2

ދިރިއުޅުމަކީ ވަރަށް ބޮޑު އިމްތިޙާނެއްކަން ދައްނަނީ ވަރަށް މަދުބައެކެވެ. މި އިމްތިޙާނުން ފާސްވަނީވެސް ވަރަށް މަދު ބަޔަކު ކަން އެއީ ހަޤީގަތެވެ. އާއިލީ ގުޅުން ދެމެހެއްޓުމާ އެކުވެރިކަމާ އެކަކު އަނެކަކަށް އަޅާލާ، އެހީވުމަކީ ދިރިއުޅުމުގެ މާޙައުލުގައި ވަރަށް ރީތި އަޚުލާގީ ސިފައެއްކަން ދަނެގެން ކުރިޔަށް ދާނަމަ އެ ދިރިއުޅުމެއް ރޫޅުމަކީ ނުވަތަ ރޫޅާލުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެން ނަމަވެސް ސީމާގެ ދިރިއުޅުމުގެ ޙަޔާތް ވަރަށް ތަފާތެވެ. ސީމާ އަކީ އެއްބަނޑު ތިމާގެ ކަމުގެ ގުޅުން ދަމަހައްޓަން ނުދައްނަ ދަރިންނަށް އަޅާލުން ކުޑަ މީހެކެވެ. އެކަނި ވެރި މައެއްވެސް މެއެވެ. ފިރިމީހާގެ އަޅާލުން ނުލިބި ވަރިކޮއްފައި ދިޔަފަހުން އެ ދެމަފިރިންގެ ދެ ދަރިން މަތިންވެސް ސީމާ ވަނީ ފޫހިވެފައިއެވެ. ޒުވާބުކުރުމާއި އެކަކު އަނެކަކު ދެކެ ރުޅިއައުން އެއީ ކޮންމެ ގުޅުމެއްގައި ވެސް އޮންނަ ކަމެކެވެ. ނަމަވެސް މިފަދަ ދަނޑިވަޅުތަކުގަވެސް ސީމާ މައްސަލަ ހައްލުކުރަން ބޭނުންނުވާތީ އަބަދުވެސް ފިރިމީހަގެ ބޮލައްއަރާ ޒުވާބުކޮއް ހަދައެވެ. މިއީ އެންމެ ރަނގަޅު ގޮތް ނޫން ކަމުގައި ވިޔަސް ގިނަ ދުވަސް ވީވަރަކަށް ސީމާގެ ގުޅުމުގައި އިތުރު މައްސަލަތައް ޖެހި މައްސަލަ ހައްލު ނުކުރެވި ގެން ސިމާގެ ދެމަފިރިން ވަކިވާން ޖެހުނެވެ. މި ކަމުގެ ރުޅި ބާލަނީ ދެ ކުދިންނަށެވެ. ނުވިތާކަށް ދެ ކުދިންގެ ބައްޕަ އަށް އިންތިހާއަށް ނަފުރަތު ކޮށް އަދި ދެ ދަރިންގެ ކުރިމަތީ ބައްޕަގެ އަގުވައްޓޭފަދަ ގޮތްގޮތަށް ވާހަކަ ދައްކާ ބައްޕަ އަށް މަލާމަތްކޮށް ހަދަމުން ދިއުމަކީ ކޮއްމެމީހަކު ކުރިކަމުގައި ވިޔަސް ވަރަށް ދެރަކަމެކެވެ.

