0

އަހަރެން މީނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރުވީ ކައިވެނި ކުރާނެ ތަނަކާއި ކުރާނެ ދުވަހަކާއި ދަރިޔަކު ލިބުމުން ކިޔާނެ ނަމާކާ ދޭތެރޭ އަހަންނާ އަސްމާ އާއި ވާހަކަ ދައްކާފައި ވަނިކޮށެވެ. އެ ވާހަކަތައް ދައްކާ ގޮތެއް ނިންމަން ޖެހުނީ އަސްމާ ވަރަށް ބޮޑަށް ބަލިވާން ފެށުމުންނެވެ. އަސްމާ ބުނާ ގޮތުން ބަލީ އަސްލަކީ އަހަންނެވެ. އަހަރެން ކުރާ ސަމާސާ އެވެ. މިހާރު އަހަންނަށް ވިސްނެ އެވެ. އެހެން ހަމަ ވެދާނެ އެވެ. އެކަމަކު އޭރު އަހަރެން އެކަހަލަ ސަމާސާ ކުރަނީ ހަމަ ލޯބިންނެވެ. އެކި މީހުން ލޯބިދޭ ގޮތް ތަފާތު ވެދާނެ ނޫން ހެއްޔެވެ؟ ލޯބިން އަހަންނަށް ކުރެވެމުން ދިޔައީ މުޅިން ތަފާތު ކަމެކެވެ. އަބަދުވެސް އަސްމާ ބިރުގެންނެވެނީ އެވެ. އަސްމާ ގާތުގައި ގަބުރުގެ ވާހަކަ ދެއްކެނީ އެވެ. ހަމަ ކޮންމެ ވަގުތެއްގައިވެސް އަހަރެން އެހެން ހަދަމެވެ. ރޭގަނޑު ތަތްވާން ލިބޭ ވަގުތުކޮޅުގައި ވެސް ޖެހިފިތިގެން އިންނާކަށް އަހަންނެއް ނޫޅެމެވެ. މީހަކު ނެތިއްޔާ އަހަރެން ހަދާ ގޮތަކީ ގަބުރަކަށް ވެގެން އަސްމާ ބިރުގަންނަވަނީ އެވެ. ކަނދުރާއަށް ދޮންދޭ ކަމަށް ހަދާފައި އަޑު ލައްވަމުން ލޭ ބޮއިލަނީ ކަމަށް ބުނަނީ އެވެ. ފޯނުން ބައްދަލުވިޔަސް އަހަރެން އުޅުނީ އެހެނެވެ. ފޭސްބުކްގަ ވެސް އެ ގޮތެވެ. މިތާނގައި ދަނގަޑުން އަތް ބަނދެފައި އަހަރެން ބައިންދާފައި މިއިނީ އަސްމާގެ މަރުގެ ތުހުމަތަށެވެ. އެއީ އަހަރެންގެ ލޯބިވެރިޔާ އެވެ. އަހަރެން އަސްމާ މަރައެއް ނުލަމެވެ. ނަމަވެސް އަސްމާ މަރުމުގެ ސަބަބަކީ އަހަރެން ކަމަށް ވެދާނެ އެވެ.
***
"އިނގޭތަ ސަހަރާގައި ވަޅުލާފައި އޮތް ގަބުރެއް ތެދުވެއްޖެ އެއްނު. މުޅިން ކުނިނުވެ ފުޅަ އަޅާފައިވާ ގަބުރު ފެނުނު މީހުން ބުނަނީ އޭތި އުޅެނީ ސަހަރާގެ ނިކަ ގަހުގެ ތެރޭގައި ކަމަށް،" 
"އައްޗީޑި ޝާޑް! " ފޭސް ބުކްގައި ޗެޓް ކުރަމުން ގޮސް ޝާހިދު ބުނި އެއްޗަކަށް އަސްމާ ޖަވާބު ދިނެވެ. ހަގީގަތުގައި ގަބުރެއް ތެދުވީއެއްވެސް ނޫނެވެ. ޝާހިދުގެ ފާޑެވެ. ސަމާސާ އެވެ. ލޯބިން ބިރުގަންނަވަނީ އެވެ.
"ހެޔޮ ދެން ނޫޅެން ވާހަކަ ދައްކާކަށް ޝާޑު ތިހެން ބިރުގަންނަވާ ވަރުން ކޮންމެ ރެއަކު އަހަރެން ބެލިވޭ، ނުވެސް ނިދޭ ނިދިއްޖެއްޔާ ބިރުވެރި ހުވަފެން ފެނޭ... ދެން ގްޑް ނައިޓް!" އަސްމާ ލިޔުނެވެ.

