0

ޑުރެސިން ޓޭބަލް މަތީގައި ހުރި ލިޕްސްޓިކް ނަގާ ތުންފަތުގައި ކާތާލުމަށްފަހު ލޯގަނޑުން މޫނު ބަލާލަމުން މިފުޒާ ލުއި ގޮތަކަށް ހީލިއެވެ. އޭރު މިފުޒާ ގެ ތުންފަތް ހީވަަނީ ފޮޅިވެ ފަރިވެފައިވާ ރަތް ފިނިފެންމަލެއްހެންނެވެ. ލަކުނެއްނެތް އެސާފުސާދާ މޫނު ފެނި ސާދަވިލޭރޭގެ ހަނދުވެސް ފަލަކުންނެއްޓިދާނެވެ. އެހާވެސް ރީއްޗެވެ. އެހާވެސް ފުރިހަމައެވެ. ހަމަ ޔަގީނުންވެސް ޝާއިރަކަށްވެސް އެރީތިކަން ބަޔާންކޮށްދޭން ނުކުޅެދޭނެވެ. ހިނގާ ކޮންމެ މަގަކުން އަޅާ ކޮންމެ ފިޔަވަޅެއްގެ ފަހަތުން އެތައް ފިރިހެނުންނެއް މުގޯޅި އަޅަމުން އެދަނީ މިފުޒާގެ ޖާދުވީ ރީތިކަމުގެ ސަބަބުން ކަމަށް ވެދާނެވެ. އެތައް ޒުވާން ފިރިހެންކުދިންނެއްގެ ލޯބީގެ ހުށައެޅުންތަކަށް މިފުޒާ ނޫނެކޭ ބުނަމުން ދިޔައީ ހަގީގީ ލޯބީގެ ފޮނި މީރުކަމާއި އޭގެ އިއްޒަތާއި ލައްޒަތް އޭނާއަށް ނޭނގޭތީއެވެ. ވާނީވެސް އެހެންތާއެވެ. މިފުޒާގެ އުމުރުން 19 އަހަރު ވީއިރު އޭނާއަށް އަދި މީހަކު ދެކެ ލޯތްބެއް ނުވެވެއެވެ. މިފުޒާގެ ހިތް ފަތަހަ ކުރެވޭ ފަދަ ޒުވާނެއް އަދި ދިމާ ނުވަނީއެވެ.

މިފުޒާއަށް ކުއްލިއަކަށް ފަހަތްބަލާލެވުނީ އޭނާގެ މަންމަ ހަދީޖާ ލޯގަނޑުން އޭނާގެ ފަހަތުގައި ހުރިތަން ފެނުމުންނެވެ. "ސާބަހޭ ދަރިފުޅާ...ހާދަވަރަކަށޭތި ފަރިބަލަނީ؟...ދަރިފުޅު ރީއްޗޭ..އަވަހަށް ތައްޔާރުވެގެން ސިޓިންގރޫމަށް އާދޭ... ބައްޕަ އެބަ ގޮވާ.." މިފުޒާއަށް ލޯބިން ދިމާކޮށްލަމުން އޭނާގެެ ހުރި ހަމައެކަނި ދަރިފުޅު ގައިގައި ފިރުމާލުމާއިއެކު ހަދީޖާ ކޮޓަރިން ނިކުތުމަށް ހިނގައިގަތެވެ. މިފުޒާާވެސް އިސްތަށިގަނޑު އަވަސްއަވަހަށް ރީތި ކޮށްލަމުން ހަދީޖާގެ ފަހަތުން ނިކުތެވެެ.