އެއްދުވަހެއްގެ މެންދުރެއްގެ ވަގުތެއްގައި ސީމާ ހަމަޖެހިލައިގެން މާޒީގެ ހިތި ޞަފްޙާތަކަށް ގެނބިފައި އިންދައި އެއްމެ ކުޑަ ދަރިފުޅު ނާފިޒް ސްކޫލް ނިއްމާފައި ގެއަށް ވަނެވެ. ނާފިޒް އަކީ އުމުރުން 11 އަހަރުގެ ކުޑަ ކުއްޖެކެވެ. ނާފިޒް ވަރުބަލިކަމާއި އެކު މަންމައަށް ގޮވާލިއެވެ. އަދި ނާފިޒްގެ ދިވެހި ލިޔާފޮތް ހަލާކުވެފައިވާތީ މާދަމާ ކުލާހަށް ދާއިރު ލިޔާ ފޮތެއް ގެންދިއުމަށް ސަރ ބުނުއްވި ވާހަކަ މަންމަ ކައިރި ބުނެލިއެވެ. ސީމާ ޖަވާބު ދިނީ ވަރަށް ރުންކުރު ގޮތަކަށެވެ. ދަރިންގެ މިފަދަ ކަންކަމުގައި ސީމާގެ އަޅާލުން އެއްގޮތަކަށްވެސް ނުލިބޭނެއެވެ. އަދި އަޅާލެވުނު ދުވަހެއް ޚުދު ސީމާވެސް ހަނދާން ހުންނާނެ ހެނެއް ހިޔެއްނުވެއެވެ. ސީމާ ބުނެލި " މަ ކޮންތާކުންތަ އެވަރަށް ރުފިޔާ ހޯދަނީ؟ ކަލޭމެންގެ ބައްޕަ އެއްމެ ލޯ ލާރި ފޮއްޗެއް ދިއްކޮއްނުލާ، ނުވިތާކަށް ލާނެ އަންނައުނު ގަޑެއް ނުދޭތާގައި، ހާލުބަލާލަން އެންމެ ފަހަރަކުވެސް ގުޅާލިތޯ މަށާ ސުވާލު ކޮއްލަބަލަ ؟ ސަރ ގާތު ބުނޭ ނެތޭ އިތުރު ފޮތެއް ގަނެވޭކަށް"

 

ސީމާގެ ރުޅިވެރި ބަސްތަކުން ނާފިޒް މާޔޫސް ކޮއްލިއެވެ. އިތުރު ސުވާލެއް ނުކޮށް މަންމަ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން އިސްޖެހިގޮތަށްހުރެ ކުޑަ ކުޑަ ނާފިޒް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އެފަކީރު ވިސްނާނެވަރާ އެފަދަ ގޮތަކަށް މަޔަކު ދަރިޔަކާއި މުޚާތަބު ކުރުމުން ހިތަށްކުރާނެ އަސަރު ނިކަން ވިސްނާ ލައްވާށެވެ. އެ ވަގުތަކީ ސީމާގެ ދޮށީ ދަރި ގެއަށް ވަން ވަގުތު ކަމަށް ވާތީ ވެގެން އުޅޭގޮތް މަންމަ ކުރެން އަހާލިއެވެ. ނާހިދު އަކީ ސީމާގެ ދޮށީ ދަރިފުޅެވެ. ނާހިދު ބުނެލިއެވެ. "މިއަދުވެސް ޒުވާބު ކޮށް ހަޅޭއްލަވައި ދުވަހަކީތަ؟ މަށައް އެނގޭ ކޮއްކޮއާ ދިމާލަށް ނޫން އިތުރު މީހަކާ ދިމާލަށް މަންމަ ހަޅޭއް ނުލަވާނެ ކަން" ނާހިދު ވަރަށް ޔަޤީން ކަމާއި އެކު ބުނެލިއެވެ. ސީމާގެ ރުޅިވެރިކަން ވީ އިތުރެވެ. "މަމީ ކަލޭގެ މަންމައޭ! ލަދު ނުގައްނަ ތާގައި އަގަލެއް ކުލުނެއްވެސް ނެތީތަ؟ ހަމަ ބަފާގެ އުޅުން ތިހިރީ ކަލޭ މެނަށް ލިބިފައި" އެވަގުތު ނާހިދު ވަރަށް ދެރަވެލާފައި މަންމަ އާއި ސުވާލު ކުރިއެވެ. "މަންމާ! ކޮބާތަ އަހަރެމެންގެ މައްސަލަ އަކީ! ބައްޕަ ކައިރީގަ ނެތަސް ބައްޕަ އާ ދިމާލަށް އެއްޗިހި ކިއުން ނޫން ކަމެއް ނުކުރަމެއްނު. ބައްޕަގެ އަޅާލުން ނުލިބުނަސް ﷲ ގެ ރަޙުމަތް ފުޅުން އަހަރެމެންގެ ގޮތެއް ހުހެއް ނުވާނެ މަންމާ! ކޮއްކޮ އަކީ އަދި ކުޑަ ކުއްޖެއް، ކިޔަވާ ކުއްޖެއް، މަންމަގެ ތިޔަ ހަޅޭ ކަށް އޭނައަށް ކެތް ކުރެވޭނެތަ ؟ އާދޭސް ކޮއްފައި ބުނަން. ބައްޕަ މަންމަ ދޫކޮއްލާފަ ދިއުން އެއީ ދަރިން ދެކެ ރުޅިއައްނަން ޖެހޭ ސަބަބެއް ނޫނޭ މަންމާ، މަންމަ އަހަރެމެންދެކެ ލޯބި ނުވަނީއާ ބައްޕަ ދިޔަ ހެން" .. ދެރަވެފައި ހުރިވަރުން ނާހިދުގެ ބަސްކޮޅު ކުރުކޮއްލިއެވެ.

 

ނާހިދު މަންމަ އަށް ވިސްނައި ދެވޭތޯ ވަރަށް މަސައްކަތް ކުރަމުން ދިޔައެވެ. އެއްމެ ފަހުން ކެތް ނުކުރެވިގެން ނާޙިދުއަށް ވެސް ރޮވިއްޖެއެވެ. މަންމަ އާއި ބައްޕަގެ އަޅާލުން ނުލިބި އަދި ބައްޕަ މަންމަ ދޫކޮއްލާފައި ދިޔަފަހުން ބައްޕަގެ ޚަބަރެއްވެސް ނުވެއެވެ. އެކަމުގެ ހިތާމަ ނާހިދު އަބަދުވެސް ކުރަމުންދިޔައެވެ. ދެމަފިރިން ދުރުވާން ޖެހުމުން ދަރިންނަށް ކުރާނެ އަސަރު މައިންބަފައިންނަށް ނޭންގެނީ ކީއްވެބާއޭ މީ ނާހިދު އަބަދުވެސް ރައްޓެހިންނާ ކުރާ ސުވާލެކެވެ. ނާޙިދު ކޮޓަރިއަށް ވަދެ ކޮއްކޮ ގައިގައި ބައްދާލިއެވެ. އަދި ކޮއްކޮ އަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. "ކޮއްކޯ! ކެތް ކުރޭ! މީ ބޭބެމެންނަށް މިންވަރު ކުރެއްވި ގޮތް!! ދެރަވެ މާޔޫސް ވާނެ ކަމެއް ނެތް . ބޭބެވެސް މިހުރީނު. ކޮއްކޮ އަށް ރަނގަޅު މުސްތަޤްބަލެއް ހޯދައި ދިނުން އެއީ ބޭބެގެ އުއްމީދު. ބޭބެއަށް އެނގޭ ވަރަށް ރަނގަޅަށް މަންމަގެގޮތް. އަޅާ ނުލާ ކޮއްކޯ!"ކުޑަ ކުޑަ ނާފިޒް ދެރަވެލާފައި ޖަވާބު ދޭން ނޭނގޭ އެތަށް ސުވާލުތަކެއް ނާހިދުއަށް ކުރިމަތި ކުރުވިއެވެ. "ބޭބޭ! މަންމަ އަބަދު ހަޅޭއްލަވަނީ ކީއްވެ؟ ދުވަހަކުވެސް އަޅުގަނޑުގެ ބޮލުގައި ލޯބިން ފިރުމާ ހަދާލިތަ ؟ ދުވަހަކުވެސް އަޅުގަނޑުގެ ހައިކަން ފިލަންދެން ބަދިގޭގަ މަޑުކޮއްލާތަ ؟ ދުވަހަކުވެސް އަޅުގަނޑަށް ނިދެންދެން ނާނާ ކިޔާދޭތަ ؟ އަޅުގަނޑާ ރީތިކޮށް ވާހަކަ ދައްކާލާ ގޮވާލާ ހީލާ ހަދާލިތަ ؟ މިއަދުވެސް އަޅުގަނޑު ދިވެހި ފޮތް ހަލާކުވެފައި އޮތް ވާހަކަ ބުނެގެން އަޅުގަނޑާ ދިމާލަށް ހަޅޭއްލަވަން ފެށީ." މީ ނާފިޒުގެ ހިތުގައި އުފެދެމުންދާ ޝަކުވާތަކެވެ. ނާހިދު ހިނިތުން ވެލާފައި ކޮއްކޮ އަށް ވިސްނަދެމުން ބޭބެ މިހުރީ އަބަދުވެސް ކޮއްކޮއާއި އެކު ކަމުގައި ބުނަމުން ދިޔައެވެ.

 

އިރުކޮޅެއް ފަހުން ސީމާ އެކޮޓަރިއަށް ވަނެވެ. އޭރުވެސް ސީމާގެ މޫނުމަތިން ރުޅިވެރިކަމުގެ އަސަރު ވަރަށް ބޮޑަށް ފެންނަން ހުއްޓެވެ. ކިތައްމެ ކުޑަ ކަމެއް ދިމާވިނަމަވެސް ސީމާގެ ރުޅިވެރިކަން ކޮންޓްރޯލު ނުކުރެވޭވަރަށް މަތިވެގެން ދެއެވެ. ސީމާ ރުޅިވެރިކަމާއި އެކު ނާހިދު އަށް ގޮވާލިއެވެ."ނާހިދު! އަހަރެން ވަރަށް ރަނގަޅަށް ވިސްނައިފިން. ކަލޭމެނަށް ޚަރަދު ކޮށް ކާންދޭނެ ލާރިއެއް މަގޭ އަތަކު ނެތް. ވަރަށް ރަނގަޅު މާދަމާ އިރު އެރުމުގެ ކުރިން ތި ކޮޓަރި ހުސްކޮއްލައި ދިނިއްޔާ. މަށަކަށް ނެތް ކަލޭމެން ބަލާނެ ހިތްވަރެއް." ނާހިދު ދެރަވެލާފއި ޖަވާބުދިނެވެ. "މައްސަލައެއްނެތް މަންމާ! އިރާދަ ކުރެއްވިޔާ މި ދަރިންގެ އުނދަގޫ މަންމަ ކިބައިން ފިލާނެ. ތިޔަ އެދުނު ގޮތަށް މާދަމާ އަހަރެން ކޮއްކޮ ގޮވައިގެން ދާނީ ވަރަށް ހިތްހަމަ ޖެހިގެން. މަންމަގެ ތިޔަ ހިތުގައި އަހަރެމެންގެ މައްޗަށް ދަރި ކުލުނު ނެތަސް އަދި ކުޑަވެސް ލޯތްބެއް ނެތަސް މަންމަ އަށް ކުޑަވެސް ގެއްލުމެއް ނިކަމެތި ކަމެއް ލިބޭކަށް އަހަރެން ނޭދޭނަން." ސީމާގެ ޖަވާބު ވަރަށް ފޫހިކަމާއި އެކު ފޮނުވާލިއެވެ. "ބޭކާރު ވާހަކަ އަޑު އަހާނެ ވަގުތެއް މަށަކަށް ނެތް. މަށަށް ހެޔޮ ކަލޭމެން ކޮންމެ ތާކަށް ވަނަސް. ކަލޭމެންގެ ފަރާތުން މަށަށް ކޮއްދޭނެ އަދި ކޮއްދެވޭނެ ކަމެއްވެސް ނޯއްނާނެ. އަދި ކަލޭމެންގެ ބަފާ ގާތަށް ދިޔަޔަސް ދަރިންކޮޅު ބަލައޭ ކިޔާފަ ނުދާނެ ކަމުގައި ސީމާގެ ރުންކުރު ހަރު އަޑުން ބުނެލިއެވެ. ސީމާ އެ ފޮނުވާލި ވިހަގަދަ ތީރު ވެގެންދިޔައީ ނާހިދުގެ ހިތުގައި ޖެހުނު ސިއްކައެއްގެ ގޮތުގައެވެ.

