2

އެއްވެފައިވާ މީހުންގެ ތެރެއަށް ސަމީރުގެ ނަޒަރު ހިންގާލިއެވެ. އޭނާގެ ހަނދާނަށް އައީ މީގެ އެތަކެއް ދުވަސްތަކެއްގެ ކުރީގެ ހަނދާނެކެވެ. މިނިވަން 25 އެއްގެ އުފާ މިފަސްގަނޑުގައިކުރަމުންދިޔަ ހަނދާންތަކެވެ. އެ އުފަލުގައި މިތާ ފާހަގަކުރި ބޮޑު މުނާސަބާއެވެ. މިއަދު މިއޮތްގޮތަށް އެދުވަހުވެސް މި މައިދާނަށް މީހުން ޖަމާވެފައި އޮތްގޮތެވެ.މުޅިންވެސް މިނިވަން 25 ގެ ކެޕްސޫލު ވަޅުމުގެ ތާރީޚީ ރަސްމިއްޔާތު ދެކިލުމަށް އައިސްތިބި މީހުންނެވެ.

އެދުވަހު އޭނާ މިތަނުގައި ހުއްޓިލައިގެން ހުރީ ސްކޫލުގެ އެންމެ އިސްވެރިއެއްގެ ޙައިޝިއްޔަތުންނެވެ. އެހެނަސް މިއަދު އޭނާ އައިސް އެހުރީ ދުވަހުގެ ޝަރަފުވެރިއެއްގެ ހައިޝިއްޔަތުންނެވެ. އޭނާގެ ވަށައިގެންވަނީ އުފާވެރިކަމެވެ. މުޅި ތަން ފެންނަނީ މިނިވަން 50 ގެ ކުލަތަކާއެކުވަރަށް އުޖާލާކޮށެވެ.މިނިވަންކަމުގެ އުފާ ނުކުރާ އެކަކުވެސްނެތެވެ. ވަޠަނީ ރޫޙެއްގައި އެ ޝުޢޫރާއި އެ އިޙުސާސްގެ ވިންދު ނުޖަހާ އެންމެ ހިތެއްވެސްނެތެވެ.

ކިތަންމެ ހިތްހަމަޖެހިފައި ހުއްޓަސް ނޭނގޭ ބިރުވެރިކަމެއްގެ ކުއްލިއަކަށް ސަމީރަށް އިޙުސާސް ކުރެވެން ފެށިއެވެ. އޭނާގެ ހިތް ތެޅެން ފެށިއެވެ. މިވަނީ ކީއްކަން ޚުދު އޭނާއަށްވެސް ނޭނގޭ ކަހަލައެވެ. އެއްވެފައިވާ މީހުންގެ ތެރެއަށް ދެވަނަ ފަހަރަށް އޭނާގެ ނަޒަރު ހިންގާލިއެވެ. އޭނަޔާ އެންމެ ކައިރީގައި ތިބި މީހުންނަށެވެ. ދެލޮލަށް ވެރިވެގަތީ ފަސް މަގުގެ ހަނދާނެކެވެ.

ކައިރީގައި ތިބި ޢުމުރުން ދުވަސްވީ މީހުންގެ ތެރެއިން ޒުވާން އަންހެން ކުއްޖާ ފެނުމުން އޭނާގެ ޙަޤީޤީ މާޒީގައި ޖެހިފައިވާ ގޮށްތައް މުހެން ފަށައިފިއެވެ. އެއީ އެދުވަހުވެސް އޭނާ ދުށް މޫނެކެވެ. ނަމަވެސް މިއަދު ފެންނަމުންދަނީ ތަފާތު ސޫރައެއްގައެވެ. ހުދު ސުނޯކޮޅެއްފަދަ ސާފު ޔުނީފޯމުގައި އެދުވަހު ފެނުނު ކުއްޖާ ފެންނަމުން ދިޔައީ ޒުވާން ކަމުގައި ފަރިވެ ފޮޅިފައިވާތަނެވެ.

