10

ޖެހޭ ނަލަ ވައިރޯޅިއާއެކު ގަސްތަކުގެ ފަތްތައް ހެލިލުމުން ރީތި މިޔުޒިކީ އަޑެއް އިއްވައެވެ. ރުއްތަކުގެ ފަންވަތްތައް ވަޔާ ހޫރިލާ ހިނދު ލިއްބައިދޭ ހިތްގައިމުކަމެއް ވެސް ކުޑައެއް ނޫނެވެ. މި އަޑުތަކަކީ އަހަރެންގެ ހިތަށް ހަމަޖެހުން ގެނެސްދޭ އަޑުތަކަކަށް ވެފައިވަނީ އިއްޔެއަކު މިއަދަކު ނޫނެވެ. އަތިރިމަތީ އޮތް ރުއްބުރިއެއްގައި އިށީނދެލައިގެން އިނީ އެ ހިތްގައިމު މާހައުލުން އުފާ ލިބިގަތުމަށް އެކަންޏެއް ނޫނެވެ. ހަޔާތާމެދު ފިކުރުކޮށްލުމުގެ ބޭނުމުގައި ވެސް މެއެވެ. އަހަރެންގެ ފަހަތުން މުގޯލި އަޅަމުންދާ ޒުވާނުން ހުތުރެއް ނޫނެވެ. އެހެންނަމަވެސް އެއިން އެއްވެސް ކުއްޖަކަށް އާބަސް ބުނާކަށް ހިތެއް ނުރުހެއެވެ. އުމުރުން ދުވަސްވަމުންދާކަން އިހުސާސްކުރެވެއެވެ. ލޯބި ލޯބި އާއިލާއެއް ބޭނުންވެއެވެ. ހަދާނީ ކިހިނެއްކަމެއް ނޭނގެއެވެ.

އަހަރެންނާއެކު މަރުކަޒުގައި ތަރުޖަމާނެއްގެ ވަޒީފާއަދާކުރާ އެކުވެރި ނީނާ، އަހަރެން ސިއްސުވައިލީ ހަމަ ރަނގަޅަށް ވެސް ޚިޔާލީ ފުންކަނޑެއްގެ ތެރެއަށް ފީނަމުންދަނިކޮންނެވެ. އެ ވަގުތު އާޑޮކްޓަރެއް އަންނަކަން ހަނދާން ވެއްޖެއެވެ. ކުރިން މިރަށަށް ގެނައީ މުޅިންވެސް ބިދޭސީ ޑޮކްޓަރުންނެވެ. މިފަހަރު ގެންނަނީ ދިވެހި ޑޮކްޓަރެކެވެ. އަނެއްކާ ވެސް ޚިޔާލީ ކަނޑަށް ފުންމާލެވުނެވެ. ފަތަން ދިމާކޮށްލި ތަނާ، ނީނާ އެކަން މަނާކުރިއެވެ.

''ޑޮކްޓަރު އަތުވެއްޖެ. މި އައީ ބަލައި.'' ދެ އަތުގައި ހިފައި އަހަރެން ނެގިއެވެ. ''އަހަރެންގެ ފަހަތުން އާދޭ.'' ނީނާ މިހެން ބުނެ ދުއްވައިގަތުމުން އަހަރެން ވެސް އޭނާގެ ފަހަތުން ދުއްވައިގަތީމެވެ.

ނީނާ މާކުރިން ގޮސް މަރުކަޒަށް ވަދެ ނިމިއްޖެއެވެ. އަހަރެން ވެސް މަޑުމަޑުން ދުވަމުން ގޮސް މަރުކަޒުގެ ދޮރާށިން ވަންނަން ދިމާކޮށްލިތަނާ މީހެއްގެ ގައިގައި ޖެހިއްޖެއެވެ. ވަންނަ ދޮރުކައިރީ އޮންނަނީ މެދަށް އުސް ތަޅުންގަނޑަކަށް ވާތީ ފައި ހަރުނުލާގޮތްވެ އަރިއަޅައިލިއެވެ. އެ ވަގުތު ބޭއިހުތިޔާރުގައި އެ މީހާގެ ގައިގައި ހިފެހެއްޓުނެވެ. ކާކުތޯ ބަލައިލެވުނެވެ. އެއިރު އޮވެވުނީ އެ ޒުވާނާގެ ކަރުގައި އެލިގަނެގެންނެވެ. އެ ޒުވާނާ ހުރީ އަހަރެންގެ އުނަގަނޑުގައި ހިފަހައްޓައިލައިގެންނެވެ.

