27

ކައިވެންޏެއް ކުރުމުގެ ބޭނުމަކީ އުފާވެރި ރީތި ދިރިއުޅުމެއް އުޅުމެވެ. ސާހިލް އަކީ މޮޅަށް ކިޔވައިގެން ހުރި ޒުވާން ޓީޗަރެކެވެ. ރަމްޝާ ކަހަލަ މަޑުމައިތިރި ކުއްޖަކު ސާހިލްގެ ޙަޔާތަށް އައުމުން މިދުނިޔޭގެ ހުރިހާ އުފަލެއް ލިބުނީ ކަމުގައި ސާހިލްގެ ހިތް ބުނަމުން ދިޔައެވެ. ފޮތެއްގެ ބޭރުގަނޑު ބަލައިގެން ޖަޖް ކުރާ އުޞޫލުން ސާހިލް ދިޔައީ ރަމްޝާ އަށް ޖަޖް ކުރަމުންނެވެ.

" ދެތިން ދުވަހެއް ތެރޭގައި ސާހިލް ގޮވައިގެން މާލެ ދެވޭތޯ ބަލާނަން.. މިހާރު ބާއްވަނީ " ވައި އަޑުން ކަހަލަ ގޮތަކަށް ރަމްޝާ ފޯނުން ވާހަކަ ދެއްކިއެވެ. އާދުވަހަކަށް އަލިވިލުނީއެވެ. އުފާވެރި ކަމާއެކު މޯޅިއަކަށް ދެމިލުމަށްފަހު ސާހިލް ހެނދުނު ތެދުވިއެވެ. ކާމޭޒާއި ހަމައަށް ދެވުނު އިރު ރަމްޝާ ހުރީ ހެނދުނު ސައި ތައްޔާރުކޮށްގެންނެވެ.

"ހިނގާ މާލެ ބަދަލުވަމާ." ޖޯޑަށް ސައި އަޅައިދެމުން ރަމްޝާ ބުނެލިއެވެ.

"އެއީ ކީއްކުރަން. މިރަށް ކިހާ ހިތްގައިމު. އަނެއްކާ މަންމަ އެކަނި ކޮށްލާފަ ކިހިނެއް ދާނީ." މާލެ ދާން ކިތަންމެ ބޭނުންވިއަސް މަންމަ ބަހައްޓާފައި ދެވެން ނެތުމުން ސާހިލްގެ އަބަދުވެސް އުއްމީދަކީ ރަށުގައި ދިރިއުޅުމެވެ. މާލެއަށް ވުރެ ރަށްރަށުގައި އުޅޭ ހިތްވޭބުނި ރަމްޝާގެ ޚިޔާލު ކުއްލިއަކަށް ބަދަލުވީ ކީއްވެ ކަމެއް ނޭނގުނެވެ.

"ބައްޕަ މަތީން މާބޮޑަށް ހަނދާންވަނީ. އަނެއްކާ މާލެއިން ސާހިލް ބޭނުންނަމަ ތިއަށްވުރެ ރަނގަޅު ވަޒީފާއެއް ހޯދިދާނެ. ދުވަސް ކޮޅަކުން މަންމަ ވެސް އެކޮޅަށް ބަދަލު ކުރާނީ. އަހަރެންގެ ގެދޮރު މާލޭގައި އެބަހުރި. ސާހިލް އަށް އެއްވެސް އުނދަގުލެއް ނުވާނެ" ރަމްޝާގެ ވާހަކަ ނުނިމި އުޅެނިކޮށް މަންމަވެސް އަތުވެއްޖެއެވެ.

" ތެދެއް ދަރިފުޅާ. ރަމްޝާ އެބުނަނީ ދަރިފުޅަށް ރަނގަޅަކަށް. ތިކުދީން އުފަލުގައި އުޅޭތަން ދެކެން މަންމަވެސް ވަރަށް ބޭނުން." މަންމަގެ މޫނު މަތިން ނުތަނަވަސްކަން ފެނުނު ނަމަވެސް އެކަން ނުދައްކާ ވޭތޯ ބަލަމުން ވާހަކަ ދެއްކިއެވެ. އެވަގުތު ރަމްޝާއާ މަންމައަށް ޓަކައި ސާހިލް މާލެ ދިއުމަށް އެއްބަސްވިއެވެ.