އަންހެންކުއްޖާގެ އަތުގައި ހިފަހައްޓާލައިގެންހުރި ތުއްތުތުއްތު ކުއްޖާގެ ޙަރަކާތްތަކުން އެއީ އޭނާގެ ދަރިފުޅުކަން ދެނެގަންނާކަށް ސަމީރަކަށް މާއުނދަގުލެއް ނުވިއެވެ. ފަސްމަގުގެ ދުރުމީން އެތައް މަންޒަރުތަކެއް ދެކެމުން ދަނިކޮށް އޭނާއަށް ހިމޭންކަން ގެނެސްދިނީ ކޮންނަ ސާމާނުތައް ހިފައިގެން އައި އަށެއްކަ މީހުން ފެނިފައެވެ. އިންތިޒާރީގެ ގަޑި ނިމުމަކަށް އައީއެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ގެއްލިގެން ދިޔައެވެ. މީހުންތައް ހަލަބޮލިވިއެވެ. ކޮންނަމުންދާ ވަޅުގަނޑާ ކައިރިއަށް ޖެހެން ފެށިއެވެ. ސަމީރަށް ހުރެވުނީ އެމަންޒަރު ދެކޭން ވަރަށް ކައިރީގައެވެ.

މަސައްކަތުގައި ޙަރަކާތްތެރިވަމުންދިޔަ މީހުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޮންކްރީޓް ކޮށްފައިވާ ސިމެންތި އޮނިގަނޑު ފުޑުފުޑުކޮށްލިއެވެ. އަދި އޭގައިވާ އެއްޗެއް ފަރުވާތެރިކަމާއެކު ނެގުމަށްފަހު ކައިރީގައި ހުރި ފޮތި އަޅާ ޒީނަތްތެރިކޮށްފައިވާ މޭޒުމަތީގައި ބާއްވާލިއެވެ. އެވަގުތު އެ ރީތި ކެޕްސޫލަށް އެންމެންގެ ނަޒަރު ހުއްޓުނެވެ. ބޭރުފުށުން އެއަކަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަކަށް ނުފެނެއެވެ. ހަމަ އެރީތި ކަމުގައި ރަތާއި ފެހީގެ ދެބުރި ދެކުލައިގެ ބޭސް ގުޅައެއްގެ ސިފައިގައި އޮތެވެ.

ރަސްމިއްޔާތުގެ ކަމާކެމި ހަމަޖެހިފައިވާގޮތުން ދެން އޮތީ ކެޕްސޫލް ކަނޑާލުމުގެ ވަގުތުކޮޅެވެ. މި ޝަރަފު ލިބިގެންވާ ފަރާތަކީ ކެޕްސޫލް ވަޅުލި ދުވަހު އެ ހިފަހައްޓާލުމުގެ ޝަރަފު ހޯދި ސްކޫލުގެ އޭރުގެ އެންމެ ހަގު ދަރިވަރެވެ. ގުރޭޑު 1 ގައި އޭރު ކިޔަވަމުންދިޔަ ޢުމުރުން އެންމެ ހަގު ކުއްޖާއެވެ.

ޒުލާގެ ނަން އިޢުލާން ކުރުމާއެކު އޭނަޔާ އެންމެ ކައިރީގައި ހުރި ތުއްތު ތުއްތު މައުޞޫމު ކުއްޖާ އަތުގައި ހިފަހައްޓާލައިގެން ހިނގާފައިގޮސް ކެޕްސޫލް ބާއްވާލާފައިވާ މޭޒުގެ ކުރިމައްޗަށްވާގޮތަށް ހުއްޓުނެވެ. ހަމައެއާއެކު ތުއްތު ކުއްޖާ އުފުލާލާފައި ކެޕްސޫލް އޮނިގަނޑުގެ ތެރެއިން އެންމެ މައްޗަށް އޮތް ކަރުދާސްކޮޅު ނެގުމަށް އެކުޑަ ނާޒުކު އަތްތިލަ މަޑުމަޑުން އޭގެ ތެރެއަށް ކޮށްޕާލިއެވެ. ތުއްތު ކުއްޖާ ނެގި ކަރުދާސްކޮޅު އެންމެ ކައިރީގައި ހުރި ކާކުކަން ނޭނގޭ މީހާގެ އަތަށް ޒުލާ ދިއްކޮށްލިއެވެ. އެވަގުތު ފަސްމަގުގެ ދުރުމީން އެތައް މަންޒަރުތަކެއް އެއްފަހަރާ ދައްކާލިހެން ސަމީރަށް ހީވިއެވެ. ތުރުތުރު އަޅާ އަތަކުން އެ ކަރުދާސްކޮޅު ނިއުޅާލުމަށްފަހު އޭނާގެ ލޮލާ ކައިރިކޮށްލިއެވެ. ލޮލުގެ ފުސްކަން އެކިޔުމަށް އޭނާއަށްހުރަހަކަށްވި ކަހަލައެވެ. އަވަސް ޙަރަކާތަކާއެކު ޖީބުގައިވާ ނަންބަރު އައިނު ނަގާ ލޮލުގައި އަޅާލިއެވެ.

