2

އަހަރެމެން ދެ މީހުން އިނީ އެކައްޗެއް ކިޔައިގެނެވެ. އޭރު އަހަންނަށް ރީތި ކުލައެއް ވިއްޔާ މަދީހާއަށް ވެސް ރީއްޗެވެ. މަދީހާއަށް ފިނިކިރިމި މީރިއްޔާ ދަތްކޮޅު އެކީ ވެރުނަސް އަހަރެން ވެސް ހުންނަނީ ކަމުދާ ކަމަށް ހެދިގެންނެވެ. އެކައްޗެއް ކިޔައިގެން ތިބެ، މިހާރު އަހަރެމެންނަށް ދެ ކުދިން ހަމަވީ އެވެ. އަހަންނަށް ލިބޭ އެއްޗަކުން ފުއްދާލައިގެން ކިރިޔާ އުޅެވެނީ އެވެ. މާލޭގައި މި ގަނައެއް ނުތެޅެވެންގެން މަދީހާ ގާތުގައި ރަށަށް ދަމާ ހިނގާށޭ ވެސް ބުނެފީމެވެ. މިހާރު ވެސް މުންޑޫގެ ވައިފެން މާ ހެޔޮވާނެ އެވެ. ގޭސް ނުލިބިގެން، އުނދުނަށް އަލިފާން ނުލެވި ތިބޭކަށް ނުޖެހޭނެ އެވެ. ހިނކަނދިފަތާއި ރާނބާ ފަތް ނުލިބިގެން ރިހައިގެ ރަހަ ނުބައެއް ނުވާނެ އެވެ. ބަފާގެ ގޯތިތެރެއިން ނުލިބުނިއްޔާ އެކީ އުޅުނު އައިސަގެ ގޯތިން ލިބޭނެ އެވެ. ކާއްޓަކަށް ނުޖެހޭނެ އެވެ. މައިފުށުގެ ރުއްގަނޑުން އަޅާނެ ވަރަކަށް އަޅަންވީ އެވެ. ތިން ހަތަރު ސަތޭކަ ރުފިޔާ ދީފައި އަތްތިލަ ވަރުގެ ލައްޓި ގަންނާކަށް ނުޖެހޭނެ އެވެ. ނަނު ހިފައިގެން ގޮސް ގޮނޑުދޮށަށް ހޫރައިލަންވީ އެވެ. އެކަމަކު އެއީ މަދީހާއަށް ތާހިރު ދިރިއުޅުމަކަށް ނުވެއެވެ. މަދީހާއަށް މޮޅީ މާލޭގެ ނުފޯރާ ފޮތިން ފޫގަޅައިގެން އުޅޭ ދިރިއުޅުމެވެ. އަހަރެން އެންމެ ކަންބޮޑުވަނީ ބޮޑުވަމުން އަންނަ މަގޭ ދެގޮލައާ ހެދި އެވެ. ދޮށީ ސޮރަށް އަދި މިވީ ނުވަ އަހަރެވެ. ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. ގޭތެރެ އޮންނަނީ އަބަދު ބޮޑު ރާޅު އަރުވާލާފަ އެވެ. ފާޑުފާޑު ގޭމް ކުޅުމާއި ގޮތްގޮތަށް ބޯ ހެދުން ނޫން ކަމެއް ނޯވެ އެވެ. އެހެރަ ބަސް މަގެކެވެ. ނުކިޔާކަށް އެއްޗެއް ނޯވެ އެވެ. އޭނާގެ ފަހަތުން ހަގު ގޮލާ ދިވެހިވެގެން އެ އަންނަނީ ބޯ ހުރި ތަނަށް ކޮނޑު އެރުމުން މަ ވެސް ކުޅި ދައްކާލާނަމޭ ބުނާހެންނެވެ. ބެންޓެނަކަށް ވެގެން ބޯބޯ މަތިން ފުމޭ އިރު އެއީ ފިސާރަ މީހެކެވެ. އެއިން ކަމަކާ ބެހެވޭކަށް އަހަންނަކަށް ނޯވެ އެވެ. 