ސާހިލްމެންނަށް މާލެ ދެވުނީ އިރުއޮއްސި ހަތެއް ޖަހަނިކޮށެވެ. ރަމްޝާގެ ގެއަށް ވަދެވުމާއެކު ހޫނު މަރުޙަބާ އެއް ކިޔުމަށް ރަމްޝާގެ ބައްޕަ ނޫރު ހުއްޓެވެ. ސާހިލްއަށް އިޙްސާސް ކުރެވުނީ ގަނޑުވަރަކަށް ވަދެވުނު ކަމުގެ އިޙްސާސެވެ. އެހާވެސް ރީތި ގެއެކެވެ. އެހާ މުއްސަނދި މީހެއްގެ ދަރިއަކަށް ސާހިލްގެ ރަށުގައި ނޫޅެވޭނެކަން އެވަގުތު ޔަޤީންވިއެވެ. ވެފައި ހުރި ވަރުބަލި ކަމާއެކު އެނދުގައި ޖައްސާލި ސާހިލްއަށް ނިދުނު ގޮތްވެސް ނޭނގުނެވެ.

ރަމްޝާ ސިޓިން ރޫމަށް ނިކުމޭތޯ އިންތިޒާރުގައި އިން ނޫރަށް މާގިނަ ވަގުތު މަޑު ކުރާކަށް ނުޖެހުނެވެ. އެކޮޓަރި ދޮރު ހުޅުވާލި ތަން ފެނުނެވެ.

" ކޮބާ ސާހިލް" ނޫރު އަހާލިއެވެ.

" ދިން ބޭހުގެ އަސަރު ވަރަށް އަވަހަށް ކޮށްފި. މިރޭގެ ޕްރޮގްރާމް އޮތީ ކިހިނެއް؟ " ރަމްޝާ ކުރި ސުވާލު ނުނިމި އުޅެނިކޮށް ގޭގެ ބެލް ޖެހި އަޑު އިވިއްޖެއެވެ.

" ދޮރު ހުޅުވާ. މިރޭ އެއައީ ލާރި ގަނޑެއް. ރަނގަޅު އެއްޗެއް އަތުލާތި." ނޫރު އެހެން ބުނުމުން ރަމްޝާ ހިނިތުން ވެލާފައި ގޮސް ދޮރު ހުޅުވިއެވެ. ކުރިމަތީގައި ހުރީ މުއްސަނދި ރިޔާޒުއެވެ.

ސާހިލްއަށް ހޭލެވުނީ މޫނަށް ހޫނުކަމެއް އިޙްސާސް ވާން ފެށުމުންނެވެ. ލޯހުޅުވާލެވުނުއިރު ކުޑަދޮރުގެ ފޮތިގަނޑު ކަހާލާފައިވާތީ ހެނދުނުގެ އަވި މޫނަށް އެޅެންފެށީއެވެ. އޭރު ރަމްޝާއެއް ނެތެވެ. ހޯދަމުން ދަނިކޮށް ފެނުނީ ބޭރުގައި ހުރި ގަސްތަކަށް ފެންދޭން ހުއްޓައެވެ.

ދުވަހެއް ވޭތުވެ ދިޔަ ގޮތް ވެސް ނޭނގުނެވެ. އަންހެނުންގެ ފޮނި ބަސްތަކާއި ބަފައިބެގެ ހެއްވާލުން ތަކުން ސާހިލް ހުރީ އުފަލުން ފުރިފައެވެ. ރޭގަނޑު ކެއުމަށްފަހު އޮތީ ޓީ.ވީ ބެލުމެވެ. އިރުކޮޅަކުން ސާހިލް ގާތަށް ނިދި އަންނަން ފަށައިފިއެވެ.

