8

އުޑުމަތިސާފު ރީތި ދުވަހެކެވެ. އަތިރިމައްޗައް ކުދިވެރިން ޖަމާވަމުންދިޔައީ ހަވީރު ގަޑިއަށްވުމުން ކުޅުމަށެވެ. ވާހަކަ ދައްކާލާ ފިނިކޮށްލުމަށް ނިކުމެ ތިބި މީހުންވެސް މަދެއްނޫނެވެ. ހީ ސަކަރާތް ޖެހުމާއި މަޖާކުރުމުގައި އެންމެންވެސް އަވަދިނެތި އުޅެއެވެ. ނަމަވެސް އެހެން އެންމެންނާއި އެކަހެރިކޮށް ކޮނޑުގައި ބޮޑު ދަބަހެއް އަޅުވައިގެން އިން ނީމްގެ ދެ ލޯވަނީ ކަރުނުން ފުރިފައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ އަތުގައިވާ ގަނޑަކަށެވެ. އޭގައިވާ ލިޔުން މިހާރު ނީމްއަށް ކިޔުނު އަދަދުވެސް ނޭނގެއެވެ. މައްޗައް ބަލާލަމުން ނީމް ދެ ލޯ މަރާލީ އޭނާގެ މާޒީގެ ސަފުހާތައް ހަނދާން އައު ކޮށްލަމުންނެވެ.

ހުޅުވާފައިވާ ކުޑަދޮރުން ބޭރަށް ބަލަން ނީމް އިނީ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބޭތޯއެވެ. ކޮންމެ ދުވަހަކު ގޭތެރޭގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށްފަހު އޭނާއަށް ހަމަޖެހިލަން ލިބޭ ވަގުތުކޮޅަކީ އެއީއެވެ. ރޭގަނޑު ހުރިހާ އެންމެން ކެއުމުން ތަށިތައްނަގާ އެއްޗެހި ހޫނު ކުރުމަށްފަހުއެވެ. އޭރު ހުންނަނީ 11 ޖަހާފައެވެ. ބޭރަށް ބަލަން އިނދެ އެއްލި ކަޅިއަކުން ކުޑަދޮރާއި ސީދާވާގޮތަށްހުރި ހިރުނދު ގަސްދޮށުގައި މީހަކު ހުރިތަން ނީމްއަށް ފެނުނީ ދެ ލޮލަށް ޖަމާވެފައިވާ ކަރުނައިގެ ތެރެއިންނެވެ. ކަރުނަތައް ފުހެލުމަށްފަހު ދެވަނަ ފަހަރަށް އެދިމާއަށް ބަލާލީ އެއީ ހަޤީޤަތެއްތޯ ޔަޤީންކޮށްލުމަށެވެ. އާއެކެވެ. އެތާގައި މީހަކު އެބަހުއްޓެވެ. ރަނގަޅަށް އެ ދިމާއަށްބަލާލުމުން ނީމްގެ މިލާ މޯޅިވެފައިވާ މޫނުގެ ކުލަ ބަދަލުވިއެވެ. ރުޅިވެރިކަން އެ މޫނުމަތިން ފާޅުވާންފެށިއެވެ. އެމީހާ ނީމްއާއިދިމާއަށް އެއްޗެއް ދިއްކޮށްލިއެވެ. އެމީހާހުރިލެއް ދުރުވެފައި އަދިރިކަމުން އެމީހާ ދިއްކޮށްލީ ކޮންއެއްޗެއްކަމެއް ނީމްއަކަށް ނޭނގެއެވެ. އެ ބަލާކަށް ނީމް ނޫޅެއެވެ. ރުޅިވެރިކަމާއިއެކު އެ ދިމާއަށް ބަލާލުމަށްފަހު ކުއްލިއަކަށް ތެދުވެ ކުޑަދޮރު ލައްޕާލިއެވެ. ނީމްގެ މޫނުމަތީން އިންތިހާއަށް ރުޅިވެރިކަން ފެނުނު ނަމަވެސް އެމީހާގެ މޫނުމަތީން ފެނުނީ ހިނިތުންވުމެކެވެ.