ސިޓީގެ ދެލިގަނޑަށް ބަލާލުމާއެކު ސަމީރު ތުރުތުރު އަޅައިގެން ދިޔައެވެ. މިއީ ޒުލްފާގެ ފަރާތުން އޭނާއަށް ދީފައިވާ އިންޒާރެކެވެ. މިނޫނަސް މިޒާތުގެ ނޫން އެތައް ސިޓީއެއް މީގެކުރިންވެސް އޭނާއަށްވަނީ ލިބިފައެވެ. އެކަމަކު މިކަހަލަ އަޑެއް ނީވޭތާވެސް އެތަކެއް ޒަމާނެއް މިހާރު ފާއިތުވެދިޔައީއެވެ.އެ ހަނދާންތައް އޭނާގެ ހިތުން ފުހެލިތާވެސް މިއީ ކޮން ދުވަހެއް ހެއްޔެވެ؟ ނަމަވެސް ތާރީޚު އަލުން އެ އިޢާދަވީއެވެ.

ސަމީރުގެ މުޅި ހަށިގަނޑުން ނޭނގޭ ދަލެއް ހިއްލަން ފެށިއެވެ. މުޅި މީހާ ތެމެމުންދާކަމުގެ އިޙުސާސް އޭނާއަށް ކުރެވެން ފެށިއެވެ. އަތުގައިވާ ސިޓީއާމެދުއޭނާއަށް ޚިޔާލު ކުރެވެން ފެށިއެވެ. ސިޓީގެ ދެލިގަނޑަށް ބެލިބެލިހެން އޭނާއަށް ހީވަމުން ދިޔައީ ޒުލްފާ އޭނާގެ ކުރިމަތީގައި ހުރެގެން އޭނާއަށް މަލާމާތްކޮށްފައި ބުނާ ހެންނެވެ.

"ސަމީރު! ސަމީރު! ކަލޭ ހީކުރީ އަހަންނަށް ބޭވަފާތެރިވެފައި އުފަލުގައި ހުރެވިދާނެ ކަމަށްތަ؟........ވިސްނާލަބަލަ! ކަލޭ އަހަންނާ ވަކިވުމުންއަހަރެންގެ މުޅި ދިރިއުޅުމަށް ކޮށްފައިވާ އަސަރު..... ކަލޭ މިހާރު އުފަލުގައި ހުއްޓަސް މީގެ 25 އަހަރު ފަހުން،މިފަދަ މިނިވަން50 އެއްގައި މިކަން ކަލެއަށް ނުފިލާވަރުގެ ބައްޔަކަށްވުމަކީ އެކަށީގެންވާ ކަމެއް. އަހަރެންނަށް ދުނިޔޭގައި ހުރުމުގެ ނަޞީބެއް ނުލިބުނަސް އަހަރެންގެ ހަނދާންތައް ކަލޭ ވަށައިގެން އެދުވަހަކުން އެނބުރޭނެ. އެކަމަކު އޭނާއަކަށް އެކައްޗެއްވެސް ނޭނގޭނެ...... މިދައްކާ އެއްވެސް ވާހަކައެއް ކުޑަކޮށްވެސް ނޭނގޭނެ..... ކަލެޔަކީ ކާކުކަން އެނގިއްޖެއްޔާ އޭނާ ކަލޭ ބަލައިގަންނާނީ ކޮން ސިފައެއްގައިކަމެއް ބުނެދޭކަށް ނޭނގޭ...... އޭނާ މިއަދު ތަފާތު ސިފައެއްގައި ފެނުމަކީ އެކަށީގެންވާ ކަމެއް..... އަދި ކާފަ ދަރިއެއް ދުށުމުގެ ނަޞީބު ލިބުމަކީވެސް އެކަށީގެންވާ ކަމެއް........

ސަމީރު! މިހުރިހާ މަންޒަރެއް ވަގުތުން ފެނިގެންދާއިރު ކަލޭ ހުންނާނީ ވަރަށް ހާސްވުމުގެ ތެރޭގަ. ސަބަބަކީ މިކަންވާނީ ކަލެއަށް ވަރަށް ބޮޑު ޢަޖައިބަކަށް!.......... ޢަޖައިބުން ޢަޖައިބަކަށް!....... ތަޤުދީރު ކަލެޔާ ކުޅެލި ކުޅިގަނޑަކަށް..........."

