4

ތަށިތަކެއް ވެއްޓި ތެޅުނު އަޑު މުޅި ބަދިގޭގައި ގުގުމައިގެން ދިޔައެވެ. އެ އަޑާއެއްކޮށް ދެން އިވުނީ "މާންމާ" އޭ ކިޔާ އަލްސާ ރޮއިގަތް އަޑެވެ. ގޭތެރޭގައި ޓީވީ ބަލަން އިން އާމިރާއަށް ބަދިގެއާ ދިމާއަށް ދުއްވައިގަނެވުނީ ބޭ އިޚްތިޔާރުގައެވެ. "ދަރިފުޅާ ކިހިނެތްވީ...." އާމިރާ ނިކަން ބާރަށް ގޮވާލިއެވެ. އާމިރާގެ ފަހަތުން އަމީންވެސް ބަދިގެއާ ދިމާއަށް ދުއްވައިގަތެވެ. ބަދިގޭ ދޮރުމައްޗަށް ހުއްޓެވުމާއެކު ބަދިގެ ތެރެއަށް ބަލާލީ ބިރުވެރި ހިތަކާއިގެންނެވެ. "ދަރިފުޅާ. ކިހިނެތްވީ..." އާމިރާ އަނެއްވަަވެސް ސުވާލު ތަކުރާރު ކޮށްލިއެވެ. އޭރު ކާމޭޒު ކާރީގައި ހުރި ގޮނޑިއެއްގައި ހިފަހައްޓައިގެން އަލްސާ ހުއްޓެވެ. މާނޭވާ ލެވޭގޮތުން ބިރުގަނެފައި ހުރިކަން އެނގެއެވެ. ތަޅުންގަނޑުމަތީގައި ތެޅިފައިވާ ތަށިތަކުގެ މުށިތައް ބުރަބުރައިގެން ގޮސްފައި އޮތެވެ. " ދަރިފުޅާ.. ކިހިނެތްވީ. ތަށިތައް ތެޅުނީ؟" އަމީންވެސް އަލްސާ އާ ސުވާލު ކޮށްލިއެވެ.

" ތަށިތައް ދޮންނަން ގެންދަން ނެގިތަނާ އަތުން ދޫވެގެން ވެއްޓުނީ.... ބައްޕަ ރޯދައަށް ގަނެފައި ހުރި ރީތި ތަށިތައް.. ބައްޕާ. ވަރަށް ބޮޑަށް ސޮރީ" އަލްސާ ވަރަށް ދެރަވެފަ ހުރެގެން ވަހަކަ ދެއްކިއެވެ. " އަހަރެން އުޅުނީ އަލީ އޮފީހުން އަންނަންވާއިރަށް ކާން ހަދަން ކަމަށް.."

" ހުރިހާ ތައްޓެއް އެއފަހަރާދޯ ގެންދަން އުޅުނީ.. މަންމައަށް ގޮވާލިނަމަ.. ދަރިފުޅަށް އަދި ނޭގެނީއޭ ތަށިގެންގުޅެންވި ގޮތް" އާމިރާ ވަރަށް ލޯބިން ވަހަކަ ދައްކަން ފެށިއެވެ.

" ބަލަ އަލްސާއަށް ކަމެއްކުރަން އެނގޭނީ އޭނަ ލައްވަ އާމިރާ ކަމެއްކުރުވާ ނަމައެއްނު.. ބޮޑުވެގެން މީހަކާ އިން އިރުވެސް އޭނަ ލައްވާ އެއްވެސް ކަމެއް ނުކުރުވާ ހުރީމަ ވާނެ ގޮތް މިވަނީ..އަލްސާގެ ކުށެއްނޫން ތީ..." އަމީން ނުރުހިފަ ބުންޏެވެ.

"އަހަރެމެންގެ ހުރި ހަމައެކަނި ދަރިފުޅޭ އެއީ..އޭނަ ލައްވާ މަސައްކަތް ކުރެވޭތަ. އަހަރެމެން ދެމަފިރިން ގަދަވެ ސަލަމަތުން ތިބެ. ދަރިފުޅުދޭ ކޮޓަރިއަށް. މަންމަ ތިތަން ސާފުކޮށްފާނަން. އަލީ އަންނަ އިރަށް ކާންވެސް ހަދާދީފާނަން" އާމިރާ އެއްފަހަރުން ހުރިހާ ވާހަކަތަކެއް ދައްކާލިއެވެ. އެޔާއެކު އަލްސާ ބަދިގެއިން ނުކުމެގެން ދާން ހިނގައިގަތެވެ.