" ހިނގާ ކޮޓަރިއަށް." ރަމްޝާ އޯގާތެރި ކަމާއެކު ބުނެލިއެވެ. ސާހިލް ކޮޓަރިއަށް ގޮސް ވަނުމާއެކު ރަމްޝާ އެބައަންނަމޭ ބުނެ ބަދިގެއަށް ވަންއިރު ނޫރު ހުރީ ކިރުތައްޓެއް ހަދާށެވެ.

" ބޭސް ގުޅަ ވައްޓާލިންތަ؟"

"އާން. އެކަން ކުރަން މަ ހަނދާން ހުންނާނެ." ނޫރު ވިހަ ހިނިތުންވުމަކާ އެކު ބުނެލިއެވެ.

" އަވަސް ކުރާތި. މިރޭ އަންނާނެ އެއްކަލަ ބޮޑު ވިޔަފާރި ވެރިޔާ ހާރޫން" ނޫރު އެހެން ބުނުމުން ރަމްޝާ ބޯޖަހާލީ އުފާވެރި ހިނިތުން ވުމަކާއެކުއެވެ.

ސާހިލް އަށް ހޭލެވުމާއެކު ރަމްޝާ ނެތްކަން ފާހަގަ ކުރެވުނެވެ. އޭރުވެސް ހުރީ އޭނާގެ ބޮލަށް ބަރުވެފައެވެ. ގަޑި ބަލާލިއިރު ފަތިހު ފަހެއް ޖަހަނީއެވެ.

" ރަމްޝާ މިހާ ފަތިހާ ދިޔައީ ކޮންތާކަށްބާ؟" ސާހިލް އެނދުން ތެދުވުމާއެކު ސިޓިން ރޫމާއި ބަދިގެ އާއި ބަފައިބެގެ ކޮޓަރި ބެލިއެވެ. އެއްވެސްތާކުން ރަމްޝާ ނުފެނުމުން ސިޓިން ރޫމް ކުޑަދޮރުން ބޭރު ބަލާލލިއެވެ. ގަސްތައް ކައިރީވެސް ރަމްޝާއެއް ނެތެވެ. ދެންހުރި ކޮޓަރިތަކުން ކޮޓަރިއެއްގެ ދޮރު ހުޅުވާ ލުމާއެކު ސާހިލްގެ ދެލޯ ބޮޑުވިއެވެ. އެނދުމަތީގައި ރަމްޝާ އެއޮތީ ހިލޭ ފިރިހެނެއްގެ އަތު ތެރޭގައި އަރާމުކޮށް ނިދާފައެވެ.

" ރަމްޝާ" ރުޅިވެރިކަމާއެކު ގޮވާލެވުނީ ތަންކޮޅެއް ބާރަށެވެ. އެއަޑަށް ރަމްޝާ އާ ހާރުން ހޭލީ އެކުއެކީގައެވެ. ބަލާކަށް ނުހުރެ ސާހިލް ގޮސް ހާރޫން ގެ ކޯތާފަތް މަތީ ޖަހައިފިއެވެ. ރަމްޝާ އައިސް ސާހިލް ކޮއްޕާލިއެވެ. އެވަގުތު އަވަސް އަވަހަށް ހާރޫން ނުކުމެގެން ހިނގައްޖެއެވެ.

" ކަލެއަކަށް ނުޖެހޭނެ ފެންނަހާ މީހުންގެ ގަޔަށް ބޮލަށް އަރާކަށް " ރުޅިއާއި ނަފްރަތު އެކުލެވިގެން ވާ ގޮތަކަށް ސާހިލް އާ ދިމާއަށް ބަލާލަމުން ރަމްޝާ ބުންޏެވެ.

" ކިހިނެއްވީތަ؟" ނޫރު އައިސް އެކޮޓަރިއަށް ވަންނަމުން އެހިއެވެ. ދެންމެ ހިނގާ ދިޔަ ކަންތައް ސާހިލް ބަފައިބެއަށް ކިޔައިދިނެވެ " ބައްޕާ.. ކީއްވެ ރަމްޝާ އެހެން އުޅެންވީ؟ " ސާހިލް ވަރަށް ދެރަވެފައި ހުރެ ބުންޏެވެ.