" ނީމް....." ނިދިފައިވާ ނީމްއަށް ފުއްމައިގެން ތެދުވެވުނީ ޖެހި ބާރު ގުގުރިއެއްފަދައިން މީހަކު އޭނާގެ ނަމުން ގޮވާތީއެވެ. ކުޅަދުރެއް ހެފުމުން ދުޅަވާހެން ރުޅިއައިސް ފުއްޕާފައިވާ ސަކީންތަގެ މޫނު ފެނުމުން ބިރުން ނީމްގެ މުޅި ހަށިގަނޑު ރޫރޫ އަޅައިގަތެވެ. " ބަލަ.. އަހަރެމެން ކަލޭ ބަލާބޮޑުކޮށް ހެދީމަވެސް ވިސްނޭކަށް ނޫޅެއޭދޯ! ކޮންމެ ދުވަހަކު މި ވަރަށް ގޮވިއްޔާ ނޫނީ ހޭލެވޭކަމަކަށް ނުވޭ..." ސަކީންތަ އޭނާގެ ދޫމަތީ ބަސް މިއަދުވެސް އެ ބޭރުކޮށްލީ ފަސޭހަކަމާއިއެކީގައެވެ. ފާރުގައިވާ ގަޑިއަށް ނީމް ބަލާލީ އާފުރެމުންނެވެ. އޭރު ގަޑިން ފަތިހު 4 ޖަހަނީއެވެ. ނިދާފައި އޮންނަތާ ގިނައިރުވީނަނަވެސް ރުޅިއަންނަން ރަނގަޅެވެ. ކޮންމެ ދުވަހަކުވެސް އިރުއެރުމުގެ ކުރިން ނީމްގެ މަސައްކަތްތައް ފަށަން ޖެހެއެވެ. އެއީ ފަތިސް ނަމާދަށްފަހު ކިރުތަށި ބޮއުމާއި ހަމައިން ފެށިގެންނެވެ. ސަކީންތަގެ ބަސްމަގު ހުންނަގޮތުންނާއި އެގޭ މީހުންގެ ޢަމަލުތައް ހުންނަގޮތުން އާއިލާމީހުން ދުނިޔޭގައި ހުރިނަމައޭ ނީމްގެ ހިތަށް އެތައް ފަހަރަކު އަރައެވެ.

ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ކަނޑުމަތީގެ ހާދިސާއެއްގައި ނީމްގެ އާއިލާވަނީ ގެއްލިފައެވެ. މާލޭން ފުރައިގެން ޅ. ކުރެންދޫއަށް ދަތުރު ކުރަމުން ދިޔަ ބޯޓް ކަނޑުގަދަވުމުން އަޑިއަށްގޮސް އެ ބޯޓުން ދަތުރު ކުރި އެތައް ބަޔަކު މަރުވިއެވެ. އަދި އެއްބަޔަކުވަނީ ގެއްލިފައެވެ. އޭގެތެރޭގައި އުމުރުން އެންމެ 8 އަހަރުގެ ނީމްގެ އާއިލާ ހިމެނުނެވެ. މަރުވެފައިވާ މީހުންގެ މޫނު ފެނިފައި ނުވިކަމުގައިވިޔަސް، އެ ހާދިސާގައި ނީމްގެ މައިންބަފައިން މަރުވެފައިވާކަމަށް ސަކީންތަމެންވަނީ ބުނެފައެވެ. އެ ދަތުރު މަންމައާއި ބައްޕަ މާލެދަމުން ނީމް ނުގެންދިޔައީ ސުކޫލް ކިޔެވުން އޮތީމަޔާއި، ސަކީންތަގެ އެދުމުގެ މަތީންނެވެ. ސަކީންތައަކީ ނީމްގެ ބައްޕަ ފަރާތު ބޮޑުދައިތައެކެވެ. އޭގެފަހުން ސަކީންތަމެން ނީމް ބެލުމާއި ހަވާލުވީ ނީމްގެ އާއިލާގައި ހުރީ ހަމައެކަނި ސަކީންތަކަމަށް ބުނަމުންނެވެ. ނަމަވެސް އެމީހުންގެ ޢަމަލުތައް ހުންނަގޮތުން ނީމްއަށް ވިސްނެނީ އެމީހުން ނީމް ބެލުމާއި ހަވާލުވީ އަމިއްލަ ފައިދާއަކަށްހެންނެވެ. ކިތަންމެ ހާލެއްގައި އުޅެން ޖެހުނު ނަމަވެސް ނީމް ކެތްތެރިކަމާއިއެކު އުޅެމުންދަނީ އޭނާގެ އާއިލާގައި އިތުރު މީހަކު ނެތުމުންނެވެ. އެންމެ 10 އަހަރުގައި ކިޔެވުމުން މަހްރޫމްވެ، ގުލާނުކޮށްދޭން ޖެހުމުން އެ ދުވަހު އެ ދަތުރު މަންމަމެންނާއެކު ނިމިދިޔަނަމައޭ ނީމްގެ ހިތަށް އެތައްފަހަރަކު އަރައެވެ. ނަމަވެސް ތަގުދީރުގެ ނިޔާ ބަދަލު ކުރެވޭނީ ފަހެ ކާކަށް ހެއްޔެވެ؟