އަލްސާ ދާތަން ބަލަން ހުރެފައި އަމީން ވާހަކަ ދައްކަން ފެށިއެވެ. " ތިހެން ހަދާތިއޭ މައްސަލައަކީ.. އަލްސާ ދެކެ ލޯބިން އޭނަ ތިހަލާކު ކުރަނީ.. މިކަހަލަ ވާހަކަ ދައްކަތީ މަ ގޯސްވަނީ. މަ ބޭނުންވަނީ އަހަރެމެން ނެތް ދުވަހަކުންވެސް އޭނަ އެކަނި އުޅެން ދަސްކުރުވަން.. ލޯބި ވުމަކީ ދަރިފުޅު ހަލާކު ކުރުމެއް ނޫނެއްނު"

އަމީން ދައްކާ ވާހަކައަށް މާބޮޑު ސަމާލު ކަމެއްނުދީ އާމިރާ ތަޅުންގަނޑުމަތީހުރި ތަށިމުށިތައް ނަގާސާފުކުރުމުގެ މަސައްކަތް ކުރަމުންދިޔައެވެ. މިތަން ބަލަން އިރުކޮޅަކު ހުރުމަށްފަހު އަމީން ގޮސް ސިޓިންގ ރޫމުގައިހުރި ސޯފާގައި އިށީދެ ޓީވީ ބަލަން ފެށިއެވެ.

ގަޑިން ދެގަޑި ބައިވިތަނާ އަލީ އައިސް ގެއަށް ވަނެވެ. ސިޓިން ރޫމުގައި އިން އަމީނަށް ހިނިތުން ވެލުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ. ކޮޓަރީގަ ހުރީ ނިދާ ބޮކި ދިއްލާފައެވެ. ކޮޓަރީގެ އެއްފަރާތުގައި ހުރި އެނދުގައި އަލްސާ އޮށޯވެ އޮތްގޮތުން ނިދިފައި އޮތީކަމުގައި އަލީއަށް ހީވިއެވެ. އެހެންވެ އަލްސާއާ ދިމާއަށް ދާން ހިގައިގަތްތަނާ ފައިގަ ކޮންމެވެސް އެއްޗެއް އަޅައިގަނެ އަލީ ބިންމައްޗަށް ވެއްޓުނެވެ. އަލީއަށް ތަންކޮޅެއްބާރަށް "އާތް" އޭ ކިޔާ ހަޅޭ ލަވައިގަނެވުނު އަޑަށް އަލްސާ ފުންމައިގެން ތެދުވެ އެނދުގެ މެދުގައި އިށީނެވެ. " ސާބަސް ތަންކޮޅެއް ބަލައިގެން އުޅެބަލަ." އަލްސާ ގޮވާލިއެވެ.

އަލީ ތެދުވެ ބޮކި ދިއްލުމަށްފަހު ކޮޓަރި ތެރެ ރަގަޅަށް ބަލާލިއެވެ. ކޮޓަރިތެރޭ އެތަންމިތާ އެކި އެއްޗެތި ވެރިފަ ނުވަތަ އެއްލާލާފަ ހުރުމުން މުޅިތަން ހީވަނީ އޮޔާލާ ގޮނޑެއް ހެނެވެ. އަލްސާގެ ދާ އަންނައުނުތައް ދާވަށިގަނޑު ފުރިގެން ތަޅުންގަނޑު މައްޗަށް ވަނީ ވެރިފައެވެ. ހެނދުން އަޅުވާ އެތީގައި އެލުވާފައި ހުރި ހެދުންތަކާ ތުވާލިތައް އެލިފައިވާގޮތުން، ފަތް މިލާފައިވާ ގަހެކޭ ތަފާތެއް ނެތެވެ. އެނދުގެ ބެޑްޝީޓް އެއްފަރާތަކަށް އެލިގެންގޮސް ބިންމަތީގައި ދެމިފައި ވެއެވެ. އަލްސާ ގެންގުޅޭ ހެޑްސެޓާއި ކިޔަން ގެންގުޅުނު ވާހަކަފޮތްތައްވެސް ވަނީ ތަޅުންގަނޑު މައްޗަށް އުުކާލާފައެވެ. އަލީ ވެއްޓުނީ ދޮރުކާރިއަށް އެއްލާލާފައިވާ ކުޝަނެއްގައި އަޅައިގެނެގެންނެވެ.