"އާނ، އާން ދޭދޭ، ނައިޓްމެއާ ފެންނާނެ،" ޖަވާބުގައި ޝާހިދު ވެސް ލިޔެލި އެވެ. " އަދި އެނގޭތަ؟ ގަބުރު އަރާ ފުރަތަމަ ކުނި ދޫ ކާތަން ފަށާނީ އަސްމާގެ ދޮން ކަނދުރާގަ..." ޝާހިދު ފޮނުވި ޖަވާބުގެ އެއްބައި އަސްމާއަށް ކިޔުނެވެ. އެކަމަކު އަވަސް އަވަހަށް ލޮގު އައުޓްކޮށްލީ އެވެ. ބޭނުންވީ ބިރުން ސަލާމަތްވެގެން ގޮސް ނިދާށެވެ. އަސްމާ ގަޑި ބަލައިލި އެވެ. އެއްގަޑި ބައި ވަނީ އެވެ. 

ނައިޓް މެއާ! ޝާހިދުގެ ފަހު ޖުމްލަ ހިތަށް އެރުމުން އަސްމާގެ ހިތް ބާރަށް ތެޅިގަތެވެ. ވަށައިގެން ހޯދައިލެވުނެވެ. ގޭގެ ޖާލިތަކުގެ ތެރެއިން ފުރޭނި، ގޭތެރޭގެ ފަނޑު އަލިކަމުގެ ތެރެއަށް ފަބައިފައިވާ ރަތް އަލި ހިޔަންޏަކަށް ވެގެން އައިސް ގަތް އަރައިގެނެ ރޮލައި ކައިފާނެހެން އިހުސާސް ކުރެވުނެވެ. އަސްމާ ދެލޯ މަރައިގެން ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ހީވީ ފައިދަށުން ބިންގަނޑު ދެމިގަނެގެން ދާން އުޅުނު ހެނެވެ. ދޮރު ހުޅުވައިލުމާއެކު ރަތް އަލި މޫނަށް އެޅުނެވެ. ދެން ވީ ގޮތެއް ނޭނގި އަސްމާ އަރި އަޅާލައިފި އެވެ. އެންމެ ފަހުން ގަތް ކުރުކުރު ހުދު ސްކާޓް ދޮރުކަނީގެ ތަޅުފަތުގައި އަޅައިގަތުމަށް ފަހު ރާސްލާފައި އިރައިގެން ގޮސް ބަނޑުވަތަށް ވެއްޓިއްޖެ އެވެ. ފައިގައި ޒަހަމެއް ލައިފި އެވެ. އަސްމާގެ ދެފައި އޮތީ ކޮޓަރިން ބޭރުގަ އެވެ. ހަޅޭއް ލަވައިގަންނަން އަނގަ ހުޅުވައިލި އެވެ. ހަރަކާތް ނެތުމުން ދޫ ހަލުވައެއް ނުލެވުނެވެ. އިޝާރާތް ކުރަން ބޭނުންވި އެވެ. އެކަމެއް ވެސް ނުވި އެވެ. 

