4

ހަވީރުގެ ހަލަބޮލި ވަގުތުގައި އަހަރެން ނުކުތީ ތިން އަހަރަށްދާ ދަރިފުޅު ގޮވައިގެން ދުއްވާލަން ދާށެވެ. ދުއްވަމުން ދިޔައިރު ޖެހެމުން ދިޔަ ވައިރޯޅިންނާއި ލަޔާގެ މިއުޒިކެއް ފަދަ އަޑުން ދުވަހުގެ ވަރުބަލިކަން ފިލާ ހިތަށާއި ސިކުނޑި އަށް އާރޯ ކަން ގެނެސްދެމުން ދިޔައެވެ. އެހެން ދުވަސްތަކެކޭ އެއްގޮތަށް އާރޓިފިޝަލް ބީޗްގައި މަޑުކޮށްލުމުން ލަޔާ ދުވެދުވެފައި ކުޅެން ފެށިއެވެ. ދޮންވެލި ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅުތައް، ލަޔާ އަޅަމުން ދިޔަ ފިޔަވަޅުތަކުގެ ނިޝާންތައް ފޮހެމުންގެންދިޔައީ ވަރުބަލިކަމެއް ނެތިއެވެ. ބައެއް ހަނދާންތައް ވެސް އެފަދައޭ އަހަރެންގެ ހިތަށް އެރިއެވެ. ހިތުން ފިލަން ނަގަނީ މަދު ސިކުންތު ކޮޅެކެވެ. އަނެއްބައި ހަނދާން ތަކަކީ ހިތުގައި ބިންވަޅުނެގިފައިވާ ހަނދާންތަކެވެ. ކިތަންމެ ދުވަހެއް ވިޔަސް ނުފިލާނެ ހަނދާންތަކެވެ.

އިރުކޮޅަކު އުޅުމަށް ފަހު ގެއަށް ދާން މިސްރާބު ޖެހުނީ މަޖީދީ މަގުންނެވެ. އެހެން ދުވަސް ދުވަހަށްވުރެ މަގުމަތީގެ ކާރޫ ބާރޫ ބޮޑުހެން ހީވެއެވެ. ބަލައިލިއިރު ވަކި ހިސާބަކުން މަގު ބަންދު ކޮށްގެން އުޅެނީއެވެ. ބަރުގޮނުތަކުގެ އަޑު ފަޒާގައި މެދު ނުކެނޑި އިވެން ފެށިއެވެ. އެގަޑީގައި މަޖީދީމަގަށް އެޅުނު މޮޔަ ހީވެ އެންމެ އަވަހަށް ވަދެވެން އޮތް ގޯޅި އަޅާފައި ދުއްވާލީމެވެ.

"ބައްޕާ! ކީއްވެ އެންމެން ޕީޕް ޕީޕް ލައްވަނީ؟" ލަޔާ ކަންފަތުން އަތް ނަގާފައި އަހައިލިއެވެ.

"ބައްޕާ، އެއީ ކޯންޗެއް؟" އަނގައިން ނުބުނެވިގެން އުޅެނިކޮށް ލަޔާ އަނެއް ސުވާލު ކޮށްލިއެވެ.

ސައިކަލުގެ ދުވެލި މަޑުކޮށްލުމަށް ފަހު ލަޔާ ބުނި ދިމާއަށް ބަލައިލިއިރު ލަޔާ އިނގިލި ދިއްކޮށްގެން އިނީ ފިހާރައަކަށެވެ. އެފިހާރައިގެ ޝޯކޭހުން އެކި ވައްތަރުގެ މޭވާތައް ފެންނަން ހުއްޓެވެ. ސައިކަލު ޕާކު ކޮށްފައި ލަޔާ ގޮވައިގެން އެފިހާރައަށް ވަނީ ލަޔާ ބޭނުން އެއްޗެއް ގަނެދިނުމުގެ ބޭނުމުގައި އެވެ. ފިހާރައަށް ވަނުމާއި އެކު އަހަރެންގެ އިނގިލިން އަތް ދޫކޮށްލާފައި ލަޔާ ގޮސް އެތަނުން މޭވާއެއް ނަގާފައި އަހަރެންނަށް ދައްކާލިއެވެ.

