17

އާދުވަހަކަށް އިރުއެރީ ބަދިގެ ތެރޭގައި ޝާލިޔާ އޭނާގެ މަސައްކަތުގައި މަސްއޫލުވެގެން އުޅެނިކޮށެވެ. އޭނާގެ އަތްމަރި ފަހަރަކަށް ވުރެން ފަހަރެއް އަވަސްވަމުންދެއެވެ. ދޭތެރެ ދޭތެރެއިން ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ބަލާލައެވެ. ބަލާބެލުމަށް ހީވަނީ ގަޑިއަކަށް ކަމެއް ނުނިމިދާނެތީ އުޅޭހެންނެވެ. އާއެކެެެވެ! ޝާލިޔާ އެއުޅެނީ އޭނަގެ މަންމަ ސީމާ ހޭލަންވާއިރަށް ސައި ތައްޔާރުކޮށް ނުނިމިދާނެތީއެވެ.

ގަޑިން ހެނދުނު ނުވައެއް ޖެހީއެވެ. "ޝާލިޔާ." ކޮޓަރިއަށް ވަދެވަދެ ހުރި ޝާލިޔާ ހުއްޓުން އެރީ މަންމަގެ އަޑަށެވެ. "ޝާލިޔާ، އަހަރެން ވާނީ މިރޭ އަހަރެންގެ ވަރަށް ގާތް ރަޙުމަތްތެރިއެއްގެ ޢާއިލާއަށް ކެއުމަކަށް ދަޢުވަތު ދީފަ. ނުވައެއް ޖަހާއިރު އެމީހުން އަންނަށް ވާއިރަށް ވަރަށް ރަނގަޅަށް ކެއުން ތައްޔާރު ކުރަންވާނެ." ސީމާ ނޯކަރަކަށް އަމުރުކުރާ ފަދައިން ޝާލިޔާއަށް އަމުރު ކޮށްލިއެވެ.

މެންދުރުގެ ދިލަ ހޫނުގެ އަސަރު މެންދުރުން އަނބުރާ ތިނެއް ޖެހި އިރުވެސް ނުފިލައެވެ. އަހަރުތަކަކަށް ފަހުން މާލެ އާދެވުމުން އަނާންވެސް މާލޭތެރެ ބަލާލުމަށް ދުއްވަމުން ދިޔައެވެ. ކަރުހިއްކާފައި ހުރުމުގެ ސަބަބުން ކާރު ޕާކުކުރުމަށްފަހު ފިހާރައަށް ވަނީ މެއަށް ފިނިކޮށްލުމަށް ކޮންމެވެސް ކަހަލަ ފިނި ބުއިމެއް ގަތުމަށެވެ. އެވަގުތަކީ ޝާލިޔާވެސް ކެއްކުމަށް ބޭނުންވާ ސާމާނު ގަތުމަށް ފިހާރަޔަށް ވަން ވަގުތެވެ. އަނާން ފްރިޖުން ދަޅެއް ނަގައި ކައުންޓަރާއި ދިމާލަށް މިސްރާބުޖެހިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ކައުންޓަރ ކައިރީ ހުރި އަންހެން ކުއްޖެކެވެ. މެދުމިނެއްގެ އިސްކޮޅެއް ލިބިފައިވާ މިކުއްޖާ ފެނުމުން އަނާންއަށް ބުނެދޭން ނޭނގޭ އިޙުސާސެއް ކުރެވުނެވެ. އަނާން އެގޮތަށް ބަލަހައްޓައިގެން ހުއްޓާ އެކުއްޖާ ފިހާރައިން ނިކުމެގެން ހިނގައްޖެއެވެ. އަނާންއަށް ވިސްނެމުން ދިޔައީ އެ ނުދަންނަ އަންހެން ކުއްޖާއާ މެދުއެވެ. ފަރުވާކުޑަކޮން އައްސާލެވިފައިވާ ބުޅި ދިގު އިސްތަށި ގަނޑެކެވެ. ހިތްއެދެމެން ދިޔައީ މި ރީތި ކުއްޖާއާއި ބައްދަލުކޮށް ވާހަކަ ދެއްކުމަށެވެ.

