުޅުވަން އޭނާ ކުރި މަސައްކަތް ބޭކާރުވީއެވެ.

ފުންނިންޖެއްގެ ތެރެއަށް ގެނބިފައިވާ ޚަދީޖާއަށް ހޭލެވުނީ އޭނާގެ ނަމުން ގޮވާ އަޑަށެވެ. ކުޑަދޮރުން ބޭރު ބަލާލިއިރު ފުރަގަސްދީގެން ހުރި ފިރިހެނަކު މަގުމަތީގައި ހުއްޓެވެ. ޚަދީޖާ އަށް ޔަގީން ކުރެވުނީ އެއީ އައިމަން ކަމަށެވެ. ދެދުވަސް ފަހުން ކައިވެނި ހަމަޖެހިފައިވީ ނަމަވެސް އެކަހެރި ކަމާއެކު ވާހަކަ ދައްކާނެ ފުރުސަތެއް އެދެމީހުންނަށް ވަނީ ނުލިބިފައެވެ. ހޭވިފައިވާ އިސްތަށި ގަނޑު އަތުން ރީތި ކުރަމުން ގޭގެ މައި ދޮރުން ޚަދީޖާ ނިކުމެއްޖެއެވެ. ހުރަހެއް ނެތި ބީހިލި ވައިރޯޅިން މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ޚަދީޖާ މަގުމައްޗަށް ނުކުމެ ބަލާލިއިރު އައިމަންމެންގޭ ދޮރުމަތީގައި ހުރެގެން އޭނާއަށް ހަނާ އަޅަނީއެވެ. ޚަދީޖާއަށް ނޭނގުނީ އިންސާނުން ނޫނަސް މިބިންމަތީގައި ލައްވަވާފައި ވާކަމެވެ.

ކުރިއަށް އަޅާލި ދެތިން ފިޔަވަޅާއެކު ޚަދީޖާއަށް އައިމަން ގެއްލިއްޖެއެވެ. ދިޔައީ ހުރި ދިމާއިން ބިންފަޅާފައި އަޑިއަށް ކަމެއް އެރީ ނޫނީ ހުރި ދިމާއިން އެރީ ހަވައަށް ކަމެއް އޭނާއަކަށް ވިސްނައި ގަންނާކަށް ނޭނގުނެވެ. ޚަދީޖާއަށް ބިރުވެރިކަން އިހްސާސް ކުރެވުނީ ދެނެއެވެ. މީހެއްގެ ހިލަމެއްނެތް ފުރަމަންދަމުގެ ވަގުތުކަން ހަނދާންވީވެސް ދެނެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލާފައި ގެއާދިމާއަށް ދުއްވައި ގަންނަން ކުރި މަސައްކަތް ބޭކާރުވީ ކުރިމަތީގައި އޮތް ކަޅު ދެ ބުޅާ ފެނިފައެވެ. ދިއްލިފައިވާ ދެލޮލުން ޚަދީޖާއަށް ބަލަން އޮތްއިރު ކަމުގެ ނާމާންކަން ވިސްނައި ގަނެވުނެވެ. އަޅަމުން ދިޔަ ތުރުތުރުގެ ސަބަބުން ހެޔޮ އެއްޗެއް ކިޔަން އުޅުނު ނަމަވެސް ރަނގަޅަށް ކިޔޭ ގޮތެއް ނުވިއެވެ. ބުޅަލުގެ ފުރަތަމަ ހަމަލަޔާއެކު ޚަދީޖާއަށް ހަޅޭއްލަވައި ގަނެވުނެވެ. ދެވަނަ ހަމަލަޔާއެކު އޭނާގެ ފުރާނަ މިދުނިޔެއާއި ވަކިވެއްޖެއެވެ.