މިހާރު އުމުރުން 20 އަހަރުގެ ނީމްއަކީ ކަޅުނަމަވެސް ރީތި ކުއްޖެކެވެ. ހިކިވަރާއި އެއްވަރަށް ހެޔޮވަރުގެ އިސްކޮޅެއް ލިބިފައިވާ ކުއްޖެކެވެ. ރަށު ގިނަ ފިރިހެން ކުދިންނަށް ނީމްގެ ސިފަ ރީތިވެގެން އުޅޭތީ ސަކީންތަ ނީމްދެކެ އަދި ވަކިން ރުޅިއާދެއެވެ. އެއްދުވަހެއްގެ ހަވީރުގެ ވަގުތުގައި ސައިތައްޔާރުކޮށް ނިންމާފައި ނީމް ގެއިން ނުކުމެލީ ސައިބޯން އެކަކުވެސް ނާންނާތީއެވެ. ސަކީންތަމެންގެ ގެ ހުންނަނީ އަތިރިމަތީގައިކަމުން ރީތި ވައިޖެހޭތީ ނީމް ގޮނޑުދޮށާއި ދިމާއަށް މިސްރާބު ޖެހިއެވެ. އޭރު އަތިރިމަތީ ދޮށި ހިފައިގެން ޒުވާން ފުރައިގެ ދެތިން ފިރިހެން ކުދިން އުޅެއެވެ. އެކުދިންނަށް ނީމް ފެނުމުން ތުނބުން ފުމެން ފެށިއެވެ. ނަމަވެސް އެކަމަށް ފަރުވާއެއް ނުބަހައްޓާ ނީމްގޮސް އަތިރިމަތީ އިށީނދެލިއެވެ. އޭރުވެސް ގޮނޑުދޮށުގައި ތިބި ކުދިންތައް ތަފާތު ގޮތްގޮތުން ނީމްއަށް މައްލަވަ ކުރަމުންދިޔައެވެ.

