5

ޔުނިވަރސިޓީގައި މޫލައި ބާރުގަދަވެފައިވާ އެއް ގުރޫޕަކީ ކުނަމެހި ބައިގަނޑުގަނޑަށް މަގުމަތީ އެނބުރެމުންދާ، އުނަގަނޑުގައި އެބައިމީހުންލައި އުޅޭ މަގޫދަނޑި ފަދަ ފަޓުލޫނުތައް ހަރުނުލާ، ހިނގާއިރު ކާލިއަޅާ ގުރޫޕް ތަކާ ވަރަށް ތަފާތު ގުރޫޕެކެވެ. ރެއަކާއި ދުވާލު ފަސްފަހަރު ނުވަތަ އެއަށްވުރެވެސް ގިނައިން ވުޟޫކުރަންޖެހުމުގެ ސަބަބުން އެމީހުންގެ މޫނުތަކުންވަނީ ތެޔޮކަން ފިލާފައެވެ. އެމީހުންގެ މޫނުމަތީގައި ބޯކޮށްފަޅާފައިވާ އިސްތަށިތައް އެކަނިވެސް އެބައިމީހުންގެ ޝަޙްސިއްޔަތައް ފުރިހަމަކަން ގެނެސްދެއެވެ.

މިގުރޫޕްގެ އެންމެއިސް މީހާގެ ގޮތުގައިބެލެވޭ ސަމަރުއަކީ ނީލާގެ މުޅިއާއިލާގެ އިތުބާރު ލިބިފައިވާ ނީލާގެ ރަށްކަމަށްވާ ނ.މިލަދޫގެ ހަރުދަނާ ޒުވާނެކެވެ. ސަމަރުގެ އަންހެންކޮށްކޮގެ ޙަޔާތުގެ ބައިވެރިއަކަށް އިތުބާރުހިފޭ ފިރިޔަކު ހޯދައި ދިނުމަށް އެހީތެރިވެދިނީ ސަމަރުގެ އެކުވެރި އަމަންއެވެ. އަމަންއަކީ ސަމަރުމެންގެ ގުރޫޕްގައިވާ މަތީ ތަޢުލީމް ހާސިލްކުރަމުންދާ ށ.ބިލެއްފައްސަށް އުފަން ޒުވާނެކެވެ. އަމަންގެ މި ހެޔޮކަމުގެ ބަދަލެއްގެ ގޮތުން އަމަން އެދިފައިވާގޮތައް އިތްފަތްތެރިކަމާއި ދީންވެރިކަމުގައި ނަމޫނާ އަންހެންކުއްޖަކު ސަމަރު އަމަންއަށް ދެއްކިއެވެ. ސަމަރު ދީފައިވާ ނަންބަރަށް އަމަން ގުޅުމުގެ ކުރިން ސަމަރުވަނީ ނީލާ އަށާއި އެއާއިލާއަށް އަމަންއާއި ބެހޭގޮތުން ކޮންމެވެސް ވަރަކަށް ސުރުޚީ އަޅާފައެވެ. އެހެންކަމުން އަމަންގެ ފުރަތަމަ ފޯނުކޯލުންވެސް ނީލާއަށް މާބޮޑު ޙައިރާން ކަމެއް ނުލިބުނެވެ. އަމަންވެސް މާދުރުން ފައްޓަން ގަސްތުކޮށްފައިނުވާތީ ކުރުތަޢާރަފަކަށްފަހު ހާމަކުރީ އޭނާގެ ހަޤީޤީ މަޤްޞަދެވެ. ކުރިމަތި ކުރީ ސީދާ ސުވާލެވެ. އަމަންގެ ކައިވެނީގެ މިހުށައެޅުން ނީލާރައްދުކުރީ އޭނާގެ ބައްޕައަށެވެ. ބައްޕަގެ ކޮންމެ ނިންމުމަކަށް އުފަލާއެކު މަރުޚަބާކިޔޭވަރަށް ބައްޕައަށް ނީލާ އިޙްތިރާމްކޮށް ލޯބިވެއެވެ. ހުށައެޅުމަކީ ސަމަރު މެދުވެރިކޮށް އައި ހުށައެޅުމަކަށްވީތީ އިތުރަށް ކުރާނެ ދިރާސާއެއް ބައްޕަގެ ނެތެވެ. ލޯމަރާލާފައި އަމަންއަށް އިތުބާރު ކުރިއެވެ.

ދީންވެރިވުމުގެ އިތުރުން ބުނާ ބަހުގެ ޙަރުދަނާކަން އެކަނިވެސް ނީލާއަށް ޙަޔާތުގެ ބައިވެރިއެއްގެ ގޮތުގައި އަމަން ބަލައިގަތުމަށް މިން ހެޔޮވަރެވެ. އޭގެ އިތުރުން ތަޢުލީމީ ގޮތުން އަމަން ހާޞިލް ކުރަމުންދާ މަޤާމް އޭނާގެ ފުރިހަމަކަމަށް އިތުރަށް ދަލީލުކުރެއެވެ. އަމަންގެ ހުށައެޅުން ނީލާގެ ހިތުގެ އަޑިން ޤަބޫލުކުރީ އަދި އޭނާގެ ތަނަވަސް މޭމައްޗާއި އަސަރުގަދަ ދެލޯފެނިފައި ނެތިއެވެ.

