20

މެންދުރުގެ ވަގުތެވެ. މާލޭގެ މަގުތަކަށް ވެރިވެފައިވަނީ އާދަޔާޚިލާފު އުދާސްކަމެކެވެ. އެ އުދާސްތަކުގެ ތެރޭގައި މަގުފިރުމަމުން އައި މުސްކުޅި "ޒުވާނާ" ފެނިފައި ލިބުނީ އާދަޔާޚިލާފު ހައިރާންކަމެކެވެ. އޭނާގެ ދަށްބޮލުގައި ހުރި ހައެއްކަ އިސްތަށި ނެތްނަމަ މުޅިބޯ ހީވާނީ "ބަރަބޮލެއް" ހެންނެވެ. އިރަށްވުރެ ދަޅަގަދަވެފައިވާ ތަލައާއި، ވަޅުވަދެފައިވާ ދެލޮލާއި، ދެކޮލުގެ އިތުރުން، ކުދި ރުލާއި ބޮޑެތި ރުލުން ފުރިފައިވާ މޫނާއި، އަތުގެ ކުރަކިވެފައިވާ ހަންގަނޑު، އޭނާގެ އުމުރު ފަސްދޮޅަހަށްވުރެ ދަށްނުވާނޭކަމަށް ބުނަމުންދެއެވެ. 

ހަށިގަނޑު މިފަދަ ގޮތަކަށް ހުރިނަމަވެސް އެއީ "ޒަމާނީ ޒުވާނެކެ"ވެ. ކަރުގައި އަޅާފައިވަނީ ހަމަ އެންމެ ފަހުގެ ފަލަ ޗޭނުފަށެކެވެ. ދެ އަތުގައިވެސް ޗޭނާއި ޕެކިނެވެ. ދެކަންފަތް ތޮރުފާ ބޮޅު އަޅުވާފަ އެވެ. ދަށްބޮލުގައި ހުރި ލޯލިކޮޅުގައިވެސް އެހެރީ ކުޖައްސާފަ އެވެ. 

ބަލިކަށި ހިނގުމެއްގައި އޭނާ ހިނގަމުން ދިޔައިރު، މަގުހިނގާ މީހުންގެ ކަޅިތައް އޭނާއާ ދިމާއަށް ހުއްޓެމުން ދިޔައީ ތަފާތު ގޮތްގޮތަށެވެ. އެއްބަޔަކު ބަލަނީ ހައިރާން ކަމާއެކުގަ އެވެ. އަނެއްބަޔަކު ބަލަނީ މަލާމާތުގެ ހިނިތުންވުމަކާއެކުގަ އެވެ. އަނެއްބަޔަކު ސުވާލުގެ ނަޒަރަކުންނެވެ. ހައްތާވެސް، ޢާންމުކޮށް ނުފެންނަ މަންޒަރަކަށް ވާތީ ބަލާމީހުންނެވެ.

މިފަދަ އެތައް ނަޒަރެއްގެ ތެރެއިން ފުރޭނެމުން ދިޔަ މުސްކުޅިޔާގެ މަންޒިލަކަށްވީ، މަޑު މުށިކުލައިގެ ދޮރުފަތެއް ހުރި ބޮޑު ދޮރޯއްޓެވެ. ދޮރޯށި ހުޅުވާލުމަށްފަހު އޭނާ އެގެއަށް ވަދެއްޖެ އެވެ. ގޭތެރޭގައި ހުރި ކޮންމެ އެއްޗަކުންވެސް ފާޑުވެރިކަމުގެ އަތެއްގެ ތަރުތީބާއި ސާފުކަން ފެނެއެވެ. މިއިން އެއްވެސް އެއްޗަކަށް ސަމާލުކަމުގެ ނަޒަރެއް ދިނުމެއް ނެތި، އޭނާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. 
"އަހަންމަދުފުޅާ! ކޮންތާކުން ތިއައީ؟"
އަންހެނެއްގެ އަޑަށް އޭނާ ބަލައިލިއެވެ. ފަހަތުގައި ހުރީ އޭނާގެ އަންހެނުން ޒުބޭދާއެވެ. 
"ޖޫސްތައްޓެއް ހަދަންތަ؟"
"މިހާރު ހަދާނެކަމެއް ނެތް." އަހަންމަދުފުޅު އަނެއްކައިވެސް ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. 