''ތަންކޮޅެއް ބަލައިލައިގެން އުޅޭތި'' ހީލާފައި އެ ޒުވާނާ ބުންޏެވެ. އޮވެވުނު ގޮތް އިހުސާސް ކުރެވުނީ އެހިސާބުންނެވެ. ދިރޭ މަހެއް ދެމިގަންނަހެން ދެމިގަނެ ބާރު ހިނގުމެއްގައި ގޮސް މަރުކަޒަށް ވަދެއްޖައީމެވެ. ގަތްލަދެއްގެ ބޮޑުކަމުން މާފަށް އެދެން ވެސް ހަނދާނެއް ނުވިއެވެ.

މަރުކަޒަށް ވަދެ ރަނގަޅަށް ހިނގައިނުގަނެވި އުޅެނިކޮށް ނީނާ، އަހަރެންގެ އަތުގައި ހިފައި ދަމާގަތެވެ.

''ތި ގަތްގަނޑު މަށަށް ފެނިއްޖެ. އެ މަންޒަރު ފެނުނު ވާހަކަ ބުނެ ނީނާ ދިމާކޮށްލިއެވެ. ''ވަރަށް ގުޅޭ ޖޯޑެއް'' ވައްބަހަކުން ޖަހައިލުމުންނާއި ދިމާކުރުން ތަކުން އެ ޒުވާނާއާމެދު ވިސްނާލުމަށް މަޖުބޫރުވިއެވެ.

އެ ތޫނު ކަޅި ރަވައެވެ. ހީލުމުން ދެ ކޮލުގައި އުފެދޭ އަޑިކޮޅެވެ. ފިރިހެންވަންތަކަން ރަމްޒުކޮށްދޭ ބައިމަތި ފުޅާ ހަށިގަނޑެވެ. މިގޮތަށް ވިސްނައިލެވުމުން ހިތުގައި އާވިންދެއް ޖަހަންފެށިއެވެ. ހިތަށް ނޭގޭ އަސަރުތަކެއް ކުރުވިއެވެ. ކުރިން ދުވަހަކު ވެސް ނުވާކަހަލަ ގޮތްތަކެއް ވާންފެށިއެވެ. މިކަމާމެދު ވިސްނުމަށް ސިކުނޑި މަޖުބޫރުކުރި ނަމަވެސް ހިތް އިންކާރު ކުރިއެވެ.

އޭގެ އަނެއް ދުވަހެވެ. އަހަރެންނަށް އޮތީ ހެނދުނުގެ ޑިއުޓީއެވެ. އާދައިގެ މަތިން ގަޑިޖެހުމުގެ 15 މިނެޓު ކުރިން ޑިއުޓީއަށް ދިޔައީމެވެ. ޑޮކްޓަރަށް ޚާއްސަކޮށްފައިވާ ކޮޓަރިއަށް ވަދެއްޖައީމެވެ. ސިހުން ލިބުނީ ދެނެވެ. ދެ ފިޔަވަޅެއް ފަހަތަށް އެޅުނެވެ. ކުރިމަތީ އެއިނީ އެ ޒުވާނާ އެވެ. ޑޮކްޓަރަކީ މި ޒުވާނާތާއޭ ހިތާ ހިތާ ކިޔާލެވުނެވެ. ފަހަތަށް އެޅި ފިޔަވަޅު ކުރިއަށް އަޅާ ހިތްވަރުކޮށްފައި ގޮސް ގޮނޑީގައި އިށީނީމެވެ.

