8

އަހަރެން އަނީލާއި ރައްޓެހި ވީތާ މިހާރު 3 އަހަރު ވަރު ވެދާނެއެވެ. އޭނާ އަހަރެމެންގެ ގެއަށް އައިސް ގޮސް އުޅުމާއި، ދެމީހުން އެކުގައި ދުއްވާލަން ދިއުމާއި، ރެސްޓޯރެންޓުތަކަށް ގޮސް އުޅުނު ކަމުގައި ވިޔަސް މިއިން އެއްވެސް ކަމެއް މަންމައަކަށް އަދި އެހެން މީހަކަށް ވިޔަސް ނޭގޭނެ އެވެ. އަނީލާއި އަހަންނާއި ދެމެދު އޮތް ލޯބީގެ ގުޅުން މަންމައަށް ފަޅާއެރިތާ އަދި މާގިނަ ދުވަހެއް ނުވެއެވެ.

އެއީ މީގެ ދެ މަސްކުރިއެވެ. އެއްރޭ އަހަންނާއި އަނީލް ރެސްޓޯރެންޓެއްގައި ތިއްބާ މަންމަގެ ރައްޓެއްސަކަށް ފެނިގެން އެވާހަކަ އަހަރެން ގެއަށް ދިޔުމުގެ ކުރިން މަންމަގާތު ކިޔައިދީފިއެވެ. އެރޭ އަހަރެން ގެއަށް ދިޔުމާއެކު މަންމަ ހީވަނީ ކިރުޅި ކުކުޅެއް ހެންނެވެ. އަހަންނާ ދިމާއަށް ހެއްދެވި ނުހެއްދެވިއަށް ގޮވާ ގައިގައި ތަޅާ އަނިޔާވެސް ކުރިއެވެ. އަހަރެން "ތަށަށް ކިޔަނީ މަރިޔަނބުހޭ" ވެސް އަހައިނުލަމެވެ.

އަހަރެންގެ މި ހަމަހިމޭންކަން ވީ މަންމަގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅައި ދިޔަ ސަބަބަކަށެވެ. އަނެއްދުވަހު އަހަރެން ގައިގައި ހުރި ޒަޚަމްތައް ފެނިގެން އަނީލް އަހަންނާ ސުވާލުވެސް ކުރިއެވެ. އަހަރެން އެ ސުވާލުތަކަށް ޖަވާބު ނުދީ އޮއްބާލީއެވެ.

އަހަރެން އެ އަނިޔާތަކަށާއި އެވިހަގަދަ ބަސްތަކަށް ކެތްކުރީ އާ ކަމަކަށް ނުވާތީއެވެ. ޢުމުރުން އެންމެ 5 އަހަރުން ފެށިގެން އަހަރެން ތަޖުރިބާ ކުރަމުން އަންނަ ކަމަކަށް ވާތީއެވެ. އަހަރެން ހޭނި ބާވެފައިވާ ކަންތައްތަކަކަށް ވާތީއެވެ.

އަހަރެން ދުނިޔެއަށް ހޭލީއްސުރެ އަދާ ހަމައަށްވެސް އަހަންނަށް ލިބުނު އުފަލެއް ނެތެވެ. ހަމަޖެހުމެއް ނެތެވެ. ލޯތްބެއް ނެތެވެ. އުޅޭ ގެ އެކޭ ޖަހަންނަމެކޭ ހުރީ ކޮން ތަފާތެއްހެއްޔެވެ؟ އަހަންނަށް ހެޔޮބަހެއް ބުނެ އަޅާލާ މީހަކު އެފުރާޅުގެ ދަށުގައި ނެތްތާގައި ރުހުމުގެ ލޮލުން ބަލައިލާ މީހަކުވެސް ނޫޅެއެވެ. ހިތަށް އިތުރު ހަމަޖެހުމެއް ލިބޭނީ ގޭތެރެއިން ނުކުމެ ބަޔަކާ އަނގައިން ވެސް ބުނެލެވިގެން ނޫންހެއްޔެވެ؟ ގޭގެ ހަތަރުފާރުގެ ތެރެއިން ބޭރަށްނުކުމެ މީހަކާ އަނގައިން ބުނެއުޅުމަކީ އަހަންނަށް ހުއްދައޮންނަ ކަމެއްނޫނެވެ. އެކަހަލަކަމެއް ކޮށްފިއްޔާ އަހަންނަށް ދިރިއުޅެން ދަތިވާވަރު ކޮށްލައެވެ. އަހަންނަކީ ދުނިޔޭގައި އިނަސް ނެތް މީހެކޭ އެއްފަދައޭ ވެސް ބައެއްފަހަރު ހިތަށް އަރައެވެ.

