6

އަހަރެން ވެސް މި އުޅެނީ މީހަކާ އިނދެގެން! އަހަރެއް ފުރުނު ރޭ ވެސް އެކުގައި ހޭދަ ކޮށްލާނެ ވަގުތެއް ސަލީމަކަށް ނުވި! ގޭ ތެރޭގައި ފޫހިވެފައި އިން މަޖުދާގެ ހިތަށް އަރަމުންދިޔަ އެވެ. މިރެއަކީ އެނިވާސަރީއަށް ވާތީ އެހެން ރޭރެއާ މިރޭ ތަފާތުވާން އޭނާ ބޭނުމެވެ. ފުރަތަމަ އެނިވާސަރީ ފަދައިން މިރޭވެސް ރަތް ކުލައިގެ ތުނި ހެދުމެއްގައި ސަލީމާއެކު ރޮމް ވެލަން ބޭނުމެވެ. 
ސަލީމަށް ވަގުތު ވާނެބާ؟ ގެއަށް އަންނާނެބާ! ތުނި ރަތް ހެދުމުގެ ހުވަފެނުގައި މަޖުދާ އިނެވެ. ސަލީމް އައިސް ގެއަށް ވަނީ ވެސް އެހިޔާލުތަކުގައި އިންދަ އެވެ. މީހަކު ގޮވައިގެނެވެ. މަޖުދާ އަޅައެއް ނުލައެވެ. 

"ރަށަށް ފުރޭގޮތް ވަންދެން މި ކޮޓަރީގައި ހުރެވިދާނެ!" ސަލީމް އެތެރެ އަށް ވަނެވެ. ފަހަތުން ދަބަސް ހިފައިގެން ހަމްދޫނު ވެސް ކޮޓަރި ތެރެއަށް ވަދެއްޖެ އެވެ. އިރައިގެން ގޮސްފައިވާ ރަބަރު އަލަމާރިގަނޑަކާ އާދައިގެ އެނދެއް ފިޔަވައި އެހެން އެއްޗެއް ނެތެވެ. ދެން ހުރީ ފާހާނާއެކެވެ.
"ކޮބައިތަ އަންހެނުން؟ އަހަރެން އަދި ނުވެސް ދެކެން..."
"ވަދެގެން އާއިރު އެއިނީ..." ހަމްދޫނުގެ މޫނަށް ބަލާލައިފައި ސަލީމް ހީނލި އެވެ. "ފާރުގައި ތިހިރީ އަންހެނުންގެ ފޮޓޯއެއް، ބޭނުން ވަރަކަށް ބަލާބަލަ؟"
"ކޮން ނަމެއްތަ އަންހެނުންނަށް ކިޔަނީ؟" ހަމްދޫނު އެ ފޮޓޯ އަށް ބަލައިލި އެވެ. ސަލީމަށް ލިބުނީ ހާދަ ރީތި އަންބެކޭ ބުނާކަހަލަ ގޮތަކަށް ބޯ ހަލުވައިލި އެވެ. 
"ތީ މަގޭ އަންހެނުން މަޖުދާ!" 
"ހުމްމ، ސަޅި އިނގޭ." 
ސަލީމް ދިއުމުން ހަމްދޫން އެނދުމަތީގައި ޖައްސާލާފައި އަނެއްކާ ވެސް ފާރުގައި ހުރި ފޮޓޯ އަށް އެއް ފަހަރު ބަލައިލި އެވެ.

***

ސިޓިން ރޫމުގެ ތެރޭގައި މަޖުދާ އިނީ ފޫހި ވެފަ އެވެ. ބަސް މޮށުމަކާ ނުލައެވެ. މިހާރު މުޅިން ވެސް އިރުއަރާ އޮއްސެނީ ފޫހި ދުވަސްތަކަކަށެވެ. އަންނަނީ ހިތަށާއި ފިތަށް ބޮޑު ބަދަލެއް ގެނުވާ ދުވަސްތަކެކެވެ. ދިރިއުޅުމުގެ މެޝިން ހުއްޓިފައިވާ ދުވަސްތަކެކެވެ. މަޖުދާ ނެގި މަޑުވެފައި އެކަނި އިނީ ކުރީގެ އުފާވެރި ދިރިއުޅުމަށް ހިރަފުސް ބުރާފައި އޮވެގެނެއް ވެސް ނޫނެވެ.