ކޮޓަރިއަށް ވަދެގެން ގޮސް އަހަންމަދުފުޅު ހުއްޓުނީ، ފުރިހަމަ އިސްކޮޅު ފެންނަވަރުގެ ބޮޑު ލޯގަނޑުގެ ކުރިމައްޗަށެވެ. އަމިއްލަ ސޫރައަށް ބަލައިލީ ފަޚުރުވެރިކަމާއެކުގައި ކަންނޭނގެ އެވެ. ކަންފަތުގައި ލާފައިވާ މުދީގައި އަތްޖައްސައިލި އެވެ. ކަރުގައި އަޅާފައިވާ ޗޭނުގަނޑުގައި ދެއަތުން ހިފަހައްޓައިލިއެވެ. އެވަގުތު ހަމަ ކުއްލިއަކަށް ފެނުނީ އޭނާގެ ވަޅުވަދެފައިވާ ދެލޮލުން ކަރުނަ އޮހިގަންތަނެވެ.

ދެލޮލުން ކަރުނަ ފޮހެލަމުން އަހަންމަދުފުޅު ހިނަގައިގަތެވެ. އެނދާ ދިމާއަށެވެ. އެނދުގެ މަގަތުގައި އިށީނދެ ހަމަޖެހިލެވޭވަރެއް ނުވި އެވެ. ކުއްލިއަށް އިވުނީ މީހަކު އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތް އަޑެވެ. ތަންކޮޅެއް ދުރުންނެވެ.
"މަންމާ! މިހާރު ދެން ބައްޕައާހެދި މަށަކަށް އުޅެވޭވަރެއް ނޫން!" އިވުނީ ފިރިހެން އަޑެކެވެ. 
"ބައްޕަ ކީއްކުރީ؟" މިފަހަރު އިވުނީ ޒުބޭދާގެ އަޑެވެ.
"މަންމައަކަށް ނުފެނޭތަ ބައްޕަ ހުންނަ ސިފައެއް؟ ދުނިޔެ އުޅެ މިުސްކުޅި ވީމަ ހުންނަން ޖެހޭ ސިފައަކީ އެއީތަ؟"
"މުސްކުޅިއެއް ކަމަކު ރީތި ގޮތްގޮތް ބައްޕައަށްވެސް ރީތިވާނެއެއްނު."
"މަންމަވެސް ބޭނުންވަނީ ބައްޕަ އެސިފައަށް ހުންނަންތަ؟"
"ދަރިފުޅު ބޯދިގުކޮށް ކުލަ ޖައްސާފަ، ކަންކަފަތާ ތުންފަތާ ނޭފަތާ ތޮރުފާފަ، ދެއަތް ފުރެންދެން އެއްޗެހި އަޅާފަ ތިހުންނަނީ މަންމަ ބޭނުންވެގެންތަ؟"
"މަށަކީ ޒުވާނެކޭ."
"ބައްޕައަށްވެސް އެގޮތް ރީތީކަންނޭނގެއެއްނު."
"އެކަމަކު ބައްޕަ އެފާޑަށް އުޅޭތީ ހުރިހާ ރައްޓެހިން މަލާމާތް ކުރަނީ މަށަށޭ."
ދެ މައިންގެ ވާހަކަ މިހާތަނަށް ދިޔަތަނާ ފެނުނީ އަހަންމަދުފުޅުގެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހިގަތްތަނެވެ. އޭނާ ދެލޯ ފޮހެލަމުން އެނދުގައި އެއްއަރިއަކަށް އޮށޯވެލިއެވެ. ހިތުގައި އެތައް އުދާހެއް އުތުރި އަރަމުންދާ ކަހަލައެވެ.
"އެކަމާ ލަދުގަނޭ؟" އަންހެނުން ސުވާލުކޮށްލި އަޑު އިވުނެވެ. 
"ތިހެން އަހާއިރު މަންމަ އަކަށް ނޭނގޭތަ ލަދުގަންނާނެ ކަމެއް." 
"އެކަމަކު ބައްޕައަށް އެއުޅުން ދަސްކޮށްދިނީ ކާކުބާ؟ މަންމައަށް ހީވަނީ ދަރިފުޅުގެ އުޅުން ބައްޕައަށް ވެސް ރީތިވީހެން."
"ކޮންމެހެން މީހަކު އުޅޭހާ ގޮތަކަށް މުސްކުޅިވީމަ އުޅޭކަށް ނުޖެހޭނެ."
"ބައްޕަގެ ޒުވާންއުމުރު އެއުޅުން ދަސްކޮށްދޭނެ މީހަކު ނެތްވިއްޔަ. ދެން ކީއްކުރާނީ. ވެދާނެ ބައްޕައަށް ދަރިފުޅު ލިބުނުލެއް ތަންކޮޅެއް ލަސްވީކަމަށް"
"މަންމަ ތިބުނަނީ ބައްޕަ ހަލާކުކުރީ އަހަންނޭތަ؟
"ބައްޕަ ހަލާކުވިކަމެއް ނުދެނަހުރިން."
"މަންމައަކަށް ނޭނގޭނެ" އޭނާގެ އަޑު މިފަހަރު އައީ ކުރިއަށްވުރެވެސް ބާރަށެވެ. "ބައްޕަ އެހުރީ ހަލާކުވެފަ. ވަރަށް ގޮތްކުޑަ އުޅުމެއް ބައްޕަ އެއުޅެނީ."