އޭރު މިފުޒާގެ ބައްޕަ ރަޝީދު އޭނާގެ އިންތިޒާރުގަައި އިނެވެ. މިފުޒާ ގޮސް ރަޝީދާ ޖެހިގެން އިން ސޯފާގައި އިށީނަމުން ވަރަށް އަދަބުވެރިކަމާއިއެކު ބައްޕައަށް މުހާތަބު ކުރިއެވެ. "ބައްޕާ...ކިހިނެއްތޯވީ؟" މިފުޒާގެ ސުވާލާއެކު ރަޝީދު މިފުޒާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. "ދަރިފުޅާ... ދަރިފުޅު ތިހުރީ ބޮޑުވެފައެއްނު..؟ ބައްޕަމެން ބޭނުން ދަރިފުޅު މީހަކާ ދެވަން.. މާލޭގެ މުއްސަދި އާއިލާއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިއެއްގެ ކައިވެނި ދަރިފުޅާ ހަމަޖެހެއްޖެ.. އެ ފިރިހެން ކުއްޖާއަށް ކިޔަނީ ޝަހުފާން... ޝަހުފާން ގެ މަންމައާއި ބައްޕައަކީ ވަރަށް ކުރިންސުރެ ބައްޕަމެންގެ ވަރަށް ގާތް ރަހުމަތްތެރިން... އެމީހުން އެދެނީ ވީހާވެސް އަވަހަކަށް ކައިވެނީގެ ކަންތައް ހަމަޖައްސަން ދަރިފުޅު މާލެ ދިޔުމަށް...އެއީ ވަރަށް ރަނގަޅު އާއިލާއެއް...އެމީހުންގެ އެދުމަށް ބައްޕަމެން އެއްބަސްވީވެސް ދަރިފުޅަށް އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ހޯދަދޭން...ބައްޕައަށް ޔަގީން އެއާއިލާއިން ދަރިފުޅަށް ދެރައެއް ނުދޭނެކަން...ބައްޕަ އެ އާއިލާއަށް އިތުބާރުކުރަން.." ރަޝީދު ދައްކަން ބޭނުންވި ހުރިހާ ވާހަކަތަކެއް އެކީއެކައްޗަކަށް އަމުނާލިއެވެ. އޭނާގެ ދަރިފުޅު އެކަމަށް ދެކޮޅު ނަހަދާނެކަމުގެ ފުރިހަމަ އިތުބާރާާއި ޔަގީންކަމާއެކުއެވެ. ކަންތައްވީވެސް ހަމަ އެގޮތަށެވެ. ކިޔަމަންތެރިކަމުގެ ލާމަސީލް މިސާލެއްފަދަ މިފުޒާ އޭނާގެ ބައްޕަގެ އެދުން ގަބޫލުކުރިއެވެ. އެހެންނަމަވެސް ކުރިއަށް ވާނެގޮތް ނޭނގޭތީވެ ކޮންމެސްވަރަކަށް މިފުޒާގެ ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ.

********

ދަތުރުކުރަމުންދިޔަ "ނިޔާމަ" ލޯންޗުގެ މިސްރާބް ހުރީ ކ.މާލެއަށެވެ. އޭރު މިފުޒާގެ ނަޒަރު މުޅިންހެން ހުއްޓިފައިވަނީ ލޯންޗުގެ ބާރު ދުވެއްޔާއެކު ފަޑުވަމުންދާ މ.ނާލާފުށީގެ މަލަމައްޗަށެވެ. އެއީ އޭނާ އެރަށަކަށްޓަކާ ފަހުރުވެރިވާ އޭނާގެ އުފަންރަށެވެ. ރީތި ނަލަނަލަ ނާލާފުށީގެ މަލަމަތި ގެއްލި އޮބިގެން ދާ މަންޒަރު ބަލަން މިފުޒާއަށް ފަސޭހަ ނުވުމުން މޫނު އަނެއްފަރާތަށް އަބުރާ ދެލޯމަރާލަމުން އޭނާ ފުންނާވާއެއް ދޫކޮށްލިއެވެ. އިސާހިތަކު މިފުޒާގެ ސިކުނޑިޔާ ކުޅެލީ ޝަހުފާން ގެ ނަމެވެ. އާނކެވެ. އެއީ މިފުޒާގެ ވާން އުޅޭ ފިރިމީހާއެވެ. އޭނާގެ ނަަން ފިޔަވާ އޭނާއާއި ބެހޭގޮތުން އެއްވެސް އެއްޗެއް ނޭނގޭ މިފުޒާއަށް މިހާރު އިންތިޒާރުކުރެވެމުން ދަނީ ޝަހުފާން ފެންނާނެ ވަގުތަކަށެވެ. "އަހަންނަށް ޝަހުފާން ކަމުދާނެބާ؟... އޭނަދެކެ ލޯބި ވެވިދާނެބާ...؟ އަހަންނަށް އޭނަދެކެ ލޯބި ނުވެވެއްޖިއްޔާ؟؟؟....." ފުންހިޔާލުގެ ކަނޑުތެރެއަށް ގެބެމުން ދިޔަ މިފުޒާއަށް ހޭވެރިކަންވީ ލޯންޗުގެ ތެރޭގައި މީހުންތައް ހޭލަމޭލަ ވާން ފެށުމުންނެވެ. އޭރު މިފުޒާގެ މަންމަ އާއި ބައްޕަ އޭނާގެ ކައިރީގައި ފޮށިތައް ހިފައިގެން ތިއްބެވެ. "ދަރިފުޅާ މާލެ އާދެވެއްޖެ... އަވަހަށް ހިނގާ ފައިބާން.." މިފުޒާގެ އަތުލަފިކޮށްގެން ހަދީޖާ ލޯންޗުން ފައިބާން ހިނގައިގަތެވެ.