"މަދީހާ ހިނގާ ރަށަށް ދަމާ، އަހަރެން މަހަށް ހިނގައިދާނަން، ރަނގަޅަށް މަސް ބޭނެންޏާ އެންމެ ދެރަ ހަފުތާގައި ވެސް ފަސް ހަ ހާސް ލިބޭނެ،" އަހަރެންގެ ނަޒަރުގަ މާލެއަކީ ދަރިން މަގު ފުރައްދާ ތަނެކެވެ. މަގުފުރައްދާ ތަނެއްގައި އުޅުން ރަނގަޅެއް ނޫނެއް ނޫން ހެއްޔެވެ؟ އަސުރުން ފައިބައިގެން އައިސް ވިސްނަން އިނދެފައި ހަމަ ސުވާލު ކޮށްލެވުނީ އެވެ. މަދަރިން ހަލާކުވެގެންދާ މަންޒަރު ދެކެން ލަގޮނޑިއަށް ކެތް ނުވެގެންނެވެ.
"ރަށަށޭ، ސުނާމީ އަރައި، ދެ ބުރިވެފަ އޮތް ތަނަކަށް، އަދި ތިން ކެނަ ހަމަ ނުވާ ތަނެއްގައި އޮންނާނީ ދިރި އުޅުމުގެ ކޮން އުފަލެއް. ތިޔަތަނަކަށް މަށަކުވާ ނުދާނަން، އަރުޝަދު ދޭ އެތާ ބަކަތަޅަން،" އަހަންނަށް ވުރެ މަދީހާގެ ޒީލަގަނޑު ފަލަވާނެ އެވެ. ރުޅިގަނޑު ވެސް ގަދަވާނެ އެވެ. އަނގަގަނޑު ވެސް ހަޑިވެފައި ހަލުއި ވާނެ އެވެ. މަދީހާގެ ނަޒަރުގައި މާލެއަކީ ނިއުމަތުގެ ގޮވައްޗެވެ. އެހެންވެ އަހަރެން ކޮންމެ ވާހަކައެއް ދެއްކިއަސް ކުޅިފަސް އޮންނާނީ މަދީހާއަށެވެ. މިކަހަލަ ދިރިއުޅުމުގައި އެނޫން ގޮތެއް ނުވެސް އޮންނާނެ އެވެ. މާލޭގައި ދިރިއުޅުމަކީ ގަދަ ކަނޑެއްގައި ފެތުން ފަދަ ކަމެކެވެ. މި ފެތުމުގައި ރަނގަޅަށް ގެނބިގެން ދަންދެން ފަތަފަތާ ތިބޭނީ އެވެ. 
"ދަރިފުޅާ، އަލީ މިއީ ކޮން ކަމެއް؟ އަހާނ، މުހައްމަދުވެސް!" ދުވާލުގެ އުދާހުގައި ކެކިކެކި އޮތް ޖައްވުން ގޭތެރެއަށް ވަން ހޫނު ގަނޑެއްހެން ވަދެގެން އައި އަހަރެންގެ ދެގޮލާ ފެނުމުން އަހަންނަކަށް ނީނދެވުނެވެ. ހާއްސަކޮށް އަހަރެން މުޙައްމަދުގެ އިސްތަށިގަނޑަށް ހަދާފައި އެހެރަ ގޮތެކެވެ. ހީވަނީ ރަތް ހާލެއްގެ ކެޔޮފޮތި ހެންނެވެ. ދެގޮލާ ތިބީ ނޫ ހެދުން އަޅައި ނޫ ކުލައިގެ ގުޑި ހިފައިގެނެވެ. ލޮނުޒިޔާރަތްކޮޅަށް ދާން ތައްޔާރުވަނީ އެވެ. 