އެވަގުތު އެތާ ހުރި ގޮނޑިއެއްގައި ސާހިލް އިށީނުމަށް ބަފައިބެ އެދުނެވެ. ސާހިލް އިނީ ބޮލުގައި ހިފަހައްޓައިގެން ވިސްނުމަކަށް ގެއްލިފައެވެ. ހިނގާދިޔަ ކަންތަކާމެދު ވިސްނަން ފެށުމުން ބޮލުގައިވެސް ރިއްސާތީ އާ އެކުއެވެ. ބަފައިބެއާ އާއި ރަމްޝާ ވެގެން ސާހިލް ދެއަތް ބަނދެލީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

" މީ އަހަރެންގެ ބައްޕައެއް ނޫން. އަހަރެންގެ ވިޔަފާރި ޕާޓްނަރ" ސާހިލް ދިމާއަށް ބަލާލާފައި ބަފައިބެ ދައްކަމުން ރަމްޝާ ރުޅިވެރި ކަމާއެކު ބުނެލިއެވެ. އެވަގުތު އެއިވުނީ ތެދެއްބާއޭ ސާހިލްގެ ހިތަށް އެރިއެވެ. އަޑުއަހަން އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

"އަހަރެމެން ކުރާ ވިޔަފާރި ފެނިއްޖެއެއްނުން. މިއީ ނުލާހިކު ފައިދާވާ ވިޔަފާރިއެއް. ސާހިލް! ކަލެއާކުރި ކައިވެންޏަކީ ވެސް މަކަރެއް. ބޭނުމަކީ މި ވިޔަފާރި އަށް ބޮޅެއް އިތުރުކުރުން." ރަމްޝާގެ ވިހަ ބަސްތަކުން ސާހިލްގެ ހިތް ތޮރުފަމުން ދިޔައެވެ. ހަމައެވަގުތު ނޫރު އައިސް ސާހިލްގެ އަނގަމަތީ ޓޭޕް ގަނޑެއް ތަތް ކުރުމަށްފަހު ދެމީހުން ހެމުން ހެމުން އެކޮޓަރިން ނިކުމެއްޖެއެވެ.

ރޭގަނޑުގެ ވަގުތެވެ. ލޯގަނޑުގެ ކުރިމަތީ ހުރެ ރަމްޝާ ދިޔައީ ތައްޔާރުވަމުންނެވެ. މިރޭގެ ބޮޑު މިޝަން ކާމިޔާބު ކުރާނެ ގޮތާއިމެދު ހިތުގައި މޮލޫ ރޭވުންތައް ރާވަމުން ދިޔައިރު އެއްމިޔަކަނުން ހީލައެވެ. އެންމެ ފަހުފަހަރަށް ލޯގަނޑު ބަލާލުމަށްފަހު ކޮޓަރީގެ ކަނެއްގައި ހުރި ފޮޓޯފްރޭމް ނެގިއެވެ. ފްރޭމް ނެގިތަނުގައި ހުރި އަލަމާރީގެ ތަޅު ހުޅުވާފައި ވަތްގަނޑެއް ދަމާލިއެވެ. އޭގެން ދެތިން ކަރުދާސް ގަނޑު ނެގުމަށްފަހު ތުންފަތުގައި ޖައްސާލާފައި އަނެއްކާ ވެސް އޮތްތަނުގައި ބޭއްވުމަށްފަހު އަލަމާރި ދޮރު ލައްޕާ ތަޅުލިއެވެ. ކޮޓަރީން ބޭރަށް ނިކުންނަން ދަނިކޮށް ފޯން ރިންގުވާން އަޑަށް ފަސް އެނބުރި ބަލައިލައިފިއެވެ.

" ވަރެއްގެ ދައިތަ ގަނޑެއް. ދުވާލަކު ދިހަ ބާރަ ފަހަރު ގުޅާނެ." ފޯނު ކަނޑާލަމުން ރަމްޝާ ދަތްކުނޑި ވިކައިގަތެވެ. އެއަށްފަހު ފޯން އެނދުމައްޗަށް އެއްލާލާފައި ބޭރަށް ނިކުތެވެ.

