7

ދޯނި ތޮށިގަނޑާއި ކައިރިކޮށްލިވަގުތު ދޯނިތެރޭގައި ފިހި މާލެވިފައި ތިބި މީހުން އެއްގަމާ ދިމާއަށް ދުއްވައިގަތެވެ. ދޯނީގެ ކެޕްޓަން މާއެއްގަމަށް ނުދިއުމަށް ދެމުންދިޔަ އިންޒާރާމެދު އެއްވެސް މީހަކު ސަމާލުކަމެއް ދިންހެނެއް ހިޔެއްނުވެއެވެ.އަހަރެންވެސް ދޯނިންފައިބައިގެން އެއގަމާ ދިމާއަށް ހިގައިގަތީމެވެ. އަހަރެންނަކީ މިރަށައް ބީރަޓެހި މީހެކެވެ. ދާނެވަކި ދިމާއެއްނެތުމުން ކައިރިފިހާރައަކުން ޕެކެޓެއް ގަނެލައިގެން އައިސް އަހަރެން ރުކެއްގެ ހިޔަލުގައިހުރި ޖޯލިފައްޖެއްގައި ޖައްސާލީމެވެ.

ލޯމެރިލާއިރަށް ސިއްސައިގެންގޮސްފައި ހޭލެވުނީ "ބައްޕާއޭ" ގޮވާލިހެން ހީވެގެންނެވެ. ވަށައިގެން ހޯދާބަލާ ލެވުނީ ބޭއިޙުތިޔާރުގައެވެ. އެވަގުތު ލޮލުން ކަރުނަ ފާއްދާލިއެވެ. އަހަރެން މިތަނަށް އަންނާންޖެހުނުގޮތް ހަނދާންވިއެވެ. މިއަދު ދަރަބޫދޫއަށް އަރުވާލެވޭ މީހަކަށް ވެގެން އެރަށައް އަހަރެން މިދަނީއެވެ. އަހަރެންގެ ލޯބިވާ އަންހެނުން އަހަރެންގެ ފުރަތަމަ ދަރިފުޅަށް ވިހާން ތައްޔާރުވެފައި އިންދައި އޭނާގެ މައިންބަފައިންގެ ގާތައް ދޫކޮށްލާފައެވެ. ކަންތައް ހިނގާދިޔަގޮތް ނޭގޭހާލު އެންމެންވެސް ރުޅިއައީ އަހަރެންދެކެއެވެ. ހުރިހާމަލާމާތެއް ލިބުނީ އަހަރެންނަށެވެ. ނަޒީމާ ރޮއިރޮއި އިނެވެ. އެންމެންގެ ހަމްދަރުދީއާ އޯގާތެރި ފިރުމުން ތަކުން ޙިމާޔަތް ލިބިގެންނެވެ.

އަހަރެން ނަޒީމާއާއި ކައިވެނިކުރީ ލޯބިންނެވެ. ލޯބިވެރިންގެ ލިސްޓުގަ އެންމެ ކުރީގައި އަހަރަކު ރަސްކަން ކުރުމަށް ފަހުގައެވެ. ނަޒީމާއަކީ މުއްސަނދި ކުއްޖެކެވެ. އަހަރެން ކަހަލަ ފަގީރަކަށް އެހާ މުއްސަނދި ކުއްޖަކު މަދުންނޫނީ ނުލިބޭނެއެވެ. ނަމަވެސް ނަޒީމާ ލިބުނީ އަހަރެންގެ ރީތިކަމުންނޭ ބުންޏަސް އެއީ އަމިއްލައަށް ފަޙުރުވެރިވުމެއް ނޫނެވެ. ސުކޫލުދައުރުއްސުރެ އަންހެންކުދިން ފޮނުވާކާޑުތަކާއި ސިޓީތައް ރައްކާކޮށް ނަޒީމާއާ އިންއިރު އަހަރެންގެ އަލަމާރީ ވަތްގަނޑުތައް ހުރީ ފިރިފައެވެ. އެހުރިހާ އެއްޗެއް އަންދާލީ ނަޒީމާގެ އަތުންނެވެ. ނަޒީމާއާ ދިމާވުމުގެ ކުރިން އަހަރެންވެސް އުޅުނީ މުޅިން ރަނގަޅަކަށް ނޫނެވެ. ނަމަވެސް ނަޒީމާއާ ބައްދަލްވުމަޢްފަހު އެހެން އެއްވެސް އަންހެން ކުއްޖަކަށް އަހަރެންގެ ޙަޔާތުން ޖާގައެއް ނުދެމެވެ.