މަތިމަތިން ކިޔަމުންދިޔަ ޒުލްފާގެ ސިޓީގެ ތަންތަންކޮޅުން ސަމީރުގެ ސިކުނޑި ގަނޑުކޮށްލި ކަހަލައެވެ. ތެދެކެވެ. މިއަދަކީ އެދުވަހެވެ. އެސިޓީއަށް ބަރާބަރު 25 އަހަރު ފުރުނު ދުވަހެވެ. އޭނާގެ ހިތް ބުނެދިންގޮތަށް ހުރިހާ ކަމެއްވެސް މިވަނީ ކުރިމަތިވެފައެވެ.

އަންހެންކުއްޖާ ކުރިން ފެނުނު ދިމާއަށް ސަމީރުގެ ނަޒަރު ހިންގާލިއެވެ. އޭނާގެ ދުރުމީއަކަށް މިފަހަރަކު އެ ތަޞްވީރެއް ނޭރިއެވެ. އެ ތުއްތު މައުޞޫމު މޫނެއްވެސް ނުފެނުނެވެ. އެއްވެފައިވާ މީހުންތަކަށް ވަށައިގެން ސަމީރުގެ ކަޅި ހިންގާލިއެވެ. އެއްވެސް ދިމާއަކުން އޭނާގެ ނަޒަރު ސީދާވާގޮތެއް ނުވިއެވެ. ސަމީރު މާޔޫސްވިއެވެ. ފެންނަމުންދާ މަންޒަރުތައް މަޑުމަޑުން ފުސްވަމުންދާހެން އޭނާއަށް ހީވިއެވެ.

ފާރުގައިވާ ގަޑިން ޖަހަންފެށި ބާރު މިޔުޒިކާއެކު ސިއްސައިގެންގޮސް ސަމީރުގެ ބަރު ދެލޯ ހުޅުވުނެވެ. ގަޑިން މެންދަމުން އަލިވެ 12 ޖެހިކަން އިޢުލާން ކުރީއެވެ. އައު ދުވަހަކަށް ގަޑީގެ ކަށި ދަތުރު ފެށީއެވެ. އޭނާއަށް ޚިޔާލު ކުރެވެން ފެށީ ފެނުނު ހުވަފެނާ މެދުގައެވެ. އެއާއެކު އެއްވެސް އިޚުތިޔާރަކާ ނުލާއޭނާއަށް ބުނެލެވުނެވެ.

"ޒުލްއެވެ! އާނއެކެވެ. މާދަމާ އިތުރު 25 އެއް ފުރެނީއެވެ. މިނިވަން 50 އަކަށެވެ. ކަލާގެ ލިޔުން އަހަންނަށް ލިބިއްޖެއެވެ. ދަރިފުޅާއި ކާފަ ދަރިފުޅުވެސް ފެނިއްޖެއެވެ. ވަރަށް ލޯތްބެވެ. އެކަމަކު އަދި ހުވަފެނެއްގައެވެ. އަހަރެން މިހުރީ އެދަރީންނާ އެއްފަސްގަނޑެއްގައެވެ. އިންތިޒާރު ކުރެވެމުން މިދަނީ މާދަމާއަށެވެ.އަދި މިރޭ އައު ދުވަހަކަށް އަލިވިލުމާ ދެމެދު ހަތަރު ފަސް ގަޑިއިރެއް އެބައޮތެވެ.

___________________________________________________________________________

މުޅިން އައު ދުވަހެކެވެ. ހަމަ އެމަންޒަރެވެ. ކެޕްސޫލް ކަނޑާލުމުގެ ރަސްމިއްޔާތަށް ޙާޟިރުވެ ހުރިއިރުވެސް ސަމީރަށް ޚިޔާލު ކުރެވުނީ ރޭގައި ފެނުނު ހުވަފެނާ މެދުގައެވެ.މިތާ ދައުރުވަމުން މިދާ މަންޒަރާ އެއްވެސް ތަފާތެއް ނެތެވެ. ހަމަ އެކުލަތަކެވެ.

ކެޕްސޫލުގެ ތެރެއިން ނެގި ލިޔުންތައް އޭގެ ޙައްގުވެރިންނަށް ބަހަމުން ދަނީއެވެ. ސަމީރު އިނީ ދުވަހުގެ ޝަރަފުވެރިޔާގެ ގޮނޑީގައި މި މަންޒަރަށް ބަލަހައްޓައިގެންނެވެ. ކޮންމެވެސް ލިޔުމެއް އޭނާގެ އަތަށްވެސް އަރާނެކަމުގެ ފޮނި އުއްމީދުގައެވެ. މިޚިޔާލުގައި އިންދާކޮންމެވެސް ޒުވާން އަންހެން ކުއްޖަކު އައިސް އޭނާގެ އަތަށް ދިއްކޮށްލީ ބޭރު ކަޅު ކުލައިގެ ސިޓީ އުރައެކެވެ. ސަމީރަށް ހީވީ ރޭގެ މަންޒަރު ކުރިމަތިން ސިފަވިހެންނެވެ. އޭނާ ހިނިތުންވުމަކާއެކު އެ ސިޓީއުރަ ބަލައިގަތެވެ.