"ބައްޕާ، މިއީ ކޯންޗެއް؟" ރަތްކަން ގަދަ ރަންބުސްތާނެއް ނަގާފައި އޭގެ ވަށައިގެން ހުރި ނަރު ތަކުގައި އަތް ކާއްތަމުން ލަޔާ އަނެއްކާވެސް އެހިއެވެ.

"ތިއީ މޭވާއެއް، ތިއަށް ކިޔަނީ ރަންބުސްތާން. ވަރަށް މީރުވާނެ، ލަޔާ ބޭނުންތަ ރަހަބަލަން؟" އިރުކޮޅަކު ހުރެފައި މާޒީގެ ހަނދާންތަކުން ދުރުވާން މަސައްކަތް ކުރަމުން އަހަރެން ބުނީމެވެ.

ލަޔާ ބޯޖަހައިލުމުން އެފިހާރައިގައި ހުރި ހުރިހާ ރަންބުސްތާނެއް އަހަރެން ގަތީމެވެ. ރަންބުސްތާނު އަޅާ ފުރާފައި ހުރި ބޮޑު ކޮތަޅު ހިފައިގެން ނުކުމެފައި އަހަރެންނަށް ބޯ ކަހައި ލެވުނެވެ. ގެއަށް ގޮސްފައި ރަންބުސްތާނު ކޮތަޅު މޭޒުމަތީގައި ބެހެއްޓުމުން އަހަރެންގެ އަންހެނުން ލަމްހާ އަހަރެންނަށް ބުމަ އަރުވާލިއެވެ.

"މިއީ ލަޔާއަށް ރަހަ ދައްކާލަންވެގެން." އަހަރެން ނޫން ކަމަށް ހަދާފައި ބުނީމެވެ.

"ލަޔާ ބައްޕަ ހާދަ ރަނގަޅޭ ދޯ. ލަޔާ ރަހަ ބަލަން މިހާ ބައިވަރު." ރަންބުސްތާނެއްގެ ތޮށި ނޮޅާފައި ލަޔާއަށް ދިއްކޮށް ލަމުން ލަމްހާ ބުންޏެވެ.

ލަމްހާ އެހެން ބުންޏަސް އަހަރެންނަށް އެ ހުރިހާ ރަންބުސްތާން ގަނެވުނީ ކީއްވެގެން ކަން އޭނާއަށް އެނގޭނެއެވެ.

"އެހެން ބައި ބަޔަށް ވެސް ބަހާލާ." އަހަރެން ބުނީމެވެ.

ލޯބި ލޯބިކޮށް ރަންބުސްތާން ކަމުން ދިޔަ ލަޔާއަށް ބަލައިލުމަށްފަހު އަހަރެން ދެން ދިޔައީ މަޣްރިބު ނަމާދު ކުރަން މިސްކިތަށެވެ.

އެރޭ ކައި ނިންމާފައި ލަމްހާ، ލަޔާ ނިންދަވަން ދިޔުމުން އަހަރެން ދިޔައީ އަހަރަމެންގެ އެޕާރޓްމެންޓުން އެރެން ހުންނަ ޓެރަހަށެވެ. ހޫނު ހޫނު ކޮފީ ތައްޓެއް ހިފައިގެންގޮސް ސަރަންފީ ގޮނޑިއެއްގައި އިށީދެ ފައި ދަމާލީމެވެ. ޕޮޓުތަކުގައި އިންދާފައި ހުރި ގުލޭނޫރަންމަލާއި ހުނވަދުމަލުގެ ވަސް މުޅި ހިސާބަށް ފެތުރިފައިވެއެވެ. އުޑުގެ ދަރުބާރުގައި ރަނިކަން ކުރަމުން ދިޔަ ސާދަ ވިލޭރޭގެ ހަނދުގެ ޚިދުމަތުގައި ތަރިތައް ވިދާ ބަބުޅަމުން ދިޔައެވެ. މިނިވަން ކަމާއި އެކު އަހަރެންގެ މޫނުގައި ބީހެމުންދިޔަ ވައިރޯޅިތަކެކޭ އެއްފަދައިން، އަހަރެންގެ ހިތުގައި ރައްކާ ކުރެވިފައިވާ ކުރީގެ ހަނދާންތަކަށް މިންޖުވާން ފުރުޞަތު ދިނުމަށްފަހު އަހަރެން ލޯ މަރައިލީމެވެ.