ކިރިޔާވެސް ލޯބީގެ ޒައްރެއްގެ މިންވަރު ވެސް އަހަންނަށް ލިބުނީ އަނީލްގެ ފަރާތުންނެވެ. އަނީލް އަހަންނަށް ވަރަށް ހެވެވެ. އަހަރެން ހުރީ ކައިގެންތޯ، އުޅެނީ ގަދަވެ ސަލާމަތުންތޯ ދުވާލު ދެއިރު ގުޅާފައި އަހައެވެ. މަންމަގެ އަނިޔާތަކަށް ކެތްތެރިވުމަށް ހިތްވަރުދެއެވެ. ބޭނުންވާ ކޮންމެ ކަމެއް ފަސްޖެހުމެއް ނެތި ކޮށްދެއެވެ. ނަމަވެސް ދުވަހަކު ވެސް އޭނާއާއެކު އެގެއަކަށް ނުދަމެވެ. އޭނާވެސް އެކަމަކަށް ނުއެދެއެވެ. އަހަރެންގެ މަންމަގެ ގޮތް އެނގޭތީ ކަންވެސް ނޭނގެއެވެ.

ހެދުނު ހޭލެވުނު އިރު އަހަރެން ވަރަށް ބޮޑަށް ބޮލުގައި ރިއްސައެވެ. ގައިގައިވެސް ރިއްސައެވެ. މަންމަ ހޭލުމުގެ ކުރިން ހެދުނުގެ ނާސްތާ ތައްޔާރު ކޮށްލެވޭތޯ ބަދިގެއަށް ވަނީމެވެ. އެއްޗެހި ހޫނުކޮށް ނުނިމެނީސް ބޮލަށް އެނބުރުން އަރާތީ ކޮޅަށް ނުހުރެވިގެން އަހަރެން ގޮސް އޮށޯތީމެވެ. ދެންވީގޮތެއް އަހަންނަކަށް ނޭނގެއެވެ. ހޭވެރިކަމެއްލިބުނީ މަންމައައިސް ކޮޓަރީގެ ދޮރުމަތީގައި ހުރެގެން ހަލާފަޅޭ ޖަހަނިކޮށެވެ. އަހަރެން މިހާރު މަކަރުހެދެނީކަމަށާއި ހެދުނު ސައިފޮދެއް ހޫނުކުރަންޖެހޭތީ ވެސް ކަންބޮޑުވީކަމަށް ބުނެ އަނގައަށް އައިހައި އެއްޗެއް އަހަންނާ ދިމާއަށް ގޮވާލިއެވެ. އަހާއަހާ ބާވެފައި ވާ އަޑުތަކެއް ނަމަވެސް މަންމަގެ ދުލުން އެންމެފަހުން ބުނި ޖުމުލަވީ އަހަންނަށް ތަޙަންމަލުކުރަން ދަތި އަޑަކަށެވެ. ދުވަހަކު ވެސް މައަކު އޭނާގެ ދަރިފުޅަށް ނުކުރާނެ ފަދަ ބަދު ދުޢާއެކެވެ. އިރާދަފުޅު ކުރެއްވިއްޔާ ދުވަހަކުވެސް އަހަރެން އެފަދަ ނުބައި ފާފައަކަށް އަރައި ނުގަންނާނަމެވެ. އަދި އެފަދަ ނުބައި ކަންކަމުން މިއަޅާގެ ނަފުސު މާތްﷲ ރައްކާތެރި ކުރައްވާށިއެވެ.