އަހަރެންނަށް އިނދެވުނީ އެ ޒުވާން ޑޮކްޓަރާ ދިމާއަށް ބަލައިލަން ނުކުރިފައެވެ. ފާރުގައި ހުރި ގަޑިއަށް ބަލައިލީ ވެސް އެހެންވެގެންނެވެ. އަބަދު ގަޑިއަށް ބަލަހައްޓައިގެން އިންނާކަށް ނުކެރުނެވެ. ކޮޓަރީގެ އެއްކަނުގައި ހުރި އެނދަށް ބަލަންފެށީމެވެ. އެގޮތުގައި ވެސް މާގިނަވަގުތު ހޭދަކުރަން ފަސްޖެހުނެވެ. ލަދުން އުޅޭކަން އެނގިދާނެތީއެވެ. މޭޒުމަތީގައި އޮތް ޑޮކްޓަރުގެ ކަށިގަނޑަށް ނަޒަރު ހުއްޓާލީމެވެ. ބޭއިހުތިޔާރުގައި ޑޮކްޓަރާދިމާއަށް ބަލައިލެވިއްޖެއެވެ. ޑޮކްޓަރުގެ ނަޒަރު ވެސް އަހަރެންނަށް އަމާޒު ކުރެވިފައިވާކަން ފާހަގަ ކުރެވުނެވެ. ނުގޮތަކަށް ހިނިތުންވެލުމަށްފަހު އެހެން ދިމާއަކަށް ބަލައިލީމެވެ. އެ ކުޑަ ހިނދުކޮޅުން ވެސް އެތެރެ ހަށީގައި ނޭނގޭ އިހުސާސްތަކެއް ކުރުވިއެވެ. ހިތުގެ ވިންދު އަވަސްވިއެވެ. ހިތާ ދިމާއިން މޭގައި އަތް އަޅައިލެވުނެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން ފައި ދަމާލެވުނެވެ. ފައި ބޭއްވުނީ ޑޮކްޓަރުގެ ފައިމަތީގައެވެ. ކުއްލިއަކަށް ފައި ދަމާގަތީމެވެ. އަނެއްކާވެސް ލޮލާއި ލޯ ދިމާވިއެވެ. އެ ހިނދު ހިތުގައި އާރާގެއް ކުޅެލިއެވެ.

ލަދުގެންފައި އިންކަން ޑޮކްޓަރަށް އެނގުނީ ކަންނޭނގެއެވެ. ''އަޅުގަނޑުގެ ނަމަކީ އަޔާން'' ޑޮކްޓަރު ތައާރަފުވިއެވެ.

''އަހަރެންގެ ނަމަކީ ޒީޝާ'' އެ ހިސާބުން ވަޒީފާގެ މަސްއޫލިއްޔާތު ކޮޑުމައްޗަށް ވެއްޓިއްޖެއެވެ. ފަހަރަކު ބަލިމީހެއް ބަލަމުން ދެއެވެ. އެހެން ފިކުރުތަކާ ދުރުވެ އަސްލު މިސްރާބާދިމާއަށް ސިކުނޑި ހުޅުވައި ލެވިއްޖެއެވެ. ޑޮކްޓަރު ބަލިމީހުން ބަލަން ފެށުމުން އަވަސްވެފައިވާ ނޭވާ ވެސް ހަމައަކަށް އެޅިއްޖެއެވެ. ހަމަޖެހިލެވިއްޖެއެވެ. އަހަރެންނަށް ޖެހުނީ ޑޮކްޓަރު ލިޔެދޭ ބޭސްތައް ނޯޓު ކުރާށެވެ. މިއަދު މާގިނަ ބަލިމީހުންނެއް ނާދެއެވެ. އެހެންވެ މާ ގިނަ ވަގުތު ޑޮކްޓަރުގެ ކޮޓަރީގައި ހޭދަކުރާކަށް ނުޖެހުނެވެ. އެއީ ނަސީބުކަމެއް ނޫނީ ބަދުނަސީބުކަމެއް ނޭނގެއެވެ.