ގޭގެ ދޮރުގައި ޓަކިދިން އަޑަށް ސީމާ ދޮރު ހުޅުވިއެވެ. ކުރިމަތީ ތިބީ އޭނާގެ ދުވަސްވީ އެކުވެރިޔާ ނާދިރާގެ އާއިލާއެވެ. ހިނިތުންވެ ހުރެ ސީމާ އެމީހުންނަށް މަރުޙަބާ ކިޔެވެ. ދެ ޢާއިލާއިން ކެއުމަށް އިންސާފު ކުރަމުން ދިޔައިރު ތަފާތު ވާހަކަތައް ދައްކަމުން ދިޔައެވެ. މިގޮތުން ދެ އާއިލާގެ އެބައްދަލުވުން ނިންމާލީ ޗުއްޓީ ހޭދަކޮށްލުމަށް ސީމާގެ ރަށަށް ދިޔުމަށް ރާވާފައެވެ.

ފުރަން ހަމަޖެހިފައި އޮތީ މެންދުރު ފަހު ކަމުން ޝާލިޔާ ބެލީ ފުރުމުގެ ކުރިން ބަދިގޭގެ ކަންތަައްތައް ހަމައަކަށް އެޅުވޭތޯއެވެ. ޝާލިޔާ ބަދިގޭގެ ކޮންމެ އެއްޗެއް ވަތްގަނޑު ތަކަށް ލަމުން ދިޔައީ ފަރުވާތެރިކަމާއެކުއެވެ. އެކިއެކި ކަންކަމުގައި މަސްޢޫލުވެ އުޅުނު ޝާލިޔާއަށް ފުރާގަޑި ކައިރިވެފައިވާ ކަން އެނގުނީ ކޮއްކޮ މައިނާ އައިސް ބުނުމުންނެވެ. އަވަސްއަވަހަށް ނުނިމި ހުރި ކަންތައްތައް ނިންމުމަށްފަހު ކޮޓަރިއަށް ދިޔައިރު ކޮއްކޮ މައިނާވަނީ އޭނާގެ ފޮއްޓާއެކު ޝާލިޔާގެ ފޮށިވެސް ތައްޔާރު ކޮށްދީފައެވެ. ޝާލިޔާ ޝުކުރުން ފުރިގެންވާ ނަޒަރަކުން މައިނާާއަށް ބަލައިލިއެވެ.

ސީމާގެ ޢާއިލާއަށް ލޯންޗު ކައިރިއަށް ދެވުނުއިރު ނާދިރާމެން ތިބީ އެތަނުގައެވެ. ނިޔާޒު ކައިރީ އޮލަވާހަކައިގައި ހުރި އަނާން ހުއްޓުން އެރީ ކާރުން ފޭބި ކުއްޖާފެނިފައެވެ. އާއެކެވެ! އަނާންގެ ހުވަފެންތަކުގެ ރާނީ އަލުން ފެނުނީއެވެ. އަނާން ކުޑަކޮން ހައިރާންވިއެވެ. ސަބަބަކީ ރޭގައި ސީމާގެ ގެއިން އެ އަންހެން ކުއްޖާއާއި ބައްދަލު ނުވީމައެވެ. "މިއީ ޝާލިޔާތަ؟" ނާދިރާ ވާހަކަ ދެއްކީ ސީމާއަށެވެ. "އާނ މިއީ ޝާލިޔާ، ރޭގަ މާ ބިޒީކޮން އުޅުނީމަ ބައްދަލުވާ ގޮތް ނުވީ ދޯ." ސީމާ ޝާލިޔާއަށް ދޯ އެއްލިއެވެެ. ޝާލިޔާ މަޑުމަޑުން ހިނިތުންވުމަކާއެކު ބޯ ޖަހާލިއެވެ. އަނާންގެ ސުވާލަށްވެސް ޖަވާބު ލިބުން ކަހަލައެވެ.

