6

 

 

ވާރޭވެހޭ މަންޒަރަކީ އަހަރެން އަބަދުވެސް ބަލާހިތްވާ މަންޒަރެކެވެ. ކުއްލިއަކަށް ވިދާފައި ގުގުރާލިއެވެ. އަހަރެންގެ ފިރިމީހާ ޝިނާޒް ގައިގައި ވަރަށް ބާރަށް ބައްދައިގަނެވުނެވެ. ޝިނާޒް އަހަރެންނަށް ބަލާލާފައި ހީނލިއެވެ. ވިދާފައި ބާރަށް ގުގުރަންޏާ އަހަރެން ވަރަށް ބިރުގަންނާނެއެވެ. އެކަމަކުވެސް އެމަންޒަރުގެ ހިތްގައިމުކަން އަހަރެން އަބަދުވެސް އިޙްސާސްކުރަން ބޭނުންވާކަން ޝިނާޒަށް އެނގޭތީ، ވާރޭވެހޭ ދުވަހެއްގައި، އަހަރެން ކުޑަދޮރުކައިރީ ބޭރުބަލަން ހުރިއްޔާ ޝިނާޒްވެސް އައިސް އަހަރެންނާއި ބައިވެރިވެ އެކުގައި ބަލަން ހުންނާނެއެވެ. އެކަމުގެ ސަބަބުން އަހަރެންނަށް ކުރެވޭ އުފާވެރި އިޙްސާސް އެތައް ގުނައެއް އިތުރު ކުރުވައެވެ. އެގޮތުން މީވެސް އެފަދަ ދުވަހެކެވެ.

ދޭތެރެދޭތެރެއިން ވާރޭ ބޯކޮށްލާފައި ތުނިކޮށްލައެވެ. ވެހެމުންދާ ކުދި ވާރޭތިކިތަކުގެ ނަޒާރާއަށް ބަލަހައްޓައިގެން ގެއްލިފައި ހުރެވުނުއިރު ތުންފަތަށް ބުނެދޭންވެސް ނޭނގޭކަހަލަ އުފާވެރިކަމެއްގެ ލިސާން ވެރިކުރުވަމުން ދިޔައެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ ކޮންމެ ވާރޭތިއްކެއް ވެސް އެރޭގެ މަތިން ހަނދާންކޮށްދޭން މަސައްކަތްކުރާ ކަހަލައެވެ. އާއެކެވެ. ވާރޭގެ މޫސުމަށާއި ވާރެއަށް އިންތިހާއަށް ކުލުނުޖެހިފައިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. މަޑުމަޑުން އަހަރެންގެ "ޙިޔާލުތަކުގެ ނައު" މާޒީގެ ކަނޑަށް ޣަރަޤްވާންފެށިއެވެ. އެހިސާބުން އެމަންޒަރުތައް، އަލުން އަހަރެންގެ ލޯމައްޗަށް ބައިސްކޯފުގެ މަންޒަރުތަކެއްހެން ސިފަވާންފެށިއެވެ.

އެއީ އަހަރެން ސިލޯނުގައި މެޑިސިންގގެ ފަހު އަހަރު ފުރިހަމަ ކުރަމުންދިޔަ ދުވަސްކޮޅެވެ. އަހަރެންނާއި އަހަރެންގެ އާއިލާ އޭރު ދިރިއުޅެމުން އައީ އާއްމުކޮށް ދިވެހިން ކިޔަވަން ގޮސްއުޅޭ ހިސާބަށްވުރެ ދުރުގައި، ކެންޑީއަށްވުރެ ހަމަ ކުޑަތަންކޮޅެއް ތިރީގައި އޮންނަ ވަރަށް ހިތްގައިމު ހިސާބެއްކަމުގައިވާ ޕޭރާދެނިޔާގައެވެ. ވަށައިގެން އެކި ހިސާބުތަކުގެ އަޑިގުޑަންތަކުގައި ހެދިފައިވާ، ރޫފަ ރަނގަޅު ފެހިކަންގަދަ ބޮޑެތި ބިޔަ ގަސްތަކާއި، ދިމާޔަށް ހާސާކޮށް ފެންނާންހުރި ކޮންމެ މަގެއްގެ ދެފަރާތުގައި ބަގީޗާއެއްހެން އެއްވަރަކަށް ހައްދާފައިވާ އެކި ކުލަކުލައިގެ ވަސްމީރު މާގަސްތަކާއި، މާދުރުން ފެންނަ ފަރުބަދަތަކާއި ޖެހިލަޖެހިލާ ހުންނަ ހިތްގައިމު ފިނި ވައިރޯޅިއަކީ ބަލާކޮންމެ މީހަކު އެއީ ކުޑަވަރެއްގެ "ޖަންނަތެއް"ގެ ގޮތުގައި ސިފަކުރަން ބޭނުންވާ ސަބަބުތަކެވެ.

