6

ކުޑަކުޑަ ޝާއިން ގޮވައިގެން އަހަރެން ނިކުތީ ބޭރަށެވެ. އެސޮރު ބޮޑާ ހާކަން ފެށުމުންނެވެ. ރުއިން ހުއްޓާ ނުލައިގެންނެވެ. މަންމަ ބުނަނީ ޝާއިނަށް ގޭތެރޭގައި މާބޮޑަށް ހޫނުވަނީ ކަމަށެވެ. ހުއްޓާ ނުލައިގެން އެ އުޅެނީ އެހެންވެ ކަމަށެވެ. އަހަންނަކަށް އެކަމަކާ އެއްބަހެއް ނުވެވެ އެވެ. ގޭތެރެއަކުން ހޫނުގެ ދިލައެއް އަހަންނަކަށް އިހުސާސެއް ނުވެ އެވެ. އެއަށްވުރެ އަހަރެންގެ ހިތާއި މޭގެ ރިހުމާއި އުދާސްތައް ބޮޑީ ކަމަށް ވެސް ވެދާނެ އެވެ.
މަގަށް ނިކުތުމާއެކު ގައިގައި އައިސް ފިރުމައިލީ ކަނޑުން އަރައިގެން އައި ފިނި ވައި ރޯޅި އެކެވެ. ވައިރޯޅިއަކަށް ފަހު ވައި ރޯޅިއެއް އޯގާވެރި ކަމާއެކު އައިސް އަހަރެމެން ދެމައިންގެ ގައިގައި ފިރުމާ ބޮސްދޭން ފަށައިފި އެވެ. އަހަރެމެންގެ ހާލަތު އެ ވައިރޯޅި ތަކަށްވެސް އިހުސާސް ކުރެވިގެން އުޅޭ ކަހަލަ އެވެ. ހިތްހަމަޖެހުމެއް ހޯދައި ދެވޭތޯ މަސައްކަތް ފެށި ކަހަލަ އެވެ. 

ފިނި ފިނި ވައިރޯޅީގެ އަރާމު އިޙުސާސް ވުމާއެކު ޝާއިން އަހަރެންގެ ކޮނޑުގައި ބޯ އަޅައިލި އެވެ. ލިބުނު އަރާމެއްގެ ބޮޑުކަމުން ނިދާލަން ބޭނުންވީ ކަމަށް ވެދާނެ އެވެ. އަހަރެން މަޑުމަޑުން އެސޮރުގެ ބުރަކަށީގައި ފިރުމަން ފެށީމެވެ. އަހަރެންވެސް މިހާރު ބޭނުންވަނީ އެ ސޮރު ނިންދަވާށެވެ. އެހެންޏާ މެންދުރުކުރީ އެއްފަހަރު އޭނާ ނިދާނެ އެވެ. މިއަދު އެހާވަރަށް އެ ރޮވެނީ އެހެންވެގެން ކަމަށްވެސް ވެދާނެ އެވެ.
ޝާއިންއަކީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެހެންކަމުން އެ ފުކު ދެކެ އަހަރެން ވަރަށް ލޯބިވެއެވެ. އޭނާއަށް ކިތަންމެ ކުޑަކަމެއް ވިޔަސް، އަހަރެންގެ ލޮލަކަށް ނިންޖެއް ނާންނާނެ އެވެ. ކައިއެއްޗެއް ނުދިރޭނެ އެވެ. ފުރިހަމައަށް ނޭވާ ލުންވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ. 

މިކަހަލަ ޚިޔާލުތަކެއްގައި ހުއްޓާ، ފެނުނު މަންޒަރަކުން ކުއްލިއަކަށް އަހަރެންގެ މޭ ތެޅިގެންފި އެވެ. ލިބުނު ސިހުމެއްގެ ބޮޑުކަމުން ދެލޯ ބޮޑު ވިއެވެ. ހީވީ މިނިކާ ޖަނަވާރެއްގެ ކުރިމަށްޗަށް އެރުނުހެންނެވެ. އަވަސް އަވަހަށް ފަހަތަށް ޖެހެވެންފެށުނެވެ. ދަރިފުޅުގެ ގައިގައި ބާރަށް ބައްދައިގެން ހުރެއެވެ. 

