4

އަހަރެން ފިރިމީހާގެ އިންތިޒާރުގައި ކާރުކައިރީ ހުއްޓިލައިގެން ހުރިއިރު އަހަރެންގެ މަންމަ އަހަރެން އުޅެބޮޑުވި ގޭގެ ދޮރުމަތީގައި ހުއްޓިލައިގެން ހުއްޓެވެ. މަންމަގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރި ކަމެވެ. އެ ދެ ލޮލުގައިވަނީ އުންމީދުގެ އަލިކަމެވެ.

"ދެންދަނީ މަންމާ" އަހަރެން އަތް ހޫރާލަމުން މަންމައާއި ސަލާމް ކޮށްލީމެވެ. ނަމަވެސް މަންމަ އަހަރެންގެ ގާތަށް އައިސް އަހަރެންގެ މޫނާ މަންމަގެ މޫނުގާތް ކޮށްލިއެވެ. އަހރެން އަވަސް އަވަހަށް މުނު އަނބުރާލީ ނުތަނަވަސް ކަމާއެކު އެވެ. އަހަރެންގެ މޫނުގައި މަންމަ ބޮސްދޭން އަހަރެން ބެނުން ނުވާތީއެވެ.

އެވަގުތު މަންމަގެ މޫނުމަތި މިލައިގެން ދިޔައެވެ. އެމަންޒަރު ފިރިމީހާއަށް ނުފެނުން އެދި ހިތާ ހިތާ ދުޢާ ކޮށްލަމުން އަޒީމްގެ މޫނަށް ބަލާލީމެވެ. އެއިރު އަޒީމްހުރީ އަހަރެންނާ ދިމާއަށް ބަލާށެވެ.އަޒީމްގެ މޫނުމަތިން އަހަރެންނަށް ފެނުނީ ނުތަނަވަސްކަމެވެ.

އަހަރެމެން ދެމީހުން ގެއަށްދިޔަ މއގުމަތީ ކާރުގައިތިބީ ބަސް ހުއްޓިފައެވެ.އަހަރެން ކާރުގެ ކުޑަދޮރުން ބޭރު ބަލަހައްޓައިގެން އިނީމެވެ.އަހަރެންގެ ދެލޮލަށް ޖަމާވަމުންދާ ކަރުނަތަށް އޭގެ މަންޒިލަށް ދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

"ނަޝާ" އެންމެފަހުން އެ ހަމަހިމޭންކަން ނަގާލީ އަޒީމެވެ. " އަހަރެން ގަބޫކުކުރަން މިހުރިހާ ކަމެއްވެސްމިވީ އަހަރެންގެ ސަބަބުންކަން". އަހަރެން ފަރުވާތެރިކަމާއެކު އަޒީމުގެ މޫނަށް ބަލާލީމެވެ.އަހަރެމެން ދެމީހުން ކައިވެނި ކޮއްގެން އުޅޭތާ 1 އަހަރު ވަނީއެވެ. އަހަރެން ކައިވެނި ކޮއްގެން ދިޔަފަހުން މަންމައާ ބައްދަލް ކުރަން އެއްފަހަރުވެސް ނާންނަމެވެ.ނަމަވެސް މިއަދު އަޒީ އާދޭސް ކުރިވަރުން މަންމައާ ބައްދަލް ކުރަން އަހަރެން އެއްބަސްވީއެވެ."ތޭންކުސް ނަޝާ! އަހަރެން ވަރަށް އުފާވެއްޖެ މަންމަ ފެނުނީމަ،މަންމައާ ބައްދަލް ވެވުނީމާ". ދެނަވެސް އަހަރެން އެއްޗެއް ނުބުނއ އިނީއެވެ. " އަސްލު އަހަރެން ހިއެއް ނުކުރަން ނަޝާއާ މަންމައާ ތިހާ ކޫލް ކަމަކަށް، އެކަމަކު މިހުރިހާ ދުވަހު ނަޝާ މަްމައާ ދުރުގައި ހުންނާނީ ގާމު ކޮންމެސް ކަމެއްވީމަދޯ".