ފޮތްތަކާއި ސީޑީތައް އެގޮތް މިގޮތަށް އުކާލާފައިވާ ތަރުތީބެއް ނެތް ކޮޓަރީގެ ދޮރުތެރެއަށް ވެއްޓިފައި އޮތް އަސްމާ މަޑުމަޑުމަޑުން ބޯ އުފުލައިލެވުނީ އިރުކޮޅެއް ފަހުންނެވެ. ކަޅި ހުއްޓުނީ ތަޅުން މަތީގައި އޮތް ވާހަކަ ފޮތަށެވެ. ފޮތުގެ ގަނޑުތައް ފަންކާގެ ވަޔާއެކު ރޫޅި އުކެމުން ދިޔަ އެވެ. 

އަރިމަތިން އިރައިގެން ގޮސްފައިވާ ސްކާޓް ތިރިއަށް ދަމަމުން އަސްމާ ތެދުވިއިރު އެހެން ކަމެއް ހަނދާން ހުރިހެނެއް ހީއެއް ނުވެއެވެ. ދުވެފައި ގޮސް އެނދުމައްޗަށް ވެއްޓިގަތީ އެވެ. 
"އައްދޯއި" ބުރަކަށި ދަށުން އިންޗިއެއްހާ ބޯ ފޮތެއް ދަމައި ގަތުމަށް ފަހު އަސްމާ މޫނު ވަތަށް އޮށޯތެވެ. ބާލީހުގެ ތެރޭގައި މޫނު ވަޅުލައި ފިއްތާލައިގެން ކަންފަތުގައި އަތް އެޅި އެވެ. އަސްމާއަށް ހަމަ ހީވަނީ އެވެ. ކުނިވެފައިވާ ގަބުރެއް އަރައިގެން އައިސް ގަގައި ދޫލާނެ އެވެ. އޭތީގެ ހިތް ފުރުމުން ކަނދުރާ މަތިން ވައި ނޮޅީގެ ތެރެއަށް ތޫނު ދަތްތައް ވައްދާލައި ލޭ ބޯން ފަށާނެ އެވެ. ލޭ ހުސްވުމުން މަސްގަނޑު ރޮލާ ކައިގެން އަވަހަށް ހިނގައިދާނެ އެވެ. އެ ހިޔާލުގައި އޮވެ އަސްމާއަށް ގިސްލެވެމުން ދިޔަ އެވެ. ކުއްލި ކުއްލިއަށް ސިހެން ފަށައިފި އެވެ. އަސްމާގެ ލޯ މެރި، ނިދުނީ ވަރަށް ބޮޑަށް ރޫރޫ އެޅުމަށް ފަހު އެވެ. 

ފުރަތަމަ އަންނަން ފެށި ގަނދަކޯޅި މަލުގެ ވަހެވެ. އޭގެ ފަހުން ވަސް ބަދަލުވަމުން ދިޔައީ ނުބައި ކުނިވަހަށެވެ. އެނދުމަތީގައި އޯކަށް ދެމިދެމި އޮތް އަސްމާގެ ދެ ލޯ ބޮޑުވެ ބުމައިގައި ގޮށް ޖެހެމުން ދިޔައެވެ. ތަޅުން މަތި ވަނީ ކުނިވެފައިވާ ލޭގެ ކޯރަކަށް ބަދަލުވެފަ އެވެ. ލޭތަކުގެ ތެރެއިން ބޮކި ޖަހަމުން ދެ އެވެ. ނުބައި ވަހުގެ ރޯޅިފަށް ގަދަކުރާ ވަރަކަށް ލޭގަނޑުގެ ތެރޭގައި ބާނި އުފެދި ބޮކިތައް ބޮޑެތިވެ ފަޅަފަލައިގެން ދެ އެވެ. އަސްމާގެ އަތް ހަރަކާްތް ކުރަން ފެށި އެވެ. ފޯވެ ހިރުވަމުންދާ ކަނދުރާގައި އަތްތިލަ ބީއްސާލި އެވެ. ފުޅަތައް ދުވަމުން ދިޔައިރު ކަނދުރަމަތިން މޭ މައްޗާ ދިމާއަށެވެ. ކުނި ލޭގެ ރޮނގެއް މޭ މައްޗަށް ފައިބަނީ އެވެ. 