ގިނަމީހުން ބުރަވާ ގޮތުގައި ދޮންފުތުބެ އާއި އޭނާގެ އާއިލާގެ ގިނަ މީހުންނަކީ ސިއްރުން ފުރިފައިވާ ބައެކެވެ. ދޮންފުތުބޭގެ ހޫރު ކާފައިން ފެށިގެންވެސް އެއާއިލާގެ ފިރިހެނެކަށް އަންހެން ދަރިއަކު ބޮޑު ކުރެވިފައެއް ނުވެއެވެ. ކޮންމެ އަންހެން ކުއްޖަކު ވެސް ޅަފަތުގައި މަރު ވަނީއެވެ. ގޮތް ނޭނގޭ މަރަކުން މިދުނިޔެ އާއި ވަކިވެ ދަނީއެވެ. ބުނެވޭ ގޮތުގައި ބާރުގަދަ ޖިންނި ރަސްކަލެއްގެ އަންހެން ދަރިއަކާއި ދޮންފުތުބޭގެ ހޫރުކާފަ އިކްލީލް ހިތާވީއެވެ. އެއީ އެޒަމާނު ގައި މުޅި ދިވެހިރާއްޖޭ ގައި ވެސް ހުރި އެންމެ ރީތި ފިރިހެނާ ކަމަށް ބުނެވެއެވެ. މިކަން އިކްލީލްގެ މައިންބަފައިންނަށް އެނގުމާއެކު ސިހުރުގެ ބާރުގައި އެޖިންނި އަންހެން ކުއްޖާ އަންދާލީއެވެ. މިކަމުގެ ބަދަލު ހިފުމެއްގެ ގޮތުން ދަރި ދަރި ކޮޅަށް ދެމިގެން ދިޔަސް އެއާއިލާގެ ކޮންމެ އަންހެން ދަރިއަކު ފުރާވަރަށް ނާރަނީސް އޮންނަނީ މަރާލާފައެވެ. އަނިޔާވެރި ބިރުވެރި ގޮތަކަށެވެ.

ޚަދީޖާގެ އުމުރުން ސޯޅަ އަހަރު ފުރުނުއިރުވެސް ދޮންފުތުބެ އޭނާ ގެންގުޅުނީ ވަރަށް ފޮރުވައިގެންނެވެ. އަޚްލާގު ރަނގަޅު ޚަދީޖާއަކީ ރީތި ހުސްކުރި ފަތްމިނި އަންހެން ކުއްޖެކެވެ. ރަށުގެ ޒުވާން ހުރިހާ ފިރިހެނުން ތިބެނީ ޚަދީޖާއަށް މަށަށް މަށަށް ކިޔާލަ ކިޔާލައެވެ. ޚަދީޖާގެ ހަށި ރައްކަލަށް ދެކުނުގެ ކަންވެރިއަކު ލައްވާ އެތައް ކަމެއް ކޮށްގެން އެދަރިފުޅު ރައްކާތެރި ކުރެވޭތޯ ދޮންފުތުބެއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިއެވެ. ކަރުގައި އަޅާ ފައްޓަރު ބަޔާއި ފައިގެ ތަކަ ހޮޅިއަށް ދާންދެން ވަނީ ލިޔެ އަކަކޮށް ފައެވެ. ކަންފަތު މުންޖާއި އަތުގެ އުޅާބައިވެސް ވަނީ ތަވީދުކޮށް ފައެވެ. މިހުރިހާ ކަމެއް ކުރެވިފައި ވާތީ ދޮންފުތުބެ ޔަގީން ކުރީ ޚަދީޖާ އާއި ކައިރިވުމަކީ އެއާއިލާ އާއި ދުސްމަނު ޖިންނި އަށް ނުވާނެ ކަމަކަށެވެ. ދޮންފުތުބެއަށް ނޭނގުނީ ލިޔެއަޅާ ތަވީދުތަކާއި ޖަހާ އާހުލި ތަކަށްވުރެ ހެއްދެވި ފަރާތުގެ މަދަދަށް އެދުން މާމޮޅު ވީސްކަމެވެ. އިންސީންނާއި ޖިންނީންވެސް އުފެއްދެވި މަތިވެރި މާތް ﷲ ގެ ރައްކާތެރިކަމާ ހިމާޔަތަށް އެދެވުނުނަމަ ތަފާތުވީސް ކަމެވެ.

ކޮމެންޓް 0