ދަތުރު މަތީގައި އަނާން ދިޔައީ ޝާލިޔާގެ ކޮންމެ ހަރަކާތެއް ވަރަށް ރަނގަޅަށް ބަލަމުންނެވެ. ދަތުރު މަތީގައި ޝާލިޔާ އެއްވެސް ވަރަކަށް މީހަކާ ވާހަކަ ދައްކާކަށް ނޫޅުނެވެ. އޭނާ ގެންގުޅުނު ވާހަކަ ފޮތެެއް ކިޔާލާ ކިޔާލަ އިނީއެވެ. ނަމަވެސް މީހަކު އެއްޗެއް ބުނެފިނަމަ ބޮލުގެ އިޝާރާތުން ޖަވާބުދެއެވެ. އެހެންގޮތަކުން ބުނަނީ ނަމަ އޭނާގެ ވަށައިގެންވަނީ ހަމަހިމޭންކަމެވެ. މަޑުމައިތިރި މިޖާޒެކެވެ. ދަތުރުމަތީގައި ހޭދަވި ތިން ގަޑިއިރުގެ ބޮޑުބައި އަނާންގެ ނަޒަރު ހުއްޓިފައިވަނީ ޝާލިޔާއަށެވެ. އެރީތި ސޫރައަށެވެ. އެ ރީތި ހިނިތުންވުމަށެވެ. ނަމަވެސް ކޮންފަދަ އަޖައިބެއް ހެއްޔެވެ؟. އެ ރީތި ދެލޮލުން ފެންނަނީ މަޑުމޮޅިކަމާއި ހިތާމައެވެ. އަނާން، ޝާލިޔާގެ ކޮންމެ ހަރަކާތެއް ބަލަމުން ދިޔައީ ފާރަލާ މީހެއްފަދައިންވެ. ނަމަވެސް އަނާންއަށް ނުވިސްނުނު ސަބަބަކީ ޝާލިޔާގެ ލޮލުން ހިތާމައިގެ އަސަރު ފެންނަން ޖިހޭ ސަބަބެވެ. މުއްސަނދި ތަނަވަސް އާއިލާއެއްގެ ދޮށީ ދަރިފުޅެވެ. މައިނާ ޝާލިޔާއާއި މުހާތަބު ކުރާ ގޮތުން ދޮށީ ޝާލިޔާކަން އަނާންއަށް އޮތީ ނަގައިގަނެވިފައެވެ. ބަލާބެލުމަށް ސީމާއަކީވެސް ރަނގަޅު މައެއްހެން ހީވެއެވެ.

ދަތުރު ވަރުބަލިވެފައި ތިބުމުން އެންމެންވެސް އަވަސް އަވަހަށް ފެންވަރައިގެން އަރާމު ކުރެވޭތޯއެވެ. އަނާންވެސް ނިދަން އުޅެއުޅެ ނުނިދުނީމަ ގޯތިތެރެއަށް ނިކުތެވެ. އެވަގުތު ޖޯލިފަތީގައި އޮތް ޝާލިޔާ ފެނުނެވެ. އަނާންވެސް މަޑުމަޑުން ގޮސް އެތަނުން ޖޯއްޔެއްގައި އިށިއިނެވެ. "ހެލޯ، މިއީ އަނާން." އަނާން އަމިއްލަަށް ތަޢާރަފު ވެލިއެވެ. ނަމަވެސް ޝާލިޔާ އަނގައިންވެސް ނުބުނެ އިނީއެވެ. ޝާލިޔާ ބަހެއްވެސް ނުކިޔުމުން އަނާންއަށް އިތުރަށް ވާހަކަ ދައްކާކަށް ނުކެރުނެވެ.

އަނާން ސިއްސައިގެން ދިޔައީ މީހަކު ޝާލިޔާއަށް ގޮވާލި އަޑަށެވެ. "ޝާލީ، ކިިހިނެއްތަ މަގޭ ރަންގަޑާ" އެ އަންހެން ކުއްޖާ ޝާލިޔާ ގައިގާ ބައްދާލިއެވެ. އަނާންއަށް ހުރެވުނީ ވާނުވާ ނޭނގިފަ ބަލަހައްޓައިގެންނެވެ. ސާރާއަށްވެސް އެތާ ކައިރީ ޖޯލީގައި އިން އަނާން ފެނުނީ އެވަގުތުއެވެ. "ހެލޯ، މީ ސާރާ، ޝާލީގެ ބެސްޓުފްރެންޑް" ސާރާ އަމިއްލައަށް ތައާރަފު ވެލިއެވެ. "މީ އަނާން." އަނާންވެސް ތައާރަފުވެލިއެވެ.

ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުންދެއެވެ. މިވީ މަދު ދުވަސްކޮޅު ތެރޭގައި އަނާން އަށް ވަނީ ހަމަ ރަނގަޅަށްވެސް ޝާލިޔާ ދެކެ ލޯބި ވެވިފައެވެ. މިހާރު އަނާން ބޭނުންވަނީ އޭނާ ޝާލިޔާދެކެ ލޯބިވާ ވާހަކަ ޝާލިޔާ ކައިރީ ބުނާށެވެ. ނަމަވެސް އެކަން ކުރަން ފަސްޖެހެނީ ޝާލިޔާގެ ޢަމަލުތައް ހުންނަގޮތުންނެވެ. އަބަދުވެސް ހުންނާނީ މަޑުމަޑުންނެވެ. ހަމަހިމޭންވެފައެވެ. އެއްވެސް ވަރަކަށް ވާހަަކަ ދައްކާ ހަދާ ތަނެއް އަނާންއަކަށް ނުފެނެއެވެ. މީހަކު ސުވާލުކޮށްފި ނަމަ ޖަވާބުދޭނީ ބޮލުގެ އިޝާރާތުންނެވެ. ނުވަތަ ހިނުތުންވުމަކުންނެވެ. ގިނަފަހަރަށް އެންމެން އެއްތަންވެއްޖެނަމަ ޝާލިޔާ ބަލަނީ އެތަނުން ދެވޭތޯއެވެ. ކީއްވެގެން ކަމެއް އަނާންއަކަށް ނުވިސްނުނެވެ.