އަހަރެންގެ ލޮލަށް ފެންނަމުން ދިޔަ މަންޒަރު ގަބޫލުކުރާކަށް ފަސޭހައެއް ނުވި އެވެ. އެހެންނަމަވެސް ހިތް ގަބޫލުކޮށްފި އެވެ. އާއެކެވެ. އެއީ އޭނާ އެވެ. ކުރިމަތީގައި އެހެރީ ފެންނާށެވެ. އެއީ މީހަކު ބުނި ތޯތޯ ވާހަކައެއް ނޫނެވެ. 
އޭނާ މަޑުމަޑުން އަހަންނާ ދިމާއަށް ހިނގައިގަތެވެ. އޭނާގެ ފިޔަވަޅުގައި ހުރީ އަނިޔާވެރިކަމެވެ. ދެއަތުން ލޭ އޮހޭކަހަލަ އެވެ. އެހިސާބުން އަހަންނަކަށް ކެތެއް ނުވި އެވެ. އެއްވެސް އިޚުތިޔާރެއް ނެތި، އެނބުރި ކުރިއަށް ހިނގައިގަނެވުނެވެ. ފަޔަށް ލެވުނުހާ ބާރެއް ލާފައެވެ. އޭނާއާ ދުރަށް ދިޔުމަށެވެ. އެހެނަސް ވަކި މަންޒިލެއް އޮވެގެނެއް ނޫނެވެ. އެ ބިރުވެރި މީހާއާ ވީ އެންމެ ދުރަކަށް ދާށެވެ. ދެވޭނަމަ، އޭނާ ނެތް ދުނިޔެއަކަށް ދާންވެސް އަހަރެން ބޭނުމެވެ. 

އަހަންނަށް ގޮސް ވަދެވުނީ ބޮޑުދައިތަމެން ގެއަށެވެ. އެއީ އަހަންނަކަށް އާކަމެއް ނޫނެވެ. އަދި ހައިރާންވާންވީ ކަމެއްވެސް ނޫނެވެ. ބޮޑުކަމެއް ޖެހިއްޖެއްޔާ އަބަދުވެސް އަހަންނަށް އާދެވޭނީ މިގެއަށެވެ. ބޮޑުދައިތައާއި ބޮޑު ޅިޔަންބެ އަބަދުވެސް އަހަންނަށް ވަރަށް ހެޔޮވެފައި ރަނގަޅުވާނެއެވެ. ކޮންމެ ކަމެއްގައި ވެސް އެމީހުންނަށް ވީ އެންމެ ރަނގަޅަކަށް އެހީތެރިވެދޭނެ އެވެ. 
އެގެއަށް ވަދެވުނުއިރު އަހަރެން ހުރީ ވަރުބަލިވެ ދާހިއްލާ ފޯވެފައެވެ. އަހަރެން ފެނުމާއެކު ބޮޑުދައިތަގެ ހިތުގައި ސުވާލު އުފެދިއްޖެ އެވެ.

