7

އޫމް، އޫމް! ކުއްލިއަކަށް ހޭލެވުމުން ނިޔާޒު ފުންމައިގެން ތެދުވެ ބާލީހާއެކު ދެ އަތް މައްޗަށް އުފުލައި އުޅާހަށް ދެމިލި އެވެ.

 

މިހާރު ހުމެއް ނެތް، އަހަރެން ބައްޔެއް ނުވާނެ! އެނދުމައްޗަށް ބާލީސް ޖެހުމާއެކު ކަނދުރާގެ ދެފަރާތުން ނިޔާޒު އަތްތިލައިގެ ކަޅުހަން ޖައްސައިލި އެވެ. ފެންޑާތެރެއަށް ވަނުމާއެކު ނިޔާޒުގެ ނަޒަރު ދިޔައީ މޭޒުމަތީގައި ހުރި ދިޔާ ގެރިކިރި ދަޅާ ދިމާއަށެވެ.

 

ކަނޑަޔާ ކަނޑައެއް، ކުދި އެއްޗެހި ކާނީ ބޮޑެތި އެއްޗެހި! ކަނޑާ އަރާފައި ހުރި ކިރުދަޅު ފެނުމުން ނިޔާޒު ބަނޑުހައިވެއްޖެ އެވެ. އަވަހަށް ގޮސް އަނގަމަތި ހާޔަށް ހުރި ކިރުދަޅުން ދެބައިކުޅަ އެއްބައި އަނގައިގެ ތެރެއަށް އޮއްސައިލި އެވެ. ނާރު ފުފިލާ ވަރަށް ކަރު މައްޗަށް ޖަހައި ވާންކޮށްގެން ހުރެ އެވެ.

 

ކޮބައިބާ މަންމަ! ސިއްރު ސިއްރުން ނިޔާޒު ގޯތިތެރެ ބަލައިލި އެވެ. ހިޔަލެއް ނެތް އަންނާރު ގަސްދޮށުގައި އުނގަށް ހަނޑޫ ދޮލަނގެއް ލައިގެން  އިން އަނީސާ ފެނުމުން ނިޔާޒު ހީނލި އެވެ.

 

ލާއްސެއްހާ ހަނޑުލުގެ ތެރެއިން ވީ އާއި ކަޅު ހަނޑޫ ވަކި ކުރަމުންދާއިރު ނިޔާޒު ތެދުވެގެން އަންނާނެ ވަގުތަކަށް އަނީސާ އިންތިޒާރު ކުރާ ކަހަލަ އެވެ.

 

ނިޔާޒުގެ ވަގުކަޅި މަންމައަށް ދިނެވެ. މަންމައަށް ފެނިދާނެތީ ގޭތެރެއަށް ވަނީ ކިރުވެން ހަރަށް ދެމިގަންނަހެނެވެ. ބޮނބި ނަރުގެ ސަތުތިރީސް މަޅި އަޅުވާފައިވާ ދަނބުރުކު އޮށީގެ މަޅިފަތި ހިފައިގެން ހެލިގަތީ ފަހަތް ބަލަމުންނެވެ. އޮޅި ގިރާ ކުރަމުން ހިނގުން އަވަސްކޮށްލި އެވެ. ދެން ދުއްވައިގަތެވެ. ކަރު މައްޗަށް ޖަހައިގެނެވެ.

 

ނިޔާޒު ވަލުތެރެއަށް ދެމިގަތެވެ. ގައި ކެހިޔަސް ވަރިހަމަކޮށް  މިރިހިފާ ފަޅަމުންނެވެ. ކަނދުވެޔޮ ފަހަނަޅައި ފުނަފާތެރެއިން ގޮސް ހޭޅިފަށް ފުދުއްވަލާފައި ފިނޮޅަށް ނުކުމެ ކަރުދަމާލި އެވެ. މާކަނާ ކަރެއްގެ ކިއްސަރަށް ދަމާލާފައިވާ ހުދުވެލި ފިނޮޅުގެ ރާޅުލާ ހިސާބުން ބަރިއަކަށް ދުވެލަ ދުވެލާ ތިބި ރަތަފާބައި ފެނުމުން ފިނޮޅުމަތީގައި ނިޔާޒު ނަށައިގަތެވެ. ދެފަހަރަކު ތުނބުން ފުމެލި އެވެ.