ސިއްރު ބައްދަލުވުންތަކާއި ލޯބީގެ ހަދިޔާ ބަދަލުކުރުމެއް އެ ގުޅުމުގައި ނުވެއެވެ. ތަފާތު ރީތި ހުވަފެންތައް ދެކެމުން ދެކުދިންގެ ޙަޔާތުގެ ޗާޓް ކުރަހަމުން ދިޔައީ ފޯނުއެއީ މެދުވެރިޔާ ކަމުގައި ބަލައިގެންނެވެ. އަމަންގެ ނަސޭހަތްތަކުން ނީލާގެ އަޤީދާވެސް ދިޔައީ އިތުރަށް ތަރައްޤީވަމުންނެވެ. ނަތީޖާއެއްގެ ގޮތުން ނީލާ އަޅަމުންއައި ކުލަކުލައިގެ ބުރުގާތައްވެސް ގާތްކުދިންނަށް ބަހާލީ ތިންމުށުގެ ކަޅުބުރުގާތަކަށް އަލަމާރިން ޖާގަހުސްކުރަންޖެހިގެންނެވެ. ވަނާތަކުން މިންނަގާ ދެއަރިންފެޅި ހެދުންތައް ބަދިގޭގެ އަތްދޯކަށް ހެދީ އިސްކޮޅާއެއްވަރު ގަޔަށްދޫ ހެދުންތައް ނީލާއަށް ހަމަ ކަމުގޮސްގެންނެވެ.

ރެއަކީ ނީލާއާއި އަމަންގެ އަލަތުކައިވެނީގެ އުފާވެރި މުނާސަބަތު ރެއެވެ. ނ. މިލަދޫ ގުލްޝަނީގެއަށް ވެރިވެފައިވަނީ އާދަޔާ ހިލާފް އުފާވެރި ހަލިއަވަސް ޙަރަކާތްތަކެކެވެ. އިސްރާފު ކުޑަ ދެއްކުންތެރިކަމެއްނެތް ކައިވެނީގެ ވަލީމާއަށް ގޭތެރެ ތައްޔާރުވެފައިވާއިރު އަމަންއާއެކު އައިސްފައިވާ އޭނާގެ އާއިލާގެ މެންބަރުންގެ ސަބަބުން ފަރިތަ އަޑުތަކާއި ނުފަރިތަ އަޑުތައް މަސްހުނިވެފައި ވެއެވެ. މިއުފާވެރި ކަމުގެ ތެރޭގައި ޖަހާލެވުނު ޒަވާޖުގެ ބާރުގަދަ ގޮށާއެކު ނީލާއާއި އަމަންގެ ދިރިއުޅުން ބަދަލުކުރެވުނީ ހުޅުމާލެއަށެވެ. އަމަން އަދިވެސް އިތުރަށް ކިޔަވަން ބޭނުންވާތީއާއި ނީލާއަށް ޓީޗިންގެ ދާއިރާއިން ކޯސްހަދައި ދިނުމަށެވެ.

ކައިވެންޏަށް ދެމަސްވުމާއި ގާތްވެފައި ވަނިކޮށް ނީލާއަށް މުޅިންތަފާތު އިހްސާސްތަކެއް ކުރެވެން ފެށުނެވެ. ބޯއެނބުރުމާއި ބައެއްތަކެތިން އެހެންޏާ ނުދުވާ ނުބައިވަސް ދުވައި ހޮޑުލަވަންފެށިއެވެ. މިކަންކަން ނީލާގެ ހިތުގައި ހަލަބޮލިކަން އުފައްދަމުން ދިޔައެވެ. ޤަބޫލުކުރަން ދަތިވިއަސް ނީލާއަށް ކުރިމަތިވަމުންދަނީ މާބަނޑުވުމުގެ ސިއްޙީ ޢަލާމާތާއިކަން ނީލާގެ ހަވަނަ ހިއްސު އޭނާއަށް ވިސްނައިދޭން މަސައްކަތްކުރަމުންދެއެވެ. ކައިވެނީގެ މިހާ ކުރީކޮޅު ކުއްޖަކު ހޯދުމަކީ ދެމީހުން އެއްބަސްވެ އެކުލަވާލެވުނު މަގުޗާޓުގައި ހިމެނިފައިވާ ކަމެއްނޫނެވެ. ކޯސްހަދަން ވަރަށް އަވަހަށް ނީލާ ކޮލެޖަށް ދާންފަށަން ޖެހޭނެއެވެ.