ސަމީރު ހިތް އަވަސްވަމުން ދިޔައީ އޭގައިވާ އެއްޗެއް ކިޔާލުމަށެވެ. ކިތަންމެ ހިތް އެދެމުން ދިޔަސް އޭނާ އެކިޔުމަށް ކެތްތެރިވިއެވެ. އޭނާ ކޮޓަރިއަށްގޮސް ކަރުން ޓައީ ދޫކޮށްލުމަށްފަހު އެސިޓީ އުރަ ކަނޑާލިއެވެ. ހިމަ ކުދި އަކުރުތަކަކުން ލިޔެފައިވާ ސިޓީއެކެވެ. ކިތަންމެ ޒަމާންކޮށްފައި ލިބުނަސް އެލިޔުމެއް އޭނާއަކަށް ނޯޅޭނެއެވެ.އޭގެ ފުރަތަމަ ޞަފުޙާއަށް އޭނާގެ ކަޅި ހިންގާލިއެވެ. ހުވަފެނުގައި އޭނާއަށް ފެނުނު ސިޓީގެ ޢިބާރާތްތަކާއި މިސިޓީއާ ތަފާތެއްނެތެވެ. ހަމައެކަނި މުޚާޠަބު ކުރުމުގައި ގެންގުޅެފައިވާ ގޮތް ފިޔަވައެވެ. ސިޓީ ފައްޓާފައިވަނީ އަސަރުގަދަ ޅެންބައިތަކުންނެވެ.

_______________________________________________________________________________

"ނެތް ކަމެއް ތަޤުދީރުގައި ވާކަށް ނުވެސް އޮންނާނެޔޭ

އެއްކަމެއްވެސް ނުހިނގައޭ ތަދުބީރު ކުރެހި ޕްލޭނަކުން"

ސަމީރުއެވެ! އަހަރެން މިބުނީ އަހަރެންނަށް ލިބެން ނެތް މީހެއްގެ މައްޗަށް ހިތް ދޫކޮށްލެވުނު ވާހަކައެވެ. އަހަރެން ކަލާޔާ ރައްޓެހިވީ މިފަދަ ދުވަހެއް ދެކޭކަށްނޫނެވެ. އަހަރެން މިވަނީ ދުނިޔެ ދެކެ ފޫހިވެފައެވެ. ކަލާ އަހަންނަށް ބޭވަފާތެރިވެދާނެ ކަމަކަށް އަހަރެން ހީވެސް ނުކުރަމެވެ. އެކަމަކު ތަޤުދީރުއެހުރިހާ ކަމެއް މިއަދު އަހަންނަށް ކުރިމަތި ކުރުވައިފިއެވެ.

އަހަރެން ކަލާޔާ ރައްޓެހިވީ ފަހަރެއްގައިވެސް ކަލާ ތީ އަހަރެންގެ ބޮޑު މީހާއަށް ވާތީއެއްނޫނެވެ. ޕްރިންސިޕަލެއްގެ ގޮތުން އަހަރެން ކަލާއަށް އަދިވެސް އިޙުތިރާމު ކުރަމެވެ. ކަލާގެ ހުށަހެޅުމަށް އަހަރެން ވަރަށް ގިނަ ގޮތްގޮތަށް ވިސްނީމެވެ. ކަލާއަކީ ބީރައްޓެއްސަކަށްވެފައި ފަހުން އަހަންނަށް ލިބިދާނެ ދެރައަކަށްޓަކައެވެ. އެކަމަކު އަހަރެންގެ އެކުވެރިން އަހަންނަށް ވިސްނައިދިނީ އެވިސްނުން ދޫކޮށްލުމަށެވެ. ރަށްވެއްސެއް ބީރައްޓެއްސެއް މިހާރު ޙަޔާތުގެ ބައިވެރިޔަކަށް ގެނައުމުގައި ތަފާތެއް ނެތް ކަމުގައެވެ.