ނަޒީމާއަކީ ބަލާލަން މާރީތި ކުއްޖެއް ނޫނެވެ. ނަމަވެސް ވާހަކަދެއްކުމުގައި ހުންނަ އޮމާންކަމާއި ފަށުވިކަން އެއީ ނަޒީމާގެ މައްޗަށް އަހަރެންގެ ހިތްއަބުރައިލި އެއްކަންތަކެވެ. ދެވަނަ ކަމަކީ ނަޒީމާ އަހަރެންދެކެވީ ލޯތްބެވެ. ނަޒީމާއާ ރައްޓެހިވެގެން އުޅުނުއިރު އަހަރެންނަށް ފާހަގަވި އެއްކަމަކީ ނަޒީމާއަކީ ދެއްކުންތެރިކަންބޮޑު އަމިއްލަގޮތުގައި ހިފަހައްޓަން ފައިވިއްދާފައި ހުންނަ ކުއްޖެއްކަމެވެ. އަދި އެދުވަސްވަރު އަހަރެމެން ދެމީހުންގެ ހުރިހާ ކަމެއްވެސް އޮންނާނީ ނަޒީމާ ބޭނުންގޮތަކަށެވެ. އަހަރެން އެއިރު އެޅިހާބަތަކަށް ރިހާ ކިޔެގެން ހުންނަނީ އަހަރެންގެ އަތްބަކަށް ނަޒީމާ ވުމަށްފަހު އެކަހަލަކަންކަން އިސްލާޙުކުރަން ނިންމައިގެންނެވެ.

ނަމަވެސް ކައިވެންޏަށްފަހު ކަންތައްވީ އަހަރެން ހީކުރިގޮތާ މުޅިން އިދިކޮޅަށެވެ. އަހަރެން އުޅެން ޖެހުނީ ނަޒީމާގެ ގޭގައިކަމުން ނަޒީމާގެ އިތުރުން އޭނާގެ މައިންބަފައިންވެސް އަހަރެންގެ މަށްޗަށް ބާރުފޯރުވަން ފެށީއެވެ. ނަޒީމާއާ ދިމާލަށް އެއްވެސް އެއްޗެކޭ ބުނާނެ ފުރުސަތެއް އަހަރެންނަކަށް ނޯވެއެވެ. ނަޒީމާ އުޅެނީ އުޅޭނެ ގޮތަކަށެވެ. ދަނީ ދާނެ ތަނަކަށެވެ. ގަންނަނީ ގަންނާނެ އެއްޗެކެވެ. އެއްޗެކޭ ބުނެފިއއްޔާ ވަނީ ޒުވާބަކަށެވެ. އަހަރެންލާރި ނުދީފިނަމަ މައިންބަފައިންގެ އަތުން ލާއި ހޯދައިގެން ނަމަވެސް އޭނާބޭނުންކަމެއް ކުރެއެވެ. އެއްދުވަހަކު އަހަރެން މަންމަގާތުގައި ނަޒީމާއަށް ލާރި ނުދޭށޭބުނުމުން ވަރަށް ރުޅިއައިސްފައިބުނީ އެމީހުންލާރި ހޯދަނީ ދަރިން އުފާކޮށްދޭން ކަމަށެވެ. އަހަރެންގެ ފަރާތުން އެކަށްޗެއްވެސް ނަޒީމާއަށް ދޭނެކަމެއްނެތޭއެވެ.

އަބަދު އަހަރެންނަށް ހުރެވެނީ ހިތްހަމަ ނުޖެހުމެއްގެ ތެރޭގައެވެ. އަހަރެންގެ ފަރާތުން ނަޒީމާބޭނުން ހުރިހާކައެއްވެސް ނަޒީމާ ކުރުވައެވެ. ހަފުތާއަކު ދެރެއަކުކަމަށް މާލޭގެ ހުރިހާ ފިހާރަތަކަށް އަހަރެން ގޮވައިގެން ދާނެއެވެ. ހަފުތާބަންދަޢް ރިސޯޓަށް ދާންޖެހެއެވެ.