ކުރިން މަޖުދާ ހީކޮށްގެން ހުރީ މިއަދު ސަލީމް ގޭގައި މަޑު ކުރާނެ ކަމަށެވެ. ރޭގަނޑު އުޑުމަތީގައި ތަރިތައް ދިއްލައިލާ ވަގުތު ތުނި ރަތް ހެދުމުގައި އޭނާ ގޮވައިގެން ކާރު ބުރު ޖަހާލަން ދާނެ ކަމަށެވެ. އެކަމަކު އެހެނެއް ނުވި އެވެ.
"މިރޭ މީ އަހަރެމެންގެ އެނިވާސަރީ ރެއެއްނު!"
"ދެން އެނިވާސަރީ އަކީ ހަމަ އެހާ މުހިންމު އެއްޗެއްތަ؟ ދުނިޔެ ހިނގަންޏާ ތި އަންނާނެ، އެކަމު ތިޔަށް ބަލައިގެން ދުނިޔެ އުޅޭނީ ކިހިނެއް؟" 
"ބޭރަކަށް ނުދާނަންތަ؟" ސަލީމްގެ ވާހަކަތަކަށް އަނެއްކާވެސް މަޖްދާ ކުރީ ސުވާލެވެ. 
"މި ރެއަކު ނުދެވޭނެ، ހާއްސަ އެހެން ކަމެއް އެބައޮތް،"
"އެނިވާސަރީއަށްވުރެ ހާއްސަ ކޮންކަމެއް؟ ދެން އެކަމަކު ގޭގެ އިންނަންވީމަ ފޫހިވެއޭ،" 
"ކޮން ފޫއްސެއްތަ؟ މިގޭގަ ހުންނާނެ ބޭނުންވާނެ ހުރިހާ ކަމެއް،" 
"ކޮންތާކަށްތަ މިރޭ ދާން ތިއުޅެނީ މާ ހާއްސަވެގެން؟" މަޖުދާގެ އަޑު ބާރުވާން ފެށި އެވެ. 
"އަހަރެން ކުރާ ކަމަކާ، ދާހާ ތަނެއް ބަލަން ޖެހޭތަ؟ އެ ހުންނަނީ ސިއްރޭ!"
"ހޫމްމ... ސިއްރު ކުރުމަކީ ފިރިންގެ ތޮބީއަތުގައި ހުންނަ ކަމެއް!"
"ފާރަލުމަކީ އަނބިން ވެސް ދަސް ކޮށްގެން އުޅޭ ކަމެއް... ތިގެންދަނީ ދެން މާ މައްޗަށް،" ސަލީމް ނުކުމެއްގެން ދިޔައީ އެވެ. އެއީ އަބަދުވެސް ހަދާ ގޮތެެވެ. ސުވާލު ގިނަވާން ފެށުމާއެކު ގެއަކު މަޑެއް ނުކުރާނެ އެވެ. އެހިސާބުން މަޖުދާ ޖެހެނީ ބަސް ނުމޮށެ ކޮށީގައި ބަންދުވެގެން އިންނާށެވެ. 