 

މަޅިފަތި ޖެހުމަށްފަހު ބޮނދަމުން ގޮސް ކުރިރުށްދޮށުން ވަޅޯވެފައިވާ ކުރިކިހައް ބާރުލާފައި އަތުކޮޅަށް ހޫރައިލި އެވެ. ސިހުނު ރަތަފަބައި އުދުހުލާފައި ފިނޮޅު ވަށައި ބުރެއްޖެހި އެވެ. ދަޅަޖަހަޖަހާއޮތް ދޮންފަޅުގެ ނޫ ރާޅުބައި މަތިން ދެފަށްލާމެއްހެން އުދުހިލާފައި މަޅިފައްޗާ ކައިރިއަށް ތިރިކޮށްލި އެވެ. ފަހަތުން އުދުހި އައި ފިނދަނައެއް މާ ނޫން ގޮތަލަށް ފިނދު ހަލުވާލާފައި ދުރުދުރުން ދޮންވެލިގަނޑު މަތީގައި ދުވެގެންފައި ތުނބުން ކުރަހަން ފެށި އެވެ.

 

ނިޔާޒު ހީނލި އެވެ. ހޮވާކެއުމުގެ މިސްރާބު ހުރި ގޮތުން ރަތަފަބައި މަޅިފައްޗަށް ލެވުމުގެ ބޭނުން ނެތުމުންނެވެ. ކުރި ރުކުގައި ލެނގިލި އެވެ. އުނިމަލުގެ އަބީރު ހިފައިގެން އަނަން ރޯޅި ނިޔާޒުގެ ހަށިގަނޑުގައި ވަށައިލުމުން ފަޅި ސިކުންތެއްހާއިރަށް އޭނާ ލޯ މަރައިލި އެވެ. ހައިބަނޑާ ހުރިކަން ހަނދާން ނެތިއްޖެ އެވެ.  

 

"މަންމާ! މީހެކޭ އަހަރެން ސަލާމަތް ކުރޭ... މަރުވަނީ ސަލާމަތް...!" ކުއްލިއަކަށް އައި އަޑާއެކު ސިހިފައި ނިޔާޒަށް ފުރަތަމަ ބަލައިލެވުނީ އުޑު މައްޗަށެވެ. ރަތަފަބައި މާ މައްޗަކުން އުދުހި އޮބަނީ އެވެ. ދެން ބަލައިލީ މޫދަށެވެ. "ކާކު!" ނިޔާޒުގެ އަޑު ނުކުތީ ވަރަށް ބާރަށެވެ. ފިނޮޅު ބޭރަށް އޮޔާ ދަމައިގަތުމުން ބަކަތަޅަމުންދިޔަ އަންހެން ކުއްޖާއާ ދިމާއަށް ނިޔާޒު ދުއްވައިގަތެވެ. ލޮނުގަނޑު ކަފާފައި ކަކޫތާ ފެނަށް އެރި ފުމެގެންފައި ފަތަން ފެށި އެވެ.

 

"ނިޔާ!" ގެނބެމުންދިޔަ އަންހެންކުއްޖާ ގޮވައިލި އަޑު އިވުމުން ނިޔާޒަށް ލިބުނީ އަމަށަކު ހިތްވަރެއް ނޫނެވެ. ދުރަށް އޮބާފައިވާ ދޮންފަޅުގެ ތެރެއަށް ފީނައިލި އެވެ. ބޯ ހިއްލައިލި އެވެ. އޮއިރާޅުތައް މޫނުމަތީގައި ތަޅައިގަތެވެ.

 

"ޝާއިރާ!" އަޑުގެ ކޮޅަށް ނިޔާޒު ގޮވައިލި އެވެ. "ޝާއި... ޝާއިރާ ގެނޭ އަތް، އަވަސް...!" ހުޅި ނަގާފައި އައި ރާޅެއް މަތިން ފުމެގަންނަމުން ނިޔާޒު ޝާއިރާއާ ދިމާއަށް އަތް ދިއްކުރަން ފެށި އެވެ.

 

"ނިޣާޣާ...!" ދެއަތް މައްޗަށް އުފުލިފައިވާ ޝައިރާ ބޯ ހިއްލައިލެވޭތޯ އުޅުނެވެ.  ނިޔާޒަށް ގޮވަމުން އަތްދިއްކުރި އެވެ. އަޑުބައެއްހާ ލޮނުބޮވި އަނގައި ވައިބޮކިލަމުން ދާތީ ޝާއިރާގެ އަޑު އައީ ސާފު ނުވާ ގޮތަށެވެ. އޮޔާއެކު އުރަފަށާ ކައިރިއަށް ދަމަމުންދިޔަ ފަންތޮށިތަކާއި ޝާއިރާވެސް ދިޔައީ ބޭރަށެވެ.