"ޕިސް ޕިސް.. އަލްސާ.. އަޅެ މީ ބޮޑުވަރު..މިކޮޓަރި ތަރުތީބު ކޮށްލިއްޔާ ގައިމު ލޮލަށްވެސް ތަންކޮޅެއް ފަސޭހަވާނެ.. މިތަން މިހާ ހަޑިކޮށް އޮތްއިރު އުދަގުލެއް ނުވޭތަ އަޅެ؟" އަލީ އަށް ހަޅޭލަވައި ގަނެވުނެވެ. "އަލީ ތިހާ ބާރަށް ހަޅޭ ނުލަވަބަލަ. ބައްޕަމެން ހީކުރާނީ ކީކޭ... އިރުކޮޅަކުން މަންމަ މިތަން ސާފު ކުރާނޭ..އާދެބަލަ މިކޮޅަށް މިއަދު ވީ ކަމެއް ބުނާނަން.." އަލްސާ އަލީ އާ ދިމާއަށް އަތް ދިގުކޮށްލިއެވެ. އަލީއަށް އަލްސާގެ މައުސޫމް މޫނަށް ބަލާލުމުން އައިސްފަހުރި ރުޅި ކޮންމެވެސް ވަރަކަށް ފިލައިފިއެވެ. މީކޮންމެ ދުވަހަކުވެސް ކުރިމަތިވާ ކަންތައްތަކެވެ. އަލީ ދެފަރާތައް ބޯ ހޫރާލުމަށްފަހު މަޑުމަޑުންގޮސް އަލްސާގެ ކައިރީގައި އިށިނެވެ. އެއާއެކު އަލްސާ އަލީގެ ގައިގައި ވަރަށް ލޯބިން ބައްދާލިއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އަލްސާގެ ކައިވެންޏަށް ހަމަސް ފުރިއޖެއެވެ. އަލްސާގެ އުޅުމަށް މާބޮޑު ބަދަލު ތަކެއް ނާދެއެވެ. އަލީ ގެއަށް އަންނަކޮންމެ ފަހަރަކު އަލްސާގެ ވިޔާނުދާ އުޅުމާމެދު ހިތްހަމަނުޖެހިގެން ވާހަކަ ދައްކައެވެ. މިކަމާ އަލްސާ ހުންނަނީ ހިތްހަމަ ނުޖެހިއެވެ. އަލީއަށް ގޭތެރެއިން އެއްވެސް ކަމެއް އުންޏެއް ނުވެއެވެ. އެހެންނަމަވެސް އެހުރިހާ ކަމެއްކުރަނީ އަލްސާގެ މަންމަކަން އެގޭތީ އަލީ ހުންނަނީ ހިތްހަމަ ނުޖެހިއެވެ. އަލީ ގަބޫލު ކުރާގޮތުގައި މީ ހަގީގީ ދިރިއުޅުމެއްނޫނެވެ. އެހެންވެ އަލްސާއަށް ނަސޭހަތްދީދީ ކޮޅުން ލައިފިއެވެ.

އެއްދުވަހަކު ޢަލީ އޮފީހުން އައީ އޮފީސް މީހުންނާއެކު މަސް ދަތުރެއް ދިއުމަށް ތައްޔާރުވުމަށެވެ. ގެއަށް ވަންއިރު އަލްސާ އިނީ ހިންދީ ޑްރާމާއަކްށް ގެއްލިފައެވެ. މަންމަ ބަދިގޭގައި ކައްކަން އުޅެއެވެ. " އަލްސާ މަގޭ ސޯޓު ނިކަން އަވަހަށް ގެނެބަލަ..މަސް ދަތުރަކު ދާން މިދަނީ" އަލީ ގޮވާލިއެވެ. " ކޮން ސޯޓެއް..އިއްޔެ ދިން ސޯޓުތަ..އެ ސޯޓު އޮންނާނެ ދާވަށިގަނޑުގަ" އަލްސާ ޓީވީން ނަޒަރު ވަކި ނުކޮށް ފަރުވާ ކުޑަގޮތަކަށް ބުނެލިއެވެ. މިހިސާބުން އަލީގެ ކެތްތެރިކަން ކޮޅުންލިއެވެ. "ދެން މަ ދާންވީ ހަޑިވެފަ އޮތް ސޯޓެއްލައިގެންތަ؟ ބުނީމެއްނު އެ ދޮވެލާށޭ. އެވަރު ކަމެއްވެސް ކުރާކަށް ނޭގޭދޯ؟" އަލީގެ އަޑު ބާރު ވެގެން ދިޔައެވެ. "ތިހާ ބާރަށް ނުބުންޏަސް އަޑު އިވެޔޭ..ނުބުނަމެއްނު މިއަދު ބޭނުމޭ. މަންމަ ބުނި މިއަދު ދޮވެދޭނަމޭ. އެހެންވެއޭ ނުދޮވެވުނީ" އަލްސާއަށް ރޮވޭ ގޮތްވިއެވެ.