ދެދަރިން ނެރެ އެއްލާލުމަށްފަހު ޖެހިގެން އައި ދުވަހު ސީމާ ނާހިދު ގެ ކޮޓަރި ކުއްޔަށް ދޫކޮއްލިއެވެ. ދަރިންގެ ހާލު ބަލާނުލާ ތާގަ ސީމާ ދަރިންމަތިން ހަނދާވެސް ނުވެއެވެ. ދަރިން ނަކީ މާތް ﷲ މައިންބަފައިންނާ ޙަވާލުކުރައްވާފައިވާ އަމާނާތެއް ކަމެއް އެއްމެ ފަހަރަކުވެސް ސީމާގެ ހަނދާނަކަށް ނާދެއެވެ. ﷲ ގެ ކޯފާއަކަށް ބިރެއްނެތި ސީމާ އުފަލާ މަޖަލާއެކު ސަކަރާތުގައި ކޮފީމޭޒުތަކުގައި ވަގުތު ގުނަމުން ދިޔައެވެ. ﷲ ހަރާމް ކުރައްވާފައިވާ ފާހިޝް ޢަމަލުތަށް ހިންގަމުން ދުނިޔޭގެ އަރާމާއި އުފަލުގަ ސީމާ ވަގުތު ހޭދަކުރަމުން ދިޔައެވެ. މިހެން ދުވަސް ތަށް ހޭދަ ކުރަމުން ދަނިކޮށް ވަރަށް ވަރުގަދަ ނުރައްކަލާ ސީމާ އަށް ކުރިމަތި ލާން ޖެހިއްޖެއެވެ. އެއް ދުވަހަކު ކުޑަކުޑަ ނާފިޒްއަށް ފެނުނު ހުވަފެނެތް ބޭބެ އަށްކިޔާލަދިނެވެ.

"ބޭބޭ! އަޅުގަނޑަށް ރޭގައި ހުވަފެނެއް ފެނިއްޖެ! ފެންނަނީ މަންމަ ވަރަށް ބޮޑަށް ބަލިވެ ނުތެދުވެވިފައި އޮއްވައި. އަޅުގަނޑު ގައިގައި ވަރަށް ބައްދަ ބައްދާފައި ރޮއެ ހެދި. މަންމަ އަށް މާފު ކުރާށޭ، މަންމަ ސަލާމަތް ކޮއްދޭށޭ ގޮވަމުން ދިޔަ. ބޭބެ އަޅެ މަންމަ ހާލު ބަލާލަން މަންމަގެ ގެއަށް ގޮސްލަދެވިދާނެތަ؟" ނާހިދު އާއި ނާފިޒްއާ ދެބެންގެ ވާހަކަ ނުނިމި އުޅެނިކޮށް ގޭގެ ދޮރުގައި މީހަކު ޓަކި ދިން ތަނުން ހުޅުވާލި އިރު ދޮރުމަތީގައި ހުރީ އަނީސާއްތައެވެ. ނާހިދުމެން ގެއިން ނެރެލި ހިސާބުން ފެށިގެން އަނީސާއަތަގެ އެހީތެރިކަން އެ ދެކުދިންނަށް ވަރަށްބޮޑަށް ލިބެއެވެ. އަނީސައްތަ އަކީ މަންމަ އާއި ރަހުމެއްތެރި ހިސާބުގަނޑުގެ އަވައްޓެރިއެކެވެ. އަނީސާއަތަ ހުރީ ވަރަށް ހާސްވެ ކަންބޮޑުވެފައެވެ. ތުރުތުރު ލަމުން އަނީސާއްތަ ދިނީ މަންމަ އަށް ކެންސަރު ޖެހި ހޮސްޕިޓަލުގައި އެޑްކޮއްފައިވާ ގަބޫލުކުރަން އުނދަގޫ ޚަބަރެކެވެ. ވަގުތުން ނާހިދު ދުއްވައިގަތެވެ. މަންމަގެ އަޅާލުން ނުލިބި އެކަނި މާއެކަނި 4 