"ރުޅިނާދޭ ދަރިފުޅާ! މިއަދު ދަރިފުޅަށް ތި ރައްދުވާ މަލާމާތް ބައްޕަގެ ރައްޓެހިން ބައްޕައަށްވެސް ރައްދުކުރި ދުވަހެއް އައި. އެކަމަކު އެދުވަހު ބައްޕަ ރުޅިއައިސް އެއްޗެހި ކިޔުމުގެ ބަދަލުގައި ދަރިފުޅަށް ނަސޭހަތް ދިނީ. ރޮއި އާދޭސްކުރީ. އެކަމަކު އެ އަޑެއް ނޭހީމެއްނު. މިއަދު ބައްޕަ ހަލާކުވެފައި ކަމަށް ދަރިފުޅު ގަބޫލުކުރާކަމަށް ވާނަމަ، އެންމެ ފުރަތަމަ މި އާއިލާއިން ހަލާކުވި ކުއްޖަކީ ދަރިފުޅުކަން ފުރަތަމަ ގަބޫލުކުރޭ."

މިހާތަނުން ގޭތެރެއަށް އައީ ހަމަހިމޭން ކަމެކެވެ. އަހަންމަދުފުޅު އޮތީ ދެން އިވޭނެ ޖުމުލައަކަށް އިންތިޒާރު ކޮށްގެންކަން އޭނާގެ ދެލޯ ހެކިދެއެވެ. އޭނާގެ އެ އިންތިޒާރަށް ނިމުން އައީ ބަންލާފައި ޖެހި ދޮރުގެ ވަރުގަދަ އަޑުންނެވެ. އޭނާގެ މުސްކުޅި ހަށިގަނޑު ތެޅިގަނެގެން ދިޔައީ ލިބުނު ކުއްލި ސިހުމެއްގެ ސަބަބުންނެވެ. ދަރިފުޅު ނިކުމެގެން ދިޔައީކަން އޭނާއަށް ކަށަވަރުވި އެވެ.

އަހަންމަދުފުޅު ދެލޯ ފޮހެލުމަށްފަހު ހަށިގަނޑު ދަމާލައި ލޯ މަރައިލި އެވެ. މިގޮތުގައި މާ ގިނައިރުތަކެއް ނުވިއެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. އޭނާއަށް ސިހިފައި ލޯ ހުޅުވައިލެވުނެވެ. ދޮރުމަތީގައި ހުރީ އޭނާގެ ދަރިފުޅެވެ. ދަރިފުޅެކޭ ބުނިނަމަވެސް އޭނާގެ ސިފަ އިންސިއަކާ ވައްތަރެއްނޫނެވެ. ހީވަނީ އާ ބާވަތެއްގެ ޖަނަވާރެއް ދޮރުމަތީގައި ހުރި ހެންނެވެ. ބޮލުގެ ދިގު އިސްތަށިގަނޑު އޮތީ ހާވާލާފައެވެ. ބޮލާއި ތުނބުޅިއާއި މަތިމަހާއި ބުމައަށް ދާންދެން ވަނީ، ކަޅު ކުލަ ދުއްވާލާފައި، އެކި ކުލަ ކުލަ ޖައްސާފަ އެވެ. ތިރީ ތުންފަތާއި ދަތްދޮޅިން އެއް އަރިމައްޗާއި ނޭފަތާއި ބުމަ ތޮރުފާ ބޮޑެތި ބޮޅާއި މޮހޮރު ކަހަލަ އެއްޗެހި އަޅުވާލާފައި ހުރި އިރު، ޗޭނާއި ޕެކިނާއި އޭތި މީތިން ފުރިފައިވާ ދެއަތުގެ އިނގިލިތަކުގެ ނިޔަފަތިތައް ހުރީ ތޫނު ވަކިތަކެއްހެން ދިގުކޮށްފައެވެ. 