ނީލާ އޮތީ އަމަންގެ އިންތިޒާރުގައެވެ. ވާންވީ ދެރަކަމެއް ނުވަތަ އުފާކަމެއް ކަނޑައަޅަން ދަތިވެފައެވެ. ކޯހުގައި ކިޔަވަމުން ޕާޓްޓައިމް ވަޒީފާ އަދާކުރަމުން ދިއުމާއި ގުޅިގެން އަމަންއަށް ނީލާއާއި އެކު ހޭދަކުރެވެނީ މަދު ވަގުތު ކޮޅަކުއެވެ. ނީލާގެ ޝަކުވާއެއްނެތެވެ. އިންތިހާއަށް ދިރިއުޅުމުގެ އަގުބޮޑުވެފައިވާ މާލޭގައި އަނގަޔާއި އަތާ ދިމާވާނީ ހިންދަމާނުލާ ގިތްކިޔާފައި މަސައްކަތްކޮށްގެންކަން ޚުދު އޭނާ ދަނެއެވެ. ނިދިޖެހިފައި އޮތް ނީލާއަށް ކުއްލިއަކަށް ހޭލެވުނީ ދޮރުލައްޕާލި އަޑަށެވެ. އަމަން ކާމޭޒް ކައިރީ އިށީނުމާއެކު ނީލާ ވާހަކަފެއްޓިއެވެ." މަށަށް ހީވަނީ މަ ބަނޑު ބޮޑީހެން" އަމަންގެ ފުށުން އާދަޔާ ޚިލާފްކަމެއް ފާހަގައެއް ނުކުރެވުނެވެ. އޭނާ ހުއްޓުމެއްނެތި ކަމުންގެންދިޔައެވެ. ނީލާ އަމަންގެ މޫނަށް ބަލަހައްޓައިގެން އިނީ އެމޫނުގައި ލިޔެފައިވާ އެއްޗެއް ދެނެގަންނަން އުދަގޫވެގެން އުޅޭކަހަލަ ގޮތަކަށެވެ. މިބެލުމުން ކޮންމެވެސް ޖަވާބެއް ދޭންޖެހިއްޖެކަން އަމަންއަށް އިހްސާސްވިއެވެ. "ދެންކޮބާ މައްސަލައަކީ" ފަރުވާކުޑަ ރާގަކަށް އަމަން ވާހަކަދެއްކީ ނީލާއަށް ބަލައިލުމެއްވެސް ނެތިއެވެ. ލިބުނު ޙައިރާންކަމުން ޖެހިލުންވެހުރެ ނީލާ އަހާލިއެވެ. " ދެންކިހިނެތް ކޯސް ހަދާނީ" އަމަން ކުއްލިއަކަށް ކޮޅަށްތެދުވިގޮތުން ނީލާ ހިތް އަވަސްވިއެވެ. "ކޮންމެހެން ކޯސްހަދަންޖެހޭތަ؟ ކޮންތާކަށް ވަޒީފާއަށްދާންތަ ކޯސް ހަދަން ތިއުޅެނީ. މަގޭ އަންބަކަށް ދަރިން އުކާލާފަ ވަޒީފާއަކަށް ނުދެވޭނެ. އެހެން ނޫނަސް ނީލާގެ ވާޖިބެއްނޫން ލާރިހޯދައިގެން މައިންބަޕައިންނަށް ހަދިޔާކުރުމަކީ. މީހަކާ އިނުމަށްފަހު މައިންބަފައިންގެ ހުވަފެންތައް ކުލަކޮށްދޭކަށްނޫނެއްނު ޚުތުބާގައޮތީކީ" އަމަންގެ ވަރުގަދަ ބަހުގެ އެތިފަހަރުތަކަށް ރައްދުދިނުމަކާ ނުލާ ނީލާ ކެއްތެރިވިއެވެ.