އަހަރު ކޮއްކޮ ގޮވައިގެން އެތަށް ގޮންޖެހުން ތަކަކާ ކުރިމަތި ލަމުން ދިޔަ ނާހިދުގެ ހިތުގައި މަންމަ އަށް ވަނީ މަތިވެރި މަޤާމެއް ދީފައެވެ. ވަރަށް މަސައްކަތުން ހޮސްޕިޓަލުން މަންމަ އާއި ބައްދަލު ވެއްޖެއެވެ. ނޭފަތުގައި މާސްކެތް އަޅާފައި އޮތް މަންމަ ފެނިފައި ނާހިދު ލޮލުން ކަރުނަ ފޫދާލިއެވެ. މަންމަގެ ފައިގައި ދެއަތުންހިފާ ގަޔާލާ ބައްދާލިއެވެ. މަންމާ އޭ ކިޔާ ރޯން ފެށިއެވެ. އިރުކޮޅެއް ވީ ފަހުން ޑަކްޓަރ އެތަނަށް ދުރުވެއްޖެއެވެ. އަދި ކުރިއަށް އޮތް 3 ގަޑިއިރު ތެރޭގައި އޮޕަރޭޝަން ނުކުރެވިއްޖެ ނަމަ މަންމަގެ ފުރާނަ ވަރަށް ނުރައްކާވާނެ ކަމާއި އޮފަރޭޝަން ރޫމަށް ވެއްދުމުގެ މަރުހަލާގައި މަސައްކަތް ކުރަމުން ދާކަމުގައި ޑަކްޓަރ ބުނުމުން ނާހިދުގެ ހިތް ފަޅައިގެން ދިޔަ ކަހަލައެވެ.

ލިބުނު އަޑު އަހަން އުނދަގޫވި ބަސްތަކުން ނާހިދު ވަރަށް ދެރަވެ މާޔޫސް ވިއެވެ. ދިރިއުޅުމުގެ ވަކި ހިސާބަކުން މަންމަގެ އަޅާލުމާއި އޯގާތެރިކަންވެސް ގެއްލި ބައްޕަގެ އެއްވެސް އެހީތެރިކަމަކާއި ނުލާ މިވަރު ކުރި މަންމަގެ މަތިން ދުވަހަކުވެސް ހަނދާނުން ނުފިލައެވެ. މަންމަ އޮޕަރޭޝަން ރޫމަށް ވެއްދި ހިސާބުން ނާހިދު މަންމަގެ ބައްޔަށް އަވަސް ޝިފާއެއް ދެއްވުމަށް ކެނޑި ނޭޅި ﷲ އަށް ދުޢާ ދަންނަވަމުން ދިޔައެވެ. 2 ގަޑި އިރުގެ އޮޕަރޭޝަނަކަށް ފަހު ޑަކްޓަރ ރޫމުން ނުކުތުމާއި އެކު ނާހިދު އަވަސް އަވަހަށް ޑަކްޓަރާއި ބައްދަލުކުރިއެވެ. "އަލްޙަމްދު ލިއްލާހި. އޮޕަރޭޝަން ވަރަށް ކާމިޔާބު"، އެކަމަކު ފުރަތަމަ 2 ހަފްތާގައި މަންމަ އަށް ލޯތްބާ އަޅާލުން ވަރަށް މުހިންމުވާނެއެވެ. މަންމަ ހިތުގައި ނުޖައްސައި މަންމައަށް އަޑުލާ ނުހެދުމަށް ޑަކްޓަރ ލަފާދިނެވެ. ﷲގެ ރަޙުމަތްފުޅުން ނާހިދުގެ ދުޢާ އިޖާބަ ކޮސްދެއްވިއެވެ. މަންމަގެ ބަލިން މިންޖުވެ ކުރިންހުރިވަރަށް އެނބުރި ރުޖޫޢަވުމަށް ގާތްގަނޑަކަށް 6 މަސް ދުވަސް ހޭދަވެގެން ދިޔައެވެ. މިހިސާބުން ސީމާގެ ހަޔާތުގެ ޞޮފުހާތަކުން ގަނޑެއް ނާހިދުއާއި ހިއްސާކުރިއެވެ.