ދުވަސްވަރަކީ ރާޖަޕަކްސާގެ ވެރިކަމުގައި ސިލޯނުގެ ސިފައިންނާއި ތަމަޅަ ޓައިގަރުންނާއި ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގަމުންދިޔަ ދުވަސްވަރަކަށްވުމުން އެކަމުގެ ތުރާ އަހަރެމެން ދިރިއުޅޭ ހިސާބަށްވެސް ފޯރަމުންދިޔަ ދުވަސްވަރެކެވެ. އެހެންކަމުން ޟަރޫރީ ބޭނުމަކު ކޮންމެހެން ނުުކުންނަންޖެހިގެން ނޫނީ މީހުން ނުކުމެއެއްވެސް ނޫޅެއެވެ. އެކި ހިސާބުތަކުގައި ސިފައިންގެ ޗެކްޕޮއިންޓްތައް ޤާއިމްކޮށްފައި ހުރުމުން އަހަރެމެން ކަހަލަ ރަށްވެހިނޫން މީހުން އަބަދުވެސް ޖެހެނީ ޕާސްޕޯޓް އަތަށް ލައިގެން އުޅޭށެވެ. ޑިގްރީގެ ފަހުއަހަރު ކަމުން ކިޔަވަމުން ގެންދިޔައީ ވަރަށް ވަރުގަދަ އަޒުމަކާއި އަމާޒަކާއި އެކީގައެވެ. އަޒުމަކީ ބައިވެރިވާ ބެޗްގެ އެއްވަނަކަމުގައި އަހަރެން ވުމެވެ. އަމާޒަކީ ކޮލެޖުގެ ފަރާތުން އެއްވަނަ ހޯދާ ދަރިވަރަކަށް ދިނުމަށް ހަމަޖެހިފައިވާ ސްކޮލޮޝިޕް ހޯދައި މާސްޓަރޒް ހާސިލްކުރުމަށް އިނގިރޭސި ވިލާތަށްގޮސް، ކިޔެވެން އޮތް އެންމެ މައްޗަކަށް ކިޔެވުމެވެ. ހިތުގައި އުފެދިފައިއޮތް ވަރުގަދަ އަޒުމުގެ ސަބަބުން އެންމެ ކުލާހެއްގެ ހާޒިރީގައިވެސް ރަސްގެ ލެވިފައި އޮތުމަކީ އަހަރެންނަށް "ހަޖަމު" ކުރެވޭ ކަމަކަށް ނުވެއެވެ. އެހެންވެ ބަލިވިޔަސް ކިރިޔާވެސް ހިނގޭވަރުވަންޏާ އަހަރެން ކޮލެޖަށް ނުގޮހެއް ނުހުންނާނެއެވެ.

މިގޮތުން އާދައިގެމަތިން ކޮލެޖަށް ދިއުމަށް ނިކުތް ދުވަހެކެވެ. އުޑުގެ މަލަމަތިން ފުދޭވަރަކަށް ފުސްބޯވެފައިވާކަން އަހަރެންނަށް ފާހަަގަ ކުރެވުނެވެ. ދުންފިނީގެ އަސަރު ކުރުވަމުންދިޔައިރު އަހަރެން އަވަހަށްބެލީ ކޮލެޖަށްދާ ބަސް އަތުޖެހޭތޯއެވެ. ނަސީބަކުން އަތުވެގެން އެއަށްއެރިތާ މާގިނަ އިރުތަކެއް ނުވަނީސް ވިދާގުރުރާފައި އިސާހިތަކު ބޯކޮށް ވާރޭވެހެން ފަށައިފިއެވެ. ކޮލެޖްގައި ތިބިއިރުވެސް ވެހެމުންދިޔަ ވާރެއަކަށް ބަދަލެއް ނާދެއެވެ. އަހަރެންގެ ކިޔެވުން ނިމެނީ ހެނދުނު ދާގޮތަށް ހަވީރަށެވެ. އޭރު ހަވީރު ކޮލެޖުން ނިމުނުއިރު ނަސީބަކުން ވާރޭތުނިކޮށްލައިފިއެވެ. އެހެންކަމުން އަހަރެން އަވަސްވެގަތީ، އަވަހަށް ބަހަށް އެރުމަށް ކޮލެޖްގެ ބޭރު މައިދޮރާދިމާލަށް ނުކުތުމަށެވެ. ނުކުމެވުނު އިރު ބަހެއްނެތެވެ. އަހަރެން ފަދައިން ބަހުގައި ދަތުރުކުރާ ކޮލެޖުގެ ތިބެނީ ވިއްސަކަށް ކުދިންނެވެ. ކޮލެޖްގެ ދެންތިބި އެހެން ކުދިންނަކީ އަމިއްލަ ވެހިލަކެއްގައި އައިސް ގޮސް ހަދާ ބައެކެވެ. އަހަރެންގެ ހިތަށް އެރިއެވެ. މިނޫނަސް ވިއްސާރަ ދުވަސްދުވަހު ބަސް ބަރާބަރު ވަގުތަށް އައިސް އޮވެއެވެ. މިއަދު ކިހިނެތް ވީބާވައެވެ؟. އެއްދުވަހު ލަސްވުން އެއީވެސް ހަމަވެދާނެ ގޮތެކޭ ހިތަށް އަރުވާލާފައި ހިތްހަމަ ޖައްސާލައިގެން އިންތިޒާރުގައި ހުރީއެވެ. އޭރު އަހަރެންނާއިއެކު ބަހުގައި ދާ އެެހެން ކުދިންވެސް މަޑުކޮށްގެން ތިބިއިރު އަމިއްލަ ވެހިކަލްތަކުގައި އުޅޭ ކުދިން ދިޔަތާވެސް އިރުގަނޑެއް ވެއްޖެއެވެ.