ބަނޑަށް ހަތަރުމަސް ވީއިރުވެސް ނީލާގެ ސިއްހަތު އާންމު ހާލަތަކަށް ނޭޅެއެވެ. އެއާއެކު އަމަން ބޭނުންވާވަރަށް ކަންކަން ފުއްދައިނުދެވޭކަމުގެ ޝަކުވާތައްވެސް ދުވަހެއްދުވަހަކަށް އިތުރުވަމުންދެއެވެ. ބަނޑުބޮޑުވުމަކީ އަމަންއަށް ކޮށްދޭންޖެހޭ ކަންކަމުން ބަރީއަވާން އޮތް އުޒުރެއްނޫންކަން އަމަން ދިޔައީ ތަފާތު ގޮތްގޮތަށް ނީލާއަށް ހަނދާންކޮށްދެމުންނެވެ. އަނެއްކޮޅުން އެހާލުގައިވެސް ނީލާ އޭނާގެ ގޭތެރޭގެ ޒިންމާތަކަށް ފަރުވާކުޑައެއްނުކުރެއެވެ. މިފަދަ ހާލެއްގައި ކޮންމެ އަންހެންކުއްޖަކުވެސް އެންމެ ހަނދާންވާނީ މައިންބަފައިންނާއި އާއިލާގެ މަތިންނެވެ. ރަށުގައި އުޅުންއިރު ނީލާގެ ދައްތަ ބަލިވެއިނުމުން މުޅިއާއިލާ އެކަމާ ކުރިމަތިލި އޯގާތެރި ޙާއްސަގޮތްތައް އިޚްތިޔާރަކާނުލާ އޭނާގެ ކުރިމައްޗަށް ހުޅުވާލެވުނެވެ. މަންމަ ވަލުހިނގައިގެން ބިލެތްކައްޓަލައާއި ކުއްޅަވައް ގެނެސްދެއެވެ. ކޮންމެ ދުވަހަކު ބޯނެ ކުރުބަލަކާ ވައްތަރު ވައްތަރުގެ ފަރުމަސް ހޯދުމަކީ ބައްޕަގެ ވާޖިބެއްކަމުގައި ދެކުނެވެ. މިއެންމެންނަށްވުރެންވެސް ދައްތަގެ ފިރިމީހާ ދައްތަގެ އުފަލާމެދު ފަރުވާތެރިވެ ސިއްޙަތައް ރައްކާތެރިވަމުންދިޔައެވެ. ތަފާތުވައްތަރުގެ މޭވާއާއި ތަރުކާރީ، ބަދަނާއި ރޯކިރު، ދައްތައަށްޓަކައި ހުސްނުކޮށް މަރުޚަބާ ކިޔަމުންދެއެވެ. މިގޮތުން ނީލާގެ ހިތްވެސް ވަކިވައްތަރެއްގެ ކާތަކެއްޗަށް ވަރަށްބޮޑަށް އެދެވެމުން ދެއެވެ. ނަމަވެސް އެފަދަ އެދުމެއް އޭނާ އަމަންއަށް ކުރިމައްޗެއް ނުކުރާނެއެވެ. އެހެނީ އެއަށްވުރެ މާ ޟަރޫރީ ބޭނުންތަކަށްވެސް އަމަން ވަނީ ލޯމަރާލާފައެވެ. ހިތްވަރުކޮށްފައި ރަށަށްގޮސްލަން ބޭނުންވާހަކަ ނީލާ އަމަންއަށް ހުށައެޅިއެވެ. ނަމަވެސް ނީލާވެސް ހީކުރިގޮތައް އަމަން އެކަމަށް ނުރުހުންތެރިކަމާއެކު އިންކާރުކުރިއެވެ.

އަމަން ނީލާ ހޮސްޕިޓަލަށް ގެންދިޔައީ އާދައިގެމަތިން މާބަނޑު މީހުން ގަވާއިދުން ޑޮކްޓަރަށް ދައްކާފަދައިން ދައްކާކަށްނޫނެވެ. ނީލާގެ ބަނޑުގައި މާބޮޑަށް ރިއްސަނީއެވެ. ކަނާއަތު ފައި ހިއްލާނުލެވޭވަރަށް އެފައި ބަރުވެ ރިއްސަމުންދެއެވެ. މިއީ ނީލާއަށް އާކަމެއްނޫނެވެ. ބަނޑުގައިރިހުމަކީ ދިރިއުޅުމުގެ އެއްބައޭވެސް ބައެއްފަހަރަށް އޭނާއަށް ހީކުރެވިފައިވެއެވެ. އެހެނީ ދޭތެރެދޭތެރެއިން އޭނާއަށް އެ އުނދަގުލާ ކުރިމަތިލާން ޖެހެއެވެ. ކައިވެނީގެ ކުރިން ނީލާގެ ބައްޕަ އިބްރާހީމްފުޅުވެސް ވަނީ އެސަބަބު ނޭގޭ ބަނޑުގައި ރިހުން އަމަންގެ ސަމާލުކަމަށް ގެނެސްފައެވެ. ނީލާގެ އެހާ ޅައުމުރުގައި އެކައިވެންޏަށް އިބްރާހީމްފުޅު އެއްބަސްވި ސަބަބުތަކުގެ ތެރޭގައިވެސް މީހަކާއި އިނުމުން އެބަނޑުގައި ރިހުން ރަނގަޅުވާނެކަމަށް ޑޮކްޓަރަކު ބުނެފައިވާ ވާހަކަ ބާރުދިނެވެ. މިއަދު ބަނޑުގައި ރިހުން ނީލާއަށް އިތުރަށް ހާސްކަން ގެނެސްދިނީ އޭނާއިން ހާލަތުގެ ގޮތުންނެވެ.

ދަރިފުޅުގެ ހާލު ރަނގަޅުކަމަށާއި ބަނޑުގައި ރިހެނީ އެޕެންޑިސް ދުޅަވުމުގެ ސަބަބުންކަމަށް ޑޮކްޓަރުން ހާމަކުރެއްވިއެވެ. އަދި އެކަމަށް އޮތް ޙައްލަކީ އޮޕަރޭޝަނެއްކޮށްގެން އެޕެންޑިސް ނެގުން ކަމަށްޑޮކްޓަރު ބުނުއްވިއެވެ. ނަމަވެސް ޑޮކްޓަރުގެ މިވާހަކަ އަމަން ކަމަކަށް ނުހެދީ ނީލާއަށްވެސް އެކަން ސިއްރުކުރަމުންނެވެ.