" ކޮބާ ސާހިލްގެ ޚަބަރެއް ވެއްޖެތަ؟ ސީމާގެ އަވަށްޓެރިއެއް ކަމަށްވާ ހާމިދާ އެގެއަށް އައިސް އެހިއެވެ.

" ފޯނެއް ނުނަގާ. ގުޅާއިރަށް ގިނަ ފަހަރު ކަނޑާލަނީ. މިހާރު އޮތީ އެފޯން އޮފް ކޮށްލާފަ. އަހަރެން ހިތް ބުނަނީ މަގޭ ދަރިއަށް ކޮންމެވެސް ކަމެއް ވެއްޖެއޭ." މާޔޫސް ކަމާއެކު ސީމާ ބުނަމުން ދިޔައެވެ.

" މަ ދީފާނަން ރަނގަޅު ޚިޔާލެއް. އަވަހަށް ފުރާ އެއްޗަކުން މާލެ ގޮސް ސާހިލްއާ ބައްދަލު ކުރޭ. އެހެން ނޫނީ ކަމަކު ނުދާނެ. " ހާލިދާ ދެއްކި ވާހަކައަށް ސީމާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.

ކާނެ އެއްޗެއް، ބޯނެ ފެންފޮދެއްވެސް ނުދީ އެއްދުވަސް ވޭތުވެ ދިޔަ ފަހުން ނޫރު އައިސް ސާހިލް އިން ކޮޓަރި ދޮރު ހުޅުވާލިއެވެ.

" މިހިރީ ކާއެއްޗެހި." ނޫރުގެ އަޑު އިވުމާއެކު ސާހިލް އޭނަ އާ ދިމާއަށް ބަލައިލީ ނަފްރަތު އެކުލެވިގެންވާ ބެލުމަކުންނެވެ. އެހެންނަމަވެސް އަނގައިން އެއްޗެއް ނުބުނެ މަޑުން އިނީ ކުރާނެ ކަމެއް ނެތިގެންނެވެ. އަނގަމަތީ ގައިވާ ޓޭޕްގަނޑު ނައްޓާލާފައި ނޫރު އުޅުނީ ސާހިލްއަށް ކާންދޭށެވެ. އެހެން ނަމަވެސް އެވަގުތު ކިތަންމެ ބަނޑުހައިވެފައި ވިއަސް ސާހިލް ކާން ބޭނުންނުވާކަށް ދެއްކިއެވެ.

" އަހަރެމެންދޭ އެއްޗެހި ކައިގެން ހުރީމަ ފައިދާ ވާނީ ކަލެއަށް. އެހެންނޫނީ ތިހެން އޮވެ ބަނޑަށް މަރުވާނީ." ނޫރު ދެއްކި ވާހަކަ އަށް އަޅާލުމެއްނެތި ސާހިލް އެދުނީ ފެންފޮދަކަށެވެ.

ފެންފުޅިއެއް ހިފައިގެން އައި ނޫރު ސާހިލް ކުރިމަތީ ހުރެ އެފެން ފުޅި އޮއްސަމުން ދިޔައެވެ. ސާހިލް އަނގަ އެތައް ފަހަރަކު ދިއްކުރިއިރުވެސް ފެންފޮދެއް ބޮވޭގޮތެއް ނުވިއެވެ. އެވަގުތު ލޮލުން ކަރުނަ އައިސް ރޮވެން ފެށިއެވެ. ނޫރު ކޮޓަރިން ނިކުމެގެން ދިއުމާއެކު ސާހިލް ވެއްޓިގަނެގެން ޓައިލްސްގައި ދޫ ކާއްތާމުން ދިޔައީ ކަރުހިއްކުން ފިލުވުމަށެވެ. އެވަގުތު ސާހިލްގެ ހިތް ބުނަމުން ދިޔައީ އެގެއިން އަވަހަށް ފިލާ ރައްކާވުމަށެވެ. އަދި މިއީ ބަލިކަށިވާންވީ ވަގުތެއް ވެސް ނޫންކަމެވެ.