އެނދުމަތީގައި އަސްމާ ތެޅެމުން ދިޔައީ ތައްޓުމަތީގައި ތެޅޭ ރޯ މަހެއް ހެނެވެ. އެ ތެޅުމާ އެއްވަރަށް ތަޅުންމަތީގައިވާ ލޭގަނޑުގެ ބޮކިތަކުން ބަޑި ޖަހަމުންމް ދެއެވެ. ކުނިލެއިން ޗަކަވެފައިވާ އެނދުމަތީގައި އަސްމާ ހިމޭންވި އިރުވެސް ފޮޅުތައް ކަންނެތް ކަމާއެކު ކަނދުރާމަތީގައި ފިރުކެމުން ދެއެވެ. 

ދެން އިވުނީ އަޑެކެވެ. ބަން ކިޔާފަ އެވެ. އަސްމާގެ އަޑު ބޭރެއް ނުވެއެވެ. ހީވަނީ މޭ ފާޅާލާފައި ހިތް ފުންމައިލަން އުޅެނީ ހެނެވެ. އެކަމަކު އެ ބިރުވެރި ކަމުގެ ތެރެއިން ނުކުމެގެން ދުރާދާކަށް އަސްމާ ނުޅޭ އެވެ. ހަމަ ލޯ ހުޅުވާލައިގެން އެނދުމަތީގައި އޮތީ އެވެ. ފުޅަތަކުގެ ކާނާއަކަށް ވެގެނެވެ. 

ކުނިވެފައިވާ ލޭ ގަނޑުގެ ތެރޭގައި އަސްމާ ހިނގަން ފަށައިފި އެވެ. އެއާއެކު ކޮޓަރީގެ ތެރެއަށް ގަދަފަދަ އައްޔެއް ފާންވެ އަސްމާ ވަށައިގެން ރެދަން ލައި ދުވާން ފެށި އެވެ. ފިޔަވަޅު އަޅަމުން ދިޔައެވެ. އެ އަލީގަ އެވެ. ދޮރު ހުޅުވާލި އެވެ. ބޭރަށް ނުކުތެވެ. މަޑުމަޑުން ވެއްޓެމުން ދިޔަ ވާރޭ ތިކިތަކުގެ ތެރެއިންނެވެ. އަސްމާއަށް ދެވުނީ ސަހަރާ އަށެވެ. ތޫނު ރެދަން އަލިގަނޑު ސަހަރާގެ ދޮރުތެރެއަށް ވައި ރޯޅިއެއްހެން ދެމިގަތުމާއެކު ގަބުރު ރައްކާކުރާ ކޮށާރުގެ ދޮރުމަތީގައި ރުލެއް ނެރި އަސްމާ އޮށޯވެއްޖެ އެވެ. އަސްމާ އޮށޯތުމާއެކު ވަތްގަނޑުލީ ދަގަނޑު ކޮށާރު ކައިރީ ދިއްލާފައިވާ ބައްތިން ފަތުރާލާފައިވާ ސޯޑިއަމް އާވި މަޑުމަޑުން ފަނޑުވަމުން ފަނޑުވަމުން ގޮސް މަހާނަ ގާތަކުގެ ތެރެއަށް ހިނދި ކަޅުފޮއިގެ ރަސްކަމުގެ ތެރެއަށް ގަބުރުސްތާނު ގެންދިޔަ އެވެ. އަސްމާ ލޯ މަރައިލައޮގެން އޮތެވެ. ރުލެހެން ދެމިގެނެވެ. ރުހިގެނެވެ.

