3

ގޯލުތެރެއަށް ވަދެގެންދިޔަ ބޯޅައާ އެކު ސަޕޯޓަރުންގެ ހަޅޭކުގެ އަޑުން މުޅި ޖައްވު ގުގުމާލި އެވެ. ކުޅެވެމުން ދިޔައީ މިނިވަން ފަންސާސް ޗެމްޕިއަންޝިޕްގެ ފޯރި ގަދަ މެޗެކެވެ. މުޅި އަތޮޅުގައި އޮތް ހުރިހާ ގޮތަކުން އެންމެ ވާދަވެރި ދެ ރަށް ބައްދަލުކުރާ މެޗު ބަލަން އަތޮޅުގެ ހުރިހާ ރަށަކުން ސަޕޯޓަރުން އައިސް ތިއްބެވެ. ދެ ޖިންސުގެ ޒުވާނުންނާއި، ކުޑަ ކުދިންނެވެ. މެދު އުމުރުގެ މީހުންނާއި، މުސްކުޅިންނެވެ. ފުޓުބޯޅައިގެ ފޯރި އަކީ ވަކި އުމުރަކަށް ނުވަތަ ވަކި ޖިންސަކަށް ހާއްސަކަމެއް ނޫނެވެ. ގޭގައި ނުހުރެވިގެން އަހަރެން ވެސް މެޗުބަލަން ދިޔައިމެވެ. އަހަރެން ހުރީ ގޭދޮށު ކުދިންކޮޅަކާ އެކުގައެވެ. އެމީހުންގެ ސަކަރާތް ވަރަށް ބޮޑެވެ. ހުނުމާއި، ހަޅޭއްލެވުމެވެ. އިދިކޮޅު ޓީމުގެ ކުޅުންތެރިންގެ ސިފައަށް ފާޑުކިޔުމާއި، ތައުރީފު ކުރުމެވެ. ކޮންމެ ޓީމެއް ލަނޑެއް ޖެހިޔަސް ކަރު މަށައިގެންދާވަރަށް ހަޅޭއްލަވައެވެ. އެމީހުން ނަގަމުންދިޔަ ފޯރި ފެނިފައި އަހަންނަކަށް ވެސް ހިމޭނަކުން ނުހުރެވުނެވެ. ރަށު ޓީމު ލަނޑެއް ޖެހުމުން އަހަރެން ވެސް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތީމެވެ. އެވަގުތު އަހަރެންގެ އަޑު ކަރުބުޑުގައި ތާށިވި އެވެ. ހުރިހާ ހިއްސުތަކަކާއި، ހިތުގައި ލޭހިނގުން ހިނދުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ. ރުޅި އައިސް ރަތްވެފައިވާ ސިންގާއެއް ފަދައިން އަހަންނާ ދިމާއަށް ބަލަން ހުރި ފައިސަލްގެ މޫނަށް ބަލަމުން އަހަރެން މަޑުމަޑުން ފަހަތަށް ފިޔަވަޅު އަޅަން ފެށީމެވެ.

ސްޓޭޑިއަމް ސަރަހައްދު ދޫކޮށް، އަހަންނަށް މަގުމައްޗަށް ނުކުމެވުނުއިރު ފައިސަލް ހުރީ އަހަރެންގެ ކުރިމަތީގައެވެ. އޭރު އަހަރެންގެ މުޅި ހަށިގަނޑު ބިރުން ތުރުތުރު އަޅައެވެ. އަނގައިން ބުނަން ކިތަންމެ ބޭނުން ވިޔަސް ދޫ ހަރަކާތެއް ނުކުރިއެވެ. ފައިސަލް އައިސް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އޭނާގެ ހަށިގަނޑުގައި ހުރި ބާރެއް ލަމުންނެވެ. އެއަށްފަހު ބާރު ބާރަށް އޭނާ ހިނގައިގަތެވެ.

"ފައި. . ތަދުވެއޭ! ދޫކޮށްލާ. . މީހަކަށް ފެނިދާނެ!" ފައިސަލް ކުރިއަށް ދިޔައީ އަހަންނަށް ހިނގޭވަރަށްވުރެ މާ ބާރަށެވެ. ފެންނަ ކޮންމެ މީހަކަށް ވެސް އޭނާ އަހަރެން އެ ގެންދަނީ ގަދަބާރުންކަން އެނގޭނެ އެވެ. އެހެންވެ މީހަކަށް ފެނުމުގެ ކުރިން އަހަރެން މަސައްކަތްކުރީ ފައިސަލްގެ އަތްދަށުން ސަލާމަތްވެވޭތޯ އެވެ.