ފުރަން ގެއިން ނިކުތީއްސުރެ ސީމާ ހުންނަނީ ހާސްވެފައެވެ. ކުށްހީތަކުން ހިތްވަނީ ނުތަނަވަސް ކުރުވާފައެވެ. ސީމާ ހުރި ހަމައެކަނި ދަރިފުޅުގެ ޚަބަރެއް ނުވާތީއެވެ. މަތިންދާ ބޯޓަށް އަރަން ދިޔަވަގުތު ސީމާ ހިތަށް ވިސްނައިދެމުން ދިޔައެވެ.

" އަހަރެންގެ ދަރި ހުރީ ހެޔޮ ޙާލުގައިތޯ ބެލޭނީ ހިތްވަރެއްވެސް ހުރެގެން."

ސީމާއަށް މާލެ އާދެވުނީ މެންދުރުފަހު ދޭއްޖަހަނިކޮށެވެ. ޢާއިލާ ކުއްޖެއްގެ ގެއަށް ދިޔައީ ޓެކްސީ އެއްގައެވެ.

" އަހަނ ސީމައްތާ. އަންގައި ވެސް ނުލާ ކޮންދަތުރެއް. އަވަހަށް އާދޭ އެތެރެއަށް " ޒީނާގެ ހިތްހެޔޮކަން މިއަދުވެސް ފެނުނެވެ. ނަސީބަކުން އެގެއަކީ މާމީހުން ގިނަ ގެއެއް ނޫންކަމުން ސީމާއަކަށް މާ އުނދަގުލެއް ނުވިއެވެ.

" ކޮބައިތަ ޒިހާން." ސީމާ އެހީ ޒީނާގެ ދޮށީ ދަރިފުޅުގެ ވާހަކައެވެ.

" މިހާރު އުޅޭނީ ފިހާރައިގައި. އޭނަ އެއީ ބައްޕަގެ ވިޔަފާރި ކޮނޑު އަޅައިގެން އުޅޭ ދަރިއެއްނު" ޒީނާ އެހެން ބުނެލީ ހިނި އައިސް ހުރެއެވެ.

" ސީމައްތަގެ ސާހިލްގެ ކޮބައިތަ؟ ކީއްވެތަ އޭނަ ނުގެނައީ؟" ޒީނާ އެހެން އެހުމުން ސީމާގެ ހިތަށް ކުރި އަސަރުން ލޮލުން ކަރުނަ ފާއްދާލިއެވެ. ހިފަހައްޓައިގެން ހުރި ހިތްވަރު އެލުނީއެވެ. އެންމެ ފަހުން ވީގޮތް ޒީނާއަށް ކިޔައި ދިނެވެ.

ރޭގަނޑު ނުވައެއް ޖެހުމާއެކު ސީމާ ދިޔައީ ޒިހާން އާއެކު ރަމްޝާ ގެ ގެޔަށެވެ. ޒިހާން އާ ސީމާ ސިއްރުން އެގޭގެ ގޯތި ތެރެއަށް ދެމިގަތެވެ. އޭރު ސެކިއުރިޓީ އަށް ހުރި މީހާ ހުރީ ފޯނުން ވާހަކަ ދައްކަން އެމީހުންނަށް ފުރަގަސް ދީގެންނެވެ. މަޑުމަޑުން ގޭގެ ފުރަގަހުން އެއްވެސް ދޮރެއް ހުޅުވާފައިވޭތޯ ޒިހާން ބެލިއެވެ. މިފަހަރު ނަސީބވެސް އެމީހުންނަށް އެހީވިއެވެ. ސިޓިންރޫމްގެ ކުޑަދޮރު ހުޅުވާފައި ހުރުމުން ޒިހާން އެތެރެ ބަލާލިއިރު ދެމީހަކު ހީހީފައި ވާހަކަ ދައްކަން ތިބިތަން ފެނުނެވެ.

" ޖަމީލު ދޭން ބުނި ކާރުގެ ލިޔުން ލިބިއްޖެތަ؟ ނޫރުގެ އަޑު އިވިގެން ދިޔައެވެ.