"ކަމެއްވީމަ.......!" އަހަރެން ވިސްނާލީމެވެ.ކަންކަން އެހާ ފަސޭހައިން މީހުން ޖަޖު ކުރަނީ ކީއްވެބާއެވެ. އަހަރެން އެންމެ ކަމެއްވެގެން މިހުރިހާ ދުވަހު މަންމައާ ބައްދަލްނުކޮށް ހުރެދާނެ ހެއްޔެވެ. އެތަކެއް ހާސް ސަބަބެއް އަހަރެންގެ އެބަހުއްޓެވެ. އަހަރެން ނުރުހިފައި އަޒީއާ ހަތަރުކަޅި ހަމަކޮށްލީމެވެ. ނަމަވެސް އެމުނުން އޯގާތެރިކަން ނޫން އެއްޗެއް އަހަރެންނަކަށް ނުފެނުނެވެ. އަޒީ ހުންގާނުން އެއްއަތް ދޫކޮށްލުމަށްފަހު އަހަރެންގެ އަތް އޭނާގެ އަތުތެރެއަށްލާ ބޮޑި ކޮއްލިއެވެ. ދެން އަހަރެން މަޑުމަޑުން އެއަތުގައި ތުންފަތް ޖައްސާލީމެވެ. އަދި އަހަރެންގެ މާޒީ އަޒީގެ ކުރިމައްޗަށް ބަންދުން ކޮއްލީމެވެ.

އަހަރެން ބޮޑުވަމުން އައީ ވަރަށް ހިތްދަތި މާޙައުލެއްގައެވެ. އަހަރެންގެ ބައްޕަ ދިރިއުޅުމަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. އެހެންކުދިންގެ ބައްޕަމެން އެކުދިން ބަލާ އަންނައިރު ތިބޭނީ މަސައްކަތް ކޮއްކޮއް ދާވެފައެވެ. ނޫނީ ޓައީ އަޅާއިގެންނެވެ. އަހަރެންގެ ބައްޕަހުންނާނީ ބާވެ ވިދިފައި އޮންނަ ޖިންސުގަޑެއް ލައިގެންނެވެ. ބައްޕަގެ ކަމަކީ ސިގިރެޓް ބުއިމެވެ.

ޒީނާއަކީ އަހަރެންގެ ގެއާ ޖެހިގެން ހުންނަ ގޭގައި އުޅޭ އަހަރެންނާއި އެއް އުމުރުގެ ކުއްޖެކެވެ. ޒީނާ ކިތައްމެ ދުވަހަކު އޭނާގެ ބައްޕަމަސައްކަތުން ގެއަށް އަންނައިރު ގޭގެ ދޮރުކައިރީ ބައްޕަގެ އިންތިޒާރުގައި ހުރެއެވެ.އޭނާގެ ބައްޕައައިސް އޭނާ އުރާލައިގެން އެތެރެއަށްދާއިރު ޒީނާގެ ހުނުމުގެ އަޑު އަހަރެންނަށް އިވެއެވެ. އހަރެން އެހާ ކުޑައިރުވެސް އެކަހަލަ ކަންކަމާ ވަރަށް ދެރަވެއެވެ. އަހަރެންވެސް އަހަރެންގެ ބައްޕަދެކެ ވަރަށް ޅޯބިވެއެވެ. އަދި އަހަރެން ހިތާހިތުން ބައްޕަ ރަނގަޅު ހަރުދަނާ މީހަކަށްވުންއެދި ދުޢާ ކުރަމެވެ.

މަންމަގެ ރުޅިގަނޑު ދުވަހެއް ދުވަހަކަށް ދިޔައީ ގަދަވަމުންނެވެ. ދިރިއުޅުމުގެ ޙާރަދުތައް ބޮޑުވަމުން ދިޔަދިޔަހެން އަންނަ ބިލްތައްވެސް ދިޔައީ އތަްނުފޯރާ ފަށައް މަތިވަމުންނެވެ.އަބަދާ އަބަދު އަރާރުންވުން ނޫންކަމެއް މަންމަގެ ނެތެވެ. ނަމަވެސް ބައްޕަގެ އެއްވެސް އަޅާލުމެއް މަންމައަކަށް ނުލިބެއެވެ.

