25

އަރައިގެން އައި އިރުގެ ދޯދިތަކުން ދުނިޔެމަތި އަލިކުރަމުން އައި ވަގުތެވެ. ފަތިހުގެ ފިނިކަމުގައި ކަސްރަތަށް ނުކުމެ އުޅުނު ބައެއް މީސްމީހުން އެކަމުން އަވަދިވެ އެހެނިހެން ދިމަދިމާއަށް މިސްރާބު ޖަހަމުން ދިޔައެވެ. ކަސްރަތު ކުރުމުގެ ޝައުޤުނެތް ނަމަވެސް ، އަހަރެން ބޭރަށް ނިކުމެލީ ރޭއްސުރެ ސިކުނޑިއަށް ވެރިވެފައިވާ ތޫފާނު މައިތިރިކުރެވޭތޯއެވެ. އެހެންނަމަވެސް މިމާހައުލުން އަހަރެންގެ ސިކުނޑިއަކަށް ލުޔެއް ނުލިބުނެވެ. ތޮށިގަނޑުމަތީގައި އިނދެ ހުލިކުރަމުން ދިޔަ ސިނގިރޭޓުތަކުގެ ސަބަބުން އަހަރެންގެ ހިތަށް ވެރިވެފައިވާ ނުތަނަވަސްކަމަކަށް ހައްލެއް ނައެވެ. އަދިވެސް ލޮލުގެ ކުރިމަތީގައި ސިފަވަމުން ދަނީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅުގެ ރުޅިވެރި މޫނެވެ. ކަންފަތުގައި ގުގުމަމުން ދިޔައީ ރުޅިވެރިކަމާއެކު އެ ދަރިފުޅުގެ އަނގައިން ބޭރުވެގެން ދިޔަ ބަހުގެ ހޫނު ހަމަލާއެވެ. '' މި ހަފުތާތެރޭ ބައްޕަ ގޮތެއް ނިންމަން ޖެހޭނެ. އެ ގޮތެއް ނެތް އަންހެނާ މިގެއިން ފޮނުވައި ނުލައިފިއްޔާ އަހަރެން މިގެއިން ދާނަން.....''

އަހަރެންގެ ދަރިފުޅުގެ އުމުރުން 16 އަހަރާ ހަމައަށް އައިއިރުވެސް ދުވަހަކުވެސް އެދަރިފުޅުގެ މަންމައަށް ނިސްބަތްކޮށް އެފަދަ ހުތުރު ބަހެއް ބޭނުމެއް ނުކުރެއެވެ. އެކަން އެއްކިބައިގައި އޮއްވައި، އެ ދަރިފުޅުގެ މަންމަ ރާމިޒާގެ ފުށުންވެސް ދަރިފުޅުގެ އެ ހަރުކަށި ބަސްތައް ރައްދުވާން ޖެހޭ ކަހަލަ ނުކިއްސަރު ކަމެއް އަހަރެންނަށް ތަޖުރިބާކުރެވިފައެއް ނެތެވެ. އަހަރެންގެ ހިތުގައި ފުނިޖެހެމުން ދިޔަ ސުވާލުތަކުގެ ފުނިވަރު ބޮޑުވަމުން ދިޔައެވެ. ފުރަތަމަ ދަރިފުޅުގެ އެ ޢަމަލާ މެދު އުފެދުނު ސުވާލެވެ. ރޭގެ އެވަގުތު ދަރިފުޅުގެ ފަހަތުން ކަހަލަ ގޮތަކަށް ގެއަށް އައިސް ވަންނަ ދިމާކުރި ރާމިޒާއަށް ދަރިފުޅުގެ ބަސްތައް އަޑުއިވުމުން ، މަޑުވެސްކޮށްނުލައި ނިކުމެގެން ދިޔަ ސަބަބާ މެދު އުފެދޭ ސުވާލެވެ. ރާމިޒާ ރޭގެ އެ ހާދިސާއަށްފަހު ފޯނު ނިއްވާލައިގެން ގެއަށް ނައިސް އެއުޅޭ ސަބަބަކާ މެދު އުފެދޭ ސުވާލެވެ. ހައްތާވެސް ޖަވާބުހޯދަން ދަތި ސުވާލުތަކެވެ.