މާބޮޑަށް ނީސްތާއްޓަށް އަރަން ފެށުމުން، ބަހަށް މަޑުކޮށްގެން ތިބި އެންމެންވެސް އެކި މީހުންނަށް ގުޅައިހަދައިގެން އުޅެގަތީމާ އެނގުނީ ޓައިގަރުންގެ ބަޔަކު ހަވީރުވާން އުޅެނިކޮށް އަހަރެންމެންގެ ސަރަހައްދަށް ވަދެގަނެގެން މަސްރަޙް މާ އަމާންނޫންވީމައި ބަސްދަތުރުތައް މެދުކަނޑާލައިގެން އުޅޭ ވާހަކައެވެ. އަހަރެމެން އެންމެންވެސް އެކަމާއި ވަރަށް ކަންބޮޑުވެ ހާސްވާގޮތްވިއެވެ. ވެހެމުން ދިޔަ ހިމަފޮދު ވާރޭއާއި ދުންފިނީގެ އަސަރާއިއެކުގަވެސް އަހަރެންގެ ނިތްކުރިން އޮށްދާ ހިތްލަން ފެށިއެވެ. އެއްބަޔަކު ބޭނުންވީ މިކަންތައްގަނޑު މައިތިރިވަންދެން ކޮލެޖްގައި މަޑުކުރާށެވެ. އަަނެއްބަޔަކު ބޭނުންވީ މިހިސާބުގަނޑު އަމާންނޫންވީމައި ފައިމަގުގައި ވިޔަސް އަވަހަށް ދާށެވެ. އަހަރެމެން މިސައްލާގައި އަދި ގޮތެއް ނުނިންމި އުޅެނިކޮށް މަގުގެ ކަނާތް ފަރާތުން ބަޑިޖަހާ އަޑުއިވެން ފެށިއެވެ. ގަތްބިރުން އެންމެންވެސް ދުއްވައިގަތީ ވާތްފަރާތުން އެެންމެ އަވަހަށް އެޅެން އޮތް މަގަށެވެ.

ގަނެފައިހުރި ބިރެއްގެ ބޮޑުކަމުން ތަނެއްދޮރެއް ނުބަލާ އަހަރެންވެސް ދުވީއެވެ. ވަކި ހިސާބަކަށް ދުވެފައި ބަލާލިއިރު އަހަރެންނާއިއެކު ދުއްވައިގަތް އެއްވެސް މީހެއްގެ ހިލަމެއްވެސް ނެތެވެ. ޖެހުނު ގޯޅިއެއް އަޅައިގެން ދިޔައީކަމަށް ބަލާފައި އަހަރެންވެސް ދެން އެންމެ އަވަހަށް ޖެހުނު ގޯޅި އަޅައިފީމެވެ. އޭރުވެސް ތަންކޮޅެއް ދުރުން ބަޑީގެ އަޑު އިވިވި ހުއްޓެވެ. ބަޑީގެ އަޑުއިވޭ ކޮންމެ ފަހަރަކު އަހަރެންގެ ދުވުން ބާރުކޮށްލެވެއެވެ. އަހަރެން ދުވަމުން ދިޔައިރު ގިސްލެވެމުން ދެއެވެ. ސަލާމަތްކޮއްދެއްވުން އެދި ﷲއަށް ހިތުގެއަޑީން ދިޔައީ ދުޢާ ކުރެވެމުންނެވެ. އެފަދަ ހާލެއްގައި އެކަނިމާއެކަނި ރޭގަނޑުގެ އަނދިރިކަން ވެރިވަމުންދިޔައިރު ވެސް ﷲގެ ރަޙުމަތުން ކުޑަވަގުތު ކޮޅަކަށްވެސް އުއްމީދު ކަނޑައެއް ނުލަމެވެ. އަނެއްކާވެސް ގޯޅިއަކަށް އަޅާލިތަނާ ތަންކޮޅެއް ދުރުން މިސްކިތެއް ފެންނަން ހުއްޓެވެ. އަހަރެންގެ ދުވުން ތަންކޮޅެއް ބާރުކޮށްލާފައި މިސްކިތާދިމާލަށް މިސްރާބު ޖަހައިފީމެވެ.