އާދީއްތަ ދުވަހެއްގެ ހެނދުނެވެ. މަންމަ ހެނދުނު ހެނދުނާ ކައިރި ފިހާރަޔަކުން ހަވީރު ނޫހެއް ގަނެގެން ވަރަށް ފަރުވާތެރިކަމާއެކު ބަލަމުން އެއްޗިހިތަކެއް ނޯޓު ކުރަމުން ދިޔައެވެ. އަހަރެން ދުރުގައި މަޑުމަޑުންހުރެ މަންމައަށް ސިއްރުން މަންމަގެ ޙރަކާތް ތަކަށް ބަލަމުން ދިޔައީމެވެ. ގޭގައި އެހީތެރިވެދޭނެ ފިރިހެނަކު ހޯދަން ޖަހާފައިވާ އިޢުލާނެއްގައި މަންމަ ރަތް ގަލަމުން ބޮޅުއަޅާލިއެވެ. އަދި ނޫސް ހިގފައިގެންގޮށް ބައްޕައާ ދިމާއަށް ހޫރާލިއެވެ. "މިވަޒީފާގަނޑު ލިބޭތޯ ބަލާބަލަ!"

ބައްޕަ ބެޑުޝީޓު އަދިވެސް ބޮޑަށް ގަޔާ އޮޅާލިއެވެ. " ނޫން އަހަރެންނަކަށް ނުވާނެ! ......މިހަފުތާ އަކު ނުދެވޭނެ!". މަންމަ އަނެއްކާވެސް ބައްޕަގެ އަތުގައި ހިފައި ދަމަމުން އާދޭސްކުރިއެވެ. "ކާނެ އެއްޗެއް ބޯނެ އެއްޗެއް ގެއަކުނެތް".

" ސީމާއަށް ހީވަނީތަ އަހަރެން މިގޮތަށް އުޅެން ބޭނުންވަނީހެން......".

ބައްޕަ އެބުނި އެއްޗެއް އަހަރެންނަށް ވިސްނުނެވެ.ބައްޕަ އެހެން އުޅެނީ ބައްޕަވެސް އެގޮތް ބޭނުންވާތީއެއްނޫނެވެ. އަހރެންގެ ހިތަ އަހރެންނަށް ވިސްނައިދިނެވެ. ނަމަވެސް މަންމަހުރީ ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައެވެ. ކކުރާނެކަމެއް ނެތިގެން ހަތިޔާރު ބެހެއްޓުމަށްފަހު މަންމަ އަނެއްކާވެސް ގޮސް ނޫސް ހާވަން ފެށިއެވެ. ގޭގައި އެހީތެރި ވެދޭނޭ އަންހެނަކު ބޭނުންވެގެން ކޮށްފައިވާ އިޢުލާނެއްގައި މަންމަ ބޮޅުއަޅާލިއެވެ. އަދި ވަރަށ ފުންކޮށް އަހަރެންގެ މޫނަށް މަންމަ ބަލާލިއެވެ. އަހަރެން ކުޑަކަމުން އެކަނި ބަހައްޓަފައިދާން މަންމަ ފަސް ޖެހެނީކަން އެ ދެލޯ އަހަރެންނަށް ބުނެދިނެވެ.

އެރޭ އަހަރެން ނިދަން އޮވެފައި ހޭލެވުނީ މަންމަގެ ގިސްލުމުގެ އަޑު އިވިގެންނެވެ. މަންމަ ރޮއިރޮއިފައި ދެއަތް އުފުލައިގެންއިދެ ދުޢ ކުރަމުން ދިޔައެވެ. މަންމަގެ އަޑުގައިވަނީ އާދޭހެވެ. މަންމައަށް އެވަޒީފާ ލިބިއްޖެނަމަ ކިތަންމެ ކުޑަ އުޛޫރައެއް ލިބުނަށް އިޙުލާސްތެރިކަމާއެކު މަސައްކަތް ކުރުމަށް މަންމަ އަޒުމް ކަޑައެޅިއެވެ. އެންމެފަހުން އެފަޒީފާއަށް މަންމަ ހަމަޖެހިއްޖެއެވެ. މަންމަ އެންމެ ދުވަހަކުވެސް ގޭގައި މަޑެއް ނުކުރެއެވެ. ސަލާމެއްވެސް ނުބުނެއެވެ. އަހަރެންނަށް ހިމަބިހި ޖެހުމުންވެސް މަންމަ ޗުއްޓީއެއް ނުނަގައެވެ. އަހަރެންގެ ޙާލު އެންމެ ބޯޑުވި ދުވަހުވެސް އަވައްޓެރިއަކާ އަހަރެން ހަވާލުކުރުމަށްފަހު މަންމަ ވަޒީފާއަށް ނިކުތެވެ.