 

"ޝާއިރާ!" ނިޔާޒު ބާރަށް ފަތައިގަތެވެ. އިރުކޮޅެކެވެ. ކުއްލި ހަރަކާތަކުން ޝާއިރާގެ އުނަގަނޑުގައި ބެއްދި އެވެ. އޮޔާ ދެކޮޅު ހަނގުރާމައަކުން މޮޅުވެގެނެވެ.

 

"ބުރަކަށި މައްޗަށް އަރާ،"

 

ޝައިރާ ނިޔާޒުގެ ކަރުގައި އެލިގަތެވެ. ޝާއިރާގެ ބަރާއެކު ލޮނުގަނޑުގެ ތެރޭގައި ނިޔާޒ ހާސްވަމުން ދިޔަ އެވެ. ގަދަހަދާފައި ޝާއިރާއާއެކު ތެދުވާ ވަރަކަށް ޝާއިރާ ދިޔައީ ނިޔާޒުގެ ގައިގައި ބާރަށް ބައްދަމުންނެވެ.

 

ޝާއިރާ ގޮވައިގެން ނިޔާޒު ފަތަމުން ދިޔައެވެ. ފިނޮޅާ ހަމައަށް ފޯރީ ގަދަ އޮއިތެރޭގައި ފަތަފަތާ ވާތާވީ ފަހުންނެވެ. ފިނޮޅުގެ ބަނޑުމަތީގައި ޝާއިރާ ބޭއްވުމަށްފަހު ލޮޑުވެފައިވާ ހަށިގަނޑުގެ ތެރެއިން ނިޔާޒު މާނޭވާތައް ދޫކޮށްލީ ހިސާބަކަށް ބޮވިފައިވާ ލޮނާ އެކު އެވެ.

 

ޝާއިރާ! އެނަން އޭނާ ހިތުން ކިޔައިލި އެވެ. ދެން ހަރަކާތް ހުއްޓި، ލޯ މެރިފައިވާ ޝާއިރާ މޫނަށް ބަލައިލަމުން ނިޔާޒު ހީނލި އެވެ.

 

މިވީ ކިހިނެއް ހެއްޔެވެ؟ ކުއްލިއަކަށް އައިސް ގާތުގައި މިއޮތީ ނިޔާޒުގެ ދިރުމެވެ. ފާފައަކަށް ނުވާނަމަ ސަޖަދި ޖަހާނަމޭ ބުނަމުން އައި ލޯބިވެރިޔާ އެވެ. ހިތުގެ ތެޅުމެވެ. އެހެން ފިރިހެނަކާއެކުގައި ފެނިއްޖެނަމަ ހުރިހާ ދިމާއަކުން އެމީހަކު ގަނބައިގަތުމަށް ދުއާ ކުރާނަމޭ ބުނެ އުނދަގޫ ކުރެވޭ ކުއްޖާ އެވެ. ފެންނަހާ ފަހަރަކު އެއް ލޯ މަރައިލެވޭ ޝާއިރާ އެވެ. ރޫޅިގެން ގޮސް ވެލި ތަތްލަވަފައި އޮތީ އޭނާ މަސްތުކުރުވާ ފަށުއި އިސްތަށިގަނދެވެ. ނިޔާޒު ބޯ އަރިކޮށްލި އެވެ. ދެރަވި އެވެ. އަނގަ އެއޮތީ ހުޅުވިފައެވެ. ކޮލު ދަތްތަކާ ހަމައަށް ފާޅުވާ ކުދިދަތްތައް ދިމާއަށް ފެނެ އެވެ.

 

ދިގު ދިގު ކަންހުޅި! ނިޔާޒު ގާތަށް ނުބައި ހިންޏެއް އައެވެ. ލޭކޮލެއ ކަހަލަ ތުންފަތް ފެނުމުން އަމިއްލަ ތުންފަތުގައި ދޫ ކާތާލި އެވެ.  ލީ ލޮނު ރަހައެކެވެ. ބަލައިލި އެވެ. އުސް ކޯތާފަތުގައި އަތްލާ ހިތްވި އެވެ. ދެލޯ ބޮޑުގެން ގުދުވެލި އެވެ. ދޮން އަނބެއްކަހަލަ ދަތްދޮޅީގައި ބީހިލަން ބޭނުންވި އެވެ. ލެނބިލި އެވެ. ސަނފާކެޔޮވަކެއް ކަހަލަ ރަތްދޮންކުލައިގެ ކަނދުރާއަށް ހޫނު ނޭވާއެއް ފޮނުވައިލަން ބޭނުންވި އެވެ. ދެ އަތްޖައްސައި ހީ ފިލުވައިލައިދެންތޯ ސުވާލު ކުރަން ބޭނުންވި އެވެ.