އަނާން އާއި ނިޔާޒާއި ތިބީ ފިލްމެއްބަލާށެވެ. އެވަގުތު ދެމީހުންނަށްވެސް ފެނުނީ ކޮޓަރިން ނިކުން ޝާލިޔާއެވެ. އޭނާގެ މިސްރާބު ހުރީ ގޭގެ ދޮރުންބޭރަށެވެ. އަތުގައި ފެންއަޅަން ގެންގުޅޭ ޖަގެއް އޮތެވެ. އަނާންއަށް ޝާލިޔާ އެދިޔައީ ބަދިގެއަށްކަން ވިސްނުނެވެ. ނަމަވެސް ޝާލިޔާ އެނބުރި ނައިސް ގިނައިރުވާން ފެށުމުން އަނާން ހާާސްވާންފެށިއެވެ. އަނާންގެ ހިތް އެދެމުން ދިޔައީ ޝާލިޔާ ކޮބައިތޯ ބަލައިލަން ދިޔުމަށެވެ. އެހެންކަމުން ނިޔާޒުއާއި ދެމީހުން ބަދިގެފަޅިއަށް ދިޔައެވެ. ބަދިގެ ހުރީ ދިއްލާފައެވެ. ދެމީހުންވެސް މަޑުމަޑުން ބަދިގެއަށް ވަންނަން ދިޔައެވެ. ދެމީހުންނަށްވެސް ހައިރާންކަން ލިބުނީ ބަދިގެތެރޭގައި ހުރި ކާމޭޒުކައިރީ ހުރި ގޮނޑިއެެއްގައި ރޯންއިން ޝާލިޔާފެނިފައެވެ. އަނާން ބޭނުންވީ ޝާލިޔާއާއި ވާހަކަ ދައްކާށެވެ. އެހެންވެ ނިޔާޒު އަނާންއަށް އެފުރުސަތު ދިނުމަށް އެތަނުން ދިޔައެވެ. އަނާން މަޑުމަޑުން ޝާލިޔާއަށް ގޮވައިލިއެވެ. ޝާލިޔާ ދިޔައީ ސިއްސައިގެންނެވެ. އަނާން ބޭނުންވީ އިތުރަށް ވަގުތު ބޭކާރު ނުކޮށް ޝާލިޔާއަށް އޭނާގެ ލޯބިހުށައަޅާށެވެ.

"ޝާލިޔާ، އައި ލަވް ޔޫ" އަނާންގެ މިޖުމުލައިން ޝާލިޔާ ހައިރާންކަމާއެކު އަނާންއަށް ބަލަހައްޓައިގެން ހުއްޓެވެ. އަނާން އޭނަގެ އެ ޖުމުލަ ތަކުރާރުކޮށްލިއެވެ. ޝާލިޔާގެ ހިތްބާރުބާރަށް ތެޅެންފެށުނެވެ. އަދި އެތަނުން ދިޔުމަށް ދުއްވައިގަތެވެ. އަނާންއަށް ކުށްވެރިއެއްފަދައިން ބަލަހައްޓައިގެން ހުރެވުނެވެ.

މިހާރު މިދެ އާއިލާ މިރަށުގައި އުޅޭތާ ދެހަފްތާވަނީއެވެ. އެންމެންވެސް ބޭނުންވަނީ މާލެ ދިޔުމުގެ ކުރިން ކައިރި އޮތް ފަޅުރަށަށް ދަތުރު ދިޔުމަށެވެ. މިވީ ދުވަސްތަކުގައިވެސް އަނާންވަނީ އެކިގޮތްގޮތުން ޝާލިޔާއާއި ވާހަކަ ދެއްކުމަށް މަސައްކަތްކޮށްފައެވެ. މިއިން ކޮންމެ ފަހަރަކުވެސް ޝާލިޔާދެނީ ފުރަގަހެވެ. މިހާރު އެ ހިތަށް އެވަނީ ޝިފާއަކަށް ބޭނުންވެފައެވެ. ބޮޑު ބައްޔެއްގައިވާ މީހެއް ފަދައިންނެވެ.