"މަރުހަބާ ރަޝީދު... ހަދީޖާ.... މިއީތަ ތިމީހުންގެ ދަރިފުޅު މިފުޒާ އަކީ؟؟" ހަދީޖާ އާއި ސަލާމް ކޮށްލަމުން މިފުޒާއަށް އިޝާރަތްކޮށް ވާހަކަ ދެއްކީ ނާހިދާއެވެ. "އާން..މިއީ އަހަރެމެންގެ ދަރިފުޅު... މިފުޒާ... ދަރިފުޅާ މިފުޒާ...މިއީ ޝަހުފާންގެ މަންމަ ނާހިދާ.." ހަދީޖާ މިފުޒާގެ ގައިގައި ހިފާލަމުން ބުނެލިއެވެ. މިފުޒާ ލަދުރަކި ހިނިތުންވުމަކާއެކު އޭނާގެ ވާން އުޅޭ މައިދައިތައާއި ސަލާމް ކޮށްލަމުން ނާހިދާމެން ގެއަށް ދިޔުމަށްޓަކައި އެމީހުންގެ އަމިއްލަ ކާރަށް އެރިއެވެ. ކާރު ދުއްވާލުމާއިއެކު މިފުޒާގެ ހިތުގެ ހިނގުންވެސް އަވަސް ވެގެން ދިޔަފަދައެވެ. ހިތްބާރުބާރަށް ތެޅެން ފަށައިފިއެވެ. އާނކެވެ. ޝަހުފާންއާއި ބައްދަލުވާނެެ ވަގުތު ކުޑަތަންވަނީއެވެ.

ކާރު އޭނގެ އާދައިގެ ދުވެލީގައި ގޮސް މ.ބަގީޗާގޭ ދޮރުމައްޗަށް މަޑުކޮށްލިއެވެ. އެއާއެކު މިފުޒާ ކާރުގެ ދޮރު ހުޅުވުމަށް ދިމާކޮށްލި ވަގުތު ބޭރުގައި ހުރި މީހާ ކާރުގެ ދޮރުހުޅުވައިދިނެވެ. މިފުޒާ ކާރުން ފޭބުމާއިއެކު އެމީހާއާއި ދިމާލަށް ބަލާލިއެވެ. "އައްސަލާމް އަލައިކުމް..މިއީ ޝަހުފާން..މިފުޒާ ދޯ ތީ؟.." ޝަހުފާންގެ އެޖުމުލައާއި އެކު މިފުޒާ މުޅިން ހައިރާންވިއެވެ. އެހާ ރީތި ފިރިހެނެއް މިފުޒާގެ ހަޔާތުގައިވެސް އަދި ނުދެކޭތީއެވެ. އޭނާއަށް ޖާދުވީ ރީތިކަމަކާއި ފުރިހަމަކަމެއް ގުދުރަތުން ދެއްވައިފައިވެއެވެ. އޭނާގެ ކިބައިގައި މިފުޒާގެ ހިތްއެދޭފަދަ ހުރިހާ ސިފަތަކެއް ހުރިފަދައެވެ. މިފުޒާ ފިނިވާންފެށިއެވެ. ހިތުގެ ވިންދު އަވަސްވިއެވެ. އާނކެވެ. މިފުޒާއަށް ފުރަތަމަ ފަހަރަށް ލޯބި ވެވިއްޖެއެވެ. ފުރަތަމަ ނަޒަރުން އޭނާގެ ހިތް ޝަހުފާންއަށް ލެބިއްޖެވެ. މިފުޒާ ލަދުން މޫނު އިސްދަށަށް ޖަހާ، މޫނު ފޮރުވާލަމުން ސަލާމަށް ޖަވާބުދިނެވެ. އޭރު އެމަންޒަރު ބަލަން ޝަހުފާން އާއި މިފުޒާގެ މަންމަ އާއި ބައްޕަ އުފަލުން ދުރުގަތިއްބެވެ.

********

ޝަހުފާންއާއި މިފުޒާގެ ކައިވެނި ކުރެވެއްޖެއެވެ. މިފުޒާގެ ހަޔާތަށް މިހާރު ހީވަނީ އުފާވެރިކަމުގެ ވިއްސާރަ ވިލާގަނޑެއް ބޯމަތިވެފައި އޮތްހެންނެވެ. އެ ވިލާގަނޑުން ވެހެމުންދާ ލޯބީގެ ވާރޭ ތިކިތަކުން އޭނާގެ ހަޔާތަށް އާރޯކަމާއި ތާޒާކަން އަންނަމުންދެއެވެ. ޝަހުފާނުގެ އަޅާލުމާއި އޯގާތެރި ފިރުމުންތަކުގެ ސަބަބުން މިފުޒާގެ މޫނުމަތިން ފެންނަމުންދިޔައީ އުފާވެރިކަމާއި އުޖާލާކަމެވެ. މިފުޒާ އުފަލުގައި އުޅޭތަން ފެނުމުން އެންމެބޮޑު ހިތްހަމަޖެހުމެއް ލިބެމުންދިޔައީ މިފުޒާގެ މަންމައާއި ބައްޕައަށެވެ. ޝަހުފާން ކަހަލަ އޯގާތެރި ކުއްޖެއްގެ ހަޔާތުގެ ބައިވެރިއަކަށް އެމީހުންގެ ދަރިފުޅުވުމުން ހަދީޖާއާއި ރަޝީދު ﷲއަށް ޝުކުރުކުރާ ހާލު އުފަލުގައި ތިއްބެވެ.