"ހާދަ ހާސްވެފަ ތިހިރީ؟ ކިހިނެއްވީ އަނެއްކާ؟"
އަހަރެންނަށް ފުރަތަމަ ދޭނެ ޖަވާބެއް ނުވިސްނުނެވެ. ކަމެއް ނުވެއޭ ބުނެވުނީ ކުޑަ އަޅައިގަތުމަކާއެކުގަ އެވެ. އޭނާގެ އެއްވެސް ވާހަކައެއް ބޮޑުދައިތަ ގާތު ބުނާކަށް ބޭނުމެއް ނޫނެވެ. 
"އަހަރެންގެ ޖަވާބު ބޮޑުދައިތަ ގަބޫލުކުރިކަމެއް ނުކުރާކަމެއް ނޭނގެ އެވެ. އިތުރު ސުވާލެއް ނުކުރެ އެވެ. އަހަރެންގެ އުރުގައި އިން ޝާއިން އުރާލައިގެން ދިޔައީ ބަދިގެފަރާތަށެވެ. 
ސޯފާގައި އަހަރެން ޖައްސާލީ ހަމަޖެހިލާށެވެ. އެހެނަސް އެކަމެއް ނުވި އެވެ. ހިތަށް ސިފަވަނީ އެ ސޫރަ އެވެ. ފެންނަ ކޮންމެ ފަހަރަކު މޭގެ ތެޅުން އިންތިހާއަށް އަރައެވެ. މޫނުމަތިން އުފެލެމުން އަންނަ ދާ ތިކިތައް އިތުރުވެފައި ބޮޑެތިވެއެވެ. ދިހަވަރަކަށް މިނެޓުވީ އިރުވެސް ކުޑަކޮށް ވެސް ހަމައަކަށް ނޭޅުނެވެ. މިހެން އިންދާ ބޮޑުދައިތައަށް އާދެވިއްޖެއްޔާ އަނެއްކާ ވެސް ސުވާލުތަކާ ކުރިމަތިލާން ޖެހިދާނެ އެވެ.
އަހަރެން ގަސްދުކުރީ މިގެއިން ނިކުމެގެން ދާށެވެ. އެހެންނަމަވެސް ސޯފާއިން ތެދުވެގެން ކުރިއަށް އެޅުނީ ހަމަ އެންމެ ފިޔަވަޅެވެ. މީހަކު ދެފައިގައި ހިފެހެއްޓި ކަހަލަ އެވެ. ފިޔަވަޅަށް ހުއްޓުން އަރައިފި އެވެ. ހިތަށް ވެރިވެގަތް އެއްޗެހި ތަކަކުން ކުރިއަށް ނުދެވުނީ އެވެ. ގޭން ނިކުންނަން ނުކެރުނީ އެވެ. ހަމަ ނިކުންނަ ތަނުން އޭނާއާ ކުރިމަތިލާން ޖެހިދާނެ އެވެ. އަންނާނީ ކޮންފަދަ ނުރައްކާތެރި ހަމަލާއެއް ކަމެއްވެސް ނޭނގެ އެވެ. ބޭނުންވާނީ ފުރާނަ ހިފަން ކަންނޭނގެ އެވެ.