ފޫހިވެފައި އެތައް އިރަކު އިނުމަށް ފަހު އިރާކޮޅު ފެންވަރާލައިގެން މަޖުދާ ނުކުމެ އެނދުމަތީގައި ޖައްސާލި އެވެ. ރޭގަނޑު ފަޅަށް އޮންނަ ބޮޑު އެނދުގެ ހުސް ތަނަށް ބަލައިލި އެވެ. ތުނި ރަތް ހެދުމާއެކު މީހެ ފަސް އަހަރު ކުރީގެ އެރޭ މަތިން ހަނދާންވި އެވެ. 
އެކަހަލަ މަޖާމަ އުފާވެރި ރެއެއް ދެން އަނާނެބާ! ހިޔާލުގައި އިނދެ މަޖުދާ ހަނދާވީ ތަރުތީބު އެނދަށް އެރޭ "ބޮޑު ރާޅު" އެރިގޮތެވެ. ދެން މަޑުމަޑުން އެނދުގެ ބެޑް ކަވަރުގައި އަތް ޖަލްސާލި އެވެ. އެރޭ އެ 
އެނދު ވެސް ކޮޓަރިި ވެސް ހިތްގައިމެވެ. މަދު އެކައްޗެއް ވެސް ނެތެވެ. ހުރިހާ ފާރެއްގައި ފިޔާތޮށި ކުލަ އެވެ. އެއް ފަޅީގައި ލަވަ ޖަހާ ބޮޑު ސެޓާއި ފަތި ޓީވީ އާއި އޮފު އަރައަރާ ހުރި ޓީވީ ރެކެވެ. ދެން ކޮމްޕިއުޓަރެކެވެ. އަނެއް ބިތުގައި ކޮޓަރިއާ ގުޅޭ އަލަމާރި އާއި ޑްރެސިން ޓޭބަލެވެ. ވަށައިގެން ބޮސްދެނީ ރީތި ކަމާ މުއްސަނދިކަމެވެ.

ފޫހިވެފައި އިންނަން ބޭނުން ނުވާތީ މަޖުދާ މަޑުމަޑުން ތެދުވި އެވެ. ލަވަޖަހާ އެތި ކައިރި އަށް ގޮސް ލަވަ ޖަހަން ފެށި އެވެ. އެއީ، އެ ލަވައިގެ ބަސްތަކުން އޭނާގެ ހިތުގައި ފިރުމައިދޭ ރީތި ލަވަ އެވެ. އެކަމަކު އިރުކޮޅަކުން ލަވަ އަޑު އަހާ ހިތެއް ވެސް ނުވި އެވެ. ނިވައިލި އެވެ. އޮށޯތެވެ. އެހެން އޮންނަ ހިތް ވެސް ކެނޑިއްޖެ އެވެ. ތެދުވި އެވެ. އެކަމަކު ކޮޅަށް ހުންނާކަށް ވެސް ބޭނުމެއް ނޫނެވެ.

ހަޔާތާމެދު ގޮތެއް ނިންމަން މަޖުދާއަށް އެބަޖެހެ އެވެ. މަޑުމަޑުން ގޮސް އިސްކޮޅުހާ އުސް ލޯގަނޑުން ފެންނަން ހުރި އޭނާގެ ސޫރަ އަށް ބަލައިލި އެވެ. ލޮލުން ކަރުނަ އައީ ކޮން އިރަކު ހެއްޔެވެ؟ ހިތި ކަރުނަތަކެއް އޭނާގެ ކޯތާފަތް މަތީގައި ރޮނގު ރޮނގަށް ކުރެހި ހިކިފައި ހުއްޓެވެ. މޫނު ފޮހެލައިގެން ސިޓިން ރޫމުގެ ތެރެއަށް ނުކުތް އިރު ގޭގެ ނުހަދާ ހުރި ބައިގައި ހުހަށްހުރި ކޮޓަރީގެ ދޮރުން މީހަކު ނުކުންނަނީ އެވެ. އެއީ ސަލީމް ގެނައި މީހާ އެވެ. 
ހާދަ ރީތި މީހެއް! ސަލީމްގެ ރައްޓެހި ހަމްދޫނަކީ އެއީތަ؟ ކޮޓަރިން ނުކުތީ އިސްކޮޅުން ދިގު ފިރިހެނެކެވެ. އެދިމާ އަށް ދެ ކަޅި ގެންދަމުން ހިނިތުންވުމުގެ ތީރުތައް މަޖުދާ އުކައިގައިގަނެވުނެވެ. 