ހިޔާލަކަށް ގެއްލެމުންދިޔަ ނީމް ސިހުނީ ކޮނޑުގައި މީހަކު އަތް ބާއްވާލުމުންނެވެ. ސިހިފައި ފަހަތް ބަލާލުމަށްފަހު، އެމީހާގެ އަތް ނީމް ވަރަށް ބާރަށް ފޮޅުވާލިއެވެ. އެވަގުތު އެމީހާގެ އަތުގައި ފަތްޖަހާލާފައިއޮތް ކަރުދާސްކޮޅެއް ދުރަށް ވިއްސައިގެން ދިޔައެވެ. ލޮލުން ހިތާމަ ފާޅުވާން ހުރިނަމަވެސް ނީމްއަށް ހިނިތުންވުމެއް ރައްދުކޮށްލާފައި އެމީހާ ގޮސް އެ ކަރުދާސްކޮޅުނެގިއެވެ. އަދި މަޑުމަޑުން ނީމް ގާތުން ދުރަށްގޮސް އަތިރިމަތީ ހުރި ފިނިއަށީގައި އެމީހާ އިށީނނެވެ. އޭރު އަތިރިމަތީ އުޅުނު ޅަފުރާ ކުދިންތައް ތަފާތު ނަންނަން ބޭނުންކޮށްގެން އެމީހާއަށް މަލާމަތް ކުރަމުން ދިޔައެވެ. އެ ކުދިންގެ މަލާމާތަށް އެމީހާ އަޅާނުލާ އިންގޮތުން އެއީ އާއްމުކަމެއްކަން އިނގެއެވެ. ދުރުގައި އިންނަމަވެސް އެމީހާގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް ނީމްއާއި ވަކި ނުވާކަން އިނގުމުން ނީމްއަށް އުނދަގޫވަމުންދިޔައެވެ. ނީމްއަށް އެމީހާ އެރަށުން ފެންނަން ފެށިތާ އަދި ވީ އެންމެ 5 އަހަރެވެ. ނަމަވެސް އެރަށަށް އައިއްސުރެ އެމީހާއާއި ދިމާނުވާގޮތަކަށް ނީމްއަށް ގެއަކުން ނުނިކުމެވެއެވެ. ހީވަނީ އެމީހާ އަބަދުވެސް ހުންނަނީ ނީމްއަށް ފާރަލާލާ ހެންނެވެ.

ކުއްލިއަށް ބާރު އެތިފަހަރެއް ނީމްގެ ކޮނޑަށް އެރިއެވެ. ސިހިފައި ފަހަތް ބަލާލިއިރު ބޮޑު ހުސް ފުޅިއެއް ހިފައިގެން ރުޅިއައިސްފައި ސަކީންތަ ހުއްޓެވެ. " ބަލަ.. ސައިތައްޔާތުކޮށްލާފައި އައިސް ފިރިހެން ކުދިންނަށް ތިއްތި ދެއްކެން އިންއިރު ބޯލާނެ އެންމެ ފެންތިކެއްވެސް ނެތޭ ފުޅިއަކު..." ސަކީންތަގެ އާއްމު ބަހުރުވައިން ނީމްއާއި މުހާތަބު ކުރިއެވެ. އަދި ނީމްއަށް އެއްޗެއް ބުނެލާނެ ފުރުސަތެއް ނުދީ އަތުގައި ހިފައިގެން ދަމަމުން ކަހަލަ ގޮތަކަށް ގެއާ ދިމާއަށް ގެންދަން ފެށިއެވެ. އެވަގުތު އެއްލި ކަޅިއަކުން ފިނިއަށީގައި އިން މީހާގެ ފެންކަޅި ވެފައިވާ ދެ ލޯ ނީމްއަށް ފެނުނެވެ. ނަމަވެސް ނީމް މޫނު އަނބުރާލީ އަނެއްފަޅިއަށެވެ. ގެއަށްވަންގޮތަށް ސަކީންތަ އެތިވަރުތައް ގޮވަންފެށިއެވެ. ނީމް އަތިރިމަތީ ފިރިހެން ކުދިންނަށް ތިއްތިދެއްކެން އިނީއްޔޭ ކިޔާފަޔާއި ފުޅިއަށް ފެންނާޅާ ހުރުމުންނެވެ. ކާގޭގައި ހަރުކޮށްފައިވާ ބޯފެން އިސްކޫރުން ފެންފޮނދެއް ނަގަންވެސް އެމީހުން ބޭނުންކުރަނީ ނީމްގެ ދެ އަތެވެ. ނުވިތާކަށް މަސައްކަތެއްގައި ނޫންގޮތަކަށް ނީމް ގެއިން ނިކުމެއްޖެއްނަމަ އެވީ ތިއްތި ދެއްކެން ނިކުތްކަމަށެވެ.