ދަތުރުގެ ތައްޔާރީތައް ނިންމާލުމަށްފަހު އެންމެން ނިދަންވަދެއްޖެއެވެ. ޝާލިޔާއާއި ސާރާ ފިޔަވައެވެ. އެދެމީހުން އުޅުނީ ހަންތަކަށް ފެންއަޅާށެވެ. "ސާރާ، ކިހިނެއް" ދެމީހުންގެ ނަޒަރު ހުއްޓުނީ އަނާން ގޮވާލުމުން އެދިމާލަށެވެ. "އަހަރެން ވާހަކަ ދައްކަން ޖިހޭނީ ސާރާއަކާނު، ޝާލިޔާ އަހަރެންނާއި ވާހަކައެއް ނުދައްކާވިއްޔަ." އަނާން މިހެންބުނީ ޝާލިޔާއާއި ދިމާލަށްކަން އެނގުނެވެ. ސާރާ ޝާލިޔާއާއި ދިމާލަށް ބަލާލިއެވެ. "ނޫނޭ ޝާލީ އެންމެންނާވެސް ރައްޓެހިވާނެ. އަހަރެންވެސް އުއްމީދުކުރަނީ އަވަސް މުސްތަޤުބަލެއްގައި އަނާންއާއި ނަމަވެސް ޝާލީ ވާހަކަ ދައްކާނެކަމަށް." ސާރާގެ މިޖުމުލައިން އަނާން ކުޑަކޮން ހައިރާންވިއެވެ.

މޫދުގައި އެންމެން މަޖާކުރަމުން ދިޔައެވެ. އަނާންއަށް ތަންކޮޅެއްދުރުގައި އިން ޝާލިޔާ ފެނުނެވެ. އެހެންދުވަސްތަކެކޭ އެއްގޮތަށް މިއަދުވެސް ޝާލިޔާއިނީ އެންމެންނާ ވަކިންނެވެ. އަނާން ބޭނުންވީ މިއަދު ކޮންމެގޮތެއްް ހަދައިގެންވިޔަސް ޝާލިޔާ އަނގައިންބުނުވާށެވެ. ނަމަވެސް އެހެނެް ފަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ޝާލިޔާ އަނގައިންނެއް ނުބުންޏެވެ. މިފަހަރު އަނާން ކައިރިއަށް ރުޅިއަންނަ ގޮތްވިއެވެ. "ބޮޑާ އަންހެން ކުދިންވެސް ދެކެން އެކަމަކު ތީ ތަންކޮޅެއް ބޮޑުވަރު. ޝާލިޔާ ކިތަންމެހާވެސް ރީތި، އެކަމަކު އޭގެ މާނައަކީ މީހުންނާ އަނގައިން ނުބުނެ ތިހެން އަބަދު ވަކިން އުޅޭށޭ އެއް ނޫނޭ." އަނާންގެ މިޖުމުލަތަކުން ޝާލިޔާ ހިތަށް ވަރަށް ތަދުވިއެވެ. އޭނައަށް ރޮވެން ފެށުނެވެ. އަނާންއަށް އެކަން އެނގުންވެސްމެއެވެ.

" އަހަރެން އަދިވެސް ޝާލިޔާދެކެ ވަރަށް ލޯބިވޭ. އެކަމަކު" މިހާހަމައަށް ބުނެފައި އަނާން ދިޔައީއެވެ.

މެންދަމުގެ ހަމަހިމޭން ވަގުތުވެސް އަނާންއަށް އޮވެވުނީ ނުނިދިފައެވެ. ކުއްލިޔަކަށް ކޮޓަރި ދޮރުގައި މީހަކު ޓަކިޖެހުމުން އަނާން ހިތްބިރުގަތެވެ. ނަމަވެސް މަންމަ ކަމަށް ހީކޮށް ދޮރު ހުޅުވާލިއިރު ކުރިމަތީހުރީ ސާރާއެވެ. ސާރާ އެދުނީ އޭނާގެ ފަހަތުން އައުމަށެވެ. އިތުރަށް ސުވާލުނުކޮށް އަނާންވެސް ސާރާގެ ފަހަތުން ދިޔައެވެ. ސާރާ ގޮސް ހުއްޓުނީ ޝާލިޔާކައިރިއަށެވެ.