ކުއްލިއަކަށް ފައިސަލް ހުއްޓުނެވެ. އަހަރެންގެ އަތުން ދޫކޮށްލިއެވެ.

"ކާކަށް ފެނިދާނެތީ ތި އުޅެނީ؟ މުޅި މި އަތޮޅު އެންމެން އެއްވެފަ އޮތް ތަނަކަށް ދާން ލަދުނުގަތް މީހަކު މިހާރު ކޮންކަމަކާ ލަދުން ތިއުޅެނީ؟" މަލާމާތުގެ ރާގުގައި ފައިސަލް އެހިއެވެ.

"އަހަންނަކަށް ނުބުނެވޭތަ އެތަނަށް ގޮސްގެން ނުވާނެއެކޭ!" ފައިސަލްގެ މޫނު އަހަރެންގެ މޫނާއި ކައިރިކޮށްލި އެވެ. އެ ދެލޮލުން ހީވަނީ އަލިފާންކަނި ބުރާހެންނެވެ.

މީހުން އެއްވެ އުޅޭ ތަންތަނަށް ދިޔުމަކީ އަހަންނަށް މަނާ ކަމެކެވެ. ހާއްސަކޮށް ހިލޭ ފިރިހެނުންނަށް ފެންނަ ހިސާބަށް ނުކުތުމަކީ ކުށެކެވެ. ފައިސަލް ފިޔަވައި އިތުރު މީހަކަށް އަހަރެންގެ މޫނު ފެނުމަކީ ވެސް ކުށެކެވެ.

"އަހަރެން ދިޔައީ އަމަތު ހޯދަން އައިމަ. . . އޭނައާ އެއްކޮށް" ކުށްގަބޫލުކުރަމުން އަހަރެން އިސްޖެހީމެވެ. ފައިސަލްގެ މޫނަށް ބަލަން ނުކެރިގެންނެވެ.

"ރީޝަމަށް މުހިއްމީ އަހަރެން ތަ؟ ނޫނީ އެ އަމަތު ތަ؟ ކީއްވެތަ ރީޝަމްގެ ކުރިމަތީގަ އަހަރެން މީ އެއްވެސް މީހަކަށް ނުވަނީ؟ އަހަރެން ބުނާ އެއްޗެއްގަ އެއްވެސް އަގެއް ނުހުންނަނީ؟ ރީޝަމް އަކަށް އަދިވެސް ނޭނގެ އަހަރެން ރީޝަމް ދެކެ ކިހާ ލޯބިވާ ކަމެއް!" ފައިސަލްގެ ސުވާލުތަކާއި، ޝަކުވާތައް ދިގުވަމުން ދިޔައެވެ. އެއީ އޭނާގެ އާދައެވެ. ކަންވީގޮތް ބަލައިލުމެއްނެތި އެންމެ ފުރަތަމަ ވެސް އަންނާނީ ރުޅިއެވެ. ހިތުހުރިހާ އެއްޗެއް އަހަންނާ ދިމާއަށް ކިޔުމަށްފަހު ދެން ދައްކާނީ އޭނާ އަހަރެން ދެކެ އިންތިހާ އަށް ލޯބިވާ ވާހަކަ އެވެ. އެ ހިސާބުން އަހަރެންގެ ހިތް މަޑު ފުށްކޮޅަކަށް ވެދެއެވެ. ފައިސަލް ނުރުހޭ އެއްވެސް ކަމެއް ނުކުރުމަށް އަޒުމު ކަނޑައަޅަމެވެ. އެކަމަކު ފައިސަލް ރުހޭ ގޮތަށް އަހަންނަށް އެއްވެސް ކަމެއް ކުރެވޭބާއެވެ؟ އެ ސުވާލު އަހަރެންގެ ހިތުގައި ވަނީ ބިންވަޅު ނެގިފައެވެ.

ފުޓުބޯޅަ މެޗު ނިމުނުއިރު އިރުއޮއްސިއްޖެ އެވެ. އަހަންނަށް ޖެހުނީ މެޗު ބަލަން ދިޔަ އެންމެން ގެއަށް އަންނަންދެން ގޭގައި އެކަނި އިންނާށެވެ. ގޭގައި އިންނަން ކިތަންމެ ފޫހިވިޔަސް ފައިސަލަށް ކިޔަމަންވުމަކީ މި ހިތުގެ އުފާކަމުގައިވީތީ ޝުކުރުކޮށްލައިގެން އިނީމެވެ.