 

ނިޔާޒަށް އުފާވެރިކަމެއް ލިބުނީ ކީއްވެގެން ކަމެއް ނޭނގެ އެވެ. ލޯ މަރާލާފައި ހިމަކޮޅުން ލޯ ހުޅުވައިލި އެވެ. ދޮން، ބިސް ހަށިގަނޑުގެ ހިމަހިމަ އުނަގަނޑުން ތިރިއަށް އަތްތިލަ ސޮއްސައިލާ ދެ އަތްތިލަ ވަށައި ޖައްސައިލަން އޭނާ ހުރީ ކެތް ނުލަވާފައެވެ.

 

ތިރީތި ބުޑުން އަށްޑިހަ އަށެއް އަޅާތަން އެހެން ފިރިހެނުންނަށް ނުދައްކާތި، ބަލިކަށި ފިރިހެނުންގެ ހިތްތައް ފޮތިފޮތި ވެދާނެ! ފެނުނު މަންޒަރަކުން ނިޔާޒު ހަނދާންވި އެވެ. ޝާއިރާ ރުޅި އަރުވައިލަން އެއް ދުވަހަކު އެހެން ބުނެވުނެވެ.

 

ކަލެއާ ބެހޭ ކަމެއް ނޫން މަށަށް ރަނގަޅީ ވެސް ކަލޭގެ ހިތް ދެފަޅިވިއްޔާ ވިރިގެން ފޭބިއްޔާ  ނުބައި ބައްޔެއް ޖެހިގެން ތި ހަށިގހަނޑުގެ ފޫވެއްޓިގެންދޭތޯ ދުއާވެސް ކުރާނަން! އެންމެ ފަހުން މިސްކިތް މަގުން ބައްދަލުވި ދުވަހު ރުޅި އައިސްގެން ޝާއިރާ ބުންޏެވެ.

 

ހަނދާންތައް އާވުމުން ނިޔާޒު ތެޅިގަތެވެ. ހާސްވެގެން އެނބުރި ގަތެވެ. ލޮނުބޮވި، ހެޔަށް ގޮތްވެފައިވާ ލޯބިވެރިޔާ އަވީލައިގެން އިނދެވުމުން ވެލިގަނޑުގައި ގޮށްމުއްކަވާފައި ޖަހާފައި ތެދުވި އެވެ. ވެލި ފޮޅައިލި އެވެ.

 

ކިހިނެއް ހަދާނީ! މީހަކަށް ފެނިއްޖެއްޔާ ހީކުރާނީ ކީކޭބާ؟ ހަދާނެ ގޮސް ހުސްވުމުން ނިޔާޒު ވަރަށް ކަންބޮޑުވެއްޖެ އެވެ. ހިސާބަކަށް ރޮވެން ފަށައިފި އެވެ.

 

"ޝާ... ޝާއިރާ!" މަޑުމަޑުން ނިޔާޒު ގޮވައިލި އެވެ.

 

"އޫމް!"

 

ޝާއިރާގެ ހެޔަށް ގޮތް ނުވާކަން އެނގުމުން ނިޔާޒުގެ ހިތަށް ހަމަޖެހުން ލިބުނެވެ. ޝާއިރާގެ މޫނުން ފެށިގެން  މޭ މައްޗަށް ނަޒަރު ހިންގާލި އެވެ. ހުދުހު ކުލައިގެ ތުނިތުނި ހެދުން މޭމަތީގައި ރުލަކަށް ތަތްވެފައި އޮތުމުން ދޮން ހަށިގަނޑުން ބައެއް ހާމަކޮށްދެ އެވެ. ނިޔާޒުގެ އަތް ހަރަކާތްކުރި އެވެ. ޝާއިރާގެ ހެދުން ރީތިކޮށްލައިދެނެވެ. ދޮން ކުޑަކަޅުވާ ފެންނާތީ އެވެ. އުފުލުމެއް ފާޅުވާތީ އެވެ. މަޑުމަޑުން ޝާއިރާގެ މޭމަތީގައި އަތްޖައްސައި އޮއްބާލި އެވެ. އަރާފައިބާ ފިނިގަނޑެއް ހަށިގަނޑުގެ ތެރޭގައި ދުވެގަތެވެ. ޝާއިރާގެ މޭމަތީގައި އަތް ހިނގައިލެވުނު ވަގުތު ހިއްސުތައް ހަމައިންނެއްޓި ލޯ މަރައިލެވުނެވެ.