މަޖުދާ ބޭނުންވީ ބޭރަށް ދާށެވެ. ސަލީމް ނެތަސް މަޖުދާ މިރޭ ކޮށިން ނުކުންނާނެ އެވެ. އެކަމަކު ދާން ޖެހެނީ ފޫހި ކާރެއްގަ އެވެ. ސަލީމް ގަންދީފައިވާ ރީނދޫ ކާރުގަ އެވެ. މަޖުދާ ކާރަށް އެރީ ދެލޯ މަރާލާފަ އެވެ. ފޫހީވިޔަސް އެނޫން ގޮތެއް ނެތީމަ އެވެ. ފުރަތަމަ ދިޔައީ ފަޒީލާ ބަލަ އެވެ. ކާރުގައި ދިޔައިރު މަޖުދާ ލަވަޖަހާ ހިތުން ސެޓާ ކުޅެލި އެވެ. ދެން ވީ ފޫއްސަކުން ނިވައިލި އެވެ. އައީ "އަނެއް ދިވެހި ރަށަށް" ދާ ލަވަ އެވެ. 
މިއަށް ވެސް މިއޮންނަނީ ރީނދޫ ހުން ޖައްސާފައި! މަޖުދާ އެއްޗެހި ކިޔަން ފެށި އެވެ. ހިތުންނެވެ.