"ބައްޕާ، ކައިޓް އަރުވަން ދާން ތައްޔާރުވަނީ. މިއައީ ރޮދީގައި ފުޅިތޮށި ވަށައިގެން،"
ގޭތެރެއަށް ނުކުތާވަރުގެ ބޮޑު ދެ ގުޑިން އަހަރެން ރެކިލީމެވެ. ކުކުޅު ބައިގަނޑެއްހެން ކުދިވެރިން ގޮސް އެރީ އެނދު މައްޗަށެވެ.
"ތީދެން މީހުން ކުދިން ތަރުބިއްޔަތު ކުރާ ގޮތެއް ނޫނެއް ނޫންތަ؟" ނޫ ހެދުން ލައި ފަރިވަމުން ދިޔަ މަދީހާއާ ދިމާއަށް ނުބަލައި އިނދެ އަހަރެން ބުނެލީ، މާ ބޮޑު މާނައެއް ލައިފައެއް ނޫނެވެ. ދަރިންނާ މެދު ވިސްނޭވަރުން ހަމަ ބުނެވުނީ އެވެ.
"ފުރުސަތެއް ހޯދައިގެން ތި ބެހެނީ ޕާޓީއާދޯ؟ އެކުދިން ހެދުން ލާނެ ކުލައެއް އެނގޭނީ އަހަންނަށް. އަހަރެންގެ ހެދުން ހުންނާނީ ވެސް އަހަރެން ބޭނުން ކުލައެއްގަ އެއީކީ އަރުޝަދަކާ ބެހޭ ކަމެއް ނޫން، އަރުޝަދު ހުރޭ ކަސްޓަޑުގަނޑެއް ހެން." މަދީހާ ފުރަތަމަ ވެސް އެރީ ނަރުގަނޑަށެވެ.
"އަހަރެން މިބުނީ ކުލައިގެ ވާހަކައެއް، ޕާޓީއެއްގެ ވާހަކައެއް ނޫން... ދަރުމަވާނެ، އެކަމަކު އެކުދިން ލާނެ ކުލައެއް އެކުދިންނަށް ދޫކޮށްލަބަލަ؟ މަށަށް ހީވަނީ އެގޮތް މާ ރަނގަޅު ވާނެހެން، ބަލާބަލަ އެހަރަ މުހައްމަދެއްގެ އިސްތަށިގަނޑު. ބޯ ހަލާކުވާ ވަރުވޭ، ބަލާބަލަ ގޭތެރެއަށް ވަދެގެން އައި ގޮތް، އޮޅަށް އެރި އަލަ ކަނޑައިގެން ފައި ނުދޮވެ ހުރި ފަގީރެއްގެ ދެފައޭ ތަފާތެއް ނެތް. ހުރިހައި ކިލަލަކާ އެކު ބަލާބަލަ އަރާ ތިބިތަން،" 
"އޭއި، އަރުޝަދު ދޭބަލަ ރީނދު ހުން ޖެހިގެން އޮންނަން، ރީނދޫ ފޮށާ އަޅައިގެން މަގުތައް މަތީ ދުވަން، ހަރުގޭގައި ގޮނޑިއަޅަން މަށެއް ނުބެހެމެއްނު!" ބެހެންތަ؟ މަށަށް ވަރިހަމަ ގޮށް ރީނދޫ ކައިގެން އެކޮޅުކޮޅުން ޖެހުނަސް، މަށަކުވާ ތި ކުލަ ހުރި ކާއެއްޗެއް ވެސް ދެން މިގެއަކު ނަހަދާނަން." މަދީހާގެ ކޯ ފުއްޕަމުން ދިޔައީ ވައި ވަންނަމުން ދިޔަ ފުއްޕާ ހަމެއް ހެނެވެ.