ނަމަވެސް ދުވަހެއް ދުވަހަކަށް އަހަރެންގެ މާޔޫސްކަންދިޔައީ އިތުރުވަމުންނެވެ. އެހެންގޮތެއް ނެތުމުން އަހަރެން ނިންމީ ދަރިއަކު ހޯދާށެވެ. އޭރުން ދެން އެހެން ނޫޅެވޭނެތާއޭ ހިތައެވެ. ނަމަވެސް މިފަހަރުވެސް ލަނޑު ލިބުނީ އަހަރެންނަށެވެ. ބަނޑުބޮޑުކަން އިނގުމުން ނަޒީމާ އަހަރެންދެކެ އައިރުޅީގައި އަހަރެން ގެއިންވެސް ނެރެލިއެވެ. ކިތަންމެ ހިތްހަމަ ނުޖެހުނަސް ނަޒީމާއާ ދުރުގައި ހުރުމަކީ އަހަރެންނަށް ކެތްކުރެވޭވަރު ކަމަކަށް ނުވިއެވެ.

މަސްތުވާތަކެއްޗާއި ދިމާއަށް އަހަރެންނަށް ދެވުނީ ނަޒީމާގެ އެ ދުރުކަމަށް ކެއްނުކުރެވިގެންނެވެ. އަހަރެން އެތައް ރެއަކު ދަންވަރު ނަޒީމާގެ ކޮޓަރި ކައިރީހުރެ އާދޭސްކޮށް ރުއީމެވެ. އެތައްދުވަހަކު އަހަރެންނަށް މިހެން ނުހަދާށޭކިޔެ ނަޒީމާގެ ދެފައިގައި ހިފީމެވެ.

އެއީ އަހަރެންގެ ޙަޔާތުގައި އައި އެންމެހިތްދަތި ދުވަސްތަކެވެ. އަހަރެން އެންމެ ލޯބިވާމީހާ އަހަރެންގެ ސަބަބުން ބޮޑުވޭނެއް އުފުލަމުންދާއިރު އޭނާއާއި ދުރުގައި ހުރުމަކީ ކިހާވޭންދެނިވިކަމަކަށް ވާނެކަން ނަޒީމާއަށް ނުވިސްނުނެވެ.

އެންމެފަހުން ހައްޔަރުވެ ވައްކަމުގެ މައްސަލައެއްގައި އަރުވާލަން ޙުކުމް ކުރުމުން އެންމެން އަހަރެންނާއި މަލާމާތްކޮށް ހެދިއަސް އެދުވަހު އަހަރެން ދެރައެއް ނުވެއެވެ. އަހަރެން މިހާލުގައި ވަންނާނެ ގެއެއްނެތި އުޅޭތަން ނުވަމަސްވިއިރު އަހަރެންގެ ޙާލުނުދެކުނުބަޔަކު ދައްކާވާހަކަ އަޑުއަހާން އަހަރެންގެ ކަންފަތް މިއަދުހުރީ ބީރުވެފައެވެ. ނަމަވެސް އެވަގުތުވެސް ބަޑުބޮޑުވެ ވިހަންތައްޔާރުވެފައިވާ ނަޒީމާ ފެނުމުން އަހަރެންގެ ހިތުގައި ޅިޔައެޅުނެވެ. އޭނާގެ ފެންކަޅިވެފައިވާ ދެލޮލުން އެވަގުތުވެސް އަހަރެންނަށް ފެނުނީ ދެއްކުންތެރިކަމުގެ ކަރުނައެވެ. ނަޒީމާ އަހަރެންދެކެލޯބިވާނަމަ މިހާދަށުދަރަޖައަކަށް އަހަރެންވައްޓައި ނުލީސްކަން ކަށަވަރެވެ.

"ނުދަނީތަ؟" އަހަރެންނަށް ހޭލެވުނީ ފެންތިއްކެއް މޫނުގައި ޖެހުމުންނެވެ. ހިތްދަތިވަނިވި ޙިޔާލުތަކެއް ކުރުމަށްފަހު އަހަރެންނަށް ވަރުބަލިވެގެން ނިދުނީއެވެ. އަހަރެންނަށް ހޭލެވުމުން އަނެއްކާވެސް އެކުއްޖާ ބުންޏެވެ. "އެއޮތް އެންމެން ދޯންޏަށް އަރަނީ" އަހަރެން އެކުއްޖާ ފަސްފަހަތުން ދޯންޏާއި ދިމާއަށް ހިގައިގަތީމެވެ.