އެކުވެރިންގެ ތާޢީދާއި މައިންބަފައިންގެ ނުޤަބޫލުގައި އަހަރެން ކަލާޔާ ގުޅުމަށް ނިންމީ ކަލާގެ އާދޭސްތަކަށް އޭރު އިޙުތިރާމު ކުރުމުގެ ގޮތުންނެވެ. އާނއެކެވެ. އަހަރެން ކަލާއާ ގުޅުނީ އެވިސްނުން ދޫކޮށްލާފައެވެ. ފަހަތުގައި ހިޔަންޏެއް އުޅެމުން އައި ލޯބިވެރިޔާވެސް ދޫކޮށްލާފައެވެ. އެއްވެސް ސަބަބަކާ ނުލައެވެ. ކަލާގެ ފަރާތުން އެ ތަފާތެއް އޭރު ފެންނަން ނެތީމައެވެ.

އާނއެކެވެ.ލޯބީގެ އުޑުތަކުގެ ދަށަށް ކަލާ އަހަރެން ގެންދިޔައެވެ. ލޯބީގެ މެދު އުޑުން ތަރިތައް ބޭލުވިއެވެ. ލޯބީގެ މާބަގީޗާތަކަށް ވެއްދިއެވެ. އެތަނުގައިވާ ކުލަކުލައިގެ މީރުވަސް ދުވާ މާތައް ބިނދެ ފޮޅުވިއެވެ. ބަސްތީތަކަށް ގޮސް ކަޝްތީވެސްދުއްވިއެވެ.ވަޢުދާއި ހުވާތައް ފަތިފައްޗަށް އަމުނައި މަތިމައްޗަށް އުސްކުރިއެވެ. އަހުދުތައް ވިއެވެ. އެކުގައިވުމަށް ހުވާ ކޮށްފައެވެ.

ކަލާ ތަފާތު ވެއްޖެކަން އަހަންނަށް ވިސްނެން ފެށީ ޗުއްޓީއަކަށް ވަގުތީގޮތުން ފުރައިގެން ދިއުމަށް ފަހުގައެވެ. އެރޭ ކަލާގެ މައްޗަށް އަހަރެންގެ ހިތް ދޫކޮށްލެވުނީ އިޚުތިޔާރުން ބޭރުގައެވެ. އެހެންކަމުން ރަތް ކާޑު ދައްކަން ޖެހުނު ޙާލަތުގައިވެސް އޮވެވުނީ ކާޑު މުށުތެރެއަށްލާ ފޮރުވައިގެންނެވެ. ކަލާދެކެ ވެވިފައިވާ މަސްތީ ލޯތްބެއްގެ އަވާގައެވެ. އަހަންނަށް ވިސްނުނުއިރު ވާނެ ކަމެއްވެ އޮތީނިމިފައެވެ. ކަލާ ހުރީ އެތަކެއް މޭލު ދުރުގައެވެ. އަހަންނަށް ފެނުމެއް ނުވާ ތަނެއްގައެވެ.

ސަމީރުއެވެ! އަހަރެން އިންތިޒާރު ކުރަމުން ދިޔައީ ޗުއްޓީ ނިންމާފައި ކަލާ އެނބުރި އަންނާނެ ވަގުތަކަށެވެ. އެކަމަކު ކަލާއެއް ނައެވެ. އަހަރެން ހާސްވިއެވެ. އެލަދުން ސަލާމަތްވުމަށްހަދާނެގޮތެއް އަހަންނަކަށް ނުވިސްނުނެވެ. ރޮވުން ފިޔަވައި އަހަންނަކަށް ކުރެވުނު އެއްވެސް ކަމެއްނެތެވެ. އަހަރެން އިން ޙާލަތުންއެއްވެސް މީހަކާ ޙިއްޞާ ކޮށްލަންވެސް އަހަންނަށް ނުކެރުނެވެ. ކަމުގެ ބާވަތުންނެވެ.

ރޭ ދުވާތައް ދައުރުވަމުން ދިޔައީ ރުއިމާއި ގިސްލުމުގައެވެ. މިހާސްކަމުގެ ތެރޭގައި އުޅެނިކޮށް އަހަންނަށް ލިބުނީ ކަލާގެ ސިޓީއެކެވެ. އެއަށް ސިޓީއެކޭ ކިޔުމަށްވުރެ އަހަންނަށް ސިފަކުރެވުނީ ކަލާގެ ދެއަތުން އަހަރެންގެ ކަރުގައި ކާތާލުމަށް ފޮނުވި ވިހަގަދަ ޚަންޖަރެއްގެ ގޮތުގައެވެ. އެހެންކަމުން އެޚަންޖަރުން ޒަޚަމުވުމުގެ ކުރިން އެއާ ދުރަށް ދާކަށް ނޭނގުނެވެ. އަހަރެންގެ ދުނިޔެ ކުޑަވިހެން އަހަންނަށް ހީވިއެވެ.