އޭރު އަހަރެންގެ އުމުރުން ވާނީ ގާތްގަޑަކަށް ބާރަ އަހަރެވެ. އަހަރެންނާއި އަހަރެންގެ ރައްޓެހި ކުދިން އުޅުނީ ވަލު ތެރޭގައި އެވެ. ބޮޑު ނިކަ ގަހެއްގެ ހިޔަލުގައި އަހަރެމެން ތިބި އިރު ދާދި ދެންމެ އަކު ބޮއިފައި ހުރި ކުރުނބާ ތަކުގެ އުނބު ތައް ކައިރީގައި ހުއްޓެވެ. މާމަގެ ބޮނބި ފާލުން ނަގައިގެން ހިއްކާފައި ހުރި ބޮނބި ނަރުތަކުން އަހަރެމެން އޮށިގަނޑެއްގައި މަޅި ތަކެއް ހަދަމުން ގެންދިޔައީމެވެ. އަހަރެމެންގެ ފަރިތަކަމާއި ފާޑުވެރިކަން ފެނުނު ކޮންމެ މީހަކަށް ވެސް މިއީ އަހަރެމެން ކޮށް ބާވެފައިވާ މަސައްކަތެއް ކަން އެނގޭނެއެވެ. މަޅިފަތި ހަދާ ނިމުމުން އަހަރެމެން ދިޔައީ ތުނޑިއަށެވެ. ރީތި ސާފު ހުދު ދޮންވެލިގަނޑުގައި ތިބި ދެތިން ރާބޮނދި ފެނުމުން އަހަރެމެން އުފަލުން ގޮތެއް ނެތެވެ. އެއްބަޔަކު ދޫނި ތަކަށް ހިލަން ނުވާ ހާ މަޑު މަޑުން ގޮސް ފަހަތުގައި މަޅި ފަތި ބޭއްވި އިރު އަނެއް ބަޔަކު ކުރިމަތިން ދޫނި ތައް ލަވަމުން ގެންދިޔައެވެ. ދޫންޏެއް މަޅިފަތީގައި ޖެހެމުން ދެނަކާ ދެނެއްނެތި އެންމެން އެދިމާއަށް ދުއްވައި ގަތެވެ. އަހަރެންވެސް ދުއްވައިގަތީ ތަނެއް ދޮރެއް ނުބަލައެވެ. އެވަގުތު އެއްޗެއްގައި އަޅައިގަނެފައި އަހަރެން އަނގަ ވަތަށް ވެއްޓުނެވެ.

ސިއްސައިގެން ގޮސްފައި އަހަރެންނަށް ހޭލެވުނެވެ. އޮވެވުނު ތަން ހަނދާން ވުމުން ލޮލުން ކަރުނަ ހިލުނެވެ. އަހަރެންނަށް ކިޔަވާ ދިނުމުގެ މަޤްސަދުގައި ބައްޕަމެން އަހަރެން މާލެ ފޮނުވާލިތާ މިހާރު ހަމަސް ވަނީ އެވެ. ރަށުގެ މާހަޢުލުގައި މިނިވަން ކަމާއި އެކު އަހަރެން އުދުހި އުދުހި ހުއްޓާ ގެނެސް ކޮއްޓަކަށް ލީފަދަ އިޙްސާސް އަބަދުވެސް މިހާރު ކުރެވެއެވެ. ދެން ރަށަށް ދެވުނަސް ދުވަހަކު ކޮޅުންވެސް ދޫންޏެއް ނުހިފާނަމޭ އަހަރެންގެ ހިތަށް އެރިއެވެ.