"ފެންފޮދެއް ލިބިދާނެތަ؟" އަހަރެން ކަރުހިއްކައިގެންފައި ހުރިވަރުން އެދުނީމެވެ. އެކުއްޖާ ހިނިތުންވުމަކާއެކު ފެންފުޅި އަހަރެންގެ އަތައް ދިނެވެ. އަހަރެންގެ ޙަގީގަތް އެގޭނަމަ އަންހެންކުއްޖަކު އެފަދަ މައުސޫމް ހިނިތުންވުމެއް އަހަރެންނަށް ނުދިނީސް ކަންނޭގެއެވެ.

"އަދިކިތައް ގަޑިއިރުން ދެވޭނެތަ؟" އެކުއްޖާ އަތައްފެންފުޅިދެމުން އަހަރެން އެހީމެވެ. "ތިރީސް ފަސްމިނިޓު" އަހަރެން ހަނދާންވީ ނަޒީމާގެ މަތިންނެވެ. ހަމަ އެކަހަލަ ފޮނިފޮނި އަޑެކެވެ. އަދިވެސް އެއްފަހަރު އޭނާލައްވައި ވާހަކަ ދައްކުވަން އަހަރެން ބޭނުންވިއެވެ.

ދޯނިބިލެއްދޫއިން ނައްޓައިލިއްސުރެ އެކުއްޖާއިނީ އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އަހަރެންވެސް ސިއްރުސިއްރުން ބަލާލަމެވެ. އެއީ ވަރަށް ރީތިކުއްޖެކެވެ. އުމުރުން މިހާރު ވިއްސަކަށް އަހަރުވެދާނެހެން ހަށިގަނޑަށް ބަލާލުމުން ހީވެއެވެ. ނަމަވެސް މޫނުމަތިން ހީވަނީ ސޯޅަ ސަތާރަ އަހަރުގެ ކުއްޖެއް ހެންނެވެ. އނާގެ ލޯވެސް އެފޮނިފޮނި އަޑުހާ ރީއްޗެވެ. އެތައް ހިތާމައަކާ ހިތްދަތިކަމަކުން ހަށިގަނޑު ތޮރުފަމުން ދާއިރުވެސް ގުދުރަތުގެ ފުރިހަމަ އެޖިންސުއްލަތީފާ ދިމާއަށް ބަލާލުމުން ހިތައް ތަސައްލީއެއް ލިބިގެން ދެއެވެ.

ކޮންމެއަކަސް އަހަރެންމިހުރީ ދަރަބޫދޫއަށް އަރުވާލެވިފައެވެ. އެރަށު މީހުންނަކީ އަހަރެން ހީކުރި ކަހަލަ ބައެއްނޫނެވެ. އަހަރެން ބާކީކޮށް އެކަހެރިކޮށްލުމުގެ ބަދަލުގައި އެންމެންވެސް އަހަރެންނަށް ހަމްދަރުދީ ވިއެވެ. ފުރަތަމަކޮޅު މަސްތުވާތަކެއްޗާ ދުރުގައިހުރުން އަހަރެންނަށްވީ ވަރަށް އުދަގޫ ކަމަކަށެވެ. ނަމަވެސް އެރަށުމީހުން އަހަރެންނާއިމެދު ބެހެއްޓި އޯގާތެރިކަމެއްގެ ސަބަބުން އަހަރެން ވަރަށް އަވަހަށް ހަމައަކަށް އެޅިއްޖެއެވެ. އެއިރު އަހަރެންއަދި ރަނގަޅަށް އެއަށް ދެވިނުހިފަނީ ކަންނޭގެއެވެ.ވަކިން ޙާއްސަކޮށް އަހަރެންގެ ސުނޭނާއެވެ. އެއްކަލަ ރީތި އަންހެން ކުއްޖާއެވެ. އޭނާ އަހަރެންނާ ދިމާއަށް ބަލަނީ ޙާއްސަނަޒަރަކުންކަން އަހަރެނަށް ފާހަގަ ކުރެވެއެވެ. އަދި ރަށުމީހުންނާ އޭނާގެ މައިންބަފައިންނަށް ސިއްރުން އޭނާ އަހަރެންނާ ބައްދަލުކޮށްވެސް ހަދައެވެ.