"އަހަނ. . . އެހާ ފޯރިގަދަ މެޗެއް ނިމިގެން ދިޔައިރު ވެސް ތި އިންނަނީ ގޭގަ އެކަނި؟" ސިޓިންގރޫމުގައި އަހަރެން އެކަނި އިންތަން ފެނިފައި އާޒިމް އެހިއެވެ.

އާޒިމަކީ އަހަރެންގެ ގޭގައި ކޮޓަރިއެއް ކުއްޔަށް ހިފައިގެން ހުންނަ ބީރައްޓެސެކެވެ. އަހަރެންގެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރެވެ. ބަލައިލަން ރީތި، އަހުލާޤު ރަނގަޅު، ހިތްހެޔޮ ޒުވާނެކެވެ. އަހަންނާ ވާހަކަ ދެއްކުމާއި، އުޅޭ އުޅުމުގައި ހުންނަ އޯގާތެރިކަން އަހަންނަށް ކިތަންމެ ކަމުދިޔަ ނަމަވެސް އަބަދު ވެސް އާޒިމާ ދުރުދުރުން އުޅެވޭތޯ އަހަރެން މަސައްކަތް ކުރަމެވެ. އާޒިމަކީ ފައިސަލް މާ ރުހޭ މީހެއް ނޫނެވެ. އާޒިމް އަހަރެންގެ ގޭގައި ހުންނާތީ ވެސް ފައިސަލް ރުޅި އާދެއެވެ. އެކަމަކު އެކަމާ އަހަރެން ކުރާނީ ކީއްހެއްޔެވެ؟ އެއީ ބައްޕަމެންގެ ކަމެކެވެ. އަނެއްކޮޅުން އާޒިމަކީ ބައްޕަގެ ވަރަށް ގާތް ރަހުމަތްތެރިއެއްގެ ދަރިއެކެވެ.

"އާނ. . . ދާ ހިތްނުވީ" ކުރު ޖަވާބެއް ދިނުމަށްފަހު އަހަރެން ގޮސް ކޮޓަރިއަށް ވަނީމެވެ.

ޖެހިގެން އައި ދުވަހު އަމަތު އައީ އަހަރެން މެންދުރަށް ކައްކަން އުޅެނިކޮންނެވެ.

"އިއްޔެ މެޗު ބަލަން ގޮއްސަ ކިހިނެއްތަ ތި ހެދީ؟ އަހަރެމެން ރީޝަމް ހޯދާ ހޯދާ. . ." އަހަރެން ނުބުނެ އައުމުން އަމަތު ޝަކުވާކުރިއެވެ.

އަހަރެން ވަކި ޖަވާބެއް ނުދެމެވެ. އެއްފަހަރު އަމަތުގެ މޫނަށް ބަލައިލުމަށްފަހު ހަނޑޫދޮވުމުގައި މަސްއޫލުވީމެވެ.

"އެއުޅޭ ފައިސަލަށް ރީޝަމް ފެނިގެން އެތަނުން ގެނައީ ދޯ!" ވަރަށް ޔަގީންކަމާއެކުގައި އަމަތު އެހިއެވެ.

އަހަންނަށް ގަބޫލުކުރެވުނީ އަމަތަށް އިއްޔެ ހިނގާދިޔަ ހާދިސާ ފެނުނީކަމުގައެވެ. އެހެންވެ ވަކި ޖަވާބެއް ނުދެމެވެ. ފައިސަލްގެ ކަމެއްގައި އަމަތު އަހަންނާ އެއްގަލަކަށް ނާރާނެއެވެ. އެއީ އެއްގޮތަކަށް ވެސް އަމަތަށް ކަމުދާ މީހެއް ނޫނެވެ.