ދަރިފުޅު ދުށުމުގެ އުންމީދުގައި އިންތިޒާރުކޮށްކޮށް ވަރުބަލިވެފައިވާ ނީލާ ދުވަސްފުރި ބަނޑުގައި ރިހެންފެށިއެވެ. އަންހެންކުއްޖެއްގެ ހަޔާތުގައި ކުރިމަތިވާނެ އެންމެ ނާޒުކު ވަގުތުގައި ނީލާގެ އާއިލާއަށް އަމަން ޚަބަރު ނުކުރީ ކީއްވެކަމެއް ނޭނގެއެވެ. މާތްﷲގެ ދީލަތި ރަޙްމަތްފުޅުން ނީލާ ސިއްހަތު ރަނގަޅު ފިރިހެންކުއްޖަކު ވިހައިފިއެވެ. އެކަނިމާއެކަނި އެހީތެރިއަކު ނެތި ހޮސްޕިޓަލުގައި އޮންނާންޖެހުމަކީ ނީލާއަށް ޙަޔާތުގައިވެސް ކުރިމަތިވި އެންމެ ނުތަނަވަސް ވަގުތުތަކެވެ.

ދަރިފުޅާއެކު ނީލާ ހޭދަކުރަމުން ދިޔަ ހަޔާތުގެ ޞަފްހާތައް ގަނޑަކަށްފަހު ގަނޑެއް އުކެމުން ދިޔައިރު އެތައް ދަތި އުނދަގޫ ނޭކަށޭނަ ޙާލަތްތަކާވެސް ނީލާ ދިޔައީ ކުރިމަތި ލަމުންނެވެ. ހަޤީގަތުގައި އަމަންގެ ރީތި ސިފައަކީ ހަރުފައެއްގެ ރިތިކަންފަދަ އެއްޗެކެވެ. އޭނާގެ ކިބައިގައި ކިތަންމެ ޢިލްމެއްހުއްޓަސް، އޭނާގެ ހަޔާތުގައި ކިތަންމެ މަޤާމެއް ހާޞިލްކުރިއަސް، ފެންނަފެނުމަށް އޭނާ ކިތަންމެ ދީންވެރިއަސް އޭނާގެ އަނބިދަރިންނަށް ޚަރަދު ކުރުމުގައި މުއްބާރުވެފައި ދަހިވެތިކަން ބޮޑެވެ. ނީލާއާއި އޮންނަގުޅުމުގައި ތަކުރާރުކޮށް އަމުރުވެރިވުމާއި ރުޅިވެރިކަމާއި އަތްއިސްކުރުމުގެ ސިފަ ގެންގުޅެމުން ދެއެވެ. ނީލާގެ އާއިލާއާއި މެދު ގުޅުން ބޭއްވުމަށް ސާފުބަހުން އިންކާރު ކުރަމުންދެއެވެ. ޙާއްޞަކޮށް އޭނާގެ ޖިންސީ ޖަޒްބާތުތައް އޭގެ އިންތަކާއި މިންތައް ފަހަނައަޅާ އިސްލާމް ދީނުގައި ކަނޑައެޅިފައިވާ ހުދޫދުން ބޭރުވަމުންދެއެވެ. މިކަމަށް ނީލާ ނުހަނު ނުރުހުންތެރިކަމާއެކު ދެކޮޅު ހަދާ އިންކާރުކުރިއެވެ. އެފަދަ މާތް ސިފައެއްގައިވާ މީހަކު އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ކަމަކަށް އަރައިގަތުމަކީ އޭނާވަކިކަމެއް ރަމްޒުކޮށްދިނުމަށް ބަހައްޓާފައިވާ ދިގު ބުނބުޅިއަށްވެސް ހުތުރުވާފަދަ ދަށުދަރަޖައިގެ ކަމެއްކަމުގައި ނީލާ ބުނަމުންދިޔައެވެ. ނަމަވެސް ފިރިމީހާގެ ކޮންމެ އަމުރަކަށް ކިޔަމަންވުމަކީ އަނބިންގެ މައްޗަށް ވާ ވާޖިބެއްކަމުގައި އަމަން ހަނދާންކޮށްދެމުންދެއެވެ.

ދިރިއުޅުމުގެ ދަތުރުގައި މިހާހިސާބަށް އާދެވުނު އިރު ނީލާއަށް ޔަޤީންވާ އެއްކަމެއް އެބައޮތެވެ. ނީލާގެ ހިތުގައި ވާ ފުރާފައިވާ އަމަންގެ ލޯބި ވިއްސިވިހާލިވެއްޖެކަމެވެ. ނަމަވެސް އެހިތި ތަޖްރިބާތަކާއި އިދިކީލި ޖަޒްބާތުތައް ނީލާ ތަހައްމަލްކުރަމުން ދިޔައީ ހަމައެކަނި ދަރިފުޅަށް ޓަކައެވެ. ދަރިފުޅަށް މަންމައާއި ބައްޕަގެ ލޯބިން އަލިހަވާސް ކުރިމަގެއް ހޯދައިދިނުމުގެ ނިޔަތުގައެވެ.