ރަށުގެ ވެރިން އަހަރެންގެ މަޑުމައިތިރި ކަމާ ރީތި އަޙުލާގާމެދު ވަރަށް ހިންހަމަޖެހެއެވެ. މިވީ ދުވަސްކޮޅުތެރޭ އަހަރެން ފަރުޞުފަސްނަމާދު ވަގުތުން ވަގުތައް މިސްކިތުގައި އަދާކުރީމެވެ. ދެހަފުތާވާން ގާތްވެފައި ހުއްޓައި ރައްޔިތުންމުސާރަދޭ ޓީޗަރެއްގެ ގޮތުގައި އަހަރެން ހަމަޖައްސައި ދިނެވެ. މުސާރަކިތައްމެ ކުޑައަސް ސުކޫލުގައި ހޭދަކުރާ ވަގުތުތަކަކީ އަހަރެން ވަރަށް ހިތްހަމަޖެހޭ ވަގުތުތަކަކަށް ވިއެވެ.

ތިނަވަނަ ހަފުތާގެ ބުރާސްފަތި ދުވަހު އަހަރެން ސުކޫލުނިންމާލާފައި ބޮޑުމަގުން ހިގާފައި ގެއާދިމާއަށް އަންނަނިކޮށް ބޫތައް ފޯނެއްއައެވެ. ރަށުމީހަކު ނަގާފައި އަހަރެންނަށް އައިފޯނެކޭ ކިޔާފައި އަހަރެންގެ އަތައް ފޯނުދިނެވެ.

"ހަލޯ" އަހަރެން ކާކުގެ އަޑެއްތޯ ވިސްނަމުން ބުނީމެވެ. "ޒާހިދުތަ؟ ހަމަދެންމެއަކު ކަލެއަށް ފިރިހެންކުއްޖަކު ލިބިއްޖޭ!" އެކޮޅުން އެމީހާ ވާހަކަދައްކަ ދައްކާ ހުއްޓައި ވީއުފަލުން ފޯނުބާއްވާފައި މިސްކިތާ ދިމާއަށް ދުއްވައިގަތީމެވެ. އަހަރެން ޝުކުރުގެ ސަޖިދައެއް ޖެހުމަށްފަހު މެންދުރު ނަމާދުކޮށްލައިގެން ގެއަށް ހިނގައިގަތީމެވެ. އެވަގުތު އަހަރެންނަށް ލިބިފައިވަނީ ކޮންކަހަލަ އުފަލެއްކަމެއްވެސް ނޭގެއެވެ. ކުޑަފިރިހެންކުއަޖަކު ފެނިގެން "ސަރއަށް މިއަދު ކުއްޖަކު ލިބިއްޖެޔޭ" ބުނުމުން "ބައްޕާއޭ" ކިޔާފައި ދުއްވައިގަތުމުން މިކުރެވުނުކަންތައް ވިސްނި ވަރަށް ހިނިއަންނަ ގޮތްވިއެވެ.

އެރޭ އހަރެން ހުންނަގޭގައި ގަދައަށް ކެއްކީމެވެ. ރަށުގެ ވެރިންނާއި ސުކޫލުގެ މުވައްޒަފުންނަށް ކާންދީފައި ފެންވަރާލައިގެން އެނދުގައި ޖައްސާލިތަނާ ފެނުނީ ނަޒީމާގެ ސޫރައެވެ. އެވަގުތު ނަޒީމާގެމަތިން ވަރަށްބޮޑަށް ހަނދާން ވިއެވެ. އަހަރެންނާމެދު އޭނާ ކޮންމެގޮތަކަށް ކަންތައް ކުރިކަމުގައިވިޔަސް އޭނާ އަހަރެންދެކެ ނުލާހިކު ލޯބިވިއެވެ. ބައެއްރޭރޭ ނިދާގަޑީގައި ކުޑަކުއްޖެއްފަދައިން އަހަރެންގެ މޭމަތީގައި ބޯއަޅާލައިގެންއޮވެ ރޮއިފާނެއެވެ.

އަހަރެން އަހަރެމެން ދެމީހުންގެ ހަނީމޫން ދުވަސްތަކުގެ ޙިޔާލުގެ ތެރެއަށް ގެއްލިފައި އޮއްވައި މީހަކުދޮރުގައި ޓަކިދިނުމުން ދޮރުހުޅުވީމެވެ. އެއިރު ބޭރުގައި ބޮނދާލައިގެން ސުނޭނާ ހުއްޓެވެ. އަހަރެން ދޮރުހުޅުވާލުމުން އަންނާށޭކިޔާފައި ގޯތީގައި ބިޔަކޮށް ހެދިފައިއޮތް މަގޫ ގަސްގަނޑުތެރެއަށް ހިގައިގަތެވެ.