"ރީޝަމް، އާދޭސްކޮށްފަ މި ބުނަނީ. ތި ފައިސަލްގެ ކިބައިން ސަލާމަތްވޭ! ތިއީ ލޯތްބެއް ނޫނޭ! އަޅުވެތިކަން. ތިވަރުން ދަންޏާ އަދި ވިސްނާލަބަލަ ކައިވެނިކޮށްގެން އުޅެން ޖެހޭނެ ގޮތް!" އާދައިގެ މަތިން އަމަތު އުޅުނީ އަހަންނަށް ވިސްނައިދެވޭތޯ އެވެ. އަމަތަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އެވެ. ހިއްސާކުރިޔަސް، ނުކުރިޔަސް އަހަރެންގެ ދިރިއުޅުމުގެ ހުރިހާކަމެއް އެންމެ ރަނގަޅަށް އެނގޭ، އެންމެ ފަސޭހައިން ދެނެގަންނަ ފަރާތެވެ. އަބަދުވެސް އަހަންނަށް ހެޔޮއެދޭ، ދެގޮތެއް ނުވާ މިތުރެކެވެ. އެކަމަކު ފައިސަލްގެ މައްސަލައިގައި އަހަންނަކަށް އަމަތުގެ ނަސޭހަތެއް ގަބޫލެއްނުކުރެވެއެވެ.

ފައިސަލަކީ އަހަރެންގެ އަލަތު ލޯތްބެވެ. ސްކޫލު ދައުރުން ފެށިގެން ވެސް އަހަރެންގެ ހިތް އެމީހަކަށް ދެވިފައިވާ ފަރާތެވެ. އަހަރެންގެ ހުވަފެންތަކުގައި އުޅޭ 'ޕްރިންސް ޗާމިން' އެވެ. ބޭރުފުށުގެ ހުރިހާ ރީތިކަމެއް އޭނާ އަށް ލިބިފައިވެއެވެ. އަހަރެން ދެކެ ނިހާޔަތަށް ލޯބިވާކަމަށް ބުނެއެވެ. އެވަރުން އަހަންނަށް ފުދެއެވެ. މިހުރިހާ ދުވަހު އަހަރެން ގަބޫލުކުރަމުން އައި ގޮތަކީ އެއީ އެވެ. އެކަމަކު ބޮޑުވެ ތަސައްރަފު ފުދެމުން އައި ވަރަކަށް އަހަރެންގެ މެރިފައިވާ ދެ ލޯ ދުނިޔެއަށް ހުޅުވެން ފަށައިފިއެވެ. އަހަންނަށް ދުނިޔެ ފެންނަ ގޮތް ބަދަލުވާން ފަށައިފިއެވެ. މަންމަ އާއި އަމަތުގެ ނަސޭހަތުގައި ހިފުމުން ފައިސަލްގެ އުނި ސިފަތަށް ކަޝްފުވާން ފަށައިފިއެވެ.

ފައިސަލަކީ ބަލައިލަން ރީތި ބުދެކެވެ. ދިރުއުޅުމަށްޓަކައި އަތުންފައިން މަސައްކަތެއް ނުކުރެއެވެ. މުސްތަޤުބަލާމެދު ދުވަހަކު ވެސް ވިސްނާލިހެނެއް ހިއެއް ނުވެއެވެ. އޭނާގެ ކަމަކީ އަހަރެންގެ މައްޗަށް އަމުރުމައުރޫފު ހިންގުމެވެ. އޭނާ އަހަރެންގެ މިނިވަންކަމާއި، ފުރާވަރު ނަގާލައިފިއެވެ. އޭނާ އެދިގެން އަހަރެންގެ ހުރިހާ ރަހުމަތްތެރިންނާއި، ގާތްތިމާގެ މީހުންނާ އޮންނަ ގުޅުން ކަނޑާލީމެވެ. ގެއިން ބޭރަށް ނުކުތުމާއި، މީހުންނާ ވާހަކަ ދެއްކުން ހުއްޓާލީމެވެ. އިތުރަށް ކިޔެވުމަށް ލިބުނު ފުރުސަތު ދޫކޮށްލީމެވެ. އަހަރެންގެ ފެންވަރުން އަހަންނަށް ރަށުން ހަމަޖެހުނު ވަޒީފާ ވެސް ދޫކޮށްލީމެވެ. ބުނިހާ ގޮތެއް ހެދިގެން އުޅޭއިރު ވެސް އެ ދެލޮލުން ނަފުރަތު ނޫން އެއްޗެއް އަހަރެން ނުދެކެމެވެ. އެ މޫނުމަތިން ރުޅިވެރިކަން ނުފެންނަ ހިނދުކޮޅެއް ނުދެއެވެ. އަހަންނާ ދިމާއަށް ލޯބިން ބަލައިލާ، ރީތިކޮށް ވާހަކަދެއްކި ދުވަހެއް އަހަރެން ހަނދާނެއްނެތެވެ. ކުށެއް ނުކުރެވުނަސް އަހަރެން ހުންނަނީ އަބަދު ކުށްވެރިވެފައެވެ. މަޢާފަށް އެދެންޖެހިފައެވެ.