ފަޒީ ނަގައިގެން މާލެ ވަށައި ދެ ބުރު ޖަހާފައި ވަނީ ހިތްފަސޭހަ މައިޒާނުގައި ކުޅިވަރު ކުޅެން ހާއްސަކޮށްފައިވާ ތަނަށެވެ. އެ ތަނުން ވެސް ހިތަށް ލިބުނު ފަސޭހައެއް ނެތުމުން އިރުގަނޑަކު ހުރެފައި މަޖުދާ އާ ފަޒީ ހިނގައިގަތެވެ.
"ހިނގާ މުސްތޮފާ ތަނަށް... ޗިކޯއަށް،" އަޅައިގެން ހުރި ރީނދޫ ބުރުގާގެ މޭމަތިން ރީތި ކުރަމުން ފަޒީލާ ބުނެލި އެވެ.
"ނުދާނަން މަށެއް ތިތާކަށް، ސަލީމްގެ ރީނދޫ ގްރޫޕްގަނޑު އޮންނާނެ،" 
މަޖުދާ ފަޒީލާއާއެކު ހިނގައިގަތުމާއެކު ކުއްލިއަކަށް އިހުސާސެއް ކުރެވުނެވެ. ހީވީ ފުރަގަހަށް ވައްޓާލާފައި އޮތް އިސްތަށިގަނޑުގައި މީހަކު އަތްލި ހެނެވެ. 
"ކޯންޗެއްތަ އިސްތަށިގަނޑުގައި މި ޖެހެނީ ؟" މަޖުދާ އެނބުރުނެވެ. ހަމަ ކުއްލިއަކަށް ލަދުގެންފި އެވެ. ޖެހިލުންވި އެވެ. ވަރަށް ގާތުގައި ސަލީމްގެ ރައްޓެހި ހަމްދޫނު ހުއްޓެވެ. އަދި ފުރަތަމަ ފަހަރަށް ހީނލި އެވެ. އެކުރެވުނު ވަހުމުގެ އިހުސާސާ ހެދި ލަދު ވެސް ގަތެވެ.
"ހިނގާ ދަމާ،" ފަޒީލާއާ ދިމާއަށް މަޖުދާ ބުންޏެވެ. ޑައިންމޯއަށް ވަން އިރު ހަމްދޫނު ވެސް އައިސް ވަންނަނީ އެވެ. ހަމަ އެތަނަށެވެ. 
ޑައިންމޯ އިން ޖާގައެއް ލިބުނީ އިރުކޮޅަކުންނެވެ. މަޖުދާއާ އެއް މޭޒެއްކައިރީގައި އިށީންތަނާ ހަމްދޫނަށް ވެސް މޭޒެއް ލިބިގެން އިށީންދެއްޖެ އެވެ. އެކަންޏެވެ.
"ފަޒީ... އޭތް ތިވަރަށް ނުބަލަ ބަލަ!" ހަމްދޫނާ ދިމާއަށް ފަޒީލާ ބަލާހެން ހީވެގެން މަޖުދާ ބުންޏެވެ. އެކަމަކު މަޖުދާ ބިރުގަންނަންވީ ކޮންކަމަކާ ހެއްޔެވެ؟
"ކީއްތަވީ ބެލިއްޔާ. ލޯބި ހިހޫވާ އުމުރަކަށް އަހަރެން އަދި ނުދެއޭ،" 
"ހަމަ ރީނދޫ ލޭ ދޯ ހިނގަނީ، އެލާ ހޫނުވާނެ،" މަޖުދާ މަލާމާތެއް ކޮށްލި އެވެ.
މަޖުދާއާ ދެކޮޅު ހަދާފައި ފަޒީލާ ހަމްދޫނުގެ މޫނަށް ބަލަން ފެށި އެވެ. ލޯބީގެ ލޮލަކުންނެވެ. އަލި އެޅިފައިވާ ހަމްދޫނުގެ މޫނަށާއި މޭ މައްޗަށެވެ. ގަމީހުގެ މޭމަތީ ގޮށްތައް ނައްޓާލާފައި ހުރުމުން ކަރުގައި އޮތް ރިހި ފަށް އޮތީ ވިދަވިދަ އެވެ. ކޮންމެ ބޮޅެއް ހީ ވަނީ ވަކިވަކިން ފުށުން ޖެހެމުންދާހެނެވެ.
ފަޒީލާ ހަމްދޫނަށް ބަލަމުން ދިޔަ އެވެ. ހަމްދޫނު ވެސް ބައެއް ފަހަރު އެދިމާއަށް ބަލައިލަ އެވެ. އޭނާގެ ތޫނު ނަޒަރުން ފޮތިފޮތިވަމުން ދިޔައީ ހަގީގަތުގައި ފަޒީލާއެއް ނޫނެވެ. މަޖުދާގެ ހިތެވެ. މަޖުދާ އަށް އިސްދަށަށް ޖެހުނީ އެހެން ވެގެނެވެ. ފޯނަށް ބަަލައިލި އެވެ. ކުޅެލި އެވެ. އޮތީ މެސެޖެކެވެ. ކިޔައިލި އެވެ. ޑިލީޓްކޮށްލި އެވެ.
ކާކުތަ މެސެޖު މި ފޮނުވަނީ. މީ އަހަރެން ދަންނަ ނަމްބަރެއް ނޫން! މަޖުދާ އިސް އުފުލައިލި އެވެ. އޭރުވެސް ފަޒީލާ އިނީ ކަޅި ޖަހައި ނުލާ ހަމްދޫނަށް ބަލަހައްޓައިގެންނެވެ.
"އޭ ވަރެއް ވެއްޖެތާ...!"
"އާނ، ތިބުނީ ހަމަ ތެދެއް. އެއީ ވަރަށް ރީތި މީހެއް. ވަރެއް ވެއްޖެ މަށަށް،"
"ފަޒީ، އިޝްގުގައި ޖެހިފައި އިންދާ އެއޮށް ދަނީ،" ސިއްރުން ހަމްދޫނަށް ބަލާލާފައި މަޖުދާ ފަޒީލާއާ ދިމާއަށް ބުންޏެވެ. އޭރު ހަމްދޫނު ނުކުމެގެން ދަނީ އެވެ. 
އަދި ދާނީ ވެސް އަހަރެމެން ގެއަށް! މަޖުދާ ހިތުން ކިޔައިލި އެވެ. ފަޒީއަށް ބަލާލާފައި މާލާމާތަށް ހީނލިއެވެ. 
ފަޒީ ގެއަށް ލާފައި މަޖުދާ އަށް ގެއަށް އާދެވުނު އިރު ހުރީ ވަރުބަލިވެފަ އެވެ. އެކަމަކު އެއް ކަމެއް ރަނގަޅެވެ. ހިތުގައި ކުރިން އޮތް ފޫހިކަން ދުރަށް އެއްލައިލެވިއްޖެ އެވެ. އެހެންވެ ބޮޑަށް ތާޒާ ވެލުމަށްޓަކައި ވަނީ ފާހާނާ އަށެވެ. ހުއްޓުން އެރި އެވެ. ގުޅިފައިވާ އަނެއް ފާހާނާގެ މާގަނޑުން އިވެނީ ފެންތިކި ވެއްޓޭ އަޑެވެ. އަދި މަޑުން އިވެން ފެށީ ލަވައެކެވެ