"މަންމަ. މަންމަ. މަ އިނދެގެން އުޅެނީ އަލްސާއާތަ؟ ނޫނީ އަލްސާގެ މަންމަ އާތަ؟ މަ އަޑިން ލާއެއްޗެއްވެސް ދޮންނަން ޖެހެނީ މަންމަތަ އަޅެ. ކިހާ ދެރަކަމެއް. މިވަރަކުން މަށަކަށް ނޫޅެވޭނެ. ނަސޭހަތް ދީ ދީ ވަރުބަލިވެއްޖެ. މަ ދަނީ މިގެއިން" އަލީ އައިސްފަ ހުރި ރުޅީގައި ކޮޓަރިއަށްވަދެ ބާރަށް ދޮރު ޖަހާލިއެވެ. އަލްސާ ސޯފާއިން ތެދުވެ ބާރަށްގޮސް ކޮޓަރި ތެރެއަށް ވަނެވެ. އަލީ އޭނަގެ ހެދުންތައް އަލަމާރިން ނަގާ ދަބަހަކަށް އަޅަމުން ދިޔައެވެ. " އަލީ. މަޑުކޮށްބަލަ. ތީ ދެން ކޮންކަމެއް. އަލީއަށް މަދީ ކޮންކަމެއް. ތިހެން ރުޅި އަންނަން. ސޮރީ އޭ ބުނެފީމެއްނު. ސޮރީ އޭ. އަލީ ގޮސްގެން ނުވާނެ. އަލީ އާ ނުލާ މަށަކަށް ނޫޅެވޭނެ..ޕްލީޒް" އަލްސާ އަލީގެ އަތުގައި ހިފަހައްޓައިގެން ރޯން ފެށިއެވެ. އަލީ އަލްސާގެ އަތް ފޮޅުވާލާފައި ދާން ހިގައިގަތެވެ. " އަލީ. ޕްލީޒް ނުދޭ. އެވަރު ކުޑަކުޑަ ކަމަކާހެދި އަހަރެން ދޫކޮށްލަނީތަ. އަލީ އަހަރެންދެކެ ލޯތްބެއްވެސް ނުވޭތަ؟" އަލްސާ އަލީގެ އަތުގައި ހިފާ ދިޔަ ނުދޭން މަސައްކަތް ކުރަމުން ދިޔައެވެ. އެހެންނަމަވެސް އަލްސާގެ އަތްފޮޅުވާލުމަށްފަހު އަލީ އެގެއިން ނުކުމެގެން ހިގައްޖެއެވެ.

އަލްސާގެ ރުއިމުގެ އަޑަށް ބަދިގޭގަ ހުރި އާމިރާ ދުވަމުން ދުވަމުން އައެވެ. އަލްސާ ގޭގެ ދޮރުގައި ހިފަހައްޓައިގެން ރޮމުންދާތީ ބޮޑުކަމެއް ވެއްޖެކަން އާމިރާއަށް ވިސްނުނެވެ. އެތައް ވަރަކަށް ސުވާލު ކުރުމުން އަލްސާ ކަންވީގޮތް ކުރު ގޮތަކަށް އޭނާގެ މަންމައަށް ކިޔައިދިނެވެ. ދަރިފުޅުގެ ކަރުނުން ފުރިފައިވާ ދެލޮލަށް ބަލަހައްޓައިގެން ހުންނަން އާމިރާއަކަށް ކެތެއް ނުވިއެވެ. ދަރިފުޅުގައިގައި އޮޅުލައިގަނެގެން އާމިރާވެސް ރޮވިއްޖެއެވެ. "ދަރިފުޅު ދެން ނުރޮއި.. އަލީ އަންނާނެ. އަލީ އަކީ އެހާ ގޯސް މީހެއް ނޫން.."