އަހަރެންގެ ޢިއްފަތްތެރިކަމާއި ޢިއްޒަތާ، އަބުރު ނަގާލުމަށް، އަހަރެންގެ ޢިއްފަތްތެރި ކަން ނަގައިލުމަށް މަންމަ މަންމަގެ ތަފާތު ރަޙުމަތްތެރިންނަށް އަހަރެން ނީލަން ކިޔަމުން ދިޔައިރުވެސް މާތް ﷲގެ އިރާދަފުޅާއެކު އަދި އެ ފަރާތްތަކަށް އެކަން ކާމިޔާބު ވެފައެއް ނޯންނާނެއެވެ. އެހެންވީއިރު އަހަރެންދެކެ ލޯބިވާ އަހަންނަށް ރަޙުމުކުރާ އަދި އަހަންނަށް ޤަދަރު ކުރާ ވަފާތެރި އަނީލް އަހަންނަށް އެފަދަ ދެރަގޮތެއް ނުހަދާނޭކަން ވެސް އަހަންނަށް ޔަޤީނެވެ.

އަހަރެން އަނީލާ ވާހަކަދައްކާތަން ފެންނަ ކޮންމެދުވަހަކު، އަހަރެން އަނީލާ އެކު ބޭރަށްދިޔަކަން އެނގޭ ކޮންމެ ރެއަކު މި ފަދަ އަނިޔާތައް ތަޙައްމަލް ކުރަންޖެހެއެވެ. މިބާވަތުގެ ވިހަގަދަ ބަސްތަކުން އަހަރެންގެ ހިތް ތޮރުފަން ޖެހެއެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް އަހަރެން އަނީލަކަށް ނައަންގަމެވެ.

އެއްރެއަކު އަހަރެން އަނީލާއެކު ބޭރަށް ގޮސްފައި ގެއަށް އައިއިރު ކުރިން ރޭ ރެސްޓޯރެންޓުން ދިމާވި މީހާ މަންމަ ގާތުގައި އިނެވެ. އެ ދެމީހުން ތިބީ އޮލަ ވާހަކައެއްގައި ގެއްލިފައެވެ. އަހަރެން ވަދެގެން ދިޔަ ކަމެއްވެސް މަންމައަށް އެނގުނު ހެނެއް ހިޔެއް ނުވެއެވެ. މަންމަ އޭނާ ގާތު ބުނާ އަޑުއިވުނެވެ.

"އަހަރެންގެ ދަރިފުޅަކީ ވަރަށް ކިޔަމަންތެރި ކުއްޖެއް. އޭނާ އަހަރެންގެ އެދުމަކަށް ދެކޮޅެއް ނަހަދާނެ."

އަހަރެން އެވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ އެދިޔަ ގޮތަށްގޮސް ވަނީ ކޮޓަރިއަށެވެ. އަވަސް އަވަހަށް ހެދުން ބަދަލުކޮށްގެން ނިދާލެވޭތޯ އެނދުގައި އޮށޯވެއްޖައީމެވެ. ވަރުބަލިވެފައިވާލެއް ބޮޑުކަމުންނެވެ. ނަމަވެސް އެނދުމަތީގައި އޮވެ ފުރޮޅިފުރޮޅި ގައިން ހަންދިޔައިރުވެސް ލޮލަލަކަށް ނިންޖެއް ނައެވެ.

ކަން ފަތުގައި ގުގުމަމުން ދިޔައީ އެރޭ އަނީލް އަހަންނާ ވަކިވަމުން ބުނި އެންމެ ފަހުގެ ޖުމުލައެވެ. "މަންމަ ބުނި ދެމީހުން ދެން އަވަހަށް ކައިވެނިކުރާށޭ" ތަކުރާރުކޮށް މިޖުމްލަ އަހަރެންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އެއާއެކު އަހަންނަށް ލިބެމުން ދިޔަ އުފާވެރިކަން ބަޔާން ކުރަންވެސް ދައްޗެވެ. އަނީލާ ކައިވެނިކޮށްގެން އެގެއަށް ދިޔުމުން އަހަރެން މިނަރަކައިން ސަލާމަތް ވެދާނެއެވެ. ކޮންމެ ދުވަހަކު ހެނދުނާ ހަވީރާ ރޭގަނޑު އަހަރެން ބަރުދާސްތު ކުރަންޖެހިފައި މިވާ ރަޙުމުކުޑަ އަނިޔާތަކުން މިންޖުވެދާނެ އެވެ.