ފިކުރުތައް ބޮޑުވެ އިތުރަށް ހިތް ނުތަނަވަސްވަމުން ދިޔަ ވަރަކަށް ރާމިޒާގެ ހަނދާންތައް ހިތަށް ދަތިކުރަމުން ދިޔައެވެ. ހިތް ނުތަނަވަސްވާ މިފަދަ ދަނޑިވަޅުތަކުގައި އަހަރެންގެ އެންމެ ގާތުގައި އަބަދުވެސް ހުންނަ މީހަކީ ރާމިޒާއެވެ. އަހަރެންގެ ނުތަނަވަސްކަން ކުޑަކުރުމުގައި ރާމިޒާ ދެ ގޮތެއްނުވެ ދެމިހުރެއެވެ. ދިރިއުޅުމުގައި އަހަންނަށް ދިމާވި އެންމެ އުނދަގޫ ދަނޑިވަޅުތަކުގައިވެސް ރާމިޒާ ވަނީ އަހަންނަށް އެހީތެރިވެދީފައެވެ. އެއީ އަހަރެންގެ ނަޒަރުގައި ކެތްތެރި އަންހެނެކެވެ. އެފަދަ މީހަކު މިފަދަ ޒަމާނެއްގައި ލިބުމަކީ ނާދިރުކަމެކެވެ. ކަނޑުމަތީ ހާދިސާއެއްގައި ދެ ލޯންޗެ ޖެހި ހިނގި އެކްސިޑެންޓެއްގެ ސަބަބުން އަހަރެންގެ ވާތުގެ ބޭނުން ކެނޑި އާމްދަނީ ހޯދަން ކުރަމުން އައި މަސައްކަތުން އަތްދޮވެލަން ޖެހުނު ހިނދުވެސް ރާމިޒާގެ ހިތްވަރާއި ކެތްތެރިކަން އަހަންނަށް ވަނީ ފެނިފައެވެ. 3 އަހަރަށް ދާ ދަރިފުޅާއި އަހަރެންގެ ކަންތައް ބަލަހައްޓަމުން ރޭގަނޑު ފަހާ ތަނެއްގައި މަސައްކަތްކުރަމުން ގެއަށް އިތުރު އާމްދަނީ ވައްދަމުން ދިޔައީ އަހަރެންގެ ހިތް އޭނާގެ މައްޗަށް ތަޢުރީފުން ފުރުވަމުންނެވެ. ޝަކުވާއަކަށް ފުރުސަތެއްވެސް ނުދެއެވެ. އެދުވަހު އެ ފެށި މަސައްކަތުގައި މިއަދުވެސް އޭނާ ދެމިހުރީތީ އަހަރެމެންގެ ދިރިއުޅުން ތަނަވަސްވެ ގިނަ ފިކުރުތަކަކުން މިންޖުވެފައިވެއެވެ. ދިރިއުޅުމުގެ ދުވަސްތައް މާބޮޑު އަޑިގުޑަންތަކަކާ ކުރިމަތިނުވެ ވޭތުވަމުން ދަނިކޮށް ކުއްލިއަކަށް މި ދިމާވި ކަންތައްތަކުން އަރައިގަންނާނެ ގޮތެއް ވިސްނަން ދަތިވިއެވެ.