ފިޔާ ކޮތަޅެއް ހިފައިގެން ފިހާރައިން ނުކުތް ނީމް ހުއްޓުން އެރީ ކުރިމައްޗައް މީހަކު އެރުމުންނެވެ. ދެ ލޯ އަޅާލަމުން ލޮލުގެ ހިމަކޮޅުން އެމީހާއަށް ނީމް ބަލާލީ އެއީ ނީމްގެ ފަހަތުން ނުނެއްޓިގެން އުޅޭ މީހާކަން އެނގޭތީއެވެ. ދަނޑި ގަޑެއްގެ އެހީގައި ހިނގާބިނގާވެ އުޅޭ އެމީހާ ނީމް ގެއިން ނިކުންނަ ކޮންމެ ފަހަރަކު ދިމާކުރެއެވެ. މޫނުމަތިން ފިހިފައިވާކަމުގެ ނިޝާން ފެންނަންހުރިއިރު ލާފައިވަނީ ބާވެފައިވާ ހެދުމެކެވެ. އެ މީހާ ނީމްއާއި ދިމާކުރަނީ ހަމައެކަނި ބޭރުތެރެއަކުންނޫނެވެ. މިހާރު ގޭދޮށަށްވެސް އަންނަނީއެވެ. ކުރީ ރޭ ގެ ކައިރީ ގަސްދޮށުން ފެނުނު ހަނދާންވުމުން ނީމް ދަތްކުނޑިވިކާލިއެވެ. އެހެންނަމަވެސް އެ މީހާ ހިނިތުންވެލީއެވެ. ނީމް އެންމެ ހައިރާންވަނީ ކިތަންމެ ވަރަކަށް އެމީހާ ނީމްއާއި ދިމާކުރިއަސް އަދި ނީމް ކިތަންމެ ވަރަކަށް އެއްޗެހި ކިޔަސް އަދި އަނގައިން ނުބުނިކަމުގައިވިޔަސް އެމީހާ އަނގައިން އެއްވެސް ބަހެއް ނުބުނާތީއެވެ. ކޮންމެ ފަހަރަކުވެސް ހިނިތުންވެލަނީއެވެ. ނީމް ތުން ހަދާލަމުން ކުރިއަށް ހިނގައިގަތީ ޗުސް ތަޅަމުންނެވެ.

ހަމަ އެފަދަ އެހެން ދުވަހެއްގެ ހަވީރު ވަގުތެވެ. ނީމް ހޮޓަލުން ހެދިކާ ގަނެގެން އައި މަގުމަތީ އެއްކަލަ މީހާގެ އުނގަލުލާއި ކުރިމަތިވިއެވެ. އެމީހާ ނީމްގެ ކުރިމައްޗައް ހިފައިގެން ހުރި ދަނޑިގަނޑު ހުރަސްކޮށްލުމަށްފަހު ނީމްގެ ކުރިމައްޗައް އެރިއެވެ. ނީމް އެއްފަރާތަކަށް ޖެހިލިއެވެ. އެވަގުތު އެމީހާ ނީމްގެ އަތުގައި ހިފާލިއެވެ. އައި ރުޅީގައި ނީމް ހަޅޭލަވާގަނެ އެމީހާގެ އަތް ފޮޅާލިއެވެ. އަދި އެ މީހާއާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ހިތަށް އައިހާ އެއްޗެއް ގޮވާލިއެވެ. މީހުންގެ ކުރިމަތީގައި މަޑުމައިތިރި ނީމް އެމީހާ ކުރިމަތީގައި ވަރަށް ހަރުކައްޓެވެ. ސަކީންތަމެން އޭނާއަށްދޭ ހިތާމައިގެ ރުޅި ބޭލެނީ މަގުމަތިން ދިމާކުރާ އެ އަންހެން މީހާއަށެވެ. އެހެނަސް މިފަހަރުވެސް އެމީހާ ރައްދުކޮށްލީ ހިނިތުންވުމެކެވެ. އެހެންފަހަރު ފަހަރާއި ހިލާފައަށް މިފަހަރު އެމީހާގެ ލޮލުންވެސް ފެނުނީ އުފާވެރިކަމެވެ.