"މަދީހާ ތިފާޑަށް ކޮންމެ ކަމެއްގައި ވާހާކަ ދައްކާކަށް ނުޖެހޭނެ، މަށެއް ނޫޅެމޭ ގޭތެރެއަށް ޕާޓީ ކުލަ ވައްދައިގެނެއް، އަހަރެންގެ ސިޔާސީ ވިސްނުމަކާ ގޭތެރޭގެ ދިރިއުޅުމަކާ ގުޅުވާނެ ކަމެއް ނެތް،" 
"ހެވޭ މަށަށް އެނގޭނީ މަގޭ ދަރިން ހެދުން ލާންވީ ކުލައެއް، ތިޔަ އުޅެނީ ޕްރޮވިންސް ހަދައިގެން ލާ މަރުކަޒީ ކުރާކަށްނު މަ އެ ރަށް ގަނޑަށް ގެންދަން. ހަނދާން ނައްތާލާ!"
"ތިދެން މާ މޮޅު ގޮތެއް ހުރިހާ ކަމެއްގައި މަދީހާ ބުނާ ގޮތް އެއީ މޮޅު ގޮތް، ދެން ކޮބައިތަ މިގޭގައި އަހަރެން ބާރަކީ؟ ނެތް ބާރެއް! އެކަމަކު ކަމެއް ދަމެއް ބޮޑުވެއްޖެއްޔާ ތެޅި ބާލަން ޖެހެނީ މަށަށް، މަދީހާ ދެބުމަ ގޮށްޖަހައިގެން އިންނަނީއެއް ނޫންތަ؟ އިއްޔެ އެއް ނޫންތަ މުހައްމަދު ހުމާ ފިހި، ހަދާނެ ގޮތެއް ނެތިގެން އުޅުނީ. މަށެއް ނޫންތަ ކޮނޑުމައްޗަށް ލައިގެން ދުވުނީ މަދީހާ ކީއްކުރީ؟ އާން މަދީހާ ފައުންޑޭޝަން ޖަލްސާއަށް ދިޔަ، މޮޅު ވާހަކަ ނުދައްކަބަލަ؟"
"އަރުޝަދު މާ މޮޅުވާން އުޅޭނެ ކަމެއް ނެތް، އަރުޝަދު މޮޅުވާނީ ހަރުގޭގަ! މިގޭގައި އަރުޝަދުގެ ބާރު ހިނގާނީ އޮންނަ އުސޫލުގެ މަތިން ބަލަ އިސް މީހަކީ މަންމައޭ... ނޭނގޭތަ؟ އާނ، ރީނދޫ ހުން ޖެހިއްޖެއްޔަކާ ނޭނގޭނެ. އަޑު އަހާ! ދީނުގައި ރަން މެޑަލި ލިބެނީ ވެސް މަންމަ އަށް ރިހި މެޑަލި ވެސް މަންމައަށް، ލޯ މެޑަލި ވެސް ލިބެނީ މަންމައަށް، އަރުޝަދު ތީ ބައްޕައެއްނު ބައްޕަ އަންނާނީ އޭގެ ފަހަށް، ދަސްކޮށް ބަލަ؟ ރީނދޫ ހިމާރަށް ބުނެދިނަސް ނޭނގޭނެ. އެހާ ގަމާރުވާނެ،" މަތިވެރި އިސްމުފުޅެއް ލިޔެފައި އިން ލޯގަނޑަކަށް ގަދަރުދޭ ފަދައިން، ފަރުވާތެރިކަމާ އެކު ޕާޓީގެ ދިދަ އައިސްއަލަމާރިއާ ދިމާ ފާރުގައި ރީތިކޮށް ހަރުކޮށްލަމުން މަދީހާ ކޮޓަރިއާ ދިމާއަށް ހިނގައި ގަތެވެ. 