"އަނާން. ޝާލީ އަނާން ކައިރީ ވާހަކައެއް ބުނަން ބޭނުމޯ" ސާރާ ވާހަކަދެއްކިއެވެ.

"ކީއްވެ ޝާލިޔާ އަމިއްލައަށް ތިޔަ ވާހަކަ ނުބުނެވޭންވީ، އޭނަގެ އަނގަ ނެތީތަ" އަނާންވެސް ވާހަކަދެއްކިއެވެ. ޝާލިޔާއަށް ރޮވެންފެށުނެވެ.

"އަނާން.. އޭނަވެސް ވާހަކަ ދެއްކޭނަމަ އެހެން އަބަދު މަޑަކުން މަންމަން ހެދިފައެއް ނުހުންނާނެދޯ" ސާރާ ހިންހަމަ ނުޖެހިފަހުރެ ބުނެލިއެވެ.

އަނާންއަށްހީވީ މީހަކު އޭނަގެ ބޮލުގައި ޖެހިހެންނެވެ. "ކީކޭ ނުކުރާނަން ޤަބޫލެއް. ބުނޭ ތިއީ ސަމާސާއެކޭ" އަނާން މޮޔަގޮވަންފެށިކަހަލައެވެ.

"ނޫން އަނާން މިއީ ޙަޤީގަތް، ޝާލީއަކީ އުފަންވިއިރު ވާހަކަ ދެއްކޭ ކުއްޖެއް، އެކަމަކު އޭނާގެ މަންމަ ނިޔާވިއިރު ދިމާވި ޙާދިސާއެއްގެ ސަބަބުން ޝާލީއަށް މިހެންވީ" ސާރާ ހުރިހާ ވާހަކައެއް ތަފުސީލުކޮން އަނާންއަށް ކިޔައިދިނެވެ. އަނާން މަޑުމަޑުން ޝާލިޔާގެ އަތުގައި ހިފައިލިއެވެ. "އައި ސިޓިލް ލަވް ޔޫ" އަނާންގެ މިޖުމުލައިން ޝާލިޔާގެ ހިތްފުރުނެވެ. ޝާލިޔާ އަނާންގައިގާ ބައްދާލިއެވެ.

ގ.ޑްރީމްހައުސްއަށް ޢީދު އައިސްގެން އުޅޭކަހަލައެވެ. ނާދިރާ ގުޅާފައި އަނާންއާއި އޭނަގެ އަންހެން ދަރިފުޅާއި ކައިވެނި ކުރުވަން ބޭނުންވާ ވާހަކަ ބުނީއްސުރެން ސީމާއާއި މައިނާއަށް ހީވަނީ ދެދުނިޔެ ރަންވިހެންނެވެ. މައިނާވެސް އެހުންނަނީ އަނާން ފެނުނީއްސުރެން އަނާންއަށް ހިތްކިޔާފައެވެ. އެންމެފަހުން ޝާލިޔާއަށްވެސް މައިނާގެ ކައިވެނީގެ ޙަބަރު ލިބުނެވެ. ނަމަވެސް ފަރުދާގެ އަނެއް ފަރާތުގައި ހިނގަމުންދާ އެއްވެސް ކަމެއް އޭނާއަށް ރޭކާވެސް ނުލައެވެ. ނަމަވެސް މިކަމުގައި އެކަކުވެސް ކުއްވެރިއެއްނޫނެވެ. އަނާން އޭނަގެ މައިންބަފައިންނަށް އެންގީ އޭނަ ސީމާދައްތަގެ ދޮށީ ދަރިދެކެ ލޯބިވާކަމެވެ. އަދި ކައިވެނިކުރަން ބޭނުންކަމެވެ. ނާދިރާވެސް ސީމާ ކައިރީބުނީ މިހެންނެވެ. އެއީ މައިނާ ކަމަށް ހީކޮށެވެ. ވާނީވެސް އެހެންތާއެވެ. ދުނިޔޭގެ ލޯތަކަށް ސީމާ ދޮށީ ދަރިއަކީ ޝާލިޔާ ކަމަށް ވިޔަސް ހަޤީގަތަކީ ޝާލިޔާއަކީ ސީމާގެ ދޮންދަރިއެެކެވެ.