މިހާސްކަމުގެ ތެރޭގައި އުޅެނިކޮށް އަހަރެންގެ ޙަޔާތަށް އެހެން މީހަކު އައެވެ. އެމީހަކަށް އަހަރެން އަބަދުވެސް ނަފުރަތު ކުރާ ކަލާގެ ރައްޓެހި ސޭޓެވެ. ކުއްލިއަކަށް އޭނާޔާ ކައިވެނި ކުރުމުން އެންމެންވެސް ތިބީ ޙައިރާންވެފައެވެ. ރައްޓެހިން ތިބީ ނުރުހުންވެފައެވެ. އެކަމަކު މައިންބަފައިން ތިބީ ހަމަޖެހިފައެވެ. އޭނާގެ މުއްސަނދިކަމުގެ ދަހިވެތިކަމުގައެވެ. ރައްޓެހިން އަހަންނާ އަބަދު ކުރަމުން ދިޔައީ އެސުވާލެވެ. ސަބަބެއް ކަމުގައި އަހަރެން ބުނެލީ ވަރަށް އާދައިގެ ސަބަބެކެވެ. ރީތި މީހުންނާ ޤަދަރުވެރި މީހުންނާވެސް ރައްޓެހި ވެވިއްޖެ ކަމުގައެވެ. އެއިން ކޮންމެ މީހަކުވެސް ކެހި ދީފައި ދަނީއެވެ. މިވަގުތަށް މިއީ އަހަންނަށް އޮތް އެންމެ ރަނގަޅު ގޮތްކަމަށް ބުނެފައެވެ.

ސަމީރުއެވެ! އަހަރެން އޭނަޔާ ކައިވެނި ކުރުމަށް ނިންމީ އެންމެ ސަބަބަކަށްޓަކައެވެ. އޭނާއަށް އެކައްޗެއްވެސް ނޭނގެއެވެ. ކައިވެނީގެ ޙަފުލާގައި ހުރިއިރުވެސް ހަނދާންވަމުން ދިޔައީ ކަލާގެ މަތިންނެވެ. ކުލަކުލައިގެ ވިދާ ބޮކިތަކާއި ވިދުންތަކުން މުޅި ތަން ބަބުޅަމުން ދިޔަކަމުގައިވިޔަސް އަހަރެންގެ އެތެރެހަށީގައި ރޯވަމުން ދިޔައީ ދިލަ އަލިފާނެކެވެ. ކޮންމެވެސް މީހަކަށް ސޭޓް އިންތިޒާރު ކުރާހެން އޭނާގެ އަތުކުރީގައިވާ ގަޑިއަށް އިރުއިރުކޮޅާ ބަލައިލާގޮތުން އަހަންނަށް ހީވަމުން ދިޔައެވެ. ކުއްލިއަކަށް ކަލާ ޕާޓީއަށް އައިސް ވަން ތަން ފެނުމުން އަހަރެންގެ ހަތަރެސް ފައި ފެނަށްވިއެވެ. ފިރިމީހާއާ ސަލާންކޮށްލުމަށްފަހު ސަމާސާއަށް ނަމަވެސް އޭނާ ގާތުގައި ކަލާ ބުނި ޖުމްލައިން އަހަރެންގެ ހިތް ޒަޚަމުނުވީ ކިރިޔާއެވެ.

ސަމީރުއެވެ! އެސިޓީއަކީ ކަލާ ފޮނުވި ސިޓީއެއް ނޫންކަން އަހަންނަށް އެނގުމުން މޮޔަ ނުވީ ކިރިޔާއެވެ. އެއީ އަހަންނަށް އެންމެ ހެޔޮ އެދޭ ބަޔަކު ރޭވުމަކުން ކޮށްފައިވާ ކަމެކެވެ. ކަލާއަށް މިކަމުން ވާނެވަރު އިޙުސާސް ކުރެވެއެވެ. އެހެންނަމަވެސް ދެން ކަލާއާ ކުރިމަތިލާނެ ހިތްވަރެއް އަހަރެންގެ ނެތެވެ. އަހަރެން މިވޭތު ކުރަމުންދަނީ މުޅިން އެހެން މަރުޙަލާއެކެވެ. އެމީހުންނަށް އެކައްޗެއްވެސް ނޭނގެއެވެ.