ދަރިފުޅާއެވެ. މަންމަ އަށް މައާފްކުރާނެ ކަމައް އުއްމީދުކުރަމެވެ. ތި ދެކުދިންނަކީ މަންމަގެ ދެލޮލުގެ ނޫރު ކަމުގައި އަބަދުވެސް ދެކުނީމެވެ. މަންމަގެ މި ނިކަމެތި ހިތުގެ ތެޅުން ކަމުގައި ބެލީމެވެ. ތި ދެކުދިންނަކީ މި ހަޔާތުގެ މީރު ކާނާ ކަމުގައި ހެދީމެވެ. ދަރިފުޅުމެން މި ދުނިޔެއަށް ނޭވާލި ވަގުތުން ފެށިގެން މަންމަގެ މުޅި ހަޔާތް ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާފަދަ އުފާވެރި ގޮތަކަށެވެ. މަންމަގެ ޔަހާތުގައި ދިމާވި ކެއްކުރަންދަތި ހާދިސާތަކަށް ކެތްތެރިކަމާއި އެކު ކުރިމަތިލީ ހަމަ ދަރިފުޅުމެންގެ މުސްތަޤްބަލައްޓަކައެވެ. އޭރު މަންމަ ދަރިފުޅުގެ ކޮއްކޮއަށް ވަނީ ބަލިވެއެވެ. މަންމަ އަކީ ފުރާފުރިހަމަ އުމުރަށް އެޅުމާ ހަމައަށްވެސް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތި ލާފައިވާ މީހަކަށް ވާތީ ދިރިއުޅުމުގައި ރުންކުރު ރުޅިގަދަ ގޮތެއް ގެންގުޅެވެނީ ކަމުގައި ވެދާނެއެވެ. ދަރިފުޅުމެނާދޭތެރޭ އިހުމާލުވެވުނު ސަބަބަކީވެސް މިއެވެ. މަންމަ އަކީ ނަފްސާނީ ބައްޔަށް ބޭސް ކުރަމުން ދިޔަ ނިކަމެތި ކަނބަލަކީމުއެވެ. އެހެން ނަމަވެސް މަންމަގެ ނަފްސާނީ މައްސަލަ ހުންނަކަމަށް ގަބޫލުނުކޮށް އެކަމުގެ ހައްލެއްކަމުގައި ދަރިފުޅުމެންގެ ބައްޕަ ދެކުނީ ދެމީހުން ވަކިވުންކަމުގައެވެ. ބައްޕަ އާއި މަންމަ ކައިވެނި ކުރީވެސް މި މަންމަގެ ހިތި ހަނދާން މާޒީގެ ތެރެއިން މަންމަ އަނދާ ހުލިކޮއްލި ވާހަކަތަށް ޙިއްސާ ކުރުމަށް ފަހުގައެވެ. ދަރިފުޅު ލިބި ކޮއްކޮ އަށް މަންމަ ބަލިވެ އިން ހިސާބުން ބައްޕަ އަށް ބަދަލުތަކެއް އައިސް އަބަދުވެސް ކުއް ދައްކާ މަންމަ އަށް މަލާމަތް ކުރާ މީހަކަށް ބައްޕަ ވެގެން ދިޔައެވެ. އެކަމުވެސް މަންމަ ދެކުނީ ބައްޕަ އަކީ އަބަދުވެސް މަންމަ ސަލާމަތްކޮއް މަންމައަށް މަގުދައްކާ މީހެއްގެ ގޮތުގައެވެ.