ތިންހަފްތާ ތެރޭގައި ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެހިގެން ކައިވެނި ކުރާދުވަސް ކައިރިވެފައި ވީއިރުވެސް ޝާލިޔާއަށް އަދިވެސް މައިނާގެ ވާންއުޅޭ ފިރިމީހާ ނުފެނެއެވެ. ކިތަންމެ ފަހަރަކުވެސް އެހިމެއެވެ. ނަމަވެސް ސީމާއާއި ހެދި މައިނާއަށް އެވާހަކަ ދެއްކޭގޮތެއްނުވިއެވެ. ސީމާ ބޭނުންވަނީ މިކަަހަލަ ހުރިހާ ކަމެއްގައި ޝާލިޔާ ތަންކޮޅެއް ދުރުގައި ބަހައްޓާށެވެ.

އަނާން ޑްރީމްހައުސްއަށް އައީ ކައިވެނި ކުރާއިރު އަޅުވާ އަނގޮއްޓި ޝާލިޔާއަށް ހެޔޮވަރުތޯ ބަލަންވެގެންނެވެ. ގެއަށް ވަން އަނާން ފެނިފައި މައިނާ އަނާން ގައިގާ ބައްދައިގަތެވެ. އަނާންހުރީ ވާނުވާ ނޭނގިފައެވެ. "އަނާން..ވަރަށް އުފާވެއްޖެ. އަހަރެން އަނާންގެ އަންބަކަށް ވާންއުޅޭތީ" މައިނާގެ މި ޖުމުލައިން އަނާންގެ އިތުރުން ތަންކޮޅެއް ދުރުގައި ހުރި ޝާލިޔާވެސް މިއަޑަށް ސިއްސައިގެން ދިޔައެވެ.

"ކީކޭ" އަނާން މައިނާ ދުރުކޮށްލިއެވެ. "އަހަރެން ކައިވެނި ކުރަން މިއުޅެނީ މައިނާއަކާއި ނޫނޭ. އަހަރެން ލޯބިވަނީ ޝާލިޔާދެކެ." އަނާން އޭނާގެ ހިތުގައިވާ ގޮތަށް މައިނާއަށް ހުރިހާ ވާހަކައެއް ހަޤީގަތަށް ކިޔައިދިނެވެ. އެވަގުތުވީ ސީމާގެ އިތުރުން ނާދިރާގެ ދެމަފިރިންވެސް ގެއަށް އައިސް ވަން ވަގުތަށެވެ. ނާދިރާ އާއި އަލީ ހުރީ ދެރަވެފައެވެ. ދަރިފުޅުގެ ހިތުގައިވާ ސޫރަ ނުބައިކޮށް ސިފަކުރެވުނީމައެވެ. ނަމަވެސް ސީމާ ގާތަށް ރުޅިއައީ ޝާލިޔާދެކެއެވެ. ނާދިރާ އާއި އަލީ ސީމާއަށް ވިސްނައިދޭން ކުރި މަސްކަތްވީ ބޭކާރެވެ.

"ނާދިރާ. ކަލޭ ބޭނުންވަނީ އެ ނުކުޅެދޭ މަންމަން ކުއްޖާ ކަލޭގެ ހަމައެކަނި ހުރި ދަރިފުޅުގެ އަންބަކަށް ހަދަންތަ." ސީމާގެ މި މި ޖުމުލައިން އަނާންއަކަށް މަޑަކުން ނުހުރެވުނެވެ.

"ހުއްޓާލާ ދައްތާ. ވާހަކަ ނުދެއްކުނެއް ކަމަކު ޝާލިޔާއަކި ނުކުޅެދޭ މަންމަނެއް ކަމަކަށް އަހަރެން ނުދެކެން. އަހަރެން އޭނަ ދެކެ ވަރަށް ލޯބިވޭ" އަނާން އޭނަގެ ހިތުގެ އަޑު އިއްވާލިއެވެ. އޭރު އެންމެން ސީމާއަށް ބަލަހައްޓައިގެންހުރީ އޭނާގެ ޖަވާބެއް ބޭނުންވާފަދަ ހޮތަކަށެވެ.

"މަންމާ އަހަރެންވެސް މި ކައިވެނި ކުރާކަށް ބޭނުމެއް ނޫން" އެންމެން ސިހިގެން ދިޔައީ މައިނާގެ އަޑަށެވެ.