މިއުފާވެރި ޚިޔާލުތަކުގައި ބެހެމުންދަނިކޮށް ނިދީގެ ބާރު އަހަރެންގެ ޙިއްސުތަކަށް ވެރިވާން ފަށައިފިއެވެ. ނިދީގެ ކަނޑަށް އަހަރެން ގެނބެމުން ދަނިކޮށް ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. އަހަރެން ހިތަށް އެރީ މަންމަ އަހަންނަށް އެތިވަރުގޮވާ ނުލާ ނުނިދިގެން އަންނަނީ ކަމުގައެވެ. އަހަރެން ގެއަށް އައި އިރު ބޭރު މީހަކު އިނީމާ އަހަންނަށް ދޭން ބޭނުންވި ބޭސްގުޅަ ނުދެވި އޮތީމާ ރަޙުމާ ހަމްދަރުދީއާ އެކު އެ ބޭސްގުޅަ އަރުތެރެއަށް އަޅައިދޭން އަންނަނީ ކަމުގައެވެ. އަހަރެން ދެލޯމަރައި ތަގުޑި ކޮށްގެން ނިދާފައި ކަމަށް ހެދިގެން އޮތީމެވެ. އިރުކޮޅަކުން އަހަންނަށް އެހެން މީހެއްގެ ފިތުމާއި ނޭވާގެ ހޫނުކަން އިޙުސާސްވެގެން ދެލޯ ހުޅުވައި ބަލާލީމެވެ. އެވެގުތު އަހަންނާއި ދިމާއަށް ގުދުވެގެން އެނދުމަތީގައި ހަތަރުކަކޫ ޖަހައިގެން މަންމަގެ އެއކަލަ ރަޙުމަތްތެރިޔާ އޮތެވެ.

އަހަންނަށް ލިބުނީ ކުއްލި ޙައިރާން ކަމެކެވެ. އޭނާއަށް މިކޮޓަރިއަށް ވަދެވުނީ ކިހިނެއްބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. މިކޮޓަރީގެ ޑަބަލް ތަޅުދަނޑި އޮންނާނީ ހަމައެކަނި މަންމަގެ އަތުގައެވެ. އަހަރެންގެ ތަޅުދަނޑި ބާލީސް ދޮށުގައި މި އޮތީއެވެ. މި ނުލަފާ މީހާ މި ކޮޓަރިއަށް ވެއްދީ މަންމަ ފިޔަވައި ދެވަނަ މީހެއް ނޫނެވެ. މީއީ މަންމަގެ ރޭވުމެކެވެ. މި މީހާގެ ކިބައިން އަހަރެން ސަލާމަތް ވާނީ ނިކަން ހިތްވަރު ހުރެގެންނެވެ. މިހެން ހިތަށް އެރުމާއެކު އަހަރެންގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ގަޔަށް ލެވުނުހާ ބާރެއް ލާފައި އެމީހާގެ މޭގައި އަތްއަޅައި ކޮއްޕާލީމެވެ. އަހަރެންގެ މިޙަމަލާއަށް އެމީހާ ތައްޔާރުވެފައި ވާހެނެއް ހިއެއް ނުވެއެވެ. އެ ވަޙުޝީ މީހާ ވިއްސައިގެން ގޮސް ޖެހުނީ ތަޅުންގަނޑު މަތީގައެވެ. އެވަގުތު އަހަރެން ފުންމައިގެން ތެދުވީމެވެ.

އޭނާއަށް ވީތަދުންނާއި، އަހަރެންގެ ޖެހިލުން ކުޑަކަމުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެތީ ބިރުން ނޫންކަމެއްވެސް ނޭގެއެވެ. ނުވަތަ ބޭޒާރުވެ ލަދުގަންނަން ބޭނުން ނުވާތީ ނޫން ކަމެއްވެސް ނޭގެއެވެ. އަނގައިންވެސް ނުބުނެ މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލާފައި އޭނާ ނުކުމެގެން ހިނގައްޖެއެވެ.