އެ އަވައްޓެރިޔާ ހުރީ އަހަރެންނާހުރެ ވަރަށް އުނދަގޫ ވެފައެވެ. ފޯނުން ކޮންމެވެސް މީހެއްގާތު އެވާހަކަ ދެއްކި އަޑުވެސް އަހަރެންނަށް އިވުނެވެ. " ދަރިފުޅު އެކާ ބަލިވެ އުޅޭއިރު ދީކޮށްލާފައި ވަޒީފާއަށް ދާންކެރޭ މައިންބަފައިންވެސް އުޅެނީތާ.........!" އޭނާ ބުންޏެވެ. އަހަރެން އެ އަވައްޓެރިޔާ މަތިން ވަރަށް ފޫހިވިއެވެ. ނަމަވެސް އެވާހަކަތައް އަޑު އިވުމުން އަހަރެންނަށް ބޭ އިޙޫތިޔާރުގައި އަހަރެްނގެ މަންމަޔާމެދު ވިސްނާލެވުނެވެ.

މަންމަގެ އަޅާލުން ނުލިބޭތީ ބައްޕަގެ ޙާލުވެސް ދިޔައީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. އެއްދުވަހަކު މުޅިގޭތެރޭ ދުމަށްވެގެން އަހަރެން ހާސްވެގެން ހޯދަމުންދިޔައިރު ބައްޕަ ހުރީ ތެއްޔެއް ދުނދުން މައްޗަށް އުދާފައެވެ. އޭގައިހުރި ހުރި ހުރިހާފެނެއް ހުސްވެގެން ތެލީގެ ފޫ ރޮއިވި އިރުވެސް އެ ނިއްވާލަން ބައްޕަ ހަނދާން ނުވީއެވެ.

އެއްދުވަހު އަހަރެން ކުލާހުން އައިއިރު މަންމަ އެކަނި މޭޒުކައިރީ އިށީދެ ލައިގެން ދެއަތުން ބޮލުގައި ހިފަހައްޓައިލައިގެން އިނެވެ. "ކޮބާ ބައްޕަ؟" "ދަރިފުޅު ކިރިޔާއެއްނު ތި ސަލާމަތްވީ!، ކިރިޔާ މުޅިގެ ރޯ ނުވީ.." މަންމަ އަޅައަޅާ ގަންނަމުން ވާހަކަދެއްކިއެވެ. " ކޮބާ ބައްޕަ؟" އަހރެން ކުރިއަށްވުރެ ބާރަށް އެހީމެވެ. " ބައްޕަ މޮޔައިންބަލާ މަރުކަޒަށް ފޮނުވާލައިފިން" އަހަރެން ގިސްލަމުން ގޭގެ ދޮރާ ދިމާއަށް ދުއްވައިގަތީމެވެ. ބައްޕަ އެންމެފަހު ފަހަރަށް ދެކިލުމުގެ އުންމީދުގައެވެ. ނަމަވެސް އެއިރު މާލަސް ވެއްޖެއެވެ. "ބައްޕަގެ ޙާލު ދަރިފުޅަށް އެނގެއެއްނު، މަންމައަށް އެހެންގޮތެއް ނެތުނީ، މަޖުބޫރުވީ، މަންމަ އެކަނި ކިހިނެއް ދަރިފުޅުމެން ދެބެންނާ ބައްޕަ ބަލާނީ؟" މަންމަ ވާހަކަދެއްކީ ވަރަށް މަޑުންނެވެ. މަންމަ މަސައްލަތް ކުރީ މަންމަގެ މަޖުބޫރީ ޙާލަތު އަހަރެންގެ ޅަ ސިކުޑިއަށް ވިސްނައި ދެވޭތޯއެވެ. އަހރެން ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. މަންމަގެ ސޫރަ ދެކޭކަށްވެސް އަހަރެން ބޭނުމެއް ނުވެއެވެ. ޖެހިގެން އައިދުވަހު މަންމަ އަނެއްކާވެސް ކުރިއެކޭ އެއްގޮތައް ފަޒީފާއަށް ނިކުމެއްޖެއެވެ. ބައްޕަ އަހަރެމެންގެ ޙަޔާތުން ބާކީ ކޮށް ދުރަށް ފޮނުވާލާފައެވެ.