 

"ޝާއިރާ،" ލޯ ހުޅުވައިލުމަށްފަހު ނިޔާޒު ގޮވައިލި އެވެ. ޝާއިރާ ކެއްސައިގަތީ އެއްޗެއް ބުނަން އުޅުމުގެ ތެރޭގަ އެވެ. އަނގައިގެ ތެރެއިން ނުކުތް ލޮނުތިކިތައް ސްޕްރޭ ވެގެން ދިޔައީ ނިޔާޒުގެ މޫނަށެވެ.

 

"ކީއްކުރަން އުޅެނިކޮށް ގެނބުނީ؟" ޝާއިރާ ލޯ ހުޅުވައިލުމުން ނިޔާޒު ސުވާލި ކުރި އެވެ.

 

ޝާއިރާގެ ޖަވާބެއް ނުލިބުނެވެ. މަޑުމަޑުމަޑުން ތެދުވެ ނިޔާޒުގެ ކޮނޑުގައި ބޯ އަޅައިލި އެވެ. ނިޔާޒު ހާސްވި އެވެ. އެކަމަކު އިރިކޮޅެއްގެ ތެރޭގައި ހަމައަކަށް އެޅުނެވެ. ޝާއިރާގެ މޫނު ކޮނޑުމަތީގައި ބީހެމުން ދިޔައިއިރު ނިޔާޒަށް ހީވީ އޭނާގެ ކޮންޑުމައްޗަށް  މާކޯޅިއެއް ތިރިވެފައި އޮތްހެނެވެ. ޖަވާބެއް ނުލިބުނަސް އޭނާއަށް ވަރިހަމައެވެ. އުފާވެއްޖެ އެވެ. ރީއްޗަށް ހުރަހެއް ނެތި ޝާއިރާގެ ގައިގައި ބައްދާލި އެވެ.

 

"ނިޔާ!" ނިޔާޒުގެ ކޮނޑުމަތީގައި މޫނު ފޮރުވަމުން ޝާއިރާ ބުނެލި އެވެ. "އޫމް!" ނިޔާޒު އުދުހެމުން ދިޔައީ މަސްތުގެ އާލަމުގަ އެވެ.

 

"ކީއްވެ އަހަރެން ސަލާމަތްކުރީ... ދިރިހުރުމުގެ އެއްވެސް ހައްގެއް އަހަންނަކަށް ލިބިގެނެއް ނުވޭ،" ވޭން ހުރި އަޑެކެވެ. ހިތުގައި ރިހުމެއް އުފައްދަ އެވެ. 

 

"މަރުވަންވީ ވަގުތު އިހުތިޔާރު ކުރުމުގެ ހައްގެއް އެއްވެސް މީހަކަށް ނޯވޭ،" ނިޔާޒު ޝާއިރާއަށް ވިސްނައިދޭން އުޅުނެވެ.  ބުރަކަށީގައި ފިރުމައިދޭން ފެށި އެވެ.

 

"ދެންމެ އެހެން މީހަކު އަހަރެން ސަލާމަތް ކުރިނަމަޔޯ؟"

 

ޝާއިރާ މަޑުމަޑުން ނިޔާޒުގެ މޫނު މައްޗަށް ލެނބިލި އެވެ. ތުންފަތް ނިޔާޒުގެ މޭމަތީގައި ޖެއްސި އެވެ. ނިޔާޒަށް ހީވި އެވެ. އުންމީދު ކުރަމުން އައި ލޯބިވެރިޔާ ލިބުނީ ކަމަށެވެ. އީދު އައީ ކަމަށެވެ. ބޭނުންވި ދޫނި މަޅީފަތީގައި ރަނގަޅަށް ބެދުނީ ކަމަށެވެ.