އޭގެ އަނެއްދުވަހުގެ އިރު އުދަރެހުން ފާޅުވުމުގެ ކުރިން އަހަރެން އަނީލަށް ގުޅީމެވެ. ރޭގެ ޙާދިސާ އަލިފުން ޔާއަށް ކިޔައިދިނީމެވެ. އަދި އަހަރެން ދެން މި ގެއަކު ނުހުންނާނަމޭ ބުނީމެވެ. އަނީލް އަހަރެން ސަލާމަތްކޮށްދޭން ހުރިއްޔާ އަވަހަށް އަހަރެން ބަލައި އަންނާށޭ ވެސް ބުނީމެވެ. އެހެންނޫނީ އަހަރެން އަމިއްލައަށް ފިލައި ރައްކާވެގެން ހިނގައި ދާނޭ ކަމުގެ އިންޒާރުވެސް ދިނީމެވެ.

އިރުކޮޅެއް ނުވަނީސް އަނީލް އަހަރެން ބަލައި އަތުވެއްޖެއެވެ. މަންމަ ހޭ ނުލަނީސް ދެތިން ހެދުން ކޮތަޅުގަނޑަކަށް ލައިގެން އަހަރެން އަނީލްމެންގެ ގެއަށް ހިނގައްޖެއީމެވެ.

މަންމައަށް އަހަރެން ގޭގައި ނެތްކަން އެނގުނީވެސް ދިހައެއްޖެހި ފަހުންނެވެ. ވަގުތުން އަނީލްމެންގެ ގެއަށް ގުޅިއެވެ. އަހަރެން ގެއިން ނުކުމެގެން ދިޔަ ވާހަކައާއި އިރާކޮޅު ކޮންމެވެސް ފިރިހެނަކާއެކު ގޭތެރޭގައި އުޅުނު ކަމަށް ބުނެ އަހަރެން ކުށްވެރި ކުރެވޭތޯ ބެލިއެވެ. އެގޭމީހުންގެ ކުރިމަތީގައި އަހަރެން ބަދުނާމުކޮށް އަގު ވެއްޓޭނެހާ ގޮތްގޮތަށް ވާހަކަ ދެއްކިއެވެ. ނަމަވެސް އަނީލްގެ މަންމައާއި ބައްޕައަށް ހުރިހާކަމެއް އެނގޭތީ އެމީހުންވެސް ކެރިގެން މަންމައަށް ރައްދު ދިނެވެ. އަދި މަންމަގެ ނުބައިކަމާއި ނުލަފާކަމުގެ ވާހަކަ ބުނެ އަހަރެން އެގޭގައި އިންކަމަށްވެސް ބުންޏެވެ. ދެނަކާ ދެނެއް ނެތެވެ. ފެނުނީ ކުއްލިއަކަށް އެ ގޭދޮށަށް ސިފައިންގެ ފޯސް ވައްޓާލީ ތަނެވެ.

އަހަރެން ކޮންޓްރޯލުން ނެއްޓީ އެހައި ހިސާބުންނެވެ. އަހަންނާ ހެދި އަނީލްމެންގެ ޢާއިލާ ބަދުނާމު ވެދާނެތީއެވެ. އެވަގުތު އަހަރެން އެންމެންގެ ކުރިމައްޗަށް ނުކުމެ ނިކަން ސާބިތުކަމާއެކު އަހަރެންގެ ޙަޔާތުގެ ޞަފްޙާތައް ހުޅުވާލީމެވެ. ޢުމުރުން ފަސް އަހަރުން ފެށިގެން އަހަރެން ތަޙައްމަލް ކުރަމުން މިދާ ހިތްދަތިކަމާއި ލިބެމުންދާ ވޭނީ އަނިޔާތައް ފޮޅާލީމެވެ. އޭރު އަހަރެންގެ ހިތުގައި ލާފައިވާ ވޭނީ ޒަޚަމްތަކުން އަލިފާން ބުރާކަހަލައެވެ.