އަހަރެން ފައިސަލާ ބައްދަލުކުރުމާއި، ވާހަކަދެއްކުން ހުއްޓައެއް ނުލަމެވެ. އެކަމަކު އަމަތު ދެއްކި މަގުން ކުރިއަށް ދެވޭތޯ މަސައްކަތް ކުރީމެވެ. ފައިސަލަށް ސިއްރުން ގޭތެރޭގައި އަހަރެން މުޅިން އާ ގުޅުމެއް ފުރިހަމަކުރަން ފެށީމެވެ. އާޒިމާ އެކުގައެވެ. ފައިސަލާއި އާޒިމް އަހަންނަށް ފަރަޤުކުރެވެން ފެށީ އެ ހިސާބުންނެވެ. މި ހުރިހާދުވަހު އުޅެވުނު ހުވަފެނީ ދުނިޔެއިން ހޭލެވުނީ އާޒިމްގެ ފަރާތުން ލޯބި ލިބެންފެށުމުންނެވެ. އާޒިމްގެ ކުރިމަތީގައި އަހަންނަކީ ގަނޑުވަރުތެރޭގެ އަމީރާއެކެވެ. އެކަމަކު ފައިސަލް އަހަންނާ ދޭތެރޭގައި ކަންތައްކުރަނީ ގޭގައި ގެންގުޅޭ ޅަ ކުއްތާގަނޑަކާ ދޭތެރޭގައި ވެސް ކަންތައް ނުކުރާނެހާ އިހާނެތިކޮންނެވެ. އޭނާގެ ހިތަށް އެރި ފަހަރަކު އަހަންނާ އަނގައިން ބުނެފާނެއެވެ. ނޫން ނަމަ އަހަރެން ކިތަންމެ ގިނައިން ވާހަކަ ދެއްކިޔަސް ޖަވާބު ނުދީ ހުރެފާނެއެވެ. ކުރެވުނީ ކޮން ކުށެއްކަން ނޭނގި އަހަންނަށް އަނިޔާކޮށްފާނެއެވެ.

އަހަންނަށް ދުނިޔެ ދަސްވެއްޖެއެވެ. ލޯބި ދަސްވެއްޖެއެވެ. އަހަރެންގެ އިހުސާސްތަކަށް އިހުތިރާމުކުރާ، ކޮންމެ ހާލަތެއްގައި ވެސް އަހަންނާ އެކުގައިވާން ހުރި މީހަކީ އާޒިމް ކަން އަހަރެންގެ ހިތަށް ގަބޫލުކުރެވިއްޖެއެވެ. މަޑުމަޑުން އަހަރެންގެ ހިތުން ފައިސަލްގެ ނަން ފުހެވި، އާޒިމްގެ ނަން ރަން އަކުރުން ފެވެންފެށިއެވެ. މުސްތަޤުބަލުގެ ރީތި ތަސްވީރުތައް އާޒިމާ އެކުގައި ކުރަހަންފެށީމެވެ.

"މިހާރު އަހަރެން ބޭނުންވަނީ އަވަހަށް އާޒިމާ އިންނަން" އަހަރެންގެ ހިތުގެ އަޑު އަމަތަށް އިއްވާލީމެވެ. އޭނާ އިނީ ބުނާނެ އެއްޗެއް ނޭނގި، ހައިރާންވެފައެވެ.

"ހަމަ ތެދެއްތަ؟ މިހާރު އެހިސާބަށް ވެސް ދިޔައީތަ؟ ދެން ފައިސަލަށް ކިހިނެއް ހަދާނީ؟ އޭނައާ ރުޅިވީތަ؟" އަމަތު ސުވާލަކަށްފަހު ސުވާލެއް ކުރަމުން ގެންދިޔައެވެ.

އިރުކޮޅަކު ވިސްނަން އިނުމަށްފަހު އަހަރެން ރާވާފައިވާ ގޮތް އަމަތަށް ކިޔައިދިނީމެވެ.