"މަންމާ. އަހަރެން އަނާންދެކެ ކިތަންމެ ލޯބިވިޔަސް އޭނައާއި ދޮންތަ އެކަކު އަނެކަކު ދެކެ ވަރަށް ބޮޑަށް ލޯބިވޭ." މައިނާ އޭނަގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

"މަންމާ. މަންމަ ދޮންތައަށް ކުރިން އަޅާލި ނަމަ މިއަދު ދޮންތަވެސްވާނީ ހަމަ އަހަރެންފަދައިން ވާހަކަ ދެއްކޭ ނޯމަލް ކުއްޖަކަށް. އެކަމަކު މަންމަ އަބަދުވެސް ދޮންތައަކީ މަންމަ ދޮންދަރިއަކަށްވީމަ އަހަރެންނާއި ދޮންތައާއި ތަފާތު ކުރަނީ. މަންމަ ނިކަން އެންމެ ފަހަރަކުވެސް ވިސްނާލަބަލަ. ދޮންތަ ބޭނުންނަމަ އަހަރެމެން މިގެއިން ނެރުމުގެ ބާރު ދޮންތައަށް ލިބިގެންވޭ. މިހުރިހާ މުދަލެއްގެ ބޮޑުބައިގެ ހައްގުވެރިއަކީ ހަމަ ދޮންތަ. އެކަމަކު ދޮންތައެއް އެހެނެއް ނުހަދާނެ. މިހުރިހާ ދުވަހު މަންމަ ލޯބި ހޯދުމަށްޓަކައި މަންމައާއި އިދިކޮޅަށް ކަމެއްނުކުރިމީހަކު މިއަދު ވަކި ކަމެއް ކުރާނެތަ." މައިނާ ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ.

"މަންމާ. އެވެސް އިންސާނެކޭ، ދޮންތަވެސް ލޯބި ބޭނުންވާނެ. އަރާމު ކުރަން ހުސްވަގުތާއި ރީތި އެއްޗެހި ބޭނުންވާނެ. އެއަށްވުރެން ބޮޑަށް ދޮންތަ މަންމަގެ ލޯބި ބޭނުންވޭ. މަންމާ ދޮންތައަށް މަންމަގެ ލޯބިދީ ހެޔޮނުވާނެ." މައިނާގެ އަޑު ބެދުނެވެ. ސީމާއަށް ގަނޑުވެފައި ހުރެވުނީއެވެ. އެންމެ ކުޑައިރުން ފެށިގެން މިއަދާ ހަމައަށް ޝާލިޔާއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތް ހިތަށްއަރައި ދެރަވެފައެވެ. ނާދިރާމެންގެ ކުރިމަތީގައި އޭނާގެ އަގު ވެއްޓުނީމައި ލަދުގަނެފައެވެ.

"ޝާލިޔާ. ދަރިފުޅާ" ސީމާ ޝާލިޔާއަށް ގޮވާލިއެވެ. ޝާލިޔާއަށް ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. މިހެންހުޓައި ސީމާ އައިސް ޝާލިޔާ ގައިގާ ބައްދާލިއެވެ. ޝާލިޔާ ޅަކުއްޖެއް ފަދައިން ބަޑި ފަޅައިގެން ދިޔައެވެ. އެއީ މިއޮއްހާ ދުވަހު އޭނަ ބޭނުންވި މަންމަގެ ލޯބިވެތި ފިރުމުވެ. އެ ލޯތްބަށްޓަކައި ކެއްތެރިކަމާއިއެކު ހުރިހާ ކަމަކާ ކުރިމަތިލިއެވެ.

"އަނާން.މިއީ އަނާންގެ ހައްޤެއް. މިއީ ހަމަ އަހަރެންގެ ދޮށީ ދަރިފުޅު"

ސީމާ އަނާންގެ އަތަށް ޝާލިޔާގެ އަތްލާ ޖޯޑު ކޮށްލަމުން ބުނެލިއެވެ.

ޝާލިޔާ އާއި އަނާން އެކަކު އަނެކަކުގެ މޫނަށް ބަލައިލީ ލޯބިން ފުރިގެންވާ ގޮތަކަށެވެ. އަނާންވެސް އޭނަގެ ހިތުގަ އަޒުމެއް ކަނޑައެޅިއެވެ. އޭނަ އެހުރީ އޭނަގެ ލޯބިވާ އަނބިމީހާއަށް ފަރުވާކުރުމަށް ދުނިޔޭގެ ކޮންމެ ތާކަށްވެސް ދިޔުމަށް ތައްޔާރަށެވެ. ގައިމެވެ. ޝާލިޔާއަކީ ވަރަށްވެސް ހިތްވަރުގަދަ އަންހެނެކެވެ.

ކޮމެންޓް 0