ތިން ގަޑިއެއްހާއިރު ހައިޖާނީ ފިކުރުގެ ކަނޑެއްގައި ފީނަފީނާ އިނުމަށްފަހު،އަހަރެން ނިންމީ ދަރިފުޅާ ކުރިމަތިލާށެވެ. މި ދިމާވެގެން އުޅޭ ކަންތައްގަނޑު އަހަންނަށް އޮޅުންފިލުވެން އޮތް ގޮތަކީ އެއީ ކަމުގައި ނިންމައިގެން އަހަރެން ގެއަށް ދިޔައިމެވެ. ގޭތެރެއަށް ވަދެގެން ދިޔައިރުވެސް އަހަންނަށް އިހުސާސްކުރެވެމުން ދިޔައީ ފަޅުކަމެވެ. ރާމިޒާއާއެކު މުޅި ގޭގެ ދިރުންވެސް ނެތިގެން ދިޔަ ކަހަލައެވެ. ދެ ފިކުރުގައި ހުރެ ދަރިފުޅުގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލީމެވެ. ދެ ތިން ފަހަރަކު ޓަކިޖަހައިލުމަށްފަހު ޚަބަރެއް ނުވުމުން ގޮވައިލީމެވެ. ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު އަހަންނާ ދިމާއަށް ބަލައިވެސް ނުލައި ގޮސް އަޒުލިފާ ކުޑަދޮރު ކައިރީގައި އަހަންނަށް ފުރަގަސްދީގެން ހުއްޓިލިއެވެ. ލަސް ފިޔަވަޅުތަކެއްގައި އަހަރެންވެސް ގޮސް މަޑުކޮށްލީ އަޒުލިފާގެ ގާތުގައެވެ. '' ދަރިފުޅާ!..... މިވެގެން އުޅޭ ގޮތެއް ބައްޕައަށް......'' އަހަރެން ބުނަން އުޅުނު ޖުމުލަ ފުރިހަމަ ނުވަނީސް ދަރިފުޅުގެ ބަޑިފަޅައިގެން ދިޔަކަހަލައެވެ. ހިފަހައްޓަން މަސައްކަތްކުރަމުން ދިޔަ ކަރުނަތައް ދެ ލޮލުން ފައިބަގަތުމާއެކު އަޑުވީއްލައި ރޮއިގަތެވެ. އެ މޫނު އަހަންނަށް ނުދައްކަންވެގެން މޫނުގައި ދެ އަތްއަޅައި ފޮރުވިއެވެ. އަހަރެން އިތުރަށް ކަންބޮޑުވިއެވެ. ހަދާނެގޮތް ހުސްވިއެވެ. ދަރިފުޅުގެ ކޮނޑުގައި ފިރުމައިލަމުން، ތިޔަ ވަރަށް ނުރޮއި ހުއްޓާލާށޭ ބުނުން ފިޔަވައި އިތުރަށް އެވާހަކަ ކުރިއަށް ގެންދާނެގޮތެއްވެސް އަހަންނަކަށް ނުވިސްނުނެވެ.

ދަރިފުޅުގެ އެ ހާލަތާ މެދު ކެތްނުވެގެން އަނެއްކާވެސް އަހަރެން ރާމިޒާގެ ޚަބަރެއްވޭތޯ އުޅެންފެށީމެވެ. އަހަރެންގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއަށް ފޯނުކޮށްގެން ގެއަށް ގެނަސް ކުޑަގޮތަކަށް ދިމާވެގެން އުޅޭ ކަންތައް ކިޔައިދިނީމެވެ. އަދި އަޒުލިފާއަށް ވިސްނައިދީގެން އޭނާގެ ކަންތައްތައް ހަމައަކަށް އަޅުވައިދޭން ކޮއްކޮގެ ކިބައިން އެދުމަށްފަހު އަހަރެން ބޭރަށް ނިކުމެލީ އަސްލަމާ ބައްދަލުކުރުމަށެވެ. މިކަމުގައި އަހަންނަށް އެހީތެރިވެދެވޭނެ އެންމެ ގާތް މީހަކީ އަސްލަމްކަމުގައި އަހަރެން ނިންމީމެވެ. އެއީ ސްކޫލު ދައުރުންސުރެ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަހަރެންގެ ގެއަށް އައިސްގޮސް އުޅޭ އަހަރެންގެ މަދު އެކުވެރިންގެ ތެރެއިން އެކަކެވެ. އަސްލަމަކީ އަހަރެންގެ ޢާއިލާގެ އެންމެންގެވެސް ރައްޓެސެކެވެ.