ދެތިން ދުވަހު ޑޮކްޓަރާއެކު މަސައްކަތް ކޮށްލުމުން ގިނަގުނަ ރަނގަޅު ސިފަތަކެއް ފާހަގަކުރެވެން ފެށިއެވެ. ގެންގުޅޭ އުސޫލުތަކުންނެވެ. ޢަމަލުތައް ބައްޓަންކުރަމުން ގެންދާ ގޮތުންނެވެ. ގިނަ ދުވަސް ވީވަރަކަށް މި ސިފަތައްވީ ތަކުރާރެވެ. ރުހޭތީ އައިބެއް ނުފެންނަނީ އެއް ނޫނެވެ. ހަމަ ތަފާތީއެވެ. ކޮންމެ މީހަކު ދައްކާ ވާހަކައެއް ވެސް ކަނުލައި އަޑުއަހައެވެ. ރަނގަޅަށް ވާގޮތް އޮޅުން ފިލުވައެވެ. ކަށިގަނޑު އަޅައިގެން ބަލައި، ހެދެން ހުރި ހުރިހައި ޓެސްޓުތަކެއް ހެދުމަށްފަހު ނޫނީ ބޭހެއް ނުދެއެވެ. އެހެން ޑޮކްޓަރުންނާ ވަރަށް ތަފާތެވެ. ބަލި މީހާއާ ވާހަކަދައްކާ ރީތި ބަހުރުވައިގެ ސަބަބުން ރުޅިވެރިކަމާއެކު ކުރިމަތިލާ މީހާ ވެސް މަޑުމޮޅި ކުރުވައެވެ. މާޔޫސީކަމާއެކު އަންނަ މީހާ ވެސް ހިނިތުން ކުރުވައެވެ. ނާއުންމީދާއެކު އަންނަ މީހާ ވެސް އުންމީދުން ފުރާލައެވެ.

ޑޮކްޓަރާއެކު މަސައްކަތް ކުރާތާ މަހަކާއި ފޮއި ދުވަސްވީއެވެ. ހިތުގައިވާ ޑޮކްޓަރުގެ ނަން އެތައް ގުނައެއް މައްޗަށް ޖެހިއްޖެއެވެ. އެ ހިނިތުންވުމާއި ސަމާސާ މިޒާޖުގެ ސަބަބުންނެވެ. ހަމަހަމަކަމަށް ލޯބިކުރާތީއެވެ. ކުރުކޮށް ބުނަނީނަމަ ޑޮކްޓަރުގެ ކޮންމެ އާދައަކީ ވެސް ވަރަށް ކަމުދާ ގަޔާވާ އާދައަކަށް ވެއްޖެއެވެ. ހުރިހައި ވަގުތެއްގައި ވެސް ޑޮކްޓަރާމެދު ފިކުރުކުރެވެން ފެށިއްޖެއެވެ. ބުނަންދަތި ގޮތްތަކެއް ކުރިމަތިވާން ފަށައިފިއެވެ. އެ ތަފާތު ޑޮކްޓަރުގެ ސޫރަ ހިތުތެރޭގައި އަބަދުވެސް ހުންނަނީ ކުރެހިފައެވެ. މި ވާގޮތްތައް ނީނާއާ ހިއްސާކުރަން ނިންމީމެވެ.

ދުވަސްތައް މާޒީއާ އެކުވަމުންދެއެވެ. އިންޓަރވަލް ގަޑިއަށް ވާތީ އަހަރެން އޮތީ މަރުކަޒުގެ ގޯތިތެރޭގައި ބަހައްޓާފައި ހުރި ޖޯލި ފައްޗެއްގައެވެ. ވިސްނެނީ އެންމެ ކަމަކާ ދޭތެރޭގައެވެ.

''ލޯބިން ބުނަން ބޭނުން ވިޔަސް ބުނެލަން ނުކުރިގެން ދެރަވެޔޭ

ލޯބިން ގުޅެން ބޭނުން ވިޔަސް ގުޅުމެއް ނެތީމާ ދެރަވެޔޭ

ލޯބިން އެކީ ގުޅިގެން އުޅެން ހައްލެއް މަށަށް ބޭނުންވެޔޭ

ލޯބިން މިކަން ކޮށްދޭނެ ކަނދުފައްޗެއް މަށަށް ބޭނުންވެޔޭ''

ޅެން ބައިތުތައް ހިތު ތެރޭގައި ރާވައިގެން އުޅުނަސް ދުލާ ހަމައަށް އައީ ބޭއިހުތިޔާރުގައެވެ. އެ ވަގުތު ނީނާ އަޑުއަހަން ހުރިކަމެއް ނުދެނެ ހުރީމެވެ.