އަހަރެންނަކަށް ނިކުންނާކަށް ނުކެރުނެވެ. އެހެންކަމުން އިރުކޮޅަކު ވިސްނާލަން ހުރެފައި ހިނގައިގަތީ، ބަދިގެ ފަރާތަށެވެ. ފަހަރުގައި ބޮޑުދައިތައާ އިރުކޮޅަކު ވާހަކަ ދައްކާލަން އިނދެލުމުން ހަމަޖެހިދާނެ އެވެ. ޝާއިންގެ މޫނަކީވެސް އަހަރެންގެ ޒަޚަމްވެފައިވާ ހިތަށް ފަރުވާއަކަށް ވެއެވެ.
ބަދިގެ ފަރާތަށް ދިޔައިރު ބޮޑުދައިތަ އިނީ ޝާއިންއަށް އާފަލެއް ކާންދޭށެވެ. އަހަރެން ފެނުމުން ބޮޑުދައިތަ ހިނިތުން ވެލި އެވެ. ހިނިތުން ވެލެވޭތޯ އަހަރެން ކުރި މަސައްކަތްވީ ބޭކާރެވެ. ބޮޑުދައިތަގެ ނަޒަރުގައި ސުވާލުމާކުތަކެއް ޖެހުނުތަން އަހަރެން ދުށީމެވެ. އަހަރެން އަވަސް އަވަހަށް މަސައްކަތް ފެށީ ކޮންމެވެސް އެހެން ވާހަކައެއް ފެށޭތޯ އެވެ.
"ބޮޑު ޅިޔަންބެ ކޮބާ؟"
"ފޮރުވަން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އެކަމެއް ނުވޭ." ފުން ނަޒަރަކުން އަހަރެންގެ މޫނަށް ބަލަން އިނދެފައި ބޮޑުދައިތަ ބުންޏެވެ. އެވަގުތު އަހަރެންގެ ދެލޯ ކަރުނައިން ފުރިއްޖެ އެވެ. އަޑުން އަޑުނަގައި ރޮއި ނުގަނެވުނީ ކިރިޔާ އެވެ. އުޅެން ޖެހުނު ނިކަމެތި ހާލާއި، އުފާވެރި ދުވަސްތަކަކަށް ކުރެވުނު އުއްމީދު ހިތަށް އަރާފައި އެކަންޏެއް ނޫނެވެ. ކުރިއަށް އޮތް ތަނުގައި އަނެއްކާވެސް ބަރުދާސްތު ކުރަން ޖެހޭނެ ކަންކަން ހިތަށް އަރާފަ އެވެ.
"ތިހެން ނޫޅޭށޭ ކިތައް ފަހަރު ބޮޑުދައިތަ ބުނާނީ. އަބަދު އެހަނދާންތައް ހިތަށް ގެނެސްގެން ތިހެން ކަރުނަ އޮހޮރުމުގެ ބޭނުމަކީ ކޮބާ؟ ދުނިޔޭން ފިރިހެނުން ހުސްވީތަ؟"
ބޮޑުދައިތައަށް ހަގީގަތާ ހަމައަށް ދާކަށް ފަސޭހައެއް ނުވާނެ އެވެ. އަހަރެންގެ ހިތުގައި މިއަދު އޮތީ ހިތާމައެއް ނޫނެވެ. ބިރެވެ. ބިރުވެރިކަމުގެ ބިޔަ ރާޅުތައް އަހަރެންގެ ހިތް މުގުރަމުން ދަނީ އެ ހިތް ކުދިކުދި ކުރަމުންނެވެ. އެ އޮއިވަރުގައި ޖެހި އަހަރެންގެ މުޅި ޖިސްމު ފުނޑު ފުނޑު ވާން އުޅޭ ކަހަލަ އެވެ. އެހެނަސް މިއިން ކަމެއް ބޮޑުދައިތައަކަށް ރެއަކާ ނުލަ އެވެ.
އަހަރެން ގޮސް ވަނީ ފާޚާނާއަށެވެ. ރަނގަޅަށް ރޮއި ލުމަށެވެ. އެތަނުގައި ހުރެ، ހިތް ފުރެންދެން ރޮއިފީމެވެ. އެއަށްފަހު މޫނު ދޮވެލައި ހަދާލައިގެން ނިކުތްއިރު ޝާއިން އޮތީނިދާފަ އެވެ. އެއީ އަހަރެން ބޭނުންވާ ގޮތްވެސް މެއެވެ. ދެން އަހަންނަށް ޖެހޭނީ ޝާއިން ހޭލަންދެން މަޑުކުރަންތާ އެވެ.
އަހަރެން އިށީންނީ ބޮޑުދައިތަ ގާތުގައި އުނދޯލީގަ އެވެ. ބޮޑުދައިތަ އިނީ ދޮން އަނބެއް މަށާށެވެ. އަހަރެން އައިސް އިށީންނުމުން އަނެއްކައިވެސް އެއްކަލަ ފާޑަށް ބަލާލައިފި އެވެ. އަހަރެން އިނީ އުނދޯލީގެ ބާނުގައި ބާރަށް ހިފަހައްޓައިގެންނެވެ. ސުވާލެއް ކޮށްލާގޮތަކުން ފަހަރުގައި އެފަދަ އެއްޗެއްގެ އެހީއަކަށް ބޭނުންވެދާނެތީ އެވެ.
"މަންމަ ކޮބާ؟" ބޮޑުދައިތަ ކުރީ ހީކުރި ކަހަލަ ސުވާލެއް ނޫނެވެ.
"މަ އައި އިރު ގެއަކު ނެތް."