މިސްކިތަށް ގޮސް ވަދެވުނުއިރު ހަށިފުރާ ދިޔައީ މާނޭވާ ލެވެމުންނެވެ. ވަގުތަކީ އިޝާއަށް ގޮވަން ކައިރިވެފައިވާ ވަގުތެއްކަމުން ވުޟޫކޮށްގެން އަހަރެން އަވަހަށް މަޣްރިބް ނަމާދުކޮށް ނިންމާލާފައި މިސްކިތުގެ ތެރެއަށް ވަށައިގެން ނަޒަރުހިންގާ ބަލާލައިފީމެވެ. އޭރު މިސްކިތުގައި ކޮެންމެވެސް ވަރަކަށް މީހުން ތިބިތަން ފެނުން ވެގެންދިޔައީ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިގެންދިޔަ ކަމަކަށެވެ. އަންހެނުން ނަމާދުކުރާ ހިސާބުގެ އިން ވަކިކޮށްފައިވަނީ އުނަގަނޑަށްވުރެވެސް ތިރިޔަށް ހުންނާނޭ ވަރުގެ ފޮތިގަނޑެއް މިސްކިތުގެ ވާތްފަރާތުގައި އޮތް ތަންކޮޅަކުގައި، މިސްކިތުގެ އެއްކޮޅުން އަނެއްކޮޅަށް ދަމައިގެންނެވެ. ހީވާގޮތުން އެއީ ވަގުތީގޮތުން ކޮށްފައި ހުރިކަމެކެވެ. އެހަދާފައި ހުރިގޮތަކުން މިސްކިތުގައި ތިބޭ ފިރިހެނުންނާއި އަންހެނުން ނަމާދުކުރާތަން އެއްބަޔަކު އަނެއްބަޔަކަށް އިށީނދެގެން ތިބޭއިރުވެސް ރީތިކޮށް ފެނެއެވެ. އެއީކީ އަހަރެން މާހިތްހަމަޖެހޭ ކަމަކަށް ނުވިޔަސް އެކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ އަހަރެން އިނީ އިޝާއަށް ގޮވަންދެން ދުޢާ ކުރާށެވެ. އިސާހިތަކު އިޝާނަމާދުގެ ބަންގި ގޮވަންފަށައިފިއެވެ. ބަންގި ގޮވަންހުރީ ޒުވާން ފިރިހެނެކެވެ. ކޮންފަދަ ރީތި ބަރު އަޑެއް ހެއްޔެވެ!؟ އެޒުވާނާ އަހަރެން މީގެކުރިން އަޑުވެސް އަހާފައިނެތް ރީތިރާގަކަށް ބަންގި ގޮވަމުންދިޔައިރު އެއީ މިހާތަނަށް އަހަރެންނަށް އަޑުއިވުނު އެންމެރީތި ބަންގިއެވެ.