"ހިނގާ، ހިނގާ، މިހާރު ފަހިވައި އޮންނާނެ، މުހައްމަދު ދަރިފުޅާ ކޮބާ ފިރޯށި، އަލީގެ މަޑީގައި ރަނގަޅަށް ބައިން ޖެހިންތަ؟ ހިނގާ ނައްޓާލަމާ،" އަލާމާރީ ވަތްގަނޑު ހާވައިގެންފައި މަދީހާ ނޫކުލައިގެ ހެދުމާ ގުޅޭ ބޮލު ފޮތިކޮޅު ހެޔޮވަރު ކުރަމުންދިޔަ އެވެ. 

ގުޑިތަކާއި ފިރޯށިތައް ހިފައިގެން ތިންމައިން ހެލިގަތުމުން އަހަރެން މިސްރާބު ބެހެއްޓީ ބާޒާރަށެވެ. އިރުއޮއްސޭ އިރަށް ފަނިގިރާނެ އެއްޗެއް ހޯދާށެވެ. ކުރީ ދުވަހު ގެނައި ހައެއްކަ ނާރަންނާސި މަދީހާއަކަށް ކަމަކު ނުދިޔަ އެވެ. ހަރުގޭގައި އުޅޭ އަހަރެން ރައްޓެހި އައްޑޫގެ އެމްޑީޕީ މީހަކު ދިން އެއްޗެކަށް ވީމައެވެ. އިއްޔެ ބާޒާރުން ގެނައި ބައިކިލޯ ފޭރު ވެސް ކަމަކު ނުދިޔަ އެވެ. ބަހަނާއަކަށްވީ ފަނި ގިރީމާ ކުދިވެރިންނަށް ކަމު ނުދާ ވާހަކަ އެވެ. އެކަމަކު ހަގީގަތަކީ ދޮން ކުލަ އަރާފައިވާކަމެވެ.

"އަރުޝަދޫ މި ގެންދެބަލަ؟ ވަރަށް ފައްކާވާނެ ފަނި ގިރާލަން. ފިނިކޮށްލައިގެން ވަރަށް މީރު ވާނެ. އަރާމު ރަހައެއް ހުންނާނެ،" މާރުކޭޓުން ދިމާވި ނަސީރުގެ ބަހަށް އަހަރެން ގަތީ ރަން ކަރަލެކެވެ. އަހަރެން ވެސް އަދި ދުވަހަކު ނުގަންނަމެވެ. ރަހަބަލައިލަން ރަނގަޅުވާނެ ކަމަށް ބަލައި ފަންސާ ރުފިޔާ ދީފައި ނެގީ އެވެ. ރަކަރަކަ ލައިލައި އޮތް ބާޒާރުގައި ތެޅި ތެޅިފައި ކަރާ މާރުކޭޓުން ނުކުމެ ބާރަށް ދުއްވާފައި ގެއަށް އައީ މަގުމަތީގެ ނުރައްކަލުން ސަލާމަތްވެގެނެވެ. ގެއަށް ވަން އިރު މަދީހާ މޭޒުމައްޗަށް ހެދިކާތައް އަރުވަނީ އެވެ. ރިހަފޮޅި އާއި ދޮން ރިހަ އާއި ހަވާދު ލީ ބިސްތަށިތަކެވެ. ރީނދޫ ކުލަ ހުރި އެއްޗެއް ނަހަދާ ނަމޭ ކިޔާފައި ހުސް ރީނދޫ ހެދިކާ މިއަދު ހަދާފައި ހުރީ އަހަރެން ރުއްސަން ވެގެންކަން ޔަގީނެވެ. ރަނގަޅަށް ވިއްޔާ މިރޭ ކޮންމެ ވެސް ފިލްމަކަށް ދާންވީއެވެ. އެހެންނާ، ނޫ ޕާޓީއެއްގެ އެއްވުމަކަށް ދާންވީއެވެ.
"އަން މިއޮތީ، އަވަހަށް ފަނި ގިރާލާ،" އަހަރެން ގެނައި ރީނދޫ ކުލައިގެ ރަންކަރާ ނަގާ ހެދިކާ ތަށިތައް ކައިރީގައި ބޭއްވީމެވެ. 