" އާން އެހޯދައިފިން. މިހާރު އަހަރެންގެ މިލްކިއްޔާތުގައި އެތައް ބައިވަރު ކާރާ، ގެއާއި ފައިސާ އެއްކުރެވިއްޖެ. ޙަޔާތުގެ ދެން އޮތްބައި އުފަލުގައި އުޅެވޭ ވަރުވާނެ." ރަމްޝާގެ އަޑު އިވުމާއެކު ސީމާ އެތެރެއަށް ބަލައިލިއެވެ.

" މާދަމާ ރެއަށް ސާހިލް ތައްޔާރު ކުރަންވާނެ. ސާހިލްގެ ލިސްޓްގައި ދެތިން މުއްސަނދި އަންހެނުން އެބޮތް. އެމީހުން ބޭނުންވަނީ ރީތި ޅަ ފިރިހެނުން. އޭނާ އެހެން ކޮޓަރީގައި ބާއްވާނެ ކަމެއްނެތް." ނޫރު ބުނަމުން ދިޔައެވެ.

" އޭނަ އެއްބަސް ކުރުވަން ފަސޭހައެއް ނުވާނެ." ރަމްޝާ އެހެން ބުނުމާއެކު ސީމާ އަށް ނުހުރެވިގެން މަޑުމަޑުން އެތެރެއަށް ވަންނަން އިޝާރާތް ކުރިއެވެ. ނަމަވެސް ޒިހާން ސީމާގެ އަތުގައި ހިފޭއްޓިއެވެ.

" މާދަމާ ހެނދުނު އޭނާ ޝަރުޠު ކުރުވާފަ ބަހައްޓާ. އެކަން ނުވެއްޖިއްޔާ ގްރޫޕް ގެނެސް ބިރު ދައްކާލީމާ އެއްބަސްވެދާނެ. " ނޫރު އެހެން ބުނުމަށްފަހު ތެދުވެގެން ހިނގައްޖެއެވެ. އޭގެ ފަހުން ރަމްޝާ ވެސް ތެދުވެގެން ގޮސް ކޮޓަރިއަކަށް ވަދެއްޖެއެވެ.

ދަނޑިވަޅު ބަލާފައި ޒިހާން ގޮސް ސެކިއުރިޓީގެ ބޮލުގައި ޖަހާފައި ވައްޓާލިއެވެ. އަދިހަމަ އެހާ އަވަހަށް ގޮސް ގޭތެރެއަށް ދެމިގަތެވެ. ކޮޓަރިއެއްގެ ދޮރުގައި އަތްލިއިރު އެކޮޓަރި ހުރީ ތަޅުލާފައެވެ. އެހެން ކޮޓަރިއެއްގެ ދޮރު ހުޅުވޭތޯ މަޑުމަޑުން ބަލާލިއެވެ. ނަސީބަކުން ދޮރު ހުޅުވިއްޖެއެވެ. ކޮޓަރި ތެރޭގައި މީހަކު ފެންނާކަށް ނެތެވެ. ނިކުންނަން އުޅެނިކޮށް ވޭނީ އާހް އެއްގެ އަޑު އިވުމާއެކު އެނދުގެ ފަހަތް ބަލާލިއިރު އެތަނުގައި ސާހިލް އޮއްވާ ފެނިއްޖެއެވެ.

ދުވެފައި ގޮސް އަނގަމަތީގައިވާ ޓޭޕްގަނޑު ނައްޓާލުމަށްފަހު ސާހިލްގެ ދެއަތް މޮހާލިއެވެ. ސާހިލް ގޮވައިގެން ޒިހާން އަވަހަށް އެގެއިން ނިކުމެވޭތޯ އުޅުނެވެ. ސާހިލް އަތުލަފި ކޮށްގެން ދޮރާ ހަމައަށް ދެވޭއިރަށް އެހެން ކޮޓަރިއެއްގެ ދޮރުހުޅުވޭ އަޑާއި ބެލްގެ އަޑު އިވެން ފަށައިފިއެވެ. ޒިހާން ކޮޓަރީގެ ދޮރު ލައްޕާލައިގެން ހުރީ އެކޮޓަރި ފެންނަ ހިސާބުގައި މީހަކު އުޅެފާނެތީއެވެ. އިރުކޮޅަކުން ބަޔަކު ވާހަކަ ދައްކާއަޑަށް ޒިހާން ދޮރު ކުޑަކޮށް ހުޅުވާ ބަލާލައިފިއެވެ. އެވަގުތު ހީވީ ފައި ދަށުން ބިންގަނޑު ދެމިގަތް ހެންނެވެ.