މިރަށުގައި މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ސުނޭނާއާ ބެހޭގޮތުން މީހުންދައްކާ ތަފާތު ވާހަކަތައް އަޑުއިވިފައިވުމާއެކު އެގޮތައް ސުނޭނާގެ ފަހަތުންދާން ކުޑަކޮށް ޖެހިލުންވެސް ވިއެވެ. ރަށުމީހުންގެ ކުރިމަތީގައި އަގު ވެއްޓިއްޖެނަމަ މިރަށުގައި މިހެން ހަމަޖެހިލައިގެން އުޅެން ވަރަށް ދަތިވާނެއެވެ. ދެފިކުރުގައި ހުރެ އަހަރެން ހިގާފައިގޮސް ސުނޭނާއާ އެއްވަރުކުރީމެވެ.

"ރޮނީތަ؟" އެއިރު ސުނޭނާ ގިސްލާއަޑު އިވެއެވެ. އޭނާ އަހަރެންނަށް އޭނާގެ ކަރުމަތި ދައްކާލިއެވެ. ހީވަނީ ނޫފައިގެންފައި ހުރިހެންނެވެ. ސުނޭނާ އަހަރެންގެ މޭގައި ލައްވެލައިގެންހުރެ ރޯންފެށިއެވެ. އެހެން މީހުންސުނޭނާއޭ ކިޔައިގެންދައްކާ ވާހކަތައް ހަނދާންނައްތާލުމަށްފަހު އަހަރެންގެ ބާރުގަދަ މުލައްދަޑީގެ ޙިމާޔަތުގެ ތެރެއަށް ސުނޭނާ ގެނައިމެވެ. އެވަގުތު އަހަރެންނަށް ކުރެވިގެންދިޔައީ ކޮންކަހަލަ އިޙުސާސެއްކަމެއް ނޭގެއެވެ. ސުނޭނާގެ ދޮންއަނބެއްފަދަ ނިޔަނެތި ހަށިގަނޑު އަހަރެންގެ މެޔާފިތެމުންދިޔަދިޔަހެން ސުނޭނާގެ ބަދަލުގައި ނަޒީމާގެ ޙިޔާލުތައް އަހަރެންގެ ހިތާ ހަށިގަނޑަށް މަސްތުކަން ވެރިކުރުވަން ފަށައިފިއެވެ. ދެން އެނާޒުކު ހަށިގަނޑު އަހަރެންނަށް ފެނުނީ އަމިއްލަ މިލްކެއް ފަދއިންނެވެ. މާމަލުން ވަސްބަލަމުން ފޮނިބޮމުން އުދުހޭ މާބުރެއްފަދައިން ދުނިޔޭގެ އެހެންހުރިހާކަމެއް އަހަރެން ހަންދާން ނެތިއްޖެއެވެ.

އަހަރެންނަށް ހަމަނޭވާލެވުނީ ސުނޭނާ އަހަރެންގެ ކަންފަތް މަތީގައި ފިސާރިބާރަށް ވިހެލުމުންނެވެ. "އަހަރެން ހިޔެއްނުކުރަން ޒާހިދު ......." އަހަރެން ގޮވަގޮވާއޮއްވާ ސުނޭނާ ދުވަމުންދުވަމުންގޮސް އަނދިރިގަނޑުގެ ތެރެއަށް ގެއްލިއްޖެއެވެ. ކުރެވުނުކަންތަކާއިމެދު އަހަރެންވަރަށް ދެރަވެ ލަދުގަތެވެ. ނިކަމެތި އަންހެން ކުއްޖެއްގެ ފަރާތުން ނާޖާއިޒު ފައިދާނަގަން އުޅެވުނީތީއެވެ. ނަމަވެސް އެހާދަންވަރު އެގޮތައް ސިނޭނާވެސް އަހަރެންނާ ބައްދަލްކުރަން އައުންއެއީ ޙުދު ސުނޭނާގެވެސް މުށެވެ. މުޅިރޭ އެނދުގައި ދެއަތައް ފޮރޮޅި ފުރޮޅި އޮވެވުނުކަން އެނގުނީ ފަތިސްނަމާދުގެ ބަންގީގެ އަޑުއިވުމުންނެވެ.އަވަހަށްތެދުވެ ފެންވަރާލައިގެން ޖަމާއަތުގައި ބައިވެރިވީމެވެ. މީހުންގޮސްހުސްވުމުން މިސްކިތުގައި އެކަނިއިދެ އެތައްއިރަކު ރުއީމެވެ. ކުރެވުނުކުށައް އިޙުލާސްތެރިކަމާއެކު ތައުބާވީމެވެ.