ދަރިފުޅާއެވެ. މަންމަ އަކީ ކުޑައިރުއްސުރެ ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހެކެވެ. ނަފްސާނީ ބަލީގެ އަޅަކަށް ވެގެން ދިޔަ ސަބަބަކީ މިއެވެ. މަންމަގެ ހަނދާން ބަލި ނޫންކަމުގައި ވާނަމަ އެންމެ ޅަފަތުގައި މަންމަގެ މުޅި ހަށިގަނޑު ވަނީ ބަޔަކު ވަކިއަޅާ ކޮށާ ކާލާފައެވެ. މުޅި ހަށިގަނޑުން އަދިވެސް އެ ދިލަތަކާއި ތަދުތަށް ނުފިލައެވެ. ސީމާގެ ޙަޔާތުގެ މި ވާހަކަތަކުން ނާހިދު އިންތަނަށް ގަޑުވެގެންދިޔައެވެ. ސުބުޙާނައްﷲ މަންމަގެ އެ އަސަރުގަދަ ވާހަކަތަކުން ނާހިދު އިތުރަށް އެ ޞަފްޙާތަށް އުކާކަށް ބޭނުމެއް ނުވިއެވެ. އެކަންކަން އެއްފަރާތްކޮއް މަންމަ އަށް ފޮނި ދުވަސްތަކެއް ހޯދައިދިނުމަށް ނާހިދު ބޭނުންވިއެވެ. ނާހިދު މަންމައަށް ހިތްވަރު ދެމުން ދިޔައީ މާޒީއާއި އެކު ދިރިއުޅެން ޖެހުމަކީ ވޭނަކަށްވެދާނެކަމާއި މާޒީހަނދާން ނައްތާލާފައި ކުރިޔަށް ދިއުމަށެވެ. އާއިލާއަކީ ފޮނި މޭވާ އެއްކަމާއި ހަޔާތުގެ ވަރަށް ބޮޑު ނިއުމަތެއްކަމެވެ. ނަމަވެސް ނާހިދުގެ ހިތްވަނީ ސުވާލުތަކުންފުރިފައެވެ. ޖަވާބު ބޭނުންވާ އެތަށް ސުވާލުތަކެއްހުރިނަމަވެސް މަންމަގެ އެ ހާލާ ދޭތެރޭވިސްނާ މަންމަ ދެރަވެ ހިތުގައި ޖެހޭނެތީވެ އިތުރަށްހޯދާ ގަނޑު އުކުމުގެ ހިތްވަރެއް ނާހިދުގެ ނެތެވެ. މަންމަގެ ލޯބިން މަހުރޫމުވި ދެކުދިންނަށް މަންމަގެ ފަރާތުން ދަރިކުލުނު ޖެހި މައިދަރިވަންތަ އުފާވެރި ދިރިއުޅުމަކަށް ސީމާއަށް އާދެވުނީ ދަރިފުޅު ނާހިދުގެ މިންނަތް މަސައްކަތުގެ ސަބަބުންނެވެ.

ކޮމެންޓް 0