ކޮށާރާ ދިމާއަށް ވާގޮތަށް ހުރި ނިކަ ގަހުގެ ތެރޭގައި ހެލުވުމަކާއި އަޑުތަކެއް އުފެދުމަށްފަހު ވައިރޯޅި އަންނަން ފެށީ މާ މައްޗަކުންނެވެ. ގޮފިތަށް ހަލުވާލާލައި ފަތްތައް އުކާލައިލި އެވެ. ދުރަށް ފެތުރިފައިވާ މަހާނަތަކުގެ ތެރެއަށް ކުނިތަކާއި ފަތްތައް ބުރުއްސައިލި އެވެ. އެ ހުރިހާން ފަތްތަކެއް އެނބުރެމުން އެނބުރެމުން އައިސް އަސްމާގެ ވަށައިގެން ހިމޭވަމުން ދިޔަ އެވެ. 
ދެން އިވުނީ ރުއިމަކާ ހޭރުމެއްގެ އަޑެވެ، އެއަޑާއެކު ވައި ރޯޅި ދުވަން ފެށީ ސަހަރާގެ ގަނދަކޯޅި ގަސްތަކާ ދިމާއަށެވެ. އެތަނގެ ޗަސް ބިމުގެ ތެރޭގައި ހުރި ބިޔަ ނިކަ ގަސް ލެނބެމުން ގޮސް ގޮފިތައް އެކީ އެކަށް ގަނދަކޯޅި ގަސްތަކުގެ ތެރެއަށް ތިރިވެއްޖެ އެވެ. ނިކަ ގަހުގެ އެއް ފަރާތުގައި ހުރި މަހާނަ ގަލެއްގައިވާ ލޯ ފޮތިން ނުކުތް ތޫނު އަލީގެ ދޯދިތައް ފާޒާގެ ތެރެއަށް އަރައި އޮބުމަށް ފަހު ލެނބިގެން އައިސް މާހަނާގައިގެ ތެރެއަށް ތޮރުފިގަތެވެ. ހީވީ ސަހަރާގެ ބިންގަނޑު އިރައިލި ހެނެވެ. ދެން އިވުނީ އަނެއްވާސް ރުއިމެއްގެ އަޑެވެ. 

ވަޅުގަނޑެއްހެން ހުރި މަހާނައިގެ މެދުން ފޭވެފައިވާ ފަސްގަނޑުގެ ތެރެއިން ގަބުރެއް ތެދުވަން ފަށައިފި އެވެ. ކުނިވެ ފުޅަ އަޅާފައިވާ މީހެކެވެ. ކިސަޑު ވެއްޔާ ތަތް ތެޅިފައިވާ ގަބުރުގެ ބޮލުގައި ބޮޑެތި ފާރުގަނޑު ހެދިފައި ހުއްޓެވެ. ލާފައި ވަނީ ދިރޭ ރަހައިގެން ވިދުން ހުރި ދޮހެކެވެ. ގުދު ލައްވަމުން ފިރުކެމުން ދިޔައީ ބޮޑެތި ފުޅަ އެވެ. އެ ގަބުރުގެ ލޯ ހީވަނީ ކޮނެގެން ނަގާފައިވާ ހެނެވެ. ކަންފަތާ ހަމައަށް ފަލައިގެން ގޮސްފައިވާ އަނގައި ތެރޭގައި އެކިވަރުގެ ދަތް ހުއްޓެވެ. ބޭރަށް ވެއްޓިފައިވާ ދުލުގައި ނާރުތައް ވަނީ ފުފިފަ އެވެ. ދެމިޔަކުނުން ފައިބައި ދަވަގަނޑު އޮހެމުން ދަނީ ބައި މައްޗަށެވެ. އަރައިގެން އަންނަ ވަހުން ނޯއް ދަމާލަން ނުކެރެ އެވެ. 