ބައްޕަ ކުޑަދުވަސްކޮޅަކު އެތަނުގައި ބެހެއްޓުމަށްފަހު ދޫކޮށްލުމުންވެސް ބައްޕަ ގެއަށް އަންނާކަށް ބޭނުމެއް ނުވިއެވެ. ޢާއިލާއެއް ބެލެހެއްޓުމުގެ ޒިންމާ އުފުލާހާ ހިއްވަރެއް ބައްޕަގެ ނެތެވެ. ބައްޕަ މީހުން އަތުން ސަލާން ޖަހައިގެން އެގޮތް މިގޮތަށް އެތަން މިތާގައި އުޅެންފެށިއެވެ. އަހަރެން މަންމަގެ ގާތު ރޮއި އާދޭސް ކުރީމެވެ. ބައްޕަ ނެތް ތަނެއްގައި ނޫޅެން ވެގެން އަހަރެން ކިތަންމެ ދުވަހަކު ރޮމުން ބައްޕަ ހޯދަން ރަށުތެރޭގައި ދުވަމެވެ. ނަމަވެސް އެނބުރި އަންނަންޖެހެނީ ގެއަށެވެ.

"ދަރިފުޅާ، ދެން އެދުވަސްތައް ހަނދާން ނައްތާލާ" އަހަރެން އަބަދު ދެރަވެފަ ހުންނާތީ މަންމަ އެދެނީ ބައްޕަމަތިން ހަނދާން ނައްތާލުމަށެވެ. ނަމަވެސް ބައްޕައަކީ ބަލިމީހެއްކަން މަންމައަށް ހަމަރަނގަޅަށް އެނގޭއިރު އެގޮތަށް ބައްޕައާއި ދޭތެރޭ ކަންތައްކުރި މީހަކު އަހަރެންދެކެ ވަކިން ވާނީ ކޮން ލޯތްބެއްހޭ އަހަރެން ހިތަށް އަރައެވެ. އަހަރެން އަބަދާއި އަބަދު ބައްޕަމަތިން ހަނދާން ވެއެވެ. ބައްޕައާއި މެދު އެގޮތަށް ކަންތައް ނުކުރިނަމައޭ ހިތަށްއަރާފައި ނުރޮވޭ އެންމެ ގަޑިއިރެއްވެސް ނުދެއެވެ.

ގެއާއި ހަމައަށް އާދެވުނުއިރު ގިސްލަގިސްލާފައި އަހަރެންގެ އަޑުވެސް ހުރީ ބެދިފައެވެ. " މަންމަ ބައްޕައަށް މަޢާފު ކުރިތަ؟" އަޒިގެ ސުވާލަށް ޖަވާބުދެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. " ނޫން. މަންމައަކަށްވެސް މާޒީ ހަނދާން ނައްތައެއް ނުލެވުނު. މަންމަ އަބަދުވެސް ކުށްވެރިކުރަނީ ބައްޕަ. މަންމަ ބުނާގޮތުން ހުރިހާކަމެއް ގޯސްވީ ބައްޕަގެ ސަބަބުން. މަންމަ ބައްޕައަކަށް މަޢާފެއް ނުކުރޭ. ނުވެސް ކުރާނެ. "

" ހޫން. ނަޝާ މަޢާފު ކުރާނަންތަ؟ " އަޒީ ކުރީ އަނެއްކާވެސް ސުވާލެކެވެ.