އަސްލަމާއެކު ކޮފީއަކަށް ގޮސް އިނދެގެން ވެގެން އުޅޭ ގޮތް ކިޔައިދިނީމެވެ. އަދި ރާމިޒާ ހޯދާނެގޮތުގެ ލަފައެއްވެސް އެހީމެވެ. އަސްލަމްގެ ފުރަތަމަ ޚިޔާލަކީ ރާމިޒާގެ ރައްޓެހިންނަށް ގުޅައިގެން ބެލުމެވެ. އެކަންވެސް ކުރީމެވެ. އެކަމަކު އެއިން އެއްވެސް މީހަކާ އެރެޔާއި އެދުވަހުވެސް ރާމިޒާއާ ބައްދަލުވި ކަމަކަށް ނުވިއެވެ. ދެން ގަސްތުކުރީ ރާމިޒާ ފަހަން ގޮސްއުޅޭ ތަނަށް ދިޔުމަށެވެ. އެތަނަށް ދިޔައިރު އެތަނުގައި ފެހުމުގެ މަސައްކަތުގައި ތިން ބިދޭސީން ތިއްބެވެ. އަސްލަމާއެކު އަހަރެންވެސް އެތެރެއަށް ވަނީމެވެ. އަސްލަމް އަހަރެންގެ ފޯނުން ރާމިޒާގެ ފޮޓޯއެއް އެތަނުން އެކަކަށް ދައްކައިލުމަށްފަހު ރާމިޒާ މިއަދު އައިތޯ އެހިއެވެ. '' ތިޔަ ދައްތަ ދުވާލު ނާންނަނީ.... . ރޭގަނޑު އަންނަނީ.. އަންނަނީމަ ކުޑައިރުކޮޅަކު މިތާ މަސައްކަތްކުރަނީ.. ދެން މެޑަމްއާއެކު ގޭތެރެ ބަޔަށް ކޮންމެ ރެޔަކު ދަނީ...'' އަތުގެ އިޝާރާތުން ފަހާތަނުގެ ތެރެއިންލާފައި ގޭތެރެއަށް ވަންނަ ހުރި ދޮރެއް ދައްކައްލަމުން ބިދޭސީމީހާ ދެއްކި ވާހަކަތަކުން އަހަރެންނަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. އަސްލަމް ސުވާލުގެ ނަޒަރަކުން އަހަންނާ ދިމާއަށް ބަލައިލިއެވެ. އަހަރެންގެ މޫނުމަތިން ފެނުނު ކުލަވަރުތަކުން އަހަންނަށްވެސް ވާނުވާއެއް ނޭނގޭކަން އޭނާއަށް ތަރުޖަމާކުރެވުނެވެ. '' މެޑަމް މި ގަޑީ ގޭގަ ހުންނަނީތަ؟ '' އަސްލަމް ބިދޭސީ މީހާއާ ސުވާލުކޮށްލިއެވެ. އޭނާގެ ވާހަކަތަކުން އެބުނާ މެޑަމް މި ގަޑީ ގޭގައި ނޫޅޭކަން އެނގުނެވެ. އޭނާގެ އަތުން ފޯނު ނަމްބަރު ހޯދައިގެން ގުޅިއިރު އެނަމްބަރުވެސް އޮތީ ނިވައިލައިފައެވެ.

ހަނދާނެގޮތް ހުސްވެފައިވާ މީހަކު ފަދައިން އަހަރެން އަސްލަމުގެ ފަހަތުން އެތަނުން ނިކުތީމެވެ. އަސްލަމް އަހަރެންގެ ކިބައިން ދެން އެދުނީ ރާމިޒާ ގެއްލިގެން އުޅޭ ވާހަކަ ޕޮލިހަށް ރިޕޯޓުކުރުމަށެވެ. އަހަރެންގެ ނަޒަރުގައި ޕޮލިހަށް އަންގަން އަދި މާ އަވަހެވެ. ރާމިޒާ ގެއިން ނިކުމެގެން ދިޔަތާ އަދި 24 ގަޑިއިރުވެސް ނުވެއެވެ.