ސަހަރާގެ ތެރޭގައި އޮށޯވެން އޮތް އަސްމާގެ ވަށައިގެން ފުނިޖެހިފައިވާ ފަތްތަކުގެ ތެރެއިން ލޭ ބޮކިތައް ކެކެން ފެށުމާއެކު ލޯ ހުޅުވައިލި އެވެ. ވިދުވަރު އަސްމާގެ ވަށައިގެން އެބުރި ގަތް ވަގުތު ގަބުރު ދެ އަތް ފުޅާކޮށް އަސްމާއާ ދިމާއަށް ގެންދަން ފެށި އެވެ. އަސްމާ ހަމަ އޮތީ އެވެ. ތެދުކުރަން ދެނެވެ. ކުޑައިރުކޮޅެއް ގެ ތެރޭގައި ކުނި ވެފައިވާ ދެ އެ އަތް އަސްމާގެ ހަށިގަނޑުގައި ވަށައިލި އެވެ. ކުނިވެފައިވާ ގަބުރުގެ މޭމަތީގައި އަސްމާ ފިތެމުން ދިޔަ އެވެ. ހެދުމުގެ މޭ މަތިން އިރާލައި އޮލަވެފައިވާ ދޫ ގެންދަން ފަށައިފި އެވެ. އަސްމާ ވެސް ދިޔައީ ލެނބެމުންނެވެ. އިރުކޮޅެއް ނުވަނީސް ދަތްތައް އަސްމާގެ ކަނދުރާ ތެރެއަށް ވައްދާ ހުސްކޮށްލައިފި އެވެ. 

"މަންމާ... މަންމާ!" ނިދާފައި އޮތް އަސްމާ ފުންމާއިގެން ތެދުވެއްޖެ އެވެ. އެކަމަކު އިތުރު އެއްވެސް އެއްޗެއް ނުބުނެވުނެވެ. ފެނުނު ބިރުވެރި ހުވަފެނުން ހޭލެވިފައި އޮތަސް އަސްމާގެ ހަށިގަނޑު މަޑުމަޑުން އެނދުމައްޗަށް ތިރިވެ މުޅިން ވެއްޓިއްޖެ އެވެ. އެތެރެ ހަށީގެ ނިޒާމުގެ ގުޅުން ސިކުނޑިއާ ކެނޑި ހަރަކާތް ހުއްޓިއްޖެ އެވެ. އެސްފިޔތަށް އެލިއްޖެ އެވެ. ލޯ ރީއްޗަށް މެރިއްޖެ އެވެ. އެ ހަށިގަނޑުގެ ތެރޭގައި އޮތުމުގެ ބޭނުން ކެނޑުމުން ފުރާނަ އުދުހިގެން ހިނގައްޖެ އެވެ.

އެންމެން ހޮސްޕިޓަލުގައި ތިއްބެވެ. ފުލުހުން ވެސް ތިއްބެވެ. "މި ހަމަ ރޭވުމަކުން މަރާލާފަ، މިއަޮތީ،" އަސްްމާގެ މަންމަ ފުލުހުންނަށް ކިޔައިދެމުން ދިޔަ އެވެ. ގާތުގައި ޝާހިދުވެސް ހުއްޓެވެ. އެކަމަކު ބާކީވެފަ އެވެ. އެންމެން ވެސް އޭނާއާ ސުވާލު ކުރަނީ ޝައްކުގެ ނަޒަރަކުންނެވެ. ދެރަވެފައި ހުއްޓަސް ޝާހިދުގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެސް ނުވެއްޓެ އެވެ. ހަމަ ހުރީ އެވެ. އަސްމާގެ މަންމަ ޝާހިދާ ދިމާއަށް ޝައްކުގެ ނަޒަރަކުން ބަލާތީ ހާސްވެފަ އެވެ. 
"އަސްމާ މަރުވީ ސްޓްރޯކެއް ޖެހިގެން... ބްލަޑް ކޮލްޓެއްގެ ސަބަބުން ސިކުނޑިއަށް ލޭ ފޮނުވައި ނުދެވުނީ" ޑރ. އޭނާގެ އަތުގައި އޮތް ފައިލު ފުލުހުންނާ ހަވާލު ކުރިއިރު އޭނަގެ މޫނުމަތީގައި ހާސް ކަމެއް ނެތެވެ. އެގޮތަށް މީހުން މަރުވުމަކީ އޭނާއަށް އާކަމެއް ނޫނެވެ. އެކަމަކު އެވާހަކަ އެހެން މީހުން ގަބޫލެއް ނުކުރެ އެވެ.