''ކަނދުފައްޗަކަށް އަހަރެން ކަމަކު ނުދޭތަ؟'' ނީނާ ސަމާސާ ރާގަކަށް އަހައިލިއެވެ. މި ރަށަށް އައި ޑޮކްޓަރު ދެކެ އެހާ އަވަހަށް ލޯބި ވީޔޭ މީހުން ކިޔާނެޔޭ ހިތަށްއެރިއެވެ. ނަމަވެސް ލޯބިވާކަށް މާގިނަ ވަގުތެއް ނުނަގާނެކަން ތަޖުރިބާ ކުރެވިއްޖެއެވެ. އެހައި ގިނަ ދުވަހު މިގޮތަށް އެކަނި ހުރުމަށްފަހު ލިބުނު ފުރުސަތު ނަގާލައިކަށް ބޭނުމެއްނުވިއެވެ. އެހެންވެ ހުރިހައި ވާހަކަތަކެއް ނީނާއަށް ކިޔައި ދިނީމެވެ.

''އަހަރެން ވަރަށް ލޯބިވޭ ޑޮކްޓަރު ދެކެ. އެ ވާހަކަ ބުނެދީ ޕްލިޒް'' ނުރޯދަރިއަކަށް ކިރެއް ނުލިބޭނެކަން އެނގޭތީ ނީނާ ގާތުގައި އެދުނީމެވެ.

''ބޮއްކުރާ ދޮށަށް އޮޑި ކަނބަނީދޯ'' ނީނާ ދިމާކޮށްލިއެވެ. އެކަމާ އަޅައެއް ނުލަމެވެ. ލަދަކާ ހުރެ ތަދެއް ނުފިލާނެއޭ ބުނާއަޑު އިވޭތީއެވެ. ވީހާ އަވަހަކަށް އެކަން ކޮށްދިނުމަށް އެދުނީމެވެ.

''ހާސްނުވޭ. ހިތްވަރުކުރޭ މާދަމާ ވާންވާއިރަށް އެކަން ނިންމާލައިނަން. ވަރަށް ހަރުދަނާ ކަމާއެކު ބުންޏެވެ. އެ ދުވަހުގެ ޑިއުޓީ ނިންމައިލީ ފޮނި އުންމީދު ތަކަކާއެކުގައެވެ.

ކުއްލިއަކަށް ހޭލެވުނީ މީހަކު ދޮރުގައި ޓަކިޖަހައި އަޑަށެވެ. މަންމައެވެ. ''މަރުކަޒަށްދާ ގަޑި ޖެހިއްޖެ''

''މި ތެދުވަނީ'' އަހަރެން ބުނީމެވެ. އަވަސް އަވަސް ކޮށްލައިގެން އައިސް ގަޑި ބަލައިލިއިރު ގަޑި ޖެހެން ހުރީ 10 މިނެޓެވެ. މިއަދު ދެވޭނީ ބަރާބަރު ގަޑިއަށެވެ. ނާސްތާ ވެސް ނުކޮށް މިޖެހުނީ ދާށެވެ. މިއީ ދުވަހަކު ވެސް ވީގޮތެއް ނޫނެވެ.

ކަންބޮޑު ވެފައި ހުރެގެން ވަށައިގެން ޖަހާފައިވާ ގޮނޑިތަކަށް ބަލައިލީމެވެ. އެއްވެސް ބަލި މީހަކު ނެތުމުން ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ.

''ކިހިނެއްވީ؟ ''ކައުންޓަރު ކައިރީ ކޮޅަށް ހުރި ރިސެޕްޝަނިސްޓް ވާފިރާ އަހައިލިއެވެ. އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެމެވެ. އަވަހަށް ގޮސް ޑޮކްޓަރު ބަލާ ކޮޓަރިއަށް ވަދެ ޒިންމާ އަދާކުރަން ފަށައިފީމެވެ.