ދެން ބޮޑުދައިތަ ފެށީ ނަސޭހަތް ދޭށެވެ. ހިތްވަރުގެ ވާހަކަތަކުން އަހަރެންގެ ހިތަށް ހަމަޖެހުން ހޯދައިދެވޭތޯ ވިއްސަކަށް މިނެޓު ބޮޑުދައިތަ ވާހަކަ ދެއްކި އެވެ. އެ ވާހަކަތަކުން އަހަންނަށް ހިތްވަރު ލިބުނުވެސް މެއެވެ. ދުނިޔެއާމެދު މިހާ އަވަހަށް މާޔޫސްވުމަކީ މޮޔަކަމެއްކަން ގަބޫލުކުރެވެން ފެށި އެވެ. ކޮންމެ ކަމެއްވެސް ނިންމަވާނީ ވަކި ފަރާތަކުން ކަމާއި އެފަރާތުގެ ބާރަކާ ނުލައި ނިމޭނެ ހަމަ އެއްކަމެއް ވެސް ނެތްކަން ހަނދާންވި އެވެ. މާޔޫސްވެ އަބަދު ކަރުނަ އޮހޮރުމަކީ ރަނގަޅު ކަމެއް ނޫންކަން ގަބޫލުކުރެވުނެވެ. 

ޝާއިން ހޭލީ އަޞުރުން އިރު ތިރިވި ފަހުންނެވެ. ސައިބޮއި ހަދައިގެން އަހަރެން އެގެން ނިކުތީ ފަހެއްވެސް ޖެހިފަހުންނެވެ. އޭރު އަހަރެން ހުރީ ވަރަށް ހަމަޖެހިފަ އެވެ. އެކަމަކު އެކަން ވީ ކުޑަ ހިނދުކޮޅެއްގެ ކަމަކަށެވެ. ބޭރަށް ނިކުތުމާއެކު ހިތް ތެޅެން ފަށައިފި އެވެ. މަގުތަކުގައި އެކި ކޮޅުކޮޅަށް ހިނގާ ބިނގާވާ މީހުން ފެންނަ އިރުވެސް، ހިތް އޮތީ ބިރުވެރިކަމާއެކު ތެޅި ތެޅި އެވެ. އެހެންނަމަވެސް ނުރައްކަލުގެ ހަމަ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. 