އިޝާނަމާދުކޮށް ނިމިގެން އާއިލާގެ މީހުނަށް އަވަހަށް ޚަބަރުކޮށްލަން ފޯނުނަގާފައި ބަލާލިއިރު އޮތީ ސްވިޗް އޮފްވެފައެވެ. ލިބުނު މޮޅިއާއި ވީދެރައިން ފެންކަޅިވެފައި ހުރެ އަނެއްކާވެސް ފެށުނީ ދުޢާކުރާށެވެ. ދެން އެއަށްފަހު ވިސްނެންފެށީ އާއިލާގެ މީހުން އަހަރެންގެ ޚަބަރެއް ނުވެގެން ކަންބޮޑުވެގެން އުޅޭނެތީ އެކަމާއިއެވެ. މިކަނު އަނދިރީގައި ވިއްސާރައިގެ ތެރޭގައި ގެޔަށް ދިޔުމަށް ނުކުންނަންވީ ބާވައެވެ! ނޫނީ މަޑުކުރަންވީ ބާވައެވެ. ހަދަންވީ ކިހިނެތްބާވައެވެ! މިކަހަލަ އެކި ޚިޔާލުތަކުގެ ސަބަބުން ހިތަށް ލިބެމުންދިޔަ ދިލަ އުދާސްތައް ހޫނުކުރިކުރިހެން ސިކުނޑިދިޔައީ ނިއުޅެމުން އޮޅެމުންނެވެ. މިފަދަ ހާލެއްގައި އިންދާ މިސްކިތުން އެންމެންހެން ކަހަލަ ގޮތަކަށް ގޮސް ހުސްވެއްޖެއެވެ. ބެލެވޭ ގޮތުގައި މިސްކިތަށްއައީ މިސްކިތާއި ވަރަށް ކައިރީގައި އުޅޭ ބައެކެވެ. އެހެން ނޫންނަމަ މިއޮއްފަދަ ވިއްސާރައިގައި އަމުދުން ބަޑިޖަހާއަޑު އިވޭއިރު މިސްކިތަށް ބަޔަކު ނައީހެވެ. ބަޑީގެ އަޑު މިހާރުވެސް އިވޭހެން ހީވެއެވެ.

ކުއްލިއަކަށް ބުއްދިވެރިގޮތެއް ވިސްނުނެވެ. އެހެންމީހެއްގެ ފޯނުން އާއިލާގެ ކޮންމެވެސް މީހަކަށް ގުޅާފައި ހުރިތަން ބުނާށެވެ. އޭރަށްވެސް އާއިލާގެ މީހުންނަށް އަހަރެން ހުރިތަނަކާއި ހާލުއެނގި އެމީހުންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭނެތާއެވެ. އެހެންވެ ވަށައިގެން ހޯދާބަލާލިއިރު މިސްކިތުގައި ހަމައެކަނި ތިބީ އަހަރެންނާއި އެއްކަލަ ޒުވާނާއާއި އެކަންޏެވެ. އެހެންވެ އޭނަ ކައިރިއަށް ގޮސް ޖެހިލުންވެ ހުރެވެސް ވަރަށް އާދޭހުގެ ރާގެއްގައި އިނގިރޭސިން ބުނީމެވެ. " އައެމް ފްރޮމް.. މޯލްޑިވްސް.. ނީޑް ޓު ކޯލް.. މައި ފެމިލީ ހިޔަރ... އިފް ޔޫ ޑޯންޓް މައިންޑް.. ކެން އައި ބޮރޯ ޔުއަރ ފޯން... ފޯރަ ވައިލް"

އެޒުވާނާ ވަރަށް ފުންކޮށް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. މޫނުމަތިން ފެނުނީ ކޮންމެވެސް ވަރަކަށް ހައިރާންކަމުގެ އަޘަރުތަކެވެ. ތުނިމަތިމަހަކާއި ކުޑަ ތުނބުޅިއެއް ލާފައިހުރި އެޒުވާނާއަކީ ކަޅަކަސް އެހާރީތި މީހެއް ނޫނެވެ. ބޯ ތުނިކޮށް ކޮށާފައި ހުރިއިރު އިސްކޮޅުންވެސް އެހާ ދިގެއް ނޫނެވެ. އެކަމަކު މޫނުމަތިން ވަރަށް ހިތްހެޔޮ ވައްތަރެއް ޖަހައެވެ.

" ތީ.. ހަމަ ދިވެއްސެއްތަ.. ހީވަނީ ބޭރު ކުއްޖެއްހެން.." އަހަރެން ހައިރާންވީ އެޒުވާނާ "ހީވަނީ ބޭރު ކުއްޖެއްހެނޭ" ބުނެގެނެއް ނޫނެވެ. އަހަރެން ދޮންވެފައި ސިފައާއި ރޫފަ ޔޫރަޕް ކުދިންހެން ހުންނާތީ އެއީ ވަރަށް ގިނަމީހުން އަހަރެން ސިފަކުރާ ގޮތެކެވެ. އެކަމަކު އަހަރެން ހައިރާންވީ ސީދާ މައްދިވެހިބަހުން ރީތިކޮށް އެޒުވާނާ އަހަރެންނާއި ވާހަކަ ދެއްކުމުންނެވެ.