"އެކަމަކު ހެދުން ވެސް އޮތީ އިރާލާފައި ނޫންތޯ؟ އެ ކޮޓަރީގެ ދޮރުވެސް ހުރީ ހުޅުވާފައި. ދަންވަރު އަޅުގަނޑޭ ދޮރު ލެއްޕީ." ޑޮކްޓަރު ބުނި އެއްވެސް އެއްޗެއް އަސްމާގެ މަންމަ ގަބޫލެއް ނުކުރެ އެވެ. މައްސަލަ އަކީ އަސްމާގެ ހެދުން ވީދާލާފައި އޮތުމެވެ. ކޮޓަރީގެ ދޮރު ހުޅުވާފައި ހުރުމެވެ. ފައިގައި ޒަހަމެއް ހުރުމެވެ. ފުލުހުން އެކަމުގެ ތެރެއަށް ވަނީ އެހެންވެގެނެވެ.

ފުލުހުން ބޭނުންވާ ޓެސްޓްތައް ހެދުމަށް ފަހު ކަފުން ކޮށްފައިވާ އަސްމާގެ މޫނަށް ޝާހިދު ބަލައިލި އެވެ. އޭނާގެ އަތް އަސްމާގެ ދިރުމެއް ނެތް މޫނާ ދިމާއަށް ހަރަކާތް ކުރި އެވެ. ލަހުންނެވެ. އަދި މާ ލަސްވި ފަހުންނެވެ. 

އަސްމާގެ ހަށިގަނޑު ސަންދޯކު އަޅައި ސަހަރާގައި ވަޅުމުގެ މަސައްކަތް ހިނގި އިރު ވެސް ރަތްދަކަ އަވީގައި ޝާހިދު ހުއްޓެވެ. ބޭކާރު މީހަކަށް ވެގެނެވެ. އަސްމާ ވަޅުލާފައި އެންމެން ދިޔައިރުވެސް އެހެން ހުއްޓެވެ. މަހާނަ ގަލުގައި ހަރުކުރި ލޯ ފޮތީގެ ތެރެއިން އޭނާޢަށް އަސްމާގެ މޫނު ފެންނަހެން ހީވެ އެވެ. އޭނާ މާހާނައިގެ ދޮން ވެލިގަނޑު މަތީގައި އަތް ކާތަމުން ގޮސް ވެލި މުށެއް ނެގި އެވެ. ވެލިގަނޑު އަދިވެސް ވަނީ ތާޒާކޮށެވެ. ޝާހިދު ތެދުވި އެވެ. ހިނގައިހެނފައި ހުއްޓި މާހަނައިގެ މައްޗަށް ވެލި މުށް އޮއްސާލި އެވެ. ދެން ސަހަރާއިން ބޭރަށް ނުކުތް އިރު ފުރަތަމަ ކަރުނަތި ލޮލުން ފުންމާލައިފި އެވެ. ޝާހިދު ހިނގަމުން ގޮސް އަނެއްކާ ވެސް އެދިމާއަށް މޫނު އަނބުރައިލި އެވެ. އޭރު ފުލުސް ޖީޕް އައިސް އަރާ ހަމަވަނީ އެވެ. ޝާހިދު ހައްޔަރު ކުރި އެވެ. ދަގަނޑުން އޭނާގެ އަތް ބަންނަމުން ދިޔައިރު ޝާހިދު ވިސްނަމުން ދިޔައެވެ. ފަސް ލެވުނީ އޭނާ ފިޔަވައި އެހެން އެއްވެސް މީހަކަށް ނޭގޭ ސިއްރެކެވެ. ފުލުހުން ކިތަންމެ ވަރަކަށް "އިތުރަށް ބެލިއަސް" އެ ސިއްރު ހޯދޭނެ ހެއްޔެވެ؟ 

ކޮމެންޓް 0