" ހޫން.. އަހަރެން ބައްޕައަށް މަޢާފު ކޮށްފިން. އަހަރެން ގަބޫލުކުރަން ބައްޕަ އެގޮތަށް އުޅެނީ ބައްޕަ ބޭނުންވެގެން ނޫންކަން. ބައްޕަގެ ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުންކަން. ބައްޕަ އަހަރެމެންނަށް ދުވަހަކކުވެސް ބުރަބަހެއްވެސް ނުބުނޭ. ބައްޕަ.. " އަޒީ އަހަރެންގެ ވާހަކަ މެދު ކަނޑާލިއެވެ. " މިބުނީ ނަޝާ މަންމައަށް މަޢާފު ކުރާނަންހޭ؟ " އަހަރެން އަނގައިން ބަސް ހުއްޓުނެވެ. ތަނަށް ވެރިވެގެން ދިޔައީ އަޖާއިބެއްފަދަ ހަމަހިމޭން ކަމެކެވެ. " އަހަރެން... މަންމައަށް މަޢާފު ކުރާނެތަ؟ " އަަހރެންނަށް ހިތާ ހިތާ ކިޔާލެވުނެވެ.

" ނަޝާ. އަހަރެންނަށް ވިސްނޭ ! " ތަނުގެ ހަމަހިމޭންކަން ފޫދުއްވާލީ އަޒީއެވެ. " އަހަރެންނަށް އެނގޭ...މި ގޮތެއްނިންމަން ފަސޭހަ މަޢުޟޫއެއް ނޫންކަން. އެކަމަކު މިއއަދު ނަޝާ ޖެހޭނެ ހިނގާދިޔަ ކަންތަކާއި މެދު ނަފްރަތު އެއްކިބާ ކޮށްފައި ވިސްނާލަން. ނަޝާގެ މަންމައަށްވެސް ދިމާވީ މިކަހަލަ ޙާލަތެއް. މަންމަގެ ވިސްނުން ކޮޅުންލީ ކާލާނެ އެއްވެސް އެއްޗެއް މޭޒުމައްޗަށް ލެވޭފަދަ ނެތުމުން. މަންމައަށް ޖެހުނީ ތި ދެބެންނާއި ބައްޕަގެ ތެރެއިން ޚިޔާރުކުރަން. މަންމަ ޚިޔާރުކުރީ ތިދެބެންގެ މުސްތަޤްބަލް. ބައްޕަ ދޫކޮށްލަން މަންމައަށް މަޖުބޫރުކުރުވީ ޙާލަތު. ތި ދެބެންގެ މުސްތަޤްބަލް ނަޝާ! މަންމަ ޚިޔާރުކުރީ ނަޝާ!"

އަހަރެން ބުނާނެ އެއްޗެއް ނޭގިފައ އަޒީއާއި ދިމާއަށް ބަލަހއްޓައިގެން ހުރީމެވެ. އަޒީ އެދައްކަނީ ކޮންކަހަލަ ވާހަކަތަކެއް ބާއެވެ. " މަންމަ ޚިޔާރުކުރީ އަހަރެން! " އަހަރެން އަނެއްކާވެސް އެހިތި މާޒީގެ ތެރެއަށް ފީނާލީމެވެ. އެހިތާމަތައް، އެ ތަދުތައް މިހާރު އަހަރެންނަށް އިޙްސާސް ވާލެއް ވަރަށް ކުޑައެވެ. އަދި ހަނދާނަށް އައި އެއްދުވަހަކު ހިނގި ޙާދިސާއެކެވެ.

އެއްދުވަހަކު ހެނދުނު އަހަރެން އިނީ ތަޅުންގަނޑުމަތީ އިށީދެގެން މަންމަ ގޭގަ މަސއްކަތްތައް އަވަސް އަވަހަށް ނިންމާލުމަށްފަހު ވަޒީފާއަށް ދާން ތައްޔާރުވަމުން ދާތަން ބަލާށެވެ.