އެއްދުވަހެއްގެ ހަވީރުގެ ހިތްގައިމު ވަގުތެވެ. ޝަހުފާން ހުރީ އާދައިގެމަތިން އޭނާގެ ގާތްރަހުމަތްތެރިއެއް ކަމަށްވާ ނިޔާޒުމެންގެ ކޮޓަރީގައި ނިޔާޒުއާއި ވާހަކަދައްކާށެވެ. "ނިޔާ.. މާދަމާ މިފުޒާގެ މަންމައާއި ބައްޕަ އެމީހުންގެ ރަށަށްދާން ފުރާނެ.. އަހަންނަށް މިވިސްނެނީ އޭރުން ދެން މިފުޒާއަށް ވާނެ ގޮތަކާއިމެދު..ކޮންމެ ގޮތެއްވިޔަސް ކުރިން އުޅުނު ގޮތަށް އަހަންނަކަށް ދެނެއް ނޫޅެވޭނެ...އެނގޭނު އެކަން؟" ނިޔާޒު އާއި ކައިރިވެލަމުން ޝަހުފާންބުނެލިއެވެ. ޖަވާބުގައި ބޯޖަހާލަމުން ނިޔާޒު ހިނިތުންވުމަކާއި އެކު އެނދުކައިރީގައި ކޮޅަށްހުރި ޝަހުފާންގެ ގަމީހުގައި ހިފާ އެނދުމައްޗަށް ވައްޓާލިއެވެ.

ހަދީޖާއާއި ރަޝީދު އެމީހުންގެ ރަށަށް ދިޔަތާ އެއްމަސް ފަހެވެ. މިހާރު މިފުޒާގެ މުޅި ދިރިއުޅުންވަނީ އެފުށްމިފުށަށް ޖެހިފައެވެ. ގޮތްނޭނގޭ ތޫފާނެއްގެ ޝިކާރާގައި ޖެހި އޭނާގެ ދިރިއުޅުން ވިއްސިވިހާލިވެގެން ދަނީއެވެ. އޭނާ އުއްމީދު ނުކުރާފަދަ އެތަކެއްކަމެއް އޭނާއަށް ބަރުދާސްތު ކުރަންޖެހިއްޖެއެވެ. ފިރިއެއްގެ ލޯތްބާއި އަޅާލުމުން މިފުޒާ މުޅިން މަހުރޫމް ވާންފަށައިފިއެވެ. އަބަދު ބޭރުގައި އުޅުމަކީ މިހާރު ޝަހުފާންގެ އާދައެވެ. ގެއަށް ވަދެވެއްޖެނަމަ ޝަހުފާން ފެންނަނީ ކޮންމެސްކަމަކާ ހިތާމަ ކުރާތަނެވެ. ވާނުވާ ނޭނގިފައިވާ މިފުޒާއަށް މިކަމުގެ ސަބަބުން ވަނީ ވަަރަށް ފުންއަސަރުތަކެއް ކޮށްފައެވެ. ޝަހުފާންއަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބު ހޯދަން ތަކުރާރުކޮށް އެތަކެއްފަހަރަކު މިފުޒާކުރި މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ.