ހަމްދޫނުގެ އަޑު! އެ އަޑު ވެސް އެ ސޫރަ ވެސް ހާދަ ރީއްޗޭ! މަޖުދާ އަށް ލޯ މަރައިލެވުނެވެ. އިހުތިޔާރާ ނުލައި ފަހަތުން ލަވައިގެ އަނެއް ބައި ކިޔައިލެވުނެވެ.
ލަވަ ހުއްޓުނެވެ. ބޯ ފާރު ފޫދުއްވާލާފައި މެސެޖުތަކެއް ހިތާހިތާ ގުޅެން ފެށި އެވެ. ދެ ފަރާތުގެ ފެން މާގަނޑު ފައިބައިގެންދާ ފިނިފިނި ފެން ތިކިތަކާ އެކު އެވެ.
ފާހާނާގެ ތެރޭގައި މަޖުދާ އަށް އިހުސާސް ވަމުން ދިޔައީ މިގޮތަށެވެ: ބަސް މޮށުމެއް ނެތެވެ. އެކަމު ދެ ހިތް ދިޔައީ ކައިރިވަމުންނެވެ. ގުޅެމުންމެވެ. ފުރިހަމަ މާނައިގައި ލޯބި އިސް އުފުލާލައިފިއްޔާ ކިތަންމެ އުސް ފާރެއް ވެސް ވާނީ ގިރާކުރެވޭ ތިރި އޮޅިގަނޑަކަށެވެ.

ފެންވަރާ ނިމުމުން މަޖުދާ ގައިގައި ތުވާލި އޮޅައިލި އެވެ. ހިނގައިގަތެވެ. މާގަނޑުން ފެން ތިކި ވެއްޓޭ އަޑު އިވުނެވެ. ހީވި އެވެ. ދުރުގައި އޮތް ހިތެއް ކައިރިވެ އޭނާގެ ހަށިގަނޑުގައިވާ ހިތާ ގުޅެމުން ދަނީ އެވެ. މަޖުދާއަށް ލޯ ހުޅުވައިލެވީ ކުއްލިއަކަށެވެ. ކަފުނެއްހެން ގާގައި އޮޅައިލެވިފައިވާ ތުވާލި ދޫވެގެން ފައިތިލަ މަޗަށް ވެއްޓުމުންނެވެ. މަޖުދާ އަށް ހުރެވުނީ އުފާވެ އެވެ. 

ކޮޓަރިއަށް ވަދެ ތުނި ރަތް ހެދުން ނަގައި މޭމަތިން ޖައްސައިލި އެވެ. ތުވާލި ދޫކޮށްލާފައި ދުވެފައި ގޮސް އައި ހޯލުން ސިޓިން ރޫމްތެރެ ބަލައިލި އެވެ. ހަމަ ހަގީގަތުގައި ވެސް ގުޅުމެއް އުފެދިއްޖެ އެވެ. ސަލީމާއެކު އެނިވާސަރީ ފާހަގަ ނުކުރެވުނަސް ކުރިން ނުވާ ކަހަލަ އާ ކަމެއްގެ މަޖުދާގެ ކަލަންޑަރު ފެށިއްޖެ އެވެ. ބަސް މޮށުމަކާ ނުލަ އެވެ. 

ނޯޓް: މިއީ އަޅުގަނޑުގެ ކުރުވާހަކަ ފޮތް "ރިޔާ"ގައި ހިމެނޭ ވާހަކަ އެކެވެ.

ކޮމެންޓް 0