އަސްލަމާއެކު އޭނާގެ ސައިކަލުގައި މާލޭގެ ތަފާތު ސަރަހައްދުތަކުގައި ރާމިޒާ ފެނޭތޯ ދުއްވުމަށްފަހު ހަވީރު އަތަށް އެޅުމުން އަހަރެން ނިންމީ އެވަގުތަށް ދެން އެކަން ހުއްޓައިލުމަށެވެ. އަދިއެއްފަހަރު މިރޭ ފަހާތަނަށް ގޮސް އެބުނާ މެޑަމް އަކާ ބައްދަލުކުރަން ގަސްތުކޮށްގެން، އެގަޑީގައި ގެއަށް ޖައްސައިލުމަށް ނިންމީމެވެ. ބޭނުމަކީ ދަރިފުޅުގެ ޚަބަރެއް ބަލައިލުމެވެ. މާޔޫސްވެފައިވާ ހިތަކާއެކު ގޭތެރެއަށް ވަނީމެވެ. ގޭގޭ ބޮޑު ފެންޑާގެ ތެރެއިން ލައިފައި ދިޔައިރު ދަރިފުޅާއެކު ރާމިޒާ ނަގައިފައިވާ ފޮޓޯ ފެނުމުން ހުއްޓެވުނެވެ. އެދެމައިންގެ މޫނުމަތިން ފެންނަން ހުރީ އުފާވެރިކަމެވެ. ރާމިޒާގެ ލޮލުގައި ވަނީ މައިވަންތަ ލޯބީގެ އަސަރުތަކެވެ. ދަރިފުޅުގެ މައުސޫމު މޫނަށް ބަލަހައްޓައިގެން އިން އިރު ރާމިޒާގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުމުން އެކަނިވެސް، އެތަސްވީރު ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް ފިނިކަން ލިބެއެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން އަހަރެން ވަށައިގެން ނަޒަރު ހިންގައިލީމެވެ. ކޮންމެ ދިމާއަކުންވެސް ފެންނަނީ ރާމިޒާގެ އަސަރުތަކެވެ. މިތަނުގައި ބެހެއްޓިފައި މިވާ ފަރުނީޗަރަކީ ރާމިޒާގެ މަސައްކަތުން ހޯދާފައިވާ ތަކެއްޗެވެ. ރާމިޒާއަކީ އަބަދުވެސް ތަނަވަސް ދިރިއުޅުމެއްގެ ހުވަފެންތައް ދެކެމުން އައި އަންހެނެކެވެ. އަހަންނަށް އޭނާގެ އުއްމީދުތައް ހާސިލުކޮށް ނުދެވުނަސް އޭނާގެ އަމިއްލަ މަސައްކަތުން އެކަން ފުރިހަމަކުރިއެވެ. ރާމިޒާއަކީ މުރާލި، މީހުންނާ ގުޅޭ ހިތްހެޔޮ މިޒާޖެއްގެ މީހަކަށްވުމުން ރާމިޒާއަކަށް އެކަން މާބޮޑު ގޮންޖެހުމަކަށްވެސް ނުވިއެވެ. ދުވާލު ގޭގައި އުޅޭއިރު ހެދިބިލަތާއި އެފާޑުގެ ބައެއް ސާމާނު ހަދައިގެން ވިއްކައި ރޭގަނޑު ފަހާތަނުގައި މަސައްކަތްކޮށްގެން އޭނާ ވަރަށް ބޮޑު އާމްދަނީއެއް ހޯދާކަށް އަހަންނަށްވެސް އެނގެއެވެ. އޭނާއަށް ލިބޭވަރަކާއި އެއަށް ހަދާގޮތަކާ މެދު އަހަރެން ދުވަހަކުވެސް ސުވާލުކޮށް ގޮތްކިޔައެއް ނުހަދަމެވެ. އެއަށްވުރެ ބޮޑަށް އަހަރެން ރާމިޒާއަށް އިތުބާރުކުރަމެވެ. އިންތިހާއަށް ލޯބިވެސް ވަމެވެ. އެކަމަކު މިއަދު މިއިވެމުންދާ ވާހަކަތަކުން ރާމިޒާއަށް ދެވުނު މިނިވަންކަމާއި ކުރެވުނު އިތުބާރަކީ އަހަރެންގެ އަމިއްލަ އަތުން އަހަރެންގެ ދިރިއުޅުމަށްލީ ޒަހަރެއްކަމުގައި އަހަރެންގެ ހިތް ބުނަން ފަށައިފިއެވެ.