މިގޮތަށް ދުވަސްތައް ފާއިތުވަމުންދެއެވެ. ޝަހުފާން އިނީ އެނދުމަތީގައި އިށީދެލައިގެންނެވެ. ކޮޓަރިއަށް ވަތް މިފުޒާއަށް ޝަހުފާން ފެނުމާއިއެކު އޭނާއާއި ގާތްވެލިއެވެ. "ޝަހުފާން ހެޔޮނުވާނެ.... ކުރިން ޝަހުފާން އަހަރެންދެކެ ވިލޯބި މިހާރު ނުވަނީތަ؟؟..އަހަރެންގެ ކުށަކީ ކޮބާ؟؟އަހަންނަށް ތިހެންތިހަދަނީ؟؟... މަންމަމެން ފުރިފަހުން ޝަހުފާން އަހަރެން ގައިގައި ބީހިލާފަވެސް ނެތް.. ލޯބިން ވާހަކަވެސް ނުދައްކާ... އަބަދު ތިއުޅެެނީ ނިޔާޒުއޭ ކިޔާ ރައްޓެއްސަކާއިއެކު ބޭރުގައި...ތިހެން ހެދީމަ އަހަރެން ދެރަވާނެ ވަރު ޝަހުފާންއަށް ނޭނގެނީތަ؟ ނޫނީ ޝަހުފާން އަހަރެންދެކެ ލޯބި ނުވަނީތަ؟" މިފުޒާއަށް މިހާހިސާބަށް ބުނެވުނުއިރަށް އަޑުބެދި ލޮލުން ކަރުނަ ހިލޭގޮތްވިއެވެ. ޝަހުފާން މިފުޒާގެ މޫނަށް ބަލާލިއެވެ. "މިފުޒާ....އަހަރެންގެ ހިތަކީ މާކުރިންސުރެ ފުރިފައިވާ ހިތެއް...މިހިތުން އެހެން ފަރާތަކަށް ކުޑަވެސް ޖާގައެއްނެތް" ޝަހުފާން މިހެންބުނުމާއިއެކު އެނދުން ތެދުވެ ބޭރަށް ނިކުތުމަށް ހިނގައިގަތެވެ. ޝަހުފާންގެ އެޖުމުލައިން މިފުޒާއަށް ހުއްޓުންއެރިއެވެ. "ޝަހުފާން އަހަންނާއި ކައިވެނިކުރީ އަހަރެންދެކެ ލޯބި ނުވެބާ؟؟ނޫނީ ޝަހުފާން އެހެން މީހެއްދެކެ ލޯބިވަނީބާ؟.." އެތަކެއް ސުވާލުތަކަކުން މިފުޒާގެ ސިކުނޑި ވަށާލިއެވެ. މިފުޒާ ލަސްތަކެއްނުވެ މިވާހަކަ ނާހިދާ ކައިރީގައި ދައްކަން ބޭނުންވިއެވެ. ޝަހުފާންގެ ހަގީގީ ލޯބިވެރިޔަކީ ކާކުކަން އޮޅުންފިލުވުމުގެ ބޭނުމުގައެވެ. އޭނާއާއި ޝަހުފާން ކައިވެނިކުރީ ޝަހުފާން ބޭނުންވެގެންތޯ ބެލުމަށެވެ. އެހެންނަމަވެސް ނާހިދާގެ ފަރާތުން ލިބުނީ މިފުޒާ އުއްމީދުކޮށްގެން ހުރި ކަހަލަ ޖަވާބެއް ނޫނެވެ. ތިސުވާލަށް ދޭނެ ޖަވާބެއް ނެތްކަމަށާއި ދެންއިތުރަށް ތި ސުވާލު ކޮށްގެންނުވާނެ ކަމަށްބުނެ ނާާހިދާ މިފުޒާގެ އަނގަބަންދުކުުރިއެވެ. އެދުވަހު މިފުޒާ އެތައް އިރެއް ވަންދެން ރުއެވެ. ކޮންމެވެސް ކަންތައްގަނޑެއް މިފުޒާއަށް ނޭނގި ވަމުންދާކަން އޭނާއަށް ޔަގީންކުރެވެން ފެށުނެވެ.

ދުވާލުގެ ދަންފަޅި ނިމި ރޭނގަޑުގެ ދަންފަޅި ފެށުނުތަނާހެން ޝަހުފާން އައިސް ކޮޓަރިއަށްް ވަނެއެވެ. އޭރު ކޮޓަރީގެ ކަނެއްގައި އިސްދަށަށް ޖަހައިގެން މިފުޒާ ރޯންއިންތަން ފެނުމުން ޝަހުފާން މިފުޒާާ އާއި ކައިރިވެލިއެވެ. އެހިނދު މިފުޒާ މަޑުމަޑުން އޭނާގެ އިސްނަގާ ޝަހުފާންއާއި ދިމާލަށް ބަލާލަމުން ވަރަށް ހިތްވަރުކޮށްފައި ޝަހުފާން ލޯބިވަނީ ކޮންއަންހެން ކުއްޖެއްދެކެތޯ އެހިއެވެ. މިފުޒާާގެ ސުވާާލާއެކު ޝަހުފާން މިފުޒާގެ ކައިރީގައި އިށީނެވެ. "މިފުޒާ...އަހަރެން މިހާތަނަށް އެއްވެސް އަންހެންކުއްޖެއް ދެކެ ލޯތްބެއްނުވަން... ކުޑަކޮށްވެސް އަންހެނަކާ ދޭތެރޭ މިހިތުގައި ހަމުދަރުދީގެ ކުލުނެއް އޮތް ހަމައެކަނި މީހަކީ މިފުޒާ...މިފުޒާ އަށް ވަރަށް އަވަހަށް ހުރިހާކަމެއްގެ ހަގީގަތް އަހަރެން އަންގާނަން.. މިފުޒާ ފަދަ ކުށެއްނެތް ކުއްޖަކަށް ތިލިބެނީ ހައްގުނޫން އަދަބެއް.." ޝަހުފާާން މިހެެންބުނެ ނިދަން އޮށޯތުމަށް ހިނގައިގަތެވެ. މިފުޒާއަށްވެސް ޝަހުފާނުގެ ވާހަކަތަކާމެދު ވިސްނަަން އޮތްވާ ނިދިއްޖެއެވެ.