އެދުވަސް ވެގެން ދިޔައީ އަލްސާގެ ހަޔާތުގައި ކުރިމަތިވި އެންމެ ހިތާމަވެރި ދުވަހަށެވެ. އަލީއަށް އެތައް ފަހަރަކު ގުޅިއެވެ. އެތައް މެސްޖެއް ކުރިއެވެ. އެހެންނަމަވެސް ފޯނު ނުގާތަނުގައި މެސެޖަށް ރައްދުވެސް ނުދިނެވެ. މިކަމުގެ ސަބަބުން އަލްސާގެ ހިތާމަ ފުން ވެގެން ދިޔައެވެ. އަލްސާ ނުކައި ނުބޮއި އޮވެ ރޮއެ ރޮއެ ލޮލުން ކަރުނަ ހުސްވާވަރުވިއެވެ. މިހާލަތުގައި ހަފްތާއެއް ދިޔަފަހުން އަލީގެ ކުރު މެސެޖެއް ލިބުނެވެ. " އަލްސާ ގެވެހި އަންބެއްގެ ގޮތުގައި އުޅެން ދަސްކުރުމަށްފަހު އަހަރެންނަށް ގުޅާ. އެއިރުން އަހަރެން އަންނާނަން. އަބަދުވެސް އަލްސާ ދެކެ ލޯބިވާ އަލީ". އެމެސެޖް ފެނުމުން އަލްސާ އަށް ކެތެއްނުވިއެވެ. "އަލީ" އޭ ކިޔާ ގޮޥާލެވުމަށްފަހު ގިސްލެވެން ފެށުނެވެ. އެތައް އިރަކު ރުއިމަށްފަހު އަނެއްކާވެސް ފޯނުބަލާ އެމެސެޖް ކިޔާލިއެވެ. މިގޮތަށް ތަކުރާރުކޮށް އެ މެސެޖް ކިޔުނީ ކިތައްފަހަރު ކަމެއް ނޭގެއެވެ. އަދި އެމެސެޖަށް އެތައް ރިޕްލައި މެސެޖެއް ކުރިއެވެ. އެހެންނަމަވެސް އޭގެފަހުން އަލީގެ މެސެޖެއް ނުލިބުނެވެ.

މަޑުމަޑުން އަލްސާގެ އެ ދިރިއުޅުމަށް ހޭނެން ފެށިއެވެ. ގޭތެރޭގެ ކުދިކުދި ކަންތައް ކުރަންފެށީ އަވަދިނެތި އުޅުމުގެ ބޭނުމުގައެވެ. އަލީގެ ހަނދާންތައް ކުޑަކޮށް އެއްފަރާތް ކޮށްލުމުގެ ބޭނުމުގައެވެ. މިގޮތުގައި ދުވަސްތައް ވޭތުވަމުންގޮސް ރަމްޟާންމަހާ ކުރިމަތިލާން ޖެހުނެވެ. އާމިރާވަނީ އޭނާގެ އެއްބަނޑު މީހުންނާއެކު ރޯދަމަހު އުމްރާއަށްދާން ތައްޔާރުވެފައެވެ. އާމިރާ އުމްރާއަށް ފުރުމުން އަލްސާއާއި އަލްސާގެ ބައްޕަ އެކަނި ވިއެވެ. އެހެން ކަމުން ގޭތެރޭގެ ހުރިހާ ކަމެއް ބަލަހައްޓަން ޖެހުނީ އަލްސާއަށެވެ. މީ މިފަދަ ޒިންމާއެއް އަލްސާއާ ހަވާލުވި ފުރަތަމަ ފަހަރެވެ. އެހެން ކަމުން ވީ އެންމެ ރަގަޅަކަށް ގޭތެރޭގެ ކަންކަން ހަމަޖެއްސޭތޯ އަލްސާގެ ބައްޕަގެ އެހީތެރިކަމާއެކު، އަލްސާ މަސައްކަތް ކުރަމުން ދިޔައެވެ.