އަޒުލިފާ ކޮބައިތޯ ބެލުމަށްޓަކައި އޭނާގެ ކޮޓަރިއަށް ދިޔައިރު ދޮރުހުރީ ހުޅުވައިފައެވެ. ކޮޓަރިއަކު އޭނާއެއް ނެތެވެ. ކޮޓަރިން ނިކުންނަ އެނބުރިލީ ވަގުތު ރީތިވާ ސާމާނު ބަހައްޓާ މޭޒުމަތީގައި އޮތް އަޒުލިފާގެ ފޯނަށް ކޯލެއް އައިސްގެން ވައިބްރޭޓްވާން ފެށިއެވެ. ދެފިކުރުގައި ހުރެފައި ގޮސް އަހަރެން ފޯނު ނެގީމެވެ. ގުޅަނީ އަހަރެން ދަންނަ ނަންބަރަކުން ނޫނެވެ. އެހެންނަމަވެސް ފޯނު ކަންފަތާ ކައިރިކޮށްލީމެވެ. އިވުނީ ރާމިޒާގެ އަޑެވެ. އަހަންނަށް ތެޅިގަނެވުނެވެ. ފޯނުނެގި މީހާ ބުނާ އެއްޗަކަށްވެސް ބެލުމެއް ނެތި ރާމިޒާ ވާހަކަދައްކަން ފެށިއެވެ. އަޑުގައިވަނީ ހާސްކަމާއި ހިތާމައެވެ. '' ދަރިފުޅާ... މަންމައަށް މާފުކުރޭ. ދެން އެކަހަލަ ކަމެއް މަންމަގެ ކިބަޔަކުން ނުފެންނާނެ. ބައްޕައަށް މިކަންތައްތައް ސިއްރުކޮށްދީ..... އާދޭސްކޮށްފައި ބުނަން..'' އަހަންނަށް ކެތްކުރެވުނީ ވަކިވަރަކަށެވެ.'' ރާމިޒާ! ކޮންކަމެއްތަ އަހަންނަށް ސިއްރުކުރަން...'' އަހަރެންގެ ވާހަކަ އަޑުވެސް ނާހައި ރާމިޒާ ވަގުތުން ފޯނު ކަނޑައިލިއެވެ. ފޯނާ ދިމާއަށް ބަލަހައްޓައިގެން އަހަންނަށް އިރުކޮޅަކު ހުރެވުނެވެ. އަދި މިކުރެވެނީ ބޭކާރު ކަމެއްކަން އެނގިހުރެވެސް އަހަރެން އެނަންބަރަށް ގުޅީމެވެ. ފޯނެއް ނުނެގިއެވެ. ފޯނު މޭޒުމަތީ ބޭއްވުމަށްފަހު އަހަރެން ދެން މިސްރާބުޖެހީ އަޒުލިފާ ކޮބައިތޯ ބަލާށެވެ. މިފަހަރު ކޮންމެ ގޮތަކުންވެސް އަޒުލިފާގެ ކިބައިން ޖަވާބެއް ހޯދަން އަހަރެން ގަސްތުކުރީމެވެ. ބަދިގެ ބައާ ދިމާއަށް ދަނިކޮށް ކާކޮޓަރިތެރެއިން އަޒުލިފާގެ ގިސްލުމުގެ އަޑު އަހަންނަށް އިވެން ފެށިއެވެ. އަހަރެން ދޮރުކައިރީގައި މަޑުކޮށްލީމެވެ. ރޮމުން ގިސްލަމުން އޭނާ އަހަރެންގެ ކޮއްކޮ ގާތު ކޮންމެވެސް ވާހަކަތަކެއް ދައްކަމުން ދިޔައެވެ. އަހަރެން އެވާހަކަތަކަށް ސަމާލުވެލީމެވެ.