ބައްޕަ މަރުވީ އަހަރެންގެ ޢުމުރުން ދިހަ އަހަރުގައެވެ. އެއަށްފަހު އަހަންނަށް ކުރިން ލިބުނު އަނިޔާތައް ޑަބަލްވިއެވެ. ކުރަންޖެހުނު މަސައްކަތުގެ ބުރަ އެތައްތަނެއް ބޮޑުވިއެވެ. އެކަމަކު ދުވަހަކުވެސް އަހަރެން މަންމަގެ ކުރިމަތީގައި ޗުއްޕުވެސް ނުބުނަމެވެ. މަންމަ ދިޔައީ އޭގެ ނާޖާއިޒު ފައިދާ ނަގަމުން އެއްދުވަހުން އަނެއްދުވަހަށް އަހަންނަށް ދޭ އަނިޔާތައް އިތުރު ކުރަމުންނެވެ. މަންމަ އަހަރެން ދެކެ އެއްވެސް ލޯތްބެއް ނުވެއެވެ. މަންމަގެ ހިތުގައި އަހަންނަށްޓަކައި އިންސާނިއްޔަތުކަމެއް ވެސް ނުވެއެވެ. އެކަން ރޭގެ ޙާދިސާއިން އަހަންނަށް ވަރަށް ރަނގަޅަށް ސާބިތުވެއްޖެއެވެ.

މަންމަ އަހަންނާ ދިމާއަށް ގޮވާ ހަޑި ހުތުރު ބަސްތަކާއި އަހަންނަށް ދޭ ޖިސްމާނީ އަނިޔާތަކަށް ކެތްކުރެވުނަސް އަހަރެންގެ ޢިއްޒަތުންނަފުސަށް ދެވޭ ކޮންމެ އަނިޔާ އަކުން ސަލާމަތްވުން އަހަންނަށްވެސް މަޖުބޫރުވާނެ އެވެ. ރޭ އަހަރެން ނިދާފައި ވަނިކޮށް މަންމަ އަހަރެންގެ ކޮޓަރިޔަށް ހިލޭ ފިރިހެނަކު ވެއްދީ އަހަރެންގެ ޢިއްޒަތާއި އަބުރު ވެއްޔާ މޮޑެލުމަކަށް ނޫންހެއްޔެވެ؟ މީގެ އެއްއަހަރު ކުރިން އަހަންނަށް ނޭނގި މިރަށަށް ފޮނުވާލާފައިހުރި މުޙަންމާގެ އަތުން ހަތަރުހާސްރުފިޔާ އަތުލައިގެން އަހަރެންގެ ޢިއްޒަތުއްނަފުސު ވިއްކަން އުޅުނީ އަހަރެން ދެކެ ވާ ލޯބިންހެއްޔެވެ؟ ސަޓަނިކާސިމު ލައްވާ އަހަރެންގެ ޢިއްފަތްތެރިކަން ނަގާލަން އުޅުނީ މަންމައަކަށްވެ ހުރެ އަދި އަންހެނަކަށްވެ ހުރެ އަންހެނުންނަށް ކުރާ ޤާދަރެއްގެ ބޮޑުކަމުން ހެއްޔެވެ؟

ތިޔަ މަންމަކުރިހުރިހާ ކަމެއް ފަސްއަޅައި ފޮރުވައިގެން ލިބުނު އަނިޔާތަކާއި ވޭންތަކަށް ކެތްކޮށްލައިގެން އަދި ހިތުގައި ލީޒަޚަމްތަކަށް ފިއްތައިގެން އަހަރެން އިނީ އަހަރެންގެ ހިތުގައި މަންމައެއްގެ މައިވަންތަކަމަށް އެދިއެދި އޮތް އެދުންވެރިކަމެއްގެ ބޮޑުކަމުންނެވެ. އެކަމަށްޓަކައި ތި އަންހެނާގެ ފަރާތުން ކުރެވެމުން ދިޔަ އުންމީދެއްގެ ސަބަބުންނެވެ. އެހެންނަމަވެސް މިއަދު ކަނިޖަހަޖަހާހުރި އެ އުންމީދުގެ ހުޅުކޮޅުވެސް ނިވިގެން ހިނގައްޖެއެވެ. އަހަރެންގެ ހިތުގައި މަންމައާއި މެދު ދެވިފައިވާ ކުޑަކުޑަ ޤަދަރުވެސް ވެއްޔާ މޮޑެވިގެން ހިނގައްޖެއެވެ. އަހަންނަކީ މަންމަގެ ދަރިއެއް ނޫންކަން ކަށަވަރު ވެއްޖެއެވެ.