"މާބޮޑަށް ހައިރާންނުވޭ.. މީވެސް ހަމަ ދިވެއްސެކޭ. އިމާމުވެ ނަމާދުކުރުން މީ.. ކޮލެޖް ނޯންނަ ދުވަސްދުވަހު ކުރާހިތްވާތީ ކުރާކަމެއް. އުޅެނީ މިހިސާބުގަކަމުން.. މިތާގެ އިމާމާއި ވަރަށް ރައްޓެހިވާނެ. އެހެންވެ.. މިދުވަސްކޮޅު ކޮލެޖް ނެތީމަ އިމާމްވެ ނަމާދުކޮށްލަނީ.." އެޒުވާނާ އަހަރެންގެ އަތަށް އޭނަގެ ފޯން ދިއްކޮށްލަމުން ހިނިތުންވެހުރެ ބުންޏެވެ.

އަހަރެންވެސް ހިނިތުންވެލާފައި ވަރަށް ބޮޑަށް ޝުރިއްޔާއޭ ބުނަމުން ފޯނު އަތުލަމުން މަންމަގެ ނަމްބަރު ހަނދާންކުރަން ފަށައިފީމެވެ. ކިރިޔާވެސް ހަނދާން ހުންނާނެކަމަށް ހަމައެކަނި ބެލެވޭ ނަމްބަރަކީވެސް އެއީއެވެ. ވަރަށް ހަނދާންކޮށްފައި ނަމްބަރަކަށް ޑަޔަލް ކުރުމުން ގުޅުނީ ކޮންމެވެސް އެހެންމީހަކަށެވެ. ހަނދާން ހުންނަނީ ފުރަތަމަ ފަަސް އަދަދެވެ. ދެން ފަހަތަށް އަންނަ އަދަދުތައް ޔަޤީން ނުވަނީއެވެ. ދެތިން ފަހަރު އެންމެ ބޮޑަށް ހީވާ ނަމްބަރުތަކަށް ޑަޔަލް ކުރުމުންވެސް ވީ ހަމަ ފުރަތަމަ ފަހަރުވެސް ވީގޮތަށެވެ. ޒަމާނާއި ޓެކްނޮލޮޖީ ތަރައްޤީވަމުން އަންނަ ވަރަކަށް އަހަރެމެންގެ ސިކުނޑީގެ ބޭނުން ހިފޭމިންވަރު ދަށްވަމުން އަންނަކަން އަހަރެންނަށް އެވަގުތު އިޙްސާސް ކުރެވުނެވެ. ތަންކޮޅެއް ކުރީގައި ލޭންޑްލައިން ގެންގުޅުނު ޒަމާނުގައި ހުރިހާ އެންމެންގެ ނަމްބަރުތައް ހަނދާން ހުރެެއެވެ. އެކަމަކު ހަމައެކަނި ގުޅަން ބޭނުންވާ މީހާގެ ނަން ހޯދާލާފައި ޑަޔަލް ކުރާ ޒަމާން އައުމުން ނަމްބަރު ހަނދާން ބެހެއްޓުމަކީ އެހާ ކުރަން ބޭނުންނޫން ކަމަކަށް އޮންނަނީ ވެފައެވެ.

އޭރުވެސް ގުގުރާފައި ވާރޭ ވެހެމުން ދެއެވެ. އެހާއިރު ވީއިރު އަހަރެން ލައިގެން ހުރި ހެދުން ހުރީ ފުދޭވަރަކަށް ހިކިފައި ކަމުގައިވިޔަސް އިރަކަށްފަހު އިރެއް ދިޔައީ ތެތްފިނިކަމުގެ އިޙްސާސް ގަދަކުރަމުންނެވެ. އަހަރެން އެޒުވާނާގެ އަތަށް ފޯނުދީފައި ގުޅޭ ގޮތެއް ނުވި ވާހަކަ ބުނުމުން އެޒުވާނާ ބުނީ ފަތިސްވެ އަލިވިލުމުން ދިޔުން ރަނގަޅުވާނެ ކަމަށެވެ. އެހާއިރު ވަންދެން ތިމަންނަ މިސްކިތުގައި މަޑުކޮށްދީފާނެ ވާހަކަވެސް ބުންޏެވެ. އެއީދެން މިވަގުތު ހެދެންއޮތް އެންމެ ރަނގަޅުގޮތްކަމަށް ބަލާފައި މާތްﷲ އާއި ވަކީލުކޮށްފައި މަޑުކުރަން ނިންމީމެވެ. އެހެންވެ އަހަރެން އަންހެނުންނަށް ވީބައިގައި ފާރާލެނގިގެން ވާގޮތަށް އިށީނދެއްޖައީމެވެ. އެޒުވާނާ ވެސް ތަނބެއްގައި ލެނގިލައިގެން ޚަތިމް ނަގައިގެން ޤުރުއާން ކިޔަވަން އިނީއެވެ. އެހެން އިންދާ އަހަރެންނަށް ނިދުނު އިރެއްވެސް ނޭނގެއެވެ. ސިއްސައިގެން ގޮސް ހޭލެވިފައި އަތުކުރީގަޑިއަށް ބަލާލިއިރު މެންދަމު އަލިވެ 3 ޖަހަނީއެވެ. އޭރުވެސް އެޒުވާނާ ޤުރުއާން ކިޔަވަނީއެވެ.