"އަހަންނަކަށް ނުކެރޭނެ ފައިސަލާ ރުޅި ވާކަށް. އޭނަ އަހަންނަށް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ! އޭނަ އަށް ނޭނގި އަހަރެމެން ކައިވެނިކޮށްގެން ދުވަސްކޮޅަކަށް އާޒިމްގެ ރަށަށް ބަދަލުވާނީ"

އެއީ އަހަންނަށް ވެސް އަދި އާޒިމަށް ވެސް އޮތް އެންމެ ރައްކާތެރިގޮތެވެ. އަހަރެން އާޒިމަށް ފައިސަލްގެ ވާހަކަ ކިޔައިދިނުމުން އާޒިމަށް ވެސް ފެނުނު އެންމެ ރަނގަޅު ގޮތެވެ. އިންސާނުންގެ ސިފައިގައި ވަލުޖަނަވާރުން ތިބޭ ނަމަ ފައިސަލަކީ އެފަދަ މީހެކެވެ. އޭނާ އަހަރެންގެ ގެއަށް އައިސް އަހަރެމެން ދެމީހުން މަރާލާކަށް ވެސް ފަހެއް ނުޖެހޭނެއެވެ.

އަހަންނާ އާޒިމްގެ ކައިވެނި ކުރެވުނު ރެއެވެ. އަހަރެމެން އުޅުނީ މާ ގިނަ ބަޔަކަށް ނޭނގި، ގޭގައި ކައިވެނި ކުރުމަށްފަހު ޖެހިގެން އަންނަ ދުވަހުގެ ހެނދުނު ފުރައިގެން ދާން ވެގެންނެވެ. އެރޭގެ ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް އަމާން ކަމާއެކުގައެވެ. އެކަމަކު ޖެހިގެން އައި ދުވަހަށް އިރުއެރީ ބިރުވެރިކަމާއި، ނުތަނަވަސްކަން މުޅި ރަށަށް ފަތުރަމުންނެވެ. ކާޅުގޮވާހެން މުޅި ރަށުތެރޭގައި ފެތުރެމުންދިޔަ ޚަބަރު އަހަރެންގެ ކަންފަތާ ހަމައަށް އަންނާކަށް ގިނައިރެއް ނުވިއެވެ. އަހަރެންގެ މެއަށް ހީވީ ފެންއެއްޗެއް އޮއްސާލިހެންނެވެ. ހަށިގަނޑުގެ ހުރިހާ ހަރަކާތެއް ހުއްޓުމަކަށް އައެވެ. ދެ ލޯ ފެންކަޅިވެ ކަރުނަ ފައިބައިގަތީވެސް އެތައް އިރެއް ވީފަހުންނެވެ.

ފައިސަލް ދަންޖެހިގެން މަރުވި ހާދިސާގައި އެންމެން ވެސް ތުހުމަތުގެ އިނގިލި ދިއްކުރީ އަހަންނާ ދިމާއަށެވެ. އަހަރެންގެ ސަބަބުން އޭނާ ހިތްދަތިވެގެން، ދުނިޔެ ދޫކޮށް ދިޔައީއެވެ. ޚުދު އަހަންނަށް ވެސް އެކަން މާނަ ކުރެވުނީ އެހެންނެވެ. ފައިސަލްގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ އަހަންނެވެ. އެކަމަކު އާޒިމާއި، އަހަންނަށް ހެޔޮއެދޭ އެހެން މީހުން މަސައްކަތް ކުރީ އަހަރެންގެ ކުށެއް ނެތްކަން ބުނެދެވޭތޯ އެވެ. ކިތަންމެ ބޮޑުކަމެއް ދިމާވިޔަސް، ހިތްދަތިވެގެން ކެތްނުކުރެވޭ ހިސާބަށް ދިޔަނަމަވެސް އަމިއްލަ އަށް މަރުވެގެން ނުވާނެއެވެ. އެ ފާފަވެރި އަމަލު އެހެން މީހެއްގެ ބޮލަކު ނޭޅުވޭނެއެވެ. ބައެއްފަހަރު އަހަންނަށް އެވާހަތައް ގަބޫލު ކުރެވެއެވެ. އެކަމަކު އަހަންނަށް ކަންކުރެވުނީ އެންމެ ރަނގަޅަކަށް ނޫނެވެ. އަހަރެން އާޒިމާ ގުޅެން ޖެހޭނީ ފައިސަލާއި ވަކިވުމަށްފަހު އެވެ. ފައިސަލާ ވަކިވުމަށް އަހަންނަށް އެއްހާސް ސަބަބު ވެސް ދެއްކެން އޮތެވެ. ނަމަވެސް އެ ހިތްވަރު ނުލިބުނީ އެވެ. 

ކޮމެންޓް 0