"ނާހިދު އަދިވެސް ތެދުވާކަށް ނުވޭތަ؟" އެގޭ ދައްތަ އައިސް ރުންކުރު ގޮތަކަށް ބުނުމުން އަހަރެން އަވަސް އަވަހަށް ތެދުވެ އަހަރެން ނިދާ ފަތްޖެހި އެނދު ފަތް ޖަހާލުމަށް ފަހު ކޮޓަރީގެ އެއްފަރާތުގައި ބެހެއްޓީމެވެ. އަވަސް އަވަހަށް ފާޚާނާ ކޮށްލުމަށް ފަހު ސައިބޯން ދިޔައިރު ހުނި ރޮށި ފަޅިއަކާއި ސައި ތައްޓެއް ހުއްޓެވެ. ރޮށި ކޮޅު ކައިލުމަށް ފަހު ހިހޫވެފައި ހުރި ސައިތަށި ދަމާލީ ހޫނު ސައިތައްޓެއް ލިބޭނީ ކޮންދުވަހަކުން ބާވައޭ ހިތަށް އަރަމުންނެވެ. ހުކުރު ދުވަސް ކަމުން މިއަދު ކުރަން ހުރި މަސައްކަތް ވަރަށް ގިނައެވެ.

މެދު ފަންތީގެ އެ ޢާއިލާގައި ތިބެނީ ހަތަރު ކުދިންނެވެ. ދެން އުޅެނީ އަހަރެން ކަހަލަ ކިޔަވަން އައިސްގެން އުޅޭ ހައެއްކަ ކުދިންނެވެ. އަހަރެމެންނަށް ކިޔަވަން ވަގުތު ވަނީ ކުރަން ހުރި މަސައްކަތް ތައް ނިމުނީމައެވެ. އެގޭ ދައްތަ އަކީ ކިއްލި ހަދައިގެން ވިއްކާ މީހެކެވެ. އަހަރެންގެ މަސައްކަތަކަށް އޮންނަނީ ފޯއް ތެޅުމެވެ. ބައެއްފަހަރު އަތްވާޅުވެގެން ހުއްޓާލިޔަސް ދައްތަ ހަޅޭއްލަވައި ގަންނާނެއެވެ. ކިއްލި ހަދާ ނިމުމުން ތަންތަނަށް އެ ވިއްކަން ލާން ދިޔުމަކީވެސް އަހަރެން ކުރަން ޖެހޭ ކަމެކެވެ.

ކުރަން ޖެހުނު ކޮންމެ ކަމެއްވެސް އަހަރެން ކުރަމުން ދިޔައީ އެއްވެސް ޝަކުވާއެއް ނެތިއެވެ. މޮޅަށް ކިޔެވުމުގެ އެދުން އަހަރެންގެ ހިތުގައި އޭރު އަށަގަނެފައި ވާލެއް ބޮޑު ކަމުން ކަންވެސް ނޭގެއެވެ. ނަމަވެސް ދައްތަ ކަންތައް ކުރާ ގޮތުން ބައެއް ފަހަރު ވަރަށް ދެރަވެ ހިތުގައިވެސް ޖެހެއެވެ. އަހަރެމެންނަށް ކާން އެރޭނީވެސް އެގޭ ކުދިން ކައި ނިމުނީމަ އެވެ. އެކުދިންނަށް ކާން ހަދާފައި ހުންނާނީ ވަކި އެއްޗެއްސެވެ. ކުޑައިރުން ސުރެ ގަރުދިޔަލާ ބަތާއި ކައިގެން އުޅުނު ކުދިން ކަމުން މިހާރުވެސް ގަރުދިޔަލާއި ބަތާ ކާކަށް މާ ބޮޑު ކަމަކަށް ނުވެއެވެ. އެކަމަކު ބައެއްފަހަރު އެ ކުދިންނަށް ހަދާފައި ހުންނަ އެއްޗެހީގެ ވަސް ޖެހުމުން ކުޅު ދިޔާވާ ގޮތް ވެއެވެ. ރަހަ ބަލައިލަން ބޭނުންވެއެވެ. ނަމަވެސް ހިންދުރުވާލައިފައި ކެތްކޮށް ލަނީއެވެ. ގޭ ބޮޑު ކޮޓަރިއަށް ދިޔުންވެސް އަހަރެމެންނަށް މަނަލެވެ. ބައެއް ފަހަރު ކާޓޫނުގެ އަޑު އިވިގެން ޓީ.ވީ ބަލައިލަން އެތާ މަޑު ކޮށްލިޔަސް އެދުވަހުގެ ކަންތައް ދެން އެނިމުނީއެވެ. ހުއްޓާ ނުލައި އެތައް އިރަކު ހަޅޭއްލަވައި ފާނެއެވެ. އެކަމަކު އަހަރެންނަކީވެސް ކުޑަ ކުއްޖެކެވެ. ބަދިގެ ދޮށުގައި ފޯއްތަޅަން އިނދެފައިވެސް ޓޮމް އެންޑް ޖެރީގެ އަޑު އިވެން ފަށައިފިއްޔާ އެދިމާއަށް ދެވެއެވެ.