ކުއްލިއަކަށް މިފުޒާއަށް ހޭލެވުނީ ކޮޓަރީގެ ދޮރު މަޑުމަޑުން ފޭވަންފެށުމުންނެވެ. އެއްވެސް އަޑެއްބަޑެއް ނީވެއެވެ. އިސާހިތަކު ދޮރު އެއްކޮށް ހުޅުވެއްޖެއެވެ. އެއާއިއެކު ކާކުކަން ނޭނގޭ މީހަކު ނިދާބޮކީގެ ފަޑު އަލިީގެ ތެރެއިން ޝަހުފާން އޮތް އެނދާއި ދިމާލަށް ގުދުވެލިއެވެ. އެވަގުތު ޝަހުފާން އެދުންތެދުވެ އެމީހާގެ އަތުހިފަމުން ކޮޓަރިން ނިކުތެވެ. މިފުޒާ މަޑުމަޑުން އެދުންތެދުވެ ބެލްކަނިން ބޭރު ބަލާލިއިރު ޝަހުފާން އެމީހަކާއިއެކު ސައިކަލަށް އަރާ ނައްޓާލަނީއެވެ."ނިޔާޒު؟މިގަނޑީގައި...؟؟އަނެއްކާ ކީއްކުރަންބާ؟؟؟؟" މިފުޒާއަށް ހިތާހިތާ ކިޔާލެވުނެވެ. އެދުވަހުގެ މެންދުރު ވީއިރުވެސް ޝަހުފާނެއްނައެވެ. މިފުޒާ ރޭގަވީ ކަންތަކުގެ ވާހަކަ ނާހިދާއަށް ކިޔައިދިނުމުން މިފުޒާ ހާސްވެފަހުރިވަރު ނާހިދާއަށް އެނގުުނެވެ. އެހެންކަމުން ނާހިދާ ހިނިގަޑަކާއިއެކު އެކުދިން ރޭގައި ވިޔަފާރީގެ ހިސާބުތައް ނިންމަން ވަރަށް ބުރަކޮށް އުޅޭނެ ވާހަކަ ޝަހުފާން ބުނެފައިވާކަމަށް ބުންޏެވެ.

ގަނޑިން ހަވީރު 5 ޖަހަނީއެވެ. މިފުޒާ ބޭރުން ގެއަށް އައިސް ކޮޓަރިއަށް ވަންނަން ދިމާކޮށްލިވަގުތު މިފުޒާގެ ފިޔަވަޅުތަކަށް ހުއްޓުންއެރިއެވެ. "އަހަރެން ވަރަށް ލޯބިވޭޭ...އާދެބަލަ ކައިރިއަށް ލޯބިކޮށްލަން.." ޝަހުފާން ވާހަކަ ދައްކަމުން ދިޔައީ ފޯނުންނެވެ. ޝަހުފާންގެ އެޖުމުލައާއިިއެކު މިފުޒާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް އޭނާގެ ކޯތާފަތްމައްޗަށް ބަންޑުންވިއެވެ. މިފުޒާގެ ލޮލުން ކަރުނަ ފޮހެމުން އަވަސްއަވަހަށް އޭނާ ގެއިންނިކުތެވެ. އެއާއިއެކު އޭނާއަށް ހަމަރަގަނޅަށްވެސް ރޮވިއްޖެއެވެ. އެފަކީރުގެ އެތެރެހަށި ހީވަނީ ވިރިވިރިގެން ފައިބާންފާނެހެންނެވެ. "ޝަހުފާން އަކީ ކޮންފަދަ ބޮޑު ދޮގުވެރިއެއް...ޝަހުފާން އަހަރެންކައިރީ ލޯބިވާ އަންހެން ކުއްޖެއްނެތް ކަމަށް ބުނެ އޮޅުވާލީ...މަކަރު ހެދީ.." މިފުޒާ ރޮމުން އޭނާގެ ޝަކުވާތައް އަމިއްލައަށް ބޭރުކުރަމުން ގެންދިޔައެވެ.

ރަސްފަންނުގައި އެކަނިވެރިކަމާއިއެކު ދެރަވެފައި އިން މިފުޒާާއަށް ފޯނަށް ބަލާލެވުނީ ފޯނު ރިންގުވާން ފެށުމުންނެވެ. އޭރު ޝަހުފާން ގުޅަމުންދަަނީއެވެ. މިފުޒާާ ފޯޯނުނެގުމުން އަވަސްވީގޮތަކަށް ގެއަށް އައިސްދިނުމަށް ޝަހުފާން އެދުނެވެ. ފިރިމީހާއަށް ކިޔަމެންތެރިވުމުގެ ގޮތުން މިފުޒާގެ ލޮލުންފައިބަމުންދިޔަ ކަރުނަތައް އޭނާގެ އަތުގެ ނުފުށުން ފޮހެލަމުން ގެއަށް ދިޔުމަށްޓަކައި ހިނގައިގަތެވެ.