އަހަރެން ހިނގަމުން ދިޔައީ ހިނގޭ އެންމެ ބާރަށެވެ. ބޮޑުމަގު ފަސްދީ މިސްކިތް މަގަށް އެޅިއްޖެ އެވެ. މިސްކިތް ފަސްދީ ދެވުނީ ހަމަ ކުޑަ ތަންކޮޅަކަށެވެ. ކޮނޑުމަތީގައި މީހަކު އަތް ބާއްވާލިކަމުގެ އިހުސާސްވުމާއެކު ލިބުނު ކުއްލި ސިހުމެއްގެ ސަބަބުން ތެޅިގެންފައި އަވަސް އަވަހަށް ފަހަތަށް ބަލައިލެވުނެވެ. 
މާތްކަލާކޯ އެވެ. ފެނުނީ އެ މޫނެވެ. އެ އަނިޔާވެރި، ބިރުވެރި އަތް އެ އޮތީ އަހަރެންގެ ކޮނޑުމަތީގަ އެވެ. ފޮޅުވާލާފައި ދުއްވާގަންނަން ބޭނުންވިއެއް ކަމަކު އެކަމެއް ނުވި އެވެ. 
"ހެޔޮނުވާނެ! ތިހެން ނަހަދާ! އަހަރެން ދޫކޮށްލާ! އަހަރެންގެ ހަށިގަނޑަކު........." ގަތް ބިރެއްގެ ބޮޑުކަމުން އަހަންނަށް ރޮވުނެވެ. 
"ނީނާ!" އަހަރެންގެ ކަންފަތުގައި ޖެހުނު އަޑު އެއީ އަހަންނަކަށް އާއަޑެއް ނޫނެވެ. އެހެންނަމަވެސް އެއަޑުގައި އެހުރި ރާގާއި އަސަރު އެއީ މިހާރު އަހަންނަށް މުޅިން އާ ރާގަކާއި އަސަރެކެވެ. އަހަންނަށް އޭނާގެ މޫނަށް ބަލައިލެވުނީ ކުޑަ ހައިރާން ކަމަކާއެކުގަ އެވެ. އެވަގުތު ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އޭނާގެ ބޮލުގައި އަޅާފައިވާ ތާކިހަލެވެ.
"ނީނާ! އަހަންނަށް މާފުކުރޭ! އަހަންނަކީ މީގެ ކުރިން ނީނާ ދުށް ޝަކީބެއްނޫން! އަހަންނަށް މިއަދު ހެޔޮ ވިސްނުން ވިސްނިއްޖެ!"
އެއީ އަދިވެސް އަހަރެންގެ ހަލާލު ފިރިމީހާ އެވެ. މަސްތުވާ ތަކެތީގެ ވަބާގައި ޖެހިގެން ހަލާކުވެ ގޮސްފައިވާ މީހެކެވެ. އޭގެ އަވައިގައިޖެހި އަހަންނަށް އެތައް އަނިޔާއެއްކޮށް، ނިކަމެތި އެތައް ވޭނެއް ތަހައްމަލު ކުރަން ޖެއްސި މީހެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މީގެ އަހަރެއްހާ ދުވަސްކުރިންނެވެ. މިއަދު އޭނާ އެހެރީ އެނބުރި އަނެއްކާވެސް އަހަރެންގާތަށް އައިހެވެ. އޭނާ އެބުނަނީ އޭނާ މުޅިން ބަދަލުވެފައިވާ ވާހަކަ އެވެ. އަހަރެން ދެން ހަދާނީ ކިހިނެއް ބާވަ އެވެ. އޭނާގެ އެ ވާހަކަ ގަބޫލުކުރަންވީ ބާވަ އެވެ؟ 
"ނީނާ! ގަބޫލުކުރޭ! އަހަންނަށް ނީނާގެ ހަޔާތުން އެއް ފުރުޞަތު ނަމަވެސް ދީ! އަހަރެން ދެން އެހެނެއް ނޫޅޭނަން. އަހަރެން މިއަދު އައިސް މިހިރީ މިނިވަންވެގެން. އަހަންނަށް ކުރެވުނު ކުށްތަކަށް އަހަރެން މިއައީ މިސްކިތަށް އަރާ ތައުބާވެސް ވެގެން." އަނެއްކާވެސް ޝަކީބުގެ މޫނަށް އަހަންނަށް ބަލައިލެވުނެވެ. ފެނުނީ އޭނާގެ ދެލޮލުން ފޭދެމުން އައި ކަރުނަ ތިކިތަކެވެ. އެވަގުތު އަހަންނަށް ހުރެވުނުތަން ވެސް ނޭނގުނެވެ. އެހެންނަމަވެސް އަހަރެން އަމިއްލަ ނަފުސުގެ މައްޗަށް ބާރު ހިންގޭތޯ މަސައްކަތް ކުރީމެވެ.

ޝަކީބު އަހަރެންގެ ގާތަށް ޖެހިލި އެވެ. އަހަރެންގެ އުރުގައި އިން އޭނާގެ އުފަން ދަރިފުޅާ ދިމާއަށް އަތް ދިއްކޮށްލުމާއެކު އެސޮރު ވަގުތުން އޭނާގެ އަތް މައްޗަށް ވެއްޓިގަތެވެ. އޭނާ ދަރިފުޅު އުރާލުމަށްފަހު ދަރިފުޅުގެ ގައިގައި ބައްދާލި އެވެ. ލޯތްބާއެކުގަ އެވެ. މިމަންޒަރު ފެނިފައި އަހަންނަށް ރޮވުނެވެ. އެއީ އެމީގެކުރިން ދުވަހަކުވެސް އަހަންނަށް ފެނިފައިވާ މަންޒަރެއް ނޫނެވެ. 

އަހަންނަށް މަޑުމަޑުން ޝަކީބުގެ ގާތަށް ޖެހިލެވުނެވެ. އޭނާ އަހަރެންގެ ކޮނޑުމަތީގައި އަތް ބާއްވާލުމަށްފަހު ގަޔާ ކައި ރިކޮށްލި އެވެ. އެއާއެކު ދެމީހުންގެ ލޮލުންވެސް އޮހިގަތީ ހޫނު ކަރުނަ ތިކިތަކެކެވެ. 

ކޮމެންޓް 0