" މަންމަ އެންމެދުވަހަކުވެސް އަހަރެމެންގާތުގަ ގޭގަ ނުހުންނަނީ ކީއްވެ؟ އެހެން ކުދިންގެ މަންމަމެން އެކުދިންނާއި އެކު އުޅޭލެއް ކިހާ މަޖާ. ޒީ ކޮންމެ ދުވަހަކު އިންޓަވަލް އަށް ގެންދަނީ އޭނާގެ މަންމަ އަޅައިދޭ ބިސްގަނޑު "

" ނަޝާ! މަންމަގޭގަ ހުރެގެން ދަރިފުޅު އިންޓަވަލްގަޑީ ކާނެ އެއްޗެއް މަންމަ ހޯދާނީ ކިހިނެތް؟ މަންމަ ބޭރުގަ އެހާ ގިނަ މަސައްކަތް ކޮށްފަ ގެއަށް އައިސް ގޭގަ ބައިވަރު މަސައްކަތް ކުރާތީ ދަރިފުޅުމެންނާއި އެކު މަޖާކޮށްލާނެ ވަގުތެއް މަންމައަށް ނުހޯދެޔޭ ".

" މަންމަ އެއްވެސް ކަމެއް ކޮށެއްނުދޭ "

" ދަރިފުޅު ބޭނުންވަނީ އަހަރެމެން ތިނމައިން ސަލާންޖަހަން ނާށިގަނޑު ހިފައިގެން މަގުމަތީގައި ތިބެންތަ؟ "

" ހޫން.." އަހރެން ދެއަތުން ކަރުނަ ފޮހެމުން ބުނީމެވެ.

" ދަރިފުޅާ! މަންމަގެ ދޫނީ. ދަރިފުޅަށް ހީވޭތަ ސަލާން ޖެހުން އެއީ ވަރަށްމަޖާ ކަމެއްހެން. މަންމަ ކުޑައިރު މާމައާއި އެކު ސަލާން ޖަހަން ޖެހުނު ދުވަސްވެސް ދިޔަ. އެއްފަހަރުވެސް ބަނޑުފުރާ ކާލާނެ އެތިކޮޅެއްވެސް ނުލިބޭ. ގަޔަށްލާނެ ހެދުމެއް ނުލިބޭތާ ކިތަންމެ ބަލިވިޔަސް ޑޮކްޓަރަށް ދައްކާލާނެ ފައިސާއެއް ވެސް ނުހުރޭ. މަންމަ ބޭނުމެއްނޫން މަންމަކުރި ހިތި ތަޖުރިބާ ތި ދެބެން ކުރާކަށް. އެކަމަކު ދަރިފުޅުމެން ބޭނުން ހުރިހާ ކަމެއް މަންމަ ކިހިނެއް ކޮށްދޭނި! މަންމަ ވަރުބަލިވެ ހިތްވަރު އެލޭ ފަހަރުވެސް އާދޭ. ނަމަވެސް ތި ދެބެންގެ ހައްޤުގައި މަންމަ ފުކެއްވެސް ދުކޮށްލާކަށް ބޭނުމެއް ނުވޭ. " މަންމައަށްވެސް ރޮވިއްޖެއެވެ. އަހަރެން އެވަރުންވެސް ދެރަނުވާންވެގެން ބުނީމެވެ.

" އެހެންކުދިންގެ މަންމަމެން ތިބެނީ ގޭގައި ".

" އެކަމަކު އަހަރެމެންގެ ޢާއިލާގައި މަންމަ ގަޑިޖެހިއްޖިއްޔާ ވަޒީފާއިން ވަކި ކޮށްލަފާނެ" އެހެން ބުނަމުން އަހަރެންގެ މޫނުގައި ބޮސްދެމުން މަންމަ ބޭރަށް ނުކުމެގެން ދުއްވައިގަތެވެ.

ޖެހިގެންއައި އާދީއްތަ ދުވަހު މަންމަ އަހަރެންގެ އިންޓަވަލަށް ދީފައި އޮތީ ބިސްގަނޑެކެވެ. ނަމަވެސް އަހަރެން މަންމައަށް ޝުކުރު އަދާ ނުކުރާތާ ބިސް ގަނޑު ފެނުނުކަމަށްވެސް ނުހަދަމެވެ. ނަމަވެސް މިހާރު އަހަރެން ހިތަށް އަރައެވެ. އަހަރެން ރުއްސަން މަންމަ ކިހާ މަސައްކަތެއް ކުރި ހެއްޔެވެ.