އެކަމަކު އޭނަ ކުރަމުންދިޔަ އާދަޔާ ޚިލާފް އެހެންކަމެއް އަހަރެންނަށް ފާހަގަ ކުރެވުނެވެ. ކިޔަވަން އިނދެފައި އެއްއަތުން ލައިޓަރު ނަގާފައި ލައިޓަރު ރޯކޮށްލާފައި އޭގެ ހުޅުކޮޅު މައްޗަށް އަނެއްއަތް ދިއްކޮށްގެން ހުންނަނީއެވެ. ދެން އަތަށް ހޫނުވާން ފެށީމައި ކުއްލިއަކަށް އަތް ނަގަނީއެވެ. އެއަށްފަހު ލައިޓަރު ބާއްވާފައި އަލުން ކިޔަވަން ފަށަނީއެވެ. އަނެއްކާވެސް އިރުގަނޑެއްފަހުން ލައިޓަރު ނަގާފައި ކުރިން ބުނިފަދައިން ކަންތައް ކުރަނީއެވެ. އަހަރެންގެ ސިކުނޑިއަށް އެޒުވާނާ ކުރަމުން އެދިޔަކަމެއް އެއްގޮތަކަށްވެސް ފަހުމްވާ ގޮތެއް ނުވިއެވެ. އަހަރެން އިނީ އެހަދާގޮތެއް ނޭނގޭތީ ކުޑަކޮށްވެސް އޮޅުންފިލާތޯ ވަރަށް ރަނގަޅަށް ބަލާށެވެ. އެރޭ ފަތިސްވަންދެން އެޒުވާނާ ހޭދަ ކުރީ އެފަދަ ގޮތަކަށެވެ. ފަތިސްވުމުން ބަންގިގޮވާފައި ނަމާދުކޮށް ނިމިގެން އެންމެންހެން ދިޔުމުން، އެޒުވާނާ ދިއުމުގެ ކުރިން އަހަރެން ކައިރިޔަށް އައިސް ދަނިއްޔޭ ބުނެލިއެވެ. އޭރު ވާރޭވެހުން ހުއްޓި އުޑުމަތިވެސް އަލިކޮށްލައިފިއެވެ. އަހަރެން އެކަމަށް ޝުކުރު އަދާކޮށްފައި ކަމެއް އޮޅުންފިލުވައިދޭން އެދުނީމެވެ. ލައިޓަރު ނަގައިގެން އެޖެހި ސަކަރާތެއް ޖެހީ ކީއްވެތޯ އެހުމުން އެއީ ތިމަންނަގެ އަމިއްލަކަމެއް ކަމަށްބުނެ އެޒުވާނާ އެއަށް ޖަވާބުދޭން އުޒުރުވެރިވިއެވެ. އަހަރެން ކުރުނުކޮށް ކިޔަންފެށުމުން އެންމެ ފަހުން ކިޔައިދޭން ފެށިއެވެ.

"ފަތިސްވަންދެން ތިކުއްޖާ މިތާހުރިއްޔާ އަހަރެންވެސް މަޑުކޮށްދޭނަމޭ ބުނީމެއްނުނ. އެހެންވެ ތިކުއްޖާއަށް ވާނުވާ ބެލުން އެއީ އަހަރެންގެ ޒިންމާއެއް..އަމާނާތެއް ކަމަށް އަހަރެން ދުށީ. އެހެންވެ ނުނިދާ ހުންނަންވެގެން ޤުރުއާން ކިޔަވަންފެށީ.. އެކަމަކު ވަކި ހިސާބަކަށް ކިޔަވާފައި ތިކުއްޖާއަށް ބަލާލެވުނު އިރު އޮތީ ނިދިފަ. މިސްކިތަކަސް ވަމުންދިޔަ ފިނީގެ ސަބަބުންނާއި މާހައުލުގެ ގޮތުންނާއި ..އަދި.. ތިކުއްޖާއަށް ނިދިފަ އޮތްގޮތުންނާއި ..ރީތިކަމުގެ ސަބަބުން އަހަރެންގެ ހިތުގައި ޝަހުވާނީ އެދުންވެރިކަން ވަރަށް ބޮޑަށް ހިލިގަތް.. އެހެންވެ އަހަރެން އިތުރަށް ޤުރުއާން ކިޔަވަން މަސައްކަތް ކުރިން. ދެންވެސް އެދުންވެރިކަން ގަދަވާން ފެށުމުން ލައިޓަރު ނަގާފައި އަތަށް ހޫނު ކުރަނީ. ހޫނުވީމައި އަމިއްލަ ނަފްސަށް މުޚާތަބުކޮށް ބުނަނީ ނަރަކައިގެ އަލިފާން މިއަށްވުރެ މާ ހޫނުވާނޭ.. " އެޒުވާނާ ވަރަށް ރަކިވެފައި ހުރެ ކިޔައިދިނެވެ.