މިދުވަސްވަރު ގޮތް ނޭގޭ ނަންބަރަކުން އަލްސާއަށް މެސެޖް ތަކެއް އަންނަން ފެށިއެވެ. ކޮންމެ ރެއަކު ނިދާ ގަޑީގައި "ގުޑް ނައިޓް މެސެޖް" ހޭލާ ގަޑީގައި "ގުޑް މޯނިންގް" މެސެޖް އަންނަން ފެށިއެވެ. އަދި ހާލު އަހުވާލު އެހުމާ، ކުރާކަންކަން އޮޅުންފިލުވަން ވެސް ފެށިއެވެ. އަލްސާ އަށް މިކަމުގެ އުދަގޫވެ، އޭނާއަކީ މީހެއްގެ އަންބެއްކަމުގައި ބުނެ އިތުރަށް މެސެޖް ނުކުރުމަށް އެދި މެސްޖް ކުރިއެވެ. އެހެންނަމަވެސް އެ މެސްޖް ތަކަށް ހުއްޓުމެއް ނައެވެ. މިގޮތުގައި ދުވަސްތައް ފާއިތުވާން ފެށުމުން ނޭގިނަމަވެސް އެ މެސްޖެތަކަށް އިންތިޒާރު ކުރެވެން ފެށުނެވެ. މަޑުމަޑުން އެ މެސްޖްތަކަށް ރިޕްލައިވެސް ކުރެވެން ފެށުނެވެ. އަލްސާގެ ހާލުބަލާ މީހަކީ ކާކުކަން އެނގެން ބޭނުންވިއެވެ. އެ މީހާ އަލްސާއާ ބައްދަލު ކުރަން ކުރަން އެދުމުން "އާއެކޭ" ބުނެ އަލްސާ ރިޕްލައި ކުރިއެވެ. މިގޮތަށް އެކުވެރިކަމުގެ އެތައް މެސްޖެއް ބަދަލު ކުރެވެމުންދިޔައެވެ. އެހެންނަމަވެސް ފޯނުން ވާހަކަ ދެއްކުމަށް އެމީހަކު ދެކޮޅު ހަދައެވެ. އޭނަ ބޭނުންވީ ބައްދަލު ކުރުމަށްފަހު އަލްސާއާ ފޯނުން ވާހަކަ ދެއްކުމަށެވެ. އަލްސާ އެ ނުދަންނަ އެކުވެރިޔާގެ ޝަރުތު ގަބޫލު ކުރުމަށްފަހު، އީދު ދުވަހު އީދު ނަމާދުން ފައިބައިގެން އަލްސާގެ ގެއަށް އައުމަށް ދައުވަތު ދިނެވެ. އެމީހާ އެދައުވަތު ގަބޫލު ކުރީ އުފަލުންނެވެ.

އަލްސާ އެވާހަކަ އޭނާގެ ބައްޕައާ ހިއްސާކުރުމުން ބައްޕަ އެކަމާހުރީ ވަރަށް އުފަލުންނެވެ. އެތައް ދުވަހަކަށް ފަހު އަލްސާ ހަމައަކަށް އެޅިފަހުއްޓާ ފެނުމުން އަމީން ހުރީ ވަރަށް އުފަލުންނެވެ. " ދަރިފުޅު ބޭނުން ކޮންމެ މީހަކު މިގެއަށް ގެނެވޭނެ. މީ ދަރިފުޅުގެ ގެ. ދެރައީ ތިދުވަހަށް މަންމައަށް ނާދެވޭނެތީ". އަމީން ދަރިފުޅުގެ ބޮލުގައި ފިރުމައިލިއެވެ. " އަނެއްކާ ގެއަށް ގެންނަނީ ކޮން ކުއްޖެއް؟.. އަލީގެ ޚަބަރެއްނުވޭތަ؟" އަމީން އަލްސާގެ މޫނަށް ބަލަމުން ސުވާލު ކޮށްލިއެވެ. އަލީގެ ނަން އިވުމުން އަލްސާގެ މޫނުގެ ކުލަ ފަނޑުވިތަން އަމީނަށް ފެނުނެވެ. އަލްސާ އިސްދަށަށް ޖަހައިގެން ހުރެ ވާހަކަ ދެއްކިއެވެ. "އަލީގެ ޚަބަރެއްނުވޭ. އަލީ ދިޔަފަހުން ލިބުނީ އެންމެ މެސެޖެއް.. އޭނަވެސް އަޅުގަނޑާއެކު އުޅެން ބޭނުން ނެތިއްޔާ އަޅުގަނޑު ދޫކޮށްލަން ބުނަން ހިތައް އަރަނީ. މިހާރު ތިން މަސްވީ އޭނަގެ ޚަބަރެއް އެއްގޮތަކަށްވެސް ނުވާތާ.. އަޅުގަނޑު ހިތަށް އަރަނީ ވަރިވާން ބުނާނީއޭ" އަލްސާގެ އަޑު ކުރެހިގެން ދިޔައެވެ. އަލީ ވަކިވެގެން ދިއުމުން އަލްސާއަށް ކޮށްފައިވާ ފުން ހިތާމަ އެވަގުތު އަމީނަށް އިހްސާސްވިއެވެ.