ރުޅިވެރިކަމާއިއެކު ބާރު ހިނގުމެއްގައި ގެއަށް ވަންނަންއައި ނީމް ދޮރުކައިރީ ހުއްޓީލީ ގޭތެރޭގައި ސަކީންތަމެން އޭނާގެ ވާހަކަ ދައްކާހެން ހީވުމުންނެވެ. ސަކީންތަ ބުނާއަޑު ނީމްއަށް އިވުނެވެ. " ކިޑްނީއެއް ލިބުނުކަންއެއީ އަހަރެމެންގެ ނަސީބެވެ. އެހެން ނޫންނަމަ މިހާ އަރާމުކޮށް އުޅެލާކަށް އަހަރެމެންނަކަށް ނުލިބޭނެއެވެ. މަރުމަތީ އޮއްވާ މީހަކު އެ ނީމްއަށް ކިޑްނީ ހަދިޔާ ކުރިކަން އެއީ އަހަރެންގެ ނަސީބެވެ....." ނީމްއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެންހެންނެވެ. އޭނާ ހަނދާނަށްއައީ އޭގެ އަށްއަހަރުކުރިން ސަކީންތަމެން ބޭރަށް ދިޔަ ދަތުރެއްގައި ބަނޑަށް ތަދުވާތީ ދެއްކުމުން ކިޑްނީ ފެއިލްވެފައިވާ ވާހަކަ ބުނި ހަދާނެވެ. އަދި މާބުރަ މަސައްކަތަކާއި ނުލާ ކިޑުނީއެއް ލިބުނު ވާހަކަ ސަކީންތަ ބުނިހަނދާނެވެ. އެކަމަކު އޭރު ސަކީންތަމެން ބުނިގޮތުންނަމަ އެމީހުންނަށް އެހާފަސޭހައިން ކިޑުނީއެއް ލިބުނީ ބޮޑުއަގުގައި ގަތުމުންނެވެ. ވީއިރު މިއަދު އެބުނީ މީހަކު އޭނާއަށް ކިޑުނީ ހަދިޔާ ކުރި ވާހަކައެވެ. މި އޮޅުންގަނޑުގައި ވިސްނަން ހުރި ނީމްހުރީ ދެން ސަކީންތަ ބުނި ވާހަކަ ޤަބޫލު ނުކުރެވިފައެވެ. ސަކީންތަ ބުނާއަޑު އިވުނެވެ. " އިނގޭތަ... މިރަށުގައި އެއުޅޭ ކޮރު ދައިތައަކީ އެ ކިޑްނީ ނީމްއަށްދިން ދައިތަ. އެ ދައިތަގެވެސް އެއް ކިޑްނީ ފެއިލްވާ ވާހަކަ ޑަކްޓަރު ބުނި. އެކަމަކުވެސް ސަލާމަތުން އޮތް ކިޑްނީ ނީމްއަށް ދިނީ....." ނީމްގެ ބޮލަށް އެނބުރުން އަރާގޮތްވިއެވެ. މި އިވޭ އަޑުތަކަކީ ހަޤީޤަތެއްބާއޭ ހިތައްރަމުން ދިޔައެވެ. ބޭއިޙްތިޔާރުގައި އެމީހާ ހިފި އަތާއި ދިމާއަށް ބަލާލެވުނެވެ. ހަމައެވަގުތު ނީމްގެ ލޮލުގައި އަޅައިގަތީ ހެދިކާ ކޮތަޅުގައި އޮތް ކަރުދާސްގަނޑެވެ. އަވަސް ހިތަކާއިއެކު ނީމް އެ ކަރުދާސްގަނޑު ނަގާ ހުޅުވާލިއެވެ.