ޖެހިގެންއައިދުވަހު މަޢާފައްއެދުމަށް ސުނޭނާ ފެނޭތޯ ބެލީމެވެ. ހެނދުނުގަޑީ އެގޭދޮށުން ދެތިންފަހަރަކު މުގޯލިވެސް އެޅީމެވެ. ސުކޫލުނިމިގެން ގެއަށްދާން ތައްޔާރުވަނިކޮށް ކޯޓަށް އަހަރެން ބަލާއައެވެ. އަހަރެންގެ މޭގަނޑު ނެގިނެގިފައި ޖެހެންފެށިއެވެ. އަނެއްކާ ސުނޭނާ އަހަރެންނަށް ލަނޑެއްދިނީކީ ނޫންބާއެވެ. އެތެރެއަށް ވަންއިރުވެސް އަހަރެން ހުރީ ދާހިއްލާ ފޯވެފައެވެ. ނަމަވެސް ގާޒީގެ ވާހަކައިން އަހަރެން ގެނެވުނީ ނަޒީމާ ވަރިއަށް ސިޓީލައިގެންކަން އެނގުމުން އަހަރެންގެ ދެލޯ ފެންކަޅިވިއެވެ. އަހަރެންގެ ދަރިފުޅުދެން ދުވަހަކުވެސް އަހަރެންނަށް ފެންނާނެބާއޭ ހިތައްއެރިއެވެ. ގާޒީގެ ވާހަކަތައް އަޑުއެހުމަށްފަހު އަހަރެން ނަޒީމާ ވަރިކުރީމެވެ. ހިތާދެކޮޅަށެވެ. ދުވެފައިދާމަހެއްގެ ނިގުލުގައި ހިފަންއުޅެވުނުކަންއެއީ އަހަރެންނަށް އެޅުނުޅައެއްޗެއްކަން ގަބޫލުކުރީމެވެ.

އެރޭ އަހަރެންތަންކޮޅެއް އަވަހަށް ނިދޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް އެކަން އަހަރެންނަށް ކާމިޔާބެއްނުވިއެވެ. ނަޒީމާ އަހަރެންނާއިދޭތެރޭ ކަންތައްކުރިގޮތުން އަހަރެން ވަރައްބޮޑަށް ހިތުގައިޖެހުނެވެ. ބައެއްމީހުނަށް ލޯއްބަކީ އާތްވައްއަރަން ތައްޔާރުވެފައިވާ ފެންތިއްކަކަށްވަނީ ކީއްވެބާއެވެ. އެހާފަސޭހައިން ނަޒީމާ އހަރެންދެކެވީ ލޯބިހަނދާން ނެތުނީ ކީއްވެބާއެވެ. މީހުންބުނަނީ ތެދަކަށްވެސް ވެދާނެއެވެ. ލޯތަބަކީ ހަމައެކަނި ފައިސާވެރިންގެ ހައްގެކެވެ. ނަޒީމާދެކެ އަދިވެސް އަހަރެން ލޯބިވެއެވެ. އެއީ އަހަރެންގެ ތުއްތުދަރިފުޅުގެ މަންމަކަން އަހަރެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަމެވެ.