'' ދައްތާ! ........ މަންމަ އެފަދަ ވިޔާނުދާ މީހަކަށް ވާނެ ކަމަކަށް....... އަހަރެންގެ ހިތަކަށްވެސް ނާރާ..... އަހަރެންނަށް ދެން ރައްޓެހި ..... ކުރިމައްޗަށް ދާންވެސް ނުކުރޭނެ.... މަންމަ.....މަންމަ...... ކީއްވެތަ އެހެން އެ އުޅުނީ....'' އަޒުލިފާގެ ވާހަކަތަކުން އަހަރެންނަށް އަލިމަގެއް ފެންނަން އުޅޭކަމުގެ އިހުސާސްކުރެވުނެވެ. އަހަރެންގެ ކޮއްކޮ އަޒުލިފާ ގާތު މަންމަ ކިހިނެއް އުޅުނީހޭ އެހުމުން އަނެއްކާވެސް ކިޔައިދޭން ފެށިއެވެ. '' ދައްތާ!.... މަންމަ އަކީ ...... ނާސިއެއް. ހަށިވިއްކާ މީހެއް..... ކޮންމެ ރެޔަކު މަންމަ ފަހާތަނަށޭ ކިޔާފައިގޮސް........ އެއުޅެނީ އެކަމުގަ....... އެގޭ ދައްތައާ މަންމައާވެސް އޮންނަނީ......އެހެން ކަހަލަ......'' އެހާހިސާބަށް ދަރިފުޅުގެ ވާހަކަތައް ދިޔުމުން އަހަންނަށް ހުރި ދިމާއިން ތިރިވެވުނެވެ. މެއަށް ތޫނު ތަދެއް އެރިކަހަލައެވެ. އެނގުނު ވާހަކަތަކާއެކު ހިތްދަތިވި ވަރުން ހިނގަހިނގާ ހުރި ނޭވާވެސް ތާށިވި ކަހަލައެވެ. އަޒުލިފާއަށް އެހުރިހާ ވާހަކަތަކެއް އެނގުނުގޮތާމެދުވެސް ކޮއްކޮ ސުވާލުކުރިއެވެ. އަޒުލިފާގެ ވާހަކަތަކުން އޭނާއަށް އެކަން އެނގުނީ އެގެއަށް ކިޔަވަން ފައިބާ ހުންނަ އަޒުލިފާގެ ކުލާހުގެ ކުއްޖަކަށް އަޒުލިފާގެ ފޯނުން ރާމިޒާގެ ފޮޓޯ ފެނިގެން ކިޔައިދިނުމުން ކަމަށް ބުންޏެވެ. އަދި އެކަން އޭނާއަށް ޔަގީން ނުކުރެވިގެން އެކުއްޖާއާއެކު އެރޭ އެގެއަށް ގޮސް ހުރެ ރާމިޒާއަށް ފާރަލީކަމާއި އަދި ރާމިޒާގެ ކުރިމައްޗަށްގޮސް އެރޭ އެކަން އޭނާއަށް އެނގިއްޖެކަން ބުނިކަންވެސް ހާމަވިއެވެ.

ގިސްލައިރޮމުން ދަރިފުޅު ކިޔައިދެމުން ދިޔަ ވާހަކަތައް އަޑުއަހާކަށް އަހަންނަކަށް އިތުރަކަށް ކެތެއް ނުވިއެވެ. އަހަރެން ބޭނުންވީ އެތަނުން ، އެގެއިންވެސް އަވަހަށް ދުރަށް ދިޔުމަށެވެ. ބޭރަށް ނިކުތްއިރު އަހަރެންގެ ހިތްވަނީ ރާމިޒާއަށްޓަކައި ނަފުރަތުން ފުރިފައެވެ. އަހަރެންގެ ކުރިމަތީގައި އެވަގުތު ރާމިޒާ ހުރިނަމަ އަތުންފައިން ގޯހެއް ހެދުނީސްކަން ކަށަވަރެވެ. މިއޮއް ހުރިހައި ދުވަހު ރާމިޒާ އަހަންނަށް އޮޅުވައިލި މިންވަރާއި އޭނާއަށް އަހަރެން ކުރަމުންދިޔަ އިތުބާރާއި ވީ ލޯބީގެ ނާޖާއިޒު ފައިދާ ނެގިގޮތް ހިތަށް އެރުމުން ހިތްފަޅައިގެން ދާ ވަރުވިއެވެ.