ހެނދުނު ހޭލީންސުރެން ނީލާގެ ރިއްސަމުންއައި ބަޑުގައި ރިހުން ހިދެއް ހިނދަކަށް ގަދަވަމުން ދެއެވެ. އެތައްވަރަކަށް ބުރޫފަންއާއި ޕެނަޑޯލް އެނާ ބޭނުންކޮށްފިއެވެ. އަމަން ފޯނަށް ޖަވާބު ނުދޭތީ މެސެޖްވެސް ނީލާ ކުރިއެވެ. އަދި އަމަން އަންނާނެކަމުގެ އިންތިޒާރުގައި ކުރިން ޑޮކްޓަރަށް ދައްކާފައިވާ ލިޔުންތައް ހޯދިއެވެ. ނިއުޅާލެވިފައިވާ ކަރުދާސްތަކުން ނީލާގެ އެޕެންޑިސް މައްސަލަ ހުރިކަމާއި އަވަހަށް އޮޕަރޭޝަން ކުރަން އަންގާފައިވާކަން ހާމަޔަށް ފެންނަން އޮތެވެ. ކުށެއްނެތް އޯގާތެރި ކިޔަމަންތެރި އަންބެއްގެ ފުރާނައާއިމެދު އިހުމާލުވާނީ ހަޤީގަތުގައިވެސް ރަހްމުގެ ކަންފުޅެއްވެސް ނެތްހިތެއްގެ ވެރިއެކެވެ.

އާއެކެވެ. ޖަޒްބާތަކީ އާމުހާލަތުގައި މީހުންގެ ހިތްތަކުގައި ވަންހަނާވެފައިވާ އެއްޗެކެވެ. ނީލާގެ ކޮންމެ ދުވަހެއްގެ ޖަވާޒީ ހަޔާތުގެ ބުރަ މައްސޫލިއްޔަތު އޭނާގެ ޝުއޫރުތައް ހިލިގަތުމުގައި ހުރަހަކަށް ވެދެއެވެ. ނަމަވެސް މިއަދު އޮޅުންފިލައިގެން އެދިޔަ ސިއްރުކުރެވިފައިވާ ހަޤީޤަތަކުން ނީލާގެ ހުޅުފަޅައިގެން ދާގޮތް މެދުވެރިވީއެވެ. އަމަން ގެއަށް އައިސް ވަނުމާއެކު ނީލާ އޭނާގެ ފުރިބާރުވެފައިވާ ޝަކުވާގެ ގޯނި ތުންމޮހެލާ އަމަންގެ ކުރިމައްޗަށް އޮއްސާލިއެވެ. މައިންބަފައިންގެ ގާތަށް ރަށަށް ފޮނުވުމަށް އެދި އާދޭސްކުރިއެވެ. ލޯބި ނުވަންޏާ ދޫކޮށްލުމަށް އެދިރުޔެވެ. ނަމަވެސް އަމަން ހަމަހިމޭންކަން އިހްތިޔާރުކުރީ އެއީ މައްސަލައިގެ ހައްލުކަމުގައި އޭނާ ގަބޫލުކުރާތީއެވެ.