އެދުވަހުގެ ޑިއުޓީ އަދާކުރި އިރު އިނދެވުނީ ވަރަށް ފިނިވެފަ އެވެ. ހިތުގެ އެދުން ނީނާ ކިޔައިދީފި ބާވައޭ ހިތަށް އެރިއެވެ. ވިސްނެނީ ޑޮކްޓަރު އަޔާންއާ މެދުގައެވެ. ބަލައިލާ ކޮންމެ ފަހަރަކު ޑޮކްޓަރު ވެސް އަހަރެންނާ ދިމާ ބަލަން އިންނަކަން ފާހަގަ ކުރެވެއެވެ. ދެ ލޮލުން އެ ފެންނަ އަސަރު ތަކުން ޑޮކްޓަރު ވެސް އަހަރެން ދެކެ ލޯބިވާކަމަށް ނިންމުނެވެ. އެހެން ނަމަވެސް އެ ބެލުންތަކުގައި ރިހުމެއް އެކުލެވިފައި ވާކަން ފާހަގަކުރެވުނެވެ.

ބަލިމީހަކު ނެތް ގަޑިއެކެވެ. ދެމީހުން އެކަނިވެއްޖެއެވެ. އެފަދަ ވަގުތުތަކުގައި ވަރަށް ކަންބޮޑުވެއެވެ. ހިތް އަވަސްވެއެވެ. ހަތަރެސްފައި ފިނިވެ އޮއްދާ ހިއްލާ ގޮތްވެއެވެ. މަޑުމަޑުން މޭޒު މަތީ އޮތް ބަރުނަގައި އަނބުރަން ފެށީމެވެ. ކުއްލިއަކަށް އަތުން ދޫވެގެން ގޮސް ބަރު ޖެހުނީ ޑޮކްޓަރުގެ އަތުގައެވެ. ޑޮކްޓަރު ތަދުވި ކަހަލަ އަޑެއް ލައްވައިލިއެވެ. އިހުތިޔާރަކާނުލައި ޑޮކްޓަރުގެ އަތުގައި ހިފެހެއްޓުނެވެ. ބަރު ޖެހުނު ތަނުގައި ފިރުމަން ފެށުނެވެ.

''ސޮރީ! ގަސްތަކުނޫން.'' ''އެއީ މާ ބޮޑު ކަމެއް ނޫން. އަޅައިނުލާ!'' މިކުރެވެނީ ކީއްކަން އިހްސާސްވީ ޑޮކްޓަރުގެ އަޑު އިވުމުންނެވެ. އަވަހަށް ޑޮކްޓަރުގެ އަތުން ދޫކޮށްލީމެވެ. ޑޮކްޓަރު އިނީ ހިނިތުންވެފައެވެ.

''ތިޔައީ ވަރަށް ލަދުރަކި ކުއްޖެއް ދޯ'' ހިނިތުންވަމުން ޑޮކްޓަރު ބުނި ޖުމުލައިން އަހަރެން ހީކުރީ ލޯބިވާ ވާހަކަ ބުނަން އުޅޭ ކަމަށެވެ. ނަމަވެސް އެދުވަހުގެ ޑިއުޓީ ނިމުނު އިރު ވެސް ޑޮކްޓަރުގެ ފަރާތުން އެފަދަ އިޝާރާތެއް ނުލިބުނެވެ.

ހުކުރު ދުވަހަށް ވާތީ ޑިއުޓީއަށް ދާކަށް ނުޖެހެއެވެ. އެހެންވެ ގޭތެރޭގެ ކަންތައްތައް ހަމައަކަށް އަޅުވާލަމެވެ. ނަމަވެސް މިއަދަކު އެއްވެސް ކަމެއްކުރާ ހިތެއް ނުވެއެވެ. ލިބޭނެ ޖަވާބެއް ނޭނގޭތީއެވެ. ރޭގަނޑު ނުކައި ނިދުމުގެ ސަބަބުން އޮތީ ވަރަށް ބަޑުހައި ވެފައެވެ. އެކަމަކު ތެދުވާ ހިތެއްނެތެވެ. އެހެން އޮއްވާ ފޯނު ރިންގުވާން ފަށައިފިއެވެ. ނީނާގެ ފޯނެކެވެ. ހިތް ހީވަނީ މަރަށް ތެޅޭ ރޯމަހެއް ހެންނެވެ. އަވަސް އަވަހަށް ފޯނު ނެގީމެވެ.