އަހަރެން ގަސްތުކުރީ ކޮންމެގޮތަކުންވެސް ރާމިޒާއާ ކުރިމަތިލުމަށެވެ. ދަރިފުޅު އެދޭ ފަދައިން އެ ނުލަފާ އަންހެނާ އަހަރެންގެ ޙަޔާތުން ބޭރުކުރުމަށެވެ. އެކަމަކު އެގޮތަށް އޭނާ ކަންތައް ކުރި ސަބަބު އަހަރެން އެނގެން ބޭނުމެވެ. އެރޭ ޢިޝާ ނަމާދަށްފަހު އަސްލަމާއެކު އަހަރެން މިސްރާބުޖެހީ ފަހާތަނަށް ދިޔުމަށެވެ. އެހިސާބަށް ގޮސް އަހަރެމެން އެތަނާ ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ތިބީމެވެ. ގާތްގަޑަކަށް ގަޑިއެއްހާއިރުގެ ތެރޭގައި އެތަނުން ހަތަރު ފިރިހެނުން ނިކުތެވެ. ގަޑިން ނުވައިގަޑި ބައި ވަނިކޮށް އަހަރެންވެސް އެތާ އެތެރެއަށް ވަނީމެވެ. ކަންތައްކުރަންވީ ގޮތް އަސްލަމަށް ކިޔައިދނުމަށް ފަހުގައެވެ. އަހަރެން ފަހާތަނުގެ ތެރއިން ލާފައި ގޭތެރެއަށް ވަންނަ ދިޔައިމެވެ. ފަހާތަނުގެ މަސައްކަތުގައި ތިބި އެއްވެސް މީހަކު އެއްވެސް އެއްޗެކޭ ނުބުނެއެވެ. އަޅައެއްވެސް ނުލައެވެ. ގޭތެރެއަށް ވަދެގެން ދިޔައިރު ރާމިޒާ ފެންޑާގެ ސޯފާއެއްގައި އިނެވެ. އޭނާގެ ގާތުގައި ހަށިގަނޑު ވަރުގަދަ އަންހެނަކު އިނދެ ވިސްނައިދެމުން ދިޔައެވެ. ރުއިން ހުއްޓާލާ އިހުއުޅުނު ގޮތަށް އުޅެން ހިތްވަރުދެމުން ދިޔައެވެ. އަހަރެން އައިސްފައި ހުރި ރުޅިން ރާމިޒާއޭ ކިޔައި ހަޅޭލަވައި ގަތީމެވެ. ލިބުނު ސިހުމާއެކު އެދެމީހުންނަށް ކޮޅަށް ތެދުވެވުނެވެ. ރާމިޒާ ދުވެފައި އައިސް އަހަރެންގެ އަތުގައި ހިފިއެވެ. ރޮމުންރޮމުން އަހަރެންގެ ކިބައިން މާފަށް އެދުނެވެ. އަދި އޭނާއަށް އެގޮތަށް ކަންތައް ކުރަން މަޖުބޫރުވީ އެކްސިޑެންޓްގެ ސަބަބުން އަހަރެންނަށް މަސައްކަތްނުކުރެވި އަތްމަތި ދަތިވާތީ ކަމަށް ބުނަމުން ދިޔައެވެ. އަހަރެން ރާމިޒާގެ އަތްފޮޅުވައިލީމެވެ. އަދި ބުނީމެވެ. '' އަހަރެން މީ ރާމިޒާނަމަ ބަނޑަށް މަރުވިޔަސް ތިޔަފަދަ ފިޔަވަޅެއް ނޭޅީމުސް. އިރެއްގައި ތިޔައީ އަހަރެންގެ އަނބިމީހާއޭ ބުނަން ފަޚުރުވެރި ވިޔަސް މިއަދު އަހަރެން އެހެންބުނަން ލަދުގަނޭ. ތިޔައީ މިވަގުތުން ފެށިގެން އަހަރެންގެ އަނތްބެއްނޫން. ރާމިޒާ ބޭނުންގޮތަކަށް ރާމިޒާ އުޅޭ '' އަހަރެން ރާމިޒާ ފަސްދީ އެތަނުން ނުކުންނަން ހިނގައިގަތީމެވެ. އޭރު ހިތަށް ވެރިވަމުން ދިޔައީ ބަޔާންކުރަން ދަތި އިހުސާސްތަކެކެވެ. އަހަރެން އެގެއިން ނިކުމެ ދެތިން މިނެޓްވެސް ނުވަނީސް ޕޮލިހުން އެ ސަރަހައްދަށް އައެވެ. 15 ވަރަކަށް މިނެޓްތެރޭ ރާމިޒާއާއި އިތުރު ދެއަންހެނަކާއި ދެ ފިރިހެނުން އެގޭތެރެއިން ނެރެ ޕޮލިހުންގެ ޖިޕަށް އެރުވިއެވެ. ދުރުގައި އަހަރެން ކުޅިބަލަން ހުރީމެވެ. އިސްޖެހިފައިވާ ރާމިޒާގެ މޫނު ފެނުމުން އަހަރެންގެ ހިތަށް އަރަމުން ދިޔައީ ދިރިއުޅުމަށްޓަކައި ރާމިޒާ އެހެން މަގެއް އިޚުތިޔާރުކުރިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ ދުނިޔޭގެ ދަތިކަމުގެ މައްޗަށް އާޚުރަތުގެ ދަރުމަ އިސްކުރަން ރާމިޒާ ވިސްނިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ . ހައްތާވެސް ނަމައެވެ.

ކޮމެންޓް 0