އެއީ ސިޓީއެކެވެ. ފުރަތަމަވެސް ލިޔެފައިވަނީ " ލޯބިވާ ދަރިފުޅާއެވެ." ސިޓީކިޔަމުން ދިޔަވަރަކަށް ކަރުނުން ނީމްގެ ދެލޯ ފުރެމުންދިޔައެވެ. އޭގައި ލިޔެފައިވަނީ އެއީ ނީމްގެ މަންމަކަމާއި، ކަނޑުމަތީގެ ހާދިޘާ ހިނގިއިރު އެ ހާދިސާއިން ގިނަ ޒަހަމްތަކާއިއެކުވެސް މަންމަ ސަލާމަތްވީ ވާހަކައެވެ. ކަނޑުމަތިން ބަޔަކަށް މަންމަ ފެނުމުން ސަލާމަތްކޮށްގެން ބެލެހެއްޓިކަމަށާއި ނަމަވެސް އޭރު އެއްވެސް ކަމައް ހަނދާންނެތުމުން ނާދެވުނީކަމަށެވެ. އަދި އެ ހާދިސާގައި މަންމަ ފަޔަށް ލިބުނު ގެއްލުމުން ހިނގާ އުޅެން އުނދަގުލީކަމަށެވެ. އޭގެ ފަހުން ސަލާމަތްކުރި މީހުންގާތު އުޅެނިކޮށް ހިނގި އަލިފާނުގެ ހާދިޘާއެއްގައި މޫނު ފިހިފައިވުމުން ސިފައަށް ބަދަލުއައިސްފައިވާކަމަށް ލިޔެފައިވެއެވެ. އަދި ހަމަ އެހާދިޘާގެ ފަހުން ހަނދާންތައް އައިނަމަވެސް ލިބުނު އަނިޔާއިން ވާހަދެއްކުމުން މަހްރޫމުވެފައިވާކަމަށްވެސް ލިޔެފައިވެއެވެ. އަދި ބުރަ މަސައްކަތުން ނީމް ގާތައް އާދެވުމުން އުފާވާކަމަށާއި އިންތިއާއަށް ލޯބިވާ ވާހަކަ ލިޔެފައިވެއެވެ. ސިޓީ ކިޔާ ނިމުނުއިރު ނީމް ހިފައިގެން ހުރި ހެދިކާ ކޮތަޅު އޮތީ ބިންމަތީއެވެ. ދެފަޔަށް ލެވުނުހާ ބާރެއްލާފައި ނީމް ދުއްވައިގަތީ އޭނާގެ މަންމަ ހޯދާށެވެ. ނަމަވެސް.... އޭރު މާ ލަސްވެޖެއެވެ. ނީމްއަށް އެންމެ ފަހުން މަންމައާއި ދިމާވި ހިސާބަށް ދެވުނުއިރު ބަޔަކު ވެއްޓިފައިވާ މަންމަގެ ހަށިގަނޑު ނަގައިގެން ގެންދަނީއެވެ. އެ މަންމަ ނީމްއަށްޓަކައި އެވީކިހާ ބޮޑު ގުރުބާނީއެއް ހެއްޔެވެ؟ އޭނާގެ ފުރާނަ ސަލާމަތްކޮށްދިނީ އެ މަންމައެވެ. އެތައް އެޗިއްސެއް ގޮވުމުންވެސް، ހަޤީގަތް އަންގައިދިނުމަށް ކުރި މަސައްކަތްތަކުގައި ކޮޅުފައިން ޖެހުމުންވެސް އެ މަންމަވަނީ ކެތްތެރިކަން އިސްކޮށްފައެވެ. އަދި އެ މަންމަގެ އެންމެ ފަހު ވަގުތު ކޮޅުގައިވެސް އެ މަސައްކަތްކުރީ ހަޤީޤަތް އަންގައިދިނުމަށެވެ. އަދި އެ ރައްދުކުރީ ފުރިހަމަ ހިނިތުން ވުމެކެވެ. ސުބުހާނަ ﷲ.....

ލޯންޗުރަށު ފާލަމާ ގާތްކުރުމުން ކިޔަން އިން ސިޓީ ދަބަހަށްލާ އަތުގެ ނުފުށުން ކަރުނަތައް ފުހެލަމުން ލޯންޗާއި ދިމާއަށް ނީމް ހިނގައިގަތީ އެރަށް ދޫކޮށް ދިޔުމަށެވެ. ރައްޓެއްސެއްގެ އެހީގައި މާލެއަށް ބަދަލުވުމަށް ނީމް ނިންމީ އެ ފަސްގަނޑުގައި އިތުރަށް އުޅުމުގެ ބޭނުމެއް ނެއްކަން ވިސްނުމުންނެވެ. އަދި ސަކީންތަމެންގެ މޫނު ދެކެން ބޭނުން ނުވާތީއެވެ. ހަމަ އެހެންމެ މަންމައަށް ހެޔޮދުޢާ ކުރުމާއިއެކު އުފާވެރި ހަޔާތެއް އުޅުމުގެ އުއްމީދުގައެވެ.

ކޮމެންޓް 0