މިފުޒާ ގެއަށް ވަދެ ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު އޭނާގެ ދެލޯ ތަންމިނަށް ބޮޑުވެގެންދިޔައެވެ. ހީވީ މީހަކު އޭނާގެ ބޮލުގައި ބާރު އެތިފަހަރެއް އަޅާލިހެންނެވެ. ފެނުނު މަންޒަރުން ހޮޑު ނުލެވުނީ ހަމަ ކިރިޔާއެވެ. މިފުޒާ ޝަހުފާން އޭ ކިޔާ ވަރަށް ބާރަށް ހަޅޭލަވައިގަތެވެ. އޭރު ޝަަހުފާން އާއި ނިޔާޒު ގަޔަށް އެއްވެސް އެއްޗެއް ނުލާ ﷲ ހަރާމްކުރެއްވި ބޮޑު ފާފައަކަށް އަރައިގަންނަމުން ދިޔައެވެ. މިފުޒާގެ ހަޅޭކުގެ އަޑަށް ނިދާފަ ތިބި ޝަހުފާންގެ މަންމަ އާއި ބައްޕަވެސް މިފުޒާމެން އުޅޭ ކޮޓަރިއާއި ދިމާލަށް އަތުވެއްޖެއެވެ. އޭރު ނިޔާޒު ގަމީސް ކޮޑުމައްޗައް ވައްޓާލަމުން ބާރުހިނގުމެއްގައި ނާހިދާމެން ކުރިމަތިންލާފައި އެގެއިން ނިކުތެވެ. ޝަހުފާން ލައިގެން ހުރި ސޯޓު ހެޔޮވަރުކޮށްލަމުން މިފުޒާމެން ކައިރިއަށް އައެވެ. އޭރު މިފުޒާގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާއަށް ރުޅިވެރިކަމެވެ.

"މިއީ އަހަރެންގެ އަސްލު...އަހަރެންގެ ހަގީގަތް...އަހަރެން ދުވަހަކުވެސް މިފުޒާއަކަށް ދޮގެއް ނަހަދަން...އަހަރެން ލޯބިވަނީ ނިޔާޒުދެކެ...އަހަރެން ކުޑައިރުއްސުރެ އޭނާއާއި އެގުޅުން އޮވޭ...މިއީ އަހަރެންގެ މައިންބަފައިންނަށް އެނގިގެން އަހަރެން ކުރާކަމެއް... އެކަމަކު އަހަރެން މީހަކާ ނީންނާތީ އަދި އެެކަމަށް ގަބޫލު ނުވާތީ...އާއިލާގެ އަގު ހިފަހައްޓަން މީހުން ކިޔާފާނެ އެއްޗަކަށް ބަލާފައި...އަހަރެންގެ ނުރުހުމުގައި ގަދަބާރު ބޭނުންކޮށްގެން މިފުޒާއާއި އަހަރެންގެ ކައިވެނި ކުރުވީ...މިފުޒާގެ މަންމަމެންގެ ލޮލުގައި އަދުންއެޅުވުމަށް އަހަންނަށް މިފުޒާއާއި ގުޅިގެން އޭރު އުޅެން މަޖުބޫރުވީ....އަހަންނަށް ގޮތް ހުސްވީ...އަހަރެން ކުރި ހިތާމަތަކަކީ މިފުޒާއަށް ވާނެ ގޮތަކާއި މެދު ވިސްނާފައި ކުރި ހިތާމަތަކެއް...މިފުޒާގެ ކުށެއްނެތި މިފުޒާގެ ލޮލުން އޮހުރުނު ކޮންމެ ކަރުނަތިއްކަކުން އަހަރެންގެ ހިތުގައި މިފުޒާއަށް ހަމުދަރުދީ އުފެދުނު... ކޮންމެ ގޮތެއްވިޔަސް މިފުޒާއަށް ލޯބި ދިނުންވީ އަހަންނަށް ކުރަން އުދަނގޫވި ކަމަކަށް... އެހެންވެ އަހަރެން ބޭނުންވީ އަހަރެންގެ ހަގީގަތް މިފުޒާއަށް ހާމަކުރަން...މިފުޒާ މިވޭނުން ސަލާމަތްކުރަން... އެގޮތުގެމަތިން އަހަރެން ރޭގަ ނިޔާޒު ގެއަށް ވެއްދީ... ރޭގަވެސް އަހަރެން އޭނަޔާއިއެކު އެކަންތައް ކުރިން.....އަދި މި މަންޒަރު ދައްކަން މިފުޒާ މިރޭ މިތަނަށް މި ގެނައީ.....މިހާރު މިފުޒާއަށް އަހަންނަކީ ކޮންކަހަލަ މީހެއްކަން ރަނގަޅަށް އެނގޭނެ...އަދި މިފުޒާވެސް މިހާރު އަހަންނާއިއެކު އުޅޭކަށް ބޭނުމެއް ނުވާނެ...އެހެންވީމަ.... އެހެންވީމާ....މިފުޒާ މިއަދުން ފެށިގެން ތިހުރީ ވަރިކޮށްފަ...." ޝަހުފާންގެ ވާހަކަ މިހާހިސާބަށް ދިޔުމާއިއެކު މިފުޒާ އަނގަމަތީ އަތްއަޅާ ރޮމުން އެގެއިން ނިކުތުމަށް ދުއްވައިގަތެވެ. ޝަހުފާންގެ ބައްޕަ އަތުގެ ހުރި ބާރެއް ލަމުން ޝަހުފާންގެ މޫނުމަތީގައި ޖަހާލުމަށްފަހު އެތަނުންދިޔައެވެ. "ކަލޭ މި މުޅި އާއިލާގެ އަގުވައްޓާލައިފި" ކޮޓަރީގެ ދޮރު ވަރަށް ބާރަށް ޖަހަމުން ނާހިދާ ކޮޓަރިއަށް ވަނެވެ. އޭރު ފެންކަޅިވެފައިވާ ޝަހުފާން އޭނާގެ ކޮޓަރީގެ ދޮރުމަތީގައި ހުއްޓިލައިގެން ހުއްޓެވެ.