"ނޫނޭ ދަރިފުޅާ. އަދި ވަރިވާކަށް ނުވޭ. އަލީ ދިޔައީ ޝަރުތެއްކޮށްފައެއް ނޫންތަ؟ އެ ޝަރުތު ފުރިހަމަ ކުރީމަ އަލީ އަންނާނެ" އަމީން ނުބުނަން ހުރި ވާހަކަ ބުނެވުނެވެ. " ކިހިނެތް ބައްޕައަށް އެނގުނީ ޝަރުތެއް ކުރިކަން؟ އަލީ ބުނީތަ؟" ވަރަށް ހައިރާން ވެފައި އަލްސާ ސުވާލު ކުރިއެވެ. އަމީނަށް ބުނާނޭ އެއްޗެއް ވިސްނުމަކަށް ނައެވެ. " އެއްދުވަހަކު އަލްސާ ބުނީމެއްނު. ދެން އެކަމަކު ވަރިއަށް އެދޭނީ އަލީގެ ޚަބަރެއް ނުވެ ގިނަ ދުވަސް ވާނަމަ ދޯ. މިހާރު އަލްސާއަކީ ތަފާތު ކުއްޖެއްނު" ބައްޕަ ބުނި އެއްޗަކުން އަލްސާއަށް ހީގަނެވުނެވެ.

ޢީދު ނަމާދުން ފައިބައިގެން މީހުން އަންނާނެ ވަގުތަށް އަލްސާ ތައްޔާރުވަމުން ދިޔައެވެ. ނުދަންނަ އެކުވެރިޔާ ދެކިލާ ހިތުން އަލްސާގެ ހިތްވަނީ ބޭގަރާރު ވެފައެވެ. އިރުއިރުކޮޅާ ދޮރާއްޓާ ދިމާއަށް ބަލާލެވެއެވެ. އަމީން ގެއަށް އައި އިރުވެސް އެމީހެއްގެ ޚަބަރެއްނުވާތީ އަލްސާ ހުރީ ކަންބޮޑުވެފައެވެ. މެސެޖެއް ކޮށްލަން ފޯނު ނެގިތަނާ ދޮރާށި ކާރީ ހުރިކަމަށްބުނެ ރަހްމަތްތެރިޔާގެ މެސެޖެއް އައެވެ. އަލްސާ ދުއްވައިގަތީ ދޮރާށި ހުޅުވުމަށެވެ. ގެއިން ނުކުންނަން އެޅި ފަޔާއެކު އަލްސާ ގަނޑުވިއެވެ. ދޮރާށިން އެވަނީ އޭނާ އިންތިޒާރު ކުރިމީހާ ބާއެވެ. އނަގަހުޅުވި ބަސްހުއްޓިފައި އެމީހާއަށް ބަލަހައްޓައިގެން އަލްސާއަށް ހުރެވުނީއެވެ. އަލްސާއަށް ހޭވެރިކަން ވީ އެމީހާގެ ވާހަކަ ދައްކަން ފެށުމުންނެވެ."ގެއަށް ވަންނަން ނުބުނާނަންތަ؟"

ބޭރުން މީހަކު ވާހަކަ ދައްކާއަޑަށް އަމީން ބޭރަށް ނުކުތެވެ. އެވަގުތު ފެނުނު މަންޒަރުން އަމީން ހައިރާނެއް ނުވިއެވެ. " އަލީ އާދޭ. އަލްސާ އެހެރީ އަލީ އަންނަންވާއިރަށް ވަރަށް ތައްޔާރުވެގެން. ވަރަށް މީރު ކާއެއްޗެތިވެސް އެހެރީ ތައްޔާރުކޮށްފަ. ދޯ ދަރިފުޅާ" އަމީން އަލްސާގެ މޫނަށް ބަލަމުން ވާހަކަ ދެއްކިއެވެ.