ބުނަންހެއްޔެވެ. ތި މަންމައާއި އެކު އަހަރެން ދިޔުމަށް އަމުރު ކުރެވޭނެ ކޯޓެއް، ފަނޑިޔާރު ގެއެއްވެސް ނުހުންނާނެ އެވެ. އަހަންނަކީ ޢުމުރުން ވިހި އަހަރު ވެފައިވާ ޒުވާނެކެވެ. މިނިވަނެކެވެ. ހެޔޮ ނުބައި ވަކިކުރަން އެނގެއެވެ. ތިޔަ މަންމަ ކިޔެވިޔަ ނުދީ އަބަދު ގުލާނު ކުރުވިޔަސް އަހަންނަށް ތަންދޮރު އެނގޭވަރު ވެއެވެ. މަންމައޭ ކިޔާފައި އަހަރެން ބަލާ ޕޮލިހުންނާއި ސިފައިން ކީއްކުރަން ހެއްޔެވެ؟ މިޤައުމުގައި ތިބިއްޔާ ތިބިހާ ފަނޑިޔާރުން ގެނަޔަސް އަހަންނެއް ނުދާނަމެވެ. ވަންނާނެ ތަނެއްނެތި މަގުމަތީގައި ބިކަ ތެޅެން ޖެހުނަސް ތިޔަ ރަޝީދާ އެގޭގައި އިންހައި ދުވަހަކު އަހަރެން އެހަތަރު ފާރުން އެތެރޭގައި ފައިވެސް ޖައްސާ ނުލާނަމެވެ.

އަހަރެން މިހާދުވަހު ތިޔަ އިންސާނިއްޔަތު ކަމެއް ނެތް އަނިޔާތަކާއި، ރަޙުމެއް ހަމްދަރުދީއެއް ނުވާ ވިހަ ބަސްތަކަށް ކެތްކުރީ ޢާއިލާގެ ޢިއްޒަތާއި އަބުރު ރައްކާތެރިކުރުމަށް ބޭނުން ވާތީއެވެ. އަހަރެންގެ އަމިއްލަ މަންމަ ނެތް ދުނިޔޭގައި ތިޔަ ރަޝީދާގެ ފަރާތުން އެ މަތިވެރި ލޯބީގެ މިންވަރެއް ނަމަވެސް އެދޭތީއެވެ. އަހަރެން އިންތިޒާރު ކުރީ ކޮންމެވެސް ދުވަހަކުން އެކަން އަހަންނަށް ޙާޞިލް ވާނޭ ކަމަށެވެ. އަހަރެން ބޮޑުވެ ފުރާ ފުރިހަމަވީމާ ތިޔަ ހިތުގައި އަހަންނާމެދު އޮތް ނަފުރަތު ފިލައި މައިވަންތަކަމުގެ ކުޑަނަމަވެސް މިންވަރެއް ލިބޭނޭ ކަމަށެވެ. ނަމަވެސް އެކަންވެގެން މިދިޔައީ އަހަރެން ދެކެމުން އައި އަވާމެންދުރެއް ކަމުގައެވެ. މިހާރު އަހަންނަށް އެކަން އެނގި ކަށަވަރު ވެއްޖެއެވެ. ތިޔައީ އަހަރެންގެ ބައްޕަގެ ދެވަނަ އަނބިމީހާއެވެ. އަހަރެންގެ ދޮންމަންމައެވެ. ދޮންމަންމަ ވާނީއަބަދުވެސް ދޮން ނިޔަދުރަކަށެވެ. އެކަންމިއަދު އަހަންނަށް ކަށަވަރު ވެއްޖެއެވެ. އާނ އެކެވެ. ތިއީ އަހަރެންގެ މަންމައެއް ނޫނެވެ.

ކޮމެންޓް 0