އޭނާގެ ރުޅިވެރިކަމުން އަލިފާންކަނި ބުރަބުރާ ހުރި ދެލޯ ސީދާކުރެވިފައިވަނީ މުސްކުޅި ބައްޕައާ ދިމާއަށެވެ. އޭނާ އަވަސް އަވަހަށް އެނދުން ތެދުވި އެވެ. ފެން ދަމާލާފައިވާ އެ މޫނުމަތިން، ބިރާއި ސިހުން ފާޅުވާންފެށި އެވެ. އެހެނަސް މިއިން ކަމަކަށް ބެލުމެއް ނެތި، ޒުވާނާ ކޮޓަރިތެރެއަށް ދެމިގެންފި އެވެ. އެދިޔަ ބާރު މިނުގައި ގޮސް ފުރަތަމަވެސް ހިފީ ބައްޕަގެ ކަރުގައި އަޅާފައިވާ ފަލަ ޗޭނުފަށުގަ އެވެ. ދެއަތުންނެވެ. ކުޑަކުޑަ ހިނދުކޮޅެއްވެސް ނުދީ ޖެހި ގަދަފަދަ އެންމެ ލަތްކަކުން އެ ފަލަ ޗޭނުފަށް ކަނޑާލައިފި އެވެ. އެވަގުތު އަހަންމަދުފުޅުގެ ހަންދޫވެފައިވާ ކަރުން ހަންމެށި ލޭ ކޮށިގެން ދިޔަތަން ފެނުނެވެ. ވީތަދެއްގެ ބޮޑުކަމުން އޭނާގެ ދެލޯ މެރުނެވެ. އެއާއެކު ކަރުގައި ދެއަތުން ހިފޭއްޓިތަން ފެނުނެވެ.

ޒުވާނާގެ ހިތަކަށް ރަޙުމެއް ނުވަނެވެ. ޗޭނުގަނޑު އެއްލައިލުމަށްފަހު ދެން ހިފީ ، އަހަންމަދުފުޅުގެ ކަނާތު ކަންފަތުގައި ހަރުކޮށްފައި ހުރި މުދީގައެވެ. ޖެހި އެންމެ ލަތްކަކުން ދަމައިގެންފި އެވެ. ކަންފަތު ފޫޅުގަނޑު ދިޔައީ އިރައިގެންނެވެ. ކޮނޑުމައްޗަށް ލޭތައް އޮހިގެންފި އެވެ. އަހަންމަދުފުޅަށް ރޮއިގަނެވުނެވެ. އެވަގުތު ޒުބޭދާ އައިސް ދޮރުމައްޗަށް އަރައިފި އެވެ. ފެނުނު އަނިޔާވެރި މަންޒަރުގެ ސަބަބުން އޭނާއަށްވެސް ރޮއިގަނެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިއަށް ވެދަވުނެވެ. އޭނާ އުޅުނީ ދަރިފުޅުގެ ކިބައިން ފިރިމީހާ ސަލާމަތް ކުރެވޭތޯއެވެ. އެހެނަސް އެއަށްވުރެ ކުރިން އަނެއް ކަންތަފުގައި އަޅުވާފައިހުރި މުދިވެސް ދަމައިގެންފި އެވެ. ލޭތައް އޮހިގެންފި އެވެ. ޒުބާދާއަށް ރޮއިގަނެވުނެވެ. އެވަގުތު އަހަންމަދުފުޅަށް ސިހިފައި ހޭލެވިއްޖެ އެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ކޮޓަރީގައިވަނީ ހަމަހިމޭންކަމެވެ. 