އެއްދުވަހަކު ސުކޫލުން އައިސް ޔުނިފޯރމު ބަދަލު ކޮށްލައިގެން ކާގެއަށް ވަންއިރު އެހެންޏާ ދުވަހަކު ނުދެކޭ ޒާތުގެ އެއްޗެހި ތަކެއް ބޮޑު ވަށި ގަނޑެއްގައި ފުރާ ހުއްޓެވެ. ކުޑަ ވަރެއްގެ ބޯޅައެއްގެ ބައްޓަމަށް ހުރި ރަތް ކުލައިގެ މި އެއްޗެހި ތަކުގައި ވަށައިގެން ނަރުތަކެއް ވެސް ހުއްޓެވެ. ދައްތަ އެތަނުން ދޭތި ނަގާފައި އަހަރެންނަށް ދިއްކޮށްލިއެވެ.

"މިއީ ރަންބުސްތާން. ކާލަބަލަ. ލަންކާއިން ބޭބެ އައި އިރު ގެނައީ." ދައްތަ ބުންޏެވެ.

ހީވާ ގޮތުން ދައްތަ މިއަދު ހުރީ ވަރަށް ރަނގަޅު މޫޑެއްގައި އެވެ. އަހަރެންނަށް ރަންބުސްތާނު ނޮޅާގޮތް ބުނެދީފައި އަހަރެން ކާތަން ބަލަން ހުރީ ހެވިފައި ހުރެގެންނެވެ. އޭރު އަހަރެންގެ އެއްމިޔަކަނުން ރަންބުސްތާނުގެ ގެ ދިޔަ ތައް ފައިބަމުން ދިޔައެވެ. ކޮންމެ އަކަސް ރަންބުސްތާނު ވީ އަހަރެންނަށް ވަރަށް މީރު އެއްޗަކަށެވެ. އަވަސް އަވަހަށް ދެން އޮތް އެތިވެސް ކާލުމަށްފަހު ބަތްކާން އިށީނީމެވެ.

އެރޭ ގޭގެ މަސައްކަތް ނިންމާލެވުނު އިރު ހުރީ ވަރަށް ލަސް ވެފައިއެވެ. ކާން ދިޔައިރު ތެލީގައި އެންމެ ބަތް ކޮޅެއްވެސް ނެތެވެ. ވެފައި ހުރި ވަރުބައްޔާއި ބަނޑުހައި ކަމާއި އެކުވެސް އަހަރެން ދެން ބެލީ މާދަމާގެ ފިލާވަޅުތައް ނިންމޭތޯއެވެ. އެހެން އިންދާ ނިދި ޖެހުނު އިރުވެސް ނޭނގުނެވެ. ހޭލެވުނީ ކޮޓަރީގައި ދެން އުޅޭ ކުދިން ކުރެ ކުއްޖަކު ކޮއްޓައި ލުމުންނެވެ. ގަޑި ބަލައިލިއިރު ސުކޫލަށް ދާ ގަޑި ޖެހެން މާ ގިނަ އިރެއް ނެތެވެ. ކިތަންމެ ބަނޑުހައިވެފައި ހުއްޓަސް ގަޑިޖެހިގެން ސްކޫލަށް ދާން ބޭނުން ނުވާތީ ތެޅެމުން ފޮޅެމުން ސުކޫލަށް ދިޔައީ ސައިވެސް ނުބޮއި އެވެ.