" ބައްޕަ.." އާގަންނަ މީހެއް ފަދައިން ޒިހާން އަށް ބުނެވުނެވެ. ރަމްޝާ ކަހަލަ ނާސި އަންހެނެއްގެ ގާތަށް އޭނާގެ ބައްޕަވެސް އައީއެވެ.

" ފެން ފޮދެއް" ސާހިލް ލޯހުޅުވޭތޯ ބަލަމުން ބުނި ނަމަވެސް ޒިހާން އަށް އެއަޑު އިވޭހެނެއް ހިއެއް ނުވެއެވެ. ސާހިލް ގޮވައިގެން ޒިހާން ބެލީ ވީހާވެސް އަވަހަށް އެގޭތެރެއިން ނިކުމެވޭތޯއެވެ. ސީމާގެ އެހީތެރި ކަމާއެކު ކާރަކަށް ލައިގެން ސާހިލް ގޮވައިގެން ގެއަށް ދެވުނުއިރު އެގާރަ ޖަހަން ކައިރިވެއްޖެއެވެ.

އޭގެ ދެގަޑިއެއްހާ އިރުފަހުން ސާހިލްއަށް ދިމާވި ކަންތައްތައް ކިޔައިދިނެވެ. ޒިހާން ހުރެފައި މިރޭ އޭނާގެ ބައްޕަވެސް އެގެއަށް ދިޔަވާހަކަ ބުނެލިއެވެ. އެވަގުތު ޒީނާ ގޮތެއް ނިންމިއެވެ.

މެންދަމުން އަލިވެ ދޭއްޖެހި ފަހުން ޒީނާގެ ފިރިމީހާ ބާރީ ގެއަށް އައިއިރު ގޭތެރެ އޮތީ ފަޅުވެފައެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. ކޮޓަރިއަށް ވަންއިރު ކުރު ނޯޓެއް ފެނުނެވެ.

" ސީމާއްތަގެ ދަރިފުޅު ސާހިލް ރަމްޝާގެ ކެހިވެރިކަމުން ސަލާމަތްވެއްޖެ. ނަމަވެސް އެކެހިވެރިޔާގެ ޙަޔާތުން ބާރީ އަށް ލިބުނު ޖާގައަށް މަރުޙަބާ ކިޔަން."

އޭގެ އަނެއް ދުވަހު ރަމްޝާ ހެނދުނު ހެނދުނާ ސާހިލް އޮތް ކޮޓަރިއަށް ދިޔައެވެ. ސާހިލް ނެތުމުން ހިތަށް ބިރުވެރިކަން ވަނެވެ. " ނޫރު.. ނޫރު" ރަމޝާގެ އަޑަށް ނޫރު އަތުވެއްޖެއެވެ.

" ސާހިލް އެއް ނެތް" އެހެން ބުނުމާއެކު އިވުނީ ގޭގެ ބެލް ޖެހި އަޑެވެ. އެދެމީހުން ގޮސް ދޮރުހުޅުވާލި ވަގުތު ފުލުހުން ތިބީ ކުރިމަތީގައެވެ. އިނިސްޕެކްޓަރ، ރަމްޝާ އަށް ދިން ސިޓީ އުރައިގައި ހިފާފައި އެހުޅުވާލިއެވެ. ސާހިލްގެ ސިޓީގައި ވަނީ ރަމްޝާގެކެހިވެރި، މަކަރުވެރި ޙަޔާތުން އަބަދުގެ އަބަދަށް ސާހިލް ދުރަށް ދިޔަ ކަމުގެ ޚަބަރެވެ. އަދި ފުލުހުންނަށް ރަމްޝާ އާއި ނޫރުގެ މައްސަލަ ހުށަހަޅާފައިވާތީ އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ކޮމެންޓް 0