ފެނުނު ބިރުވެރި ހުވަފެނުގެ މަތިން ފިކުރު ހިންގައިލާނޭ ފުރުޞަތެއް އަހަންމަދުފުޅަކަށް ނުލިބުނެވެ. ކުއްލިއަކަށް ކޮޓަރީ ދޮރު ހުޅުވިއްޖެއެވެ. ކުރިމަތީގައި ހުރީ އޭނާގެ ދަރިފުޅެވެ. ކުރިއާ ވަރަށް ތަފާތެވެ. ބޯ ހުރީ ކޮށާފައެވެ. އަތަކު ކަރަކު ފަށެއް، ޗޭނެއް އެއްޗެއް ނެތެވެ. ކަންފަތާ ނޭފަތާ ތުންފަތާ ބުމައާ މިއިން އެއްވެސް ތަނަކު އެއްވެސް އެއްޗެއް ހަރުކޮށްފައެއް ނެތެވެ. އާއެކެވެ. އޭނާ އެ ހުރީ މުޅިން ބަދަލުވެފައެވެ. އެހެން މީހަކަށްވެފަ އެވެ.

"ބައްޕާ!" އޭނާ އައިސް ކޮޓަރިއަށް ވަދެ އަހަންމަދުފުޅުގެ ގައިގައި އޮޅުލައިގަތެވެ. "ބައްޕާ! އަހަރެން މިއައީ ބައްޕަ ބޭނުންވި ގޮތަށް ބަދަލުވެގެން. ބައްޕަވެސް ދެން ތިއުޅުން ދޫކޮށްލާ!" 

އަހަންމަދުފުޅަށް ހުރެވުނުތަން ވެސް ނޭނގުނެވެ. މިފަހަރު ދެލޮލުން އޮހިގަތީ އުފާވެރިކަމުގެ ކަރުނައެވެ. މިއީ އޭނާ ހާދަ ދެކެން ބޭނުންވި ދުވަހެކެވެ. އެކަމަށްޓަކައި އޭނާ ހާދަ މަސައްކަތެއް ކޮށްފިއެވެ. އެންމެފަހުން އޭނާގެ އުޅުން ދަރިފުޅުގެ އުޅުމާ އެއްގޮތަށް ބަދަލުވެސް ކުރީއެވެ. މާބޮޑު އުއްމީދަކާއެކަކު ނޫނެވެ. އެހެނަސް ﷲއަށް ޝުކުރު ހުއްޓެވެ.

އަހަންމަދުފުޅު މަޑުމަޑުން ދަރިފުޅާ ދުރަށް ޖެހިލިއެވެ. އެއަށްފަހު އޭނާގެ އަތާއި ކަރާއި ކަންފަތުގައި ހުރި ހުރިހާ އެއްޗެއް ނަގާ ދަރިފުޅުގެ އަތުގެ ތެރެއަށް ލިއެވެ. ދަރިފުޅު އެއަށް ބަލައިލި އެވެ. ކަރުނައިން ފޯވެފައިވާ ދެލޮލުންނެވެ.

"ގެނޭ ތި އެއްޗެހި މަންމައަތަށް. ކުނި އުކާމީހާ މިހާރު އަންނާނެ." ދަރިފުޅާ ދިމާއަށް ޒުބޭދާ އަތް ދިއްކޮށްލިއެވެ.
"ދަރިފުޅަށް ހެޔޮގޮތް ދެއްކެވި ކަމަށްޓަކައި ބައްޕަ ބޭނުން ޝުކުރުގެ ސަޖިދައެއްް ކުރަން. ދަރިފުޅުވެސް ބައްޕައާ ބައިވެރިވާނަން ދޯ!" 

ދަރިފުޅު ބޯ ޖަހައިލި އެވެ. އެއާއެކު ފެނުނީ ދެބަފައިން އެކުގައި ސަޖިދައަށް ތިރިވިތަނެވެ. ޒުބޭދާގެ ދެލޮލުން ކަރުނަ އޮހިގަތެވެ. އުފާވެރިކަމުގެ ކަރުނަ އެވެ. އޭނާއަށް ދެލޯ މަރައިލެވުނެވެ.

ކޮމެންޓް 0