"ބައްޕާ. މީ ކޮން ކަމެއް؟ އަލީ. މީ.." އަލްސާގެ ޖުމްލަ ފުރިހަމަ ކޮށްދިނީ އަލީ އެވެ. "އާ. މީ ތި އިންތިޒާރު ކުރި މީހާ. މިހުރިހާ ދުވަހު އަލްގެ ހާލު ބެލި މީހާ" އަލީ އައިސް އަލްސާގެ އަތުގައި ހިފާލިއެވެ. " އަހަންނަން މާފެއް ނުކުރާނަންތަ؟ އަހަރެން ދެކެ އަލްސާ ލޯތްބެއް ނުވޭތަ؟" އަލީ އަލްސާގެ މޫނަށް ބަލަމުން ވާހަކަ ދައްކަން ފެށިއެވެ. އަލްސާއަށް ކެތެއް ނުކުރެވުނެވެ. އަލީގެ އަތް ފޮޅުވާލުމަށްފަހު ރޮމުން ގޭތެރެއަށް ދުއްވައިގަތެވެ. "އެންމެން އަހަރެންނަށް އޮޅުވާލީ" އަލީ ފަހަތުން ގޮސް އަލްސާގެ ގައިގައި ބައްދައިގަތެވެ. " އަހަންނަން މާފްކުރޭ. އަލްސާއާ ދުރުގައި ހުރުމަކީ ކިހާ އުދަގޫ ކަމެއް ކަން އެނގުނީ އެގޮތަށް އުޅެން ޖެހުނީމަ. އެހެންނަމަވެސް މިހުރިހާ ކަމެއް ކުރަން ޖެހުނީ އަލްސާއަށް ރަގަޅަކަށް. އަލްސާގެ ބައްޕަގެ އެދުމުގެވެސް މަތިން. އަހަރެން މިގޮތަށް ކަންކަން ނުކުރިނަމަ އަދިވެސް އަލްސާއަށް ގޭތެރޭގަ ކުރަން ޖެހޭ އެއްކަމެއްވެސް ކުރަން ނޭގެނޭނެ. އަލްސާ މަންމައާވެސް ވާހަކަ ދެއްކުމަށްފަހު މިގޮތަށް ކަންތައްކުރީ. އަލްސާ ދެރަ ކުރުވުނީތީ މާފަށް އެދެން".

އަލީ ވާހަކަ ދެއްކީ ވަރަށް ދެރަވެފަ ހުރެގެންނެވެ. އެއިރުވެސް އަލްސާ ރޮމުން ދެއެވެ. "އަލް އަށް ޝައްކެއްވެސް ނުވޭދޯ އެހާ މެސެޖް ކުރިއިރުވެސް" އަލްސާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން އަލީ ސުވާލު ކުރިއެވެ. އަލްސާގެ ކަރުނުން ފުރިފައިވާ ލޯ ފެނުނުމުން އަލީގެ ހިތަށް ބަޔާން ކުރަން ދަތި ތަދެއް އިހްސާސްވިއެވެ. އެވަގުތު އެދެމަފިރިންނަށް ވަގުތު ދިނުމުގެ ގޮތުން އަމީން އެއްފަރާތަކަށް ޖެހިލިއެވެ. އަލީ އަލްސާ ގޮވައިގެންވަނީ ކޮޓަރިއަށެވެ. " އަދިވެސް މާފް ކޮށްފީމޭ ނުބުނަމެއްނު" އަލީ ލޯތްބާއެކު އަލްސާއާ ލޯބި ކޮށްލިއެވެ. މާފްކޮށްފީމޭ ބުނުމުގެ ގޮތުން އަލްސާ އަލީގެ ގައިގައި ބައްދާލީ ދުވަހަކުވެސް ވަކިނުވާން އެދޭވަރުންނެވެ.

ކޮމެންޓް 0