"އަވަހީނު ތި ގެނައިލެއް؟ މިހާރު އެހަރަ އޮސްސެނީ ވިއްޔަ،" 
"މިޔޯ މީ ކޮންކަމެއް؟ ބަލަ މަދީހާ ބުނީމެއްނު ރީނދޫ ކުލައިގެ ހެދިކާއެއް ވެސް މިގެއަކު ނުހަދާނަމޭ... ރިހަފޮޅި މީއް ކޯނޗެއް. ދޮން ރިޔަ ވެސް ހަވާދު ލީ ބިސް ވެސް، މިހިރީ ހުސް ރީނދުލެއްނު؟" މަދީހާ ބުނި އެއްޗަކާ އަޅައި ނުލައި އަހަރެން ބުނެލީމެވެ. 
"އަރުޝަދަށް ވަރެއް އަރައިފިތާ،" 
އަހަރެން ހަމަ ގޮނޑީގައި އިނީ އެވެ. ވަރު އަރައިގަތީ މަދީހާ އެވެ. ބަޑިޖަހާފައި އައިސް ކުރިމައްޗަށް ޖެހިގަތެވެ. ހަގީގަތުގައި ރޯދަ ކަނޑައިގެން ބުނަންވީ އެއްޗެއް އަހަންނަށް މާ ކުރިން ބުނެވުނީ އެވެ. ހޫނުގަނޑު ފިނިކޮށްލަން ކަމަށް އަހަރެން ގޮނޑިން ތެދުވެ ކުދިންވެރިންނާ ދިމާއަށް ހިނގަތީމެވެ. 
"މުހައްމަދޫ.... ދަރިފުޅާ ރޯދަ؟" ހިނި އައިސްފައި ހުރެ އަހަރެން އަހައިލީމެވެ. ދުވާލު އެއްޗެއް ނުކައި ފެން ބޮއެފައި ހުރިވަރުން މުހައްމަދުގެ ބަނޑު ހުރީ ކަރައެއްހެ ފުފި އެވެ. ކިތަންމެ ވަރަކަށް ފެން ބުޔަސް މުހައްމަދަށް ރޯދަ އެވެ. 
"ރޯދަ ހިފަނީ މަންމަ ދޯ؟" އަހަރެން ކުރި ސުވާލަށް މުހައްމަދު ހީނލި ވަގުތު އަހަންނަށް ބުނެވުނު ބަސްވީ އަލިފާނަށެވެ. ދެނަކާދެނެއް ނެތެވެ. ބަދިގެ ތެރޭގައި ހުރެފައި ދެލޮލުން އަލިފާން އުކަމުން އައިސް މޭޒުމަތީގައި އޮތް ރަން ކަރާ ނެގި އެވެ. 
"އުނ މިއޮތީ މި ހިފައިގެން އައިތާކަށްދޭ،" މަދީހާ ކަރާ އުފުލާލުމަށްފަހު ތަޅުން މައްޗަށް ޖެހި އެވެ. ފަސް ކިލޯގެ ކަރާ ތަޅުން މައްޗަށް ތަރަވެ، ފޮނިގަނޑު ފައިބައިގަތެވެ. ވިއްސައިގެން ދިޔަ ކަރާ ކޮކޮޅު އައިސް އަހަރެން ގަމީހުގައި ތަތްވި އިރު މުޅި ތަނަށް ހީވަނީ ކަރާފަނި ޖަގެއް ބަންޑުން ކޮށްލާފައިވާ ހެނެވެ. 
"ހުނ ގައުމީ ކަރަޔޯ... ފެއްސާ ރަތާ ހުދާ ނެގުނު ނަމަ ވަރެއްވީސްތާ ދޯ؟ އެ ކުލަތައް ނަގަން ނޭނގުނީ ވެސް ގަމާރު ކަމުން،" 
"މަދީހާގެ ގަމާރުކަން ކުޑައެއް ނޫން، އާދަމުގެ ދަރިން ރޯދައަށް ތިބެ އުޅޭ ގޮތަކަށް ނޫން ތިއުޅެނީ،" މަދީހާ ކެކިގަތް ގޮތުން އަހަންނަކަށް ވެސް ނީނދެވުނެވެ. އެކަމަކު އަހަރެން ބުނި އެއްޗެއް ބުނީ ރަނގަޅަކަށެވެ. 