ފިލާވަޅުތައް ނުހަދާ ދިޔުމުން އެދުވަހު އަދަބު ލިބުނެވެ. ސުކޫލް ނިމުނީމައި މަޑު ކުރުވާފައި " އައި ވިލް ޑޫ މައި ހޯމް ވޯކް އެވްރީ ޑޭ" މިހެން ސަތޭކަ ފަހަރު ލިޔަން ޖެއްސިއެވެ. އޭރު އަހަރެން ހުރީ ބަނޑުހައިވެގެން ހަލާކުވާން ކައިރިވެފައި އެވެ. އެކަމަކުވެސް ގެއަށް ދެވޭނީ ލިޔެގެން ކަމުން ތުރުތުރު އަޅާ އަތަކުން ލިޔެ ނިންމާލީމެވެ. ގެއަށް ދެވުމާއި އެކު އެއްޗެހި ވެސް ބަދަލު ނުކޮށް ދިޔައީ ކާގެއަށެވެ. ލަހުން ކާން ދެވުނީތީވެ މިއަދުވެސް އެއްވެސް ކާ އެއްޗެއް ނެތެވެ. ބަނޑުހައިވެގެން އޭރު އަހަރެން ކާލި އަޅައެވެ. ގައިގައި އެއްވެސް ވަރެއް ނެތެވެ. އެވަގުތު ވަށިގަނޑުގައި ހުރި ރަންބުސްތާނު ތައް ފެނުނެވެ. އޭގެ ރަހަ ހިތަށް އެރުމާއި އެކު އަހަރެންގެ ކުޅު ދިޔާވެ ހިންދިރުވާލެވުނެވެ. އަވަސް އަވަހަށް ގޮސް ރަންބުސްތާނެއް ނަގާފައި ތޮށިނެއްޓުމަށް ފަހު އަނގައަށް ލީމެވެ. އަދި އިތުރަށް ދެތިން އެތި ނަގާ ޖީބަށް ލީމެވެ. ދައްތައަށް އެނގިއްޖިއްޔާ ރުޅިއަންނާނެ ކަން ވެސް އެނގެއެވެ. އެކަމަކު އޭރު ބަނޑުހައި ވެފައި ހުރި ވަރުން ކޮންމެ ގޮތެއްވެސް ވަރިހަމަ ވިއެވެ. އެހެންނޫނަސް އެހައި ބައިވަރު ރަންބުސްތާނު ތަކެއްގެ ތެރެއިން ދެތިން އެތި މަދު ވިޔަސް ދައްތައަކަށް ނޭނގޭނެ އޭ އަހަރެންގެ ހިތަށް އެރިއެވެ.

ރަންބުސްތާނު ކަމުން އަހަރެންނަށް ނުކުމެވުނީ ދައްތަގެ ކުރިމައްޗަށެވެ. އެ ވަގުތު ހީވީ މެއަށް ފެން އެއްޗެއް އޮއްސާލިހެންނެވެ. ދައްތަގެ ރުޅިވެރި ދެލޯ ފެނުމުން އަހަރެންގެ ކުޑަ ކުޑަ ހިތް ތެޅެން ފެށިއެވެ.

"ކޯންޗެއް ޖީބުގައި؟" ދައްތަ ހަޅޭއްލަވައި ގަތެވެ.

އަހަރެން ތުރު ތުރު ލާ އަތަކުން ރަންބުސްތާނުތައް ނަގާ ދައްކާލީމެވެ.

"ނާހިދު ވައްކަން ވެސް ކުރަން ފެށީތަ؟" ދައްތަ އަހަރެން ކޮއްޕާ ލަމުން ބުންޏެވެ.