ސަމީރުއެވެ! ފިރިމީހާއެކު ޙަޔާތުގެ ދުވަސްތައް ހޭދަކުރިކަމުގައިވިޔަސް އަހަންނަށް އެއްވެސް ހިތްހަމަ ޖެހުމެއް ނުލިބުނެވެ.އަހަރެންގެ ހިތުގައި ރިހެމުންދަނީ އެހެން ހިތެއްގެ ރިހުމެކެވެ. ސުކޫލަށް ނިކުންނަނީވެސް ހިތްވަރަށެވެ. ކަލާ ފެންނަ ކޮންމެ ފަހަރަކު ޙަޤީޤަތާ ކުރިމަތިލުމަށް ހިތް ބުނަމުންދިޔައެވެ. އެހެންނަމަވެސް އަހަންނަކަށް އެހިތްވަރެއް ނުލިބުނެވެ. މިގޮތުގައި ކަލަންޑަރުން ދުވަސްތައް ދިޔައީ ކެނޑެމުންނެވެ. މާޒީއާއެކު އެތަކެއް އަހަރުތަކެއް ގެއްލިގެން ހިނގައްޖެއެވެ.

ސަމީރުއެވެ! ފުރުޞަތަކަށް ބަލަބަލާހުރި އަހަރެންނަށް އެ ފުރުޞަތު ލިބިގެން ދިޔައީ މިނިވަން 25 ގައި މުނާސަބާގައި ސުކޫލުގައި ވަޅުލި ކެޕްސޫލުގެ ތެރެއިންނެވެ. ކަލާގެ އަތުގައި މިހާރު ތި އޮތް ލިޔުމަކީ އަހަރެން އެދުވަހު ލިޔުނު ލިޔުމެވެ. ކިތަންމެ ޒަމާނެއްވެފައި ކަލާގެ އަތަށް އެރިޔަސް ތިޔައީ އަހަރެންގެ ޙަޔާތުގެ ކަޅު ޞަފުޙާތަކެވެ. ކަލާގެ ކުރިމަތިން ތި ފެންނަ ސޫރައަކީ ކަލާގެ ޚާލިޞް ލެއެވެ. އެހެން އެއްވެސް މީހެއްގެ ލެއެއް ނޫނެވެ. އެކަން އަހަރެން ސިއްރު ކުރީ ދުނިޔޭގެ ލަދަށެވެ. ސިޓީއެއްގެ ސިފައިގައި މި ލިޔުން މިލިޔެލީ މިދުވަހު މިފަސްގަނޑުގައި މި މައިދާނުން ކަލާއާ ބައްދަލުވާނެކަމުގެ އުއްމީދެއް އޮތީމައެވެ. މި ކެޕްސޫލް ކަނޑާލާ ދުވަހު ޝަރަފުވެރިޔަކަށް ވާނީ ކަލާކަން އެނގޭތީއެވެ. އަހަރެންނަށް ދުނިޔޭގައި ހުރުމުގެ ފުރުޞަތު ނުލިބުނަސް ކަލާއަށް މިނިވަން 50 ގެ ހަދިޔާއެއްގެ ގޮތުގައި މިހަދިޔާ ރައްދު ކުރެވޭނެކަމުގެ ފޮނި އުއްމީދުގައެވެ.

ބަދުނަޞީބު ޒުލްފާ

ޒުލްފާގެ ސިޓީން ސަމީރުގެ ހިތް ރޮއްވާލިއެވެ. އޭނާއަށް އަސަރު ނުކުރާ އެންމެ ގުނަވަނެއްވެސް ނެތެވެ. އޭނާއަށް ބޭއިޚުތިޔާރުގައި ބުނެވުނެވެ. ޒުލްއެވެ. އަހަންނަށް މާފު ކުރާށެވެ. އަހަންނަކަށް އެކައްޗެއްވެސް ނޭނގެއެވެ. މިނިވަން25 ގައި ކަލާ ވަޅުލާ ފޮރުވި ތި ސިއްރު، މިނިވަން 50 ގައި އަގުބޮޑު ހަދިޔާއެއްގެ ގޮތުގައި އަހަރެން ބަލައިގެންފީމެވެ. ކަލާ ދުނިޔޭގައި ނެތަސް އަހަރެން މިހާރު މި ކުރިމަތިލަނީ ޝަރުޢީގޮތުން ދަރިފުޅާ ޙަވާލުވުމަށެވެ. ކަލާގެ ލޯބީގެ ރަމްޒެއްގެ ގޮތުގައެވެ.

ކޮމެންޓް 0