ނަގޫރޯޅި އައީ އަހަންނާ ދިމާއަށެވެ. ވިއްސާލި ދޮން ރިހަތަށި ޗަސްލާފައި ޖެހުނީ އަހަރެން އުނގަށެވެ. ޖެހުނު ހާލަށް އަހަރެންގެ ދެ ގޮލާ ޕަކަޕަކަ އަޅައިފައި ހީނގަތް ވަގުތު ހެދިކާތަށިތައް އުދުހުނީ އަހަރެން ބޯމަތިންނެވެ. މޭޒުމަތީގައި އޮއްޓަރު ކުރެއްވި އެއްވެސް އެއްޗެއް ސަލާމަތުން ނުބަހައްޓައި ބުރުވާލި އަހަންނާ ދިމާއަށެވެ. 
"ޑޭވީ ހެދިގެން މިގޭތެރޭގައި އަރުޝަދު އުޅޭނެ ކަމެއް ނެތް،" އަރާފައި ހުރި ވިޔަރިގަނޑު މައިތިރިވީކީ ނޫނެވެ. 
"ޑޭވިއޭ، އެއީ ކިހިނެއް ވާ ކަމެއް؟ ރައްކާވޭ!" 
"އެއީ ދިވެހިން ފަސާދަ ކުރި އިނގިރޭސި މީހާ، ރީނދޫ ހުންޖެހޭ މީހުންނަކަށް ނޭނގޭނެ... ތިއުޅެނީ ޑޭވީ ހެދިގެން... މި ސަކަރާތެއް މަލައްވާ ގަނުވަންވެގެން ބާޒާރުން ތިއެއްޗެއް ހޯދައިގެން ތިޔައީ ރިތި ވެއްޖެއެއްނު މިއަދު، ދެން އިނދޭ ރީނދުލުން ފެންވަރައިގެން،" 

ބަންގީގެ އަޑު އިވުމާއެކު އަހަރެން މަޑުމަޑުން ތެދުވިއިރު އަލަމާރިން ނެގި ފިނި ފެންފުޅިން މަދީހާ ކަރުން ނާގާފައި ފެން ބޯން ހުއްޓެވެ. ފާހާނައަށް ވަދެ ތާހިރުވެލައި ކޯ ދޮވެލައިގެން މިސްކިތަށް ދާން ނުކުތް އިރު ވެސް ގޭތެރެ އޮތީ އުދަ އެރި ގޮތަށެވެ. ތަޅުންގަނޑަށް ޖަހައި ފުނޑުފުނޑު ކޮށްލި ކަރައިގެ ތަންތަންކޮޅު ނަގައިގެން އަހަރެން ދެގޮލާ ދަތްޖަހާފައި ކުޅިވަރަކަށް ކާން ތިއްބެވެ. ގުއް ކިޔާފައި ދަމާލި ފެންތަށީގެ ވަރުބައްޔަށް މަދީހާ އެނދު ހުރަހަށް ދެމިފައި އޮތީ ވައި ހިނދިފައިވާ ފުއްޕާހަމެއްހެނެވެ. އަހަރެން ނުކުމެގެން ދިޔައީ އެވެ. އަހަންނާ މަދީހާއާ ދެމީހުންނަށް އެކައްޗެއް ނުކިއި ރޯދަ މަހުން ދުވަހެއް ކެނޑުނީ އެވެ. ހަޔާތުގެ އުޑަށް މިކަހަލަ ކުލަތައް އަރާނެއެވެ. 

ކޮމެންޓް 0