''ޑޮކްޓަރު ގާތުގައި އެ ވާހަކަ ދައްކައިފިން'' ނީނާ ވާހަކަދެއްކުން ހުއްޓައިލުމަށް ފަހު އަނެއްކާ ވެސް ވާހަކަ ފެށިއެވެ.

''ޑޮކްޓަރުގެ ދަރިޔަކު ހުރޭ އަދި އަންހެނުން...'' މި ހިސާބަށް ބުނިތަނާ އަތުން ފޯނު ދޫވެއްޖެއެވެ. ނީނާ އިތުރަށް ދެއްކި ވާހަކައެއް ސާފެއް ނުވިއެވެ. ލިބުނު ހިތްދަތިކަމަކުން ލަނގޮޑި ހީވީ ބޭރަށް ނުކުންނަން އުޅުނު ހެންނެވެ. ވަރަށް ބާރަށް ރޮވެން ފެށުނެވެ. ދެން ވީގޮތެއް ނޭނގުނެވެ.

ލޯ ހުޅުވާލެވުނު އިރު ކުރިމަތީ ޑޮކްޓަރު ހުރިތަން ފެނުނެވެ. ވަގުތުން ރޮވިއްޖެއެވެ. އަދި މޫނު އަނބުރާ ލެވުނެވެ. ގާތުގައި ތިބީ މަންމައާއި ނީނާއެވެ. މަންމަ ރޮނީއެވެ. ނީނާވެސް ހުރީ ފެންކަޅި ވެފައެވެ. ޑޮކްޓަރު ނީނާ ގާތު ކޮންމެވެސް އެއްޗެކޭ ބުނުމުން މަންމަ ގޮވައިގެން ބޭރަށް ނުކުމެއްޖެއެވެ. ޑޮކްޓަރު އައިސް އެނދުކައިރީ ހުރި ގޮނޑިއެއްގައި އިށީނދެ ވާހަކަދައްކަން ފެށިއެވެ.

''އަހަރެންގެ ދަރިއަކު އެބަހުރި. އަނތްބަކު ނުހުންނާނެ. ތިކަހަލަ ހިތް ހެޔޮ އުޅުން ހުރި ބައިވެރިއެއް އަހަރެން ވެސް ބޭނުން.''

ނުހަނު އުފާވެއްޖެއެވެ. ދަރިއަކު ހުރުމީ މައްސަލައެއް ނޫނޭ ހިތާހިތާ ކިޔާލެވުނެވެ. އެ ވަގުތު މުޅި ދުނިޔެ މިލްކުވީކަމުގެ އިހްސާސް ކުރެވުނެވެ.

''ކައިވެނި ރޫޅެން ދިމާވީ އަހަރެން ބަލި މީހަކަށް ވީމާ. ކޯފުއްޕީގެ ޝިކާރައަކަށްވެ ދަރިން ނުލިބޭ މީހަކަށް ވުމުން އެތައް ގިނަ ފަރުވާތަކެއް ކުރުމުގެ ތެރެއިން ދެން ދިމާވީ އެންމެ ހިތްދަތި ގޮތް. އަނބި ފިރިކަމުގެ ގުޅުމަށް ހުރަސް އެޅުނީ. ޖިންސީ ގުނަވަނުގެ.....''