މިއަދު މަންމަ އަހަރެންނަށްޓަކައި ކޮށދީފައިހުރި އެފަދަ އެތަށްކަމެއް އަހަރެންގެ ސިކުނޑި ތެރޭގައި ބުރުޖަހަން ފަށައިފިއެވެ. މަންމަ ކިތަންމެ ރެޔަކު ނުނިދާހުރެ އަހަރެން އެކި އެކި ތަންތަނަށްދާން ހެދުން ފަހައިދެއެވެ. ރީތި ގޮތްގޮތަށް އިސްތަށިގަނޑު ގަތަން ދަސްކޮށްދިނެވެ. އަހަރެން މަންމައާއި މެދު އަބަދުވެސް ކަންތައްކުރީ ގޯސް ކޮށެވެ. ބަދަލު ހިފުމުގެ ނިޔަތުގައެވެ. ނަމަވެސް އަހަރެންގެ މަންމަ ދުވަހަކުވެސް ނުރުހިފައި އަހަންނާއި ދިމާއަށް ބަލައިވެސް ނުލައެވެ. އަބަދުވެސް އަހަރެން ބޭނުންވާ ހުރިހާކަމެއް މަންމަ އަހަރެންނަށް ކޮށްދިނީ ލޯތްބާއި އެކުގައެވެ. އަހަރެން ބޭނުންވި ކޮންމެ ހިނދަކު އަހަރެންގެ އެންމެގާތުގައި މަންމަ ހުއްޓެވެ. ނަމަވެސް މީގެ ކުރިން ދުވަހަކުވެސް މަންމައާއި ދޭތެރޭ އެގޮތަކަށް އަހަރެން ނުދެކެމެވެ.

އަހަރެން ހިތާހިތުން ދުޢާ ކުރަންފެށީމެވެ. އަހަރެން އަމިއްލަ ނަފްސު ކުށްވެރި ކުރީމެވެ. މަންމަގެ މަޢާފު ހޯދަން ބޭނުންވިއެވެ. އަދި އެތަށްރެއެއްގެ ނިދިން އަހަރެން މަޙްރޫމް ކޮށްލި މާޒީ ހަނދާން ނައްތާލުމަށް އަޒުމް ކަނޑައެޅީމެވެ. އަހަރެންނަށް އަޒީގެ އަތުގައި ބާރަށް ހިފަހައްޓައި ލެވުނެވެ.

" އަޒީ ! އެނގޭ މިބުނަން އުޅެވެނީ ވަރަށް މޮޔަ...... "

" ކާރު އަނބުރާލަންވީތަ؟ " އަޒީގެ މޫނުމަތިން ފެނުނީ އުފާވެރިކަމާއި ހިނިތުންވުމެވެ.

އަހަރެން އިނީ އަހަރެން އުޅެބޮޑުވި ކުޑަކުޑަ ބަދިގެ ތެރޭ މަންމަގެ ގާތުގައެވެ. އަހަރެން ހިތާހިތުން މަންމަކޮށްދިން ހުރިހާ ކަމަކަށް ޝުކުރުވެރިވީމެވެ.

" މަންމާ ! މަންމަގެ ބިސްގަނޑު ކާހިތްވަނީ " މަންމަ އިސްއުފުލާ އަހަރެންނާއި ދިމާއަށް ބަލާލިއެވެ. މަންމަގެ ލޮލުގައިވަނީ ޙައިރާންކަމެވެ. އަހަރެން އިނީ މަންމަ ބުނާނެ އެއްޗެއް ނޭގެތީ ކެތްމަދުވެފައެވެ. އެދެލޮލުން އެއިރު އަހަރެންނަށް މި ލޯބި އިޙްސާސް ނުވީ ކީއްވެ ބާއެވެ. " މިހާދުވަސް ވީއިރުވެސް އެ ބިސްގަނޑު ދަރިފުޅު ހަނދާން އެބަ ހުރިތަ؟ "

" ހޫން.. މަންމާ ! އަހަރެން އަބަދުވެސް ހަނދާންވޭ "

އަހަރެން މަންމަގެ ގައިގައި ބައްދާލައިގެން ހިތްފުރެންދެން ރޯލީމެވެ. އަދި މަންމަ އެތަށް ފަހަރަކު އަހަރެންގެ މޫނުގައި ބޮސް ދެންދެން މަންމަގެ އަތގެ ތެރޭގައި ހުރީމެވެ.

ކޮމެންޓް 0