އަހަރެން ގޮސް ބިންމަތީގައި ޖެހުނު އިރު ހޯސްލާފައި ލޮލުން ކަރުނަ އާދެއެވެ.

"ހުރެބަލަ! މިހާރު މި ގުޅަނީ ނާހިދުގެ ބައްޕައަށް. ވައްކަން ކުރާ ކުއްޖެއް މިގެއަކު ނުބަހައްޓާނަން." ކަރުގެ ނާރުތައް ފުއްޕާވަރަށް ދައްތަ ހަޅޭއް ލަވަން ފެއްޓިއެވެ.

އަޑުގަދަ ވެގެން ގޭގައި ތިބޭ އެހެން ކުދިންތައްވެސް ބަދިގެ ދޮށަށް ނިކުތެވެ.

"ދައްތާ! އަހަރެން ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނަން. ބައްޕައަށް ނުގުޅާ. ބައްޕަ ވަރަށް ދެރަވާނެ." އަހަރެން ގިސްލާ ލާފައި ރޮމުން ދައްތަގެ ފައިގައި ހިފާފައި އާދޭސް ކުރީމެވެ.

"ބައްޕަ ދެރަވާނެކަމެއް ކުރިއަކުން ނޭނގޭތަ؟" ފައިން އަހަރެން ދުރަށް ކޮއްޕާލަމުން ދައްތަ އެހިއެވެ.

"ބަނޑުހައިވެފައި ހުރި ވަރުން ކެވުނީއޭ ދައްތާ." އަތުގެ ނުފުށުން ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެމުން އަހަރެން ބުނީމެވެ.

"އާން! ކިހާ ރަނގަޅު. މިހާރު އަހަރެމެން މި ގޯސްވީ. ދެން ބުނާނެ ކާން ނުދީ އަބަދު މަސައްކަތް ކުރުވަނީ އޭ. ކިޔަވާނެ ވަގުތެއް ނުވެއޭ. ތި ކަހަލަ ރާއްޖެތެރޭ ގަމާރުންނަށް ކޮން ކިޔެވުމެއް ކިޔެވޭނީ؟" ދައްތަ ފެށިއެވެ.

އަހަރެންނަށް ބުނެވުނީ ބުނަން ނުވާވަރުގެ އެއްޗެކެވެ. ދައްތަ ހިތުހުރި އެއްޗެއް ގޮވާލަން ލިބުނު ދަޢުވަތަކަށް އެ ބަސްތައްވި ކަހަލައެވެ. އެތައްއިރެއްވީ އިރުވެސް ދައްތަގެ އަޑުމަޑެއް ނުވެއެވެ. އަހަރެން ރޮއި ރޮއިފައި އެކަހަލަ ކަމެއް ދެން ދުވަހަކުވެސް ތަކުރާރު ނުވާނެކަމަށް ބުނީމެވެ. ދެފައިގައި ހިފާފައި އެތައް ފަހަރަކު މަޢާފަށް އެދުނީމެވެ. ކޮންމެ ފަހަރަކު އަހަރެން ގަންނަވާލައެވެ. ގިސްލެވޭލެއް ބޮޑު ކަމުން ވާހަކަ ދައްކަންވެސް އަހަރެންނަށް އުނދަގުލެވެ. އެކަމަކު ދައްތަގެ ހިލަ ހިތަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. ބައްޕައަށް ގުޅުމަށް ފަހު އަހަރެން ބަލާ މާލެ އައުމަށް ބުންޏެވެ. އަހަރެން ވައްކަން ކުރީ ކަމުގައި ބުނެއެވެ.

އޭގެ އަނެއް ދުވަހުމެ ބައްޕަ މާލެ އަތުވެއްޖެއެވެ. އަހަރެން އެންމެ ބިރުގަތީ ރަށަށް އަހަރެން ގެންގޮސްފާނެތީ އެވެ. ކިތަންމެ ދަތި ހާލުގައި އުޅެގެން ވެސް ކިޔަވަން އަހަރެން ނުހަނު ބޭނުމެވެ. އަހަރެން ފެނުމުން ބައްޕަ އަހަރެން ގެނެސް މޭގާ ޖައްސާލިއެވެ. އަހަރެންނަށް އަނެއްކާވެސް ރޮވެން ފެށުނެވެ.