މިހިސާބަށް ބުނިތަނާ ޑޮކްޓަރުގެ އަޑު ބެދިއްޖެއެވެ. ކަރުނައިގެ އަސަރު ލޮލުގައި ނީރައިލިއެވެ. އަތުގެ ނުފުށުން ލޯ ފޮހެލުމަށް ފަހު ޑޮކްޓަރުގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

"ދެވަނަ ކައިވެންޏެއް ވެސް ކުރެވުނު. އެކައިވެނި ކުރީ ޝާޔާ ދަރިޔަކު ބޭނުން ނުވާ ކަމަށް ބުނުމުން. އަދި ބޭސް ބޭނުން ކޮށްގެން އަނބިފިރިކަމުގެ ގުޅުން ހިންގޭނެތީ. ނަމަވެސް ކަންތައްވީ އުންމީދު ކުރި ގޮތަކަށް ނޫން. ޝާޔާ ވެސް އަމިއްލަ ބަނޑުން ދަރިޔަކު އުފަންކުރުމުގެ ހުވަފެން ދެކެންފެށި. އެ ހިސާބުން ޖެހުނީ އެ ކައިވެނީގެ ގޮށް ވެސް މޮހައިލަން.'' ޑޮކްޓަރު ވާހަކަ ކުރިއަށް ނުގެންދެވިގެން ހުއްޓައިލިއެވެ. ކުޑަ އިރުކޮޅަކުން އަނެއްކާ ވެސް ވާހަކަދައްކަން ފެށިއެވެ.

''ޒީޝާ ވެސް އާއިލާ އެއް ބޭނުން ވާނެ. މާތްރަސްކަލާނގެ މި ދުނިޔެ މަތީ އިންސާނުންނަށް ދެއްވާ އެންމެ އަގުހުރި ނިއުމަތުން މަހުރޫމު ވާކަށް ބޭނުމެއް ނުވާނެ. ކައިވެނީގެ މައިގަނޑު އަސާސަކީ ދަރިފަސްކޮޅު ދެމެހެއްޓުން. އެކަން ނުވާނަމަ ކައިވެނީގެ ގޮށް ޖެހުމުގެ މާނައަކީ ކޮބާ؟ މި ހިތް ވެސް ޒީޝާއަށް ޝައުގުވެރިވޭ. އެކަމަކު ޒީޝާގެ ތި އެދުން ފުރިހަމަ ކޮށްދެވޭކަށް ނެތް."

ޑޮކްޓަރު ކޮޓަރިން ނުކުތެވެ. އަހަރެންނަށް އޮވެވުނީ ބަސް ހުއްޓިފައެވެ. ބިނާކުރި ގަނޑުވަރު ހިނދުކޮޅެއްގެ ތެރޭގައި ފުނޑުފުނޑުވެ ބިމާ ހަމަވިއެވެ. ލަގޮނޑިއަށް ތަދުވަންފެށިއެވެ. ގިސްލާ ރޮވުނެވެ. ޑޮކްޓަރު އެ ދެއްކީ ތެދު ވާހަކަތަކެއްކަމަށް ހިތުގެ އަޑިން ގަބޫލުކުރެވުނެވެ. އަމިއްލަ ނަފުސަށް އޮޅުވާލައިގެން ކައިވެނި ވެސް ކުރެވިދާނެއެވެ. ނަމަވެސް އުފާވެރި އާއިލާއަކަށް އެދިގެން ދުށް ހުވަފެންތަކުގައި ކުލަޖައްސަން ބޭނުން ނުވާ ކަމަކަށް ނުވާނެއެވެ.

ޑޮކްޓަރު ނުކުމެގެން ދިޔަތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނީނާ އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. ބޭގަރާރު ވެފައިވާ އަހަރެންގެ މޫނަށް ބަލަން ހުއްޓެވެ. ފެންކަޅި ވެފައެވެ. އަދި ބުންޏެވެ.

"ޑޮކްޓަރު ދެއްކި ހުރިހައި ވާހަކަތަކެއް ޒީޝާއަށް ގަބޫލު ކުރެވޭނެކަމަށް އުންމީދުކުރަން. އެއީ ތެދު ކަމަށްވާނަމަ ޑޮކްޓަރާއެކު ދިރިއުޅުމެއް ފެށުން ރަނގަޅެއް ނުވާނެ."

ނީނާ އެހެން އެބުނީ ކީއްވެގެންކަން އެނގެއެވެ. އެހެން ކަމުން ލޯބިވިޔަސް، ލޯބި ލިބެން ނެތްކަމަށް ނިންމީމެވެ.

ކޮމެންޓް 0