އަހަރެންއިނީ ތާސްކުޅެން ހޮޅުއަށީގައެވެ. ރަށުތެރޭގައިހިނގާ ތަފާތުއެތައް ކަމެއްގެ ވާހަކަދައްކަމުންގޮސް ފެށުނީ ސުނޭނާގެ ވާހަކައެވެ. އޭނާ ރައްޓެހިވެގެން އުޅޭމީހާ އޭނާގެ ގައިގައި ތަޅައިގެން ވާހަކައެވެ. އެހެން ފިރިހެނަކާ ސިއްރުން ސުނޭނާ ބައްދަލް ކުރާކަން އެފިރިހެންކުއްޖާއަށް އެނގުނީއެވެ. އެއީ ވަރަށްރުޅިގަދަ ކުއްޖެއްކަންވެސް އެމީހުންގެ ވާހަކައިން އެނގުނެވެ. އަހަރެންއިނީ އެއިންމީހަކާ ދިމާއަށް އިސްއުފުލާ ބަލާލަންވެސް ނުކެރިފައެވެ. އެމީހަކީ އަހަރެންކަން އެގިއްޖެނަމަ ދެންވާނީ ކިހިނެއްބާއޭ ހިތައްއަރައަރައެވެ. "އެކަކުވެސް ބޭނުމެއްނުވޭ އެމަންޖެއާ އިންނާކަން" އެތަނުންއެކަކު ސުނޭނާއަށް ހަމްދަރުދީވެފައި ބުންޏެވެ. އަހަރެން ވައަތުން މޫނުގަ ހިއްލާފައި ދާތިކިތައް ފުހެލީމެވެ.

އެރޭވެސް ނިދިވަނީ އަހަރެންނާ ރުޅިބުނެފައެވެ. ޙިޔާލައް އަންނަމުންދިޔައީ ސުނޭނާ ދައްކާފައިހުރި ތަފާތު ވާހަކަތަކެވެ. މިއަދު ހޮށުއަށިން އިވުނު އަޑުތަކެވެ. އަހަރެން ހަށިގަނޑަށް ތާޒާވައިކޮޅެއް ހޯދުނަށް ބޭރަށްނުކުމެ ހިރުދުގަހުގައި އެލުވާފައިހުރި ޖޯއްޔެއްގައި ޖައްސާލީމެވެ. މިކަހަލަ ރީތިވައިރޯޅި ވާރޭރޭ އެނދައްވުރެ ބޭރުމާއަރާމޭ އެވަގުތު ހިތައްއެރިއެވެ. "ބޭރުގައޮވެ ނިދާކަށް ނުވާނެ" ސުނޭނާގެ އަޑަށް އަހަރެން ސިހިފައި ތެދުވީމެވެ. އެއިރުސުނޭނާ ކޮފީތައްޓެއް ހިފައިގެން އަހަރެންގެ ވަރަށް ގާތުގައި ހުއްޓެވެ. "އަހަރެންނަށް މަޢާފުކުރޭ ސުނޭނާ، އަހަރެން ...." ސުނޭނާ އަހަރެންގެ އަނގަމަތިގައި އަތް އެޅިއެވެ. އެވަގުތު އަހަރެންގެ ޙިއްސުތަކާ ކުޅެލީ ސުނޭނާ ބޭނުންކޮއްފައިހުރި ސެންޓުގެ މީރުވަހެވެ. އެތައްއިރަކު ދެމީހުންނަށް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނެވެ. މިރޭ އަދިކުރިއަށްވުރެވެސް ސުނޭނާ އަހަރެންނަށް ރީތިވިއެވެ. "ކޮފީ" "އަހަރެންނާ އިންނާނަންތަ؟" ކޮފީތައްތާއެކު ސުނޭނާގެ އަތް އަހަރެންގެ އަތުގެ ތެރެއަށް ލަމުން ސުނޭނާގެ ލޮލަށް ބަލަންހުރެ އަހަރެން ސުވާލުކުރީމެވެ. ސުނޭނާގެ ލޮލުން އެވަގުތު ފާއްދާލި އުފާވެރިކަމުގެ ކަރުނަތިކި ވެއްޓުނީ އަހަރެން ބޯލުމަށްޓަކާ އުފުލާލި ކޮފީތަށީގެ ތެރެއަށެވެ." އައްދެއްޔޭ، ކޮފީތަށީގެ ފޮނިމާބޮޑަށްވެސް ގަދަވެއްޖެ" އަހަރެން ސުނޭނާގެ ނިންކުރީގައި ބޮސްދޭން އުޅުނީމެވެ. ނަމަވެސް އަހަރެންގެ އަތްދަށުން ދެމިގަނެގެން ރޭގެ އަނދިރިކަމުގެ ތެރެއަށް ސުނޭނާ ގޮސްގެއްލުނީ ދިރިއުޅުމާމެދު އާއުންމީދުތަކެއް އަހަރެންނަށް ގެނެސްދީފައެވެ.

ކޮމެންޓް 0