"އެހެންތަ.. މިކުއްޖާމީ ލައިލާ.. އިނގޭ" އަހަރެން ވީ ރަތްކަށްވުރެ ބޮޑަށް ހައިރާނެވެ. ހަޤީޤަތުގައި ވީއުފަލެވެ. މިޒަމާނުގައިވެސް އަދި ޚާއްޞަކޮށް ދިވެހިންގެ ތެރޭގައިވެސް އެފަދަ ފިރިހެނުން ތިބީތީއެވެ. ޖަވާބުގައި އެޒުވާނާ "މީ ޝިނާޒޭ" ބުނެފައި ހީނލާފައި ދާން އުޅުމުން އަހަރެން އޭނަގެ ނަމްބަރުވެސް ހޯދީމެވެ. އަހަރެން އެދުވަހު ކޮލެޖަށް ގޮސް އެތަނުން ގެޔަށް ގުޅީމެވެ. އަހަރެން ގެޔަށް ލައިދިނީ ކޮލެޖްގަ އުޅޭ ކުއްޖެއް އޭނަގެ ކާރުގައެވެ. އަހަރެން ގެޔަށް ގޮސް ވީހުރިހާ ގޮތެއްގެ ވާހަކަ ކިޔައިދީފައި އެމީހަކާ ކައިވެނިކުރަން ބޭނުންވާ ވާހަކަ ބައްޕައާއި އާއިލާގާތު ބުނީމެވެ. ބައްޕަ އެކަމާއި ރުހުނު ނަމަވެސް ހިސާބަކަށް ހައިރާންވީ އަހަރެންނަކީ އެތައްސަތޭކަ ފިރިހެނުންގެ ކައިވެނީގެ ހުށަހެޅުންތައް ލިބޭއިރުވެސް އެއިން އެންމެ މީހަކަށްވެސް އާނބަސް ނުބުނާ މީހަކަށްވެފައި ކުއްލިއަކަށް ދިމާވި މީހަކާ ގުޅެން ނިންމީމައެވެ. ހަޤީޤަތަކީ އަހަރެން ބޭނުންވަނީ ދީންވެރި އުޅުންހުރި ފިރިހެނެެއް ކަމެވެ. ޖެހިގެން އައި ދުވަހު ބައްޕަ އަހަރެންގެ އަތުން ޝިނާޒްގެ ނަމްބަރު ހޯދައިގެން އަހަރެމެން އުޅޭ ގެޔަށް ޝިނާޒް ގެނައެވެ. ދެކެވުނު ވާހަކަތަކުން ޝިނާޒްވެސް ހުރީ ހުސްކޮށްކަމާއި ކައިވެންޏަށް ލޮލާ ބޮލުން ޤަބޫލުކަމުގައި ބުންޏެއެވެ. އޭގެ ދުވަސްކޮޅެއް ފަހުން އަހަރެމެންގެ ކައިވެނި ކުރެވުނެވެ.

އަހަރެންގެ ޚިޔާލުތައް ކުއްލިއަކަށް ހާވިޔާވެގެން ދިޔައީ ޝިނާޒް އަހަރެންގެ މޫނަށް ފުމެލުމުންނެވެ. އަހަރެން ހީނލާފައި ބައްދާލަމުން ކުޑަދޮރުން ވެހެމުންދިޔަ ވާރެއަށް ބަލާލީމެވެ. ހިތަށް އެރިއެވެ. މިއަދު އަހަރެން ޝިނާޒްދެކެވާ ލޯބީގެ ހުޅުކޮޅު ރޯވެ ދިއްލުމުގެ އަސްލަކީ އެރޭ ޝިނާޒް ރޯކުރި ކުޑަކުޑަ ހުޅުކޮޅެވެ.

 

ކޮމެންޓް 0