އާދުވަހަކަށް މ.ނާލާފުއްޓަށް އިރު މަރުހަބާ ކިޔައިފިއެވެ. އާދައިގެމަތިން ހަދީޖާ އިލޮށިފަތި ހިފައިގެން ނިކުތީ އޭނާގެ ގޭގެ އިމާއި ގުޅިފައިވާ މަގުތައް ކުނިކަހާ ސާފުކުރުމަށެވެ. އިލޮށިފަތި ބިންމަތީގައި ކާތާލުމާއިއެކު ހަދީޖާއަށް ސިހިފައި ކުރިމައްޗަށް ބަލާލެވުނީ މަންމާއޭ ކިޔާާ ގޮވާލިއަޑަށެވެ. އޭރު ކުރީމަތީގައި އޭނާގެ ދަރިފުޅު މިފުޒާ ހުއްޓެވެ. "މަންމާ" މިފުޒާ އަނެއްކާވެސް އޭނާގެ މަންމަައަށް ގޮވާލިއެވެ. އޭރު މިފުޒާގެ އަޑުހީވަނީ ފިސްފިސްވެގެން ދަނީހެންނެވެ. އޭރު އެތަނަށް ރަޝީދުވެސް އަތުވެއްޖެއެވެ. ހަދީޖާގޮސް މިފުޒާގައިގައި ދަރިފުޅާ އޭ ކިޔާ ބައްދާލިއެވެ. އެއާއެކު މިފުޒާގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. އަދި ކަންތައްވީގޮތް މިފުޒާ ކިޔައިދޭންފެށިއެވެ. ދަރިފުޅުގެ ދިރިއުޅުން ބާއްޖަވެރިކުރަން އެޅި ފިޔަވަޅުން އެދަރިފުޅުގެ ދިރިއުޅުން ނަރަކައަކަށް ވެގެންދިޔަގޮތް ހަދީޖާއާއި ރަޝީދު އެހީ ނުހަނު ފުން ހިތާމަޔާއި އަސަރާއިއެކުގައެވެ. އަދި ނާހިދާމެން ދެކެ އިންތިހާއަށް ރުޅިވެސްއައެވެ.

ރަޝީދު ލަސްނުކޮށް މައްސަލަ ފުލުހަށް ހުށައެޅިއެވެ. އަދި ޝަހުފާންއާއި ނިޔާޒަށް އެއްޖިންސުން ގުޅުންހިންގިކަން ސާބިތުވެ އެމީހުންގެ މައްޗަށް 15 އަހަރުދުވަހުގެ ޖަލުހުކުމެއް އައެވެ. ޝަހުފާންގެ މަންމައާއި ބައްޕަ އެކަން ސިއްރުކުރުމުން އެމީހުންނަށްވެސް އޭގެ ހައްގު އަދަބު ލިބުނެވެ. މިފުޒާ މިހާރު ބޭނުންވަނީ ﷲއަށް ބިރުވެތިނުވެ އެފަދަ ބޮޑުފާފައަކަށް އަރައިގަތް ޝަހުފާންގެ މަތިން ހަނދާންނައްތާލާންށެވެ. އަދި ކަލަކުވާކަން ދަނެ އެކަލާގެއަށް ބިރުވެތިވާ ސޯލިހު ފިރިއަކާއިއެކު ހަޔާތުގެ ބާކީބައި އުފަލުގައި ހޭދަކޮށްލާންށެވެ.

 

 

ކޮމެންޓް 0