"ބައްޕާ! އަހަރެން ޤަސްދުގައި ކުރި ކަމެއް ނޫން." އަހަރެން ރޮއިރޮއިފައި ބުނީމެވެ.

ބައްޕަ އެއްވެސް އެއްޗެކޭ ނުބުނެ އަހަރެން ގޮވައިގެން އެގެއިން ނުކުތެވެ. ތަންކޮޅަކަށް ހިނގާފައި އަހަރެން ހުއްޓުނީމެވެ. ފަހަތަށް އެނބުރި އެގެއަށް ބަލައިލީ ފެންކަޅި ވެފައި ހުރެގެންނެވެ. ލޮލުން ފޭބި ކަރުނަތައް ފޮހެމުން ހިތާހިތާ އަހަރެން ވަޢުދުވީމެވެ. ކިޔަވައިގެން މޮޅުމީހަކަށް އަހަރެން ވާނަމެވެ. ކޮންމެވެސް ދުވަހަކުން އަހަރެން ބޭނުން ވަރަކަށް ރަންބުސްތާން ކާނަމެވެ. އެ ތަނަވަސް ކަން ހޯދާނަމެވެ. އަދި އަހަރެން ކަހަލަ އެހެން ކުދިންނަށް ކިޔަވަން މަގު ފަހި ކޮށްދޭނަމެވެ.

އަހަރެން ވަރަށް އާދޭސް ކޮށްގެން ބައްޕަ އަހަރެން ހުންނާނެ އެހެން ގެއެއް ހަމަޖައްސައި ދިނެވެ. އާ ހިތްވަރެއް ލާފައި އަހަރެން ކިޔަވަން ފެށީމެވެ. ދައްތަގެ ވިހަގަދަ ޖުމްލަތަކާއި އަހަރެންނާއި ދޭތެރޭ ޢަމަލުކުރި އިހާނެތި ގޮތް އަހަރެންގެ ހިތުގައި ބިންވަޅު ނެގިފައި ވެއެވެ. މާޔޫސްވުމުގެ ބަދަލުގައި އަހަރެންގެ ހިތުގައި ނެގުނު ބިންވަޅުން އަހަރެން ލިބިގަތީ ހިތްވަރެވެ. އެދުވަސް ހަނދާންވާ ކޮންމެ ފަހަރަކު އަހަރެންގެ އަޒުމް ވަރުގަދަވެއެވެ. އަހަރެން އަމިއްލައަށް ވީ ވަޢުދު ފުއްދުމުގެ ޢަޒުމެވެ.

މިއަދު އަހަރެންނަކީ މާލޭގައި ތަނަވަސް ދިރި އުޅުމެއް އުޅެމުން ދާ މީހަކީމެވެ. ރާއްޖޭގެ އެންމެ މަޝްހޫރު ލޯ ފާރމަކީ އަހަރެން އަމިއްލަ ތަނެކެވެ. އަހަރެންގެ ގޭގެ އެއް ފްލޯގައި އުޅެނީ ރަށް ރަށުން އައިސް ކިޔަވަން ތިބޭ ކުދިންނެވެ. އެ ކުދިންގެ ކެއުމާއި ގޭގެ ޚަރަދުތައް ބަލަހައްޓަނީ އަހަރެންނެވެ. އަހަރެންގެ ހިތުގައި ނެގުނު ބިންވަޅު އެހެން ބައެއްގެ މުސްތަޤްބަލް އުޖާލާ ކޮށްދިނުމަށް މަގުފަހި ކޮށްދީފިއެވެ.

ހިލަމެއްވެގެން ބަލައިލިއިރު ތައްޓަކަށް ރަންބުސްތާނު އަޅައިގެން ލަމްހާ އައިސް ހުއްޓެވެ. ހިނިތުންވެލަމުން ރަނބުސްތާނެއް ނަގާ އަހަރެން ކާންފެށީމެވެ.

 

ކޮމެންޓް 0