 

ހީވި އެވެ، އަބަދުގެ މިލްކަކަށްވެ ޝާއިރާވެ ނިމުނީ އެވެ. ހީނލެވުނެވެ. ޝާއިރާގެ ތުންފަތުން އޭނާގެ ހިތުގައި ފިރުމައިދޭހެން ހީވެގެނެވެ. ހާދަ އަރާމެވެ. ލުއި ވަނީ އެވެ. އުދުހެވޭހެން ހީވެއެވެ.  

 

"އަހަރެން އެމީހަކާ ސަލާމް ކުރާނަން. ބުނާނަން މަށަށް ކިޔަނީ ނިޔާޒޭ ޝާއިރާގެ ލޯބިވެރިޔާއޭ. ހެޔޮ ދުއާ ކުރާނަން،" ކިޔޭ ކިޔޭ ނުކިޔޭ ނިޔާޒަކަށް ނޭނގެ އެވެ.

 

"އެމީހެއްގެ ގައިގައި ނުއެއް ޖަހާނަންތަ؟"

 

"ކީއްވެގެން ޖަހަންވީ؟"

 

"ނިޔާޒު ބުނަމެއްނު ޖަހާނަމޭ!"

 

"ބުނެވުނުތަ؟ އެކަމަކު އަހަރެން ދުވަހަކުވެސް މީހެއްގެ ގަޔަކު ނުޖަހާނަން،"

 

"އަހަރެން ގެނބުނުތަން އެހެން މީހަކަށް ފެނުނީޔޯ، ދެން އެމީހާ އަހަރެން ސަލާމަތް ނުކުރި ނަމަޔޯ؟" ވީ ގޮތެއް ނޭނގެ އެވެ. ޝާއިރާ މަޑުމަޑުން ތެދުވާން ފެށި އެވެ. ވަރުބަލިވެފައިވާހެނެއް ހީއެއް ނުވެއެވެ.

 

"މަތިން ފިނިފެނުގެ ވާރޭ އޮހި އެމީހަކު ގަނޑުވާން ދުއާ ކުރާނީ!" ނިޔާޒު

 

"ޔަގީންތަ؟"

 

"އާނ ހަމަ ޔަގީން!" އިތުބާރާއެކު ނިޔާޒު ބުނެލި އެވެ.

 

"ބުނެބަލަ އެހާ ބުރަ މަސައްކަތްކޮށްގެން އަހަރެން ސަލާމަތް ކުރީ ކީއްވެ؟" ޝާއިރާ އިސްތަށިގަނޑު ތަރުތީބު ކުރަމުން ވެލި ފިލުވަމުން ދިޔައެވެ.

 

"ލޯބިން، އަހަރެން ޝާއިރާދެކެ ވަރަށް ލޯބިވަން. ތީ އަހަރެންގެ ސުވަރުގެ." ލޯބިވާވަރު ބުނެދޭން ނިޔާޒު ޝާއިރާއާ ދިމާއަށް ބަލައލި ވަގުތު ފިނޮޅިމަތީން ނެގި ކަށިވެލި ގުޅަޔާކާއެކު ޝާއިރާ ނިޔާޒުގެ މޫނު މައްޗަށް އަތް ދޮވެލި އެވެ.

 

"އެހެންތަ ހަމަ ތިހަ ލޯބިވޭތަ؟"

 

"ޝާއިރާ!" ނިޔާޒުގެ މޫނުމަތީން ދިލަ ނަގަމުން ދިޔައެވެ. އޭނާއަށް އިނީ އަނގަ ހުޅުވިފައެވެ.

 

"މީނދަ ގަމާރާ! ބުނީމެއްނު ބޮނޑިއް ދޭނަމޭ މީ އޭގެ ފެށުން. ފުރަތަމަ މޮޔަކުރުވީ، މިހާރު މިހެދީ އޭގެ މައިތިރި. ދެން ކަލޭ ވާނީ ބަލި!" ޝާއިރާ ހިނގައިގަތެވެ. ފިނޮޅުމަތީގައި ނިޔާޒު ޖަހާފައިވާ މަޅިފަތި ގިރާކޮށްފައި ޝާއިރާ ދުރަށް އޮބަމުން ދިޔައިރު ނިޔާޒަށް ހީވީ ކޮންމެ ފިޔަވަޅެއް ޝާއިރާ އަޅަމުން ދިޔައީ އޭނާގެ ވައިނޮޅީގައި ހެނެވެ. ޝާއިރާ ފެންނަމުން ދިޔައީ  އޭނާގެ ލޮލުން އޮހޮރިގަތް ކަރުނައިގެ ތެރެއިންނެވެ. 

ކޮމެންޓް 0