ދިރިއުޅުމާމެދު ފޫހިވެފައިވާ ނީލާ، އާ މަގުތަކެއް ހޯދުމުގައި އޭނާގެ ވިސްނުން ސަމާލު ކުރުވިއެވެ. އެއްވެސް އުފަލެއްނެތް ހަޔާތުގެ މަރުހަލާއެއްގެ ތެރެއިން މަޤްސަދެއް އެކުލެވިފައިވާ ދިރިއުޅުމަކަށް ނިކުންނަން ނީލާ ނުހަނު ބޭނުންވެއެވެ. އެތައް ދުވަހަކަށްފަހު މިއަދު ނީލާ އޭނާގެ ބައްޕައަށް އެގުޅީ ޚަޔާތުގައިވެސް އެބައްޕަގެ ކިބައިން އެދޭނެ އެންމެ ބޮޑު އެދުމައިގެންނެވެ. ނީލާ ކެތްމަދުވެފައިވާ ވަރާއި އޭނާގެ އަޑުގެ ހާސްކަމުން އިބްރާހިމްފުޅަށް ލިބުނީ ނުބައި ސިގްނަލެއް ކަހަލައެވެ. އިބްރާހީމްފުޅު ދަތުރުކުރަމުންދިޔައީ ހުޅުމާލޭގެ ތަނަވަސްމަގުތަކުގައި ނުހަނު ބާރަށެވެ. ކަޅުހެދުމެއްގައި ކުޑަކުއްޖަކު އުރައިގެން ޕޭމަންޓްމަތިން ދުވެފައި އެއަންނަނީ އޭނާގެ ދެލޮލުގެ ކޮއިފަދަ ނީލާކަން އިބްރާހީމްފުޅަށް ދެނެގަންނާކަށް ގިނަވަގުތެއް ނުނެގިއެވެ. ކާރުގޮސް ނީލާއާއި އަރާހަމަވާއިރަށް އިބްރާހީމްފުޅު ދޮރުހުޅުވާލުމަށްފަހު ނިކުތެވެ. ހަމައެއާއެކު ނީލާ އޭނާގެ ބައްޕަގެ ގައިގައި ރޮއެގެންފައި އޮޅުލައިގަތެވެ. ތިޔަ މުލައްދަނޑީގެ ބާރުން މިދަރިފުޅަށް ހިމާޔަތް ދޭށޭބުނާފަދައަކުންނެވެ. ބަޔަކު ފަހާ އަވަދިކޮށްފައިވާ ކުކުޅެއް ދަތި ތާކަށްވަދެ ބޮނދާ ފަދައިންނެވެ. އިބްރާހީމްފުޅު އެއްވެސް ސުވާލެއްނުކުރީ އެނާގެ ހިތައް ކޮށްފައިވާ ފުން އަސަރަކުންކަމެއް ނުވަތަ ހުރިހާ ސުވާލެއްގެ ޖަވާބު ނީލާގެ މޫނުމަތިން ފެންނަން ހުރުމުންކަމެއް ނޭނގެއެވެ. ކާރު ދުއްވާލިފަހުންވެސް ނީލާ ގެންދިޔައީ ރޮމުން ވާހަކަ ދައްކަމުންނެވެ. ނީލާ ބުއްދިގޯސްވެފައިވާ މީހެއްފަދައިން ގޮވަމުންދިޔައެވެ. "އެ އަންނަނީ. އޭނާ މަގޭ ދަރިފުޅު ގެންދާނެ. އޭނާ މަގޭ މަރާލާވެސް ލާފާނެ. ބައްޕާ މަގޭ ރަށަށް ގެންދޭ." ނީލާގެ ތަނަވަސް ގަބުރުސްތާނެއްފަދަ ހިތުތެރޭގައި މިއޮއްހުރިހާ ދުވަހު ވަޅުލައިގެން ގެންގުޅުނު އިހްސާސްތައް އުތުރި އަރައިގަތެވެ.

ނީލާގެ މި ކުއްލި ހަރަކާތައް އަމަންހުރީ ތައްޔާރަކަށްނޫނެވެ. އޭނާއަށް ލިބުނީކުއްލި ސިހުމެކެވެ. އެއްޗެއްގެ އަގު އިހްސާސްކުރެވޭނީ އެއެއްޗެއް ބީވެދިއުމުންކަން އޭނާއަށް ވިސްނެންފެށީކަންނޭގެއެވެ. ނީލާ ގެއިން ނިކުތީންސުރެ އޭނާގެ ފޯނު ރިންގުވުން ނުހުއްޓެޔޭވެސް ބުނެވިދާނެއެވެ. ވައްތަރުވައްތަރުގެ މެސެޖްތަކުން ނީލާގެ ފޯނުގެ އިންބޮކްސްއަށް ވަނީ ބާރު ބޮޑުވެފައެވެ. ނަމަވެސް އެ އެއްވެސްކަމަކާ ނީލާގެ ފަރުވާލެއް ނެތެވެ.

ތަޤްދީރުގައި އަދި ނީލާއަށް ހަމަޖެހެވެންނެތީ ކަހަލައެވެ. އަނެއްކާވެސް އޭނާގެ ބަނޑުގައި ރިއްސަންފެށިއެވެ. އައި.ޖީ.އެމް.އެޗްގެ އިމަޖެންސީ ބައިވަނީ ހާސްވެފައިވާ މޫނުތަކުން ފުރި ބާރުވެފައެވެ. އިބްރާހީމްފުޅާއި އޭނާގެ އާއިލާވެސް މި ހާސްކަމުގެ ތެރޭގައި ވެއެވެ. ނީލާގެ އެޕެންޑިސް ފަޅައިގެން ގޮސްފައިވުމުން ޑޮކްޓަރުން އަވަސްވެގަތީ އޮޕަރޭޝަން ކުރާށެވެ. ކާމިޔާބު އޮޕަރޭޝަނަކަށްފަހު ނީލާގެ ހާލު ރަނގަޅުވަމުން އާދެއެވެ.

ހަފްތާއެއްހާ ދުވަސް ފަހެވެ. ނީލާމެން ތިބި ގެސްޓްހައުސް އަމަން ދެނެގަތީ ކިހިނެތްކަމެއް ނޭގެއެވެ. އަމަން އެތަނަށް ދިޔައީ ދަރިފުޅާއި ބައްދަލުކޮށްލުމުގެ ބަހަނާގައެވެ. ދަރިފުޅު ނުދައްކައިފިނަމަ ޕޮލިހުންގެންނާނެ ކަމަށާއި ދަރިފުޅު ނުފެންނަހާ ހިނދަކު އޭނާއާއި އޭނާގެ ގުރޫޕް އެސަރަހައްދުން ނުދާނެކަމުގެ އިންޒާރު ދެމުން ދިޔައެވެ. އޭނާގެ މަޤްސަދު ރަނގަޅުނުވާނެކަން ނީލާއަށާއި އެއާއިލާއަށް ކަށަވަރުވިއަސް އެދަރިފުޅު އަމަން އުރާލަން ދިނީ މަޖްބޫރުވެގެންނެވެ.

ކަންތައް ވެގެންދިޔައީ އެކަމަކާއިމެދު ނީލާ އެންމެ ބިރުގަންނަ ގޮތަށެވެ. އަމަން އޭނާގެ ތިން އަހަރުނުވާ ދަރިފުޅު ގޮވައިގެން ފިލީއެވެ. އަމަންގެ މިއަމަލަކީ ނީލާއަށް ތަހަންމަލްކުރަން ކުޅަދާނަ ކަމަކަށްނުވިއެވެ. ނީލާ ރޮއި ހޭރުމަށްފަހު ހިމޭންވީ ޚަބަރު ހުސްވެގެންނެވެ. ހާސްވެ ގޮތްހުސްވެ ކަންބޮޑުވެފައިވާ ނީލާގެ އާއިލާއިން ނީލާއަށް ފަރުވާދެމުންދިޔައީ ދަރިފުޅުހޯދުމަށްޓަކައި ޓަކިދޭންޖެހޭ ކޮންމެ ދޮރެއްގައި ޓަކިދެމުންނެވެ. ޕޮލިހާއި ޖެންޑާ މިނިސްޓްރީ އަދި ފެމިލީ ކޯޓުގައި ފުރަންޖެހޭ ކޮންމެކަރުދާހެއްފުރަމުން، ދޭންޖެހޭ ކޮންމެ ބަޔާނެއް ދެމުންނެވެ. އިރުއިރުކޮޅުން ޚަބަރު ހުސްވަމުންދާ ނީލާއަށް ބޭހުންނާއި ކައުންސިލިންގެ ފަރުވާވެސް ދެމުންނެވެ.

މިއަދު ފެމިލީ ކޯޓުގެ ތެރޭގައި ނީލާ އާއި އޭނާގެ އާއިލާ ކެއްމަދުވެފައި އެތިބީ ނީލާގެ ފަރާތުން ހުށައަޅާފައިވާ ދަރިފުޅު ހޯދުމުގެ ވަގުތީއަމުރަށް ހުކުމް އިއްވަން ބޭއްވިފައިވާ ޝަރީއަތުގެ މަޖިލީސްގައެވެ. ފެމިލީ ކޯޓްގެ ގަޒިއްޔާއިން ނީލާގެ 3 އަހަރުނުވާ ދަރިފުޅު ގެންގުޅުމަށް އެންމެ ހައްޤުކަންބޮޑު ފަރާތަކީ އެދަރިފުޅުގެ މަންމަ ކަމުގައި ކަނޑައަޅައި އެ ދަރިފުޅު އޭނާގެ ބައްޕައަތުން ގެނެސް ނީލާ އާއި ހަވާލްކުރުމަށް ފުލުހުންގެ މައްޗަށް އަމުރުނެރުނެވެ.

ހަތަރު އަނގޮޅިއެއްގައި ހުއްޓިހުރެ، މިސްރާބުއޮޅި، ހައިރާންކަމުގައި ދެއަތަށް ހޭރިޔާކުރުމުގެ ބަދަލުގައި ނީލާގެ ހިތުގައި ކުރެހިފައިވާ މަގުޗާޓާއި އެއްގޮތައް ހަޔާތުގެ ބަގީޗާއަށް ދަތުރުކުރުން މިއަދު އޭނާއަށް މާމުހިންމެވެ. އޭނާ އުންމީދުކުރަނީ އާއިލާއާއި ބެހޭޤަވާއިދުގެ 24ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރާފަދައިން އަމަންގާތުން އޭނާއަށް ވަރިވެވި ބޭނުމެއްނެތް ދިރިއުޅުމެއްގެ ތެރޭގައި ހަފުސްނުވެ ސަލާމަތްވާށެވެ. އިއްޔެގެ ހިތި ތަޖްރިބާ ތަކާއި މާދަމާއާއި މެދު ހިތުގައިވާ ޝައްކުތައް ނީލާ ހަނދާން ނައްތާލިއެވެ. ނީލާ އެހުރީ މިއަދުގައެވެ. އެހެންކަމުން ނީލާއަށް މިއަދު ކުރިމަތިވެފައިވާ ކަންތައް އާދެ! އެނާގެ ލޯބިވާ ދަރިފުޅު ފަރުވާތެރިކަމާ، ވިސްނުންތެރިކަމާއެކު ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރުމަށް އޭނާގެ ހުރިހާ ހަކަތައެއް ހުސްކުރާނެއެވެ.

ކޮމެންޓް 0